Tuesday, September 17, 2019

#

ޤަތުލުކުރުމަށް މަގުފަހިވާ އެންމެހައި ދޮރުތައް ބަންދުކުރުން

ނަފްސުގެ ޙުރުމަތަށްޓަކައި، ޤަތުލުކުރުމަށް މަގުފަހިވާ އެންމެހައި ކަންތައްތައް ކުރުން، އިސްލާމީ ޝަރީޢަތުގައި ވަނީ މަނާކުރައްވާފައެވެ. ބޭނުމަކީ، ޙައްޤަކާއި ނުލައި މީހެއްގެ ފުރާނައަށް ގެއްލުންލިބިދާނޭ ކަމަށް ބެލެވޭ އެންމެހައި ދޮރުތަކެއް ބަންދުކުރުމެވެ. މިގޮތުން، މުސްލިމަކާ ދެކޮޅަށް ހަތިޔާރު އުފުލުމާއި، އެބާވަތުގެ ކަންކަމަށް ހިތްވަރުދިނުން މަނާކުރެވިގެން ވެއެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "مَنْ حَمَلَ عَلَيْنَا السِّلاَحَ فَلَيْسَ مِنَّا" [أخرجه البخاري ومسلم] މާނައީ"އަހަރުމެން މުސްލިމުންނާ ދެކޮޅަށް ހަތިޔާރު އުފުލައިފި މީހަކީ، އަހަރުމެންގެ ތެރެއިންވާ މީހެއް ނޫނެވެ." މިކަން މަނާކުރެވިފައިވާނީ، ހަތިޔާރު އުފުލުމުގެ ސަބަބުން ކުރިމަތިވާ ބޮޑެތި ފިތުނަވެރިކަމުގެ ސަބަބުންނާއި، އެކަމުގެ ސަބަބުން ޙައްޤަކާއި ނުލައި މުސްލިމުންގެ ލޭއޮހޮރުމަށް މަގުފަހިވާތީއެވެ.

އެކަލޭގެފާނުގެ އެހެން ޙަދީޘްފުޅެއްގައި ވެއެވެ. "سَبَابُ الْمُسْلِمِ فُسُوْقٌ، وَقِتَالُهُ كُفْرٌ" [أخرجه البخاري ومسلم] މާނައީ "މުސްލިމުންނާ ނެތި މޮށުމަކީ ފާސިޤު ޢަމަލެކެވެ. އަދި މުސްލިމަކާ ހަނގުރާމަކުރުމަކީ ކުފުރުވުމެކެވެ." [އެބަހީ؛ އެމީހަކު އެވަނީ އެކުޅަ ޢަމަލުގައި ކުފުރުވެފައެވެ. މިއަކީ، އަދި މިއްލަތުން ބޭރުވާވަރުގެ ކުފުރެއް ނޫންކަން ހަނދާން ބަހައްޓަން ވާނެއެވެ.]

ޤަޞްތުގައި މީހަކު މެރުން ކީއްކުރަން ހެއްޔެވެ؟ އެކަމާ ގުޅުންހުރި މާ އާދައިގެ ކަންތައްތައް ކުރުން ވެސް މަނަވެގެން ވެއެވެ. އެއީ މިސާލަކަށް، ކަމެއް ކުރުމުގެ ސަބަބުން ތިމާގެ މުސްލިމު އަޚާއާ މެދު ރުޅިވެރިކަމާއި ދެކޮޅުވެރިކަން އުފެދިދާނޭ ކަމެއް ކުރުން ފަދަ ކަންކަމެވެ. މިފަދަ ކަންކަން ކުރުން ވެސް އިސްލާމް ދީނުގައި ވަނީ މަނާކުރެވިގެންނެވެ. އެހެންކަމުން، ކުށެއްނެތް މީހަކު ޤަތުލުކުރުމަށް މަގުފަހިވެދޭނޭ އެންމެހައި ކަންތައްތައް ކުރުން ވެސް ދީނުގައި ވަނީ ޙަރާމްކުރައްވާފައެވެ. މީހަކު މެރުމުގެ ސަބަބަކަށް ވެދާނޭ ޢަމަލެއް ކުރިމީހަކު، އެކަމުގެ ޒިންމާ ނަގަންޖެހެއެވެ. މިސާލަކަށް މީހުން ހިނގައި އުޅޭ މަގެއްގައި، އެނގުމެއް ނުވާގޮތަށް ވަޅުގަނޑެއް ކޮނެފައި ވަނިކޮށް އެތަނަށް މީހަކު ވެއްޓި މަރުވެއްޖެނަމަ، އެކަންކުރި މީހަކު އެމީހާގެ މަރުގެ ޒިންމާ އުފުލަންޖެހޭނެއެވެ. މިގޮތުން އޭނާގެ މަރުގެ ދިޔަ އެމީހަކު ދޭންޖެހޭނެއެވެ.

رسول الله صلى الله عليه وسلم ގެ ޞައްޙަ ޙަދީޘުން ސާބިތުވާ ގޮތުގައި، ތިން ޙާލަތަކުން ކުރެ ޙާލަތަކުން މެނުވީ މުސްލިމެއްގެ ލޭގެ ޙުރުމަތް ކެނޑިގެން ނުދާނެއެވެ. މިކަން ބަޔާންކުރައްވަމުން އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ. "لاَ يَحِلُّ دَمُ امْرِئٍ مُسْلِمٍ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ إِلاَّ بِإِحْدَى ثَلاَثٍ: الَثَّيِّبُ الزَّانِي، الَنَّفْسُ بِالنَّفْسِ، وَالتَّارِكُ لِدِينْهِ اَلْمُفَارِقُ لِلْجَمَاعَةِ" [رواه البخاري ومسلم] މާނައީ"ﷲމެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާ ކަމަށް ހެކިވާ މީހަކަށް، މިތިންކަމުންކުރެ ކަމަކުން މެނުވީ މުސްލިމެއްގެ ލޭ އޮހޮރުވާލުން ހުއްދަވެގެން ނުވެއެވެ. އެއީ، ޒިނޭކޮށްފި ޘައްޔިބަކާއި، މީހެއްގެ ބަދަލުގައި މަރާލެވޭ މީހަކާއި، އެމީހެއްގެ ދީން ދޫކޮށްލައި ޖަމާޢަތާއި ވަކިވެގަތް މީހާއެވެ." الَثَّيِّبُ އަކީ، އެމީހެއްގެ ޙަޔާތުގައި އެންމެ ފަހަރަކުވިޔަސް ޝަރްޢީ ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. ކައިވެނި މަތީގައި ދެމިހުއްޓަސް ނުވަތަ ނެތަސްމެއެވެ.

ކަން މިހެން ހުރުމާއެކު، ޤަތުލުވާޖިބުވާ ވަރުގެ ކުށަކަށް މީހަކު އަރައިގެންފި ކަމުގައިވާނަމަ، އެކަމެއް ބަލައި ތަޙުޤީޤުކޮށް، އޭނާގެ މައްޗަށް އެއަދަބު ކަނޑައަޅާނީ ދައުލަތުގެ ޝަރްޢީ ނިޒާމުގެ ތެރެއިން ލާފައެވެ. އެއަށް ފަހު އެކަން ތަންފީޒުކުރާނީ، އެކަންކުރުމަށް ދައުލަތުގައި ކަނޑައެޅިފައިވާ ނިޒާމެއްގެ ތެރެއިންނެވެ. މިއަކީ މީސްމީހުން އަމިއްލަ އަމިއްލަ އަށް ކުރުމަށް އަންގަވާފައިވާ ކަންތައްތަކެއް ނޫނެވެ.

އެހެންކަމުން، މީގެ ބޭރުން މީހުން މެރުމަށް ހިތްވަރު ލިބިދޭފަދަ ޢަމަލުތައް ހިންގައި، އެފަދަ ވާހަކަތައް ދައްކައި ހެދުމީ، އިސްލާމް ދީނުގައި ކަނޑައެޅިފައިވާ އިމުގެ ބޭރުން ކުރެވޭ ޢަމަލެއް ކަމުގައި މެނުވީ ނުވާނެއެވެ.

2 comments:

  1. Win Real Money With The Best Casino Software
    No matter 경상북도 출장안마 what the casino is and why they do, you 경상북도 출장안마 always find a great casino to play. 제주 출장마사지 For a good number of reasons, 당진 출장샵 this 진주 출장안마 one is your

    ReplyDelete
  2. Usthaz ge mi liyumugai alhugadah faahagakurevuny 3 myhehge mahchah gathulu vaajibu kamah. Namaves miee badhalu nuvaaane kanthakehtho zamaanaa ehgothah.

    ReplyDelete