Wednesday, May 1, 2024

#

ރައީސް މައުމޫން ދައުރުގައި ޝަރުއީ ނިޒާމް

ރައީސް މައުމޫނުގެ ކުރުތަޢާރަފެއް:-
މއ. ކާމިނީގޭ ޢަބްދުﷲ މައުމޫން ޚައިރީ ( ފަހުން މައުމޫން އަބްދުލް ޤައްޔޫމް) އުފަންވެ ވަޑައިގަތީ 29 ޑިސެމްބަރ 1937، (26 ޝައްވާލް 1356) ވީ ބުދަ ދުވަހުގައެވެ. ޅަފަތުގެ ދުވަސްވަރާއި ތުއްޕުޅުއިރުގެ ޙަޔާތްޕުޅު ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އޯގާތެރި ބެއްލެވުމުގެ ދަށުގައި މއ. ކާމިނީގޭގައެވެ. ގޭތެރޭގެ ނަންފުޅެއްގެ ގޮތުން މަޝްހޫރުވެފައިވަނީ ޅަސީދީ އެވެ.

ބައްޕާފުޅު ޢަބްދުލް ޤައްޔޫމް އިބްރާހީމްގެ އަރިހުން ޅަފަތުގެ ތަޢްލީމު އުނގެނިވަޑައިގަންނަވަމުން މަދްރަސަތުއް ސަނިއްޔާ (ފަހުން މަޖީދިއް ސްކޫލް) އަށް ވަޑައިގަތެވެ. އެއަށްފަހު ސިލޯނުގައި ދުވަސްކޮޅަކު ކިޔަވާވިދާޅުވުމަށްފަހު މިޞްރަށް ވަޑައިގެން އަލްޖާމިޢުލްއަޒްހަރުން މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެ ޔުނިވަރސިޓީގެ [ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫން] ގައި އިސްލާމީ ޝަރީޢާ އާއި ޤާނޫންގެ ރޮނގުން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރެއްވި އެވެ.

11 ނޮވެމްބަރ 1978 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ޙަވާލުވެވަޑައިގަތެވެ.

ޤާނޫނު އަސާސީތަކުގައި ޝަރުޢީ ނިޒާމް އޮތްގޮތް

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ(22 ޑިސެމްބަރ 1932) ޤާނޫނު އަސާސީގައި، ޢަދުލު އިންސާފު ޤާއިމުކުރުމަށް ވަރަށް މުހިއްމު ކަންކަން ހިމެނާފައި ވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކަކީ:-
" ދިވެހީންނަކީ ޤާނުނުގެ ކުރިމަތީގައި ހަމަހަމަވެގެންވާ ބަޔެކެވެ. އެމީހުންގެ އެންމެންނަކީ ސިޔާސިއްޔަ ޙައްޤުތާކައި މަދަނިއްޔަ ޙައްޤުތަކުން ލާބަޔާއި ފަސޭހަކަން ލިބިގަތުމާއިމެދު، އެންމެން އެއްވަރުވެގެންވާ، ބަޔެކެވެ. އެމީހުންގެ މައްޗަށް ޤާނުނުގެ ފަރާތުން ވާޖިބުކުރާ ކަންތަކާއި، ޢާއްމުވެގެންވާގޮތުން ލާޒިމްވާ ކަންތައްތަކުގައި، އެންމެން ހަމަހަމަވެގެންވާ ބަޔެކެވެ. ދިވެހި ރައްޔިތަކު ފިޔަވައި، ބިދޭސީޔަކަށް ކޮންމެހެން ބޭނުމެއް ޖެހިގެންމެނުވީ ، ދައުލަތުގެ އެއްވެސް ކަމެއް ނުދެވޭނެއެވެ."
" ޤާނޫނުގައި ކަޑައެޅިގެންވާ ޙުކުމެއްގެ މައްޗަށް މެނުވީ އެއްވެސް އިންސާނަކުގެ ގަޔަށް އަތްލައި ، ހިފައި ހައްޔަރުކޮށްގެން ނުވާނެއެވެ." 
" ޤާނޫނުގައި ބަޔާންވެ ކަޑައެޅިގެންވާ ކުށެއްގެ މައްޗަށް މެނުވީ އެއްވެސް މީހަކަށް އަދަބެއް ދީގެން ނުވާނެއެވެ. އަދި އެއްވެސް ޙާލެއްގައި އަނިޔާއެއް ކަމުގައި ހިމެނޭ ހާނީއްކަޔެއް ކޮށްގެން ނުވާނެއެވެ" 
ދިވެހިރައްޔިތަކު ދިވެހިރާއްޖެއިން ބޭރުތަނަކަށް އަރުވަޔެއް ނުލެވޭނެއެވެ. އަދި ޤާނޫނުގައި ކަޑައެޅިގެންވާ ގޮތުންމެނުވީ، އެއްވެސް މީހަކު ރާއްޖޭގެ ވަކިރަށަކަށް އަރުވައިލައިގެން ނުވާނެއެވެ. އަދި ވަކިތާކު ހުރުމަކަށް އަމުރު ކޮށްގެންނުވާނެއެވެ." 
ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އަށް ޢަމަލުކުރަން ފެށުމާއިއެކު، ވެރިކަމުގެ ބާރު ހޯދުމަށް ބޭނުންވާ ސިޔާސީ ބައެއް ބޭފުޅުންގެ ސަބަބުން މި ޤާނޫނު އަސާސީ ކަމުނުދާކަމުގެ ވާހަކަތައް ރައްޔިތުންގެ ތެރޭގައި ފަތުރުމުގެ ސަބަބުން ރައްޔިތުން ނިކުމެ އުވާލިއެވެ. މީގެ ފަހުން ވެސް ޤާނޫނު އަސާސީތައް އެކުލަވާލެވި އޭގެ މައްޗަށް ޢަމަލުކުރެވި، އަސާސީތަކަށް އިސްލާހުތައް އައިސް ، ރައީސް މައުމޫނުގެ ރިޔާސީ ދައުރަށް ފެށުނުއިރު ޢަމަލު ކުރަމުން ގެންދިޔައީ ދިވެހިން ދުށް 5 ވަނަ ޤާނޫނު އަސާސީއަށެވެ. އެއީ 11 ނޮވެމްބަރު 1968 ގައި ޢަމަލުކުރަން ފެށުނު ޤާނޫނު އަސާސީއެވެ.
ދައުލަތުގެ އެންމެހާ ބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާ، ދެންނެވުނު ބާރުތަކުގެމަތިން ދައުލަތުގެ އެންމެހާ ކަންތައްތައް ހިންގާނީ ރައީސުލްޖުމްހޫރިއްޔާ އާއި، ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުންކަމަށް 20 ވަނަ މާއްދާގައި ވެއެވެ. އެއާއެކު ރައީސުލް ޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާކަމަށް 21 ވަނަ މާއްދާގައި ބަޔާންކުރެވިފައި ވެއެވެ.
85 ވަނަ މާއްދާގައިވަނީ ޝަރީޢަތުގެ އެންމެހާ ކަންތައްތައް ހިންގާނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ބައެއްކަމުގައެވެ. ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް ޤާނޫނެއް ހަދައިގެން ނުވާނެކަމަށް 86 ވަނަ މާއްދާގައި ބަޔާންކުރެވިފައިވެއެވެ.

ރައީސް މައުމޫނު ރައީސްކަމާއި ޙަވާލުވެލެއްވިއިރު އޮތް ޝަރުޢީ ނިޒާމް
ރައީސް އަލްމަރުހޫމު އިބުރާހީމް ނާސިރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ދުވަހު، 11 ނޮވެމްބަރ 1968ގައި މިނިސްޓަރ އޮފް ޖަސްޓިސްކަމަށް ޢައްޔަން ކުރެވުނީ އަލްއުސްތާޛު މޫސާ ފަތުޙީއެވެ."
މަތީގައި ބަޔާންކުރެވުނު ނިޒާމަކީ ވެރިކަން ހިންގުމުގެ ބާރު ވަރަށް ފުރިހަމައަށް ޝަރުޢީ ނިޒާމުގެ މައްޗަށް ކުރި ހޯދި ނިޒާމެކެވެ. މިއީ ޢަދުލު އިންސާފު އެންމެ ފުރިހަމައަށް ޤާއިމުކުރެވޭނެ ނިޒާމެއް ނޫނެވެ. އަތޮޅު ތަކުގައި އަތޮޅު ކޯޓްތައް އުފެދުނެވެ. ޖަސްޓިސް މިނިސްޓްރީ އުފެދި ، އެ މިނސްޓްރައިގައި ތަފާތު ޑިވިޒަންތައް އުފެދި އެކި ޑިވިޒަނުން އެކި ޝަރީޢަތްތައް ކުރަމުން ގެންދިޔައެވެ. ނަމަވެސް މި ނިޒާމަށް 10 އަހަރު ފާއިތުވިއެވެ. ރައީސް މައުމޫނު ވެރިކަމާއި ޙަވާލުވަންދެން ވެސް މި ނިޒާމަށް ޝަރީއަތްތައް ކުރަމުން ގެންދިޔައެވެ. ނަމަވެސް މިދައުރުގައި ވެރިކަން ހިންގުމުގެ ބާރުން ޝަރުޢީ ނިޒާމެއް މިނިވަނެއް ނުވިއެވެ.

ރައީސް މައުމޫނު ދައުރުގައި ޝަރުޢީ ނިޒާމަށް އައި ބަދަލުތައް
ރައިސް މައުމޫނަކީ ޢަދުލު އިންސާފަށް ލޯބިކުރެއްވި ބޭފުޅެއްކަމަށްހެދިގެން އުޅުއްވި ބޭފުޅެކެވެ. މީހުންގެ ލޯމައްޗަށް ބަދަލު ގެންނަކަމަށް ދެއްކިއެވެ. ކުރިހާވޭސް ކަމަކީ ތިމާގެ ބާރުގެ ދަށަށް ޝަރުޢީ ނިޒާމު ގެނެސް ސިޔާސީ މީހުންނަށް ބިރުދެއްކުމަށްޓަކައި ޝަރީޢަތްކުރާނެ "ފުލުސްކޯޓް" ގެ ނަމުގައި ކޯޓެއް އުފައްދާ، ޝަރީޢަތްތައް އެ ކޯޓުން ކުރަންފެށީމައެވެ.
1. މައުމޫނު ޢަބުދުލްޤައްޔޫމު ރައިސްކަމާއި ޙަވާލުވެ ވަޑައިގަތުމަށްފަހު، ޝަރީޢަތުގެ ދާއިރާއަށް ގެންނެވި ފުރަތަމަ ބަދަލަކީ 11 ފެބުރުއަރީ 1979 ގައި "ފުލުސްކޯޓް" ގެ ނަމުގައި ކޯޓެއް އުފެއްދެވުމެވެ. 
2. ދެވަނަ ބޮޑު ބަދަލަކީ އަތޮޅު ކޯޓްތައް 17 ޖުލައި 1979 ގައި އުވައިލައްވައި، ކޮންމެ ރަށެއްގައި ރަށުކޯޓެއް ޤާއިމުކުރެއްވުމެވެ. މި ރަށުކޯޓްތައް ސީދާ ހިނގަމުން ދަނީސީދާ މިނިސްޓްރީ އޮފް ޖަސްޓިސް ގެ ދަށުންނެވެ. އަދި ރަށުކޯޓްތަކަށް ޤާޟީންވެސް ލެއްވިއެވެ." 
3. 1980 ވަނަ އަހަރު މިނިސްޓްރީ އޮފް ޖަސްޓިސް ގެ ޑިވިޜަންތަކުގެ ނަންތައް މިނިސްޓްރީ އޮފް ޖަސްޓިސް ގެ ކޯޓް ނަންބަރު 1 ން ފެށިގެން ކޯޓް ނަންބަރު 8 އާ ހަމައަށް ހަމަޖެއްސުނެވެ.
4. 1994 ވަނަ އަހަރު މިނިސްޓްރީ އޮފް ޖަސްޓިސް ގެ 8 ކޯޓްގެ މަސައްކަތް އަލުން ތަރުތީބުކޮށް މިނިސްޓްރީ އޮފް ޖަސްޓިސް ގެ 8 ކޯޓްގެ މަސައްކަތް 4 ކޯޓަށް ބަދަލުކޮށް ، ކޯޓް ނަންބަރު 1 އާއި ކޯޓް ނަންބަރު 2 އާއި ، ކޯޓް ނަންބަރު 3 އާއި ، ކޯޓް ނަންބަރު 4 އުފެދުނެވެ.
5. 1997 ވަނަ އަހަރު އޮގަސްޓްމަހުގެ 1 ގައި މިނިސްޓްރީ އޮފް ޖަސްޓިސް ގެ 4 ކޯޓް އުވާލައްވައި އެ ކޯޓްތަކުން ކުރަމުން ގެންދިޔަ މަސައްކަތް އަލުން ތަރުތީބުކޮށް އެ މަސައްކަތްތައް ކުރުމަށް މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުގައި މަދަނީ ކޯޓާއި، ޖިނާއީ ކޯޓާއި، ޢާއިލާއާބެހޭ ކޯޓާއި، ކުޑަކުދީންނާބެހޭ ކޯޓްގެ ނަމުގައި 4 ކޯޓް އުފައްދަވާ މިއިން ކޮންމެ ކޯޓަކަށް އިސްޤާޟީއެއް ޢައްޔަނުކޮށް އިސްޤާޟީންގެ އިތުރުން ކޮންމެކޯޓަކަށް އިތުރު ޤާޟީން ޢައްޔަނު ކުރެވުނެވެ.
6. 1980 ވަނައަހަރު ދިވެހިރާއްޖޭގެ ހައިކޮޓް އުފައްދަވައިފައި ވެއެވެ. ހައިކޯޓް އުފެދުނީ ޤާނުނު ނަންބަރު 68/3 ޖ ގެ 3 ވަނަ ޗެޕްޓަރަށް ގެނެވުނު 64 ވަނަ އިޞްލާހުގެ ގޮތުގައި ސަރުކާރުންގެ އެހެން ވެސް އޮފީހެކޭ އެއްގޮތަށެވެ.
7. ރައީސް މައުމޫނު ވެރިކަމާއި ޙަވާލުވެ ލެއްވުމާއި ގުޅިގެން ޤާނޫނު އަސާސީ އިސްލާޙުކުރުމަށް ޓަކައި ޚާއްޞަ މަޖިލިސް އެކުލަވާ ލައްވާ އެކަން ފެށްޓެވިއެވެ. މިކަން ފުރިހަމަވީ 17 އަހަރު ދުވަހުންނެވެ. މިހާ ގިނަ ދުވަހުން އިސްލާޙުކުރެވުނު، ޤާނޫނު އަސާސީގައި ޝަރުޢީ ނިޒާމަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. ވެރިކަމުގެ ބާރުގެ ދަށުން މިނިވަނެއް ނުވިއެވެ.
8. 1ޖެނުއަރީ 1998 ގައި ޢަމަލުކުރަންފެށި ޤާނޫނު އަސާސީގެ 39 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ޢަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
މި ބަދަލުތަކުންވެސް ޝަރުޢީ ނިޒާމު، ވެރިކަން ހިންގުމުގެ ނިޒާމުގެ ދަށުން މިނިވަނެއް ނުވެއެވެ. މައްސަލަތައް ބަލާ ތަންތަނުގެ ނަންތަކާއި އެ ތަންތަނުގެ ޢަދަދަށް ބަދަލު އަންނަކަން ފިޔަވައި އިތުރު ބަދަލެއް ގެނެވުނުކަމަށް ނުބުނެވޭނެއެވެ. ޝަރުޢީ ނިޒާމުގެ ކޮންޓްރޯލް އޮންނަނީ ވެރިކަން ހިންގާ ބާރުގެ ދަށުގައެވެ. އެތަންތަނަށް ފަނޑިޔާރުން ނުވަތަ ޤާޟީން ޢައްޔަނު ކުރައްވަނީ ރައީސުލް ޖުމްހޫރިއްޔާއެވެ.
މި އިޞްލާޙުކުރެވުނު ޤާނޫނު އަސާސީގެ ސަބަބުން، ޝަރުޢީ ނިޒާމު ސީދާ ވެރިކަން ހިންގާ ފަރާތުގެ ބާރަށް ދިއަފުރަތަމަ ފަހަރެވެ. މީގެކުރިން މި ގޮތަށް އެއްވެސް ޤާނޫނު އަސާސީއެއްގައި ބަޔާންކޮށްފައި ނުވެއެވެ.
އަދި 1998 ގައި ޢަމަލުކުރަން ފެށުނު ޤާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަކީ ކޯޓްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފުކުރެވޭނެ އެންމެ މަތީ މަރުޙަލާއެވެ. ޝަރުޢީ އެންމެ ފަހު ބަސްބުނާ ފަރާތާއި ވެރިކަން ހިންގާ ފަރާތް އެކަކަށްވީއެވެ. މިއީ ދައުލަތް ހިންގުމުގެ 3 ބާރުގެ ތެރެއިން 2 ބާރު އެކުވީއެވެ.
1998 ގައި ޢަމަލުކުރަން ފެށުނު ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ޢަދުލު އިންސާފު ލިބުނުކަމަކަށް ނުބެލެވެއެވެ. އެއީ އެކެއްގެ އަތްމަތީގައި، ބާރުތައް އޮތުމުން ލިބުނު ގެއްލުމެކެވެ. މިކަމުގެ ސަބަބުން ޤައުމުގައި ޢަދުލު އިންސާފު ހަރުދަނާ ނުކުރެވި، ބޮޑެތި މައްސަލަތައް އުފެދި ، ޖަލުގައި ބަންދުކޮށްފައިވާ ބައެއް ޤައިދީންގެ ގަޔަށް 19 ސެޕްޓެމްބަރ 2003 ގައި ، ބަޑިޖަހާ 3 މީހުން މަރުވެ، އެތައް ޤައިޑިންނެއް ޒަޚަމުވި ޙާދީޘާއާއި، 2004 އޯގަސްޓް 12 އަދި 13 ގެ ޙާދިޘާ ހިނގުމުގެ ސަބަބުން ، ރައްޔިތުންގެ ކުރިމަތީގައި ރައީސުލްޖުމްހޫރިއްޔާގެ އަގުވަނީ މުޅީންވެއްޓިފައެވެ. މިކަމުގެ އަޞްލަކީ މި އިޞްލާޙުކުރެވުނު ޤާނޫނު އަސާސީއޭ ވެސް ބުނެވިދާނެއެވެ.

1998 ވަނަ އަހަރު ޢަމަލުކުރަން ފެށުނު ޤާނޫނު އަސާސީގައި ޝަރުޢީ ނިޒާމް
1998 ވަނަ އަހަރު ޢަމަލުކުރަން ފެށުނު ޤާނޫނު އަސާސީގައި ދިވެހި ރައްޔިތުންނަށް ލިބިގެންވާ 24 އަސާސީ ޙައްޤެއްގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. ނަމަވެސް އަޅުގަޑަށް ދެންނެވޭނީ ، މި ޤާނޫނު އަސާސީގައި ދިވެހި ރައްޔިތުންނަށް ލިބިދޭންޖެހޭ އެހެން ނަމަވެސް ނުލިބޭ އަސާސީ ޙައްޤުތަކެއްގެ ވާހަކަ ދިވެހި ރައްޔިތުން ދައްކަމަުން ގެންދެއެވެ. މީގެތެރޭގައި، ޤާނޫނު އަސާސީން ލިބިދޭ، ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ޙައްޤާއި، އަދި ވަޒީފާ އަދާކުރާ ކޮންމެ މުއައްޒަފަކަށް ލިބެނެޖެހޭ ޕެންޝަނުގެ ޙައްޤު އޮތީ ފުރިހަމައަށް ނުލިބި ބައިކުޅަބައި ކޮންމެވެސް މިންވަރަކަށް ވަރަށް ފަހުން ލިބެންފަށާފައެވެ. ތެދުތެދަށް ދަންނަވަނީނަމަ ބުނެވޭނީ 2003 ގެ ފަހުންނެވެ.
މީގެ އިތުރުން ޤާނޫނުތަކާއި އަދި ޤަވާއިދުތަކާއި ޚިލާފަށް މީހުން ހިފާ ހައްޔަރުކުރެއެވެ. ޝަރީޢަތް ނުކޮށް ބަންދުގައި ބައިތިއްބައެވެ. ސަރުކާރުން ކަންތައްތައް ކުރާ ގޮތުގެ ވާހަކަ ނޫސްތަކުގައި ލިޔާ މީހުން ހިފާ ހައްޔަރު ކުރެއެވެ.
އިސްވެ ދެންނެވުނު ކަންތައްތައް ތަންފީޒު ކުރެވިފައިވާ ގޮތަށް ބަލާއިރު މައުމޫން ޢަބްދުލް ޤައްޔޫމްގެ ދައުރު ނިމުމާއި ހަމަޔަށްވެސް ދިވެހި ޤައުމު އޮތީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމުގައި މައުމޫން ޢަބްދުލް ޤައްޔޫމްއަށް އަލިމަގެއް ހޯއްދެވިފައި ނުވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ވައްކަންކުރުމުން އަތްކެނޑުމާ، ރިބާއާ ގުޅުންހުރި މައްސަލަތަކާ، ޒިނޭކުރާ މުޙްޞަނުން ރަޖަމްކުރުމާ، ޤަޞްދުގައި މީހަކު މަރައިފި މީހަކު، ނިޔާވި ފަރާތުގެ ވާރުތަވެރިން ބޭނުންވި ނަމަވެސް ނުމެރުން ފަދަ ޝަރުޢީ ނައްޞުން ސާބިތުވާންހުރި ކަންކަމުގައި ދީނުގައިވާގޮތަށް ޙުކުމްކުރާނެ މާޙައުލެއް ޤާއިމް ކުރެވިފައި ނެތްކަން ހިތާމަޔާއެކު ފާހަގަކުރެވެއެވެ.
އިންސާނީ ޙައްޤުތައް ޙިމާޔަތްނުކުރެވި، ހަމަކަމާއިއެކު ޢަދުލު އިންސާފަށް ޝަރުޢީ ނިޒާމު ބައްޓަން ވެގެން ގޮސްފައިނުވަނީ، ޝަރުޢީ ނިޒާމަކީ މިނިވަން ނިޒާމަކަށް ނުވީތީއެވެ. ޤާނޫނު އަސާސީއަށް އިސްލާޙުތައް އައި އިރުވެސް ޝަރުޢީ ނިޒާމު މިނިވަންވެފައި ނުވީ، ވެރިކަމުގެ ބާރުން ރައްޔިތުންނަށް ޢަދުލު އިންސާފު ޤާއިމުކޮށްދޭން ބޭނުންނުވާތީއެވެ.

ޤާނޫނުގެ މަސްދަރުތައް
1998 ގައި ޢަމަލުކުރަން ފެށުނު ޤާނޫނު އަސާސީގެ 148ވަނަ މާއްދާއިން ދޭހަވަނީ ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި ނިޔާކަނޑައެޅުމަށާއި އަދި ޤާނޫނުތަކާއި ޤަވާޢިދުތައް ހަދަންޖެހޭނީ ޤާނޫނު އަސާސީއާއި އެއްގޮތަށް ކަމަށެވެ. އެހެންވީމާ ޤާނޫނުގެ މަސްދަރަކީ ޤާނޫނު އަސާސީއެވެ. ނަމަވެސް މި ޤާނޫނު އަސާސީގެ 1 ވަނަ މާއްދާއިން އިސްލާމީ ޝަރީއަތާއި އަދި ޑިމޮކްރެޓިކް އުޞޫލްތަކާއި އެއްގޮތަށް ވެރިކަމެއް ކުރަންޖެހޭނެކަން ބަޔާންކޮށްފައިވެއެވެ.

ރައީސް މައުމޫނު ދެއްވާފައިވާ ރިޔާސީ ބަޔާންތަކުންވެސް ޝަރުޢީ ދާއިރާ އިތުރަށް ތަރައްޤީކުރަން ރާވާފައިވާ ކަންތަކާއި އަދި ކުރައްވާފައިވާ ކަންތައް އެބަހުއްޓެވެ. ނަމަވެސް މިއިން އެއްވެސް ބަޔާނެއްގައި ޝަރުޢީ ދާއިރާ ވެރިކަން ހިންގުމުގެ ބާރުން މިނިވަންވާނެ އެއްވެސް ވާހަކައެއް ނެތެވެ. ޢަދުލު އިންސާފަކީ އިސްލާމްދީނުގައި އެންމެ މުހިއްމު އެއްކަމަށްވީއިރު، 30 އަހަރުންވެސް ޝަރުޢީ ނިޒާމް މިނިވަން ނުކުރެއްވީ ހިތުގައި އިޚުލާޞްތެރިކަމެއް ނެތީމަކަމަށް އަޅުގަޑަށް ދެންނެވިދާނެއެވެ.

މަސްދަރުތައް

1- ޤާނޫނު އަސާސީ- 1968
2- ޤާނޫނު އަސާސީ- 1997
3- ޤާނޫނު އަސާސީ- 2008
4- އަލް އުސްތާޛު ޙުސްނުއްސުޢޫދު ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް- 2007.
5- ޕްރެޒިޑެންޝަލް އެޑްރެސްތައް(1) – 2007 ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.
6- ޕްރެޒިޑެންޝަލް އެޑްރެސްތައް(2) – 2008 ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.
7- ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމު ރިޔާސީ އައު ދައުރުތަކަކަށް ހޮވުމަށްފަހު ޤައުމާއި މުޚާޠަބުކުރެއްވުން-2007 ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.
8- މޫންލައިޓް 1978 ، ވިކިޕީޑީއާ ، މައުމޫން ޢަބްދުލް ޤައްޔޫމް http://dv.wikipedia.org/wiki (05/11/2013 ، 12:00)
9- ވިކިޕީޑީއާ / މައުމޫން ޢަބްދުލް ޤައްޔޫމް http://dv.wikipedia.org/wiki (05/11/2013 ، 12:20)
10-  މޫންލައިޓް 1978 ،/ ވިކިޕީޑީއާ / މައުމޫން ޢަބްދުލް ޤައްޔޫމް http://dv.wikipedia.org/wiki (01/11/2013 ، 10:10)
11- ވިކިޕީޑީއާ / މައުމޫން ޢަބްދުލް ޤައްޔޫމް http://dv.wikipedia.org/wiki (01/10/2013 ، 10:10)
12- ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ – 1932
13- ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް- 2007

No comments:

Post a Comment