Wednesday, February 10, 2021

#

މަދުރަސާއަށް ކުދިން ފޮނުވަންވާނެ، މަދުރަސާއަށް ދާންވާނެ

މަލާވީ އަކީ ދެކުނު އިރުމަތީ އެފްރިކާގައި މޮޒަމްބީކް އާއި ޓެންޒޭނިޔާ އާއި އިންވެގެން އޮންނަ ވަރަށް ފަޤީރު ޤައުމެކެވެ. މަލާވީގެ މުޅި އިޤްތިޞާދު ބަރޯސާވަނީ ދަނޑުވެރިކަމަށެވެ. އާދަޔާ ހިލާފަށް ހޫނު ގަދަވުމާއި ވާރޭނުވެހި ގިނަދުވަސް ވުމުގެ ސަބަބުން ހަނަ ފަސްކަމުގެ ތޫފާން ވެރިވެ ދަނޑުތަށް މަރުވުގެ ސަބަބުން ކާބޯ ތަކެތި ލިބުން ދަތިވާ ދުވަސްތަކާއި ނުހަނު ގިނައިން ކުރިމަތިލާން ޖެހޭ ޤައުމެކެވެ. ކަރަންޓާއި ފެނުގެ ހިދުމަތް ޤާއިމް ވެފައިނުވާ ވިލެޖަކަށް ނިސްބަތްވާ ވިލިއަމް ކަމްކްވަމްބާ އަކީ  ދަނޑުވެރި އާއިލާއެއްގެ ފުރާވަރުގެ ކުއްޖެކެވެ. އެއްދުވަހަކު ވިލިއަމަށް ސްކޫލް ލައިބްރަރީން ބަނޑޭރި ގަނޑުގައި "ވިންޑް މިލް" އެއް ކުރަހާފަ ހުރި ފޮތެއް ފެނުނުވެ. އެފޮތް ހުޅުވައި ބަލާލިއިރު އޭގައިވަނީ ބުރަފަތިލީ އެއްޗެއް ބޭނުންކޮށްގެން ވައިން ކަރަންޓް އުފައްދާނެ ގޮތެވެ. ވަރަށް ޝަޢުޤުވެރި ކަމާއިއެކު އެފޮތް ކިޔާލުމަފަހު ވިލިއަމް އަޒުމް ކަނޑައެޅިއެވެ. "ބޯމަތި ވެފައި މިވާ ހަނަފަސްކަމުގެ ތޫފާނުގައި މިފަހަރު ބައްޕަގެ ދަނޑު ގޮވާން މަރުވިޔަކަ ނުދޭނަމެވެ. ވިންޑްމިލް ބޭނުންކޮށްގެން ކަރަންޓް އުފައްދައިގެން އެކަރަންޓުން ޕަންޕު ހިންގައިގެން ދަނޑަށް ފެންދީ ހަނަފަސް ކަމުން ބައްޕަގެ ދަނޑުބިން ސަލާމަތް ކުރާނަމެވެ."

 ކޮންމެއަކަސް ވިލިއަމް އޭނާގެ ވިސްނުމުގައިވާ އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ދަނޑަށް ފެންދޭނެ ގޮތް ބައްޕައަށް ކިޔާދިނެވެ. ވިލިއަމްގެ ބައްޕައަށް އެވާހަކަ ވެގެންދިޔައީ ވަރަށް ސޭކް ވާހަކަ އަކަށެވެ. އެހެން ނަމަވެސް ވިލިއަމް އޭނާގެ ހިތުގައި ކަނޑައެޅި އަޒުމު ހާސީލްކުރުމަށް، ބައްޕަގެ އަރިހުން ތަކުރާރުކޮށް އެދެމުން ދިޔައީ ބައްޕަގެ ބައިސްކަލު ޑަނަމޯ ދިނުމަށެވެ. ވިލިއަމް އެއްގޮތަކަށްވެސް ކުރު ނުކުރުމުން އެންމެ ފަހުން ބައިސްކަލު ޑައިނަމޯ ވިލިއަމަށް ދީފިއެވެ. ޑަނަމޯ ލިބުމާއި އެކު ކުނި ގޮނޑަށް ގޮސް ގޮނޑު ހާވައިގެން އެއްކުރި ސާމާނުން ވިންޑް މިލްގެ ފިޔަތަށް ހަދައި ދަޑިން ޓްރެސް ހަދައިގެން ޕްލެޓްފޯމެއް ހެދުމަށްފަހު އޭގައި ވިންޑް ޓާބައިން ހަރުކޮށް އޭތިން ކަރަންޓް އުފައްދާގެން ފެން ޕަންޕް ހިންގައިގެން ދަނޑަށް ފެންދީގެން ދަނޑުތަށް ހަނަފަސް ކަމުގެ ތޫފާނުން ސަލާމަތްކޮށް ކާބޯތަކެތީގެ ތަދުމަޑުކަމުން ވިލެޖު ސަލާމަތް ކުރިއެވެ.

އިންސާނާއަށް ބުއްދި ދެއްވި ފަރާތުން އެބުއްދި ހެޔޮގޮތުގައި ބޭނުން ކުރުމަށްވަނީ އަންގަވާފައެވެ. ވިސްނަންވީ ގޮތާއި ވިސްނާ ފިކުރު ކުރަންވީ ކަންކަންވެސް ބަޔާން ކުރައްވާ ފައިވެއެވެ. އަދި ވިސްނާ ފިކުރު ކުރުމުން ލިބޭނެ ފައިދާތަކާއި ނުވިސްނާ މީހުންގެ ހާލަތްތަށް ވަނީ ބަޔާން ކުރައްވާފައެވެ. މަދުރަސާ ކުދިން ފުރަބަންދުކޮށް، ގޭގައި ގޭމް ކުޅުމަށް ވަގުތު ދުއްވާލުމުން މަންފާކުރަނިވި ކަމަކަށް އެކުދިންގެ ވިސްނުން ފޯރުމަކީ ދުރުގައިވާ ކަމެކެވެ. އެހެންކަމުން ކޯވިޑްގެ މިބަލިމަޑު ކަމުގައިވެސް މަދުރަސާތަކާއި ކުތުބުހާނާތަށް ހުޅުވާފައި ބެހެއްޓުމަކީ ވަރަށް މުހިންމުކަމެކެވެ. ވިލިއަމް ކަމްކްވަމްބާ އަށް ވިންޑްޓާބައިން ހެދުމުގެ ހިޔާލުއައީ އޭނާގެ ސްކޫލް ތަދުމަޑު ކަމުގައިވެސް ހުޅުވާފައި ހުރުމުގެ ސަބަބުންނެވެ.

ޤައުމެއްގެ ކުރިއެރުމާއި ތަރައްޤީ ބިނާވެފައިވަނީ އެޤައުމުގެ ދަރިންނަށް ދެވޭ ތަޢުލީމެއްގެ މައްޗަށެވެ. އެކުދިންނަށް ދެވޭ ތަޢުލީމު ގުޅިފައިވަނީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމާއެވެ. ހެޔޮލަފާ ޞާލިޙު މުވާޠިނަކު ބިނާކުރުމަށްޓަކައި ތަޢުލީމު އަދާކުރާ ދައުރަކީ ވަރަށްވެސް މުހިންމު ދައުރެކެވެ. މާއްދީގޮތުން ޤައުމެއް ކިތައްމެ ބޮޑަށް ތަރައްޤީވެގެން ދިޔަކުމުގައި ވިޔަސް، މިތަރައްޤީ އާއި އެއްވަރަށް ފަރުދުންގެ ޝަހުޞިއްޔަތުގެ ތަރައްޤީ  (ސެލްފް ޑިސިޕްލިން) ނުވާނަމަ، އެޤައުމަކީ ތަރައްޤީވެފައިވާ ޤައުމެކޭ ނުބުނެވޭނެއެވެ.  ފަރުދުންގެ ޝަހުޞީ ތަރައްޤީ ނެތްނަމަ ޤައުމުގައި ފެތުރިފައި އޮންނާނީ އިޖުތިމާއީ ބަލިމަޑުކަމެވެ. މާރާމާރީ އާއި ބަދުއަހުލާޤީ އަމަލުތަކާއި ޑްރަގުގެ ވަބާއެވެ. ނަތީޖާއަކަށް ވެގެންދާނީ ދުވާލުގެ އަލިކަމުގައިވެސް ރަށުތެރެއަށް ބިރުވެރިކަމާއި ނާމާންކަން ފެތުރިފައިވުމެވެ. އެހެންކަމުން މިދެންނެވި އަނދިރިކަމުން ޤައުމު ސަލާމަތް ކުރުމަށްޓަކައި މަދުރަސާތަށް ހުޅުވިފައި ހުންނާންޖެހެއެވެ. މަދުރަސާތަށް ފުރަ ބަންދަށް ލުމަކީ ޤައުމުގެ މުސްތަޤުބަލު ހިމޭންކަމާއިއެކު އަނދިރި ވަޅުގަނޑަކަށް ވައްޓާލުމެވެ. މަދުރަސާތަކާއި ކުތުބްހާނާތަށް ހުޅުވާފައި ބެހެއްޓުމަކީ މަސްއޫލިއްޔަތާއި ހަވާލުވެ ތިއްބެވި ބޭފުޅުންގެ ކޮޑުފުޅުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ.

ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނާއި ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. މިއަމާނާތަށް ރައްކާތެރިވުމަކީ ވާޖިބެކެވެ. މިވާޖިބު އަދާކުރުމަށްޓަކައި ވަރަށް ބުރަ މަސްއޫލިއްޔަތު އުފުލަންޖެހެއެވެ. ޙަޤީޤަތުގައި މިބުރަ މަސްއޫލިއްޔަތަކީ، ދަރިންނަށްދެވޭ ތަޢުލީމާއި ތަރްބިއްޔަތެވެ. ތައުލީމާއި ތަރުބިއްޔަތަކީ ހަމައެކަނި ގޭގައި ދެވޭނެ އެއްޗެއްނޫނެވެ. ތައުލީމާއި ތަރުބިއްޔަތު ދިނުމުގައި މައިން ބަފައިންނާއި އެއްވަރަށް މުދައްރިސުންގެ ދައުރުވެސް ބޮޑެވެ. މުދައްރިސުންނަށް އެމީހުންގެ ވާޖިބު އަދާކޮށް ދެވޭނީ ކުދިން މަދުރަސާއަށް ފޮނުވުމުންނެވެ. އާއެކެވެ. ކޮވިޑް19 އަކީ ނުރައްކާތެރި ބައްޔެކެވެ. އެހެން ނަމަވެސް ދަރިނަށް ދެވޭ ތައުލީމާއި ތަރުބިއްޔަތުން އެކުދިން މަޙުރޫމް ކުރުވުމަކީ ކޮވިޑް19 އަށްވުރެ ނުރައްކާތެރި އިޖުތިމާއީ ބައްޔެއް ފެތުރިދާނެ ކަމުގެ އިޙްތިމާލު އޮތްކަމެކެވެ. އެހެންކަމުން އެޑިއުކޭޝަން މިނިސްޓަރަށް އިތުބާރުކޮށް ދަރީން މަދުރަސާއަށް ފޮނުވުމަކީ ބެލެނިވެރިންގެ ކޮޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއްކަމުގައި ނޫނީ ނުވާނެއެވެ.

ނޯޓް: ވިލިއަމް ކަމްކްވަމްބާގެ ވިންޑްޓާބައިން ހެދުމުގެ ހުނަރުގެ މައްޗަށް ފިލްމެއް ހަދާފައިވެއެވެ. އެފިލްމު ނެޓްފިލިކްސް ބަލާލެވޭނެއެވެ. އެފިލްމަކީ "The Boy Who Harnessed the Wind"

2 comments:

  1. Thikiyaa school thah hulhuvaafa umuru dhuvahu huree. Mithaa nuboa taken, nukuraa ziney eh nei. Iyye maaraamaaree hingaa kujjeh maraalee. Kaleymenge propaganda hingan konmehen vaanuvaa vaahaka dhakkaane kameh nei.

    ReplyDelete