Wednesday, March 3, 2021
ކީރިތި ރަސޫލާ صلى الله عليه وسلم އަކީ މާތް ﷲ އިސްލާމްދީނުގެ މަތިވެރި ރިސާލަތާ ޙަވާލު ކުރައްވައި އިންސީންނާއި ޖިންނީންގެ ގާތަށް ފޮނުއްވި ﷲގެ ރަސޫލާއެވެ. އެކަލޭގެފާނަކީ އެންމެ ފަހުގެ ނަބިއްޔާ އަދި އެންމެ ފަހުގެ ރަސޫލާއެވެ. އެކަލޭގެފާނަށް ފަހު ނަބީކަމާއި ރަސޫލުކަމުގެ ސިލްސިލާ ވަނީ އަބަދަށް ޓަކައި ނިންމަވައި ލައްވާފައެވެ.
އެހެންކަމުން އެކަލޭގެފާނަކީ ޤިޔާމަތަށް ދާންދެން މީސްތަކުން އުޅޭނެގޮތް އަންގަވައި ދެއްވައި ނަމޫނާ ދެއްކެވުމަށް ފޮނުއްވުނު ރަސޫލާއެވެ. އެކަލޭގެފާނު ވަނީ ވަރަށް ފުރިހަމައަށް އެކަލޭގެފާނާއި ހަވާލުކުރެވުނު މިމަތިވެރި ޒިންމާ އުފުއްލަވައި ވާޖިބު އަދާ ކުރައްވާފައެވެ. އަދި އަމާނަތް އޭގެ އަހުލުވެރިންނާ ހަވާލު ކުރައްވާފައެވެ. ހަޤީގަތުގައި އެކަލޭގެފާނަކީ މީސްތަކުން ޖަހާލަތުގެ އަނދިރިކަމުން އިލްމުގެ ނޫރަށް ނެރެދެއްވައި، އަޅުތަކުންނަށް އަޅުކަންކުރުމުގެ ބަދަލުގައި މާތް ﷲ އަށް އަޅުކަންކުރުމަށް މަގުދެއްކެވި އާރުކާޓީއެވެ.
الله سبحانه وتعالى ވަނީ މުޙައްމަދުގެ ފާނުގެ މައްޗަށް ކީރިތި ޤުރުއާން ބާވައިލައްވައި، މިއުއްމަތުގެ ޤާނޫނު ކަމުގައި އެގުރުއާން ކަނޑަ އަޅުއްވާފައެވެ. އަދި އެޔާއެކު އެޤުރުއާން ޝަރަހަ ކުރެއްވުމަށް ކީރިތި ރަސޫލާގެ ސުންނަތަށް ތަބާވުމަށް އަންގަވާފައެވެ. މާތްﷲ سورة الحشر 7 ވަނަ އާޔަތުގައި ވަހީކުރައްވާފައި ވަނީ وَمَا آَتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا މާނައީ" އަދި ތިޔަބައި މީހުންނަށް ރަސޫލާ ދެއްވި އެއްޗެއްގައި ފަހެ ތިޔަބައި މީހުން ހިފަހައްޓާށެވެ. އަދި އެކަލޭގެފާނުން ނަހީ ކުރެއްވި ކަމަކުންނަމަ ދުރުވެ ގަންނާށެވެ." އަދި سورة النحل 44 ވަނަ އާޔަތުގއި ﷲ ވަހި ކުރައްވަނީ وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ މާނައީ " ކަލޭގެފާނަށް ތިމަން ރަސްކަލާނގެ ހަނދާން ކޮށްދެނިވި ފޮތް އެބަހީ ކީރިތި ޤުރުއާން ބާވައިލެއްވީމެވެ. އެއީ އެބައި މީހުންނަށް ޓަކައި އެބާވައި ލެއްވި ފޮތް ކަލޭގެފާނު މީސްތަކުންނަށް އަންގަވައި ދެއްވައި ބަޔާންކޮށްދެއްވުމަށް ޓަކައެވެ."
الله سبحانه وتعالى ކީރިތި ރަސޫލާ އާއި ހަވާލުކުރެއްވި ރިސާލަތަކީ ނުވަތަ މަސައްކަތް ޕުޅަކީ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާ ފައިވާ އެކަލާނގެ ހިދާޔަތާއި އަމުރުފުޅު ތަކާއި ދީނުގެ އެންމެހައި ހުކުމްތައް މީސްތަކުންނަށް ބަޔާންކޮށް ދެއްވުމެވެ.
ކީރިތި ރަސޫލާގެ ރިސާލަތަކީ ޢާލަމީ ރިސާލަތެކޭ ބުނެވޭ ބަހުގެ މާނަ
ކީރިތި ރަސޫލާގެ ރިސާލަތަކީ ޢާލަމީ ރިސާލަތެކޭ ބުނެވޭ ބަހުގެ މާނައަކީ އެކަލޭގެފާނުގެ ރިސާލަތަކީ ވަކިނަސްލަކަށް ނުވަތަ ވަކި ޤައުމަކަށް ނުވަތަ ވަކިޒަމާނަކު އުޅުނު ބަޔަކަށް ނިސްބަތްނުވާ ހުރިހާ ޒަމާން ތަކެއްގައި ދުނިޔޭގައި ދިރިއުޅުއްވި އަދި ދިރިއުޅޭނެ އެންމެހާ އިންސީންނާއި ޖިންނީން ޝާމިލުވާ ރިސާލަތެކެވެ.
ކީރިތި ރަސޫލާގެ ރިސާލަތަކީ ވަކިބަޔަކަށް ޙާއްސަ ރިސާލަތެއްނޫން
ކީރިތި ރަސޫލާގެ ރިސާލަތަކީ މުޅި ދުނިޔެއަށް އާންމު ކުރައްވައިގެން މާތްﷲ ބާވާލައްވާފައިވާ ރިސާލަތެކެވެ. ހުރިހާ ޢާލަމްތަކަށް އާންމު ކުރައްވައިގެން، ހުރިހާ އެންމެން ޝާމިލު ވާގޮތަށް މާތްﷲ ބާވައި ލައްވާ ފައިވާ ރިސާލަތެކެވެ. وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ (سورة سبأ:28) "އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ."
އިސްލާމްދީނަކީ ޢާލަމީ ދީނެކެވެ. އަދި ކީރިތި ރަސޫލާއަކީ މުޅި ދުނިޔެއާއި ދުނިޔޭގައިވާ ހުރިހާ އެންމެންގެ ގާތަށް މާތްﷲ ފޮނުއްވާފައިވާ ރަސޫލެކެވެ. މިކަން ބަޔާންކުރައްވައި އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللّهِ إِلَيْكُمْ جَمِيعًا (سورة الأعراف:158) "ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައި މީހުން އެންމެންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާއެވެ."
މުޙައްމަދުގެފާނުގެ އުއްމަތަކީ ދަޢްވަތުގެ އުއްމަތެވެ. އެކަލޭގެފާނުގެ ރިސާލަތަކީ ތައުޙީދުގެ ރިސާލަތެވެ. އަދި އެކަލޭގެފާނުގެ މަންހަޖަކީ ޢާލަމީ މަންހަޖެކެވެ. އެހެންކަމުން އެކަލޭގެފާނުގެ ދަޢުވަތަކީ އުއްމަތުގެ ފެންވަރުގައި ހުށަހެޅޭ، ތައުޙީދީކޮށް ފެތުރޭ، އަދި ޢާލަމީ ވެއްޓަކަށް މުޅި ދުނިޔެއަށް ބަޔާންކޮށްދެވޭ ރިސާލަތެކެވެ. އުއްމަތުގެ ކޮންމެ ފަރުދަކީވެސް، އެ މީހެއްގެ ނިސްބަތުން އެ މީހެއްގެ ފެންވަރާއި ފަންވަރުގައި އެމީހެއްގެ މަޤާމާއި މައިދާނުގައި މީސްތަކުންނަށް އިސްލާމީ ދަޢްވަތު ފޯރުކޮށްދީ ހެއުކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިކަމާއި މުރާލިކަމާއެކު މަސައްކަތް ކުރަންޖެހޭނެ މީހެކެވެ. އިސްލާމީ އުއްމަތް ކުރިއަރުވާ ތަރައްޤީ ކުރުމަކީ ހުރިހާ މުސްލިމުންގެ ބޮލުގައި އެޅިފައިވާ ޝަރުޢީ ވާޖިބެކެވެ.
ކީރިތި ރަސޫލާއަށް ލޯބިކުރާ މީހާ އިސްލާމްދީނުގައި ޝަރުއު ކުރައްވާފައިވާ އަޅުކަންތައްތައް ފުރިހަމައަށް އަދާކުރާނެ
ކީރިތި ރަސޫލާ ގެނެސްދެއްވި އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީނެވެ. އެދީނަކީ ﷲގެ ހަޟަރަތުގައި ހަމައެކަނި ދީނެވެ. އެކަން ބަޔާން ކުރައްވާ سورة آل عمران 19 މާތް ﷲ ވަހީ ކުރައްވާފައިވަނީ إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ މާނައީ"ހަމަކަށަވަރުން ﷲގެ ޙަޟުރަތުގައި ދީނަކީ އިސްލާމްދީނެވެ." އެހެންކަމުން އެދީނުގައި ކުރުމަށް އަންގަވާ ފައިވާ އަޅުކަންތައް ބަރާބަރަށް އަދާކުރަން ޖެހޭނެއެވެ. ތައުހީދުގެ ދެކަލިމަ ކިޔާ އޭގެ މާނަ ހިތުން ތެދުކޮށް ގަބޫލުކުރުމަށް ފަހު ފަރުޟު ފަސް ނާމާދުކުރުމާއި ޒަކާތް ދިނުމާއި ރޯދަ ހިފުން އަދި ކުޅަދާނަވެގެންވާ މީހާ ހައްޖުވުމަކީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ލޯބިވާކަން އަންގާދޭ އަޅުކަންތަކެވެ.
މުސްލިމެއްގެ އަޤީދާ މިސްރާބު ޖަހައި ދެނީ އޭނާކުރާ ނަމާދުންނެވެ. ލޮބުވެތި ރަސޫލާ ކޮންމެ ބޮޑުކަމެއް ދިމާވެއްޖެ ހިނދެއްގައި ނަމާދު ކުރެއްވުމަށް އަވަސްވެ ވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނު ހަދީޘް ކުރައްވާ ފައިވާ ހަދީޘެއްގެ މާނައިގައި ވަނީ ( އަހްމަދު ، ނަސާއީ ) "ތިމަން ކަލޭގެފާނުންގެ ލޯފުޅުގެ ފިނިކަން ލެއްވިގެންވަނީ ނަމާދުގައެވެ." އިސްވެދިޔަ ހަދީޘުން ނަމާދުގެ މަތިވެރިކަން ވަރަށް ރަނގަޅަށް އެނގިގެން ހިގައްޖެވެ.
ރޯދައަކީ ﷲގެ ހަޟުރަތަށް ކުއްތަންވެ ތަޤުވާވެރިވުމަށް ﷲ ފަރުޟުކުރައްވާފައިވާ އަޅުކަމެކެވެ. މާތް ﷲ سورة البقرة 183 ވަނަ އާޔަތުގައި ވަހިކުރައްވަނީ يَا أَيُّهَا الَّذِينَ آَمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ "އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކަށް ރޯދަ ފަރުޟު ކުރެވުނު ފަދައިން ތިޔަބައިމީހުންނަށްވެސް ރޯދަ ފަރުޟު ކުރެވިއްޖެއެވެ. އެއީ ތިޔަބައި މީހުން، ތިޔަބައި މީހުންގެ ވެރި ރަސްކަލާނގެއަށް ބިރުވެތިވެ ފާފަތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށްޓަކައެވެ." އެހެންކަމުން މިއުންމަތުގެ ކޮންމެ މުސްލިމަކުވެސް ﷲ އާއި އެކަލާނގެ ރަސޫލާގެ ރުއްސެވުން ހޯދުމަށް ފަރުޟު ރޯދަހިފުމަކީ ވާޖިބެކެވެ.
ޙައްޖުގެ މަތިވެރިކަމާއި ބެހޭގޮތުން ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. "މަބްރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވައި އެހެން އެއްވެސް ޖަޒާއެއް ނުވެއެވެ."
މަތީގައި ބަޔާންކުރެވިގެން އެދިޔަ ދަލީލުތަކުން ދޭހަވަނީ ތިމާ އެކަލާނގެ ރަސޫލާގެ ރުއްސެވުން ހޯދުމަށް ކުރެވޭނެ އެންމެ މުހިންމު ކަންތައްތަކަކީ އިސްލާމްދީނުގައި ފަރުޟު ކުރައްވާ ފައިވާ އަޅުކަންތައް އަދާކުރުން ކަމެވެ.
އެންމެ ފުރިހަމަ ނަމޫނާ އަކީ ކީރިތި ރަސޫލާ
އިސްލާމް ދީނާއިގެން ކީރިތި ރަސޫލާ ވަޑައިގެންނެވުމުގެ ކުރިން އިންސާނުންނަކީ ހުރާފާތާއި ތާކުންތާކު ނުޖެހޭ ބޯދާ ކަންތައްތަކެއްގެ މައްޗަށް އެމީހުންގެ ދިރިއުޅުން ބީނާކޮށްގެން ތިބި ބައެކެވެ. އެމީހުންގެ ވެރިރަސްކަލާނގެ މަތިން ހަނދުމަ ނެތިކޮށްލައި ބުދުތަކެއް ކަލާނގެކަމުގައި ހަދައިގެން އުޅުނު ބައެކެވެ. އަދި ނުބައި ވެގެންވީހާ ކަމެއް ކުރުމާއި ރިބާގެ ވިޔަފާރި ކުރުމާއި، ތިމާފަދަ އިންސާނުން އަޅުވެތިކޮށް އެމީހުންގެ މިނިވަންކަން ނަގައިލުންފަދަ ކަންކަމީ ޢާއްމުވެފައިވާ ކަންކަމެވެ. މިފަދަ ކަންކަމުން އިންސާނުން ސަލާމަތް ވެފައިވަނީ އިސްލާމްދީނުގެ ހިޔާވަހިކަން ލިބިގެންނެވެ.
ހުރިހާ ކަމެއްގައިވެސް އެންމެ ފުރިހަމަ ނަމޫނާއަކީ ކީރިތި ރަސޫލާއެވެ. ކީރިތި ޤުރުއާނުގެ سورة الأحزاب 21 ވަނަ އާޔަތުގައި ﷲ ވަހީ ކުރައްވައެވެ. لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الْآَخِرَ وَذَكَرَ اللَّهَ كَثِيرًا "ހަމަކަށަވަރުން ﷲގެ ރަސޫލާގެ ކިބައި ގައި ތިޔަބައި މީހުންނަށް ރިވެތި ވެގެންވާ ނަމޫނާއެއްވެއެވެ.( އެއީ) ﷲގެ ދަރުމައާއި އާހިރަތުގެ ޘަވާބަށް އެދޭ އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ."
އެކަލޭގެ ފާނުންގެ ކިބައިން އަޅުގަނޑުމެންނަށް ފެނިގެން ދަނީ މާތް އަހުލާގެވެ. މިގޮތުން އެކަލޭގެފާނުން ގޮވާލަނީ އާމާނާތްތެރިވުމަށާއި ތެދުވެރިވުމަށާއި މައިންބަފައިންނަށް އިހުސާންތެރިވުމަށެވެ. ވަޢުދެއް ކޮށްފައި އެވަޢުދާއި ހިލާފުނުވުމަށާއި ލަދުވެތި ވުމަށެވެ. މުސީބާތެއް މެދުވެރިވެފައިވާ މީހާއަށް އެހީތެރިވުމަށާއި ގާތްތިމާގެ ކަމުގެ ގުޅުން ބަދަހިކުރުމަށެވެ. މީ ހައްތާވެސް މާތް ނަބިއްޔާގެ އުޅުއްވުމާއި ބަސްމޮށުންތެރި ކަމުން ފެންނަން ހުރި ކަންތަކެވެ.
މިގޮތުން އިސްލާމީ ތާރީހުގެ ޞަފުހާތައް ހޯދައި ބަލާއިރު ފެނިގެން ދަނީ ކީރިތި ރަސޫލާ، ރަސޫލުކަމާއިގެން ފޮނުއްވި ދުވަސްވަރު އެކަލޭގެ ފާނަށް އެންމެ ދުސްމަނުވެ ފުރައްސާރަކޮށް ގޯނާކުރި މައްކާގެ މުޝްރިކުންވެސް އެކަލޭގެފާނަކީ ތެދުވެރި އާމާނާތް ތެރިއެއްކަން ޤަބޫލޫ ކުރިކަމެވެ. ރަސޫލާ ﷲ صلى الله عليه وسلم އާމާނަތްތެރިކަމުގެ ސަބަބުން މައްކާގެ އަހުލުވެރިން އެކަލޭގެފާނަށް އަލް އަމީނުގެ ލަގަބު ދެއްވި އެވެ. ކީރިތި ރަސޫލާއަށް ތަބާވެ، މާތްﷲ އަށް އީމާންވެގެން ތިބިމީހުން (މުސްލިމުން ) ތެދުވެރިންނާ އެކުގައި ވުމަށް ވަޞިއްޔަތް ކުރައްވާ ކީރިތި ވަންތަ މާތް ﷲ ޞުބުހާނަހޫ ވަތައަލާ سورة التوبة 119 ވަނަ އާޔަތުގައި ވަހީ ކުރައްވަނީ يَا أَيُّهَا الَّذِينَ آَمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ މާނައި " އޭ އީމާންވި މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރި ވާށެވެ! އަދި ތެދުވެރިންނާއެކުގައި ތިޔަބައިމީހުން ވާށެވެ. " ( ޤުރުއާން ތަރުޖަމާ)
އެހެންކަމުން މާތް ނަބިއްޔާއަށް ލޯބިކުރާ ކަމުގައި ވަނީނަމަ އެކަލޭގެފާނުންގެ ކިބައިގައި ހުރި މާތް ސިފަތަކުން ޒީނަތްތެރި ވުމަކީ ކޮންމެހެން ވެސް ލާޒިމުކަމެކެވެ.
މާތް ނަބިއްޔާ ދެކެ ލޯބިވާ މީހާ ދުރުހެލި ވާންވީ ބައެއް ކަންތައްތައް
ހ. އިސްލާމްދީންނޫ އެހެން ދީނެއް ގަބޫލުކުރުން:- އިސްލާމް ދީންނޫން އެހެންދީނެއް ގަބޫލުކުރުމަކީ، ކާފިރުވެ މުރުތައްދުވާނެ ކަމެކެވެ. މާތް ﷲ ވަހީކުރައްވާފައިވެއެވެ. وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآَخِرَةِ مِنَ الْخَاسِرِينَ (سورة آل عمران 85) މާނައީ" ދީނެއްގެގޮތުގައި އިސްލާމްދީންނޫން ދީނެއް އެދޭމީހާ(ދަންނާށެވެ.) ފަހެ އެމީހާގެކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުއްޓެވެ! އަދި އާހިރަތުގައި އެނާވާހުށީ، ގެއްލެނިވިގެންވާ މީހުންގެތެރެއިންނެވެ."
ށ. ރިބާކެއުން:- މާތް ﷲ سورة آل عمران 130-131 ވަނަ އާޔަތުގައި ވަހީ ކުރައްވާފައި ވަނީ يَا أَيُّهَا الَّذِينَ آَمَنُوا لَا تَأْكُلُوا الرِّبَا أَضْعَافًا مُضَاعَفَةً وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ (130) وَاتَّقُوا النَّارَ الَّتِي أُعِدَّتْ لِلْكَافِرِينَ މާނައީ " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ގިނަގުނަވެގެންވާ ގުނަވަންތަކެއްގެ ގޮތުގައި ތިޔަބައިމީހުން ރިބާނުކާށެވެ! އަދި ތިޔަބައި މީހުން ﷲ އަށް ތަޤުވާވެރިވާށެވެ. އެއީ، ތިޔަބައި މީހުން ދިންނަވައި ނަސީބު ލިބުމަށް ޓަކައެވެ."
ނ. ރިޝްވަތު ހިފުމާއި ދިނުން:- މާތްނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވި ހަދީޘެއްގެ މާނައިގައި ވަނީ" ރިޝްވަތު ދޭމީހާއާއި ރިޝްވަތުގައި ހިފާމީއަށް ﷲ ލައުނަތް ލެއްވިއެވެ."( ރަވާހު އަށް ތިރިމިޛީ)
ރ. ވެރިން ރައްޔިތުންނަށް އޮޅުވާލުމާއި މަކަރުހެދުން:- މާތްނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވި ހަދީޘެއްގެ މާނައިގައި ވަނީ" އެމީހެއްގެ ބެލުމުގެ ދަށުގައި ރައްޔިތުންތަކެއް ލައްވައިފި ކޮންމެ މީހަކުމެ، އޭނާގެ ރައްޔިތުންނަށް މަކަރުހަދައި އޮޅުވައިލާފައިވާޙާލު އެމީހާ މަރުވެއްޖެނަމަ އެމީހެއްގެ މައްޗަށް ﷲ ސުވަރުގެ ހަރާމުނުކުރައްވައި ނުދާހުއްޓެވެ." (ރަވާހު މުސްލިމް)
ބ. އަވަށްޓެރިންނަށް އުނދަގޫކުރުން:- މާތްނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވި ހަދީޘެއްގެ މާނައިގައި ވަނީ" އެމީހެއްގެ އުނދަގުލަކުން އަވަށްތެރިޔާއަށް ސަލާމަތްނުލިބޭ މީހާ ސުވަރުގެ ނުވައްދާ ހުއްޓެވެ." (ރަވާހު މުސްލިމް)
(މިމައުޟޫއަށް މައުލޫމާތު ނަގައިފައިވާނީ ނަރަކަ ސަލާމަތްވާން ބޭނުމީ ކާކުހެއްޔެވެ؟ ޞަފުހާ 74، 75، 77،81 )
އެހެންކަމުން މަތީގައި ބަޔާންކުރެވުނު ގޯސް ސިފަތަކުން ދުރުހެލިވެ މާތް ނަބިއްޔާގެ އަހުލާގާއި އެއްގޮތަށް އަޅުގަނޑުމެންގެ އުޅުން ބައްޓަން ކުރަމާ ހިނގާށެވެ.
ކީރިތި ރަސޫލާއަށް ލޯބި ކުރުމުގެ ނަތީޖާ
މިއުއްމަތަށް ފޮނުއްވުނު ކީރިތި މާތް ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ މާތް ﷲ ސުބުހާނަހު ވަތައަލާގެ ރަސޫލާއެވެ. މުހައްމަދުގެފާނަށް ތަބާވެ އެކަލޭގެފާނަށް ލޯބިކޮށްފި މީހާއަށް މާތްﷲ ރުހިވޮޑިގަތުން ލިބޭނެއެވެ. އެކަލޭގެފާނަށް ތަބާވެ ލޯބިކުރުމުގެ ގޮތުން މަތީގައި ބަޔާންކުރެވި ދިޔަ ގޯސް ސިފަތަކުން ދުރުހެލިވެ ދިނުގައި ކުރުމަށް އަންގަވާފައިވާ އަޅުކަންތައް ބަރާބަރަށް އަދާކުރުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔެއާއި އާހިރަތުގައި ބާއްޖަވެރި ކަންލިބެއެވެ. ކީރިތި ރަސޫލާއަކީ ﷲ އަށް އަޅުކަން ކުރުމުގައި އެހެން ހުރިހާ އިންސާނުންނަށް ވުރެ ކުރިއަރާފައިވާ މިއުއްމަތުގެ މާތް ރަސޫލާއެވެ.
އެހެންކަމުން އެކަލޭގެފާނުން ﷲއަށް އަޅުކަން ކުރުމުގައި ކަންތައް ކުރެއްވި ގޮތަށް އުޅުން ބައްޓަން ކުރުމުގެ ނަތީޖާއަކަށް ވާނީ އެމީހާއާއި ﷲ އާއި ދެމެދުގައިވާ ގުޅުން ބަދަހިވެ ﷲގެ ރުއްސެވުން ލިބުމެވެ. ނަތީޖާއެއްގެ ގޮތުން އެމީހަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލިބޭގޮތް މެދުވެރި ވެގެން ދެއެވެ. ( އިސްލާމީ ތަރުބިއްޔަތު ގުރޭޑް11 ފޮތުގެ ﷲ ގެވަލީވެރިން)
ކީރިތި ޤުރުއާނުގެ ވަރަށް ގިނައާޔަތްތަކުގައި އީމާންވެ ޞާލިހު އަމަލުކުރި މީހުންނަށް ހުރި ނިއުމަތްތައް ﷲ އަންގަވާފައި ވެއެވެ. މިގޮތުން މާތްﷲ سورة البروج 11 ވަނަ އާޔަތުގައި ވަހިކުރައްވަނީ إِنَّ الَّذِينَ آَمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ذَلِكَ الْفَوْزُ الْكَبِيرُ މާނާއީ " ހަމަކަށަވަރުން އީމާންވެ ޞާލިޙު އަމަލުކޮށް އުޅުނު މީހުންނަށް އެތާގެ ދަށުން ކޯރުތައް ހިނގަހިނގަހުންނަ ސުވަރުގެތައް އެބައިމީހުންނަށް ހުއްޓެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ." (ގުރުއާން ތަރުޖަމާ)
ކީރިތި ރަސޫލާއަށް ލޯބި ކުރާ މީހާ މާތް ﷲ އަށް ލޯބި ކުރަން ޖެހޭނެ
ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم އަކީ މާތް ﷲ ޞުބުހާނަހޫ ވަތައަލާ މިއުއްމަތައް ރަހުމަތެއްކަމުގައި ފޮނުއްވި ރަސޫލާއެވެ. އެކަލޭގެފާނުން ގޮވާލެއްވީ ތަފާތު ގިނަ ކަލާނގެތަކަކަށް އަޅުކަންކުރުމުގެ ބަދަލުގައި އެއްކައުވަންތަ ﷲ އަށް އަޅުކަން ކުރުމަށެވެ. އެއީ އެކަލޭގެ ފާނުންގެނެސްދެއްވި އިސްލާމް ދީނުގެ ފުރަތަމަ އަސާސެވެ. މާތް ﷲ سورة آل عمران 2 ވަނަ އާޔަތުގައި ވަހީ ކުރައްވަނީ اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ "މާނައީ ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކުނުވެއެވެ. އެކަލާނގެއީ ދިރިދެމިވޮޑިގެންވާ އެންމެހައި ތަކެއްޗެއް ބެލެހެއްޓެވުމުގައި ޤާއިމުވެވޮޑިގެންވާ ރަސްކަލާނގެއެވެ. (އަދާލަތު ޑޮޓް އޯރގުގެ ގުރުއާން ތަރުޖަމާ) އަދިވެސް އެކަލާނގެ سورة آل عمران 31 ވަނަ އާޔަތުގައި ވަހީ ކުރައްވަނީ قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ މާނައީ "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ ދެކެ ލޯބިވާ ކަމުގައި ވަނީނަމަ ފަހެ ތިޔަބައިމީހުން ތިމަން ކަލޭގެފާނަށް ތަބާވާށެވެ! އެއިރުން ﷲ ތިޔަބައިމީހުން ދެކެ ލޯބިވެ ވޮޑިގަންނަވާނެތެވެ. އަދި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި ދެއްވާނެތެވެ. ﷲއީ ގިނަގިނައިން ފާފަ ފުއްސަވާ ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ." މިއާޔަތުން ދޭހަވާގޮތުގައި މާތް ﷲގެ ރުއްސެވުން ލިބޭނީ އެކަލޭގެފާނަށް ތަބާވެގެންނެވެ. އަދި އެކަލޭގެ ފާނަށް ތަބާވެވޭނީ އެކަލޭގެފާނުން ގެނެސްދެއްވި ދީނުގެ ފުރަތަމަ އަސާސުކަމުގައިވާ ﷲ ގެ އެއްކައުވަންތަކަމަށް އީމާންވެގެންނެވެ. އެދީނުގެ ތަޢުހީދުގެ ފުރަތަމަ ކަލިމާގައިވަނީ لَا إِلَهَ إِلَّا اللَّهُ މިހެންނެވެ. މާނައީ "ﷲ ފިޔަވައި އެހެން އިލާހުކުނުވެއެވެ." އެހެން ކަމުން އަޅުގަނޑުމެން މުސްލިމުން ﷲ ގެ ރަސޫލާއަށް ލޯބިކުރާނަމަ ﷲ އަށް އީމާންވެ ﷲ އަށް ލޯބިކުރަން ޖެހޭނެއެވެ.
ނިންމާލުން
ރަސޫލުﷲ (ސ.އ.ވ)ގެ ރިސާލަތަކީ އިސްލާމް ދީނަށް ގޮވާލައި އެ ދީން މީސްތަކުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އާލަމީ ވުމެވެ. އިންސާނުން އަނދިރިކަމާއި ގެއްލުމުން ސަލާމަތްކޮށްދީ ސަލާމަތުގެ އައްސޭރި އަށް ވާސިލުކުރުމަށް ކުރާ މަސައްކަތަކީ ވަކި ތަނެއްގެ ބަޔަކަށް އަމާޒުކުރަންޖެހޭ ކަމެއް ނޫނެވެ. ދުނިޔޭގެ ހަމަ ހުރިހާ ހިސާބަކަށް ވެސް އިސްލާމީ ރިސާލަތު ފޯރުކޮށްދޭންޖެހެ އެވެ. މި ގޮތުން އެންމެންނަށް ދައުވަތު ދެވޭތީ އިސްލާމީ ސަގާފަތް އެއީ އާލަމީ ސަގާފަތެއް ކަމުގައިވެ އެވެ.
ރެފަރެންސް
1. އަލްމިންބަރު، ވިލިޔުމް 6، ނަމްބަރު 6 ، 5 އަދި 7
2. އައްޞާބޫނީ، މުޙައްމަދު ޢަލީ، މުޚްތަޞަރު ތަފްސީރި އިބްނި ކަސީރި، ވ2، ޞ57
3. އަފްރާޝީމު، ޤަވާޢިދުލްޙިވާރި ބައިނަލްއަދްޔާނި
4. ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ
5. އިސްލާމީ ނަޒަރަކުން، މައުމޫން އަބުދުލް ގައްޔޫމް
6. އާފަތިސް- ތެދުމަގު 7 ސެޕްޓެމްބަރ2007 ކީރިތި ރަސޫލާދެކެ ލޯބިވުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް ލާޒިމުކަމެއް
7. އެކުވެރިއްގެ ހަދިޔާ (އަޅުކަމުގެ ސާޅިސް ހަދީތް)
މަމީ ޝިހާދު
ތިހުއްޓު މަފޮޓޯއާ. ކަންނެ ބޮންނެ މަކެރެނެ މަސައްކަދާއްކޫ ރާވޭ ސިމެންތިޖެހުމާ. މާއްކޫ ޤާނޫނީ ވަކީލެކެ އަދި ލެޔެނާ މީހެކެ. މީގެ އިތިއްރެޓެ ކަމެކެ ސާފުކޮށްލެންނެ ބޭނުންފެހޭ ފޭސްބުކުން މެސެޖެކެ ކޮށްލަ، އެވޭލެ އައިކެ ޖަވާބެ ދެންނިން
ދީނާއި ދުނިޔެ
Labels:
ހެޔޮބަސް,
ދީނާއި ދުނިޔެ
Subscribe to:
Post Comments (Atom)
No comments:
Post a Comment