Monday, May 18, 2020

#

ކާވެނި ރޫޅިގެން ނުދާނޭ ފަދައަކުން ގަދައަޅައި މަސައްކަތް ކުރަންވާނެ


ކީރިތިﷲ އިންސާނުންގެ ދެޖިންސް ހައްދަވައި ކާވެނީގެ މަގުން ދެޖިންސު ގުޅި އިންސާނީ ދަރިފަސްކޮޅު ހެޔޮގޮތުގައި އިތުރުވުން ލެއްވުމީ އިންސާނުންގެ މައްޗަށްވާ އެކަލާނގެ ނިއުމަތްތަކުގެ ތެރެއިން ބޮޑު ނިޢުމަތެކެވެ. ދެޖިންސުގެ ދެމެދުގައި ލޯތްބާއި ރަޙްމަތް އޭގެ މާނައިގާ އުފައްދައިފިއެވެ. وَمِنْ آَيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآَيَاتٍ لِقَوْمٍ يَتَفَكَّرُونَ [سورة الروم 21] މާނައީ "ތިޔަބައިމީހުންގެ ނަފްސުތަކުން އަނބީން ހެއްދެވިކަމީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ." 

އިންސާނީ ދަރިފަސްކޮޅު ހެޔޮގޮތުގައި އިތުރުވެ ދެމި އޮތުމަށް ޝަރުޢުކުރައްވާފައިވާ މަގަކީ ކައިވެނީގެ މަގެވެ. އެމަގުން އާއިލާތައް އުފެދި ޤަބީލާތަކާއި ޢާއިލާތަކުގެ ގުޅުން އެކުލެވި ބަދަހިވެއެވެ. މިކަން އަންގަވައި މާތްﷲ ވަޙީކުރައްވަނީ يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ[سورة الحجرات 13] މާނައީ: "އޭ މީސްތަކުންނޭވެ. ހަމަކަށަވަރު އަންހެނަކާއި، ފިރިހެނެއްގެ ކިބައިން (އެބަހީ: އާދަމުގެފާނާއި ޙައްވާގެފާނާއި، ދެކަނބަލުންގެ ކިބައިން) ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ޤަބީލާތަކަށާއި، ޝިޢުބުތަކަކަށް ލެއްވީމެވެ. އެއީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފްވުމަށްޓަކައެވެ. ހަމަކަށަވަރުން ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްވެގެންވަނީ ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރިޔާއެވެ. ހަމަކަށަވަރުން ﷲއީ އެންމެ ބޮޑަށް ދެނެވޮޑިގެންވާ އެންމެ ބޮޑަށް ޚަބަރު އެނގިވޮޑިގެންވާ ރަސްކަލާނގެއެވެ."

މިއަދު އަޅުގަނޑުމެން އެންމެ ކަންބޮޑުވެ އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ އެއްކަމަކީ އާއިލާތަށް ރޫޅި ބައިބައިވެގެންދާލެއްގިނަކަމުން އެކަމުގެ ސަބަބުން ހާލުގައި ޖެހެމުންދާ ޅަދަރިންނާއި އަންހެނުންގެ ގިނަކަމެވެ. އެކަމުން މުޖުތަމަޢުގެ ތަފާތު ދާއިރާ ތަކަކަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ބޮޑުކަމެވެ. 

މިކަން ހައްލުކުރުމަށްޓަކައި ސަރުކާރުންގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. ޤާނޫނާއި ޤަވާއިދުތަށް ހެދިފައިވެއެވެ. އެކަންތައްތަށް ތަންފީޒުކުރާނޭ ފަރާތްތަކެއްވެސް ހަމަޖައްސަވާފައިވެއެވެ. ނަމަވެސް ކިތަންމެ ފުރިނަމަ ޤާނޫނުތަކަކާއި ޤަވާއިދުތަކެއް ހުއްޓަސް އެއަށް ބޯލަނބައި ކިޔަމަންގަންނަންޖެހޭ މުޖުތަމައެއްގެ އަފުރާދުން، އެއަށް ހުރުމަށްތެރިކޮށް ނުހިތާނަމަ، އޭގެފައިދާއެއް ނުފެންނާނެއެވެ. 

ކަންމިހެން ހުރުމާއިއެކު، މުޖުތަމަޢުގެ ކޮންމެ ފަރުދަކުވެސް، މިކަމާއިމެދު ވިސްނައި އާއިލާތައް ރޫޅިގެންދާ ސަބަބުތަށް ހޯދައި، އެކަންކަމުން ދުރުހެލިވާނޭގޮތްތަށް ހޯދައި، އާއިލާތަކުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމީ ލާޒިމުކަމެކެވެ. އެންމެ ފުރަތަމަ، އާއިލާއެއް އުފެއްދުމުގެ ކުރިންވެސް، އަންހެނަކާއި ފިރިހެނަކު ޝަރުޢީ ހަމަތަކުން ކުރާ އަޤުދު ކުރުމަށް ކުރިމަތިލާހިނދު، ވިސްނައި ފިކުރުކުރަންޖެހޭ ކަންތައްތަކެއްވެއެވެ. އެއީ ކާވެނީގެ ގޮތުން ގުޅެންއުޅޭ ދެމީހުންނަކީ، ޖިސްމާނީގޮތުންނާއި، ބުއްދީގެ ގޮތުންނާއި މާލީގޮތުންނާއި، ދިރިއުޅޭނޭ ހިޔާވަހިކަމެއް ލިބިފައިވުމުންނާއި، މިހުރިހާގޮތަކުން، ކުޅަދާނަކަން ލިބިފައިވާ ދެމީހުން ކަމުގައިވުމެވެ. މިއީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ، ވަރަށްމަތިވެރި ހަރުދަނާ މަބްދައެކެވެ. މިކަމަށް އިރުޝާދު ދެއްވަމުން ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެއެވެ. މާނައީ: "އޭޒުވާނުންގެ ޖަމާޢަތުގެ މީހުންނޭވެ. ތިޔަބައިމީހުންގެ ތެރެއިން، މީހަކާ އިނުމަށް ކުޅަދާނަކަން ލިބިގެންވާމީހާ ފަހެމީހަކާ ކާވެނި ކުރާހުށިކަމެވެ. އެހެނީ ހަމަކަށަވަރުން އެކަމަކީ، ލޮލަށް އެންމެ ރައްކާތެރިކަންބޮޑު ކަމެވެ. އަދި عقة ތެރިކަން ރައްކާތެރިކުރުމަށްއޮތް އެންމެ ރަނގަޅު ގޮތްވެސްމެއެވެ. އަދި ކާވެނިކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހާ (ދަންނާށެވެ.) ފަހެ އޭނާގެ މައްޗަށްއޮތީ ސުންނަތް ރޯދަ ހިފުމެވެ. ހަފެ ހަމަކަށަވަރުން އެއިން ކޮންމެ ގޮތެއްގައިވެސް އޭނާއަށްވަނީ ރައްކާތެރިކަމެވެ." 

ދިވެހި މުޖުތަމަޢުގައި ކަންތަށް ހިނގަމުންދާގޮތާއިމެދު ވިސްނައިލުމުން، ދެމީހަކު ކާވެނިކުރުމުގެ ކުރިން ބަލަންޖެހޭ ކަންތައްތަކަށް ބަލައި ވިސްނާމީހުން ގިނަކަމުގައިވިޔަސް، އެކަންކަމާއިމެދު އެއްގޮތަކަށްވެސް ނުވިސްނާބަޔަކު އުޅެމުންދާކަން ފާހަގަ ކުރެވެއެވެ. އެފަދަމީހުންކުރާ ކާވެނި ރޫޅުމުން، އާއިލާތަކަށް ލިބެމުންދާ ހީނަރުކަން ފޯރަމުންދަނީ މުޅި މުޖުތަމަޢު އަށެވެ. އެމީހުންގެ ނޭދެވޭ ޢަމަލުތަކުން މުޖުތަމަޢު ސަލާމަތް ކުރެވޭނީ އެމީހުންނަށް އެކަމުން ދުރުހެލިވެވޭނެ ގޮތްތަކެއް ރޭވިއެމީހުންގެ ހޭލުންތެރިކަން އިތުރުވި މިންވަރަކުންނެވެ.

މަސްދަރު
އުޘްމާން ޢަބްދުﷲ، އަލްމިންބަރު 5، އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލިސް، 2001

1 comment: