Wednesday, September 28, 2016
ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނަކީ ކޮބާ؟
ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނަކީ، ބައިނަލް އަޤްވާމީ ޢާއްމު ޤާނޫނުގެ ވައްތަރެކެވެ. މިޤާނޫނު ބިނާވެފައިވަނީ ހަނގުރާމައިގެ ހާލަތުގައި ދެކޮޅުވެރިކަން އުފެދިފައިވާ ފަރާތްތަކުގެ ދެކޮޅުވެރިކަން ނައްތާލައި އިންސާނީ ނަފްސުތައް ހިމާޔަތްކުރުމުގެ މައްޗަށެވެ. ހަނގުރާމައިގައި ބައިވެރިވެފައިވާ ފަރާތްތަކާއި، ހަނގުރާމައިގައި ބައިވެރިވެފައިނުވާ ފަރާތްތައް މިޤާނޫނުން އިސްތިސްނާވެގެންނުވެއެވެ. މިޤާނޫނުން ހަނގުރާމައިގައި ބައިވެރިވެފައި ނުވާ ފަރާތްތައް ހައްޔަރުކުރުންވަނީ މަނާކުރެވިފައެވެ.
މިޤާނޫނުގެ ޙުކުމްތައް ނެގިފައިވަނީ، އިންސާނީ ޝުޢޫރުންނެވެ. މިއެއްބަސްވުންތަކުގެ ބޭނުމަކީ ބައިނަލް އަޤްވާމީ އަދި ބައިނަލްއަޤްވާމީނޫން ހަތިޔާރުއެޅި ކޯޅުންތަކުގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ވޭންތައް ލުއިކޮށްދިނުމެވެ. އެއީ ޒަހަމްވާމީހުން ކަމުގައިވިޔަސް، ނުވަތަ ބަލިމީހުންކަމުގައިވިޔަސް، ނުވަތަ ކަނޑުމަތީގައި ހާލުގައިޖެހޭ މީހުންކަމުގައިވިޔަސް، ނުވަތަ ހަނގުރާމައިގެ އަސީރުން ކަމުގައިވިޔަސް، ނުވަތަ މަދަނީންކަމުގައިވިޔަސްމެއެވެ.
މިއެއްބަސްވުންތަކާއި، އިސްލާމީޝަރީޢަތުގެ ޙުކުމްތަކުގައި އިންސާނީ ޤަވާއިދުތައް އެކުލެވިގެންވާގޮތައް ބަލާލައި، އަޅާކިޔާލެވޭނެއެވެ. އެހެންކަމުން އެއްބަސްވުންތަކާއި އިސްލާމީ ޝަރީޢަތާއި ދެމެދުގައިހުރި ގުޅުން ބަޔާންކޮށްދީ، މީގެތެރެއިން ގިނަ ޙައްޤުތަކަކީ، މިޝަރީޢަތުގައި ހިމެނިފައިވާ ޙައްޤުތަކެއްކަން ފާހަނގަކޮށްލަން ޖެހެއެވެ.
މިއެއްބަސްވުންތަކަށް އިޚްތިރާމްކުރުމަކީ މުސްލިމުންގެ ގޮތުން ބަލާއިރު، އިސްލާމީ އަޤީދާއިން އުފެދިގެން އަންނަ ޝަރުޢީ ވާޖިބެކެވެ. އަދި އެއީ ބައިނަލްއަޤްވާމީއާއި، ބައިނަލްއަޤްވާމީ ނޫން ހަތިޔާރުއެޅި ކޯޅުންތަކުގައި އުފުލަންޖެހޭ ޒިންމާތަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭ ހިތުމުން އުފެދިގެން އަންނަ އަޙްލާޤީ ވާޖިބެކެވެ.
މާތްﷲ ވަޙީ ބަސްފުޅުގައިވަނީ وَالَّذِينَ يَنْقُضُونَ عَهْدَ اللَّهِ مِنْ بَعْدِ مِيثَاقِهِ وَيَقْطَعُونَ مَا أَمَرَ اللَّهُ بِهِ أَنْ يُوصَلَ وَيُفْسِدُونَ فِي الْأَرْضِ أُولَئِكَ لَهُمُ اللَّعْنَةُ وَلَهُمْ سُوءُ الدَّارِ މާނައީ؛ އަދި ތަޞްދީޤްކުރެވިގެން ވުމަށްފަހު، ﷲ، ހިއްޕަވާފައިވާ ޢަހުދާއި ޚިލާފުވެ، ﷲ، ގުޅިގެންވުމަށް އަމުރުކުރައްވާފައިވާހައިކަމެއް، ވަކިކޮށް، ރަށުތެރޭގައި، ފަސާދަވެރިކަން އުފައްދައި އުޅޭމީހުން، (ދަނެއު!) އެމީހުންނަކީ، އެމީހުންގެ މައްޗަށް ލަޢުނަތް ހުރި މީހުންނެވެ! އަދި، އެމީހުންނަށް (އާޚިރަތުގައި) ލިބެނިވި ގޮވަތީގެ ނުބައިކަން ބޮޑުވެގެންވެއެވެ.
އަދި ކީރިތިރަސޫލާގެ ހަދީޘްފުޅުގައިވަނީ " އެމީހެއްގެ ކިބައިގައި އަމާނަތްތެރިކަން ނެތްމީހާގެ އީމާންތެރިކަމެއްނެތެވެ. އަދި އެމީހެއްގެ ކިބައިގައި ޢަހްދަށް ކަމޭހިތުންނެތް މީހެއްގެ ދީނެއް ނެތެވެ."
ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނު ވުޖޫދަށް އައުން؛
މިޙަރަކާތް އުފެދުނީ 1859 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިޓަލީގެ އުތުރުގައި އޮންނަ ކަސްޓީލިއޯނޭ ކިޔާ ޞަރަޙައްދެއްގެ ކައިރީގައި، ފަރަންސޭސި ވިލާތާއި އޮސްޓްރިއާގެ ސިފައިންނާއި ދެމެދުގައި ހިނގައިދިޔަ، ސަލްފަރީނޯ ހަނގުރާމައިގެ މައިދާނުންނެވެ. ސްވިޒަރލޭންޑުގެ ރައްޔިތެއްކަމަށްވާ ހެންރީ ޑޯނާން މިހަނގުރާމައިގެ ކަންތައްތައް ދެކެފައިވާ ފަރާތެއްކަމުން، އެހަނގުރާމައިގެ ހަރުކަށިކަމާއި ނުބައިކަމާއި، ޒަޙަމްތަކުގައި މަރުވާ މީހުންނާއި، އިންސާނީ އެހީތެރިކަން ބޭނުންވެފައިވާ މީހުންނާއި، މިފަދަ މަންޒަރުތައް ފެނިފައިވާތީ، އޭނާގެ ހިތަށް އޯގާތެރިކަން ވަދެ، އެހީތެރިކަން ފޯރުކޮށްދިނެވެ. މިކަންތައްތަކަށް ރިއާޔަތްކޮށް އޭނާ ލިޔުއްވި ފޮތް "ސަލްފަރީނޯގެ ހަނދާނެއް" ކިޔާ ފޮތުގައި ނިންމާލަމުން ލިޔުއްވާފައިވަނީ ބައިނަލްއަޤްވާމީ އިންތިޒާމެއްގެ ތެރެއިން، ހަނގުރާމައިގައި ޒަހަމްވާ ފަރާތްތަކާއި، މެޑިކަލް އެހީތެރިކަމާއި، މެޑިކަލް ޚިދުމަތްފޯރުކޮށްދޭ ފަރުދުން ޙިމާޔަތްކުރުމަށް، ވަޠަނީ ޖަމްޢިއްޔާތަކެއް އުފެއްދުމުގެ ޚިޔާލުދީފައިވެއެވެ.
މިޙިޔާލު ޙަޤީޤަތަކަށް ހަދައިދިނީ، ހަނގުރާމައިގައި ޒަހަމުވާ މީހުންނަށް ފަރުވާދިނުމަށްޓަކައި އުފެއްދުނު ބައިނަލްއަޤްވަމީ ކޮމެޓީއެކެވެ. 1880ވަނަ އަހަރުން ފެށިގެން އުފެދުނު އިންޓަރނޭޝަނަލް ކޮމެޓީ އޮފް ދަ ރެޑް ކްރޮސް ގެ ނަމުގައެވެ. މިކަމުގެ ސަބަބުން 1949ވަނަ އަހަރު ޖެެނީވާ ކޮންވެންޝަން އުފެދި، ކޮންވެންޝަނަށް އިތުރުކުރެވުނު ޕްރޮޓޮކޯލްތައް ހިމެނެވެ. މިޤާނޫނުގައި 600 އެއްހާ މާއްދާ އެކުލެވިގެންވެއެވެ. ދަހޭގް ޤާނޫނާއި ޚިލާފަށް ޖެނީވާ ޤާނޫނުގެ ހުރިހާ މާއްދާއެއް ތައްޔާރުކުރެވިފައިވަނީ، ހަމައެކަނި ހަނގުރާމައިގެ ޝިކާރައަށް ވެފައިވާ ފަރާތްތަކުގެ ޙައްޤުގައެވެ. މިއިން އެއްވެސް މާއްދާއެއްގައި އަފުރާދުންނާ ދެކޮޅަށް، ޤައުމުތަކަށް، ޙައްޤުތަކެއް ދީފައެއް ނުވެއެވެ.
ދަ ހޭގް ޤާނޫނު އަމާޒުކުރެވެނީ ހަނގުރާމައިގެ ޤާނޫނު އަމާޒުކުރަނީ، އޮޕަރޭޝަންތައް ހިންގުމުގައި ހަނގުރާމަވެރިންގެ ޙައްޤުތަކާއި އެމީހުންގެ ވާޖިބުތައް ކަނޑައަޅައި ބަޔާންކޮށްދިނުމަށާއި، ގެއްލުންދިނުމުގެ ވަސީލަތްތައް އިޚްތިޔާރުކުރުމުގެ ޤައިދުތަކަށެވެ. މިޤާނޫނު އެކުލެވިގެންވަނީ 1899ވަނަ އަހަރު އެކުލަވާލެވި، 1907ވަނަ އަހަރު ތަންޤީޙުކުރެވުނު ދަހޭގް އެއްބަސްވުންތަކުގެ މައްޗަށެވެ.
މަދަނީންނަކީ ކޮބާ؟
ޖެނީވާ ކޮންވެންޝަންގައި ބަޔާން ކޮށްފައިވާ ގޮތުން މަދަނީންނަކީ ބައިނަލްއަޤްވާމީ ހަނގުރާމަތައް ހިނގާ ޙާލަތުގައި، ހަނގުރާމައިގެ ހަތިޔާރު އެޅި ސިފައިންގެ ތެރޭގައި ނުހިމެނޭ ކޮންމެ ފަރުދެކެވެ. އަދި މީގެތެރޭގައި އެއްވެސްމީހަކީ އާއްމު ފަރުދެއްކަމަށް ޝައްކު އުފެދޭ ކޮންމެ މީހަކާ ދޭތެރޭ އަމަލުކުރެވޭނީވެސް މަދަނީ އެއްގެ ގޮތުގައެވެ. އެހެން ކަމުން މިބައިގައި ހިމެނޭ އެންމެން ބެލެވޭނީ މަދަނީ އާބާދީއެއްގެ ގޮތުގައެވެ.
ބައިނަލްއަޤްވާމީނޫން ހަނގުރާމައިގެ ޙާލަތުގައި، މަދަނީންގެ ކެޓަގަރީތައް އެކުލެވިގެންވަނީ، ހަނގުރާމައިގެ ޢަމަލުތަކުގައި ސީދާސިފައެއްގައި ބައިވެރިނުވާ މަދަނީ ޝަޚްޞުންނާއި، ޢަސްކަރީ ޢަމަލުތަކުގެ ނުރައްކާތަކުގެ އަސަރުފޯރާ މަދަނީ އާބާދީތައްހިމެނެއެވެ.
މަދަނީން ހިމާޔަތް ކުރުމުގައި ޖެނީވާ ކޮންވެންޝަންއާއި އެހެނިހެން ޤާނޫނުތަކުގެ ދައުރު:
“In no other area is our collective failure to ensure effective protection for civilians more apparent…than in terms of the masses of women and girls, but also boys and men, whose lives are destroyed each year by sexual violence perpetrated in conflict.”
– United Nations Secretary-General, Ban Ki-moon, 2007.
1949ވަނަ އަހަރުގެ އޮގަސްޓް 12ވަނަ ދުވަހު ސޮއިކުރެވުނު 4 ވަނަ ޖެނީވާ އެއްބަސްވުމާއި، 1977ވަނަ އަހަރާއި 2005 ވަނަ އަހަރު، އެއްބަސްވުންތަކަށް އިތުރުކުރެވުނު ޕްރޮޓޮކޯލުތަކުގައި މަދަނީންއާއި މަދަނީ އާބާދީތައް، އަދި އެމީހުންގެ މުދާތައް ހިމާޔަތްކުރުމަށް ބާރުއަޅުއްވާފައިވެއެވެ.
1949ވަނަ އަހަރުގެ 4 ވަނަ ޖެނީވާ އެއްބަސްވުމުގެ 3 ވަނަ މާއްދާއާއި، 1977ވަނަ އަހަރުގެ ދެވަނަ ޕްރޮޓޮކޯލްގައި، ބައިނަލްއަޤްވާމީ ނޫން ހަތިޔާރުއެޅި ކޯޅުންތަކުގެ ޙާލަތްތަކުގައި، މަދަނީންގެ ޢާއްމު ޙިމާޔަތުގެ ޤަވާއިދުތައް ހިމަނާފައިވެއެވެ. ހަނގުރާމައިގެ ނުރައްކާތަކުން، ވަކިން ޚާއްޞަކޮށް، މަދަނީ އާބާދީތައް، ޙަމަލާގެ އަމާޒަކަށް ހެދުމަކީ، މަނާކަމެކެވެ. އަދި ހަނގުރާމައިގެ އުސްލޫބެއްގެ ގޮތުން، މަދަނީންނާއިމެދު ހަރުކަށިކޮށް މުއާމަލާތްކުރުމާއި، އެމީހުންގެ މެދުގައި ބިރުވެރިކަން ފެތުރުމަށް އަމާޒުކޮށް އިންޛާރުތައް ދިނުމާއި، ބަނޑުހައިހޫނުކަންމަތީ ބޭތިއްބުވުމަކީ މަނާކަމެކެވެ. އެހެންކަމުން މިފަދަ ހުރިހާ ކަމަކުން އެމީހުން ޙިމާޔަތްކޮށް ރައްކާތެރިކޮށްދޭން ޖެހޭނެއެވެ.
ޖެނީވާ ކޮންވެންޝަންގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ހަނގުރާމައިގެ ޙާލަތުގައި ނުވަތަ އަޅުވެތިކަމުގެ ޙާލަތުގައި ނުވަތަ މިފަދަ ކޮންމެ ޙާލަތެއްގައިވެސް ހަނގުރާމައިގެ ބާރުގެ ދަށުގައިވާ ދައުލަތުގެ ރައްޔިތެއް ފިޔަވައި ކޮންމެ މީހެއް އެއީ ހިމާޔަތް ކުރެވިފައިވާ މަދަނީއަކަށް ބެލެވޭނެއެވެ. އަދި ހަމަ މިކޮންވެންޝަންގެ 70ވަނަ މާއްދާގައި އަޅުވެތިކުރާ ދައުލަތުގެ ރައްޔިތުންގެތެރެއިން އަޅުވެތިކުރެވޭ ދައުލަތައް އެދައުލަތް އަޅުވެތިކުރުމުގެ ކުރިން އައިސްފައިވާ ފަރާތްތައް ބެލެވޭނީ ހިމާޔަތްކުރެވިފައިވާ މަދަނީންގެ ތެރޭގައެވެ. ނޫސްވެރިކަމުގެ ވަޒީފާއަދާކުރަމުންދާ ނޫސްވެރިން އެމީހުންގެ އަމިއްލަ ހައިސިއްޔަތުން، ހަނގުރާމަ ހިނގާ ސަރަޙައްދުގައި މަސައްކަތްކުރާނަމަ އެމީހުންނަކީވެސް ހިމާޔަތް ލިބިގެންވާ މަދަނީއެއްކަމަށް ޖެނީވާ އެއްބަސްވުމުގެ ފުރަތަމަ ޕްރޮޓޮކޯލްގެ 79ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
އިސްލާމީ ޝަރީޢަތުގައި މަދަނީން ޙިމާޔަތްކުރުމުގެ ދައުރު:
އިސްލާމީ މިންގަނޑުންބަލާއިރު މަދަނީން ހިމާޔަތްކުރުމަށް ބާރުއަޅާއި މިންވަރު ކީރިތި ގުރުޢާނާއި މާތްރަސޫލާގެ ހަދީޘްފުޅުތަކުން ހާމަވެގެން ދެއެވެ. މިގޮތުން މާތްﷲގެ ވަޙީބަސްފުޅުގައިވެއެވެ. وَقَاتِلُوا فِي سَبِيلِ اللَّهِ الَّذِينَ يُقَاتِلُونَكُمْ وَلَا تَعْتَدُوا إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ މާނައީ؛ "ތިޔަބައިމީހުންނާއި ހަނގުރާމަކޮށް އުޅޭމީހުންނާއި، މާތްﷲގެ މަގުގައި، ތިޔަބައިމީހުން ހަނގުރާމަކުރާށެވެ. އަދި އެކަމުގައި، ތިޔަބައިމީހުން އިސްވެ ޢަދާވަތްތެރިވެ، ހަނގުރާމަ ފަށާބަޔަކުކަމުގައި ނުވާށެވެ! ހަމަކަށަވަރުން ޢަދާވާތްތެރިވާ މީހުންދެކެ މާތްﷲ ލޯބިވެ ވޮޑިގެންނުވެއެވެ."
މިއުއްމަތުގެ މާތް ނަބިއްޔާ محمد صلى الله عليه وسلم އެކަލޭގެފާނުގެ އުއްމަތަށް ވަޞިއްޔަތްކުރައްވާ އަންގަވާފައިވެއެވެ. "ތިޔަބައިމީހުން މާތްﷲގެ އިސްމުފުޅުގެ ބަރަކާތާއި، ﷲގެ ރަސޫލާގެ ބަރަކާތާއިއެކު ކުރިއަށް ދާށެވެ. އުމުރުން ދުވަސްވެފައިވާ މުސްކުޅިއެއް، ކުޑަކުއްޖެއް، އަންހެނެއް ނުމަރާހުށިކަމެވެ. އަދި ތިޔަބައިމީހުން ހައްދުފަހަނައަޅައި ނުދާށެވެ. އަދި ތިޔަބައިމީހުންގެ ޣަނީމާތައް ބަހައްޓައި، ތިޔަބައިމީހުންގެ މެދުގައި ޞުލްޙަވާށެވެ. އަދި އިޚްސާންތެރިވާށެވެ. ހަމަކަށަވަރުން ހެޔޮކޮށް ކަންތައްކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ."
2010 ވަނަ އަހަރު ހަނގުރާމަތަކުގައި ތާށިވެފައިވާ މަދަނީންގެ ތަފާސް ހިސާބުތައް:
2010 ވަނަ އަހަރު ހިނގި ގިނަ ހަނގުރާމަތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އާއްމު މަދަނީންނަށްކަން މަތީގައިވާ ތަފްސީލުން ހާމަވެގެންދެއެވެ. މިދިޔަ އަހަރުތެރޭގައި ކުށެއްނެތް އެތައްމަދަނީންއެއް ވަނީ ދުނިޔެ ދޫކޮށްފައެވެ. މިހަނގުރާމަތަކުގައި އެންމެ ބޮޑަށް ގެއްލުންލިބުނު ޤައުމުތަކަކީ އަފްޣާނިސްތާން، ޕާކިސްތާން، އިރާޤު، ސޯމާލިއާ އަދި ސޫދާންއެވެ. ހަމައެއާއެކު، ކޮލަމްބިއާގެ ސަރުކާރު ސިފައިނާއި އެޤައުމުގެ ހަތިޔާރުއެޅި ޑްރަގް ވިޔަފާރިކުރާ ޖަމާއަތްތަކާއި ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި، އަދި އިރާޤުގެ ދާޚިލީ ހަމަނުޖެހުންތަކުގައިވެސް ގިނަ އަދަދެއްގެ އާންމު ފަރުދުން ވަނީ ހަނގުރާމަހިނގާ އަވަށްތައް ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ހިޖުރަކޮށްފައިކަން ފާހަނގަ ކޮށްލެވެއެވެ.
މަދަނީން ހިމާޔަތްކުރަމަށްޓަކައި ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކުން ކުރާމަސައްކަތް؛
ބައިނަލްއަޤްވާމީ މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ އޮކްސްފާމްގެ ރިޕޯޓުގައި ފާހަނގަކޮށްފައިވާ ގޮތުގައި މަދަނީންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަކީ އެބައިމީހުންނަށް ލިބިފައިވާ ގެއްލުންތައް ކުޑަކުރުމާއި، އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން ހަނގުރާމައިގައި މަދަނީންނަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި އަނިޔާވެރިކަމާއި، ލާއިންސާނީ އަދަބުތައް ކުޑަކުރުމާއި، އާޚިރުގައި މިފަދަ ޢަމަލުތައް ނައްތާލުމުގެ ގޮތުން ކުރެވެން ހުރިމަސައްކަތްތައްކުރުމެވެ. އެހެންކަމުން މަދަނީން ހިމާޔަތްކުރުމުގެ ގޮތުން ބާރުގެބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ބާރުގެ ބޭނުންކުރަންޖެހޭނީ ސިޔާސީގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި، އިޤްތިޞާދީގޮތުން ކޮންހާލަތެއްގައި، ކޮންވަގުތެއްގައި، ކޮންގޮތަކަށްކަން ވަޒަންކުރުމަށް ފަހުގައެވެ.
މިޒަމާނަށް ބަލާއިރު މަދަނީން ހިމާޔަތް ކުރެވޭ ގޮތްތައް؛
1- މަދަނީންގެ ފުރާނަ ސަލާމަތްކޮށްދިނުމާއި ހިމާޔަތްކޮށްދިނުމުގެ ގޮތުން ދެވޭ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން.
2- ޑިޕޮލޮމެޓިންގޮތުން ދެފަރާތް ވާހަކަދައްކައިގެ ކަންކަން ހައްލުކުރުން.
3- މަދަނީން ހިމާޔަތްކުރުމަށް ޑިޕޮލޮމެޓިކް ގޮތުން ވާހަކަދައްކައިގެން ހައްލެއް ނުގެނެވުނުނަމަ އެފަރާތަކާއިމެދު އަސްކަރީ ގޮތުން ފިޔަވަޅުއެޅުން.
4- އިންސާނީ ޙައްޤުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ނައްތާލުމުގެ ގޮތުން ބަނޑުހައިހޫނުކަމާއި، ބަލިމަޑުކަމާއި، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުން.
5- ހަތިޔާރު ގަނެވިއްކުމާއި، މިފަދަތަކެތިން ލިބޭ ގެއްލުންތައް ކުޑަކުރުން.
އެހެންކަމުން ހަނގުރާމައިގެ ޝިކާރައަކަށް ވެފައިވާ މަދަނީންގެ އާބާދީތައް ހިމާޔަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ އެތައް ޖަމްއިއްޔާއެއް ބައިވެރިވެގެން މިކަންތައްތައް ދަނީ މަދުކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަމުންނެވެ. ރެޑްކޮރޮސް އެންޑް ރެޑް ކޮރެސެންޓް އާއި އޮކްސްފާމް ފަދަ މަދަނީ ޖަމްއިއްޔާތައް މިއީ އެކަމުގެ ހެއްކެކެވެ. މިފަދަ ޖަމްއިއްޔާތަކުގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި މިޖަމްއިއްޔާތަކުގެ އިދާރާތައް ޤާއިމުކުރަމުންދެއެވެ. މަދަނީންގެ ހައްޤުތަކާއި އިންސާނީ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން މިޖަމްއިއްޔާތަކުގެ އެހީތެރިކަމާއި، އެއްބާރުލުން ނުލިބޭކަމަށް ވާނަމަ ދެކޮޅުވެރިކަމުގެ ހާލަތަގައި ގެއްލުންވާނެ ބަޔަކީ އަޅުގަނޑުމެން ފަދަ ނިކަމެތި ކުށެއްނެތް މަދަނީންނެވެ. އަޅުގަނޑުއެދެނީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާއަކަށް ހައްދައިގެން މިކަމުގައި އެއްބާރުލުން ދެއްވުމެވެ.
މަމީ ޝިހާދު
ތިހުއްޓު މަފޮޓޯއާ. ކަންނެ ބޮންނެ މަކެރެނެ މަސައްކަދާއްކޫ ރާވޭ ސިމެންތިޖެހުމާ. މާއްކޫ ޤާނޫނީ ވަކީލެކެ އަދި ލެޔެނާ މީހެކެ. މީގެ އިތިއްރެޓެ ކަމެކެ ސާފުކޮށްލެންނެ ބޭނުންފެހޭ ފޭސްބުކުން މެސެޖެކެ ކޮށްލަ، އެވޭލެ އައިކެ ޖަވާބެ ދެންނިން
ޤާނޫނު
Labels:
ދީނާއި ދުނިޔެ,
ޤާނޫނު
Subscribe to:
Post Comments (Atom)
No comments:
Post a Comment