Tuesday, May 11, 2021

#

މުޞީބާތުގެ ވަގުތުގައި ހަދާނީ ކިހިނެތް؟


ޖިސްމާނީ ބަލިމަޑުކަމާއި މުދާތައް ނެތިވެދިޔުމާއި ލޯބިވާމީހުން ވަކިވެދިއުމާއި ހަނގުރާމައިން ބަލިވުމާއި އަދިވެސް ތަފާތު ޙާދިޘާތަކާއި ކާރިޘާތައް ކުރިމަތިވާހިނދު މުއުމިނުއަޅާ ޢަމަލުކުރަންވީގޮތް ކީރިތިޤުރުއާނާ މޫރިތިސުންނަތުގައި ބަޔާންކުރައްވާފައިވެއެވެ. އޭގެތެރެއިން ބައެއްކަންތައް މިތާނގައި ބަޔާންކޮށްލާނަމެވެ.

އިތުބާރާއި ޔަޤީންކަން
މުޞީބާތުގެ ވަގުތުގައި ﷲ ތަޢާލާ އާއި މެދު މުސްލިމްއަޅާގެ ހިތުގައިވާ އިތުބާރާއި ޔަޤީންކަން އިތުރުކޮށް ތާޒާކުރަންވާނެއެވެ. ދުނިޔޭގެ ދިރިއުޅުމާ އޭގެ އުނދަގޫތަކަކީ ވަގުތީއެއްޗެއްކަމާއި އާޚިރަތުގެ ޙަޔާތާއި އޭގެ ރާޙަތަކީ ދާއިމީ އެއްޗެއްކަމުގައެވެ. އަދި އޭނާއަށް ލިބިފައިވާނަމަ ވާ ކޮންމެ އެއްޗެއްގެ ޙަޤީޤީ މިލްކުވެރިޔަކީ ﷲ ތަޢާލާ ކަމެވެ. އެހެންކަމުން ތިމާ އާއި ޙަވާލުކުރެވިފައިވާ އަމާނާތް އޭގެ އަޞްލުވެރިފާރާތަށް އެނބުރި ދިއުމުން ހިތާމަކޮށް މޮޅިވާންވީ ކީއްވެތޯއެވެ؟ އެކަމަށް އިޢުތިރާޟުކޮށް ރުޅިއަންނާންވީ ކޮންކަމަކާތޯއެވެ؟

ﷲ ތަޢާލާގެ އެއްވެސް ފައިޞަލާއެއް ޙިކުމަތުން ހުސްވެގެންނުވެއެވެ. ނަމަވެސް ބައެއް ފަހަރަށް އެޙިކުމަތް އަހަރަމެންގެ މިއުނި ސިކުނޑިއަށް ނޭގިދާނެއެވެ. ފަހަރެއްގައި އަހަރަމެން ކަމަކަށް ނުރުހިދާނެއެވެ. ނަމަވެސް އެކަންތައް އަހަރަމެންނަށްޓަކައި ރަގަޅެއްކަމުގައި ވެދާނެއެވެ. އަދި އަހަރަމެން ލޯބިކުރާ ކަންތައް އެއީ ޙަޤީޤަތުގައި އަހަރަމެންނަށް ގެއްލުންދެނިވިކަމެއް ކަމުގައިވެސް ވެދާނެއެވެ. ﷲ ގެ ނިންމެވުމަށް އަހަރަމެން ނުރުހުންވިޔަސް އެކަމާ ދެކޮޅަށް ކުރެވޭނީވެސް ކޮންކަމެއްތޯއެވެ؟ މަރުވެއްޖެ މީހަކު ޤިޔާމަތުގެ ތާޅަފިލީގެ ކުރިޔަކުން ނުދިރޭނެއެވެ. އަދި ވެއްޖެކަމެއް ނުވާކަމަކަށްވެސް ނުހެދޭނެއެވެ.

ދެންފަހެ މުސްލިމްއަޅާ ހިތުގެ ޔަޤީންކަމާއި ރުހުމާއެކު ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް އެކަލާނގެ ޙަމްދު ޘަނާ ބަޔާންކޮށް ކީރިތިޤުރުއާން ކިޔެވުމުގައި ވަގުތު ހޭދަކޮށްފިނަމަ އޭނާއަށް ހިތްހަމަޖެހުމާ އުފާވެރިކަން ލިބޭހުއްޓެވެ. މިއީ އެއްވެސް ހަސްފަތާލަކުން ލިބޭނެ އެއްޗެއްނޫނެވެ.

ކެތްތެރިވެ ހެޔޮ ބަދަލަށް އުންމީދުކުރުން
އެންމެހާ އިމްތިޙާނުތަކާއި ކަންބޮޑުވުންތަކާއި މުޞިބާތްތަކުގެ ދެވަނަ ފަރުވާއަކީ ރިވެތިގޮތުގައި ކެތްތެރިވެ އިލާހީ ޙަޟްރަތުން ހެޔޮ ދަރުމައަށް އުއްމީދުކުރުމެވެ. ކެތްތެރިޔާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. އޭނާއަށް ﷲ ގެ މަދަދާއި ނަޞްރުލިބިގެންވެއެވެ. މުސްލިމްއަޅާއަށް އެދެވިގެންވަނީ ބަލިމަޑުކަމަށްފަހު ޢާފިޔަތު، ދަތިކަމަށްފަހު ތަނަވަސްކަން، ނާކާމިޔާބަށްފަހު ކަމިޔާބު ލިބޭނޭކަމުގެ ފުރިހަމަ އުއްމީދާއެކު ތިމާގެ މަސައްކަތް ކުރިއަށް ގެންދިޔުމެވެ. ކެތްތެރިކަމަކީ މިއީއެވެ. ކެތްތެރިކަމަކީ ހިތްމަތްތެރިކަންނެތުމާއި ފިނޑިކަމާއި މާޔޫސްވުމާއި ދެރަވެގަތުމުގެ މައްޗަށް އެގްރިމެންޓްކުރުމެއް ނޫނެވެ. ކެތްތެރިކަމަކީ ރޮއިހޭރުމުގެ ބަދަލުގައި މެދުކެނޑުމެއްނެތި ތިމާގެ ޖިހާދު ކުރިއަށް ގެންދިއުމެވެ. އިޙްތިސާބްގެ މާނައަކީ ޘަވާބަށް ނިޔަތްގަތުމެވެ. މުއުމިންއަޅާއަށް މުޞީބާތާއި ހިތާމަތައް ޖެހުމުން ﷲ ގެ ޙަޟްރަތުން ޘަވާބަށް އުއްމީދުކުރަންޖެހެއެވެ.

ނަފްސު ޙިސާބުކުރުން
ކާރިޘާތަކާއި ބަލިތައް ކުރިމަތިވުމުން އިންސާނާއަށް އެދެވިގެންވަނީ އޭނާގެ ޙަޔާތުން ފާއިތުވެ ދިޔަތަނާމެދު ފުންނަޒަރެއް ހިންގައިލުމެވެ. އަދި މުސްތަޤްބަލުގެ ޢަޒުމްތަކާމެދުވެސް ތަންޤީދީގޮތެއްގައި ފިކުރު ހިންގައިލާންޖެހެއެވެ. ކުރިމަތިވެގެން މިއުޅޭކަމަކީ އަނެއްކާ ތިމާގެ ފާފަތަކުގެ ނަތީޖާތޯ ދެނެގަތުމަށް މަސައްކަތްކުރަންޖެހެއެވެ. އެހެނީ ކީރިތިޤުރުއާން ބަޔާންކޮށްދޭގޮތުގައި ކުރިމަތިވާ މުޞީބާތްތަކާ ކަންބޮޑުވުންތަކަކީ ތިމާގެ ކުށްތަކުގެ ސަބަބުން މެދުވެރިވާ ކަންކަމެވެ. ތިމާގެ ފާފަތަކާއި ގޯސް އަޒުމްތަކުގެ އިޙްސާސްވެއްޖެނަމަ ތައުބާވެ އިސްތިޣްފާރުކުރުމުގައި ފަހަރެއްގައިވެސް ފަހަތަށް ޖެހި ނެގިމަޑުނުވާށެވެ! ސަބަބަކީ އިސްތިޣްފާރުކުރުމުން ﷲ ގެރަޙްމަތް ބާވައިލެއްވެއެވެ. ވާރޭވެއްސެވެއެވެ. ދަރީންނާ މުދަލުގައި ބަރަކާތްލެއްވެއެވެ. ރިޒްޤު ތަނަވަސްވެއެވެ. އިލާހީ ކޯފާއިން ނަޖާތުލިބެއެވެ. ބަންދު ދޮރުތައް ހުޅުވެއެވެ. ހަޔާތުގެ ދަތުރު ފަސޭހަވެގެންދެއެވެ.

ތަޤުވާވެރިކަން މަތީ ޘާބިތުވުން
މުޞީބާތްތައް ކުރިމަތިވެގެން އަންނަހިނދު މުސްލިމްއަޅާ ތަޤުވާވެރިވެ ޘާބިތުވާންޖެހޭނެއެވެ. އިސްތިޤާމަތު ބޭނުންވަނީ ޙަޔާތުގެ ދަތުރުގައި ކާމިޔާބު ހޯދުމުގެ އެންމެ ވަރުގަދަ ސަބަބަކީ އެއީ ކަމުގައިވާތީއެވެ. އިސްތިޤާމަތުގެ އަހުލުވެރިންގެ އަރިހަށް މަލާއިކަތުން ފައިބައިވަޑައިގަންނަވައެވެ. އެމީހުންނަށް ސުވަރުގޭގެ ބަޝާރަތުދެއްވައެވެ. އަދި ދެރަވެ ބިރުނުގަތުމަށް ތަލްޤީނުކުރައްވައެވެ.

އެބައެއްގެ ކިބައިގައި އިސްތިޤާމަތުގެ ސިފަ ނުވާމީހުން ކުޑަކުޑަ ކަމަކުންވެސް ކަންބޮޑުވެ ބިރުގަނެއެވެ. އެފަދަ މީހުންނަށް ދީނާ ދުނިޔޭގެ އެއްވެސް ދާއިރާއެއްގައި ކަމިޔާބެއްނުލިބެއެވެ.

ތަޤުވާވެރިކަން އިޚްތިޔާރުކުރަންޖެހެނީ އެއީ ކާމިޔާބީއާ ބާއްޖަވެރިކަމުގެ ތަޅުދަނޑިކަމަށްވާތީއެވެ. ޠަލާޤް ސޫރަތުގައި ﷲ ވަޢުދުކުރައްވާފައިވަނީ ތަޤްވާގެ އަހުލުވެރީންނަށް މުޞީބާތުން ނުކުމެވޭނެ ކޮންމެވެސް މަގެއް ހަމަ ޔަޤީނުންވެސް ދައްކާވަނެކަމުގައެވެ. އަދި ހިތަށްކަރަށްވެސް އަރާފައިނުވާފަދަ މަގުމަގުން އެމީހުންނަށް ރިޒްޤުދެއްވާނެކަމުގައެވެ.

ﷲ އަށް ވަކީލުކޮށް ދުޢާދެންނެވުން
މުޞީބާތުގެ ވަގުތުގައި ކުރަންޖެހޭ ފަސްވަނަކަމަކީ މަޑުމޮޅިކަމާ ނިޔަނެތިކަމާއެކު ﷲ ގެ ޙަޟްރަތަށް ކުއްތަންވެ ސަލާމަތާއި ޢާފިޔަތަށް އެދި އެކަލާނގެއަށް ދުއާކުރުމެވެ. އެއީ أيّوب عليه السلام އާއި يونس عليه السلام އަދި އެހެނިހެން ނަބީބޭކަލުންވެސް ޢަމަލުކުރެއްވި ފަދައިންނެވެ.

ދުޢާއަށްފަހު ﷲ އަށް ވަކީލުކުރާށެވެ. ނަމަވެސް ތަވައްކުލްގެ މާނައަކީ ސަބަބުތައް ދޫކޮށްލުމެއްނޫނެވެ. ކިއެއްތަ! ހުއްދަ ސަބަބުތަކުގައި ހިފުމާއެކު މުސައްބިބުލްއަސްބާބުގެ ޙަޟްރަތުން މަދަދަށް އެދެންޖެހެއެވެ.

ވިސްނުން ތައްޔާރުކުރުން
ބަލާތަކާއި މުޞީބާތްތަކުގެ ވަގުތުގައި ދެން ކުރިމަތިވާން އޮތް މަރުޙަލާއަށް ވިސްނުމުގެ ގޮތުން ތައްޔާރުވާންޖެހެއެވެ. އެހެނީ ފަހަރުގައި މުޞީބާތްޖެއްސެވުމުގެ މަޤްޞަދަކީ އުނދަގޫތައް އުފުލުމުގެ ޤާބިލުކަން ތިމާގެ ކިބައިގައި އުފެއްދެވުންކަމަށްވެސް ވެދާނެއެވެ. އެއީ މުސްތަޤުބަލުގައި ބޮޑެތި ޒިންމާތައް އެންމެ ފުރިހަމަގޮތުގައި އުފުލުމަށްޓަކައެވެ. އެހެނީ ބިމުން ގޮވާން ޙާޞިލްކުރުމަށްޓަކައިވެސް އެންމެ ފުރަތަމަވެސް ދަނޑުގައިވަ ބޭކާރު ވިނަތައް ނޮޅައިލެވެއެވެ. ބިމުގެ ފަސްގަނޑު އެފުށް މިފުށައްޖެހެއެވެ. ބަރާބަރަށް ފެންދޭންޖެހެއެވެ. އެބިމުން ވަސްމީރު މާތަކާއި ރަހަމީރު މޭވަތައް ލިބެނީ އޭގެފަހުންނެވެ. يوسف عليه السلام އަށް ބޮޑު ޒިންމާއެއް ޙަވާލުވުމުގެކުރިން އިމްތިޙާނުކުރެއްވުނު މިންވަރު ކީރިތިޤުރުއާން މުޠާލިޢާކުރާ އެއްވެސް ޝުއޫރުހުރި މީހަކަށް ވަންހަނާވެގެންނުވާނެއެވެ.

ބަޔާންވެދިޔަ އެންމެހާ ކަމަކަށް ޢަމަލުކުރުމުންވެސް މުޞީބާތް ދުރުނުވެއްޖެނަމަ ދެނެގަންނަންވީކަމަކީ ހަމަޔަޤީނުންވެސް އެކަމުގައި ﷲ ތަޢާލާގެ ކޮންމެވެސް ހިކުމަތެއްފޮރުވިފައިވާނެކަމެވެ. ނަމަވެސް ތިމާގެ ބުއްދިއަށް އެޙިކުމަތް ވިސްނައިނުގަނެވެނީކަމެވެ. މިގޮތަށް ޤަބޫލުކުރެވިއްޖެނަމަ، އެމީހަކު ހުންނާނީ ﷲ ގެ ފައިޞަލާއަށް ރުހިގެންނެވެ. އޭގެ ސަބަބުން އޭނާގެ ހިތަށް ހަމަޖެހުމާ މަޑުމައިތިރިކަން ވެރިވާނެއެވެ. އެއަށްފަހު ކަނުރައަޅައި ރޯކަށްނުޖެހޭނެއެވެ. ﷲ ތަޢާލާ ދޫކޮށް، އެހެން ފަރާތްތަކުން އުންމީދެއްނުކުރާނެއެވެ. ތަޤުދީރާމެދު ޝަކުވާއެއްނުކުރާނެއެވެ. މިފަދައިން ޢަމަލުކުރެވިއްޖެނަމަ ދުނިޔޭގެ އުފަލާ އަރާމަށް ގެނބި މަސްތުވެފައިވާ ގިނަ މީހުން މަޙުރޫމުވެފައިވާ ހިތްހަމަޖެހުމުގެ ނިޢުމަތާއެކު ޙަޔާތުގެ ދުވަސްތައް ވޭތުކުރުމުގެ އުފާ ޙާޞިލްކުރެވޭނެއެވެ.

ދިއިސްލާމް، 02 ޖޫން 2018

No comments:

Post a Comment