Thursday, April 23, 2020

#

ވިސްނާ ފިކުރުކޮށް، ޝުކުރުވެރިވަމާ

ދެވަނަ ބޮޑު ހަނގުރާމަ 1939 ވަނަ އަހަރު ފެށުމާއިއެކު ރާއްޖެ ތަދުމަޑުކަމާ ކުރިމަތިލާންޖެހުނެވެ. ބަނޑުހައި ހޫނުކަމާއި، ފަގީރުކަން ރާއްޖެ އަށް ފެތުރިގެން ދިޔުމުގެ ސަބަބުން ގައުމުގެ އިޤުތިޞާދީ ދުވެލި ހުއްޓިގެން ދިޔަ އެވެ. ހަމަ އެހެންމެ ކާބޯތަކެތި ނުލިބުމުގެ ސަބަބުން ހައިހޫނުކަމުގައި ރައްޔިތުން މަރުވަމުން ދިޔަ އެވެ. ދަނޑުވެރިކަން ނެތް ސަރަހައްދުތަކުގައި ކާނޭއެއްޗެއް ނެތިގެން މަގޫފަތާއި، ފަޅޯގަސްގަހުގެ އެތެރެޔާއި، ކެޔޮދަޅި ވެސް ކައިހެދިއެވެ. ދިވެހި ތާރީޚުގައި ބޮޑުތަދުގެ ނަމުގައި ފާހަގަ ކުރެވިގެން ދިޔަ މި ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ނެތި ދިޔަކަން ތާރީހީ ފަތްފުއްތަކުން އެގެން އޮވެއެވެ.

އަޅުގަނޑުގެ ހަނދާނުގައިވެސް ރާއްޖެ ނުރައްކާތެރި ބަލިތަކާއި ތަދު މަޑުކަން ތަޖުރިބާ ކޮށްފައިވެއެވެ. ނުރައްކާތެރި ބައްޔެއް ކަމަށްވާ ކޮލެރާއި ސިއްގައްލާގެ ބަލިމަޑުކަން މުޅިރާއްޖެއަށް ކުރިމަތިވެ ރާއްޖޭގެ އެތަށްބައެއް އެބަލީގައި މަރުވެގެން ދިޔައެވެ. އެދުވަސްވަރު އަޅުގަނޑުގެ އުފަންރަށް ގއ. ދެއްވަދޫގައި އޮތް ހާލުބޮޑު ބަލި މީހަކު ބަލައި ސަރުކާރުން ކަނޑަށް ޖައްސާ މަތިންދާ ބޯޓެއް ފޮނުވައިގެން އެމީހާ މާލެ ގެންދިޔަ ހަނދާން އަދިވެސް އެބަހުއްޓެވެ. މިބަލީގައި ދެއްވަދޫގެ އާބާދީގެ ތިން ބައިކުޅަ އެއްބައި މަރުވެދިޔައެވެ. މީގެ އިތުރުން އިރާގުން ކުވައިތަށް އަރައިގަނެ އެޤަޢުމުގެ މިނިވަން ނަގާލުމުން، ކުވައިތު މިނިވަން ކުރުމަށް އދ ގެ ގުޅިފައިވާ ފައުޖުތަކާއި އިރާގާއި ދެމެދު (1990 - 1991) ކުރެވުނު "ގަލްފު ހަނގުރާމަ" ގެ ސަބަބުން ވަރަށް ބޮޑު ތަދުމަޑުކަމެއް ކުރިމަތިވިއެވެ. އަދި މިތަދު މަޑުކަމުން އަރައި ނުގަނެވި އުޅެނިކޮށް 1992 ގެ ބޮޑު ވިއްސާރަ އާއި ރާއްޖެއަށް ކުރިމަތިވިއެވެ. މިވިއްސާރައިގެ ސަބަބުން އެތަށްބަޔެއްގެ ގެދޮރު ނެތިގެން ދިއުމުގެ އިތުރުން ކާބޯތަކެއްޗަށްޖެހި ހައިހޫނުކަމުގައި ފުރާނަތަކެއް ވަނީ ގޮސްފައެވެ. އޭގެފަހުން 1995 ގައި ކުރެވުނު ބޮސްނިޔާ ހަނގުރާމައިގެ އަސަރުވެސް ރާއްޖެއަށް ކުރިމަތިވިއެވެ. އޭގެފަހުން 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިޘާ ފާހަގަކޮށްލެވެއެވެ. 

މާތްﷲ އިންސާނާއަށް ނިޢުމަތްތަށް ދެއްވާފައިވަނީ އެނިޢުމަތްތަކަށް އެކަލާނގެ އަށް ޝުކުރުވެރިވުމަށެވެ. ހަމައެފަދައިން އެކަލާނގެ އަޅުން އިމްތިޙާން ކުރެއްވުމުގެ ގޮތުންނެވެ. މިގޮތުން އިންސާނާއަށް ދެއްވާފައިވާ ނިޢުމަތްތަށް ހުރިހާ ފަރާތްތަކުން ފެނިގެންދާނެއެވެ. ކުރިމަތިންނާއި ފުރަގަހުންނެވެ. ބޯމަތިންނާއި ފައިތިލަ ދަށުންނެވެ. ބަލައިލި ކޮންމެ ދިމާއަކުންނެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. وَإِن تَعُدُّوا نِعْمَةَ اللَّـهِ لَا تُحْصُوهَا ۗ إِنَّ اللَّـهَ لَغَفُورٌ رَّحِيمٌ ﴿سورة النحل ١٨﴾ މާނައީ: "ތިޔަބައިމީހުން اللَّه ގެ نعمة ހިމަނައި، عدد ކުރަން އުޅުނަސް، ތިޔަބައިމީހުންނަކަށް އެ نعمة އެއް ނުހިމެނޭނެއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ."

ދުޅަހެޔޮ ޞިއްޙަތެވެ. ޤައުމުގައި އަމާންކަމެވެ. ރޯދިބަރަކާތާއި އުނުއޮރިޔާން ނިވާކުރުމާއި، ވަޔާއި ފެނުގެ ނިޢުމަތެވެ. މިހުރިހާ ނިޢުމަތްތަކެއް ތިބާއަށްޓަކައި ދުނިއޭގައި ލައްވާފައިވަނީ ތިބާއަށް އެނގިގެނެއް ނޫނެވެ. ދިރިއުޅުމުގެ ޙަޔާތް ތިބާއަށް ލިބިފައިވަނީ ތިބާއަށް އެކަން އެނގުމެއް ނުވާޙާލުގައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَأَسْبَغَ عَلَيْكُمْ نِعَمَهُ ظَاهِرَةً وَبَاطِنَةً ﴿سورة لقمان ٢٠﴾ މާނައީ: "އަދި އެކަލާނގެ نعمة ތައް ފާޅުވެގެންވާ ގޮތުގައްޔާއި، ފޮރުވިގެންވާ ގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވިއެވެ." ތިބާއަށް ދެލޯ ދެއްވާފައިވެއެވެ. ދުލާއި ދެތުންފަތް ދެއްވާފައިވެއެވެ. ދެއަތާއި ދެފައި ދެއްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿سورة الرحمن ١٣﴾ މާނައީ: "އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟" ތިބާގެ ދެފައިނެތި ތިބާއަށް ކޮޅަށް ހުރެވިދާނެހެއްޔެވެ؟ ތިބާގެ ދެލޮލުގައި ރިއްސާކަމުގައި ވަނީނަމަ، އަރާމުގައި ދެލޯމަރާލައިގެން ނިދައިލެވިދާނެހެއްޔެވެ؟

ތިބާ ކައި ބަނޑު ބޮޑުކޮށްގެން ހުންނައިރު ނުކައި ބަނޑުހައިކަންމަތީ ތިބިމީހުންނާއި މެދު އެންމެ ފަހަރަކުވެސް ވިސްނާލިން ހެއްޔެވެ؟ ތިބާ ފިނިފެނުގެ ކޯވަރުތައް އިރުވަމުންދާއިރު ކަރު ހިއްކުން ފިލުވާލުމަށް ސާފު ފެންފޮދެއް ބޭނުންވެގެން ތިބި އެތައްހާސް މީހުންގެ މަތިން ހަނދުމަކުރަން ހެއްޔެވެ؟ ތިބާއަށް އަޑުއިވުމުގެ ނިޢުމަތް ދެއްވިއެވެ. ކަންފަތުގެ އިވުމުން މަޙްރޫމްވުމުން ތިބާ ސަލާމަތް ކުރެއްވިއެވެ. ކަންކަމާމެދު ވިސްނާ ފިކުރު ކުރުމަށް ތިބާއަށް ސިކުނޑި ދެއްވިއެވެ. ތިބާގެ ހަށިގަނޑުގެ ހަންގަނޑާއި މެދު ވިސްނާލިން ހެއްޔެވެ؟

ތިބާވަނީ ގިނަގުނަ ނިޢުމަތްތަކުގެ މަތީގައެވެ. ނަމަވެސް ތިބާއަކަށް އެކަމެއް ނުވިސްނެއެވެ. އަދި ތިބާއަކަށް އެތަނެއް ނުފެނެއެވެ. ތިބާ ދިރިއުޅެމުން ތިޔަދަނީ ހިތާމައާއި މާޔޫސް ކަމާއިއެކީގައެވެ. ތިބާގެ އަތުގައި މީރުކާނާ އެބަހުއްޓެވެ. ބޯނެ ފިނި ފެން އެބަހުއްޓެވެ. އަރާމު ނިދި ތިބާ ލިބިގަނައެވެ. ފުރިހަމަ ޞިއްޙަތުގައި ތިބާ ވަމުއެވެ.

ތިބާ ވިސްނަމުންދަނީ ކޮރޯނާ ވައިރަސްހާއި ހެދި ގެއްލިގެންދިޔަ ތަކެއްޗާއި މެދުއެވެ. ލިބިފައިވާ ނިޢުމަތްތަކާއި މެދު ނުވިސްްނަމުއެވެ. މާއްދީގޮތުން ލިބޭ ގެއްލުމަށް ތިބާ ތިޔަ ހިތާމަ ކުރަނީބާއްޖަވެރިކަމުގެ ތަޅުދަނޑި ތިބާގެ އަތުގައި އޮއްވައެވެ. ހެޔޮކަމާއި ނިޢުމަތާއި ބާއްޖަވެރިކަން ތިބާއަށް ލިބިފައިވެއެވެ. ތިބާ އާއި އަހުރެންވެސް މިހިރީ ފުރަބަންދެއްގައި ގޭގައި ބަންދުވެވިގެންނެވެ. މިއީ ވިސްނާ ފިކުރު ކުރުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ތިބާގެ ނަފްސާއި އަހުލުވެރިންނާއިމެދުގައެވެ. ގޯތި ގެދޮރާއި މަސައްކަތާއި މެދުގައެވެ. ޞިއްޙަތާއި މެދުގައެވެ. އެކުވެރިންނާއި މެދުގައެވެ. ވިސްނާ ފިކުރުކޮށް ޝުކުރުވެރި ވާށެވެ. ބުއްދީގެ ކުރިޔަށް ރުޅި އިސްނުކުރާށެވެ.


ރެފަރެންސް:
- ޙަބީބާ ހުސައިން ޙަބީބުގެ ތާރީހީ ލިޔުންތަށް
- މޫސާ އަންވަރު ހަސަން - ހިދާޔަތުގެ އަލި (09 ޑިސެމްބަރ 2011) 

No comments:

Post a Comment