Sunday, October 20, 2019

#

ރަސޫލާދެކެ ލޯބިވުމުގެ ޙަޤީޤަތް

ބަދުރު ހަނގުރާމައިގައި ހައްޔަރުވި ކާފަރުންގެ ތެރެއިން ސުހައިލްބިން ޢަމްރުވިއެވެ. މީނާއަކީ ގުރައިޝްވަންހައިގެ ބޮޑުންކުރެ ބަހަށް ކުޅަދާނަ ހަޠީބެކެވެ. އިސްލާމުންނަށް މީނާގެ ދުލުން ކޮށްފައިހުރި އުނދަގޫތަށް ވަރަށްވެސްބޮޑެވެ. މިހެންވެގެންނޭ އުމަރުގެފާނުގެ ދެންނެވީ "އޭ މާތްކަލާނގެ ރަސޫލާއެވެ. މިނުލަފާކަލޭގެގެ މެދުދަތްތަށް ދުއްވާލިއްޔާ ކީއްތޯއެވެ؟ އޭރުން އޭނާގެ ދޫ ހުންނާނީ ބޭރަށްނުކުމެ ދިގުވެފައެވެ. މިބަސްފުޅަށް ސަލާމާތް ސަލަވާތްލެއްވި އިތުރު ރަސޫލާ ހަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނު މީހަކަށް ތިޔަޒާތުގެ ކުދިހާނިއްކައެއް ނުކުރައްވާހުށީމެވެ. އޭރުން ތިމަންކަލޭގެފާނަކީ ނަބީބޭކަލަކު ކަމުގައިވިއަސް މާތްކަލާނގެ ނުރުއްސަވާ ހުއްޓެވެ. ކަލޭގެފާނުއަދި އޭނާއަށް ތައުރީފްކުރާފަދަ ތަންތާގައި ހަމައޭނާގެ އެދުލުން ހުޠުބާކިޔާހުއްޓެވެ." މިއީ ރޯދަމަހު ރޭޑިއޯއިން ގެނެސްދޭ ކީރިތި ރަސޫލާގެ ސިޔަރަތުން ތިބާއާއި އަޅުގަނޑާއި އެހެރަދާމީހާއި މިހިރައަންނަމީހާވެސް އަޑުއަހައިފައިވާ ވާހަކައެކެވެ.

ރަސޫލުﷲ ދެކެ ލޯބިވުމަކީ އިސްލާމްދީނުގެ އަޞްލުތަކުގެ ތެރެއިން ހިމެނިގެންވާ ކަމަކަށްވީ ހިނދު، މުސްލިމު އަޅާގެ އީމާންކަން ފުރިހަމަވުން ބިނާވެފައިވަނީ އިތުރު އެކަލޭނެފާނު ދެކެވާ ލޯތްބެއްގެ މައްޗަށެވެ. ތިބާގެ އަމިއްލަ ނަފްސާއި އަނބިދަރިންނާއި މައިން ބަފައިންނާއި ދުނިއޭގައިވާ އެންމެހައި މީސްތަކުންނަށްވުރެ ބޮޑަށް، ރަސޫލުﷲ ދެކެ ލޯބިކޮށްފުމަށް ދާންދެން، އެއްވެސް މީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ.

ކަންމިހެއް އޮތްއިރު، ރަސޫލުﷲ ދެކެވާ ލޯތްބަކީ ހިތުގެ އަޑިންވާ ލޯތްބަކަށް ވާންޖެހެއެވެ. އަދި އެމީހެއްގެ އަމަލުތަކާއި ސުލޫކުން، މިކަމުގެ އަސަރު ފެންނަންޖެހެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿ قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ ﴾ (سورة آل عمران 31) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبع ވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ."

ރަސޫލުﷲ ﷺ ދެކެ ލޯބިކުރުމަކީ، ގެ ޙަޟްރަތުން އެކަލޭގެފާނު ގެންނެވި ޝަރީޢަތް ބަލައިގަނެ އެއާ އެއްގޮތަށް ތިމާގެ ޢަމަލުތައް ބެހެއްޓުމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.  ﴿وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّـهَ ۖ إِنَّ اللَّـهَ شَدِيدُ الْعِقَابِ ﴾ (سورة الحشر 7) މާނައީ: "އަދި ގެ ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!"

ރަސޫލުﷲ ދެކެ ލޯބިވުމަކީ އެއްވެސް ޙާލެއްގައި ތަޢުރީފުގެ ބަސްތަކަކުން އެކަލޭގެފާނަށް ސަނާކިއުމެއްނޫނެވެ. އެކަލޭގެފާނު ދެކެ ލޯބިވުމަކީ، އެކަލޭގެފާނު ގެންނެވި މަންހަޖުގައި ހިފަހައްޓައި އެއާ އެއްގޮތަށް ތިމާގެ ޢަމަލުތައްސީދާކުރުމެވެ. ރަސޫލުﷲ ގެ ސުންނަތާމެދު ޝައްކު އުފައްދައި އެކަލޭގެފާނުގެ އަމަލުފުޅުތަކާ ދެކޮޅުހަދާހާ ހިނދެއްގައި އެކަލޭގެފާނުދެކެ ލޯބިވާކަމުގައި ބެލެވޭނޭ ގޮތެއް ހަމަހިލާ ނޯންނާނެއެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން ދެކޮޅުހަދައިފި މީހަކު މެނުއީ އެންމެންވެސް ސުވަރުގެ ވަންނަހުއްޓެވެ. އެހިނދު އަޞްޙާބު ބޭކަލަކު ދެންނެވިއެވެ. އޭﷲ ގެ ރަސޫލާއެވެ. ދެކޮޅުހަދަނީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ނުކިޔަމަންތެރިވެއްޖެ މީހާ ހަމަކަށަވަރުން ދެކޮޅުހަދައިފިއެވެ. އެބަހީ އެފަދަ މީހާ ސުވަރުގެ ވަނުމަށް ދެކޮޅުހަދައިފިއެވެ. 

ކީރިތި ރަސޫލާގެ ސިޔަރަތުން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ އިސްލާމްދީނަށް ބަދުބަސްބުނާ މީހާއަށްވެސް ހާނިއްކަ ނުކުޅައުމަށެވެ. އަދި އެފަދަމީހުންނަށް ހާނިއްކަ ކުޅައުމަކީވެސް ﷲ ނުރުއްސަވާ ކަމެއްކަމެވެ. ކަންމިހެން އޮތްއިރު މިކަލަށް އައިސް އިސްލާމްދީނަށް ބަދުބަސްބުނާ މީހުންނާއިމެދު މިއާއި މުޅީން އިދިކީލަކޮށް އަމަލުކުރާތަން ފެނެއެވެ. އެއްބަޔަކު އެމީހެއްގެ ފޮޓޯ ޝައިތާނީ ސޫރަ ސިފަވާފަދައަކުން ހަދައި ޝޯޝަލް މީޑިއާގައި ދައުރުކުރެއެވެ. މިކަމަކީ ކަނޑައެޅިގެން ﷲ ނުރުއްސަވާނެ ފަދަ އަމަލެއް ކަމަށް ވީނަނަމަވެސް ފަރުވާލެއްނެތް ކަހަލައެވެ. މިއީ ހިތާމަހުރި ކަމެކެވެ. އަދި މިއީ އިސްލާމްދީންދެކެ ލޯބިވާން އޮތް މަގެއް ކަމަށް ނުފެނެއެވެ. އެހެނީ އުރެދުމަކުން އިސްލާމްދީނަށް ލިބޭނެ މަންފާއެއްނެތެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ އެފަދަމީހުންނަށް އިސްލާމީ ރިވެތި އަޙްލާޤު ދެއްކުމެވެ. އެބަހީ ނަސޭހަތްދީ ހެދުމެވެ. އިސްލާމް ދީނަކީ ނަސޭހަތުގެ ދީނެވެ. 

No comments:

Post a Comment