Wednesday, June 12, 2024

#

ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން


އަޅުގަނޑުމެންގެ ކުރިމަތީގައި މިވަނީ ހެޔޮ ޢަމަލު ކުރުމަށް މުޅި އަހަރުތެރޭގައި އަންނާނެ އެންމެ ހެޔޮ ދުވަސްތަކެވެ. އެއީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މިދުވަސްތަކުގެ މާތްކަމާއި މަތިވެރިކަމަށް ޓަކައި ކީރިތި ﷲ ވަނީ މިދުވަސްތައް ގަންދެއްވައި ހުވައިކުރައްވާފައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. وَالْفَجْرِ ‎﴿١﴾‏ وَلَيَالٍ عَشْرٍ ‎﴿٢﴾ (سورة الفجر 1-2) މާނައީ "ފަތިސް ގަންދެއްވަމެވެ. އަދި ދިހަރޭ ގަންދެއްވަމެވެ." މި ދިހަރެއަކީ ޙައްޖުމަހުގެ ފުރަތަމަ ދިހަރެއެވެ. އެއްޗެއް ގަންދެއްވައި ﷲ ހުވައިކުރައްވަނީ އެކަލާނގެ ޙަޟްރަތުގައި އެއެއްޗެއްގެ މަތިވެރިކަމަށްޓަކައެވެ. «ما من أيام العمل الصالح فيها أحب إلى الله من هذه الأيام» يعني أيام العشر. قالوا: يا رسول الله، ولا الجهاد في سبيل الله؟ قال: «ولا الجهاد في سبيل الله، إلا رجل خرج بنفسه وماله، فلم يَرْجِعْ من ذلك بشيء» [رواه البخاري] މާނައީ: "މިދުވަސްތަކަށްވުރެ، ޢަމަލު ކުރުމަށް ﷲ ގެ ޙަޟްރަތުގައި ލޮބުވެރިކަންބޮޑު އެހެން ދުވަސްތަކެއް ނުވެއެވެ. (އަޞްޙާބުން) ދެންނެވޫއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެވެސްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެވެސް ބޮޑަށެވެ. އެކަމަކު އޭނާގެ މުދަލާއި އަމިއްލަ ނަފްސާއިގެން އެނބުރިނާދެވުނު މީހާމެނުވީއެވެ. (އެބަހީ އޭނާގެ އަމިއްލަ ނަފްސާއި މުދަލާއިގެން ޖިހާދުކުރުމަށް ނުކުމެ ﷲ ގެ މަގުގައި ޝަހީދުވެދިޔަ މީހަކު އެކުޅަ ހެޔޮޢަމަލުމެނުވީ އެހެން ކޮންމެ ހެޔޮ ޢަމަލެއް އެދުވަސްތަކުގައި އިތުރުކަން ބޮޑުވެގެންވެއެވެ. )

އެހެންކަމުން، ކުރިޔަށް މިއޮތް ދުވަސްތަކުގައި ހެޔޮ ޢމަލުކުރުމުގައި ހީވާގިވަމާ ހިނގާށެވެ. ރޯދަ ހިފުމާއި ޞަދަޤާތް ކުރުމާއި ނިކަމެތިންނަށް އެހީތެރިވުމާއި ޤުރުއާން ކިޔެވުމާއި މިނޫނަސް ހުރިހައި ބާވަތެއްގެ ހެޔޮ ޢަމަލެއް މީގެތެރޭގައި ހިމެނިގެންވެއެވެ. ވަކިން ޚާއްޞަ ގޮތެއްގައި ޙައްޖު ދުވަހު ރޯދައަށް ހުރުމީ ވަކިން އިތުރުކަން ބޮޑުވެގެންވާ ކަމެކެވެ. އެދުވަހު ރޯދަ ހިފުމުން ފާއިތުވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރު ކުރެވޭ ކުދި ފާފަތަށް ފުއްސަވާނޭ ކަމުގައި މާތް ރަސޫލާގެ އަރިހުން ސާބިތުވެއެވެ. ނަމަވެސް ޙައްޖު ދުވަހު ރޯދަ ހިފުން ސުންނަތްވެގެންވަނީ ޙައްޖުގެ އަޅުކަމުގައި ބައިވެރިނުވާ މީހުންނަށެވެ. ޙައްޖު ދުވަހަކީ ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހެވެ. އެހެންކަމުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ތަނަވަސްނުވާ މީހުންނަށްވެސް މިމާތް ދުވަހުގެ މަތިވެރި ޘަވާބާއި ދަރުމަ ޙާޞިލުކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު ތަނަވަސް ވެގެންވެއެވެ. 

ހެޔޮ ޢަމަލު ކުރުމުގައި އެކުރާ ކަމެއް ﷲގެ ވަޖުހުފުޅަށްޓަކައި ޙާލިޞްކަމާއެކު އަދާކުރުމީ ވަރަށްވެސް މުހިއްމު ކަމެކެވެ. އިޚްލާޞްތެރިކަމާ ފުށުއަރާނޭ އެންމެހައި ކަންތައްތަކުން ދުރުހެލިވާންޖެހެއެވެ. ބޭނުމަކީ ކުރެވޭ އަޅުކަމުގެ ޢަދަދަށްވުރެ އެކުރެވޭ ކަމެއްގައި އިޙްލާޞްތެރިވުމެވެ. އަބޫބަކުރުގެފާނުގެ އީމާންކަމާބެހޭ ގޮތުން ރަސޫލުﷲ ޚަދީޘް ކުރައްވާފައިވެއެވެ. "ތިޔަބައިމީހުންނަށްވުރެ ﷲ ގެ ޚަޟްރަތުގައި އެކަލޭގެފާނުގެ ދަރަޖަ މަތިވެރިވެގެން ގޮސްފައިވަނީ އެކަލޭގެފާނު ކުރެއްވި އަޅުކަންތަކުގެ ޢަދަދު ގިނަކަމަކުން ނޫނެވެ. އެހެނެއްކަމަކު އެއީ އެކަލޭގެފާނު ހިތްޕުޅުގައި ބިންވަޅުނެގޮފައިވާ އީމާންކަމެއްގެ ވަރުގަދަ ކަމުންނެވެ. ތިލަފަތަކުން އެކަލޭގެފާނުގެ އީމާންކަން ކިރާލެވުނު ކަމުގައިވާނަމަ، އުއްމަތުގެ އެންމެންގެ އީމާންކަމަށްވުރެ އެކަލޭގެފާނުގެ އީމާންކަން ބަރު ވެގެންދާނެއެވެ."

No comments:

Post a Comment