Friday, May 22, 2020

#

ހަދިޔާ ދިނުމާއި އާއި ދަރަނި ދިނުމުގެ މާތްކަން

ނުރައްކާތެރި ގައިން ގަޔަށް އަރާ ކޮވިޑް 19 ގެ ސަބަބުން މިވަނީ ދުނިޔެ ހުއްޓުމަކަށް އައިސްފައެވެ. ބައެއް މީހުން ކާނޭ އެއްޗެއްނެތި، ބަނޑަށް މަރުވަމުންދާއިރު އަނެއްބައި މީހުން ގޭގައި ލޯބިން ގެންގުޅުނުމަސް، ޓޭންކް އިންނަގައި ކައްކައިގެން ކައިފައިވެސް އެބަހުއްޓެވެ. ވިޔަފާރިތަށް ހުއްޓި ފައިސާގެ ބޭނުން ކެނޑޭ ހިސާބަށް ނުދަނީސް، މިކަމުން އަރައިގަނެވޭނެ ކޮޅުމަތި ފެނުމަކީ ޝުކުރު ކުރަންޖެހޭ ވަރުގެ ކަމެކެވެ. ބަލީގެ ސަބަބުން ޤައުމުގެ ތަކުގެ ދޮރާށިތަކާއި ވިޔަފާރި މަރުކަޒުތަށް ބަންދުކުރުމުގެ ސަބަބުން މިވަނީ އިޤްތިސާދީ ބަލިމަޑުކަމަކާއި ކުރިމަތިވެފައެވެ. އެހެންކަމުން މިހާލަތުން އަރައިގަތުމަށް އެކަކު އަނެކަކަށް އެހީވުމުގެ ގޮތުން ހަދިޔާ ދިނުމާއި ދަރަނި ދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ކީރިތި ރަސޫލާ ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ޞަދަގާތްދީ ހެދުމުން، ތިޔަބައިމީހުންގެ ބައްޔަށް ފަރުވާ ހޯދައި ދޭށެވެ. އަދި ޒަކާތް ދީގެން ތިޔަބައިމީހުންގެ ޠާހިރު ކުރާށެވެ. 
ތިމާގެ މުސްލިމް އަޚާ ހާލުގައި ޖެހިގެން، އަނބުރާ ދައްކާގޮތަށް ދަރައްޏެއް ހޯދަން، ތިމާގެ ގާތަށް އަތުވެއްޖެނަމަ، ތިމާގެ ތަނަވަސްކަން ހުރި މިންވަރަކުން، އިތުރު ފައިދާއަކާއި ނުލައި، ހަމައެކަނި ދަރަންޏަށްނެގި މިންވަރު، ފަހުން އަނބުރާ ދައްކާ ގޮތަށް ދަރައްޏެއްގެ ގޮތުގައި ދިނުމަކީ، އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވާ ކަމެކެވެ. އިތުރު ފައިދާ ނުލާގޮތަށް ދެވޭ ދަރަންޏަށް މާތް ﷲ ނަން ދެއްވާފައިވަނީ ރަގަޅު ދަރަނީގެ ނަމުންނެވެ. އެފަދަ ދަރަންޏަކީ އެކަމުގެ ސަބަބުން އެތަށް ގުނަޔަކަށް ތަނަވަސްކަން އިތުރުވެ، ފާފަފޮހެވިގެންދާނޭ ކަމެކެވެ. އެފަދައިން ކަންތަށް ކުރާމީހާއަށް ހުރިމަތިވެރި ޘަވާބާއި ދަރުމަ ބަޔާންކޮއްދެއްވުމުގެ ގޮތުން، ކީރިތި ޤުރުއާންގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. إِن تُقْرِضُوا اللَّـهَ قَرْضًا حَسَنًا يُضَاعِفْهُ لَكُمْ وَيَغْفِرْ لَكُمْ ۚ وَاللَّـهُ شَكُورٌ حَلِيمٌ ﴿ سورة التغابن ١٧﴾ މާނައީ "ހެޔޮވެގެންވާ ދަރަންޏަކުން اللَّه އަށް ތިޔަބައިމީހުން ދަރަންޏެއް ދޭނަމަ (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާނަމަ) އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، އެތަކެތި ގިނަގުނަކުރައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. اللَّه އީ، ގިނަގިނައިން شكر قبول ކުރައްވާ، حليم ވަންތަ ރަސްކަލާނގެއެވެ." އަދި އެހެން އާޔަތެއްގައި ވަޙީ ކުރައްވާފައިވެއެވެ. مَّن ذَا الَّذِي يُقْرِضُ اللَّـهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً ۚ وَاللَّـهُ يَقْبِضُ وَيَبْسُطُ وَإِلَيْهِ تُرْجَعُونَ ﴿ سورة البقرة ٢٤٥﴾ މާނައީ "ހެޔޮވެގެންވާ ދަރަންޏަކުން اللَّه އަށް ދަރަނި ދޭހުށީ (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ، ގިނަވެގެންވާ ގުނަތަކަކަށް، اللَّه، އެ ދަރަނީގެ ހެޔޮ ޖަޒާ އެމީހަކަށް އިތުރުކޮށް ދެއްވާނެތެވެ. رزق ދަތިކުރައްވަނީ، އަދި، ތަނަވަސްކުރައްވަނީވެސް اللَّه އެވެ. އަދި، ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ." 
މުސްލިމްއަޚެއް ނުވަތަ އުޚުތެއްގެ އުނުއޮރިޔާން ނިވައިކޮށްދިނުމާއި، ބަނޑުހައިހޫނުކަމުން ސަލާމަތްކޮށް ދިނުމާއި، ތަލިހިއްކުން ފިލުވައިދިނުމަކީ އަޅުގަނޑުމެންގެ ޚިޔާލަށްވެސް ނުގެނެވޭނެހާ މަތިވެރި ޘަވާބާއި ދަރުމަ ﷲ ތަޢާލާ ދެއްވާކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްފުޅުކުރެއްވިކަމަށް މާތްރަސްކަލާނގެ ރުއްސުންލެއްވި އަބޫސަޢީދުގެ ކިބައިން ރިވާވެގެންވެއެވެ. "‏أَيُّمَا مُسْلِمٍ كَسَا مُسْلِمًا ثَوْبًا عَلَى عُرْىٍ كَسَاهُ اللَّهُ مِنْ خُضْرِ الْجَنَّةِ وَأَيُّمَا مُسْلِمٍ أَطْعَمَ مُسْلِمًا عَلَى جُوعٍ أَطْعَمَهُ اللَّهُ مِنْ ثِمَارِ الْجَنَّةِ وَأَيُّمَا مُسْلِمٍ سَقَى مُسْلِمًا عَلَى ظَمَإٍ سَقَاهُ اللَّهُ مِنَ الرَّحِيقِ الْمَخْتُومِ" މާނައީ: "މުސްލިމެއްގެ އުނުއޮރިޔާން ނިވައިކޮށްދީފި ކޮންމެ މުސްލިމެއްގެ އުނުއޮރިޔާން، ސުވަރުގޭގެ ފެހިކުލައިގެ ފޭރާމުން މާތް ﷲ ނިވައިކޮށްދެއްވާނެތެވެ. އަދި މުސްލިމެއްގެ ބަނޑުހައި ހޫނުކަން ފިލުވައިދިނުމަށް، ކާންދީފި ކޮންމެ މީހަކަށް ސުވަރުގޭގެ މޭވާއިން، މާތް ﷲ ކާންދެއްވާނެތެވެ. އަދި މުސްލިމެއްގެ ތަލިހިއްކުން ފިލުވައިދިނުމަށް ފެންދީފި ކޮންމެ މީހަކަށް، ގަދަކީރިތިވަންތަ اللَّه سُبْحَانَهُ وَتَعَالَىٰ ސިއްކަޖެހި ބަންދުކުރެވިގެންވާ، ސާފުރަލުގެ ބުއިމަކުން ބޯންދެއްވަވާނެތެވެ." 
ޙާލުގައި ޖެހިފައިވާ މީހަކަށް، ތިމާގެ ތަނަވަސްކަން ހުރި މިންވަރަކުން، ތަފާތު ސިފަސިފާގައި އެހީތެރިކަން ފޯރުވައިދީ އުޅުމަކީ، މުދާ ޠާހިރުވެ މުދަލުގައި ބަރަކާތް އިތުރުވެގެންދާނޭ ކަމެކެވެ. މާތްރަސްކަލާނގެ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ.  أَنَّ رسولَ اللَّه ﷺ قَالَ: "مَا نَقَصَتْ صَدَقَةٌ مِنْ مَالٍ، وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلَّا عِزًّا، وَمَا تَوَاضَعَ أَحَدٌ للَّهِ إِلَّا رَفَعَهُ اللَّهُ" رواه مسلم. މާނައީ: ހަމަކަށަވަރުން ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. "ޞަދަޤާތެއް ކުރުމަކީ މުދަލުން ބައެއް އުނިވެގެން ދާނޭކަމެއް ނޫނެވެ. އަދި ޢަފޫކުރުމުގެ ސަބަބުން، އަޅާއަށް ޢިއްޒަތެއް މެނުވީ ﷲ އިތުރު ނުކުރައްވާނެތެވެ.

މިއީ 15 އެޕްރީލް 2020 ވީ ބުދަ ދުވަހު "ހުރިހާ ރައްޔިތުންގެ ކިބައިން މި އެދެނީ، އެކަކު އަނެކަކާމެދު އޯގާތެރިކަމާއި އެކުވެރިކަމާއެކު މުޢާމަލާތް ކުރުމަށް. އަދި ކެތްތެރިކަން އިސްކުރައްވައި، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގެ ތެރެއިން، އެކަކު އަނެކަކަށް އެހީތެރިވުމަށް" ރައީސުލްޖުމްހޫރިއްޔާ ކީރިތި ކުރައްވާހާލު ރައްޔިތުންގެ ކިބައިން އެދިފައިވެއެވެ. އެހެންކަމުން ސިޔާސީ ދެބަސްވުން ތަކާއި އަދި ދުވަސްވީ އެހެންވެސް ދެބަސްވުންތަށް އެއްފަރާތްކޮށް އެކަކު އަނެކަކަށް އެހީތެރިވެ އުޅުމަށް އަވަސްވެގަންނަމާ ހިނގާށެވެ. 

ލިޔުމަށްޓަކައި ބެލި:-
ހިދާޔަތުގެ އަލި (24 ޖުލައި 2009)
presidency.gov.mv

No comments:

Post a Comment