Saturday, August 29, 2020

#

ޢާންމު ޤާނޫނާއި ޚާއްޞަ ޤާނޫނުގެ ތަފާތު


ޤާނޫނުގެ ތަޢާރަފް: 
ޤާނޫނު މިލަފްޛަކީ ޔުނާނީ (ގްރީކް) ލަފްޛެކެވެ. ގްރީކް ބަހުގައިވާ މިލަފްޛުގެ އަސްލަކީ "ކާނޫނު canon kanon / " އެވެ. ގްރީކް ބަހުން މިލަފްޛު އެހެން ބަސްބަހަށް ވަނެވެ. ފާރިސީ ބަހުންވެސް ކިޔަނީ ކާނޫނެވެ. މިލަފުޒު އަރަބި ބަހަށް ވަދެފައިވަނީ ފާރިސީ ބަހުންނެވެ. ފާރިސީ ބަހުން ޢަރަބިބަހަށް މިލަފުޒު ވަތްއިރު ކާފު ޤާފަކަށް ބަދަލުވީއެވެ. ދިވެހިބަހަށް މިލަފްޒު ވަދެފައިވަނީ ޢަރަބި ބަހުންކަމަށް ލަފާކުރެވެއެވެ. 
ޤާނޫނަކީ ދައުލަތެއްގައި އުޅޭ މީހުންގެ އިޖްތިމާޢީ ސުލޫކް ހަމަޖެއްސުމަށްހެދޭ ޢާންމު ރޫލްއެވެ. މިރޫލްތަކަށް ޢަމަލުކުރުމާއި ނުކުރުން އޮންނަނީ މީހުންގެ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލެވިފައެއް ނޫނެވެ. މިރޫލްތަކާ ޚިލާފުވާ ފަރާތްތަކަށް އަދަބުދީގެން ނަމަވެސް މިރޫލްތަކަށް ޢަމަލުކުރުން މަޖުބޫރުވާގޮތަށެވެ. 
ބަހުގެގޮތުން ބަލާއިރު ޤާނޫނަކީ ދުނިޔޭގެ އެކި ކަންތައްތައް ވަކިތަރުތީބެއްގެ މަތިން ހިނގަމުންދާ ނިޒާމަކަށް ކިޔާ ނަމެކެވެ. މިސާލަކަށް؛ ރޭދުވާ ތަކުރާރުވަމުން ދިޔުމުގެ ޤާނޫނު، ޖާޒްބިއްޔަތު (ގްރެވިޓީ)ގެ ޤާނޫނު، މީ މުޅިންވެސް މިބުނެވިދިޔަ މާނައިގެ ޤާނޫނެވެ. ޠަބީއަތުގެ ޤާނޫނަކީ ބާރެވެ. އަޙުލާޤުގެ ޤާނޫނަކީ ހެޔޮގޮތެވެ. މަންޠިޤުގެ ޤާނޫނަކީ ޙައްޤެވެ. އަދާލަތުގެ ޤާނޫނަކީ މީސްތަކުންގެ މެދުގައި އިންސާފަށް ޙުކުމްކުރުމެވެ. ނަމަވެސް ޤާނޫނީ ޢިލްމުވެރިންގެ އަރިހުގައި ޤާނޫނަކީ އަދިމިއެއް ނޫނެވެ. 
ޤާނޫނީ އިލްމުވެރިންގެ އިޞްޠިލާޙުގައި ޤާނޫނަކީ ޖަމާޢަތެއްގެ ތެރޭގައި މީހުންގެ ދިރިއުޅުމުގެ ކަންތައްތައް އިންތިޒާމްކުރާ އަދި އެންމެން އެއަށް ބޯލަނބައި ކިޔަމަންވެ އިޚްތިރާމްކުރަންޖެހޭ، އަދި އެއަށް ބޯލަނބައި ކިޔަމަންކުރުވުމަށް ވެރިކަމުގެ ފަރާތުން ބާރުގެ ބޭނުންކުރަންޖެހިއްޖެ ހިނދެއްގައި އޭގެބޭނުންކުރާ ހުރިހާ ޤަވަޢިދު ތަކެކެވެ.[1]

ޤާނޫނެއްގައި ހުންނަންޖެހޭ ޚާއްޞަ ސިފަތައް: 

1. އިންސާނީ ޖަމާޢަތަކަށް މުހާތަބްކުރެވޭ އެއްޗަކަށްވުން: 
މީސްތަކުންގެ ޖަމާޢަތެއް އޮވެގެންނޫނީ ޤާނޫނެއް ނުއޮންނާނެއެވެ. އެހެނީ ޤާނޫނަކީ އެމީހުން މުޖުތަމަޢުގައި ދިރިއުޅުމުގެ ކަންތައްތައް ތަންޛީމްކުރުމަށް އުފެދިފައިވާ އެއްޗެކެވެ. މިގޮތުން ބަލާއިރު އިންސާނަކު އެހެން އެއްވެސް އިންސާނަކާއި ގުޅުމެއް ނެތި ޖަންގައްޔެއްގެތެރޭގައި އެކަހެރިވެގެން ދިރިއުޅޭނަމަ އޭނާއަކަށް ޤާނޫނެއް އޮތުމުގެ ބޭނުމެއް ނެތެވެ. 

2. އެޤާނޫނަކީ ޢާންމު އެއްޗަކަށްވުން: 
ޤާނޫނު ހަދަނީ ވަކިމީހެއްގެ މައްޗަށް ހިންގުމަކަށް ނުވަތަ ވަކި ޚާއްޞަކަމެއް (ވާޤިޔާ) އަކަށް ހިންގުމަކަށް ނޫނެވެ. ޝަރުތު ފުރިހަމަވާން ކޮންމެ މީހެއްގެ މައްޗަށް ޤާނޫނު ހިނގަންވާނެއެވެ. ޤާނޫނަކީ އެންމެންގެ މައްޗަށް ހިނގާއެއްޗެކޭ ބުނުމުން، އެއްވަގުތެއްގައި މުޖުތަމައުގެ ހުރިހާ ފަރުދުންގެ މައްޗަށް ހިންގަން ނުޖެހެއެވެ. އެއޮންނަންވާނީ އެހިންގުމުގެ ޝަރުތުތައް ފުރިހަމަވާ ކޮންމެ މީހެއްގެ މައްޗަށް އެ ހިނގާނެ ގޮތަށެވެ. މިސާލަކަށް؛ ފުލުހުންގެ ކަންތައްތައް، ނުވަތަ ސްކައުޓުންގެ ކަންތައްތައް ތަންޛީމްކުރާ ޤަވައިދެއް އުފެދިއްޖެ ނަމަ އެވާނީ ޤާނޫނަކަށެވެ. މުޖްތަމައުގެ ބައެއްގެ މައްޗަށް ހިނގި ކަމުގައި ވިޔަސް އެވާނީ ނަންގަނެވިދިޔަ ގޮތުން ޢާންމުއެއްޗަކަށެވެ. އެއީ ހަޤީގަތުގައި އެޤާނޫނުހެދިފައިވަނީ އެޤާނޫނު ހެދިފައިވަނީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެ މައްޗަށް ހިނގާގޮތަށެވެ. ނަމަވެސް ފުލުހަކަށްވުން، ސްކައުޓަކަށްވުން އޭގެޝަރުތުކުރަނީއެވެ. 
އަދި ހަމައެފަދައިން ކަނޑައެޅިފައިވާ މުއްދަތެއްގައި ހަމަ އެންމެ ފަރުދެއްގެ މައްޗަށް ނޫނީ ނުހިނގާ ޤާނޫނުވެސް ހުރެއެވެ. މިސާލަކަށް ޤައުމުގެ ރައީސްގެ މަޤާމުގައި ހުންނަ މީހެއްގެ ބާރުތައް ތަންޛީމްކުރާ ޤާނޫނެއް ހިނގާނީ އެވަގުތަކު އެމަޤާމެއްގައި ހުރި މީހެއްގެ މައްޗަށެވެ. މިބުނެވުނު ޤާނޫނުވެސް ހިމެނެނީ ޢާންމު އެއްޗެއްގެ ގޮތުގައެވެ. އެހެނީ އެޤާނޫނު ހެދިފައިވަނީ ވަކިނަމެއްކިޔާ މީހެއްގެ މައްޗަށް ތަންފީޒްކުރާކަށް ނޫނެވެ. ޤައުމުގެ ރިޔާސަތާއި ޙަވާލުވާ ކޮންމެ މީހެއްގެ މައްޗަށް އެޤާނޫނު ހިނގާނެއެވެ. 

3. އެޤާނޫނުން އަދަބު ދެވެންވާނީ އިންސާނާގެ ބޭރުފުށުގެ ޢަމަލުތަކުގެ މައްޗަށެވެ. 
އިންސާނާ ހިތައް އަރާ ކަންތައްތަކުން އެއާއެއްގޮތައް ބޭރުފުށުގެ އެއްވެސް އަމަލެއް ނުގެންނަހާ ހިނދަކު ޤާނޫނު އެކަމަކާ ނުބެހޭނެއެވެ. މިސާލަކަށް؛ މީހަކު މެރުމަށް ހިތުގައި އަޒުމް ކަނޑައަޅާފައި އޮތްކަމުގައިވިޔަސް ޤާނޫނު އެކަމަކާ ނުބެހޭނެއެވެ. ނަމަވެސް އޭނާ ގައިގައި ޖަހާ ނުވަތަ އެއްޗެހި ގޮވައި ހަދައިފިނަމަ ޤާނޫނު އެކަމާ ބެހޭނެއެވެ. 
މީގެ މާނައަކީ ނިޔަަތަކީ ޤާނޫނުގެ ކުރިމަތީގައި އެއްވެސް އަހަންމިއްޔަތެއްދެވޭ އެއްޗަކަށްނުވަނީއެއް ނޫނެވެ. ބޭރުފުށުގެ އަމަލާއި ޤާނޫނުބެހޭއިރު އެއަމަލުކުޅާ މީހާގެ ނިޔަތާއި ޤާނޫނު ބެހޭނެއެވެ. ނަމަވެސް އޭގެ ޒާތުގައި އެއީކުށެއްކަމަށް ބަލައިގެން ނުވާނެއެވެ. އެއީ ކުށުގެ ބައެއްކަމަށް ބަލައިގެންނެވެ. 

4. އެޤާނޫނަކަށް ކިޔަމަންވެ ބޯލެނބުން އެންމެންގެ މައްޗަށް ލާޛިމްވުން: 
ޤާނޫނަކީ މުޖްތަމައުގެ އެންމެން ބޯލަނބައި ކިޔަމަންވާންޖެހޭ އެއްޗެކެވެ. އަދި އެއީ ކޮންމެ މީހެއްގެ މައްޗަށް މަޖުބޫރުކަމެކެވެ. މިމަޖުބޫރުކަން އޮންނަންވަނީ ޤާނޫނުގެ ބާރު ހިންގާ ފަރާތުންނެވެ. މިކަމުގެ ޙިކުމަތަކީ ޤާނޫނުތައް ހެދިފައިހުންނަނީ މުޖްތަމައުގައި ދިރިއުޅޭ އެންމެންގެ ކަންތައްތައް ތަންޛީމްކުރުމަށް ކަމުގައިވާއިރު، މިކަންތައް ތަންޛީމުކުރެވޭނީ ޤާނޫނަށް ކިޔަމަންވުމަށް އެންމެންނަށް އެއްގޮތެއްގެ މަތީން މަޖްބޫރުކޮށްގެން ކަމުގައިވާތީއެވެ. މިހެންކަމުން ކޮންމެ ޤާނޫނަކާއި އެކުގައި އެއަށްކިޔަމަން ނުވާ މީހުންނަށް އޮންނަ ޖަޒާއަކީ، އެމަޖުބޫރުކުރުވުމަށް އޮންނަ ބާރެވެ.[2]

ޤާނޫނު ބެހިގެންވާ ބައިތައް: 
ޤާނޫނުގެ ޤަވާއިދުތަކަކީ ހަމައެކަނި އެއްބާވަތެއްގެ ޤަވާއިދުތަކެއްނޫނެވެ. އެޤަވާއިދުތައް އެތައް ބަޔަކަށް ބެހިގެން ވެއެވެ. އޭގެ އެންމެ މުހިއްމު ދެބަޔަކީ ޢާއްމު ޤާނޫނާއި ޚާއްޞަ ޤާނޫނެވެ. ފަހެ ޤާނޫނީ ޤަވާއިދެއްގެ ވަޒީފާއަކީ މުޖްތަމައުގައި އުފެދޭ އެކިއެކި ގުޅުންތައް ތަންޛިމުކުރުމެވެ. މިގުޅުން ބައެއްފަހަރަށް އުފެދެނީ ދައުލަތާއި އެހެން ދައުލަތަކާއި ދެމެދުގައެވެ. މިގޮތުގެ މަތިން ދެފަރާތެއްގެ ދެމެދުގައި ޤާނޫނީ ގުޅުމެއް އުފެދޭއިރު އެދެފަރާތުންކުރެ އެއްފަރާތަކީ ދައުލަތްކަމުގައި ވާއިރުވެސް ތަފާތު ގޮތަތަކެއް ދިމާވެއެވެ. ބައެއްފަހަރަށްދެފަރާތުން އެއްފަރާތެއް ކަމުގައި ދައުލަތްވަނީ އާދައިގެ މީހަކުވެސް ކަންތައްކޮށްއުޅޭ މިސާލުގައެވެ. މިސާލަކަށް ދައުލަތުގެ ބިމެއް މީހަކަށް ވިއްކުން ނުވަތަ ކުއްޔަށް ދިނުން ނުވަތަ މީހެއްގެ ބިމެއް ދައުލަތައް ގަތުން މިފަދަ ކަންކަމުގައި ދައުލަތެކޭ މުޖްތަމައުގެ ފަރުދެކޭ އެއްފަދައެވެ. 

ޢާންމު ޤާނޫނާއި ޚާއްޞަ ޤާނޫނުގެ ތަފާތު: 
އާއްމު ޤާނޫނު: 
ޢާއްމު ޤާނޫނަކީ ޤާނޫނީ ގުޅުން އުފެދޭ ދެފަރާތުންކުރެ އެއްފަރާތެއްކަމުގައި ސިޔާދަތާއި ބާރުވެރިޔާގެ ޙައިޘިއްޔަތުން ދައުލަތް ހިމެނިފައިވާ ގުޅުންތައް ތަންޛީމުކުރާ ޤަވާއިދުތަކެވެ. 
މިފަދަ ގުޅުމެއްގެ ތެރެއަށް މިނަންގަނެވުނު ޙައިސިއްޔަތުން ދައުލަތް ވަންނައިރު ދައުލަތުގެ ސަރަޙައްދުން ބޭރަށް ބައެއްފަހަރު ހިނގައިދެއެވެ. މިސާލަކަށް؛ ދިވެހިރާއްޖެއާއި ސިލޯނާއި ދެމެދުގައި މުޢާހަދާއެއް ކުރެވިއްޖެނަމަ ގުޅުމުގެ ތެރެއަށް އެދެވެނީ ދައުލަތުގެ ސަރަޙައްދުން ބޭރަށެވެ. މަފަދަ ގުޅުންތައް ތަންޒީމުތައް ހިމެނެނީ ޚާރިޖީ ޢާންމު ޤާނޫނުކަމުގައެވެ. މިސާލަކަށް ރައްޔިތުންގެ ކިބައިން ޓެކްސެއް ނަގަން ކަނޑައަޅައިފިނަމަ އެހިމެނެނީ ދާޚިލީ ޢާންމު ޤާނޫނުގެ ތެރެއިންނެވެ. 
ވީމާ، ޢާއްމު ޤާނޫނުވެސް ދެބަޔަކަށް ބެހުނީއެވެ. އެއްބަޔަކީ ޚާރިޖީ ޢާއްމު ޤާނޫނެވެ. އޭގެދަށުގައި ހިމެނެނީ ހަމައެކަނި ބައިނަލްއަޤްވާމީ ޢާއްމު ޤާނޫނެވެ. 
އަނެއްބަޔަކީ ދާޚިލީ ޢާއްމު ޤާނޫނެވެ. އޭގެދަށުގައި ހިމެނެނީ ދުސްތޫރީ ޤާނޫނާއި، އިދާރީ ޤާނޫނާއި، ޖިނާއީ ޤާނޫނެވެ. ޖިނާއީ ޤާނޫނުގެ ދަށުގައި ހިމެނެނީ ދެބައެކެވެ. އެއީ ޤާނޫނުލްއުޤޫބާތާއި ޤާނޫނުލް އިޖްރާއާތުލް ޖިނާއިއްޔާއެވެ. 

ޚާއްޞަ ޤާނޫނު: 
ޚާއްޞަ ޤާނޫނަކީ ޤާނޫނީ ގުޅުން އުފެދޭ ދެފަރާތުންކުރެ އެއްފަރާތެއްކަމުގައި ސިޔާދަތާއި ބާރުވެރިޔާގެ ޙައިޘިއްޔަތުން ދައުލަތް ހިމެނިފައިނުވާ ގުޅުންތައް ތަންޟީލްކުރާ ޤަވާއިދުތަކެވެ. 
ވީމާ، އަފްރާދުންގެ އެކަކު އަނެކަކާއިދެމެދު އުފެދޭ ގުޅުންތަކާއި ސިޔާދަތުގެ ޙައިޘިއްޔަތުން ނޫންގޮތެއްގައި ދައުލަތަކާއި ފަރުދަކާއި ދެމެދުގައި އުފެދޭ ގުޅުންތައް ހިމެނެނީ ޚާއްޞަ ޤާނޫނުގެ ދަށުގައެވެ. މިމަޤާމުގައި ދައުލަތެކޭ އާދައިގެ ފަރުދެކޭ އެއްފަދައެވެ. މީހަކު އޭނާގެ ޢިމާރާތެއް އެހެންމީހަކަށް ކުއްޔަށް ދޫކުރާފަދައިން ދައުލަތުގެ ޢިމާރާތެއް މީހަކަށް ކުއްޔަށް ދޫކުރުމީ މީގެ މިސާލެކެވެ.[3]

ރިފަރެންސް
[1] ޤާނޫނަށް މަގެއް، (މޫސާ ފަތުހީ) 
[2] އަލްމަދްޚަލް ލިލް ދިރާސާތިލް ޤާނޫނު (އަޙްމަދު ސަލާމާ) 
[3] ޤާނޫނަށް މަގެއް، މޫސާ ފަތުހީ

No comments:

Post a Comment