ބައެއްމީހުންގެ އާދަޔަކީ ތިމާމެންނާ ނުބެހޭ ކަންކަމާއިބެހި ފާޑުކިޔައި ހެދުމެވެ. އެކަންކަމަކީ ތިމާމެންނާ އެއްވެސްގޮތަކުން ގުޅުމެއްނެތް ކަންތައްކަމުގައިވިޔަސް، އެފަދަ މީހުންނަށް ހަމަހިމޭނުން ނުތިބެވެއެވެ. އޭގެ ތެރޭގައި ސިޔާސީކަންކަމާއި، އިޖުތިމާއީ ކަންކަމާއި، އިޤްތިސާދީ ކަންކަމާއި، ދީނީ ކަންކަމާއި، ޝަރުޢީ ދާއިރާގެ ކަންކަމުގެ އިތުރުން ޑޮކްޓަރީ ބޭހުގެ ދާއިރާވެސް ހިމެނެއެވެ.
އެއްވެސް އިންސާނަކީ، ހުރިހާ ފަންނެއްގެ އިލްމު ލިބިގެންވާ މީހެއްނޫންކަން، ސަލާމަތް ބުއްދިހުރި ކޮންމެ މީހަކަށްމެ އެނގޭނެއެވެ. ބައެއް މީހުން މުޅި އުމުރު ހޭދަކުރަނީ އިލްމުގެ ތެރެއިން ކޮންމެވެސް ފަންނެއްގައި ހުރިހާ މައުލޫމާތެއް ލިބޭތޯ މަސައްކަތް ކުރުމުގައެވެ. އުމުރުން އަށްޑިހަ ނުވަތަ ނުވަދިހަ އަހަރުވާއިރުވެސް ހިތްހަމަޖެހޭވަރަކާ ކައިރިއަށްވެސް އެފަންނުގެ މައުލޫމާތު ލިބިފައިނުވާކަމަށް އިލްމުވެރިން ވިދާޅުވެފައިވެއެވެ.
ކަންމިހެން ހުރުމުން އެއްވެސް ފަންނެއްގެ މައުލޫމާތު ލިބިފައިނުވާ އާދައިގެ ބަޔަކު ހުރިހާ ފަންނެއްގެ މައުލޫމާތު ދަންނަކަމަށް ހަދައިގެން، ހިތަށްއެރިހާ ވާހަކަތަކެއް ދެއްކުމަކީ މުސްލިމުންގެ ކިބައިގައި ހުރުން އެކަށީގެންވާ ސިފައެއްނޫނެެވެ. އަދި ކީއްތޯއެވެ. އެއީ އެކަމުގެ ގެއްލުން އެކި ސިފަސިފައިގައި އެކަންތައްކުރާ ބަޔަކަށާއި މުޅި މުޖުތަމައުއަށް ފޯރާނެކަމެކެވެ. މިކަމަށްޓަކައި އެކަން ނަހީކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا ﴿سورة الإسراء ٣٦﴾ މާނައީ: "އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ تبع ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سؤال ކުރައްވާނެ ކަމެއްކަމުގައިވިއެވެ."
ހަމައެކަނި ނަމާދުކޮށް. ރޯދަހިފައި، ޒަކާތްދީ ހައްޖުވުމަކުން ނުފުދޭނެއެވެ. މިފަރުޟުތަށް އަދާކުރުމާއިއެކު ތިމާމެންގެ ދުލަށްވެސް ރައްކާތެރިވާންޖެހެއެވެ. ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެއެވެ. من حسن إسلام المرء: تركه ما لا يعنيه (الترمذي) މާނައީ: "މީހާގެ ދީން ފުރިހަމަވެ ރިވެތިވާނީ، އޭނާއާއި ނުބެހޭ ކަންތަކާއި ދުރުހެލިވެ ހުރުމުންނެވެ." އަދިވެސް ހަދީޘް ކުރައްވާފައިވެއެވެ. ومن كان يؤمن بالله واليوم الآخر فليقل خيرا أو ليصمت (ابن ماجة) މާނައީ: އަދި ﷲ އަށާއި އާހިރަތް ދުވަހަށް އީމާންވާމީހާ، ހެޔޮބަސް ބުނާހުށިކަމެވެ. ނުވަތަ ހަނުހުންނަ ހުށިމަވެ.
ތިމާގެ ދުލުން ހިތަށްއެރިހާ އެއްޗެއް ބުނެ ފާޅުކުރުމަކީ، މުއުމިނެއްގެ ކިބައިގައި ހުރުން އެކަށީގެންވާކަމެއް ނޫންކަން އިސްވެދިޔަ އާޔަތުންނާއި ހަދީޘުން ވަރަށް ސާފުކޮށް އެނގެއެވެ. ދީނުގައި ކަންއޮތްގޮތް ކިތަށްމެ ސާފުކަމުގައިވިޔަސް ހިތާމައަކީ އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެފަދަ މީހުންގެ ދުލުގެ ސަބަބުން އެތަށްބަޔަކަށް އެކަމުގެ ނުބައި އަސަރު ފޯރަމުންދާކަމެވެ. އަދި އެކުވެރިކަމާއި އެއްބައި ވަންތަކަން އެކަމުގެ ސަބަބުން ނުހަނު ގެއްލުންދަނީ ކުރަމުންނެވެ.
No comments:
Post a Comment