ގަހުގެ އޮފިގަނޑުގައި ތޫނު ކަށިތަކާއި ފަތްތަކުގުގެ ހިމާޔަތުގައި ވަރުގަދަ ކަމާއެކު އިން ފިނިފެންމާ ތިބާއަށް ކަމުދޭހެއްޔެވެ؟ އެފިނިފެންމާ ތިބާއަށް ސިފަވަނީ ކިހިނެއްހެއްޔެވެ؟ އަގެއްނެތް ދެރަ އެއްޗެއްގެ ގޮތުގައި ހެއްޔެވެ؟ ނަމެއްނެތް ޖާހެއްނެތް އެއްޗެއްގެ ގޮތުގައި ހެއްޔެވެ؟ އޭގެ އަގު ކަނޑައެޅި އޭގެ ހަޤީޤީ ރީތިކަން ތިބާއަށް ނުފެނިވާތީ ހެއްޔެވެ؟ އެމަލުގެ ވަސް ކައިރިވާ ކޮންމެ މީހަކަށްމެ ނުފޯރާތީހެއްޔެވެ؟ ތިބާއަށް އެމަލަށްވުރެ މީސްތަކުންގެ ދަހިވެތި ނަޒަރުން ސަލާމަތް ނުވެ ނީލަމުގައި އޮތް ފިނިފެންމާ ކަމުދިޔައީ ހެއްޔެވެ؟ ގަހުގެ ހިމާޔަތުގައި އިން ފިނިފެންމާ އިޚްތިޔާރު ނުކުރީ ކީއްވެ ހެއްޔެވެ؟ އިސްްލާމީ މުޖްތަަޢުގައި އަންހެނާ ވާން ޖެހެނީ ގަހުގައި އިންް ފިނިފެންމާ ފަދައިންނެވެ. ގަހުގެ އޮފިގަނޑު އެއީ އެކަމަނާގެ ގެއެވެ. އެގެއެއްގައި އެކަމަނާ ޤަރާރުވެ ހުންނަންވީތަަނެވެ. މަލުގެ ވަށައިގެންވާ ކަށިތަކަކީ އެކަމަނާއަށް ރައްކާތެރިކަން ދޭން ތިބި މީހުންނެވެ. ބައްޕައެވެ. ބޭބެއެވެ. ފިރިމީހާއެވެ. ފިރިހެންދަރިންނެވެ. ގަހުގެ ފަތް ތަކަކީ އެކަމަނާގެ ރައްކާތެރިކަން ކަމުގައި ލައްވައި ކަނޑައަޅުއްވާފައިވާ އެކަމަނާގެ ޝަރުޢީ ފޭރާމެވެ. އެފޭރާމުގެ މިންގަނޑެވެ. ނަމަވެސް ގަހުގައި އިންނަ ފިނިފެންމަލަށް ނުވެ ނީލަމުގައި އޮތް ފިނިފެންމަލަށް ވުން މިއަދު ގިނަވެއްޖެއެވެ. އަންހެން ކަނބަލުން އެކަނބަލުންގެ ހައްދާއި އިން ފަހަނަ އަޅައި تبرج ވެއްޖެއެވެ.
އަންހެން ކަނބަލުން ނީލަންކިޔުން އަދުގެ މުޖްތަމަޢުގައި ގިނަވެއްޖެއެވެ. އަންހެނުން ބާރުވެރި ކުރުމުގެ ނަމުގައެވެ، އިންސާނީ ހައްޤުގެ ނަމުގައެވެ. ތިބާ ހެއްދެވި ފަރާތުން ތިބާއަށް ނުދެއްވާ ބާރެއް ތިބާގެ މަސައްކަތުން ލިބޭނެ ކަމަށް ތިބާއަށް ޤަބޫލު ކުރެވެނީ ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ ތިބާގެ އަމިއްލަ ނަފްސު ތިބާ އުފެެއްދީހެވެ؟
މިނިވަންކުރުމުގެ ނަމުގައި އަންހެނާ ބަރަހަނާ ކުރަނީ ނޫންތޯއެވެ؟ ހައްޤު ދިނުމުގެ ނަމުގައި ނުހައްޤު ހުތުރު ނަންތަކެއް ދެނީ ނޫންތޯއެވެ؟ ބާރުދިނުމުގެ ނަމުގައި އެކަނބަލުންގެ ހަޤީޤީ ބާރުވެރިކަމުން ބޭރުކުރަނީ ނޫންތޯއެވެ؟ ﷲ ތަޢާލާ އަންހެނާވެސް ދުނިޔެއަށް ފޮނުއްވީ މިނިވަނެއްގެ ގޮތުގައެވެ. އަންހެނާ އަޅާ ހެދުމަކީ ނުވަތަ އޭނާ އިޚްތިޔާރު ކުރާ ގޮތަށް އޭނާގެގޭގައި އޭނާ ޤަރާރުވެ ހުރުމަކީ އަޅުވެތިކަން ކަމުގައި ދެކޭނަމަ މިނިވަންކަމުގެ މާނަ އެބައިމީހުން އެކުރަނީ ކިހިނެއްހެއްޔެވެ؟
އަންހެނާ އިސްލާމީ ޝަރުޢީ ހިޖާބުން ހިޖާބުވެ ހަށިގަނޑު ފޮރުވާ ފަރުދާ ވެއްޖެނަމަ އޭނާ އަޅުވެތިވީކަމަށް ބުނާނަމަ ނުވަތަ އެއީ ނާތަހުޒީބުވުން ކަމަށް ދެކޭނަމަަ އެންމެ މިނިވަން އަދި އެންމެ ތަހުޒީބު ވެގެންވަނީ ވަލުޖަނަވާރު ނޫންތޯއެވެ؟ އަންހެނާގެ ހަށިގަނޑު ނިވާ ނުކޮށް އުޅުމަކީ ލިބޭ ހައްޤެއް ކަމަށް ދެކެނީތޯއެވެ؟ އެހެންކަމަށްވާނަމަ ތިބާގެ ވެރި އިލާހުގެ މިބަސްފުޅާއި މެދު ވިސްނާލާށެވެ. ﴿ وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آَبَائِهِنَّ أَوْ آَبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَى عَوْرَاتِ النِّسَاءِ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ﴾ މާނައީ ” އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ” ކޮންމެއަކަސް ފޮތުގައި އަންގަވާފައިވާ ގޮތަކީ މިއެވެ.
އަދުގެ މުޖްތަމަޢުގައި އަންހެން ކުއްޖާއަކީ ޙަރާމް ގޮތުގައި ގެންގުޅޭ ލޯބިވެރިއަކު ނުގެންގުޅޭ ކުއްޖަކުނަމަ އެކުއްޖަކީ ނާތަހުޒީބު ކުއްޖަކަށްވެއެވެ. ކީއްވެތޯއެވެ؟ އަދުގެޖީލަށް ކައިވެނީގެ ކުރިން ހިންގޭ ގުޅުންތަކަކީ ޒީނަތްތެރިކަމަކަށް ވަނީ ވެފައެވެ. އެއީ މައްސަލައެއް ނޫންކަމަށް ވިސްނާ ކުދިން ގިނައެވެ. ޙުދޫދުގެ ބޭރުން ގުޅުން ހިންގުމަކީ ހައްޤެއްކަމަށް ދެކޭނަމަ ތިބާ އޭގެ ނަތީޖާ ފޮރުވުމުގެ ގޮތުން ކުށެއްނެތް މައުސޫމު ފުރާނައެއް ނެތިކޮށްލަނީ ކީއްވެހެއްޔެވެ؟ އެމައުސޫމު ފުރާނައިގެ ދިރިހުރުމުގެ ހައްޤު ކޮބާހެއްޔެވެ؟
ނީލަމުގައި އޮތް ފިނިފެންމަލުގެ މިސާލީ އަދުގެ މުޖުތަމަޢުގައި ޖާހިލިއްޔަ تبرج ން تبرج ވެގެން އުޅޭ އަންހެނުންގެ މިސާލެވެ. ތިމާގެ ހަށިގަނޑު ހިލޭ ފިރިހެނުންގެ ލޯތަކުގެ ކުރިމަތީގައި ނީލަން ކިޔަމުންދާ އަންހެނުންނެވެ. ތިމާގެ ހަށިގަނޑުގައި ބީހި އުޅުމަށް ހައްޤު ލިބިފައިނުވާ މީސްތަކުނަށް ތިމާގެ ޢިއްފަތްތެރިކަން ހަދިޔާ ކުރާ އަންހެނުންނެވެ. ޖާހިލިއްޔަތުގެ ތެރޭގައިވެ އެމަގަށް އެހެން މީސްތަކުން ލަންބަން މަސައްކަތްކުރާ އަންހެނުންނެވެ.
ދެންވެސް ތިބާއަށް ކަމުދަނީ ނީލަމުގައި އޮތް ފިނިފެންމާތޯއެވެ؟
ނޯޓް: މިއީ އީމެއިލް މެދުވެރިކޮށް ލިބިފައިވާ ލިޔުމެއް، މިލިޔުމުގެ އަސްލުވެރިފަރާތަށް މިލިޔުމުގެ ޝަރަފް އަރުވަން
Salaam
ReplyDeleteRangalhu kiyumeh