Saturday, March 20, 2021

#

ނޭނގޭ ކަމަށް އިޢުތިރާފުވުމަކީ ހަޑިކަމެއް ނޫން

ދެހާސް ވިހި ވަނަ އަހަރު އަޅުގަނޑު ދުބާއީއަށް ކުރި ދަތުރެއްގައި އޯލް ސިލޯން ޖަމިއަތުލް އުލަމާގެ ރައީސް މުފްތީ މުހައްމަދު އިބްރާހިމް މުހައްމަދު ރިޒްވީ (ރިޒްވީ) ބައްދަލުވިއެވެ. ދެކެވުނު އިލްމީ ވާހަކަތަކުގެ ތެރެއިން މިހާރު އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮބައިތޯ ސުވާލުކުރުމުން މުފްތީ ރިޒްވީ ވިދާޅުވީ "ލިޓިލް ނޮލެޖް އިސް އަ ޑޭންޖަރަސް ތިން އެވަރ" "Half education is more dangerous then no education" . މިމަޢުޟޫގައި މުފްތީގެ ކަންބޮޑުވުންތަށް ވިދާޅުވެ ދެއްވަމުން ވިދާޅުވީ ހަރުކަށި ފިކުރު އުފެދުމުގެ އަސްލަކީ ނޭނގުން ކަމަށާއި އަދި ނޭނގޭ ހާލު އެނގޭ މީހެއް ކާރިން ސުވާލުކޮށް އޮޅުން ފިލުވުމަކީ ލަދުވެތި ކަމެއްގެ ކަމުގައި ބައެއް މީހުން ދެކޭކަމަށެވެ.


މިހާރަކަށް އައިސް އިސްލާމީ އުއްމަތަށް ކުރިމަތިވެފައި އެންމެ ނުރައްކާތެރި އެއްމައްސަލައަކީ އިސްލާމްދީނުގެ ޢިލްމު ރަގަޅަށް ލިބިފައިނުވާ މީހުން ދީނުގެ ކަންކަމާއިމެދު ފަތުވާ ދިނުމާއި އެފަދަ މީހުން ދީނަށް ދައުވަތު ދިނުމުގެ މައްސަލައެވެ. ކީރިތި ޤުރުޢާނާއި ކީރިތި ރަސޫލު ސ.އ.ވ މާތް ސުންނަތުން އެކި ކަންތަށް ތަކުގައި ދީނީ ފަތުވާ ދެވޭވަރަށް ދީނީ އިލްމު ލިބިފައިނެތީސް އެކި އެކި ދީނީ މައްސަލަތަކަށް ފަތުވާ ދިނުމާއި އިސްލާމްދީނަށް ދަޢުވަތު ދިނުމުގެ ސަބަބުން އިސްލާމް ދީނުގެ ޙަރާމް ކަންތަށް ޙަލާލު ކުރެވެމުން އަދި ޙަލާލު ކަންތަށްތަށް ޙަރާމް ކުރެވެމުންދެއެވެ. މިފަދަ މީހުން އެފަދަގޮތް ގޮތަށް ފަތުވާ ދިނުމަކީ އެއްގޮތަކަށްވެސް އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަމުގައި އިލްމުވެރިން ވިދާޅުވެފައިވެއެވެ. 


ކީރިތި ޤުރުޢާނުގެ سورة النحل 116 ވަނަ އާޔަތުގައިވަނީ [ وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَـٰذَا حَلَالٌ وَهَـٰذَا حَرَامٌ لِّتَفْتَرُوا عَلَى اللَّـهِ الْكَذِبَ ۚ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّـهِ الْكَذِبَ لَا يُفْلِحُونَ ] މާނައީ "ﷲ އާމެދު، ތިޔަބައިމީހުން ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައްހަދައި، ސިފަކޮށް އުޅޭކަންތަކަށް، މިއީ حلال ކަމެކޭ، އަދި މިއީ حرام ކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ! ހަމަކަށަވަރުން، ﷲ އާމެދު، ދޮގުހަދާމީހުން ނުދިނޭހުށްޓެވެ." ފަތުވާދޭ މީހާއަކީ މާތްﷲ ގެ ހުކުމްފުޅުތަށް މީސްތަކުންނަށް ބަޔާންކޮށްދޭ މީހާކަމުން މާތްﷲ ގެ ޙުކުމްފުޅު އޮންނަގޮތް ނޭނގި މާތްޗ ގެ ހުކުމްފުޅު ބަޔާންކުރާ ކަމަށްވާނަމަ، އެމީހަކު އޭމީހެއްގެ ނަފުސް ނަރަކައަށް އެއެއްލާލަނީ ކަމަށް އިލްމުވެރިން ވިދާޅުވެފައިވެއެވެ. ސޫރަތުލް ޙައްޖުގެ 3 އަދި 4 ވަނަ އާޔަތުގައިވަނީ [وَمِنَ النَّاسِ مَن يُجَادِلُ فِي اللَّـهِ بِغَيْرِ عِلْمٍ وَيَتَّبِعُ كُلَّ شَيْطَانٍ مَّرِيدٍ ﴿٣﴾ كُتِبَ عَلَيْهِ أَنَّهُ مَن تَوَلَّاهُ فَأَنَّهُ يُضِلُّهُ وَيَهْدِيهِ إِلَىٰ عَذَابِ السَّعِيرِ ﴿٤﴾  މާނައީ "އެއްވެސް علم އަކާނުލައި، اللَّه އާމެދު ޖަދަލުކޮށް، އަދި ނުކިޔަމަންތެރި ކޮންމެ شيطان އަކަށް تبع ވެއުޅޭމީހުން، މީސްތަކުންގެތެެރެއިންވެއެވެ. (3) އެ شيطان އާގެ މައްޗަށް ކަނޑައަޅުއްވައި ލިޔުއްވާފައިވަނީ، ހަމަކަށަވަރުން، އޭނާއަށް تبع ވެ އެކުވެރިވެއްޖެމީހަކުނަމަ، ފަހެ، އެމީހަކު މަގުފުރައްދައި، ނަރަކައިގެ عذاب އަށް މަގުދެއްކުމެވެ.(4)"


ފަތުވާ ދޭން ހުއްދަވާ މުފްތީންނަކީ ޝަރުޢީ ޙުކުމްތަކުގެ އަސްލުތަކާއި އޭގެ ފަރުޢުތައް ރަގަޅަށް ދަންނަމީހުންނެވެ. އަދި އިޖުތިހާދު ކުރައްވާ މުފްތީންނަކީ ކީރިތި ޤުރުޢާނާއި މާތް ނަބިއްޔާގެ ހަދީޘްފުޅުތަކުން ދަލީލު ނަންގަވާ ބޭކަލުންނެވެ. އަދި އެއީ ވަކި މަޒުހަބަކަށް ނިސްބަތްވީ ކަމުގައި ވިޔަސް ރިވާތްތަކުގެ ދަރަޖައާއި އެކަންތައްތަށް ފިޤުހު އިލްމުވެރިންގެ މެދުގައި ބަލަމުން އަންނަގޮތާއި މިނޫނަސް މިފަދައެތަށް ކަމެއް އެގުމާއި އެކު ތަޢާރަޒު ރިވާއަތްތަށް ތަރުޖީޙް ކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހަކަށް ވާންޖެހެއެވެ. އަދި ފަތުވާ ދިނުމުގައި ކަންފަސޭހަކޮށް ފަރުވާ ކުޑަކުރާ މީހަކަށް ވެގެން ނުވާނެއެވެ. އެމީހުންގެ ހަވާނަފްސަށް ތަބާވާ މީހުނާއި ފާސިޤުންދޭ ފަތުވާާ ޤަބޫލު ކުރުން ހުއްދަނޫން ކަމުގައި އިލްމުވެރިން ވިދާޅުވެފައިވެއެވެ. އަދި އެފަދަ މީސްމީހުންގެ ގާތުން ފަތުވާ އެހުމަކީ ހުއްދަކަމެއް ނޫންކަމުގައިވެސް އިލްމުވެރިން ވިދާޅުވެފައިވެއެވެ. ފަތުވާ ދިނުމުގެ ޝަރުތު ފުރިހަމަނުވާ ފަތުވާގެ އަޙުލުވެރިންގެ ތެރެއިން ނުހިމެނޭ މީހުން ފަތުވާދޭ ކަމަށްވާނަމަ އެމީހުން ފާފަވެރިވާނެކަމަށް  އިލްމުވެރިން ވިދާޅުވެފައިވެއެވެ. އަދި އެފަދަ މީސްމީހުން ފަތުވާ ދިނުން ކަމާއި ބެހޭ ފަރާތްތަކުން ހުއްޓުވަންޖެހޭނެ ކަމަށް އިލްމުވެރިން ބަޔާން ކުރައްވާފައިވެއެވެ. 


އެއްވެސް މީހަކީ ހުރިހާ އިލްމެއް ލިބޭނެ މީހެއްނޫނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. [ قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لاَ يَعْلَمُونَ إِنَّمَا يَتَذَكَّرُ أُولُو الألْبَابِ ] މާނައީ "ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަ މީހުންނާއި، ނުދަންނަ މީހުން ހަމަހަމަވާނެ ހެއްޔެވެ؟ ނަޞޭޙަތް ލިބިގަންނަކަން ކަށަވަރީ ބުއްދީގެ އަހުލުވެރިންނެވެ." 

އިސްލާމީ އުއްމަތަށް އަދު ދިމާވެފައިވާ ބައި ބައި ވުންތަކުގެ އެންމެ ބޮޑު އެއް އަސްލަކީ ދަލީިލުތަކުގެ ސައްޙަ ކަމަށް ބެލުމެއްނެތި ގޫގުލް ކޮށްގެން ފެންނަ ކޮންމެ އެއްޗެއް ޤަބޫލުކުރުމެވެ. އަދި  ބަސް މޮށުންތެރި ކޮންމެެ މީހަކީ ޙައްޤު ބުނާ މީހެއް ކަމުގައި ދެކުމަކީވެސް ގޯހެކެވެ. އަޅުގަނޑުމެން ބަލިވެއްޖެނަމަ އެކަމަށް ޚާއްސަ މީހަކު ހޯދައިގެންމެނުވީ އެކަމަށް ފަރުވާ ނުކުރަމެވެ. އެޚާއްސަމީހާ ހޯދުމަށްޓަކައި ރައްޓެހިން ކައިރިންއަހައި އަދި ފޯނުކޮށް އަދި ރަށްދޫކޮށް ފުރައިގެންވެސް ދެވެއެވެ. އެކަމަކު ދީނީ މައްސަލަތަކުގައި ގިނަފަހަރަށް ގޫގަލް ކޮށްލާގެން ފެނުނު ގޮތަކަށް ފުއްދާލަނީއެވެ. 


ކީރިތި ޤުރުޢާނުގެ الإسراء 36 ވަނަ އާޔަތުގައިވަނީ [ وَلاَ تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولـئِكَ كَانَ عَنْهُ مَسْؤُولاً ] މާނައީ "އަދި ކަލެއަށް އެކަމާއި މެދު އެނގުމެއް ނުވާކަމަކަށް ތަބަޢަނުވާށެވެ. ހަމަކަށަވަރުން އިވުމާއި ފެނުމާއި ހިތަކީ އެތަކެތިބޭނުންކުރި ގޮތާއި މެދު ސުވާލު ކުރެއްވޭނޭ ތަކެއްޗެވެ." އެހެންކަމުން ނޭނގޭ ކަންކަމުގައި ތިމާގެ ހިއްސުތަކުގެ ބޭނުން ކުރުމަކީ ބުއްދިވެރި ކަމަކަށް ނުވާނެއެވެ. އެނގޭ މީހުން ކާރިން އަހައި އޮޅުން ފިލުވާށެވެ. ނޭނގޭ ކަމަށް އިޢުތިރާފު ވުމަކީ ހަޑިކަމެއް ނޫން އަދި ލަދުގަންނަންޖެހޭ ކަމެއްވެސް ނޫނެވެ. 

No comments:

Post a Comment