Saturday, January 28, 2017

#

ޤާނޫނު ލާޒިމުކުރި ތާރީޚުތަކާއި މުއްދަތުތަކަށް ޢަމަލު ކުރެވުނީ ކިހާ ވަރަކަށް؟

ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ، 2008 ވަނަ އަހަރު ވުޖޫދުވެގެން ދިޔައީ ދިވެހި ރައްޔިތުންނަށް ގެނުވި ނުހަނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމަކާ އެކުގައެވެ. ބާރުތައް މަސްހުނިވެފައިވާ ވެރިކަމުގެ ނިޒާމެއް ނިމި، ޒަމާނީ ޑިމޮކްރަސީއެއްގެ މާ ރީތި ލަވަތަކާއި ރާގުތަކުން ދިވެހީންގެ ހިތްކަކަށް ގެނުވި ތަސައްލީއަކާއެކުގައެވެ. ކަށަވަރު ކުރެވިފައިވާ މާ ގިނަ އަސާސީ ޙައްޤުތަކާއި މިނިވަންކަމުން، މި ޤައުމުގެ ދަރީންގެ އުންމީދުތަކަށް ވެރިކުރުވި ރޯޝަންކަމާ އެކުގައެވެ. ލާމަރުކަޒުކުރެވިފައިވާ އިދާރީ ހިންގުމުގެ ދާއިރާތަކާ އެކުއެކީގައިހެން، ލާޒިމުކުރުވި ބައިވަރު އިންތިޚާބުތަކަކާއެކުގައެވެ. އަދި ނިމުނީކީ ނޫނެވެ. މިހިރަ ކަންކަމަށް ކަނޑައެޅިފައިވާ މުއްދަތު ތަކާއި ތާރީޚުތަކަކާ ވެސް އެކުގައެވެ.

މިއަދު ޤައުމުގެ އެކި ދިމަދިމާއަށް ކަންފަތް ދިއްކޮށްލުމުން އެންމެ ގަދައަށް އިވޭ ވާހަކައަކީ ޤާނޫނުގެ ވާހަކައެވެ. ޤާނޫނު ކަނޑައަޅާފައިވާ އިޖުރާޢަތްތަކުގެ ވާހަކައެވެ. ޤާނޫނުގެ މަފްހޫމްތަކުގެ ވާހަކައެވެ. ޤާނޫނުގެ ވެރިކަމުގެ ވާހަކައެވެ. ޤާނޫނުތައް ނަގަހައްޓާ ވާހަކައެވެ. ދަމަހައްޓާ ވާހަކައެވެ. ޤާނޫނުތައް ނަގާ ކޮޅަށް ޖަހަންޖެހޭ ވާހަކައެވެ. ޤާނޫނުތަކަށް އިޙްތިރާމް ކުރަން ޖެހޭ ވާހަކައެވެ. ހައްތާވެސް ރަނގަޅު ވާހަކަތަކެވެ. ހަމަ ހުސްވެސް، ކުރާން ވެއްޖެ ކަންކަމެވެ. އަދި ހަނދާން ނެތުނީއެއް ނޫނެވެ. ޤާނޫނު ކަނޑައަޅާ ތާރީޚު ތަކާއި މުހުލަތުތައް ފަހަނަ އަޅާ، ޤާނޫނީ ހުސްކަމަކަށްދާ ވާހަކައަކީ ވެސް، ނުހަނު ބާރަށް ދެކެވޭ ވާހަކައެކެވެ.

މީގެ އަހަރެއްހާ ދުވަސްކުރިޔަށް ޖެހިލާނަމެވެ. ޤާނޫނު އަސާސީގެ 231 ވަނަ މާއްދާއިން ކަށަވަރުކޮށް، ދައުރު ކަނޑައަޅާފައިވާ ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވެ، އިންތިޚާބު ފަސްކުރުން ވެގެން ދިޔައީ އެފަދަ ކަމަކަށެވެ. މުއްދަތެއް އޮވެމެ، ޢަމަލުނުކުރެވުނު ކަމުގެ މައްޗަށް، އެކި ފިކުރުތަކުން އެކި ޚިޔާލުތައް ތިލަކުރުވި ކަމަކަށެވެ. ޤައުމަށް އޮންނަ ލޯބީގެ ބޮޑުކަމުން އެއްބަޔަކު ކަންބޮޑުވުން ހިއްސާކުރަމުންދަނީއެވެ. ސިޔާސީ މަޤުސަދެއްގައި ބަޔަކު ގަސްދުގައި ކުރި ކަމެއްކަމަށް އެއްބަޔަކު ޤަބޫލުކުރިއެވެ. ޤާނޫނީ ހުސްކަމަކަށް ގޮސް މުޅި ޤައުމު އަތު ނުޖެހޭ ހިސާބަށް ދާކަމަށް ބުނެ އަޑުއުފުލަމުން ދިޔައީ، ޤައުމު ހަލަބޮލި ކުރަންކަމުގައި އަނެއް ބަޔަކު ވަކާލާތުކުރަމުން ދިޔައެވެ. ތެދެއްނަމަ، ކޮންމެ ކޮޅަކުން ވެސް ހިތާމަވެރިކަމެވެ. ކޮންމެހެނަކަސް، މަޢުޟޫޢު ދެއްތޯއެވެ؟ ދުސްތޫރީ ޙަޔާތުގައި، މުއްދަތާއި ތާރީޚު ފަހަނަ އެޅި ސިލްސިލާތަކަށް ނަޒަރު ހިންގާލަމާތޯއެވެ!

ޤާނޫނު އަސާސީ ތަސްދީޤު ކުރެވި، އެންމެ ފުރަތަމަ ވެސް ކުރިމަތިވި އިންތިޚާބަކީ، ރިޔާސީ އިންތިޚާބެވެ. މުޅި ޤައުމު އިންތިޒާރުކުރަމުން އައި ބޮޑު އިންތިޚާބު ވެގެންދިޔައީ، ހުރިހާ ސިޔާސީ ފަރާތްތަކަށާއި ރައްޔިތުންނަށް ވެސް އައި ބޮޑު ޢީދަކަށެވެ. ވެރިކަމުގެ ތަޚުތުގެ ހުވަފެންތަކުގެ ތެރެއަށް ގޮސް ހުސްވެފައި ތިބެމެ، ހިތްހަމަޖެހުން ހޯދި ރިޔާސީ އިންތިޚާބު ބޭއްވުނީ، ޤާނޫނު އަސާސީގައި ބަޔާންކުޅަ ތާރީޚުއްގައިތޯ ސުވާލުކޮށްލި ފަރާތެއް ކޮބައިތޯއެވެ؟ އެވަރުން އަދި ނިމުނީކީ ނޫނެވެ. ނިޒާމީ ބަދަލުތަކާ އެކު، އެކުލަވާލާން ޖެހުނު، ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ޖެހޭ އެންމެ ފަހުގެ ތާރީޚެއް ޤާނޫނު އަސާސީގައި ބަޔާންވެ، އެނގެން ނެތީތޯއެވެ؟

“މި ޤާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބު 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރީން ބާއްވައި ނިންމަންވާނެއެވެ.” -ޤާނޫނު އަސާސީ، މާއްދާ 301 (ހ)-

“މި ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ފުރަތަމަ އިންތިޚާބު 2009 ފެބްރުއަރީ 15 ވަނަ ދުވަހުގެ ކުރީން ބާއްވާންވާނެއެވެ.” – ޤާނޫނު އަސާސީ، މާއްދާ 296 (ހ)-އިސްވެ ބަޔާންކުރެވުނު ފުރަތަމަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ، 2008 އޮކްޓޯބަރ 08 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރު ބޭއްވިފައިވަނީ، 2008 އޮކްޓޯބަރ 28 ވަނަ ދުވަހުގައެވެ. ތާރީޚެއް އެކަށައަޅައި، އެ ތާރީޚުގެ ކުރިން އިންތިޚާބު ނިންމަންވާނެކަމަށް، ސާފު ސީދާ ޢިބާރާތުން ލާޒިމުކޮށްފައިވާ އިންތިޚާބު، ޤާނޫނު އަސާސީގެ 111 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ނިމިގެން ދިޔައީ ތާރީޚުގެ 18 ދުވަސް ފަހުންނެވެ. ވިދިގެން އައި ފޯރި ގަދަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުނީ، 2009 މެއި 09 ވަނަ ދުވަހުގައެވެ. މަޖިލީހުގެ އިންތިޚާބު ބާއްވާ ނިންމަން ޖެހޭނެކަމަށް ކަނޑައެޅި ތާރީޚުގެ 2 މަހާއި 24 ދުވަސް ފަހުންނެވެ. ނަތީޖާ އެއްގެ ގޮތުން، 2009 މާރޗް 01 ވަނަ ދުވަހުގެ ކުރީން ބާއްވަން ޤާނޫނު އަސާސީ ލާޒިމުކުރި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ، 2009 މެއި 28 ވަނަ ދުވަހުގައެވެ. އޭގެ 2 މަހާއި 27 ދުވަސް ފަހުންނެވެ.

2008 އޮކްޓޯބަރ 07 ވަނަ ދުވަހު، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމު، ޤާނޫނު އަސާސީ ތަސްދީޤުކުރެއްވުމާ އެކު ފެށިގެން ދިޔައީ، ނިޒާމް ބަދަލުވުމުގެ އިންތިޤާލީ މަރުޙަލާއެވެ. ޤާނޫނު އަސާސީގެ 275 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޢަމަލު ކުރަންޖެހޭ އިންތިޤާލީ މަރުޙަލާގެ ކަންކަން، ސާދަ ވަނަ ބާބުގައި ނުހަނު ރީތިކޮށް ބަޔާންކޮށްފައި ހުރިތަން، މިއަދު ވެސް ސާފުކޮށް ފެންނާން އެބައޮތެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ކެބިނެޓާއި، އެކުލަވާލަން ޖެހޭ މިނިވަން މުއައްސަސާތަކާއި މަޤާމްތަކުގެ ވާހަކަ، ހުދާކަޅުން ތަރުތީބު ކުރެވިފައި އެވަނީއެވެ. އެކި މުއައްސަސާތައް އެކުލަވާލައި ނިންމުމަށް، އެކި މުއްދަތުތަކާއި ތާރީޚުތައް ދީފައިވާ އިރު، އެ ހުރިހާ ކަމެއް ނިންމަން ޖެހޭނެ، އެންމެ ފަސް މުއްދަތެއް ވެސް ވަނީ ބަޔާންކޮށްފައެވެ.

“މި ބާބުގައި ވަކިގޮތަކަށް ކަނޑައަޅާފައިވާ ކަންތައްތައް ފިޔަވައި، މި ޤާނޫނު އަސާސީއަށް ޢަމަލުކުރާން ފަށާތާ އެންމެ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި މި ޤާނޫނު އަސާސީގައިވާ ގޮތަށް މަޤާމްތަކަށް މީހުން އިންތިޚާބުކޮށް ނުވަތަ އައްޔަންކޮށް ނިންމައި، އަދި މި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އުފައްދައި ނުވަތަ ޤާއިމްކޮށް ނިންމާންވާނެއެވެ.” – ޤާނޫނު އަސާސީ، މާއްދާ 297 (ހ)-އިސްވެ ބަޔާން ކުރެވުނު މާއްދާގައިވާ ގޮތުގެ މަތީން، އެކުލަވާލަން ޖެހޭ މުއައްސަސާތަކުގެ ތެރެއިން ސްޕްރީމް ކޯޓާއި ހިޔުމަންރައިޓްސް ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަން އެކުލަވާނުލެވި އޮއްވާ، ޤާނޫނު އަސާސީ ތަސްދީޤުކުރި ތާރީޚުން ފެށިގެން، މީލާދީ ދެ އަހަރު 2010 އޮގަސްޓް 07 ވަނަ ދުވަހަށް ހަމަވެގެން ދިޔައީއެވެ. ޢަދުލު އިންޞާފް ޤާއިމުކުރުމުގެ އެންމެ މަތީ ބާރުގައި ބޮޑު ތަޅު އެޅުވި ޙާދިސާއާއެކުގައި، މިކަމުގެ ފަރުވާއެއްގެ ގޮތުން ފެނިގެން ދިޔައީ އިދާރީ ޙައްލެކެވެ. ޤާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބަޔާންވެގެންވާ ސުޕްރީމް ކޯޓު ޤާއިމްކުރެވެންދެން، ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ އެންމެހައި މަސްއޫލިއްޔަތުތަކާއި، ސުޕްރީމްކޯޓުގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހިންގެވުން ހަތަރު ބޭފުޅަކާ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ޙަވާލުކުރައްވައި، އެކަމުގެ ޤަރާރެއް ނެރުއްވިއެވެ. ޤާނޫނު އަސާސީ ނުވެސް ދަންނަ އަމުރެއް ނުވަތަ ޤަރާރެއް، އެފަދަ ޙާލަތެއްގައި ވެރިކަމުގެ ފަރާތުން ނެރުއްވި ޤާނޫނީ އެއްވެސް ޙުއްޖަތެއް، އަދާ ހަމައަށް ވެސް ޤާއިމުކުރެވިފައެއްނުވެއެވެ.

ފެހި ޤާނޫނު އަސާސީއާ އެކު އެންމެ ގިނަ ބަޔަކަށް ހިތްހަމަ ޖެހުން ގެނުވި އެއްކަމަކީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ޤާނޫނު އަސާސީ ލާޒިމުކޮށްފައިވުމެވެ. ޤާނޫނު އަސާސީގެ 8 ވަނަ ބާބުން، ވެރިކަމުގެ ފަރާތުން ރަށްތަކާއި އަތޮޅުތައް ހިންގުމަށް އައްޔަނުކުރާ ކަތީބުންނާއި އަތޮޅުވެރީންގެ ޒަމާން ނިމި، ވެރިކަމުގެ އެއްވެސް ބައިވެރިވުމެއް ނެތި އިންތިޚާބުކުރާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ނިޒާމެއް އުފެދިގެން ދިޔުމެވެ. އިދާރީ ދާއިރާތަކަށް ވެރީން އިންތިޚާބުކޮށް ހިންގުމަށް ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާއިރު އެކަމަށް، ކައުންސިލްތައް އިންތިޚާބުކުރުމުގެ އެންމެ ފަހުގެ ތާރީޚެއް ވެސް ވަނީ ބަޔާންކޮށްފައެވެ.

“ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި، މި ޤާނޫނު އަސާސީގައިވާ ގޮތުގެ މަތީން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު 2009 ޖުލައި 1 ވަނަ ދުވަހުގެ ކުރީން ބާއްވައި ނިންމަންވާނެއެވެ.” – ޤާނޫނު އަސާސީ، މާއްދާ 298-

ތާރީޚުތަކާއި މުއްދަތުތައް ފަހަނަ އަޅައި ދިޔުމުގެ ސިލްސިލާއަށް އިތުރު ބޮޅެއް އަމުނާލައި، 2009 ޖުލައި 1 ވަނަ ދުވަސް މި ޤައުމާ ބައްދަލުކުރީ، މި ދެންނެވި ނިޒާމް އެކުލަވާލުމަށް ހަދަން ޖެހޭ ޤާނޫނު ވެސް ވުޖޫދު ނުވަނީހެވެ. ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން މަޖިލީހަށް ނުހަނު ކުރިޔާލައި ފޮނުވި ބިލު، އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް ރައްޔިތުންގެ މަޖިލީހުގައި ތާށިކޮށްލިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ، ޤާނޫނު ފާސްކުރެވި، އިންތިޚާބީ ދުވަހަކަށް އަލިވިލިގެންދިޔައީ، 2011 ފެބްރުއަރީ 05 ވަނަ ދުވަހުގައެވެ. ޤާނޫނު އަސާސީގައި ބަޔާން ވެގެންވާ އެންމެ ފަސް ތާރީޚުގެ 01 އަހަރާއި 07 މަހާއި 04 ދުވަސްފަހުންނެވެ.

މައްސަލަތައް ބޮޑުވެ، އެކި ބުރުތަކުން ވެރިޔަކު އިންތިޚާބު ކުރި ރިޔާސީ އިންތިޚާބު 2013 ވެގެންދިޔައީ އަނެއްކާ ވެސް ތަފާތު ޙާލަތަކަށެވެ. ފަސްވަމުން އައި އިންތިޚާބު ނުބޭއްވި، ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރާނޭ ތާރީޚު ފަހަނައަޅައި، ޤާނޫނީ ހުސްކަމެއް އައިސްދާނެ ފަދަ ޙާލަތަކާ، ޤައުމު ކުރިމަތިލިއެވެ. ނަމަވެސް، ސްޕްރީމް ކޯޓުގެ 2013/SC-C/42 އާއި 2013/SC-C/47 ޤަޟިއްޔާއިން އެކަމަށް ޙައްލެއް ހޯއްދަވައިދެއްވިއެވެ. ޤާނޫނު އަސާސީގެ 144 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ސްޕްރީމް ކޯޓަށް ލިބިދޭ ބާރުގެ ދަށުން، މި ފަދަ ޙާލަތެއް ފޫބެއްދުމަށް ޝަރުޢީ ޙައްލެއް ލިބިގެންދިޔައެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވާފައިވަނީ، ސްޕްރީމް ކޯޓުގެ 2013/SC-SJ/12 ޤަޟިއްޔާގައިވާ ގޮތުގެ މަތީން، 2013 ނޮވެމްބަރ 16 ވަނަ ދުވަހުގައެވެ. ރައީސްކަމުގެ ހުވާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ކުރައްވާފައިވަނީ، 2013 ނޮވެމްބަރ 11 ވަނަ ދުވަހުގެ 6 ދުވަސް ފަހުން، 2013 ނޮވެމްބަރ 17 ވަނަ ދުވަހުގައެވެ. އެ މުއްދަތުގެ ތެރޭގައި، ސްޕްރީމް ކޯޓުގެ ލަފަޔާއެކު، ދައުރު ހަމަވެވަޑައިގެންނެވި ނަމަވެސް، ރައީސުލްޖުމްހޫރިޔާ ޑރ. މުޙައްމަދު ވަޙީދު ދެމިހުންނެވިއެވެ.

މުއްދަރުތަކާއި ތާރީޚުތަކަށް ޢަމަލު ކުރެވިފައި ހުރި މިންވަރު، އަމިއްލަޔަށް ވަޒަންކޮށްލައްވާށެވެ. މިއީ ވެސް ކަންބޮޑުވުންތަކެއް ކަމުގައި ހުރިހާ ފަރާތްތަކަކުން ވެސް ދެކިލައްވަން ޖެހެއެވެ. ކޮންމެހެނަކަސް، މާޒީގައި ކަމެއް ގޯސްކޮށް ހިނގާފައި އޮތުމަކީ، އެކަން އަލުން ތަކުރާރު ކުރާން އޮންނަ ޙުއްޖަތެއް ނޫނެވެ. އަދި ހަމަ އެހެންމެ، މިއަދު ޤައުމަށް ދިމާވެފައިވާ ޙާލަތަކީ، މާދަމާ އެކަމުން މިސާލު ނަގަން ޖެހޭ ކަމެއް ވެސް ނުމެނޫންމެއެވެ. ޤައުމުގެ ހުރިހާ އަފުރާދުންނާއި ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުމާ އެކު، މިކަމަށް ޙައްލެއް ހޯދަން ޖެހެއެވެ. ޤައުމީ މިސްރާބަކީ، ކުލަޔަކަށް ބެލުމެއް ނެތި އަމާޒުހިފާ އެއްޗަކަށް ހަދަންޖެހެއެވެ. ކަންކަމަށް ކަނޑައެޅިފައިވާ ތާރީޚުތަކަށް އެކަންކަން ނިންމުމަކީ، ޤައުމުގެ ހުރިހާ މުވާޠިނުން ވެސް ޔަޤީންކުރާ އަމާޒަކަށް ހަދަންޖެހެއެވެ.

No comments:

Post a Comment