Thursday, May 9, 2024

ހުއްދައެއްނެތި އަނެކާގެ މައްޗަށް ކަމެއް ނިންމުމުގެ ބާރު

ވިލާޔަތު
ހ- ޢަރަބި ބަހުގައި ވިލާޔަތުގެ މާނައަކީ ލޯތްބާއި ކާމިޔާބެވެ.
ށ- ފިޤުހު ޢިލްމުވެރިންގެ އަރިހުގައި ވިލާޔަތަކީ އެހެންމީހެއްގެ ހުއްދައެއްނެތި އަނެކާގެ މައްޗަށް ކަމެއް ނިންމުމުގެ ބާރު ލިބިގެންވުމެވެ.
ނ- ޖުމްހޫރު ޢިލްމުވެރިންގެ ކާވެނިވާ އަންހެނާގެ ފަރާތުން ވަލީ ލިބުމަކީ ކާވެނީގެ ރުކުނެކެވެ. ވަލީއާއި ނުލައި ކުރެވޭ ކާވެނި ޞައްޙަނުވާނެކަމަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ. ދަލީލު: وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَن يَنكِحْنَ أَزْوَاجَهُنَّ إِذَا تَرَ‌اضَوْا بَيْنَهُم بِالْمَعْرُ‌وفِ ۗ މާނައީ: އަދި، ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ عدّة ހަމަވެއްޖެނަމަ، އެކަނބަލުންގެ ފިރީންނާ، އެކަނބަލުން ކާވެނިކުރުމަށް ހުރަސް ނާޅާށެވެ! އެއީ، ހެޔޮގޮތުގައި، (އިނދެގެން އުޅުމަށް) އެއުރެންގެ މެދުގައި، ރުހި އެއްބަސް ވެއްޖެނަމައެވެ. (ބަޤަރާ-232).
ރ- ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ވަލީއާއޮ ނުލައި ކުރެވޭ ކައިވެނި ބާޠިލްވާނެއެވެ. އަދި އެފަދަ ކާވެންޏެއްގައި އެއްދާންކޮށްފާވާނަމަ އެ ކައިވެނި ރޫޅާލައި އެ އަންހެނާއަށް އޭނާގެ ރަން ދޭންޖެހޭނެއެވެ.

ކާވެނީގެ ވަލީވެރިންގެ ތަރުތީބު:

(1) ބައްޕަ.
(2) ބައްޕަފަރާތުގެ ކާފަ.
(3) އެއްބަޑު އެއްބަފާ އަޚު.
(4) އެއްބަފާ އަޚު
(5) އެއްބަޑު އެއްބަފާ އަޚުގެ ފިރިހެންދަރި.
(6) އެއްބަފާ އަޚުގެ ފިރިހެން ދަރި.
(7) ބައްޕައާއި އެއްބަޑު އެއްބަފާ އަޚު.
(8) ބައްޕައާއި އެއްބަފާ އަޚު.
(9) ބައްޕައާ އެއްބަޑު އެއްބަފާ އަޚުގެ ފިރިހެން ދަރި
(10) ބައްޕައާއި އެއްބަފާ އަޚުގެ ފިރިހެން ދަރި.
(11) އިސްވެދިޔަ ފަރާތަކުންކުރެ ފަރާތެއް ނެތްނަމަ ޙާކިމާ.

ވަލީވެރިޔާގެ ޝަރުޠުތައް:

ހ. ބާލިޣުވުން
ށ. ބުއްދި ސަލާމަތުން ހުރުން.
ނ. މިނިވަނެއްކަމުގައިވުން.
ރ. މުސްލިމެއްކަމުގައިވުން.
ބ- ވިލާޔާތުގެ ބާވަތް:

I. އިޖުބާރީ ވިލާޔަތަކީ ވަލީވެރިޔާ އެ އަންހެނަކާ ކާވެނިކޮށްދިނުމަށް ފިރިޔަކު އިޚުތިޔާރުކޮށް އެދެމީހުންގެ ކާވެނި ކޮށްދިނުމެވެ. މިފަދަ ވިލާޔަތުގައި އެ އަންހެނާގެ ރުހުމާއި އިޒުނަ ކޮންމެހެން އޮންނާކަށް ނުޖެހެއެވެ.
II. އިޖުބާރީ ވިލާޔަތު އޮންނާނީ ބިކުރުވެރި އަންހެނާއާއި އަދި މޮޔައިންގެ ކާވެނީގެ އެކަންޏެވެ.
III. ޝާފިޢި މަޒުހަބުގައި އިޖުބާރީ ވިލާޔަތު ލިބިގެންވަނީ ބައްޕައަށާއި ބައްޕަފަރާތުގެ ކަފައަށް އެކަންޏެވެ.
IV. މާލިކީ މަޒިހަބުގައި އިޖުބާރީ ވިލާޔަތު ލިބިގެންވަނީ ބައްޕައަށާއި ޙާކިމަށް އެކަންޏެވެ.
V. އިޖުބާރީ ވިލާޔަތުގެ ޝަރުޠުތަކަކީ: (1) އެމީހަކާއި އޭނާގެ ވަލީވެރިޔަކާއި ދެމެދުގައި އެއްވެސް ކަހަލަ ޢަދާވަތްތެރިކަމެއް ނެތުން. (2) ފިރިމީހާއަކީ ކުފޫހަަމަވެގެންވާ މީހެއްކަމުގައިވުން. (3) ފިރިމީހާއަކީ ކާވެނީގެ ރަން ފަސްކުރުމެއްނެތި ދެވޭފަދަ ތަނަވަސް މީހަކަށް ވުން
VI. އިޚުތިޔާރީ ވިލާޔަތް ކާވެނީގެ ވަލިވެރިންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ. އެއީ އޭނާއަށްވުރެން އިސް ވަލީވެރިޔަކު ނެތްނަައެވެ.
VII. އިޚުތިޔާރީ ވިލާޔަތުގައި އެއް ދަރަޖައެއްގެ ގިނަވަލީވެރިން ތިބިނަމަ އިސްކަންދޭނީ އޭގެތެރެއިން ކާވެނީގެ ފިޤުހު ބޮޑަށް ދަންނަ މީހަކަށެވެ. ހަމަހަމަ ނަމަ އެންމެ ދޮށީ މީހަކަށެވެ.

ޢަޟްލު:

ހ- ޢަޟްލަކީ ބާލިޣުވެ ބުއްދި ސަލާމަތުން އިން އަންހެނަކު އޭނާ އިންނާނެ ހުރިހާ ގޮތަކުން ކުފޫ ހަމަވާ މީހަކު ކާވެންޏަށް އެދުމުން އެދެމީހުން އެއްބަސްވެގެންވާ ޙާލު ވަލީވެރިޔާ ވަލީ ނުދިނުމެވެ. މިކަމަކީ ހުއްދަކަމެއް ނޫންކަމަށް ޢިލްމުވެރިން ދެކިލައްވައެވެ. ދަލީލަކީ: وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَن يَنكِحْنَ أَزْوَاجَهُنَّ إِذَا تَرَ‌اضَوْا بَيْنَهُم بِالْمَعْرُ‌وفِ ۗ މާނައީ: އަދި، ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ عدّة ހަމަވެއްޖެނަމަ، އެކަނބަލުންގެ ފިރީންނާ، އެކަނބަލުން ކާވެނިކުރުމަށް ހުރަސް ނާޅާށެވެ! އެއީ، ހެޔޮގޮތުގައި، (އިނދެގެން އުޅުމަށް) އެއުރެންގެ މެދުގައި، ރުހި އެއްބަސް ވެއްޖެނަމައެވެ. (ބަޤަރާ-232).
ށ- ބާލިޣުވެ ބުއްދި ސަލާމަތުން އިން އަންހެނަކު އޭނާ އިންނާނެ ހުރިހާ ގޮތަކުން ކުފޫ ހަމަވާ މީހަކު ކާވެންޏަށް އެދުމުން އެދެމީހުން އެއްބަސްވެގެންވާ ޙާލު ވަލީވެރިޔާ ވަލީނުދީފިނަމަ އެ ވަލީވެރިޔާގެ ކިބައިން ވަލީކެނޑި ދެންވަލީ އަރާނީ ވަލީވެރިންގެތެރެއިން ދެން އިސްކޮށް ހުރި މީހާއަށެވެ.
ނ- ޙަނަފީ ، މާލިކީ ، އަދި ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިން ދެކިލައްވާގޮތުގައި އެ ވަލީ އަރާނީ ޙާކިމާއަށެވެ.

No comments:

Post a Comment