Wednesday, May 1, 2024

#

މުސްލިމު އަންހެނާގެ ހަށިގަނޑުން ނިވާކުރުން ލާޒިމުވެގެންވާ މިންވަރަކީ ކޮބާ؟


މުސްލިމު އަންހެނުން ބުރުގާއަޅައި ހަށިގަނޑު ނިވާކޮށް އަބުރުވެރިކަމާއި ޢިއްފަތްތެރިކަމާއެކުގައި ތިބުމަށް ﷲ އެކަނބަލުންނަށް އަމުރުކުރައްވާފައިވެއެވެ. ނަމަވެސް މުސްލިމު އަންހެނާ އޭނާގެ ބޮލުގެ އިސްތަށިގަނޑު ނިވާކުރުމަށް ބުރުގާ އެޅުމާމެދު ދަންނަބޭކަލުން އިޚުތިލާފުވެވަޑައިގެންފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން މިކަމުގެ ޙަޤީޤަތް އޮޅޭފަދަ ގޮތަކަށް ވާހަކަދައްކާތަން ފެންނަމުން އެބަދެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. މިއީ ދީނުގެ ދަންނަބޭކަލުން ހުރިހާ ޒަމާނެއްގައި އިޖުމާޢުވެފައިވާ މައްސަލައަކަށް ވީއިރު، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން މިއީ ޢިލްމުވެރިންގެ ތެރޭގައި އިޚުތިލާފު އޮންނަ މައްސަލައެކޭ ބުނެ ޖަދަލު ކުރަމުން ގެންދާތީ އަޅުގަނޑު ޙައިރާން ވަމެވެ. މިހެން ޖަދަލުކޮށް އަޑުއުފުލާއުޅޭ އަޚުންނާއި، އުޚުތުންގެ ފަރާތުން އަޅުގަނޑު އެދެނީ މި ފަދަ ޝަރުޢީ ޙުކުމަކާމެދު ތިމާމެން ހިތުހުރި ގޮތަކަށް ވާހަކަ ނުދެއްކެވުމަށެވެ.

މިއީ އިޚުތިލާފުވެފައިވާ މައްސަލައެކޭ ބުނެ ދަޢުވާކުރާއިރު، އިޚުތިލާފުވެވަޑައިގަތީ ކޮން ޢިލްމުވެރިންނެއްތޯ ބަޔާން ކުރަންއެބަޖެހެއެވެ. ސަލަފުންގެ އެންމެ ބޭކަލަކު ވެސް މި މައްސަލައިގައި ޚިލާފުވެވަޑައިގެންފައިވާނަމަ އެއީ މާތް ނަބިއްޔާ محمد - صلى الله عليه وسلمގެ އުންމަތަށް ނިސްބަތްވާ ކޮން ޢިލްމުވެރިއެއްތޯއެވެ؟ ނަންފުޅަކީ ކޮބައިތޯއެވެ؟ ނުވަތަ މިކަން ހުއްދަވެފައިވަނީ ސުއްނަތް ޖަމާޢަތުގެ ހަތަރު މަޒްހަބުންކުރެ ކޮން މަޒުހަބެއްގައިތޯވެ؟

ލޮބުވެތި އުޚުތުންނޭވެ! ބޮލުގެ އިސްތަށިގަނޑު ނިވާކުރުމަކީ ބާލިޣުވެއްޖެ ކޮންމެ އަންހެނެއްގެ މައްޗައް ﷲ ވާޖިބު ކުރައްވާފައިވާ ކަމެކެވެ. މިއީ ވާޖިބުކަމެއްކަން ޝަރީޢަތުގެ ދަލީލުތަކުން ވަރަށް ފުރިހަމަ ކަމާއެކު ބަޔާންވެފައި އެބަހުއްޓެވެ. ބުރުގާ އެޅުމަކީ ވާޖިބުކަމެއްކަން ކަނޑަ އެޅިގެން އެނގޭ ދަލީލުތަކުގެ ތެރޭގައި އަންނަނިވި ދަލީލުތައް ހިމެނެއެވެ.

ކީރިތި ޤުރްއާނުން
ލޮބުވެތި އުޚުތުންނޭވެ! އަންހެނާ ނިވާވާންޖެހޭނެ މިންވަރާއި އޭނާގެ ހަށިގަނޑުން ފާޅުވާންޖެހޭ މިންވަރު ބަޔާންކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ: ( وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاء بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاء بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُوْلِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَى عَوْرَاتِ النِّسَاء وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ) ( النور :31 ) [ އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި ( އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތްތެރިކަން ހިލޭ ފިރިހެނުންނަށް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވާކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރީންނަށް ނުވަތަ އެކަނބަލުންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރީންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެ ފިރީންގެ ފިރިހެންދަރީންނަށް ނުވަތަ އެކަނބަލުންގެ އަޚުންނަށް ނުވަތަ އެކަބަލުންގެ އަޚުންގެ ފިރިހެންދަރީންނަށް ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެތެރެއިން އަންހެނުންނަށް ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް ނުވަތަ ފިރިހެނުންގެތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް ނުވަތަ އަންހެނުންގެ ޢައުރައަކީ ކޮބައިކަން ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާތަކާއި) ޒީނަތުގެ ތެރެއިން ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ އެއްމެހައި މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާ ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ. 

އަދި ހަމަ އެހެންމެ އަލްއަޙްޒާބު ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ: ( يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاء الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ذَلِكَ أَدْنَى أَن يُعْرَفْنَ فَلَا يُؤْذَيْنَ وَكَانَ اللَّهُ غَفُورًا رَّحِيمًا ) ( الأحزاب :59 )
މާނައީ: [ އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނާއި މުއުމިނުންގެ އަންހެނުން އެކަނބަލުންގެ ޖިލްބާބުތަކުން ނިވާވެ ތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުންނަކީ މުއުމިން ޢިއްފަތްތެރި އަންހެނުންކަން އެނގިގެންވުމަށާއި، ފާސިޤުންގެ ކިބައިން އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ.]

ކީރިތި ރަސޫލާގެ ސުންނަތުން
ލޮބުވެތި އުޚުތުންނޭވެ! ބުރުގާ އެޅުމާބެހޭގޮތުން އައިސްފައިވާ ޙަދީޘްތަކަށް ބަލާލާއިރު އަންނަނިވި ޙަދީޘުން އެކަނިވެސް މިކަމަށް ވަރަށް ރަނގަޅަށް ފުރިހަމަކަމާއެކު ދަލީލުކޮށްދެއެވެ.

1- އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވާފައިވެއެވެ: ( صِِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا، رِجَالٌ بِأَيْدِيْهِمْ سِيَاطٌ كَأَذْناَبِ الْبَقَرِ يَضْرِبُوْنَ بِهَا النَّاسِ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مَائِلاَتٌ مُمِيْلاَتٌ رُؤُوْسُهُنَّ كَأَسْنِمَةِ الْبُخْتِ المْاَئِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيْحَهَا )- رواه مسلم - [ނަރަކައިގެ އަހުލުވެރިންގެތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. ތިމަންކަލޭގެފާނު އެދެބައިމީހުން ދެކެވަޑައިނުގަންނަވަމެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކުތަކުން މީހުންގައިގައި ނުޙައްޤުން ތަޅާ އަދަބުދޭ ބަޔަކާއި، ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންގެ ބައެކެވެ. އެކަނބަލުންނަކީ ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާވެ ލެނބިފައިތިބޭ އަދި އެހެން މީހުން ސީދާމަގުން އެއްކިބާކޮށް ލަންބުވާ ބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ހީވާނީ ޖަމަލުގެ ގޮންގަނޑު ހެންނެވެ. އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުގަނެވޭނެއެވެ. އެތާނގެ ވަސް އެވެނި މިވެނި މޭލުކޮޅަށް ފޯރައެވެ.] މިޙަދީޘް ރިވާކުރެއްވީ އަލްއިމާމު މުސްލިމެވެ. މިޙަދީޘްގެ މި ޖުމުލަ [އެކަނބަލުންނަކީ ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާވެ ލެނބިފައިތިބޭ، އަދި އެހެން މީހުން ސީދާމަގުން އެއްކިބާކޮށް ލަންބުވާ ބައެކެވެ. [ އެހެން މާނައަކުން ވެސް ވާރިދުވެފައިވެއެވެ. އެއީ : [އެކަނބަލުންނަކީ ހަށިގަނޑަށް ބަނޑި ބަނޑިލައްވައި އެކަނބަލުންނަށް މީހުން ލަނބުވައި، މީހުންނަށް ލެނބެމުންދާ ބައެކެވެ. ]

މިފަދަ ވަރުގަދަ ވަޢީދުގެ ބަސްފުޅުތައް މި މައްސަލައިގައި ބަޔާންވެފައިވެއެވެ. ޝަރުޢުގެ ދަލީލުތަކުގެ ކުރިމަތީގައި ހަމަ ގެންގުޅުމަކީ އެދަލީލުތަކަށް ބޯލަނބައި ކިޔަމަންގަތުމެވެ. ތިމާގެ ހަވާނަފްސުގެ ފަހަތުން ގޮސް ތިމާހިތް އެދޭގޮތަށް ޝަރީޢަތުގެ ނައްޞުތައް ތައުވީލުކޮށް ހެދުމަކީ ހަމަ ގެންގުޅުން ކަމުގައި ބުނެވޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟
ލޮބުވެތި އުޚުތުންނޭވެ! މިއީ ﷲ އާއި، މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެވެ. މިއާ އިދިކޮޅެއް ނުހެދޭނެއެވެ. ވީމާ، ތިމާމެންގެ ޢަމަލުތައް މިއާއެއްގޮތަށް ބައްޓަން ކުރުމަށް އަވަސްވެގަންނަމާތޯއެވެ؟

ހެދުންލައިގެން، ނިވާވާން ލާޒިމުވާ މިންވަރަށް ނިވާނުވާ އަންހެނުންތަކެއް ފަހު ޒަމާނުގައި އުޅޭނެކަމުގެ ވާހަކައާއި، އެކަނބަލުންނަށް ސުވަރުގެއަށް ވަނުމުގެ ނަސީބު ނުލިބޭނެކަމާއި، އެތަނުގެ ވަސްވެސް ނުލިބޭނެކަމުގެ ވާހަކަ، މިއީ ރަސޫލާގެ ތެދު ބަސްފުޅެވެ. އެއީ ފަހު ޒަމާނުގެ އަލާމާތެކެވެ. މިފަދަ ވަޢީދުތަކުން ސަލާމަތްވުމަށް އެންމެހައި އުޚުތުންނަށް އިލްތިމާސް ކުރަމެވެ.

ލޮބުވެތި އުޚުތުންނޭވެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަގެ އިސްވެ ދިޔަ ޙަދީޘުގައި ބަޔާންވެގެންވާ ގޮތުން ހެދުން ލައިގެން އޮރިޔާމުން ތިބުމަކީ ހެދުން ލުމުގެ މަޤްޞަދު ޙާޞިލު ނުވުމެވެ. އެއީ ހެދުންލަނީ ނިވާވެގަންނާށެވެ. ނަމަވެސް ހެދުންކުރުކަމުން، ނުވަތަ ބާރުކަމުން، ނުވަތަ ތުނިކަމުން ނިވާވާންޖެހޭގޮތަށް ނިވާނުވާތީ އެހެން ހަދީޘްކުރެއްވީއެވެ.

މިއަދު އަޅުގަނޑުމެންގެ ޤައުމުގައި ވަރަށް ގިނަ އުޚުތުން އިސްލާމީ މިންގަނޑާއި އެއްގޮތައް ފޭރާން ތުރުކުރައްވަމުން ގެންދަވާކަން އުފަލާއެކު ފާހަނގަކުރަމެވެ. މާތް ﷲ އެންމެހައި އުޚުތުންނަށް ހެޔޮމަގަށް ތައުފީޤު ދެއްވާށި، އާމީން .

ދީނުގެ ދަންނަ ބޭކަލުންގެ އިޖުމާޢު

ލޮބުވެތި އުޚުތުންނޭވެ! މޫނާއި ދެއަތްތިލަ ފިޔަވައި މުޅިހަށިގަނޑަކީ މިނިވަން މުސްލިމު އަންހެނާގެ ޢައުރަކަމަށް އިސްލާމްދީނުގެ އެންމެހައި ދަންނަބޭކަލުން އިޖުމާޢުވެފައިވެއެވެ. މިއީ ލޮބުވެތި ރަސޫލާގެ އެންމެހައި އަޞްޙާބުބޭކަލުންނާއި، އެބޭކަލުންގެ ތާބިޢީންނާއި، އުންމަތުގެ މުފައްސިރުންނާއި، މުޙައްދިޘުންނާއި ފިޤުހުވެރި އިމާމުންނާއި މިއެންމެބޭކަލުންގެ ބަސްފުޅެވެ.

އަދި ސަޢޫދީޢަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލީހާއި، އަލްއަޒުހަރުގެ ދަންނަބޭކަލުންގެ ވެސް ބަސްފުޅެވެ. އަދި މިޞްރުގެ ދާރުލްއިފްތާއުގެ ފަތުވާވެސް މެއެވެ. އަދި އިސްލާމީ އުންމަތުގެ ފަހުގެ މުޢުތަބަރު އެއްވެސް ޢިލްމުވެރިއަކު މިމައްސަލައިގައި އުއްމަތުގެ މި ޢަޤީދާއާއި ޚިލާފުވެވަޑައިގެންފައިނުވެއެވެ.

ލޮބުވެތި އުޚުތުންނޭވެ! ދީނުގެ މިފަދަ ބޮޑެތި ޙުކުމްތަކުގައި މިހާރުގެ މީހަކު ޚިލާފުވެ ބުނާބުނުމަކީ ޚިލާފެއްކަމުގައި ނުބެލެވޭނެއެވެ. މުޖުތަހިދު، މުޢްތަބަރު ދަންނަބޭކަލުންނަކީ ވަކި ބައެކެވެ. އުންމަތުގެ މީހުން އެބޭކަލުންނަކީ އުއްމަތުގެ ޢިލްމުވެރިން ކަމުގައި ޤަބޫލުކޮށްފައިވާ ބޭކަލުންނެވެ. އެއިން އެއްވެސް ބޭކަލަކު ﷲ ގެ މިޙުކުމުގައި ޚިލާފުވެވަޑައިގެންފައިނުވެއެވެ. ނުވެސް ވާނެއެވެ.

ދަންނަވަންތޯއެވެ؟ ތިޔަވިދާޅުވާ އިޚުތިލާފަކީ މޫނާއި ދެއަތްތިލައިގެ މައްސަލައެވެ. ބައެއް ޢިލްމުވެރިން އެދެތަން ޢައުރައިގެ ތެރޭގައި ނުހިމަނުއްވައެވެ. ގިނަ ޢިލްމުވެރިން ވިދާޅުވަނީ އެއީވެސް ޢައުރަކަމަށެވެ. އަދި ފަހުގެ ގިނަ ޢިލްމުވެރިން ވިދާޅުވަނީ މޫނާއި ދެއަތްތިލަ ޢައުރަ ނޫން ކަމުގައެވެ. ނަމަވެސް ފިތުނަ ފަސާދަ އުފެދޭ ކޮންމެ ޙާލަތެއްގައި، މޫނާއި ދެއަތްތިލަ ފޮރުވުމަށްވެސް ހުރިހާ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ. މި މައްސަލަ ވަރަށް ރަނގަޅަށް އަލްއިމާމުއްނަވަވީ މުސްލިމުގެ ޝަރަޙައިގައި ލިއުއްވާފައިވާނެއެވެ. އަދި ފަޟީލަތުއްޝައިޚު މުޙައްމަދު ނާޞިރުއްދީނުލްއަލްބާނީ އައްރައްދުލްމުފްޙިމުގައި ލިއުއްވާފައިވެއެވެ.

ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާގެ ސުންނަތާއި، ދަންނަބޭކަލުންގެ އިޖުމާޢުއާއި ޚިލާފަށް ބުނެވޭ ކޮންމެ ބަހަކީ ނަގާ އެއްފަރާތް ކޮށްލަންޖެހޭނެ ބަހެކެވެ. ޙަޤީޤީ ޢިލްމުވެރިން އުންމަތުގެ ޢަޤީދާއާއި ޚިލާފުވެވަޑައިނުގަންނަވާނެއެވެ. އަނެއްކޮޅުން މިމައްސަލައަކީ އިޖުމާޢު ވެފައިވާ މައްސަލައެކެވެ. ޝަރުޢީ ޙުކުމަކާމެދު އުއްމަތުގެ ޢިލްމުވެރިން އިޖުމާޢުވެފައި ވަނިކޮށް، ފަހުން ވަޑައިގަންނަވާ ޢިލުވެރިއަކަށް ކުރީގެ ދަންނަބޭކަލުންގެ އިޖުމާޢާއި ޚިލާފުވެވަޑައިގަތުމުގެ އިޚުތިޔާރެއްނެތެވެ. އެބޭފުޅަކީ ކިތައްމެ ބޮޑު ޢާލިމަކަށް ވިޔަސް މިކަން އޮތް ގޮތަކީ މިއީއެވެ.

ކޮންމެއަކަސް މިއީ އިސްލާމްދީނުގެ އެންމެހައި ދަންނަބޭކަލުން އިއްތިފާޤު މައްސަލައެކެވެ. މިއީ އިންކާރުނުކުރެވޭނެ ޙަޤީޤަތެކެވެ. އުއްމަތުގެ ދަންނަ ބޭކަލުންގެ މެދުގައި އިޚްތިލާފު އުފެދިފައިވާ މައްސަލައެއްނޫނެވެ.

މިމައްސަލައިގެ ކުރިމަތީގައި އެންމެން ބޯލަނބައި ކިޔަމަން ގަންނަންޖެހޭނެއެވެ. ކީރިތި ޤުރްއާނާއި، ނަބިއްޔާގެ ސުންނަތާއި، ދަންނަބޭކަލުންގެ އިޖުމާޢުން ސާބިތުވާން އޮތް ކަމަކާމެދު އިންކާރުކޮށް، ޖަދަލުކުރާ ކޮންމެ މީހަކީ އިސްލާމްދީނުގެ އިމުންބޭރުވެ، ކާފިރުވެ މިއްލަތުން އެއްކިބާވެފައިވާ މީހެކެވެ.

ކަމަކީ ކިތައްމެހާވެސް ބޮޑުކަމެކެވެ. ބުރުގާ އެޅުމަކީ ލާޒިމު ކަމެއްނޫނޭ، ނުވަތަ ކޮންމެހެން ނުކުރިޔަސް ރަނގަޅުވާނެކަމެކޭ އެއްވެސް މީހަކަށް އެއްވެސް ޙައިޘިއްޔަތަކުން ބުނެވޭކަށްނެތެވެ. މިއީ ސާފު ސީދާކޮށް ޝަރުޢުގައި ގޮތެއް ކަނޑައަޅުއްވާފައިވާ މައްސަލައެކެވެ.


އެންމެ ފުރިހަމަ ނަމޫނާ

ﷲ އާއި އެކަލާނގެ ނަބިއްޔާ ދީނުގެ ކަންކަމުގައި ގޮތެއް ކަނޑައަޅުއްވައި އެގޮތަށް ތަބާވުމަށް ގޮވާލެއްވުމުން އެގޮތް ދޫކޮށްލުމަކީ މުއުމިނުންގެ ގޮތަކަށް ވެގެންނުވާނެއެވެ. މާތް ﷲ އަލްއަޙްޒާބު ސޫރަތުގައި ވަޙީ ކުރައްވާފައި އެވެ: (( وَمَا كَانَ لِمُؤْمِنٍ وَلاَ مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلاَلاً مُّبِينًا )) (الأحزاب : 36 ) [ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދު، މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް އެބައިމީހުންގެ އެކަމުގައި އަމިއްލަގޮތެއް އިޚްތިޔާރުކުރުމަކީ ހުއްދަ ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެކަން ކަށަވަރެވެ.]

ތަބާވާންވީ މަގަކީ ﷲ ގެ މަގެވެ. ކިޔަމަންވާންވީ ﷲ އަށާއި، އެކަލާނގެ ނަބިއްޔާއަށެވެ. ޝައްކެއް ނެތްގޮތުގައި މާތް ﷲ އަޅުގަޑުމެންގެ ގާތަށް ރަސޫލަކު ފޮނުއްވާފައިވަނީ އެކަލޭގެފާނަށް ތަބާވުމަށެވެ. އަޅުގަޑުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އެކަލޭގެފާނަކީ ނަމޫނާއެއްކަމުގައި ބެލުމަށެވެ. އަލްއަޙްޒާބު ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ:

لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّـهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّـهَ كَثِيرًا ( الأحزاب : 21) [ ހަމަ ކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲ ގެ ދަރުމައާއި އާޚިރަތުގެ ޘަވާބަށް އެދޭ އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.]

ލޮބުވެތި އުޚުތުންނޭވެ! ދުނިޔެމަތީގައި އިންސާނަކަށް ލިބޭނޭ އެންމެ މަތިވެރި ނިޢުމަތަކީ، އޭނާ ހެއްދެވި ފަރާތުގެ ރުހިވޮޑިގަތުން ޙާޞިލުވުމެވެ. މިމަތިވެރި ނިޢުމަތް ޙަޞިލު ވާންއޮތީ ވެސް އެކަލާނގެ ފޮނުއްވި ރަސޫލާއަށް ފުރިހަމައަށް ކިޔަމަންވެ ތަބާވެގެންނެވެ. އާލުޢިމްރާން ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ: قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ ( آل عمران : 31 ) މާނައީ: [ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ އަށް ލޯބިވާ ކަމުގައިވަނީނަމަ، ފަހެ ތިޔަބައިމީހުން ތިމަން ކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން ﷲ ތިޔަބައިމީހުންދެކެ ލޯބިވެ ވޮޑިގެންވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި ދެއްވާނެއެވެ. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމު ވަންތަ ރަސްކަލާނގެއެވެ.]

ލޮބުވެތި އުޚުތުންނެވެ! މުސްލިމު އަންހެނުންނަށް އަމުރުކުރެވިގެންވާ ގޮތަކީ އެއީއެވެ. އެކަނބަލުންގެ ނަމޫނާއަކަށް ވާންވާނީ މާތް ﷲ ގެ ރަސޫލާގެ އަނބިއަނބިކަނބަލުންނާއި، ދަރިދަރިކަނބަލުންނެވެ. އަދި ސަލަފުންގެ އަންހެން ކަނބަލުންނެވެ.

އަޅުގަނޑުމެންނަކީ މުއުމިނުން ކަމުގައިވާނަމަ، އަދި ﷲ ދެކެ ލޯބިވާ ބަޔަކު ކަމުގައިވާނަމަ، އަޅުގަނޑުމެން އިތުރު ރަސޫލާއަށް ތަބާވުމަކީ ލާޒިމުކަމެކެވެ. ނަމަވެސް އެނަމޫނާ ދޫކޮށް، އަޅުގަނޑުމެން އެނޫން މީސްމީހުން ނަމޫނާ ކަމުގައި ދެކެފިނަމަ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. މިފަދަ މީހުންގެ ޙާލަތު ކީރިތި ޤުރުއާން އެބަޔާންކުރައްވަނީ އެވެ. މިއާޔަތްތަކާމެދު ވިސްނާ ފިކުރުކުރައްވާށެވެ. ޤިޔާމަތްދުވަހުގެ ވޭންދެނިވި ޢަޛާބާއި، ނާމާންކަމާމެދު ބިރުވެތިވެ ރައްކާތެރިވާށެވެ. يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّـهَ وَأَطَعْنَا الرَّسُولَا ﴿٦٦﴾ وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا ﴿٦٧﴾ رَبَّنَا آتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيرًا ﴿٦٨﴾ (الأحزاب : 66- 68 ) މާނައީ:[ އެބައިމީހުންގެ މޫނުތައް ނަރަކައިގައި ފުރޮޅަފުރޮޅައި ތިބޭ ދުވަހެވެ. އެބައިމީހުން ބުނާނެއެވެ. ތިމަންމެން ﷲ އަށް ކިޔަމަންވެ، އަދި (އެކަލާނގެ ) ރަސޫލާއަށް ކިޔަމަންވީނަމަ ކިހާރަނގަޅުހެއްޔެވެ؟ އަދި އެބައިމީހުން ބުނާނެއެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން އަޅަމެންގެ ސާހިބުންނަށާއި އަޅަމެންގެ ބޮޑުންނަށް އަޅަމެން ކިޔަމަންވީމުއެވެ. ފަހެ އެބައިމީހުން އަޅަމެން މަގުފުރެއްދީއެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ޢަޛާބުގެ ތެރެއިން ދެގުނަ އެބައިމީހުންނަށް ދެއްވާނދޭވެ! އަދި ބޮޑުވެގެންވާ ލަޢުނަތް ލެއްވުމަކުން އެބައިމީހުންނަށް ލަޢުނަތް ލައްވާނދޭވެ!]

އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ: وَإِذْ يَتَحَاجُّونَ فِي النَّارِ فَيَقُولُ الضُّعَفَاءُ لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا نَصِيبًا مِّنَ النَّارِ ﴿٤٧﴾ قَالَ الَّذِينَ اسْتَكْبَرُوا إِنَّا كُلٌّ فِيهَا إِنَّ اللَّـهَ قَدْ حَكَمَ بَيْنَ الْعِبَادِ ﴿٤٨﴾ ( غافر : 47-48 ) މާނައީ: [ އަދި އަލިފާނުގެ ތެރޭގައި ތިބެގެން އެބައިމީހުން އެކަކު އަނެކަކަށް އަރައިރުންވެ ހަޅޭލަވާނެތެވެ! އެބައިމީހުންކުރެ ދެރަނިކަމެތި މީހުން އެބައިމީހުންގެ ތެރޭގައި ތިބި، ކިބުރުވެރީންނާއި މުޚާޠަބުކޮށް ގޮވާނެތެވެ. [ ހަމަކަށަވަރުން އަހުރެމެން ތަބާވީ ކަލޭމެންނަށެވެ. ވީއިރު މިއަލިފާނުގެ ތަންކޮޅެއްނަމަވެސް ކަލޭމެން ނިކަން އަހަރުމެންގެ ގައިން ދުރުކޮށްލައިދީބަލާނު ހެއްޔެވެ؟] އެބައިމީހުންކުރެ ކިބުރުވެރިވެގަތް މީހުން ބުނާނެތެވެ.[ ހަމަކަށަވަރުން އަހުރެމެން އެންމެންމެ މިތިބީ މިއަލިފާނުގެ ތެރޭގައެވެ. ހަމަކަށަވަރުން ﷲ އެކަލާނގެ އަޅުތަކުންގެ މެދުގައި ނިޔާ ކަނޑައަޅުއްވައި ނިންމެވީއެވެ.]

މިހެންކަމުން ދީނީ ކަންކަމުގައި އެއްވެސް މީހަކަށް މިއީ މަށަށް ފެންނަގޮތޭ، އެއީ ލާޒިމުކަމެއްނޫނޭ، މިއީ އިޚްތިލާފު މައްސަލައެކޭ، އަހަރެން ޢަމަލު ކުރާނީ މިވެނި މީހަކު ޢަމަލުކުރާގޮތަށޭ ބުނެ އިހުމާލުވުމުގެ ޙައްޤެއްނެތެވެ.

މިއީ ﷲ ދީނެވެ. ނަބިއްޔާ ވަނީ މިދީން އަޅުތަކުންނާ ހަމައަށް އެންމެ ފުހިހަމައަށް ފޯރުކޮށްދެއްވާފައެވެ. ދަންނަ ބޭކަލުންވަނީ އެބޭކަލުންގެ ޒިއްމާ އުފުއްލަވާފައެވެ. މުއުމިނުންގެ ސިފަޔަކީ ﷲ އަށް ކިޔަމަންވެއްޖައީމޭ ބުނުމެވެ. ރަސޫލާއަށް ތަބާވެއްޖައީމޭ ބުނުމެވެ. ދެދުނިޔޭގެ ފަލާޙާއި، ނަޞީބު ލިބޭނީ އެއިރުންނެވެ.

ބުރުގާގެ މާނައަކީ ކޮބާ ؟

ބުރުގާގެ މާނައަކީ ފަހަރެއްގައިވެސް ރީތި ފޮތިކޮޅެއް ބޮލަށް އެއްލާލާފައި އޮތުމެއްނޫނެވެ. ބުރުގާ އެޅުމަށް އަމުރުކުރައްވާފައިވަނީ ޝަރުޢީ މަޤްޞަދެއްގައެވެ. އެއީ އަންހެނާގެ ޢިއްފަތްތެރިކަމާއި އަބުރު، ހިލޭމީހުންގެ ކުރިމަތީގައި ރައްކައްތެރިކުރުމައްޓަކައި ހަށިގަނޑާއި ބައްޓަން ފޮރުވުމެވެ. މިހެންކަމުން ބުރުގާ އަކީ މޭމައްޗާއި ކަރުވަޅުނިވާވާ ވަރުގެ އެއްޗަކަށް ވާންވާނެއެވެ.

އަދި ބުރުގާ އަޅައިގެންތިބޭ މީހުންވެސް އަޚްލާޤީ މިންގަނޑު ހިފަހައްޓައި ދެޖިންސުގެ ދެމެދުގައި ކަނޑައަޅުއްވާފައިވާ ހަމަތަކާމެދު ރައްކާތެރިވާންވާނެއެވެ. ބޭރުފުށުގެ ބުރުގާގެ އަސަރު އެތެރެފުށުގައިވެސް ހުންނަންވާނެއެވެ. މީހާގެ ޙަރަކާތްތަކާއި، އަޚްލާޤުންވެސް އެހެނިހެން އަމުރުފުޅުތަކުގެ އަސަރުފެންނަންވާނެއެވެ. އެހެންނޫނީ ބުރުގާގެ ޝަރުޢީ މަޤްޞަދު ގެއްލިދިޔައީއެވެ.


އިސްލާމީ ބުރުގާގެބައެއް އަދަބުތައް

1- އަޅާ ބުރުގާއިން މޭމައްޗާއި، ކަރުވަޅު ރަނގަޅަށް ނިވާވުން
2- މޫނާއި ދެއަތްތިލަ ނޫން އެހެންތަންތަން ރަނގަޅަށް ފޮރުވުން
3- ތިމާއަށް ކުޅަދާނަވީ މިންވަރަކުން މޫނާއި، ދެއަތްތިލަ ނިވާކުރުން
4- ބުރުގާއާއެކު ލާހެދުމަކީ އެތެރެފެންނަވަރު ތުނި ހެދުމަކަށް ނުވުން
5- ބުރުގާއާއެކު ލާ ހެދުމަކީ ހަށިގަނޑުގެ ގުނަވަންތަކާއި ވަނާތައް ހާމަކޮށްދޭ ހެދުމަކަށް ނުވުން
6- ބުރުގާއާ އެކުލާ ހެދުމަކީ ފިރިހެނުންނަށް ޚާއްޞަ ހެދުމަކަށް ނުވުން
7- ބުރުގާ އަޅަންޖެހޭނީ ހިލޭ ފިރިހެނުންގެ ތެރެއަށް ނިކުންނައިރުގައެވެ. ނުވަތަ މުޖުތަމަޢުގެ ތެރޭގައި އުޅޭއިރުއެވެ. އާއިލާގެ ތެރޭގައި ގޭގައި އުޅޭ އިރު، ބުރުގާ އަޅާކަށް ނުޖެހެއެވެ. އެކަމަކު ގޭތެރޭގައި ވެސް ހިލޭފިރިހެނުން ވާނަމަ އެމީހުންނަށް ނިވާވުން ވާޖިބުވާނެއެވެ.
8- ބައެއް ކުދީން ބޮލުގައި ރުމާ އައްސައިގެން އުޅޭތަން ފެނެއެވެ. އެއީ އިސްލާމީ ބުރުގާ ކަމުގައި ނުބެލެވޭނެއެވެ.
9- ފާސްކުރި ދިވެހި ހެދުމާއެކުގައި ބައެއް އަންހެނުން ބޭނުންކުރާ ބޮލުފޮތިކޮޅަކީ ވެސް ބުރުގާއެއްކަމުގައި ނުބެލެވޭނެއެވެ.
10- ބޮލުގެ ބައެއް ފެންނަ ގޮތަށް އަޅާފައިވާ ބުރުގާއަކީ ޝަރުޢީ ބުރުގާއެއްކަމުގައި ނުބެލެވޭނެއެވެ.

ރަނގަޅުނޫން ބައެއް އާދަތައް

ބައެއް އަންހެނުންނަށް ނުވަތަ ބައެއް އަންހެންކުދިންނަށް ހީވެފައި އޮންނަނީ އިސްތަށިގަނޑު ކޮންމެވެސް ގޮތަކުން ނިވާކުރީމަ ދެން ހުރިހާކަމެއްނިމުނީ ކަމުގައެވެ. ބުރުގާއާ އެކުލާ ހެދުން ކޮންމެ ގޮތަކަށް ހުއްޓަސް ހެޔޮކަމަށް ބަލައެވެ. މިއީ ރަނގަޅުގޮތެއްނޫނެވެ.

ގަޔަށް ބާރު ހެދުމާއި ފިނދު މަސްގަނޑު ކަނޑާ ނަގާފައި ހުންނަ ޖިންސު ނުވަތަ ހަރުވާޅުފަދަ އެއްޗިއްސަކީ ބުރުގާއާ އެކަށީގެންވާ އެއްޗެއްނޫނެވެ. ގިނަ ކުދިން މިބާވަތުގެ ހެދުން އަޅަނީ ދީނުގައި މިކަން އޮންނަ ގޮތް އެކުދީންނަށް ނެގޭތީކަން ޔަޤީނެވެ. ނުބައި ނިޔަތަކުނޫނެވެ.

އަދި ވަކިން ޚާއްޞަކޮށް ފިރިހެނުން ލާ ފާޑުގެ ހެދުން އަންހެނުން އެޅުމަކީ ނުވަތަ ފިރިހެނުން އަންހެނުން ލާ ފާޑުގެ ހެދުން އެޅުމަކީ ދީނުގައި މަނާކުރައްވާފައިވާކަމެކެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދޫފުޅުން އެފަދައިން ޢަމަލުކުރާ މީހުންނާ މެދު ލަޢުނަތުގެ ދުޢާ އައިސްފައިވެއެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. (عَنْ أَبِيْ هُرَيْرَةَ رَضِيَ الله عنهُ قَالَ : لَعَنَ رَسُوْلُ اللهِ صَلَّى اللهُ عليهِ وَسَلَّمَ الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ ، وَ الْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ ) - رواه أبو داود بإسناد صحيح- މާނައީ: [ މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އަންހެނުންގެ ހެދުން އަޅައިގެން އުޅޭ ފިރިހެނުންނަށާއި، ފިރިހެނުންގެ ހެދުން އަޅައިގެން އުޅޭ އަންހެނުންނަށް ސަލާމާއި ޞަލަވާތްލެއްވި ﷲ ގެ ރަސޫލާ ލަޢުނަތް ލައްވާފައިވެއެވެ.] މިފަދަ އެތައް ޙަދީޘެއް މިބާބުގައި އައިސްފައިވެއެވެ.

ޝައްކެއްނެތް ގޮތުގައި ބައެއް ކުދީން މިފަދަ ހެދުންލަނީ އެދުވަސްވަރުގައި އޮންނަ އޮއިވަރަށް ބަލާފައެވެ. ވިސްނާލިޔަސް މިފަދަ ހެދުންތަކުން އިސްލާމީ ބުރުގާގެ މަޤްޞަދު ޙާޞިލް ނުވާނެކަން ދޭހަވެއެވެ. އަޅުގަނޑުމެންގެ ޤައުމުގެ އަންހެނުން ކުދީންނަކީ އިސްލާމްދީނުގެ އަސާސުތަކަށް ޙުރުމަތްތެރިކޮށް ހިތާނެ ކުދީންނެވެ. މިހެންކަމުން އެކުދިންގެ ރީތިކަމާއި އަބުރުވެރިކަން ފާސިޤުންގެ ލޯތަކުން ޙިމާޔަތްކުރުމަކީ އެކުދިންގެ އެންމެ އިސްވާޖިބުކަމުގައި ދެކެންވާނެއެވެ.

ގަޔަށް ބާރުހެދުން ލައިގެންއުޅޭނަމަ، މުޖުތަމަޢުތެރެއަށް ނިކުންނަ އިރު މަތިން ފަރުދާއެއް ވައްޓާލުމަކީ ޖިލްބާބު ލުމެވެ. ތުނި ފަރުދާއެއް މަތިން އެފަދައިން ލައިގެން މުޖުތަމަޢަށް ނުކުތުން ރަނގަޅުވާނެއެވެ. އަދި އަވިންވެސް ސަލާމަތް ވާނެއެވެ. މިއީ އިސްލާމީ ޤައުމުތަކުގެ އަންހެނުން ކަންކުރާގޮތެވެ.

ބައެއް އަންހެންކަނބަލުން ތިމަންމެން ވަކި ޢުމުރަކަށް ދިޔާމަ ބުރުގާ އަޅާނަމޭ ނުވަތަ، ޙައްޖައްގޮސްފައި އައިސް ބުރުގާ އަޅާނަމޭ ބުނެހަދައެވެ. މިއީ ޙައިރާން ވާފަދަ ވާހަކައެކެވެ. އެފަދަވާހަކަތައް އެބުނަނީ ތިމާމެން އެދުވަހާ ހަމައަށް ދިރިތިވެވޭނޭ ކަމުގެ ޔަޤީންކަން އޮވެގެންބާވައެވެ؟ ނުވަތަ އެކަން އެނގިގަންނަންބާވައެވެ؟ ނުވަތަ ﷲ ގެ ޙަޟްރަތުގައި މަކަރާއި ޙީލަތް ހަދަނީ ބާވައެވެ؟ މުއުމިމުންގެ ސިފައަކީ މިފަދައިން ޙީލަތެއް ހެދުމެއްނެތި، އަވަހަށް ﷲ އާއި، ރަސޫލާގެ އަމުރަށް ބޯލަނބައި ކިޔަމަންގަތުމެވެ.

ވަކިކުލައެއްގެ ހެދުމެއްއެޅުން

އެއްވެސް ޙާލެއްގައި ވަކިކުލައެއްގެ ހެދުމެއް ލާކަށް އިސްލާންދީން ޝަރުޠު ކުރައްވާފައިނެތެވެ. ކޮންމެ ކުލައެއްގެ ކޮންމެ މަރުކާއެއްގެ ހެދުމެއްލިޔަސް އެހެދުމަކީ އިސްވެދިޔަ ޝަރުޢީ މިންގަނޑަށް ފެތިފައިވާ ހެދުމަކަށް ވާންޖެހޭނެއެވެ.

އެއީ އައުރަ ނިވާވާ، އަދި ބުރުގާއާއެކު އަޅަން އެކަށީގެންވާ ހެދުމަކަށް ވުމުން ފުދުނީއެވެ. މިފަދަ ރީތި ކޮންމެ ހެދުމަކީ އިސްލާމީ ހެދުމެކެވެ. އަދި، ވަކި ކުލައެއްވެސް ލާޒިމެއްނޫނެވެ. މިނޫން ޝަރުޠެއް އެކަމުގައިނުވެއެވެ. އަލްއަޢުރާފް ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآتِكُمْ وَرِيشًا ۖ وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ آيَاتِ اللَّـهِ لَعَلَّهُمْ يَذَّكَّرُونَ ﴿٢٦﴾ (الأعراف : 26 ) މާނައީ: [ އޭ އާދަމުގެ ދަރީންނޭވެ! ތިޔަބައިމީހުންގެ އައުރަތައް ނިވައިކުރަނިވި ހެދުމާއި ޒީނަތްތެރި ފޭރާން، ތިމަން ﷲ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި ތަޤްވާގެ ފޭރާން މާ ހެޔޮކަން ބޮޑެވެ. އެކަންތައްވަނީ ﷲގެ އާޔަތްތަކުގެތެރެއިންނެވެ. (އެއީ) އެބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ.]

ސަލަފުންގެ ޒަމާނުން ފެށިގެން އަންހެނުން ކަޅުކުލަ އިޚްތިޔާރުކޮށްފައިވެއެވެ. ނަމަވެސް މިއީ މިކަމުގައި ލާޒިމުކަމެއްކަމަށް ޝަރުޢީ ދަލީލަކުން އެގެން އޮތްކަމެއްކަމެއް އަޅުގަނޑަކަށް އެނގިފައެއްނުވެއެވެ. އަދި ޢިލްމުވެރިއަކު ވިދާޅުވެފައިވާކަން ވެސް އެނގިފައި ނުވެއެވެ. ނަމަވެސް މިއީ ޞިއްޙީގޮތުން ބަލާއިރު ބޭރަށް ނިކުތުމައްޓަކައި، ރަނގަޅު ކުލައެއްކަމުގައި އެމައިދާނުގެ ބޭފުޅުން ވިދާޅުވެފައިވެއެވެ.

އިސްވެ ބަޔާންވެދިޔައީ މާތްވެގެންވާ އިސްލާމްދީނުގައި އަންހެނުންގެ ފޭރާމާ ބެހޭގޮތުން ކަނޑަ އަޅުއްވާފައިވާގޮތެވެ. އެގޮތް ބަޔާންކުރެވިފައި އެވަނީ ﷲގެ ފޮތާއި، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުއްނަތާއި، ދަންނަބޭކަލުންގެ އިޖުމާޢުގެ އަލީގައެވެ. އަޅުގަނޑުގެ ހެޔޮ ދުޢާއަކީ މިފޮތުން ލޮބުވެތި އުޚުތުންނަށް މަންފަޢަ ދެއްވުމެވެ. އަދި ﷲ ގެ އަމުރުފުޅަށް ތަބަޢަވެ، އެކަލާނގެ ރަސޫލާއަށް ކިޔަމަންގަތުގެ ތައުފީޤު ދެއްވުމެވެ. އެކަލާނގެއީ ދުޢާތައް އައްސަވާ، އަދި އިޖާބަ ދެއްވާ ދީލަތިވަންތަ އިލާހެވެ.

إن أريد إلا الإصلاح ما استطعت، وما توفيقي إلا بالله، عليه توكلت و إليه أنيب .

ފަހުބަސް

- އަޅުގަނޑުމެންގެ މި އިސްލާމީ ޤައުމުގެ ބައެއް އަންހެންދަރީންގެ ހެދުމާއި ފޭރާމާމެދު ވަނީ ވިސްނަންޖެހިފައެވެ. މަގުމަތީގައި ނިވާކަންކުޑަގޮތަށް އުޅޭތަންފެނުމަކީ މިފަދަ އިސްލާމީ ޤައުމަކާ އެއްގޮތަކަށް ވެސް ގުޅޭ ކަމެއްނޫނެވެ. އަދި ވަކިން ޚާއްޞަގޮތެއްގައި، ކުޅިވަރު ކުޅޭ މައިދާނުގައްޔާއި، ހެނދުނާއި ހަވީރުގެ ވަގުތުގައި ކަސްރަތު ކުރެއްވުމަށް މަގުމައްޗަށް ނިކުމެވަޑައިގަންނަވާ އަންހެން ބޭފުޅުން ޢައުރަ ނިވާ ނުވާވަރުގެ ކުރު ސޯޓުބުރިއާއި، ނިވާކަންކުޑަ ހެދުން ތުރުކުރައްވާކަމީ ހިތާމަހުރި ކަމެކެވެ.

- ފިރިހެނުންވެސް އަންހެނުންވެސް ޢައުރަ ނިވާނުކޮށް މުޖުތަމަޢުގެ ތެރެއަށް ނިކުތުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނެވެ. ކޮންމެ ކަމެއް އަޅުގަނޑުމެން ކުރިޔަސް އަޅުގަނޑުމެންނަކީ މުސްލިމުންކަމާއި، އަޅުގަނޑުމެން އުޅެންޖެހޭ ގޮތެއް ﷲ އަންގަވާފައިވާކަން ހަނދާންކުރަންޖެހޭނެއެވެ.

- ސަރުކާރުގެ އިދާރާތަކުގައްޔާއި، މުއައްސަސާތަކުގައި ވަޒީފާގައި އުޅުއްވާ އަންހެން ބޭފުޅުންގެ ތެރެއިން ބުރުގާ އަޅުއްވައި ޢައުރަ ނިވާކުރެއްވުމަށް ބޭނުންފުޅުވެފައި ތިއްބެވި ބޭފުޅުންނަށް އެފުރުޞަތު މަނާކުރެވިފައި އޮތުމަކީ ހުއްދަކަމެއްނޫނެވެ.

- އެއްވެސް އޮފީހެއްގައި މިކަމަށް ހުރަސް އެޅިފައި އޮވެގެން ނުވާނެއެވެ. ދީނުގެ މިފަދަ ބޮޑެތި ޙުކުމްތަކަށް ޢަމަލުކުރުމުގެ މަގު ބަންދުކޮށްފައި އޮތުމަކީ އެދޮރު ބަންދު ކުރާ ބަޔަކަށް، ނުވަތަ އެދޮރު ބަންދު ކުރުމަށް މަސައްކަތްކުރާ ބަޔަކަށް ﷲ ދެދުނިޔޭގައި ބޮޑުވެގެންވާ ލަޢުނަތް ލައްވާނެކަމެކެވެ. ވީމާ މިކަމާމެދު، ޒިއްމާދާރު ވަޒީފާތަކުގައި އުޅޭ އެންމެން ވިސްނައި، ރައްކާތެރި ވާންޖެހޭނެއެވެ. މިއީ ކުޑަކުޑަ ކަމެއްނޫނެވެ. މިއީ ﷲގެ ދީނުގެ ޙުކުމެވެ.

- މީޑިއާއިންވެސް މި މައްސަލައިގައި އިތުރު ވިސްނުމަކަށް ދިއުމަކީ މުހިއްމު ކަމެކެވެ.

- ޚާއްސަގޮތެއްގައި އެޑިއުކޭޝަން މިނިސްޓްރީންނާއި، ދީނީ މުއައްސަސާތަކުން މިކަމާމެދު ވިސްނާ ވަޑައިގަތުމަކީ މުހިއްމުކަމެކެވެ. ހަމަ އެކަނި ބުރުގާ އަޅަންޖެހޭނީ ޢަރަބިއްޔާ، ނުވަތަ މަޢްހަދު ކުދިންނެއްނޫނެވެ. މިރާއްޖޭގެ ހުރިހާ ކުދީންނަކީ މުސްލިމުންނެވެ.

- ސްކޫލް ތަކުގައި އަންހެން ކުދީން ބުރުގާ އެޅުމާ ބެހޭގޮތުން ހަދާފައިވާ ޤަވާޢިދުތައް މިހާރުން މިހާރަށް އުވާލަން އެބަޖެހެއެވެ. މުސްލިމުންނަށް އެބައިމީހުންގެ ދީނަށް އުޅުމުގެ ފުރުޞަތު އެންމެ ފުރިހަމަ ގޮތުގައި ކަމާބެހޭފަރާތުން ދެއްވުމަކީ އެބޭފުޅުންގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިއްމާއެކެވެ.

- ވަކި ގްރޭޑަކުން މަތީގެ ކުދިންނަށް ނޫން ގޮތަކަށް، ބުރުގާ ނޭޅޭނެކަމަށް ހަދާފައިވާ ޤަވާޢިދުތައް އުވާލަން ވީއެވެ. ބުރުގާ އަޅަން ބޭނުންވާ އެންމެހައި ގްރޭޑްތަކުގެ ދަރިވަރުންނަށް ހުޅުވާލެވިފައިވާ ކަމަކަށް މިކަން ވާންޖެހޭނެއެވެ. އެދަރިވަރުންނަށް މިކަމަށް ހިއްވަރު ދެވެންވެސް ވާނެއެވެ. މިއީ ޤަވާޢިދެއް ހަދަންޖެހޭ ކަމެއްނޫނެވެ. މިއީ ހަތްވަނަ އުޑުގެ މަތިން ޤަވާޢިދެއް ބާވާލައްވާފައިވާ ކަމެކެވެ. ޤަވާޢިދު ހަދަންވާނީ ދީނުގައި އެކަމެއްގައި ގޮތެއް ކަނޑައެޅިފައި ނުވާ ކަންކަމުގައި ދީނާ ޚިލާފު ނުވާގޮތަށެވެ.

- މިފަދަ ކަންކަމުގައި ސަރުކާރާއި، ދީނީ ޢިލްމުވެރިންގެ އެހީތެރިކަމަކީ ރައްޔިތުންނަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. މައިންބަފައިންގެ އެހީތެރިކަން ދަރިންނަށްވެސް ބޭނުންތެރިވާފަދައިންނެވެ.

- އަޅުގަނޑުގެ ހެޔޮ ދުޢާއަކީ މާތް ﷲ މިދިވެހި ދީބުގެ އެއްމެހައި ރައްޔިތުންނަށް ހެޔޮވިސްނުންދެއްވައި، އެކަލާނގެ މަގަށް ތަބާވުމުގެ ހެޔޮ ތައުފީޤުދެއްވުމެވެ.


المراجع والمصادر

1. القرآن الكريم
2. ޤުރްއާނުގެ މާނަ ތަންޒިލް ޑޮޓް ނެޓުން ޑައުންލޯޑް ކުރެވިފައި. http://tanzil.net
3. އުލޫމުލް ހަދީޘް – 2003، އަހުމަދު ފާރޫޤު މުހައްމަދު
4. މުޙައްމަދުއްޠާހިރު އިބްނި ޢާޝޫރު، ފަޟީލަތުލްޢައްލާމަތުއްޝައިޚު.(2000). މަޤާޞިދުއްޝަރީޢާ އަލްއިސްލާމިއްޔާ. އުރުދުން:ދާރުއްނަފާއިސް
5. މިނިސްޓްރީ އޮފް އިސްލާމިކް އެފެޔާސްގެ ވެބްސައިޓް، 27 ފެބުރުވަރީ 2015
6. ދަރުމަ، 2009
7. އިސްލާމް ޓްޑޭ ވެބްސައިޓް ، 2 މާރިޗް 2015

No comments:

Post a Comment