Sunday, May 24, 2020

#

ފިޠުރު ޢީދުގެ ތަހުނިޔާ އަރިސްކުރަމެވެ.

ތިރީގައި މިވަނީ 22 މެއި 2018 ވަނަ ދުވަހު އަވަހާރަވެފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، 08 ސެޕްޓެމްބަރ 2010 ލިޔުއްވާފައިވާ ލިޔުމެކެވެ. 

ހެޔޮކަމާއި ބަރަކާތުން ފުރިގެންވީ ދުވަސްދުވަސްތަކާއި ރޭތައް އަލްވަދާޢު ކިޔައިފިއެވެ. ބަރަކާތްތެރި ރަމަޟާން މަސް ފާއިތުވެ ހިނގައްޖެއެވެ. މިމާތް މައްސަރުގައި ﷲގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދި ރޯދަހިފައި، ރޭ އަޅުކަންކޮށް، ޤުރްއާން ކިޔަވައި، އިޢްތިކާފަށްތިބެ، އަދި މިނޫނަސް ﷲގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދިގެން، ހެޔޮކަންތައްތައް ކުޅަ މީހުންނަށް އުފާވެރިކަން ހުއްޓެވެ. ރަމަޟާން މަހުން އެއްވެސް މިންވަރެއްގެ މަންފާއެއް ޙާޞިލު ނުކުރެވުނު މީހާއީ އެންމެހައި ހެޔޮކަމަކުން މަޙުރޫމްވެގެންވީ މީހެކެވެ. އެހެނަސް، އެފަދަ މީހާވެސް ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާލާކަށް ނުވެއެވެ. ތައުބާވުމުގެ ފުރުޞަތު އޭނާގެ ކުރިމަތީގައި ވެސް އެބައޮތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. "كُلُّ بَنِيْ آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِيْنَ التَّوَّابُوْنَ" މާނައީ"ކޮންމެ އާދަމުގެ ދަރިއަކީ ވެސް ފާފައެއް ކުރެވިދާނޭ މީހެކެވެ. އަދި ފާފަކުރާމީހުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑުވެގެންވަނީ، އެބައިމީހުން ކުރެ ތައުބާވާމީހުންނެވެ."

އާނއެކެވެ. އަނެއްކާވެސް އަޅުގަނޑުމެންގެ ކުރިމަތީގައި މިވަނީ ބަރަކާތްތެރި، އިތުރު ދުވަސްތަކެކެވެ. ހަދުވަހު ރޯދަ ހިފުމަކީވެސް އެހާމެ ދަރުމައާއި ޘަވާބު ލިބެނިވި އަޅުކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ بِسِتٍّ مِنْ شَوَّالَ كَانَ كَصِيَامِ الدَّهْرِ" [رَوَاهُ مُسْلِمٌ] މާނައީ"ރަމަޟާން މަހު ރޯދަ ހިފުމަށްފަހު، ޝައްވާލު މަހުން ހަދުވަހު ރޯދަ ހިފައިފި މީހާ މުޅި ޢުމުރު ރޯދަހިފި މީހެއް ފަދައެވެ. އެބަހީ، މުޅި އަހަރު ދުވަހު ރޯދަ ހިފިފަދައެވެ. އެހެނީ، ކޮންމެ ހެޔޮކަމަކަށް ﷲ ދިހަ ދަރުމަ ދެއްވައެވެ. އެހެންކަމުން، މުޅި ރަމަޟާންމަހު ރޯދަ ހިފުމުން 300 ދުވަހު ރޯދަ ހިފުމުގެ ޘަވާބު ޙާޞިލުވެގެންދާއިރު، އިތުރު ހަދުވަހު ރޯދަ ހިފުމުން 60 ދުވަހު ރޯދަހިފުމުގެ ޘަވާބު ލިބެއެވެ. އެހެންކަމުން މުޅި އަހަރު ރޯދަ ހިފުމުގެ ޘަވާބު ލިބިގެންދެއެވެ.

ރަމަޟާން މަސް ފާއިތުވެ ގޮސް، މިއަދު މިވަނީ ބަރަކާތްތެރި ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުވެފައެވެ. މިބަރަކާތްތެރި ޢީދުގެ ތަހުނިޔާ ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ފޮނުވަމެވެ. އަޅުގަނޑުމެން އެންމެންގެ އަޅުކަން ޤަބޫލުކުރެއްވުން އެދި ﷲ އަށް ދުޢާކުރާ ޙާލުގައެވެ. ޢީދު ދުވަހަކީ، މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ހިތްހެޔޮކަން ފާޅުކޮށް، އެއްބަޔަކު އަނެއްބަޔަކާ ބައްދަލުކޮށް، ދުވަހުގެ ތަހުނިޔާ ބަދަލުކޮށް، އުފާފާޅުކޮށް އުޅުމުގެ ދުވަހެކެވެ. އަނަސްގެފާނުގެ އަރިހުން ވާރިދުވެގެން ވެއެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ވަޑައިގަތްއިރު، އެތާނގެ އަހްލުވެރިން ޢީދުގެ ގޮތުގައި އުފާފާޅުކޮށް ފާހަގަކޮށްއުޅޭ ދެދުވަހެއް އޮވެއެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އުފާފާޅުކޮށް ކުޅިވަރުކުޅެ އެޅޭ ދެދުވަހެއް، މީގެކުރިން ތިޔަބައިމީހުންނަށް އޮތެވެ. އެހެނަސް، އެއަށްވުރެ ރަނގަޅު ދެދުވަހެއް ﷲ ތިޔަބައިމީހުންނަށް ކަނޑައަޅުއްވައިފިއެވެ. އެއީ، ފިޠުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހެވެ".

ޢީދު ދުވަހުގައި ކުރެވޭ އެންމެމުހިއްމު ކަމަކީ ޢީދު ނަމާދު ކުރުމުވެ. ފެންވަރައި ޠާހިރުވެގެން ތިމާއަށް ލިބުނު އެންމެ ރިވެތި ހެދުމެއް ލައިގެން މީރުވަސް ދުވާ ހުވަދެއް ލައިގެން ޢީދު ނަމާދަށް ދިޔުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ވާނެއެވެ. އަންހެނުންނާއި ފިރިހެނުންނާއި ކުޑަ ކުދިންނާއި ހުރިހާ އެންމެން މިނަމާދުގައި ބައިވެރިވުން މޮޅު އިތުރުވެގެން ވެއެވެ. މިދުވަހުގައި، މިސްކިތްތަކުގައްޔާއި ބާޒާރުތަކުގައްޔާއި މަގުތަކުގައި، ޢީދު ތަކުބީރު ކިޔުން ސުންނަތް ވެގެންވެއެވެ.

ޢީދުގެ އުފާފާޅުކުރުމުގެ ގޮތުން ކުޅިވަރުކުޅެ، އެއްބަޔަކު އަނެއްބަޔަކަށް ކާންދީ ހެދުމާއި ހަދިޔާ ބަދަލުކޮށް ހެދުމީވެސް، ޢީދުގެ އުފަލުގެތެރޭގައި އޮންނަކަމެކެވެ. އެހެނަސް، މުސްލިމުން ކުރާ ކޮންމެކަމެއްގައިމެ، އިސްލާމް ދީނުގެ ގިއުގަނޑުގެ ތެރޭގައި ހިފެހެއްޓުމަށް ސަމާލުވާން ވާނެއެވެ.

އަޅުގަނޑަކީ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ދަރިވަރެކެވެ. ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ މަޑުމައިތިރި ހިތްހެޔޮ ސާދާ މިޒާޖެއްގެ ބޭފުޅެކެވެ. ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ނެތިގެން ދިއުމަކީ ދިވެހިރާއްޖެއަށާއި، މުޅި އިސްލާމީ އުއްމަތަށް ވެސް ލިބިގެންދިޔަ ފޫނުބެއްދޭ ފަދަ ގެއްލުމެކެވެ. ގެއްލިގެން މި ދިޔައީ ޢާލިމެކެވެ. އުސްތާޒެކެވެ. މާތްﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި. އާމީން

މަސްދަރު : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، 08 ސެޕްޓެމްބަރ 2010

No comments:

Post a Comment