Sunday, October 6, 2019

#

އަންހެނުން ޤާޟީކަން ކުރުން

އަންހެނުންނަކީ، މުޖްތަމަޢުގެ ދެބައިކުޅަ އެއްބައިކަމުން، މުޖްތަމަޢު ބިނާކުރުމުގައި އަންހެނުންގެ ބައިވެރިވުން އޮތުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މުޖްތަމަޢު ބިނާކުރުމުގައި އަންހެނުންގެ ދައުރެއް އޮންނަންޖެހޭނެއޭ ބުނެވޭ ބަހުގެ މާނައީ، މުޖްތަމަޢުގެ ހުރިހާ އަންހެނުން ދައުލަތުގެ އެކިއެކި ވަޒީފަތަކަށް ނުކުތުމެއްނޫނެވެ. ހަމައެހެންމެ، ހުރިހާ އަންހެނުން ގެއިން ބޭރަށް އެއްވެސް މަސައްކަތަކަށް ނުގޮސް، ދަރިން ބެލުމަށާއި، ގޭތެރޭގެ މަސައްކަތް ކުރުމަށް އެކަނި ހުސްވެގަތުމެއް ވެސް ނުމެނޫންމެއެވެ. ދަރިން ތަރުބިޔަތު ކުރުމަކީ އަންހެނުންގެ އެއްމެ އިސް ދައުރުކަމަގައި ވީނަމަވެސް، އެންމެ އެދެވޭގޮތުގައި އެކަންވެސް ކުރެވޭނީ، އަންހެނުންނަށް ރަނގަޅު ތަޢުލީމަކާއި ތަރުބިޔަތެއް ވެސް ލިބިގެންނެވެ. އެހެންކަމުން، އަންހެން ކުދިންނަށް އުނގަންނައިދީ އެކުދިން ޤާބިލުބަޔަކަށް ހަދަންޖެހެއެވެ. މުޖްތަމަޢަށް އަންހެން ޓީޗަރަކު ބޭނުންވާފަދައިން އަންހެން ޑަކްޓަރަކުވެސް ބޭނުންވެއެވެ. މީގެ އިތުރުންވެސް މުޖްތަމަޢަށް ބޭނުންވާނޭ އެހެނިހެން ދާއިރާތަކުގައިވެސް އަންހެނުންގެ ބައިވެރިވުން ބޭނުންވެއެވެ.

މިގޮތުން ބަލާއިރު ދައުލަތުގެ ވަޒީފާތަކުގެ ތެރެއިން ޤައުމުގެ އެންމެ އިސް ވެރިޔާގެ މަޤާމާއި ޤާޟީކަން ފިޔަވައި އެހެން ކޮންމެ މަޤާމެއް އަދާކުރުން އަންހެނުންނަށް ހުއްދަވެގެންވާ ކަމުގައި ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ. އަދި ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި، އިސްލާމީ ލަޝްކަރެއްގެ ޤާޢިދަކަށް އަންހެނަކު ޢައްޔަންކުރުންވެސް ހުއްދައެއް ނުވާނެއެވެ. މިކަންތައްތައް ފިޔަވައި، ވަޒީރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި މިނިވަން މުވައްސަސާތަކުގެ މެމްބަރުކަމާއި އެތަންތަނުގެ ރައީސްކަމާއި މިބާވަތުގެ ހުރިހާ މަޤާމެއް އަދާކުރުމުގެ ޙައްޤު ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ލިބިގެންވެއެވެ. މިއިން ކޮންމެ ޙާލެއްގައިމެ ތިމާގެ އަބުރާއި ޢިއްފަތަށް ރައްކާތެރިކުރުމީ އެހެނިހެން ޙާލަތްތަކޭ އެއްފަދައިން ކުރަންޖެހޭ ކަމެއް ކަމީ ފާޅުކަންބޮޑު ކަމެކެވެ.

ކަންމިހެން ހުރުމާއެކު، އިސްލާމީ ވެރިކަމުގެ ނިޒާމުގައި އަންހެނުން ޤާޟީކަންކުރުމާބެހޭ ގޮތުން، ޢިލްމުވެރިންގެ ރައުޔު ހުރިގޮތަށް ބަލައިލާނަމެވެ.

އިސްލާމީ ވެރިކަމުގެ ނިޒާމުގައި، ޤާޟީކަމަށް އިސްކުރަންވާނީ ފިރިހެނުންކަމަށާއި، އަންހެނުން ޤާޟީކަންކުރުން ހުއްދަނޫން ކަމުގައި، އުއްމަތުގެ ސަލަފުން އިއްތިފާޤުވެ ވަޑައިގަންނަވައެވެ. މިއީ، ހަތަރު ޚަލީފާއިންނާއި އަޞްޙާބުބޭކަލުންނާއި ހަތަރުމަޒުހަބުގެ ޖުމްހޫރު ޢިލްމުވެރިންނާއި އުއްމަތުގެ ބޮޑެތި ހުރިހާ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތެވެ. މިބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި، އަންހެނަކު ޤާޟީކަމަށް ޢައްޔަންކުރުން، ވެރިމީހާގެ މައްޗަށް ޙަރާމްވާނެއެވެ.

އަންހެނުން ޤާޟީކަމަށް ޢައްޔަންކުރުން ހުއްދަނޫންކަމުގެ ދަލީލުތައް:
މިމައްސަލައިގާ ދަންނަބޭކަލުންގެ މައިގަނޑު ދަލީލަކީ رسول الله صلى الله عليه وسلم ގެ މިޙަދީޘުފުޅެވެ. "لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمْ اِمْرَأَةً" މާނައީ:"އެބައެއްގެ ވެރިޔަކަށް އަންހެނަކު އިސްކޮށްފި ބަޔަކަށް ދުވަހަކުވެސް ކާމިޔާބެއް ނުލިބޭނެއެވެ." މިޙަދީޘުފުޅުން ދޭހަވާގޮތުގައި، ބައެއްގެ އިސްވެރިއަކަށް އަންހެނަކު ޢައްޔަން ކުރުން ހުއްދައެއް ނުވާނެއެވެ. މިޙަދީޘުފުޅުގެ އަލީގައި، ޤައުމުގެ އެންމެއިސް ވެރިމީހާގެ މަޤާމަށާއި ޤާޟީކަމަށާއި ލަޝްކަރުތަކުގެ ވެރިކަމަން އަންހެނުން އިސްކުރުން ހުއްދަނޫންކަމަށް ދަންނަބޭކަލުން ދެކެވަޑައި ގަންނަވައެވެ. އަދިވެސް އިތުރުއެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. "لاَ تُزَوِّجُ الْمَرْأَةُ الْمَرْأَةَ، وَلاَ تُزَوِّجُ نَفْسَهَا" މާނައީ: "އަންހެނަކަށް އަންހެނެއްގެ ކައިވެނިކޮށެއް ނުދެވޭނެއެވެ. އަދި އަންހެނަކަށް އޭނާގެ އަމިއްލަ ކައިވެނިވެސް ނުކުރެވޭނެއެވެ."

މިމައްސަލައަށް މިޙަދީޘުން ދަލީލުނެގޭ ގޮތަކީ، ކައިވެނިކޮށްދިނުމަކީ ޤާޟީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމަކަށް ވެފައި، އަންހެނުންނަށް ކައިވެނިކޮށް ނުދެވޭއިރު، އަންހެނުން ޤާޟީކަންކުރުން ހުއްދަނުވާނޭ ކަމެވެ.

ﷲ ގެ ވަޙީބަސްފުޅެއްގައި ވެއެވެ. ﭽ ﭑ ﭒ ﭓ ﭔ ﭕ ﭖ ﭗ ﭘ ﭙ ﭚ ﭛ ﭜ ﭝ ﭞﭼﭟ މާނައީ "ފިރިހެނުންނަކީ އަންހެނުންގެ މައްޗައް އިސްކަން ލިބިގެންވާ ބައެކެވެ. އެއީ، އެދެބައިމީހުން އެއްބައެއްގެ މައްޗައް އަނެއްބަޔަކު ﷲ މާތްކުރައްވައި އިތުރުކުރައްވާފައިވާކަމަށްޓަކައެވެ. އަދި ފިރިހެނުން އެބައިމީހުންގެ މުދަލުން ހޭދަކުރާކަމަށްޓަކައެވެ."

މިއާޔަތުން ދަލީލުކޮށްދޭގޮތުގައި، ފިރިހެނާވަނީ ޙަޔާތުގެ މުހިއްމު ކަންކަމުގައި، އަންހެނާގެ މައްޗައް އިސްކުރައްވާފައެވެ. އެއީ، ކައިވެންޏާއި ވަރިއާއި ހޭދަކުރުމާއި ޖިހާދުކުރުން ފަދަ އެންމެހައި ކަންކަމެވެ. މިހުރިހާކަމެއްގައި ވެސް އިސްކަންދެވިފައިވަނީ ފިރިހެނާއަށް ކަމުގައިވާތީއެވެ. މިއާޔަތުގެ ތަފްސީރުގައި الحافظ ابن كثير ވިދާޅުވެފައި ވެއެވެ. يقول تعالى: ( الرِّجَالُ قَوَّامُونَ عَلَى النِّسَاءِ ) أي: الرجل قَيّم على المرأة، أي هو رئيسها وكبيرها والحاكم عليها ومؤدبها إذا اعوجَّت (بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ) أي: لأن الرجال أفضل من النساء، والرجل خير من المرأة؛ ولهذَا كانت النبوة مختصة بالرجال، وكذلك المُلْك الأعظم؛ لقوله صلى الله عليه وسلم: "لن يُفلِح قومٌ وَلَّوا أمْرَهُم امرأة" رواه البخاري من حديث عبد الرحمن بن أبي بكرة، عن أبيه وكذا منصب القضاء وغير ذلك. (تفسير ابن كثير)

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﭽ ﮘ ﮙ ﮚ ﮛ ﮜﮝ ﮞ ﮟ ﮠﮡﭼ މާނައީ: "އެކަނބަލުންނަށްވެސް އެކަނބަލުންގެ ފިރީންނަށް ވާފަދަ ޙައްޤުތަކެއް ޢަދުލުވެރިގޮތުގައި ލިބިގެންވެއެވެ. ނަމަވެސް ފިރިހެނުންވަނީ އެކަނބަލުންގެ މައްޗައް ދަރަޖައެއް މަތިވެރި ކުރައްވާފައެވެ."

މިއާޔަތުން ދަލީލުނެގޭތޮތަކީ، މިއާޔަތުން ދޭހަކޮށްދޭގޮތުގައި، ފިރިހެނުންނާއި އަންހެނުންނާއި މިއިން ކޮންމެ ބަޔަކަށްވެސް ޙައްޤުތަކެއް ވެއެވެ. އަދި އެދެބައިމީހުންކުރެ ކޮންމެ ބަޔަކުވެސް އެނެއް ބަޔަކަށް އަދާކުރަންޖެހޭ ވާޖިބުތަކަކާއި ޙައްޤުތަކެއް ވޭމެއެވެ. މީގެ އިތުރުން ފިރިހެނާއަށް ވަކި ޚާއްޞަ ދަރަޖައެއް ދެއްވާފައިވާ ކަމުގައި ބަޔާންކުރައްވާފައިވެއެވެ. ކަންމިހެން އޮތްއިރު، އަންހެނަކަށް ޤާޟީކަން ދެވިއްޖެނަމަ ފިރިހެނާގެ މައްޗައް އެއަންހެނާއަށް އިސްކަން ދެވެނީއެވެ. އެހެންކަމުން، އެކަމަކީ މިއާޔަތުގައި މިވާ ޙުކުމާ ތަޢާރުޟްވާ ކަމެކެވެ. ވީމާ، އަންހެނަކަށް ޤާޟީކަންދިނުން ހުއްދައެއް ނުވާނެއެވެ.

އަދިވެސް މިބޭކަލުން ވިދާޅުވެއެވެ. މިދެއާޔަތުގައި ޤާޟީކަމުގެ ވާހަކަ ސީދާގޮތެއްގައި ބަޔާންކުރައްވާފައި ނެތަސް، ޙަޔާތުގެ މިފަދަ މުހިއްމު ކަންކަމުގައި ފިރިހެނާއަށް އިސްކަންދެއްވައި، މަތިވެރި ކުރައްވާފައިވާކަމީ ޤާޟީކަންފަދަ ކަމެއްގައިވެސް، ފިރިހެނާއަށް އިސްކަންދޭންޖެހޭނެ ކަމެކެވެ.
އުއްމަތުގެ ދަންނަބޭކަލުންގެ އިޖުމާޢު:

رسول الله صلى الله عليه وسلم ގެ ޙަޔާތްޕުޅުގައިވެސް އަދި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ޚަލީފާއިންގެ ޒަމާނުގައި ވެސް މިއިން އެއްވެސް ބޭކަލަކު އަންހެނަކު ޤާޟީކަމަށް، ޢައްޔަންކުރައްވާފައި ނުވެއެވެ. އަދި މިއީ ހުއްދަކަމެއް ނަމަ، އެއްމެ ފަހަރަކު ނަމަވެސް އެއިން ބޭކަލަކު އެކަން ކުރައްވާފައި ވީހެވެ. އެހެންކަމުން މިއިން އެއްވެސް ދުވަސްވަރެއްގައި އަންހެނަކު ޤާޟީކަމަށް އިސްކުރައްވާފައި ނެތްކަމުން ދަލާލުކުރަނީ، އެއީ ހުއްދަކަމެއް ނުންކަމަށެވެ. މިއުއްމަތުގެ އެންމެމާތް ތިންޤަރުނުގައިވެސް އެންމެފަހަރަކުވެސް މިކަން ހިނގާފައި ނުވެއެވެ.

އަންހެނުން ޤާޟީކަމަށް އިސްކުރުން ހުއްދަކަމުގައި الإمام أبو حنيفة ގެ އަރިހުން ވާރިދުވެފައިވާކަމަށް ދެކެވޭ ވާހަކަ ޢިލްމުވެރިން ދޮގުކުރައްވައެވެ. އެހެނީ، އެކަލޭގެފާނުގެ މަޒުހަބުގައި އަންހެނުން ޤާޟީކަމަށް އިސްކުރުމީ ޙާކިމާ ފާފަވެރިވާނޭ ކަމެއްކަމުގައ އައިސްފައިވާތީއެވެ.

ކަން މިހެން އޮތްކަމުގައި ވީނަމަވެސް، ޙާކިމާ ފާފަވެރިވާ ޙާލުގައިވެސް އަންހެނަކު ޤާޟީކަމަށް ޢައްޔަންކުރެވިއްޖެނަމަ، އޭނާ ކުރާ ޙުކުމް ޞައްޙަވާނޭތޯ ނުވަތަ ނޫންތޯ މިއީ ބަޙުސް ކުރެވިފައިވާ އެހެން މައްސައެކެވެ. الإمام أبو حنيفة ގެ އަރިހުން ވާރިދުވެފައިވާ ކަމުގައިވަނީ، ޙައްދުތަކާއި، ޤިޞާޞްގެ މައްލަތައް ނޫން، މަދަނީ މައްސަލަތަކުގައި އަންހެނާ ކުރާ ޙުކުމް ޤަބޫލުކުރެވިދާނޭ ކަމަށެވެ. ނަމަވެސް މިއީ ނާދިރު ރައުޔެކެވެ. އުންމަތުގެ ސަލަފުންގެ މަޒުހަބެއްނޫނެވެ.

އަންހެނުން ޤާޟީކަމަށް ޢައްޔަންކުރުން ހުއްދަނޫން ކަމަށް شافعي މަޒްހަބުގެ ދަންނަބޭކަލުންގެތެރެއިން الإمام الماوردي އުއްމަތުގެ إجماع ނަގުލުކުރައްވާފައިވެއެވެ. އެކަލޭގެފާނު ލިޔުއްވާފައިވާ الأحكام السلطانية ގައި މިވާހަކަ ބަޔާންކުރައްވައި الإمام الطبري އަށް ރައްދުދެއްވާފައި ވެއެވެ.

މިތާނގައި ފާހަގަކޮށްލެވޭ ނުކުތާއަކީ، އަންހެނުން ޤާޟީކަމަށް ޢައްޔަންކުރުން ހުއްދަކަމަށް الإمام الطبري އާއި الإمام ابن حزم މެން ފަދަ ޢިލްމުވެރިންގެ އަރިހުން ސާބިތުވީ ނަމަވެސް، އެބޭކަލުންގެ ކުރިން ދަންނަބޭކަލުން ވަނީ މިމައްސަލައިގައި އިޖުމާޢުވެވަޑައިގެންފައެވެ. ޝަރުޢީ މައްސަލައެއްގައި އެއްވެސް ޒަމާނެއްގައި ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވާ ނަމަ، އޭގެ ފަހުން ވަޑައިގަންނަވާ އެއްވެސް ޢިލްމުވެރިޔަކަށް އެއީ ކިތަންމެ ފުންނާބު އުސް ޢިމްމުވެރިއެއް ކަމުގައި ވިޔަސް އެއިޖްމާޢާ ޚިލާފުވުމުގެ އިޚްތިޔާރެއް ނޯންނާނެއެވެ. އެހެނީ، އުއްމަތުގެ އެންމެން ގޯސްކަމަކަށް އިޖްމާޢުނުވާނޭ ކަމުގައި رسول الله صلى الله عليه وسلم ގެ ޙަދީޘުން ސާބިތުވާތީއެވެ. އެހެންކަމުން، މިދެބޭކަލުންގެ ފަތުވާއަކީ ނާދިރު ފަތުވާއެއްކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ހަމަ އެހެންމެ، މިފަތުވާ ނައްޞުތަކާއި ތަޢާރުޟްވާތީ މިއަށް ޢަމަލުނުކުރެވޭނޭ ކަމުގައިވެސް ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ.

މީގެ އިތުރުން ކުރިންވެސް ބުނެވި ދިޔަ ފަދައިން އަންހެނުން ޤާޟީކަމަށް ޢައްޔަންކުރުން ހުއްދަކަމަށް الإمام الطبريގެ އަރިހުން އައިސްފައިވާ ކަމަށް ބުނާ ބަސް، الإمام ابن العربي މެންފަދަ އިމާމުވެރިބޭކަލުން ދޮގުކުރައްވައެވެ. الطبريގެ އަރިހުން އެފަދަ ބަސްފުޅެއް އައިސްފައިނުވާ ކަމަށް ابن العربي ކަށަވަރުކުރައްވައެވެ.
ފަހުގެ ޢިލްމުވެރިންގެ ފަތުވާ:

އަލްއަޒްހަރު ޔުނިވަރސިޓީގެ ފަތުވާ ކޮމިޓީއާއި މިސްރުގެ ދާރުލް އިފްތާއާއި ސަޢޫދީ ޢަރަބިޔާގެ ދާރުލްއިފްތާގެ ރައުޔަކީވެސް އަންހެނުންނަށް ޤާޟީކަން ދިނުން ހުއްދަނުވާނޭ ކަމެވެ. ޞައޫދީ ޢަރަބިޔާގެ ކުރީގެ މުފްތީ سماحة الشيخ عبد العزيز بن باز އާއި فضيلة الشيخ محمد بن صالح العثيمين ގެ ފަތުވާއަކީވެސް މިއީއެވެ.

ނަމަވެސް ފަހުގެ ބައެއް ދަންނަބޭކަލުންގެ މެދުގައި މިމައްސަލައިގާ ކޮންމެވެސް ވަރެއްގެ ޚިލާފެއް އުފެދިފައިވާކަމުގައި ވެއެވެ. އެހެނަސް ކުރިންވެސް ބުނެވިދިޔަ ފަދައިން، މިބޭކަލުންގެ ކުރިން އިޖްމާޢުވެފައިވާ މައްސަލައެއްގައި އެއާ ޚިލާފުވާ ފަތުވާއަކީ ބުރަދަނެއް ހުރި އެއްޗަކަށް ނުވާނެއެވެ.
ބުއްދީގެ ދަލީލު:

އަންހެނުންގެ އެކަނބަލުންގެ ޠަބީޢަތް ފުޠުރަތު ކުރެވިފައިވާ ގޮތުން ޢާއްމު ޙާލަތްތަކުގައި ޚަޞްމުންގެ މެދުގައި ޙުކުމްކުރުމުގެ ލިޔާޤަތު ލިބިފައިވާ ބައެއް ނޫނެވެ. ކަންމިހެން އޮތްއިރު، އެކަނބަލުންނަށް ކުޅަދާނެވެގެންނުވާ ކަންތައްތައްތަކެއް އެކަނބަލުންނަށް ޖެއްސުމަކީ އިންސާފުވެރި ޙިކުމަތްތެރި ގޮތެއްނޫނެވެ. މިފަދަ ބޮޑު ޒިންމާއަކީ ގިނަފަހަރަށް އަންހެނުނަށް ތަޙައްމުލު ކުރެވޭފަދަ ޒިންމާއެއް ނޫނެވެ.

މީގެ އިތުރުންވެސް އެއްވެސް ސަމާވީ ރިސާލަތެއްގައި އަންހެނަކަށް ޙާކިމެއްގެ ވަޒީފާ، ނުވަތަ ޙުކުމްކުރުމުގެ މަސްއޫލިއްޔަތު ދެއްވިކަމަށް ޞައްޙަ ނައްޞަކުން ވިޔަސް، ޟަޢީފު ނައްޞަކުން ވިޔަސް އައިސްފައި ނުވެއެވެ. އެހެންނާ ހުރިހާ ޒަމާނެއްގައި ވެސް އަންހެނުންގެ ތެރޭގައި ވެސް ވިސްނުން ތޫނު، މޮޅެތި އަންހެނުން ތިބެއެވެ. އަންހެނާއަކީ ފިޠުރީގޮތުން މިކަންކުރުމަށް ޤާބިލު މީހެއްނަމަ އެކަން އޭނާއަށް ދެއްވީހެވެ. މިއީ މަތީ ދަރަޖައިގެ ސެޓްފިކެޓެއް އެކަނި އޮތުމަކުން ކުރެވޭނޭ ކަމެއްނޫނެވެ. މިކަމުން ވެސް ދޭހަވަނީ އެކަނބަލުންނާމެދު ﷲ ގެ އޯގާވަންތަކަމާއި އެކަނބަލުންނަށް ދެއްވި ޤަދަރާއި ޢިއްޒަތެވެ. މާތް ﷲ އެއްވެސް އިންސާނަކަށް އަނިޔާވެރިވެ ވޮޑިއެއް ނުގަންނަވައެވެ.

ފިރިހެނުންނަށް ވުރެން ބޮޑަށް އަންހެނުންގެ ކިބައިގާ އޯގާތެރިކަމާއި ރަޙުމްކުރުމުގެ ސިފަ ފިޠުރީގޮތުން ލެއްވިފައި ވެއެވެ. މީގެ ސަބަބުން ޚަޞްމުންގެ މެދުގައި ޙުކުމްކުރުމަށް ގިނަފަހަރު އަންހެނާއަށް އުނދަގޫވެދާނެއެވެ. އަދި ޙައިޟާއި، ނިފާސްގެ ދުވަސްވަރުގައި އަންހެނުންނަށް ނަފްސާނީގޮތުން ވަރުބަލިވުމާއި، ބަލިކަށިކަން ތަޙައްމުލު ކުރަންޖެހޭ ވެސް މެއެވެ. ހަމައެފައިން ބަލިވެއިންނަ ދުވަސްވަރަކީވެސް އަންހެނާ އެހައިމެ ބަލިކަށިކަން ތަޙައްމުލުކުރަންޖެހޭ ދުވަސްވަރެކެވެ. މިއިން ކޮންމެ ޙާލަތެއްގައިމެ ޗުއްޓީއެއް ނަގަންވެއްޖެނަމަ ޤާޟީކަމުގެ މަސައްކަތަށް ހުރަސްއެޅިގެން ދާނެއެވެ. މިކަންކަމުގެ ސަބަބުން އަދުލަތް ހިންގުމުގެ ނިޒާމަށް ލޮޅުމެއް އެރުމަކީ ދުރުގައިވާ ކަމެއްނޫނެވެ.
ދެވަނަ ރައުޔު:

މިމައްސަލައިގައި ދަންނަބޭކަލުންގެ ދެވަނަ ރައުޔަކީ، އަންހެނުންނަށް ޤާޟީކަން ދިނުމަކީ އަޞްލުގައި މަނާކަމެކެވެ. ނަމަވެސް އަންހެނަކު ޤާޟީކަމަށް އިސްކުރެވިއްޖެނަމަ، އެފަދަ ޙާލެއްގައި ޙައްދުތަކާއި ޤިޞާޞްގެ މައްސަލަތައް ފިޔަވައި، އެނޫން ކަންކަމުގައި އަންހެނާ ކުރާ ޙުކުމް ޞައްޙަވާނެއެވެ. އަދި އެޙުކުމް ތަންފީޒު ވެސް ކުރެވޭނެއެވެ. ނަމަވެސް އަންހެނަކު ޤާޟީކަމަށް އިސްކުރުމުގެ ސަބަބުން، ޙާކިމުމީހާ ފާފަވެރިވާނެއެވެ. މިއީ الإمام أبو حنيفة އަށް ނިސްބަތްކުރެވޭ ރައުޔެކެވެ.
ދަލީލު:

މިރައުޔުގެ ދަލީލަކީ ޤިޔާސެވެ. އެބަހީ؛ އަންހެނާގެ ހެކިބަހުގެ މައްޗައް ޤިޔާސްކުރުމެވެ. މާނައީ، އަންހެނާގެ ހެކިބަސް ޤަބޫލުކުރެވޭ ކޮންމެ ކަމެއްގައި އޭނާގެ ޤާޟީކަން ވެސް ޞައްޙަވާނެއެވެ. އެމީހެއްގެ ހެކިބަސް ޤަބޫލުކުރެވޭ ކޮންމެ މީހެއްގެ ޤާޟީކަން ޞައްޙަވާނެއެވެ. މިގޮތުން ބަލާއިރު، ޙައްދުތަކުގައްޔާއި ޤިޞާޞްގެ މައްސަލަތަކުގައި މިބޭކަލުން އަންހެނާގެ ހެކިބަސް ޤަބޫލެއް ނުކުރައްވައެވެ. އެހެންކަމުން، އެކަންކަމުގައި އަންހެނާގެ ޤާޟީކަން ނުވަތަ އަންހެނަކު ކުރާ ޙުކުމް ޞައްޙަ ނުވާނެކަމުގައި މިބޭކަލުން ދެކެވަޑައިގަންނަވައެވެ.
ތިންވަނަ ރައުޔު:

މިމައްސަލައިގާ އައިސްފައިވާ ތިންވަނަ ރައުޔަކީ، އަންހެނާއަށް ޤާޟީކަން ކުރެވިދާނެ ކަމަށް ބުނާ ރައުޔެވެ. މިއީ الإمام ابن حزم އާއި الإمام الطبري ގެ މަޒުހަބުކަމުގައި ރިވާވެގެންވެއެވެ. މިބޭކަލުންގެ ދަލީލުތަކުގެ ތެރޭގައި އަންނަނިވި ދަލީލުތައް ހިމެނެއެވެ.
ދަލީލު:

ޢުމަރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ބާޒާރުގެ ބައެއް ކަންތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން الشِّفَا بِنْتُ عبدِ اللهِ العَدَوِيَّة އާއި ބައެއް ފަހަރު ހަވާލު ކުރައްވައެވެ. މިއީ ޙިސްބާގެ ތެރެއިން ވާކަމެކެވެ. ޙިސްބާއަކީ، ހެޔޮކަމަށް އަމުރުކުރުމާއި، ނުބައިކަންތައް ނަހީކުރުމަށް ދައުލަތުގެ ފަރާތުން ކަނޑައެޅިފައިވާ ޒިންމާއެވެ. މިއީ، ޤާޟީކަމާ ކޮންމެވެސް ވަރެއްގެ ގުޅުމެއްވާކަމެކެވެ. މިހެންކަމުން، މިއިން ދަލީލުކޮށްދެނީ އަންހެނުން ޤާޟީކަމަށް އިސްކުރެވިދާނެ ކަމެވެ.

އަނެއް ދަލީލަކީ، އަންހެނާއީ ފަތުވާދޭ މީހެއްކަމުގައި ވުން ޞައްޙަވާ ހިނދު، އޭނާގެ ޤާޟީކަން ވެސް ޞައްޙަވާނެއެވެ. އެއީ ފަތުވާދިނުގެ އަހުލުވެރިޔަކަށް ވެވެނީ، ކަމަށް އެކަށީގެންވާ ޢިލްމުލިބިފައި ވުމުންނެވެ. ވީމާ، އަންހެނަކަށްވެސް ޤާޟީކަންކުރުމަށް ބޭނުންވާ ޢިލްމު ލިބިއްޖެނަމަ އެކަން ނުކުރެވެންވީ ސަބަބެއްނެތެވެ.
ޚުލާޞާ:

އިސްވެ ބަޔާންވެ ދިޔައީ އަންހެނުން ޤާޟީކަމަށް ޢައްޔަންކުރުމާއި މެދު، ކީރިތި ޤުރްއާނާއި މާތް رسول الله صلى الله عليه وسلمގެ ސުންނަތުގެ އަލީގައި ޢިލްމުވެރިންގެ ރައުޔުތައް ހުރިގޮތެވެ. ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވަނީ، އަންހެނަކަށް ޤާޟީކަން ދިނުމަކީ ހުއްދަކަމެއްނޫންކަމަށެވެ. އަދި މިމައްސަލައިގާ އުއްމަތުގެ ދަންނަބޭކަލުން إجماع ވެވަޑައިގެންފައިވާ ކަމަށް الإمام الماوردي ވިދާޅުވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. "ވެރިކަމުގެ އެއް ޝަރުޠަކީ ފިރިހެނަކަށް ވުމެވެ. އެހެންކަމުން، އަންހެނާއަށް ވެރިކަމާއި ފަނޑިޔާރުކަން ހުއްދަ ނުވާނެއެވެ. އެއީ އޭނާއަށް އިމާމަތުކަން ނުކުރެވުމާއި ކައިވެނިޢަޤުދުކޮށް ނުދެވުމާއި ހުރިހާ މަޤާމެއްގައި އަންހެނާގެ ހެކިބަސް ޤަބޫލު ނުކުރެވޭތީއެވެ."

އެހެންކަމުން، އެއްވެސް ޒަމާނެއްގައި އުއްމަތުގެ ދަންނަބޭކަލުން ޝަރްޢީ މައްސަލައެއްގައި އިޖްމާޢުވެފައިވާނަމަ، ފަހުން ވަޑައިގަންނަވާ ބޭކަލަކަށް، އެއީ ކިތައްމެ ބޮޑު ޢިލްމުވެރިއަކަށްވިޔަސް އެބޭކަލެއްގެ ކުރީގައި ދަންނަބޭކަލުން އިޖުމާޢުވެވެޑައިގެންފައިވާ ގޮތާ ޚިލާފުވެވަޑައިގަތުމުގެ އިޚުތިޔާރު ލިބިގެން ނުވެއެވެ. އެހެންކަމުން، މިމައްސަލައިގައި އެންމެ ޞައްޙަ ރައުޔަކީ، ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔެވެ.
އަންހެނުން ޤާޟީކަންކުރުމާމެދު ޑރ. ﻴﻭﺴﻑ ﺍﻟﻘﺭﻀﺎﻭﻱ ގެ ރައުޔު

ޑރ. يوسف القرضاوي ދެކެވަޑައިގަންނަވާ ގޮތުގައި މިމައްސަލައަކީ، އެއާ ބެހޭގޮތުން ސާބިތުގޮތެއްގައި ﻗﻁﻌﻲ ނައްޞެއް އައިސްފައިވާ މައްސަލައަކަށް ނުވާތީއާއި، ﻗﻁﻌﻲ ގޮތުން މައްސަލައަށް ދަލާލަތުކުރާ ނައްޞެއް ވެސް އައިސްފައިވާ މައްސަލައަކަށް ނުވާތީއާއި، މިކަމާމެދު ފުރިހަމަ އިޖްމާޢެއް ވެސް އައިސްފައިވާ ނުވާ މައްސަލައަކަށް ވާތީ، ކޮންމެ ދުވަސްވަރެއްގައި ވެސް އެދުވަސްވަރެއްގެ ޙާލަތު ނިޔާކުރާ ގޮތަކުން، ޢަމަލުކުރުމަށް ހުޅުވާލެވިފައިވާ މައްސަލައެއް ކަމަށެވެ. އެހެނަސް، އަންހެނުން ޤާޟީކަންކުރުމަށް ﺍﻟﻘﺭﻀﺎﻭﻱ ވަނީ ތިން ޝަރުޠެއް ކަނޑައަޅުއްވާފައެވެ. އެތިން ޝަރުޠަކީ؛

ފުރަތަމަ ޝަރުޠު: ޢިއްދައިން ކެނޑޭ ޢުމުރަށް ގޮސް، ވިސްނުން ފުރާ ފުރިހަމަވެފައިވުން، އެހެނީ، ޙައްޟުގެ ދުވަސްވަރާއި ބަލިވެ އިންނަ ދުވަސްވަރު އަންހެނުންނަށް ނަފްސާނީ ގޮތުން ކުރިމަތިވާ ދަތިތަކާއި އުނދަގޫތަށް، އެޢުމުރަށް ދިއުމުން ހުންނާނީ ފިލައި ގޮސްފައި ކަމަށް ވާތީއެވެ.

ދެވަނަ ޝަރުޠު: އިޖްތިމާޢީ ގޮތުން މިބާވަތުގެ ކަންކަން ބަލައިގަންނަ ދަރަޖައަކަށް، މުޖްތަމަޢު ކުރިއަރައި ގޮސްފައިވުން.

ތިންވަނަ ޝަރުޠު: އަންހެނުން ޤާޟީކަމަށް އިސްކުރުމަށް ބޭނުން ޖެހިފައިވުން.

މިޝަރުޠުތައް ފުރިހަމަ ވެއްޖެ ހިނދެއްގައި އަންހެނުން ޤާޟީކަމަށް އިސްކުރުން ހުއްދަވެގެން ވީކަމުގައި ވިޔަސް، އެއީ ކޮންމެހެން ކުރަންޖެހޭ ވާޖިބު ކަމެއް ވެސް ނޫނެވެ. އެހެނަސް، މިކަމުގައި ބަލަން ވާނީ، ދީނުގެ މަޞްލަޙަތަށާއި، އަންހެން މީހާއާއި އޭނާގެ ޢާއިލާއާއި މުޖްތަމަޢުގެ މަޞްލަޙަތުގެ އަލީގައި މިއީ، ކުރަން ރަނގަޅުކަމެއްތޯއެވެ. މިގޮތުން އެއީ ކުރަން ވާވަރުގެ ކަމެއްނަމަ ކުރުމެވެ. އެހެނީ، ބައެއް ޙާލަތްތަކުގައި، ބައެއް ކަންކަމަށް ބޭނުން ވާނޭ އަންހެން ޤާޟީން މިދެންނެވި ޝަރުޠުތަކާއެކު ޢައްޔަންކުރުން އެއީ މަޞްލަޙަތު އޮތްގޮތްކަމަށް ވެސް ވެދާނެއެވެ.

No comments:

Post a Comment