Monday, April 3, 2023

#

ހެޔޮ ޢަމަލުކުރުމުގައި ހީވާގިވެއުޅުން


އިސްލާމް ދީނަކީ، ދެދުނިޔޭގެ ބާއްޖަވެރިކަމަށް ގޮވާލާ ދީނެވެ. ކީރިތިވަންތަ ﷲ މިދުނިޔެއަށް އިންސާނުން ފޮނުއްވާފައިވަނީ، އެއިލާހު އެންގެވި ގޮތުގެމަތިން، މިބިން އާރާސްތުކުރުމަށެވެ. އެބައިމީހުންގެ ތެރެއިން އެންމެހެޔޮ ޢަމަލުކުރަނީ ކޮންބަޔަކުތޯ ބެއްލެވުމަށެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ (١) الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلا وَهُوَ الْعَزِيزُ الْغَفُورُ (٢) [الملك 1-2] މާނައީ"އެންމެހައި ބާރަކާއި ވެރިކަމެއް އެކަލާނގެ އައްޕުޅުގައިވާ އިލާހު އެންމެހައި އުނިކަންތައްތަކުން ހުސްޠާހިރުވެ ވޮޑިގެންވެއެވެ. އެކަލާނގެއީ މަރުވުމާއި ދިރުން އުފެއްދެވި އިލާހެވެ. އެއީ، ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ ޢަމަލުކުރަނީ ކާކުތޯ ބެއްލެވުމަށް އިމްތިޙާނު ކުރެއްވުމަށެވެ. އެކަލާނގެއީ ނުހަނު ގަދަފަދަ ނުހަނު ގިނައިން ފާފަ ފުއްސަވާ އިލާހެވެ. ކަން މިހެން އޮތްއިރު، ދެދުނިޔޭގެ ބާއްޖަވެރިކަން ޙާޞިލުކުރުމަށްޓަކައި، ރަނގަޅުގޮތުގައި ކުރެވޭ ކޮންމެކަމެއްމެ ހެޔޮ ޢަމަލަކަށް ހެދިދާނެއެވެ. ޙަލާލުގޮތުގައި ރިޒުޤުހޯދުމަށް ކުރާ އެންމެހައި މަސައްކަތްތަކާއި، ފައިދާހުރި އެންމެހައި ޢިލްމުތައް އުނގެނުމާއި، ހަށިގަނޑަށް ފައިދާހުރި ކަސްރަތުތައް ކުރުމާއި، ތަފާތު ބާވަތްތަކުގެ ކުޅިވަރުތައް ކުޅުމާއި، ހުއްދަވެގެންވާ ދާއިރާތަކުގައި މުނިފޫހި ފިލުވުމުގެ ކަންތައް ކުރުމާއި، ދުނިޔޭގެ އުފަލާއި އަރާމު ލިބިގަތުމަށް ކުރާ އެންމެހައި ކަންތައްތަކާއި، ހަށިގަނޑަށް ފައިދާހުރި ތަކެތިން ކައިބޮއި ހެދުމާއި، މިއިން ކޮންމެ ކަމަކީވެސް ހެޔޮ ނިޔަތުގައި ކޮށްފިނަމަ ހެޔޮ ޢަމަލަކަށް ވެގެންދާނޭ ކަންކަމެވެ. އެއީ، މިފަދަ ކަންކަމުގައި ދީނުގައި ކަނޑައެޅިފައިވާ މިންގަނޑުތަކުގައި ހިފަހައްޓައިގެން، ތެދު ނިޔަތުގައި ކުރާނަމައެވެ. ހެޔޮ ނިޔަތުގައި ކުރެވޭ ކޮންމެ ހޭދައަކީ ވެސް ޞަދަޤާތެކެވެ. މިގޮތުން، އަނބިދަރީންގެ ކަންތައް ބަލެހެއްޓުމާއި، އެބައިމީހުންނަށް ކުރާ ހޭދަތަކަކީވެސް ހެޔޮނިޔަތް ވާނަމަ، ޘަވާބު ލިބޭނޭ ކަންކަމެވެ.

އަނަސްގެ ކިބައިން البخاري އާއި مسلم ރިވާކުރެއްވި ޙަދީޘެއްގެ މާނައިގާ ވެއެވެ. ރަސޫލުﷲ އެކަލޭގެފާނުގެ ގެކޮޅުގައި އަޅުކަންކުރައްވާ އުޅުއްވާގޮތް އޮޅުން ފިލުވުމަށް އެކަލޭގެފާނުގެ އަޞްހާބު ބޭކަލުންގެ ތެރެއިން ތިން ބޭކަލަކު އެކަލޭގެފާނުގެ ގެކޮޅަށް ވަޑައިގަތެވެ. ދެން އެކަލޭގެފާނު ގެކޮޅުގައި ޢަޅުކަންކުރައްވާ އެޅުއްވާގޮތުގެ އެބައިމީހުންނަށް ކިޔައިދެވުނު ހިނދު، އެބައިމީހުންނަށް ކުރެވޭ ކަންތައްތައް މަދުކަމުގައި ދެކޭ ޙާލު، ބުންޏެވެ. ނަބިއްޔާ ގެ ކުރިޔަށް ދިޔަތަނާއި އަންނަން އޮތްތަނުގެ ފާފަތައް ފޮހެވިގެންވާ ޙާލުގައިވެސް، އެކަލޭގެފާނުގެ ޢަމަލުތައް މިވަރަށް ހުންނަ ކަމުގައިވާނަމަ، އަހަރުމެންގެ ޙާލަކީ ކޮބައިބާވައެވެ. ދެން އޭގެ ތެރެއިން އެކަކު ބުންޏެވެ. މިއަދަށްފަހު އަހުރެން ހުންނާނީ ނުނިދައި ރޭއަޅުކަންކުރާށެވެ. އެނެއް މީހާ ބުންޏެވެ. އަހުރެން ހުންނާނީ މުޅި އަހަރުދުވަހު ރޯދައަށެވެ. އަނެއްމީހާ ބުންޏެވެ. އަހުރެން ދުވަހަކުވެސް ކައިވެންޏެއް ނުކޮށް، އަޅުކަންކުރުމަށް ހުސްވެގަންނާނީއެވެ. މިބައިމީހުންގެ ވާހަކަ ރަސޫލުﷲ  އަށް އިވިވަޑައިގަތުމުން، އެބައިމީހުންނާ ބައްދަލު ކުރައްވައި ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން މިވެނި އެވެނިހެން ބުނިން ހެއްޔެވެ؟ ދަންނާށެވެ! ތިޔަބައިމީހުންކުރެ ﷲ އަށް އެންމެ ބިރުވެތި އެކަލާނގެއަށް އެންމެ ތަޤްވާރި މީހަކީ ތިމަންކަލޭގެފާނެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނުވެސް ރޯދަވެސް ހިއްޕަވަމެވެ. ރޯދަ ނުހިފައިވެސް ހުންނަވަމުއެވެ. އަދި ރޭއަޅުކަންވެސް ކުރައްވަމުއެވެ. ހަމައެންމެ ރޭގަނޑު އަވަހާރަފުޅު ލައްޕަވާވެސް ހައްދަވަމުއެވެ. އަދި އަންހެނުންނާ ކައިވެނިވެސް ބައްލަވަމުއެވެ. ތިމަންކަލޭގެފާނުގެ ގޮތަކީ ނުވަތަ ސުއްނަތަކީ މިއީއެވެ. ފަހެ، ތިމަންކަލޭގެފާނުގެ ގޮތާއި ސުއްނަތް ދޫކޮށްލާ މީހާއީ، ތިމަންކަލޭގެފާނުގެ މަންހަޖުން ބޭރުވެގެންވާ މީހެކެވެ".

ރަސޫލު ﷲ  ޙަދީޘު ކުރައްވާފައިވެއެވެ. "وَإِنَّكَ مَهْمَا أَنْفَقْتَ مِنْ نَفَقَةٍ فَإِنَهَا صَدَقَة، حَتَّى اللُّقْمَةُ الَتِّيْ تَرْفَعْهَا إِلَى فِي امْرَأَتِكَ" މާނައީ" ހެޔޮ ނިޔަތުގައި ތިބާކުރާ ކޮންމެ ހޭދައަކީ، ޞަދަޤާތެކެވެ. އެންމެ ކުޑަމިނުން ތިބާގެ އަނބިމީހާއަށް ކާންދޭ ކާއެތިކޮޅަކީވެސް އެއިން ޘަވާބު ލިބޭނޭ އެއްޗެކެވެ." މާތްﷲ ވަޙީކުރައްވައެވެ.  يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ á [البقرة 172] މާނައީ"އޭ އީމާންވި މީސްތަކުންނޭވެ! ތިމަންއިލާހު ތިޔަބައިމީހުނަށް ދެއްވި ޙަލާލު ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައި އުޅޭށެވެ! އަދި، ހަމައެކަނި ﷲ އަށް އަޅުކަންކުރާ ކަމުގައިވަނީނަމަ އެކަލާނގެއަށް ތިޔަބައިމީހުން ޝުކުރު ވެރިވާށެވެ!"

ހަމައެހެންމެ، ﷲ ގެ ޙަޟްރަތުގައި އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވަނީ، މެދު ކެނޑުމެއްނެތި ދެމިގެންވާގޮތެއްގައި ކުރެވޭ ހެޔޮކަންތައްތަކަށެވެ. ރަސޫލު ﷲ  ޙަދީޘް ކުރެއްވިއެވެ. "أَحَبُّ الأَعْمَالِ إِلَى اللهِ أَدْوَمُهَا وَإِنْ قَلَّ" މާނައީ"ޢަމަލުތަކުގެ ތެރެއިން ﷲ އެންމެ ލޯބިވެވޮޑިގެންވަނީ، މަދުން ކުރެވުނު ކަމުގައިވިއަސް ދާއިމީގޮތެއްގައި މެދުކެނޑުމެއްނެތި އަދާކުރެވޭ ޢަމަލުތަކެވެ".

މަސްދަރު : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، 17 ސެޕްޓެމްބަރ 2010

No comments:

Post a Comment