Friday, October 7, 2016

#

އަދުލުއިންސާފު ޤާއިމްކުރުމުގެ ނިޒާމުގެ މުހިއްމުކަން

އިސްލާމްދީން އެ ދީނުގެ ޙިކްމަތްތަކާއި އެދީނުގެ މަޤްޞަދުތަކާއެކު އައިސްފައިވަނީ އިންސާނުން އިޞްލާޙު ކުރުމަށްޓަކައެވެ. އަދި މިބައިމީހުން އިޞްލާޙުކުރުމަށްޓަކައި އޮތް އެންމެ ބާރުގަދަ އަސާސަކީ އަދި އެންމެ އަސަރުހުރި ވަސީލަތަކީ މީސްތަކުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމުކުރުމެވެ. ހުރިހާ އިންސާނުންގެ ހިތްތަކުގައިވެސް އެމީހުންނާމެދު ޢަދުލުން އިންޞާފުން މުޢާމަލާތު ކުރެވޭކަމުގެ ޝުޢޫރު އިޙްސާސް ކުރެވިގެންނެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ.  فَإِن فَاءَتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا ۖ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ - ފަހެ އެއުރެން ރުޖޫޢަވެއްޖެނަމަ، ފަހެ، ޢަދްލުވެރިގޮތުން އެދެބައިމީހުންގެ ދެމެދު ޞުލްޙަ ކުރާށެވެ! އަދި ތިޔަބައިމީހުން ޢަދްލުވެރިވާށެވެ! ހަމަކަށަވަރުން، ޢަދްލުވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ".

ޤާޟީކަމުގެ ނިޒާމު ހަރުދަނާކުރުމަށާއި ޤާޟީން ތަމްރީނުކޮށް އުފެއްދުމަށާއި އަދި ދަޢުވާ ހުށަހެޅުމާއި ދަޢުވާ ބެލުމުގެއެންމެހައި އުޞޫލުތަކާއި އިޖްރާއާތުތައް އޭގެ އެންމެ ފުރިހަމަގޮތުގައި އެކަށައެޅުމަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއް އިސްލާމީ ޝަރީޢާގައި ދެއްވާފައި ވެއެވެ. ސަބަބަކީ މީސްތަކުންގެ ހިތްތައް ހަމަޖައްސައިދިނުމާއި އެމީހުންގެ ބަސްތަކާއި ޢަމަލުތަކުގެ ސަބަބުން އެކަކު އަނެކެއްގެ ހިތުގައި އުފެދޭ ރުޅިވެރިކަމާއި ޢަދާވާތްތެރިކަމާއި ދެކޮޅުވެރިކަން ފިލުވާލަދީ، އެމީހުންގެ ޢާއްމު ޙައްޤުތަކާއި ޚާއްޞަ ޙައްޤުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ހޯދައިދިނުމަކީ އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ. 

އިންސާނުންނަކީ ޠަބީޢީގޮތުން ބަލާއިރުވެސް ވަރަށް މަދަނީ އަދި އިޖްތިމާޢީ ބައެކެވެ. އެއްވެސް އިންސާނަކީ އެހެން މީހެއްގެ އެހީތެރިކަމަކާނުލައި އުޅެވޭނެ މީހެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ދުނިޔޭގެ ޠަބީޢަތަށް ބަލާއިރު އެއްވެސް މީހަކީ އެހެން އެއްވެސް މީހެއްގެ އެހީތެރިކަމާއި މަދަދުވެރިކަމާނުލައި އޭނާގެ ހުރިހާ މުހިއްމު ބޭނުންތައް ފުއްދައިގެން އުޅެވޭނެ މީހެއްނޫނެވެ. އޭނާގެ ޟަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އެހެންމީހުންގެ އެހީތެރިކަމާއި މަދަދުވެރިކަން ބޭނުންވާނެ މީހެކެވެ. އިންސާނުންނަކީ އެކަކު އަނެކަކަށް އެހީތެރިކަން ދީގެން އެހީތެރިކަން ލިބިގަނެގެން އުޅެންޖެހިފައިވާ ބަޔަކަށް ވާތީ ، އެމީހުންގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކާއި ދެބަސްވުންތައް އުފެދޭނެއެވެ. އަދި މިޚިޔާލު ތަފާތުވުންތަކާއި ދެބަސްވުންތަކުގެ ސަބަބުން މީސްތަކުންގެ ތެރޭގައި ޢަދާވާތްތެރިކަމާއި ބަޣާވާތްތެރިކަން އުފެދޭނެއެވެ. ދެކޮޅުވެރިކަމާއި ދެބަސްވުންތައްވެސް އުފެދޭނޭ މެއެވެ.

ޤާޟީކަމުގެ މުހިއްމުކަމާ ބޭނުންތެރިކަން ފާޅުވެ ފާހަގަވަނީ މިހިސާބުންނެވެ. އެހެނީ މީސްތަކުންގެ ތެރޭގައި ޖެހޭ މައްސަލަތައް ޢަދްލުވެރިކަމާއެކު ޙައްލުކޮށްދޭ، އެމީހުންގެ ޙައްޤުތައް އިންޞާފުވެރިކަމާއެކު ހޯދައިދޭ އަދި އެމީހުންގެ ތެރޭގައި ޞުލްޙަ މަސަލަސްކަން ޤާއިމުކޮށްދޭ އެންމެ ބާރުގަދަ ވަސީލަތަކީ ޤާޟީކަމެވެ. އެހެންކަމުން މީސްތަކުންގެ މެދުގައި ދިމާވާ ހަމަނުޖެހުންތަކާއި އަރާރުންވުންތައް ޙައްލުކޮށްދިނުމަށްޓަކައި އިމާމު ނަވަވީގެފާނު ވިދާޅުވާފަދައިން ޤާޟީއަކު ބޭނުންވެއެވެ.

ޤަޟާއަކީ ނުވަތަ ޤާޟީކަމަކީ އިސްލާމީ އުންމަތް ޢިމާރާތްކޮށް އާރާސްތުކޮށްދޭ އެންމެ ވަރުގަދަ އެއްވަސީލަތެވެ. އެއުއްމަތް ބައިބައިވިޔަނުދީ އެކުވެރިކަމާއި އެއްބައިވަންތަކަންމަތީ ބިނާކުރަނިވި، ގޮތެއްގައި ދަމަހައްޓައިދޭ އަސާސެވެ. ކޮންމެ ޙައްޤެއްވެސް އެޙައްޤުގެ ވެރިޔާއަށް ލިއްބައިދިނުމާއި، އަނިޔާވެރިންނާއި ކުށްވެރިންނަށް، އެކަށީގެންވާ ޢުޤޫބާތްތައް ދިނުމާއި މުޖްތަމަޢުގެ ޢާއްމު އިޖްތިމާޢީ ނިޒާމް ބަލަހައްޓާ ދަމަހައްޓައިދޭ އަސަރުހުރި ވަސީލަތެވެ. 

ޤާޟީކަމަކީ އެންމެ މަތިވެރި މަޤާމުތަކުގެ ތެރެއިން މަޤާމެކެވެ. އެކަމަކީ ސަމާވީ ހުރިހާ ޝަރީޢަތްތަކެއްގައިވެސް ޤަދަރުވެރި ކަމެކެވެ. އަދި ކީއްހެއްޔެވެ؟ ޤާޟީކަމަކީ ނަބީބޭކަލުންނާއި ރަސޫލުބޭކަލުން އަދާކުރައްވާފައިވާ މަޤާމެކެވެ. ކޮންމެ ނަބީބޭކަލަކީވެސް އަދި ކޮންމެ ރަސޫލުބޭކަލަކީވެސް އެބޭކަލެއްގެ ޒާތުގައި ޤާޟީއެކެވެ. އަދި ކީރިތި ރަސޫލާއާއި އެކަލޭގެފާނުންގެ މާތް ޚަލީފާއިންވެސް އަދާކުރައްވާފައިވާ މާތް އަދި މަތިވެރި މަޤާމެކެވެ. މިކަން ބަޔާންކުރައްވައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. " إِنَّا أَنزَلْنَا التَّوْرَ‌اةَ فِيهَا هُدًى وَنُورٌ‌ ۚ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُوا لِلَّذِينَ هَادُوا وَالرَّ‌بَّانِيُّونَ وَالْأَحْبَارُ‌ بِمَا اسْتُحْفِظُوا مِن كِتَابِ اللَّـهِ وَكَانُوا عَلَيْهِ شُهَدَاءَ ۚ فَلَا تَخْشَوُا النَّاسَ وَاخْشَوْنِ وَلَا تَشْتَرُ‌وا بِآيَاتِي ثَمَنًا قَلِيلًا ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الْكَافِرُ‌ونَ - ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތައުރާތު ބާވާލެއްވީމެވެ. އޭގައި ތެދުމަގާއި، އަލިކަން ވެއެވެ. ކިޔަމަންތެރިވެގެން ތިއްބެވި ނަބިއްޔުންނާއި، ރައްބާނީން (އެބަހީ: ޔަހޫދީންގެ އަޅުވެރިން) ނާއި ޔަހުދީންގެ ޢިލްމުވެރިން، އެފޮތުން ޔަހޫދީންގެ މައްޗަށް ޙުކުމްކުރައްވަތެވެ. (އެއީ) ﷲގެ ފޮތް ރައްކާތެރި ކުރުމުގެ އަމާނާތް އެއުރެންނާ މަތިކުރައްވާފައި ވުމުގެ ސަބަބުންނެވެ. އަދި އެއުރެންނީ، އެފޮތުގެ މައްޗަށް ތިބި ހެކިވެރިންނެވެ. ފަހެ، ތިޔަބައިމީހުން މީސްތަކުންދެކެ ބިރުނުގަންނާށެވެ! ތިމަންރަސްކަލާނގެއަށް ބިރުގަންނާށެވެ! އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ކުޑައަގެއް ތިޔަބައިމީހުން ނުހިފާށެވެ! ﷲ ބާވާލެއްވި ޙުކުމުން ޙުކުމް ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ ކާފިރުންނެވެ." 

ޙަނަފީ މަޒްހަބުގެ ޢިލްމުވެރިއެއް ކަމުގައިވާ އަލްއިމާމު އައްސަރަޚްސީ މިއާޔަތް ލިއުއްވާފައި ވިދާޅުވެފައި ވެއެވެ. ޢަދްލުވެރިކަމާއެކު ޙައްޤަށް ޙުކުމްކުރުމަކީ އިސްލާމްދީނުގައި އަދާކުރަންޖެހޭ އެންމެބޮޑު އެއް ފަރުޟެވެ. އަދި އެއީ މާތްﷲ އަށް އީމާންވެ އެކަލާނގެ އެއްކައުވަންތަކަމާއި އެކަލާނގެ ކުޅަދުންވަންތަކަން ޤަބޫލުކުރުމަށްފަހު ދެން އޮތް އެންމެ މާތް އެންމެ މަތިވެރި އަޅުކަންވެސް މެއެވެ. އެހެނީ ކޮންމެ ނަބީބޭކަލަކަށްވެސް މިމަޤާމު ދެއްވާފައި ވެއެވެ. މިމަޤާމުގެ މާތްކަމާއި މަތިވެރިކަމަށްޓަކައެވެ.

ސަބަބަކީ ޤާޟީކަމަކީ ޙައްޤާއި ބާޠިލު ވަކިކޮށްދޭ ތަރާދެވެ. އަނިޔާވެރިކަމާއި ޢަދުލުވެރިކަން ކިރައިދޭ މީޒާނެވެ. ޢަދާވާތްތެރިކަމާއި ބަޣާވާތްތެރިކަން އަދި ފިތުނަވެރިކަމާއި ދެކޮޅުވެރިކަން ފައިޞަލާކޮށްދޭ ޙާކިމެވެ. ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗެއް އެއެއްޗެއްގެ މައްޗަށް ބަރޯސާކުރެވޭ ޢަދްލު އިންޞާފު ޤާއިމުކޮށްދޭ ތަޅުދަނޑިއެވެ. އެހެންކަމުން ޢިލްމުވެރިންނާއި ފިޤުހުވެރިން ،އިމާމުންނާއި މުޖްތަހިދުން ދެކެވަޑައިގަންވާގޮތުގައި ޤާޟީކަމުގެ ޢިލްމަކީ ޢިލްމުގެ ތެރެއިން އެންމެ މަތިވެރި އަދި އެންމެ ޤަދަރުވެރި ޢިލްމެވެ. މަޤާމުގެ ގޮތުންނާއި މަކާނަތުގެ ގޮތުން އެންމެ ޢިއްޒަތްތެރި މަޤާމެވެ. ކަމުވޮށިކަމުގެ ގޮތުންނާއި ޝަރަފުވެރިކަމުގެ ގޮތުން އެންމެ ފާހަގަކޮށްލެވޭ ހަނދާނެވެ. މީސްތަކުންގެ ޙައްޤުތަކާއި ނަފްސުތައް ރައްކާތެރިކޮށްދޭ އަނިޔާވެރިކަމާއި ޢަދާވާތްތެރިކަން ޙިމާޔަތްކޮށް ދިފާޢުކޮށްދޭ، އަދި ޙައްޤާއި ބާޠިލު ވަކިކޮށްދޭ ، ޙަލާލު ޙަރާމް ބަޔާންކޮށްދޭ ނަބީބޭކަލުންނާއި ރަސޫލްބޭކަލުންގެ ވަޒީފާއެވެ.

މާތްﷲގެ ހުރިހާ ޙުކުމްފުޅުތަކެއްގެ މައިގަނޑު މަޤްޞަދަކީ އިންސާނިއްޔަތު އިޞްލާޙުކުރެއްވުމެވެ. އިންސާނިއްޔަތު އިޞްލާޙުކުރުވާ އެންމެ ބާރުގަދަ ވަސީލަތަކީ މީސްތަކުންގެ މެދުގައި ހަމަހަމަކަމާއި ޢަދްލުވެރިކަން ޤާއިމުކުރުމެވެ. އަދި މީސްތަކުންގެ ތެރޭގައި ޢަދުލުވެރިކަން ޤާއިމުކޮށްދޭ އެންމެ ވަރުގަދަ އަސާސަކީ ޤާޟީކަމެވެ. 

ޓިއުނީޝިޔާގެ މުފްތީ އަލްއިމާމް އިބްނި ޢާޝޫރު ވިދާޅުވެފައިވެއެވެ. މާތްﷲގެ ހުރިހާ ޙުކުމްފުޅުތަކުން އިސްތިންބާޠުކުރެވޭ މައިގަނޑު ބޮޑު ކުއްލީ ސުރުޚީއަކީ މީސްތަކުންގެ މެދުގައި އަމަން އަމާންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމުކޮށް ފިތުނަ ފަސާދަ ނައްތާލުމެވެ.

1 comment:

  1. ފަހުން ރަގަޅުވާނެAugust 25, 2019 at 7:40 AM

    ތިޔަ ނިޒާމުގެ މުހިންމުކަން ނޭގިގެން ބަޔަކު ނޫޅޭ. ތޔަޒާމަކީވެސް ސިޔާސީ މަގާމަކަށް ހަދާތީ މައްސަލައަކީ

    ReplyDelete