Wednesday, May 1, 2024

#

ޟަރޫރަތްތެރިކަމަކީ މަނާ ކަންކަން ހުއްދަ ކުރާކަމެއް


"ޟަރޫރަތްތެރިކަމަކީ މަނާ ކަންކަން ހުއްދަ ކުރާކަމެއް ކަމާއި ބޭނުންތަކަކީ ޟަރޫރަތް ކަމުގައި ބައެއް ހާލަތްތަކުގައި ބެލޭނެ" ކަމަށް އޮންނަ ފިގުހީ ގަވައިދުތަކުގެ ބޭނުން ހިފުމަކީ އިސްލާމްދީނުގެ ލުއިފަސޭހަކުރުމުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ހަމަ އެފަދައިން ނައްސެއް ނެތް ހާލަތްތަކުގައި ޝަރުއީ މަސްދަރުތަކުގެ ގޮތުގައި މަސްލަހަތަށް ބެލުމާއި ރަނގަޅު ގޮތް އިޚުތިޔާރުކުރުމާއި ތަނުގެ އާދަކާދަތަކަށް ބެލުމާއި ނުބައިކަމުގެ މަގު ބަންދުކުރުން ފަދަ ކަންކަން އެއީ ޝަރީއަތުގެ މަސްދަރުތަކުގެ ގޮތުގައި ބެލުމަކީ ވެސް ލުއިފަސޭހަ ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ޙަރާމް އެއްޗިއްސާއި ކަންކަމަކީ ﷲ ތަޢާލާ އެއްޗަކުން/ކަމަކުން ދުރުހެލުވުން ލާޒިމް ކުރައްވާފައިވާ ކޮންމެ ކަމެކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އެކަމެއް ނުކޮށް ދޫކޮށްލުމުން ޘަވާބު ލިބޭ ކުރުމުން ޢިޤާބު ލިބޭ ކަންކަމެވެ.
ނަމަވެސް އިސްތިޘްނާއީ ޙާލަތެއް މެދުވެރި ވުމަކީ އެކަށީގެން ވާކަމެކެވެ. އެފަދަ ޙާލަތްތަކަކީ ޟަރޫރީ ޙާލަތެވެ. އެފަދަ ޙާލަތުގައި ކުރުން ޙަރާމްކަމެއް ޟަރޫރީ މިންވަރަށް އަޞްލުން އިސްތިޘްނާކުރެވި ހުއްދަކުރެވެތެވެ. މިސާލަކަށް ސަހަރާއެއްގައި ހާލުގައިޖެހިފައިވާ މީހަކު ދިރިހުންނާނެ މިންވަރަށް އޫރު މަސްކެއުމަކީ ހުއްދަކަމެކެވެ.

އާއްމުގޮތެއްގައި ޟަރޫރަތު ސަބަބުތައް ބެހިގެން ވަނީ ތިންބަޔަކަށެވެ.

ފުރަތަމަބައި: މަޖުބޫރީ ހާލަތެއްގައި ހަރާމްކަމަކަށް އަރައި ގަތުން
ތަކްލީފު ލިބިގެންވާ މީހާއަށް ދިމާވާ މަޖްބޫރީ، ޙާލަތަކަށްޓަކައި، ދެވޭ ލުޔެއްގެ ގޮތުގައި ދެވިފައިވާ ރުޚްޞާއި ލުއިފަސޭހަ ކަމުގެ ދަށުން އިސްލާމްދީނުގައި ކަނޑައެޅިގެން ކުރުން މަނާކުރައްވައި ހަރާމްކުރައްވައިފައިވާ ބައެއް ކަންކަން ވަގުތީގޮތުން ކުރުމުގެ ހުއްދަ ލިބިގެން ވުމެވެ. މިސާލަކަށް އެ މީހެއްގެ ހިތުގައި މާތްﷲ އަށް އީމާންކަން އޮތުމާއެކު ކުފުރުގެ ބަސްތައް ބުނުމާއި މީހެއްގެ މުދާތައް ހަލާކުކޮށްލުމާއި ރަމަޟާންމަހު ދުވާލު ކެއުން ބުޔުމާއި މީހަކު ބަނޑުހައިގަނެގެންފައިވާ ޙާލަތުގައި ކާނެބޯނެ އެއްވެސް އެއްޗެއް ނެތް ދަނޑިވަޅެއްގައި އެ މީހެއްގެ ފުރާނައަށް ނުރައްކާވެ މަރުވާ ހިސާބަށް ގޮސްފައިވާނަމަ އެ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ މުޅަ ތަކެތި ކެއުމާއި ބަނގުރައު ބުޔުމާއި މިނޫންވެސް މިފަދަ އެހެނިހެން ކަންކަން ހިމެނިގެން ވެއެވެ.

މިބާވަތުގެ ޟަރޫރަތުގެ ޝަރުޢީ ޙުކުމް:
މިފަދަ މަޖްބޫރީ ޙާލަތްތަކުގައި، ކުފުރުގެ ބަސްތައް ބުނުން ފިޔަވައި އިސްވެ ބަޔާންކުރެވުނު ފަދަ ކަންތައްތަކަށް، އަރައިގަނެވި އެފަދަ ކަންތައްތައް ކުރެވުމަކީ ޝަރުޢީ ގޮތުން ބަލާއިރު ހުއްދަ، ކުރުން އެދެވިގެންވާ ކަންކަމެވެ. މާތްﷲ ވަހީ ކުރައްވާފައިވެއެވެ.

މުސައިލަމާ އެނެއް މީހާގެ ކައިރީގައިވެސް ހަމަ މި ސުވާލު މިގޮތަށް ކުރުމުން އޭނާ ބުންޏެވެ. މުހައްމަދުގެފާނަކީ މާތްﷲގެ ރަސޫލާއެވެ. ދެން މި ނުބައި މުސައިލަމާ އޭނާއަކީ ކާކުތޯ އެމީހާއާއި ސުވާލު ކުރިއެވެ. އެވަގުތު އެމީހާ ބުންޏެވެ. އަހަރެންނަކަށް އަޑެއް ނީވެއެވެ. އަހަރެންނަކީ ބީރު މީހެކެވެ. 3 ފަހަރަށް މި ސުވާލު އޭނާއާއި ކުރުމުންވެސް އެމީހާގެ ޖަވާބަކަށްވީ ހަމަ މި ޖަވާބެވެ. އަހަރެންނަކަށް އަޑެއް ނީވެއެވެ. އަހަރެންނަކީ ބީރު މީހެކެވެ. އޭގެ ފަހުގައި މުސައިލަމާ އެމީހާ ޤަތުލު ކޮށްލިއެވެ.

މިހަބަރު ކީރިތި ރަސޫލާއަށް ދެންނެވުމުން ކީރިތި ރަސޫލާ ހަދީޘް ކުރެއްވިއެވެ. ފުރަތަމަ މީހާ ހިފީ އިސްލާމްދީނުގައި މާތްﷲ ލައްވާފައިވާ ރުޚްޞާ (ލުއިފަސޭހަކަމު) ގައެވެ. އަދި ދެވަނަމީހާ ސާބިތުކަމާއެކު އެދިފާޢުކުރީ މާތްﷲގެ ޙައްޤު ދީނެވެ. އޭނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތަށް މަރްޙަބާއާއި ތަހްނިޔާ ހުއްޓެވެ.

ޢައްމާރު ބުން ޔާސިރާއި ހުބައިބު ބުން ޢަދިއްޔާއި ދެބޭކަލުންނަށްވެސް ހަމަ މިފަދަ ހާދިސާއެއް ދިމާވެފައި ވެއެވެ. ޢައްމާރުގެފާނުގެ ކުރިމަތީގައި އޭނާގ މަންމައާއި ބައްޕަ މައްކާގެ މުޝްރިކުން ޝަހީދުކޮށްލުމަށް ފަހުގައި ކުފުރުގެ ބަސްތައް ބުނެ މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަ ކުރުމަށް މުޝްރިކުން ޢައްމާރުގެފާނަށްވެސް އަމުރު ކުރިއެވެ. އެވަގުތު އޭނާގެ ކުރިމަތީގައި އޭނާގެ މަންމައާއި ބައްޕަ ޝަހީދުކޮއްލި މަންޒަރު ދެކެފައި އެމީހުން އެ ބުނާ ކުފުރުގެ ބަސްތައް ނުކިޔައިފިނަމަ އޭނާވެސް ޤަތުލުކޮށް ޝާހީދުކޮށްލާނެކަމުގެ ބިރުވެރި ޔަޤީންކަން ވެރިވި ހިނދު، އެކަލޭގެފާނުގެ ހިތާއި މުޅިން ދެކޮޅަށް، އެފަދަ ކުފުރުގެ ބަސްތައް ކިޔައި މުޝްރިކުން އަޅުކަންކުރާ އިލާހުންތަކަށް މަދަޙައާއި ސަނާ ކިޔުމުން އެ ނުބައި ނުލަފާ މުޝްރިކުން އޭނާ ދޫކޮށްލިއެވެ. ހަމަ އެ ވަގުތު ޢަމާރުގެފާނު ހިތް ހިތާމައިން ފުރިގެންވާ ޙާލު ކަރުނައިން އެކަލޭގެފާނުގެ ދެ ލޯފުޅު ފުރި ރަތްވެގެންވާ ޙާލުގައި އޭނާގެ އިސްލާމްކަމާމެދު ވާނީ ކިހިނެއްތޯ ސާފުކޮށް ސުވާލު ދެންނެވުމުގެ ގޮތުން ކީރިތި ރަސޫލާގެ އަރިހަށް އައެވެ. އަދި އޭނާއާއި މެދު މުޝްރިކުން ކަންތައްކުރި ގޮތާއި އެ ޙާދިސާ ހިނގައިދިޔަގޮތް ކީރިތި ރަސޫލާއަށް ދެންނެވިއެވެ.

ދެވަނަ ބާވަތް: މަޖްބޫރީ ހާލަތަށްޓަކައި ވާޖިބުކަމެއް ދޫކޮށްލެވުމުގެ ޟަރޫރަތު
ޟަރޫރަތުގެ ބާވަތްތަކުގެ ތެރެއިން ދެވަނަ ބާވަތަކީ ތަކްލީފު ލިބިގެންވާ މީހާއަށް ދިމާވާ މަޖްބޫރީ، ހާލަތަކަށްޓަކައި، ދެވޭ ލުޔެއްގެ ގޮތުގައި ދެވިފައިވާ ރުޚްޞާއާއި ލުއިފަސޭހަ ކަމުގެ ދަށުން އިސްލާމްދީނުގައި ކަނޑައެޅީގެން ކުރުން ވާޖިބު ކުރައްވާފައިވާ ބައެއް ކަންކަން ވަގުތީގޮތުން ނުކޮށް ފަސްކޮށްލުމުގެ ހުއްދަ ލިބިގެން ވުމެވެ. މިސާލަކަށް ދަތުރުވެރިންނާއި ބަލިމީހުން ރޯދަ ދޫކޮށްލުން ފަދަ ކަންކަމެވެ.

މިކަން ބަޔާންކުރައްވައި މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވައިފައި ވެއެވެ. މާނައަކީ: ފަހެ ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާމީހާ (ރަމަޟާން މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.

އަދިވެސް މިމާނައިގައި ވަޙީ ކުރައްވާފައިވެއެވެ. މާނައަކީ: ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ހާޒިރުވެ ހުރެއްޖެ މީހާ، އެ މަހުގެ ރޯދަ ހިފާ ހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.

ތިންވަނަ ބާވަތް: މަޖްބޫރީ ހާލަތަށްޓަކައި ވާޖިބުކަމެއް ދޫކޮށްލެވުމުގެ ޟަރޫރަތު
ޟަރޫރަތުގެ ބާވަތްތަކުގެ ތެރެއިން ތިންވަނަ ބާވަތަކީ ތަކްލީފު ލިބިގެންވާމީހާއަށް ދިމާވާ މަޖްބޫރީ، ހާލަތަކަށްޓަކައި، ދެވޭ ލުޔެއްގެ ގޮތުގައި ދެވިފައިވާ ރުޚްޞާއާއި ލުއިފަސޭހަ ކަމުގެ ދަށުން ޢާއްމު އުޞޫލެއްގެ ގޮތުން އިސްލާމްދީނުގައި ކަންކުރަން އޮންނަގޮތް ނޫން ގޮތަކަށް ބައެއް ކަންތައްތައް ކުރުމުގެ ހުއްދަ ލިބިގެން ވުމެވެ. މިސާލަކަށް ވިޔަފާރީގެ ބައެއް މުޢާމަލާތުތައް ކަމުގައިވާ ސަލަމްގެ ވިޔަފާރިއާއި ޢާއްމު ފާޚާނާތަކަށް އަގުނެގުމާއި މިފަދަ މިފަދަ ބައެއް ޢަޤްދުތަކާއި ވިޔަފާރީގެ މުޢާމަލާތްތަކެވެ.
ޟަރޫރަތު ހާލަތުގައި ޢަމަލް ކުރުމުގައި ރަގަޅީ އަޒީމާ އަށްތަ ނޫނީ ޜުޚްސާ އަށްތަ؟

ބައެއް އިލްމުވެރިން ދެކިވަޑައިގަންނަވާގޮތުގައި އަމަލުކުރަންވާނީ ޝަރީއަތުގައި އެކަމެއް ކުރުމަށް ކަނޑައެޅިފައި އޮންނަގޮތަށެވެ.އެއީ އިއްތިފާގު ގަތުއީކަންތައްތަކެވެ.އަމަލުކުރުމަށްރަގަޅީ އަޒީމާކަމަށްދެކިލައްވާ މީހުން ދަލީލު ނަގަނީ މިއާޔަތުންނެވެ. الطَّلَاقُ مَرَّتَانِ ۖ فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ ۗ وَلَا يَحِلُّ لَكُمْ أَن تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا إِلَّا أَن يَخَافَا أَلَّا يُقِيمَا حُدُودَ اللَّـهِ ۖ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ اللَّـهِ فَلَا جُنَاحَ عَلَيْهِمَا فِيمَا افْتَدَتْ بِهِ ۗ تِلْكَ حُدُودُ اللَّـهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ اللَّـهِ فَأُولَـٰئِكَ هُمُ الظَّالِمُونَ (އަލްބަގަރާ 229) މާނައީ: ވަރިކުރުންއޮތީދެފަހަރުއެވެ.ދެންއޮތީ ހެޔޮގޮތުގައި (އެކަނބަލުންނާއި)އިދެގެންއުޅުމެވެ.ނުވަތަ ހެޔޮކޮއްހިތުމާއިއެކުއެކަނބަލުން ދޫކޮށްލުމެވެ. އަދި އެދެމީހުން،ﷲ ކަނޑައަޅާފައިވާހުކުމްތައް ގާއިމް ނުކުރެވިދާނެ ކަމަށްބިރު ގަންނަނަމަ މެނުވީ، އެކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާތަކެތީގެ ތެރެއިން އެއްޗެއް ތިޔަބައިމީހުން އަތުލުން ތިޔަބައިމީހުންނަކަށް ހަލާލު ވެގެނެއްނުވެއެވެ. ﷲ ކަނޑައަޅުއްވާފައިވާ ހުކުމްތައް އެދެމީހުނަށް ގާއިމްނުކުރެވޭނެކަމަށް ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންގެ ވަރިވުމަށް އެއްޗެއްދިނުމާއި، ދިންއެއްޗެއްހިފުމުގައި، އެދެމީހުންގެމައްޗަށް ކުށެއްނެތެވެ. ފަހެ އެއިންތައްފަހަނައަޅައި ތިޔަބައިމީހުންނުދާށެވެ! އަދި ﷲ ކަނޑަ އަޅައި ފައިވާއިންތައް ފަހަނައަޅައި ދާމީހުން (ދަންނާށެވެ!) އެއުރެންނީ ހަމައަނިޔާވެރިންނެވެ. މިގޮތަށް ދެކިވަޑައިގަންނަވާއިލްމުވެރިންގެ ތެރޭގައި އުސްތާޒް ޑރ. ޒިޔާދުބާގިރު އާއި އުސްތާޒް އިސްމާއިލްރިޔާޒުވެސް ހިމެނެއެވެ. އަދި އަޅުގނޑުވެސް ބޮޑަށް ބުރަވަނީ އަމަލުކުރުންބޮޑަށް ރަގަޅީ ޟަރޫރަތުގެ ހާލުގައި ލުއިގޮތުގައި ހިފުމެވެ.

ނަމަވެސް މިއާއިޚިލާފަށް އަލީ މުރުތަޟާ ގަބޫލުކުރާގޮތުގައި އަމަލުކުރުން އެއްމެ ރަގަޅީ ރުޚްސާއެވެ. މިކަމަށްދަލީލުލިބެނީ  يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَاطَّهَّرُوا ۚ وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِيدُ اللَّـهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَـٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ ﴿٦﴾އަލްމާއިދާ ސޫރަތުގެ ހަވަނަ އާޔަތުގެމާނައިގައިވެއެވެ.އޭއީމާންވެއްޖެމީހުންނެވެ!ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ،(އެބަހީ:ނަމާދުކުރަން ގަސްދުކޮށްފިނަމަ)ފަހެ،ތިޔަބައިމީހުންގެމޫނުތަކާއި،ތިޔަބައިމީހުންގެއަތްތައް،އުޅަބޮށިތަކާއި ހަމައަށްދޮންނާށެވެ!އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން)ފުހޭށެވެ! އަދި ރިޔަބައިމީހުންގެ ފައިތައް ދެތަބިކައްޓާހަމައަށް ދޮންނާށެވެ! އަދިޖުނުބުވެރިންކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ،ފަހެތިޔަބައިމީހުން ތާހިރުވެގެންނާށެވެ! އަދިތިޔަބައިމީހުންނީ ބަލިމީހުންކަމުގައިވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައިވެއްޖެނަމަ، ނުވަތަތިޔަބައިމީހުންކުރެމީހަކު ހަނޑަހުން އަތުވެއްޖެނަމަ،ނުވަތަ އަންހެނުންގައިބީހެއްޖެނަމަ ދެން، ފެންނުލިބިޖިއްޔާމު ތާހިރުވެލިންތިޔަބައި މީހުން ތަޔައްމަމުކުރާށެވެ. ފަހެ ތިޔަބައިމީހުންގެ މޫނުތަކުގައިއާއި އަތްތަކުގައި އެވެލިންފުހޭށެވެ! ތިޔަބައިމީހުންގެމައްޗަށް ދަތިކަމެއްލެއްވުމަކަށް ﷲ އިރާދައެއްނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން ތާހިރު ކުރެއްވުމަށާއި، ތިޔަބައިމީހުންގެމައްޗަށް އެކަލާނގެނިއުމަތް ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން ޝުކުރު ކުޅައުމައްޓަކައެވެ. މިގޮތަށް ދެކިވަޑައިގަންނަވާ އިމާމުންގެތެރޭގައި އަލްއިމާމުޝާތިމީފަދަ އިލްމުވެރިން ހިމެނެއެވެ. މީގެއިތުރުން ދިވެހއުސްތާޒުންގެތެރެއިން ޝަހީދު ޑރ. އަފްރާޝީމް ގެވެސް ރައުޔަކީ މިއެވެ. ވަކިކޮޅަކަށް ބުރަނުވާ އިލްމުވެރިންގެ ތެރޭގައި މުހައްމަދު ޒުހޭލީ ހިމެނެއެވެ. މިބޭފުޅާދެކިވަޑައިގަންނަވާ ގޮތުގައި އަމަލުކުރުމަށް ރަގަޅުގޮތް ކަމަށް ނިއްމޭނީ އެއިރެއްގެ ހާލަތަށް ބަލާފައި އޭގެމައްޗަށްބިނާކޮށެވެ.


މަޢުލޫމާތު ނަގާފައިވާ މަސްދަރުތައް:

1. ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ – 2007 ، ރައީސުލްޖުމުހޫރިއްޔާގެ އޮފީސް
2. ރައީސް މައުމޫންގެ "އިސްލާމީ ނަޒަރަކުން" ، މައުމޫން އަބުދުލް ޤައްޔޫމް، ރައީސް އޮފީސް
3. މިނިސްޓްރީ އޮފް އިސްލާމިކް އެފެޔާސްގެ ވެބްސައިޓް، 27 ސެޕްޓެމްބަރ 2013
4. ދަރުމަ، 2009
5. އިސްލާމް ޓްޑޭ ވެބްސައިޓް ، 2 އޮކްޓޫބަރ 2013
6. ޑރ. މުޙައްމަދު ރައުފަތް ޢުޘްމާން
7. ޑރ. އަފުރާޝީމް އަލީ، އުސޫލުލް ފިޤުހު ނޯޓް، 2011

No comments:

Post a Comment