އެކަކު އަނެކެއްގެ ވިޔަފާރީގެ މައްޗަށް ވިޔަފާރި ނުކުރުން
عَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا
أَنَّ رَسُولَ اللهِ ﷺ قَالَ:
«لَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ»
މާނައީ: "ތިޔަބައިމީހުންގެ އެކަކު އަނެކެއްގެ ވިޔަފާރީގެ މައްޗަށް ވިޔަފާރި ނުކުރާހުށިކަމެވެ."
1. މުޤައްދިމާ
އިސްލާމް
ދީނަކީ އިންސާނާގެ ދިރިއުޅުމުގެ ހުރިހާކަމެއް ފުރިހަމަ ގޮތެއްގައި
އިންތިޒާމުކޮށްދޭ ޝާމިލު ނިޒާމެކެވެ. މީގެ ތެރޭގައި، އިޤްތިޞާދާއި ވިޔަފާރީގެ
މުޢާމަލާތްތަކަކީ، ޢަޤީދާއާއި އަޅުކަމާ އެއްވަރަށް، ޝަރީޢަތުގެ ހަމަތަކާއި
ހުދޫދުތަކުގެ ދަށަށް ފައްތާފައިވާ ދާއިރާއެކެވެ. އިސްލާމީ އިޤްތިޞާދު އެހެން
އިޤްތިޞާދީ ނިޒާމުތަކާ ތަފާތުކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ، މީގައި
އަޚްލާޤާއި އިޤްތިޞާދު ވަކިނުކުރެވޭ ދެ ބައި ކަމުގައި ލެއްވުމެވެ. ފައިދާ ހޯދުމުގެ މަގުތައް ހުޅުވާލެވިފައި އޮތް ނަމަވެސް، އެ ފައިދާ ހޯދޭނީ ޢަދުލުވެރި،
ސާފު އަދި އަނެކާއަށް ގެއްލުން ނުދޭ ފަދައަކުންކަން ޝަރީޢަތުގައި
ޝަރުޠުކޮށްފައިވެއެވެ.
މިދިރާސާގައި އަލިއަޅުވާލާނީ، ބާޒާރުގެ އަޚްލާޤިއްޔާތުގެ އެންމެ މުހިންމު އެއް
އަސާސް ބަޔާންކޮށްދޭ ޙަދީޘްފުޅެއް ކަމުގައިވާ "އެކަކު އަނެކެއްގެ ވިޔަފާރީގެ
މައްޗަށް ވިޔަފާރި ނުކުރުމުގެ" ޙަދީޘްފުޅުގެ މައްޗަށެވެ. މިދިރާސާގެ މަޤްޞަދަކީ،
ޙަދީޘްފުޅު ރިވާވެފައިވާ ގޮތާއި މާނަ ބަޔާންކުރުމާއި، މިމައްސަލައިގައި ފިޤުހީ
ޢިލްމުވެރިންގެ ބަސްފުޅުތައް ދިރާސާކުރުމާއި، މިމަނާކުރެއްވުމުގެ ފަހަތުގައިވާ
ޙިކުމަތާއި ޢިއްލަތު ބަޔާންކުރުމާއި، އަދި މިއުޞޫލު ޒަމާނީ އިސްލާމީ އިޤްތިޞާދާއި
ފައިނޭންސްގެ ދާއިރާއާ ގުޅުވައި ދިރާސާކުރުމެވެ. މިދިރާސާ ބިނާވެފައި އޮންނާނެ
މައިގަނޑު ފިކުރަކީ، މިޙަދީޘްފުޅަކީ ހަމައެކަނި ވަކި ޙާލަތެއް މަނާކުރައްވާ
އިރުޝާދެއް ނޫން ކަމާއި، މީގައި އިސްލާމީ އިޤްތިޞާދުގެ ބިންގާ ކަމުގައިވާ
ޢަދުލުވެރި ވާދަވެރިކަމުގެ ފުން ފަލްސަފާއެއް އެކުލެވިގެންވާ ކަމެވެ.
2. ޙަދީޘްފުޅު ރިވާވެފައިވާ ގޮތާއި ތަޚްރީޖު
މިޙަދީޘްފުޅަކީ، ޢަބްދުﷲ ބުނު ޢުމަރު رضي الله عنهما އަދި އަބޫ ހުރައިރާ رضي الله عنه ފަދަ ޞަޙާބީ ބޭކަލުންގެ ކިބައިން، އިމާމް ބުޚާރީއާއި އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޞައްޙަ (متفق عليه) ޙަދީޘްފުޅެކެވެ. މިޙަދީޘްފުޅު އައިސްފައިވަނީ، ބާޒާރުގައި އޭރު ހިނގަމުންދިޔަ ބައެއް ނުޢާދިލު މުޢާމަލާތުތައް މަނާކުރައްވައި ރަސޫލުﷲ ﷺ ބަޔާންކުރެއްވި ދިގު އިރުޝާދެއްގެ ބައެއްގެ ގޮތުގައެވެ. އެ އިރުޝާދުގައި، ނަޖަޝް (ގަންނަން ނޫޅޭ މީހަކު އަގު ބޮޑުކުރުމަށްޓަކައި ފޯރި އަރުވައި ބިޑްކުރުން)، ތަލައްޤިއްރުކްބާން (ބާޒާރަށް މުދާ ފޯރުމުގެ ކުރިން ބޭރުން ދޮގު މަޢުލޫމާތު ދީގެން ގަތުން)، އަދި މިދިރާސާގައި ބަޔާންވެފައިވާ ވިޔަފާރީގެ މައްޗަށް ވިޔަފާރި ކުރުން ފަދަ ކަންކަން މަނާކުރައްވާފައިވެއެވެ.
ބައެއް
ރިވާޔަތްތަކުގައި، ވިޔަފާރީގެ މުޢާމަލާތާ އެއްވަރަށް، ކާވެންޏަށް
ދެންނެވުމުގައިވެސް މިއުޞޫލު ބަޔާންކުރައްވާފައިވެއެވެ. މިއިން އެނގިގެންދަނީ، މި
އުޞޫލަކީ ހަމައެކަނި ވިޔަފާރީގައި ޚާއްޞަ ކަމެއް ނޫން ކަމާއި، މުސްލިމުންގެ
ދެމެދުގައި ޙައްޤުތައް ރައްކާތެރިކުރުމުގެ ޢާންމު ބޮޑު އުޞޫލެއްގެ ބައެއް ކަމެވެ.
3. ޙަދީޘްފުޅުގެ މާނައާއި ފިޤުހީ ސޫރަ
ޙަދީޘްފުޅުގެ
މާނައަކީ، ދެފަރާތެއް ދެމެދު ވިޔަފާރީގެ މުޢާމަލާތެއް އެއްބަސްވުމެއްގައި ސޮއިކުރެވި ނުވަތަ ސޮއިކުރުމުގެ (ޚިޔާރުގެ) މަރުޙަލާގައި އޮއްވައި، ތިންވަނަ މީހަކު އެމުޢާމަލާތުގެ ތެރެއަށް ވަދެ، އެއިން އެއް ފަރާތް ބާކީކޮށް، ކުރީގެ އެއްބަސްވުން
ރޫޅާލައި، ތިމާއާއެކު އައު މުޢާމަލާތެއް ކުރުވަން މަސައްކަތްކުރުމެވެ. ފިޤުހީ
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، މިމަނާކުރެއްވުމުގެ ދަށަށް ދެކަމެއް ފެތެއެވެ:
(ހ) ވިއްކުމުގެ މައްޗަށް ވިއްކުން (البيع على البيع): މީހަކު މުދަލެއް ސަތޭކަ ރުފިޔާއަށް ގަނެ، އަދި އެމުޢާމަލާތް ހިގަހިގާ ހުއްޓާ، ތިންވަނަ މީހަކު އައިސް ގަންނަ މީހާ ގާތު: "ތިޔަ މުޢާމަލާތު ބާޠިލްކުރާށެވެ. ހަމަ އެފަދަ، ނުވަތަ އެއަށްވުރެ ފެންވަރު ރަނގަޅު މުދަލެއް ތިމަން ނުވަދިހަ ރުފިޔާއަށް ވިއްކާނަމޭ" ބުނުމެވެ. އާންމު ދިވެހި ބަހުން ބުނާނަމަ "އެމީހުން މާ އަގުބޮޑުކޮށް ބިލެތް ބޮނޑިއެއްގެ އަގު އެކިޔަނީ، އެމީހުންގެ ބިލަތަށްވުރެ މާތާޒާ ބިލެތް މަދީފާނަން ދިހަރުފިޔާ ހެޔޮކޮށް" މިފަދައިން ބުނުމެވެ.
(ށ) ގަތުމުގެ މައްޗަށް ގަތުން (الشراء على الشراء): މީހަކު މުދަލެއް ސަތޭކަ ރުފިޔާއަށް ވިއްކައި، ޚިޔާރު މުއްދަތުގައި އޮއްވައި، ތިންވަނަ މީހަކު އައިސް ވިއްކި މީހާ ގާތު: "ތިޔަ މުޢާމަލާތު ބާޠިލްކުރާށެވެ. ތިޔަ މުދާ ތިމަން ސަތޭކަ ދިހަ ރުފިޔާއަށް ގަންނާނަމޭ" ބުނުމެވެ. އަޅުގަނޑުމެންގެ މުޖުތަމައު އިން މިކަމުގެ އެންމެ އާންމު މިސާލަކީ މީހަކު ތަނެއް ކުއްޔަށް ހިފަން ނިންމައި އެއްބަސްވުމުގެ މަރުހަލާގައި ކުއްޔަށް ދޭމީހާގާތު މަތިޔަތަން ދެހާސް ރުފިޔާ ބޮޑުކޮށް ބޮޑު އެޑްވާންސަކާއި އެކު ކުއްޔަށް ހިފާން ބުނުމެވެ.
މުހިންމު
ނުކުތާއަކީ، މިމަނާކުރެއްވުން ފެށެނީ މުޢާމަލާތްނިމި އަގަށް އެއްބަސްވެވުމަށްފަހު ކަމެވެ. އޭގެ ކުރިން އެއް މުދަލަކަށް އެތައް ބަޔަކު އަގު
ހުށަހަޅައި ވާދަކުރުމަކީ (المساومة) އެއްވެސް މައްސަލައެއް ނެތް، ހުއްދަ ކަމެކެވެ.
ފުށުއެރުން އުފެދެނީ، އެއްބަސްވުމަކާ ހަމައަށް އާދެވި، ދެފަރާތުގެ ދެމެދުގައި
ޙައްޤެއް ޤާއިމުވުމަށްފަހު، އެޙައްޤު ބޭރު ފަރާތަކުން ފޭރިގަންނަން
މަސައްކަތްކުރުމުންނެވެ.
4. ފިޤުހީ ޢިލްމުވެރިންގެ ބަސްފުޅުތައް
މިމައްސަލައިގައި ފިޤުހީ ޢިލްމުވެރިންގެ މެދުގައި ދެނުކުތާއަކަށް ބަޙުޘްކުރެވިފައިވެއެވެ.
ފުރަތަމައީ، ޙުކުމެވެ: ޖުމްހޫރު ޢިލްމުވެރިން
އިއްތިފާޤުވެލައްވަނީ، މުޢާމަލާތު ސާބިތުވުމަށްފަހު އެ ފަދައިން ފުށުއެރުމަކީ
ޙަރާމް ކަމެއް ކަމުގައެވެ. މީގައި ޚިލާފެއް ނެތެވެ. ސަބަބަކީ، މީގައި މުސްލިމް
އަޚާއަށް ސީދާ ގެއްލުމެއް ދިނުމާއި، ފުށުއެރުމާއި ޢަދާވާތްތެރިކަން އުފެއްދުން
ހިމެނޭތީއެވެ.
ދެވަނައީ،
މުޢާމަލާތުގެ ޞައްޙަކަމެވެ: ފުށުއަރައި ކުރެވުނު ދެވަނަ މުޢާމަލާތު ޞައްޙަވާނެތޯ،
ނުވަތަ ބާޠިލްވާނެތޯ މިމައްސަލައިގައި ޢިލްމުވެރިން ޚިލާފުވެލައްވައެވެ. ޖުމްހޫރު
(ޙަނަފީ، ޝާފިޢީ، އަދި ޙަންބަލީ މަޛްހަބުގެ ގިނަ ޢިލްމުވެރިން) ދެކެލައްވާ
ގޮތުގައި، ފާފަވެރިވި ނަމަވެސް މުޢާމަލާތު ޞައްޙައެވެ. ނަމަވެސް ބައެއް
ޢިލްމުވެރިން (އަދި ޡާހިރީ މަޛްހަބުގައި) ދެކެލައްވަނީ، މަނާ ކުރެއްވި ގޮތެއްގައި
ކުރެވުނު މުޢާމަލާތު ބާޠިލްވާނެ ކަމުގައެވެ. މިޚިލާފުން އެނގިގެންދާ މުހިންމު ކަމަކީ، ޢިލްމުވެރިން މި
މައްސަލައާ ދޭތެރޭ ދެއްވި އަހަންމިއްޔަތެވެ.
5. މަނާކުރެއްވުމުގެ ޙިކުމަތާއި ޢިއްލަތު
މިޙަދީޘްފުޅުގެ ފަހަތުގައި ފުން ޙިކުމަތްތަކެއް ވެއެވެ.
ފުރަތަމައީ، އަޚުވަންތަކަން
ރައްކާތެރިކުރުމަކީ އެންމެ ބޮޑު އެއް ޙިކުމަތެވެ. މުސްލިމުންގެ ދެމެދުގައި
ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފެދޭ ދޮރުތައް ބަންދުކުރެއެވެ. މީހެއްގެ
ސާބިތުވެފައިވާ މުޢާމަލާތެއް ކަމާއިނުގުޅޭ މީހަކު ފޭރިގަތުމަކީ ހިތްހަމަނުޖެހުމާއި
ބައިބައިވުމުގެ އަޞްލެކެވެ.
ދެވަނައީ، ގެއްލުން މަނާކުރުމެވެ. އިސްލާމީ ޝަރީޢަތުގެ ބޮޑު ޤަވާޢިދެއް ކަމުގައިވާ "لَا ضَرَرَ وَلَا ضِرَارَ" (ގެއްލުން ދިނުމެއް އަދި ގެއްލުން ލިބިގަތުމެއް ނުވެއެވެ.) ގެ އުޞޫލު މި ޙަދީޘްފުޅުން ޙިމާޔަތްކުރެއެވެ.
ތިންވަނައީ، ޢަޤުދުތަކުގެ ޙުރުމަތެވެ. އެއްބަސްވުންތަކާއި ޢަޤުދުތަކުގެ ސާބިތުކަމާއި ޙުރުމަތް ދެމެހެއްޓުމަކީ، "أَوْفُوا بِالْعُقُودِ" (ޢަޤުދުތައް ފުއްދާށެވެ) ގެ އިލާހީ އަމުރާ ސީދާ ގުޅިފައިވާ ކަމެކެވެ.
ހަތަރުވަނައީ، ބާޒާރުގެ އިތުބާރު ދެމެހެއްޓުމެވެ. މުޢާމަލާތުކުރާ
ފަރާތްތަކަށް، ތިމާ އެއްބަސްވި ވިޔަފާރި ކަމާއިނުގުޅޭ މީހަކު ފޭރި ނުގަންނާނެ ކަމުގެ
ޔަޤީންކަން ދިނުމުން، ބާޒާރުގައި ހަމަޖެހުމާއި އިތުބާރު ޤާއިމުވެއެވެ.
6. އިސްލާމީ އިޤްތިޞާދުގެ އޮނިގަނޑުގައި މި ޙަދީޘްފުޅުގެ މަޤާމު
ޢަދުލުވެރި ވާދަވެރިކަން: އިސްލާމީ އިޤްތިޞާދު ބިނާވެފައި އޮންނަނީ މިނިވަން ބާޒާރެއްގެ މައްޗަށެވެ. ވިޔަފާރިވެރިން ދެމެދު ވާދަވެރިކަން އޮތުމަކީ މަނާ ކަމެއް ނޫނެވެ. ބައެއް ފަހަރު އެއީ ބާޒާރު ދުޅަހެޔޮވެ، އަގު ޢާދިލުވުމަށް ބޭނުންވެސް ކަމެކެވެ. ނަމަވެސް މިޙަދީޘްފުޅުން އެނގިގެންދަނީ، ވާދަވެރިކަމުގައި އަޚްލާޤީ ޙައްދެއް ވާ ކަމެވެ. ކަސްޓަމަރެއް ހޯދުމަށްޓަކައި، މުޢާމަލާތެއް ފުރިހަމަވުމުގެ ކުރިން ރަނގަޅު އަގު ހުށަހެޅުމާއި ފެންވަރު ރަނގަޅު ޚިދުމަތް ދިނުމަކީ ހުއްދަ ވާދަވެރިކަމެވެ. ނަމަވެސް، މުޢާމަލާތެއް ސާބިތުވުމަށްފަހު ނުވަތަ މުޢާމަލާތު ނިމޭފަހުން އެފޭރިގަތުމަކީ ޙަރާމް ވާދަވެރިކަމެކެވެ. މިއީ ޢަދުލުވެރި ވާދައާއި، ގެއްލުންދެނިވި ވާދައާ ދެމެދު އިސްލާމް ދީން ކުރަހާ ސާފު ރޮނގެކެވެ.
ރުހުމުގެ އަސާސް: ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ، ވިޔަފާރި ޙަލާލުވަނީ "تِجَارَةً عَنْ تَرَاضٍ مِنْكُمْ" (ތިޔަބައިމީހުންގެ ދެމެދުގައި ރުހުމުގައި ހިނގާ ވިޔަފާރިއެއް) ކަމުގައި ވެގެން ކަމަށެވެ. ބިރުދައްކައި ނުވަތަ ހައްލައިގެން ނުވަތަ އޮޅުވާލައިގެން ކުރެވޭ މުޢާމަލާތުތަކަކީ ހުއްދަވާނޭ މުޢާމަލާތްތަކެއްނޫނެވެ.
އަޚްލާޤާއި
އިޤްތިޞާދު: އިސްލާމީ އިޤްތިޞާދު ރައުސްމާލީ (Capitalist) އަދި އިޝްތިރާކީ
(Socialist) ނިޒާމުތަކާ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ، މީގައި އަޚްލާޤާއި
އިޤްތިޞާދު ވަކިނުކުރެވުމެވެ. ފައިދާ ހޯދުމުގެ އެދުން އަނެކާއަށް
ގެއްލުންދިނުމުގެ ފުރުޞަތަކަށް ބަދަލުވެގެން ނުވާނެއެވެ. މިޙަދީޘްފުޅަކީ ރިބާ، ޣަރަރު، ނަޖަޝް،
އަދި އިޙްތިކާރު (މުދާ ފޮރުވައި ބާޒާރު ކޮންޓްރޯލްކުރުން) ފަދަ ކަންކަން
މަނާކުރައްވާފައިވާ އުޞޫލުތަކުގެ ސިލްސިލާގެ ބައެކެވެ. މިހުރިހާ އުޞޫލެއްގެ މަޤްޞަދަކީ ބާޒާރު ޢަދުލުވެރި، ސާފު، އަދި
ފުށުއެރުމުން ސަލާމަތްވެފައި ބޭއްވުމެވެ.
7. ޒަމާނީ ފައިނޭންސާއި ވިޔަފާރީގައި ޢަމަލީ ސޫރަ
ވިޔަފާރީގެ
އަޚްލާޤިއްޔާތު (Business Ethics): ދެކުންފުންޏެއް ދެމެދު އެއްބަސްވުމަކާ
ހަމައަށް އާދެވިފައި އޮއްވައި، ތިންވަނަ ފަރާތަކުން ނުޢާދިލު ގޮތުގައި އެ ޑީލް
ފޭރިގަތުމަކީ (unethical deal poaching)، މިއުޞޫލާ ސީދާ ފުށުއަރާ ކަމެކެވެ.
ބިޑް ކުރުމާއި ޓެންޑަރ (Tenders & Bids): ބީލަން ކާމިޔާބްކުރި ފަރާތަށް ނޮޓިފިކޭޝަން އޮފް އެވޯޑް ފޮނުވުމަށްފަހު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަގުމަތީގައި އޮއްވައި، އެބީލަން ރޫޅާލުމަށްޓަކައި ނުޢާދިލު ފިއްތުންތައް ކުރިމަތިކުރުމަކީ، މިޙަދީޘްފުޅުގެ ރޫޙާ ފުށުއަރާ ކަމެކެވެ. އެހެނީ ބީލަން ކަރުދާހުގައިވާ އުސޫލާއި އެއްގޮތަށް އެވޯޑް ކުރެވޭ ބީލަމަކީ ރޫޅާލެވޭނެ އެއްޗެއް ނޫނެވެ. ނަމަވެސް ސަރުކާރުގެ ޓެންޑަރ ތަކުގައި ބީލަން ބަލައިގަންނަން ތިއްބަވާ ބޭޅުން ރުހި ނުލައްވާ ފަރާތަކަށް އެވޯޑް ކުރަން ޖެހިއްޖެނަމަ، އެކަން ނުކުރާންވެގެން ޓެންޑަރއަށް ހުޅުވާލި އިޢުލާން ބާތިލުކޮށް އަލުން އިޢުލާންކޮށް ހަދައެވެ. މިއީ އިސްލާމީ ނިޒާމާއި ވަރަށް ބީރައްޓެހި އަމަލެކެވެ.
ޢަޤުދުތަކުގެ ޙުރުމަތް (Sanctity of Contracts): އިސްލާމީ ފައިނޭންސްގެ އެންމެ ބޮޑު އެއް ބިންގަލަކީ ޢަޤުދުތައް ފުރިހަމައަށް ފުއްދުމެވެ. މުރާބަޙާ، އިޖާރާ، މުޝާރަކާ، އަދި މުޟާރަބާ ފަދަ އިސްލާމީ ފައިނޭންސްގެ ޢަޤުދުތަކުގައި އެއްބަސްވުމުގެ ޙުރުމަތާއި މުޢާމަލާތުގެ ބައިވެރިންގެ ޙައްޤުތަށް ރައްކާތެރިކުރުމަށް ވަރަށް ބޮޑަށް ބާރު އަޅައެވެ. މިރާއްޖޭގައި ދަރަނި އަދާނުކުރުމުގެ ވަރަށް ބޮޑު ސަގާފަތެއްއޮތް ކަން ފާހަގަވެއެވެ. އެހެންއެވަނީ ސަރުކާރުތަކުން އަމަލުކުރާ ގޮތަކުން ކަމަށްވުން އެކަށީގެންވެއެވެ. މާލެއާއި ހުޅުމާލެއިން ސަރުކާރަށް ދިގުމުއްދަތެއްގައި އަގު އަދާކޮށް މިލްކުވާގޮތަށް ދީފައިވާ ފުލެޓްތަކުގެ %80 މީހުން ފުލެޓަކަށް ފައިސާ ނުދައްކައެވެ. އޭގެ ސަބަބުން ފުލެޓްނެތް ރައްޔިތުން ފުލެޓް އެޅުމަށް މާލީ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހެއެވެ. ނަމަވެސް ސިޔާސީގޮތުން ބަލިކަށިވެދާނެތީ، އެފަދަ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅެއް އަޅާކަށް ނުކެރެވެ.
މަޤާޞިދުއްޝަރީޢާ: މިޙަދީޘްފުޅު ސީދާ ގުޅެނީ، ޝަރީޢަތުގެ މައި ފަސް މަޤްޞަދުގެ ތެރެއިން މުދާ ރައްކާތެރިކުރުމުގެ (حفظ المال) މަޤްޞަދާއެވެ. މީހެއްގެ ޙައްޤު ފޭރިގަނެ، ބާޒާރުގައި ބައިބައިވުމާއި ދެކޮޅުވެރިކަން އުފެއްދުމަކީ މި މަޤްޞަދާ ފުށުއަރާ ކަމެކެވެ.
އިޤްތިޞާދީ
ސާބިތުކަމާއި މުޢާމަލާތުގެ ޚަރަދު: ޒަމާނީ އިޤްތިޞާދީ ނަޒަރިއްޔާތުތަކުންވެސް
(institutional economics) ސާބިތުވާ ގޮތުގައި، ބާޒާރެއްގައި އިތުބާރު (trust)
ދަށްވުމަކީ މުޢާމަލާތުގެ ޚަރަދު (transaction costs) މަތިވެ، އިޤްތިޞާދު ދޯދިޔާވާ
ކަމެކެވެ. މިޙަދީޘްފުޅުން، ބާޒާރުގައި އިތުބާރު ދެމެހެއްޓުމުގެ އަޚްލާޤީ ބިންގާ
އަޅުއްވައިދެއްވައި، އިޤްތިޞާދު ދުޅަހެޔޮ ކުރައްވައެވެ.
8. ތަޙްލީލީ ނަޒަރެއް
އިސްލާމް ދީނަކީ
ވާދަވެރިކަން މަނާކުރާ ދީނެއް ނޫންވެ. އިސްލާމް ދީނަކީ ވާދަވެރިކަން އަޚްލާޤީ ހަމަތަކުގެ ތެރެއަށް ފައްތާދީނެވެ. ޒަމާނީ ރައުސްމާލީ
ފިކުރުގައި ފައިދާ ބޮޑުކުރުމަކީ އެންމެ އިސް މަޤްޞަދު ކަމުގައި ބައެއް ފަހަރު
ބެލެވޭއިރު، އިސްލާމީ ފިކުރުގައި، ފައިދާ ހޯދުމަކީ ޢަދުލުވެރިކަމާއި
އަޚުވަންތަކަމުގެ ޙައްދުތަކުގެ ދަށަށް ފައްތާފައި އޮތް ކަމެކެވެ. މިފަރަޤު، މިފަދަ ކުޑަ ޙަދީޘްފުޅެއްގައި ފުން ގޮތެއްގައި ބަޔާންވެފައި އޮތުމީ، ނަބަވީ
އިރުޝާދުގެ ފުރިހަމަކަން ދައްކުވައިދޭ ހެއްކެކެވެ. ހަމައެއާއެކު މިއުޞޫލުތަކަކީ
ހަމައެކަނި މުސްލިމުންނަށް ފައިދާހުރި އުޞޫލުތަކެއް ނޫން ކަމާއި، ކޮންމެ
ބާޒާރެއްގައިވެސް އިތުބާރާއި ސާބިތުކަން ދެމެހެއްޓުމަށް ބޭނުންވާ ޢާލަމީ
ހަމަތަކެއް ކަން ފާހަގަކުރެވެއެވެ.
9. ނިންމުން
"އެކަކު
އަނެކެއްގެ ވިޔަފާރީގެ މައްޗަށް ވިޔަފާރި ނުކުރުމުގެ" ޙަދީޘްފުޅަކީ ކުރުއިބާރާތަކުން ފުން މާނަތަކެއް ބަޔާންކޮށްދޭ ޙަދީޘްފުޅެކެވެ. މިދިރާސާއިން
އެގެނީ މިޙަދީޘްފުޅަކީ ހަމައެކަނި ވަކި ޙާލަތެއް މަނާކުރައްވާ
އިރުޝާދެއް ނޫންކަމެވެ. މީގައި އިސްލާމީ އިޤްތިޞާދު ބިނާވެފައި އޮންނަނީ ހަމައެކަނި
ފައިދާ ހޯދުމުގެ ބޭނުމުގެ މައްޗަށް ނޫން ކަމާއި އޭގެ އަޞްލު ބިންގަލަކީ
ޢަދުލުވެރިކަމާއި، އަޚްލާޤާއި، އަނެކާގެ ޙައްޤު ރައްކާތެރިކުރުން ކަން
އެނގިގެންދެއެވެ. މިޒަމާނުގައި ބާޒާރުތައް ބޮޑުވެ، މުޢާމަލާތުތައް ފުޅާވެފައިވީ
ނަމަވެސް، މިއަޚްލާޤީ އުޞޫލުތަކުގެ މުހިންމުކަން އެއްވެސް ވަރަކަށް ކުޑައެއް
ނުވެއެވެ. ދުނިޔޭގެ އިޤްތިޞާދު ދިމާވެފައިވާ ވިޔާނުދާ ނުޢާދިލު ވާދަވެރިކަމާއި އިތުބާރު ގެއްލުމުގެ ޙައްލަކީ މިފަދަ
ނަބަވީ އަޚްލާޤީ އުޞޫލުތަކަށް އަނބުރައި ރުޖޫޢަވުން ކަމުގައި ބުނުމަކީ ދޮގަކަށް
ނުވާނެއެވެ.
ހަވާލާދިން މަޞްދަރުތައް
- القرآن الكريم
- البخاري، محمد بن إسماعيل. صحيح البخاري. كتاب البيوع
- مسلم بن الحجاج. صحيح مسلم. كتاب البيوع
- ابن ماجه، محمد بن يزيد. سنن ابن ماجه
- النووي، يحيى بن شرف. المنهاج شرح صحيح مسلم بن الحجاج
- ابن حجر العسقلاني، أحمد بن علي. فتح الباري بشرح صحيح البخاري.
- ابن قدامة، موفق الدين. المغني
- الشاطبي، إبراهيم بن موسى. الموافقات في أصول الشريعة
- ابن عاشور، محمد الطاهر. مقاصد الشريعة الإسلامية
- القرضاوي، يوسف. دور القيم والأخلاق في الاقتصاد الإسلامي. القاهرة: مكتبة وهبة
- Chapra, M. Umer. Islam and the Economic Challenge. Leicester: The Islamic Foundation, 1992











