Saturday, September 24, 2022

މާތްﷲ އަށް އީމާންވުމުގެ ފޮނިމީރު ކަން


މާތްﷲ އަށް އީމާންވުމަކީ، މި ކައުނުގައިވާ ހުރިހާ އެއްޗެއް އުފައްދަވައި މިންވަރު ކުރެއްވީ އެކަލާނގެ ކަމާއި އެއީ އިސްވެ ވޮޑިގެންވާ، ދެމިވޮޑިގެންވާ، އެއްކައުވަންތަ، ކުޅަދުންވަންތަ ކަލެއްކަމާއި އެކަލާނގެ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނެއްކަމާއި އެކަލާނގެއީ ހުރިހާ ފުރިހަމަ ސިފަފުޅުތަކުން ސިފަ ލިބިވޮޑިގެންވާ އެއްމެހާ އުނި ސިފަތަކުން ހުސްދުރުވެ ވޮޑިގެންވާ ކަލެއްކަމާއި މި ހުރިހައި ކަމެއް ހިތުގެ އަޑިން ޝައްކެއްނެތި ޤަބޫލުކުރުމެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެ އެވެ. إِنَّ رَبَّكُمُ اللّهُ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يُدَبِّرُ الأَمْرَ مَا مِن شَفِيعٍ إِلاَّ مِن بَعْدِ إِذْنِهِ ذَلِكُمُ اللّهُ رَبُّكُمْ فَاعْبُدُوهُ أَفَلاَ تَذَكَّرُونَ [1] މާނައީ: [ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، اللَّه އެވެ. އެކަލާނގެއީ، އުޑުތަކާއި ބިން ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެ އެވެ. ދެން عرشގެ މައްޗަށް އެކަލާނގެ استواء ވެވޮޑިގެންވި އެވެ. އެކަލާނގެ (އެންމެހާ) ކަންތައްތައް މިންވަރު ކުރައްވައި تدبير ކުރައްވަތެވެ. އެކަލާނގެ إذن ފުޅަށް ފަހުގައި މެނުވީ (އެއްވެސް މީހަކަށް شفاعة ތެރިވާނޭ) شفاعة ތެރިޔަކު ނުވެ އެވެ. އެއީ ތިޔަބައިމީހުންގެ ވެރި اللَّه އެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ! ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟]

ފައިދާ
ނަފާ، ލާބަ އަދި މަންފާ ވެސް ފައިދާގެ މާނައިގެ ތެރޭގައި ހިމެނެއެވެ.[2] ވީމާ، ފައިދާ އަކީ ކޮންމެ ކަމެއްގައިވެސް ފޮރުވިފައިވާ ސިއްރުތަކެވެ. ނުވަތަ ޙިކުމަތްތަކެވެ. މިގޮތުން މާތްﷲ އަށް އީމާންވުމުން ލިބިދޭ ފައިދާތައް ނުހަނު ގިނަގުނަ އެވެ. އޭގެތެރެއިން ބައެއް ފައިދާތަކަށް އަލިއަޅުވާލާނަމެވެ.

މާތް ﷲ އަށް އީމާންވުމުން ލިބިދޭ ފައިދާތައް
v އެއީ ﷲ އަށް ބިރުވެތި ވެވޭ ކަމެއް
ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތި ވުމަކީ އެއީ މި ފަނާ ވަނިވި ދުނިޔޭން އަބަދަށްޓަކައި ދެމިހުންނަނިވި އާޚިރަތުގެ ގޮވައްޗަށް އިންސާނަކު ގެންދާނެ އެއްމެ ހެޔޮ ކޮއްތެވެ. [3] އެ އިލާހު ވަޙީކުރައްވާފައިވެ އެވެ. وَتَزَوَّدُواْ فَإِنَّ خَيْرَ الزَّادِ التَّقْوَى وَاتَّقُونِ يَا أُوْلِي الأَلْبَابِ [4] މާނައީ: [އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ تقوى އެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ!]
މިއަދު ގިނަ މީސްތަކުން ވެފައިވަނީ މަރުވުމާއި ކަށްވަޅުގެ ވާހަކަތަކާއި އަދި އާޚިރަތްދުވަހުގެ ވާހަކަތައް ދައްކާއިރު އެއާ ދޭތެރޭގައި ވިސްނާ ފިކުރުކޮށްނުލާ ބަޔަކަށެވެ. އެކަންތައްތަކާ ދޭތެރޭގައި ކަންބޮޑުނުވާ ޢިބުރަތް ލިބިނުގަންނަ ބަޔަކަށެވެ. އަދި ކިއެއްތޯ އެވެ. ސުވަރުގެއާއި ނަރަކަ މި ދެކަލިމަ ވެފައިވަނީ އެއްވެސް ސަމާލުކަމެއް ނުދެވޭ ދެ ކަލިމަ އަށެވެ. މިކަންތައް މިހެންދިމާވަނީ އެބައިމީހުންގެ ހިތްތަކުން ﷲ އަށް އޮންނަ ބިރުވެތިކަން ފިލައި ދިޔުން ފިޔަވައި އެހެންކަމެއް ނޫނެވެ. އެފަދަ މީހުންގެ އަމާޒަކަށް ވެފައިވަނީ ދުނިޔެ އެވެ. އެބައި މީހުން ވިސްނާ ފިކުރު ކުރަނީވެސް ހަމައެކަނި ދުނިޔެއަށްޓަކަ އެވެ. އެބައި މީހުން ހިނގަނީ ދުނިޔޭގެ ފަހަތުންނެވެ. މިހެންވުމުގެ ސަބަބުން އެބައިމީހުން ހަލާކުވެ ދުނިޔެއާއި އާޚިރަތްވެސް ގެއްލި ދެ އެވެ. އެހެނީ އެބައިމީހުންގެ ހަށިތައް މަރުވެގެން ދިޔުމުގެ ކުރިން އެބައިމީހުންގެ ހިތްތައް ވަނީ މަރުވެފަ އެވެ. ﷲ އަށް ބިރުވެތިވުމުގެ ތެރޭގައި ހިމެނިގެންވާ އެތައްކަމެއް އެބައިމީހުންވަނީ ހަނދާންނައްތާލާފަ އެވެ.


ނަރަކައިގެ ޢަޛާބަށް ބިރުވެތިވޭ
ﷲ އަށް ފުރިހަމަގޮތުގައި އީމާންވާ މީހާ ނަރަކައަށް ފުރިހަމަގޮތުގައި ބިރުވެތިވާނެ އެވެ. އެތަނުގެ ޢަޛާބަށް ކެތްނުކުރެވޭނެކަން ދަންނާނެ އެވެ. މުއުމިނު އަޅުންނަކީ މި ޢަޛާބަށް ދާންޖެހިދާނެތީވެ އެއާ ދޭތެރޭގައި ބިރުވެތިވެ އެއިން ސަލާމްތަވުމަށްޓަކައި މަސައްކަތް ކުރާމީހުންނެވެ. ވޭންދެނިވި ޢަޛާބުން ފުރިގެންވާ މި ނަރަކައިން ސަލާމަތް ވުމަށްޓަކައި އެތަނާ ބެހޭ ވަރަށް ގިނަ ޚަބަރުތައް ކީރިތި ޤުރުއާނާއި ސުންނަތުގައި އައިސްފައިވެ އެވެ. ﷲ ޢައްޒަ ވަޖައްލަ ވަޙީކުރައްވާފައިވެ އެވެ. لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ النَّارِ وَمِن تَحْتِهِمْ ظُلَلٌ ذَلِكَ يُخَوِّفُ اللَّهُ بِهِ عِبَادَهُ يَا عِبَادِ فَاتَّقُونِ [5] [(ނަރަކައިގައި) އެއުރެންނަށް އެއުރެންގެ މަތީގައި އަލިފާނުގެ ފަށަލަތަކެއްވެ އެވެ. އަދި އެއުރެންގެ ދަށުގައިވެސް (އަލިފާނުގެ) ފަށަލަތަކެއްވެ އެވެ. اللَّه އެތަކެތިން އެކަލާނގެ އަޅުތަކުން ބިރުގަންނަވަތެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެއަށް تقوىވެރިވާށެވެ!]


އެންމެ ބޮޑަށް ބިރުވެތިވަނީ ޢިލްމުވެރިން
ﷲ އަށް އީމާންވި މީސްތަކުންގެ ތެރެއިން އެއްމެ ބޮޑަށް އެކަލާނގެ ޢަޛާބަށް ބިރުވެތިވަނީ ޢިލްމުވެރިންނެވެ. ނަބީ ބޭކަލުން ފިޔަވައި މީސްތަކުން ކުރެ އެއްމެ އީމާންކަން ހަރުދަނާވެ ވަރުގަދަވެފައިވާ ބަޔަކީވެސް އެބައި މީހުންނެވެ. އެއީ އެބައިމީހުންގެ އީމާންކަމުގެ ސަބަބުންނެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވި އެވެ. إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاء إِنَّ اللَّهَ عَزِيزٌ غَفُورٌ[6] މާނައީ: [اللَّهއަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން علمވެރިންނެވެ. ހަމަކަށަވަރުން، اللَّهއީ، عزيزވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.]


ﷲ ގެ ކުރިފުޅުމަތީގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވުން
ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުރިފުޅުމަތީ ހުއްޓި ހުންނަންޖެހޭ ޚާއްޞަ ދެ ވަގުތެއްވެ އެވެ. އެއީ ނަމާދުގައި އެ އިލާހުގެ ކުރިފުޅުމަތީގައި ހުއްޓި ހުންނަ ހުރުމާއި އާޚިރަތް ދުވަހު އެ އިލާހާ ބައްދަލުވާހިނދު އެ އިލާހުގެ ކުރިފުޅުމަތީ ހުއްޓި ހުންނަ ހުރުމެވެ.[7] މިފަދަ މަޤާމުތަކުގައި ހުއްޓި ހުންނަން ޖެހޭކަންވެސް އެނގެނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމަށް އީމާންވާ މީހުންނަށެވެ. އީމާނުގެ އަހުލުވެރިން މިފަދަ މަޤާމުތަކުގައި ހުއްޓި ހުންނަންޖެހޭނެކަން ދަނެ ދުނިޔޭގައި ލިބިފައިވާ މަދުވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ތައްޔާރުވެ އެވެ. ނަމާދަށް ބަންގިގޮވުމުން ބަންގިއަށް އިޖާބަދޭން އެނގެ އެވެ. އަދި މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު ނަމާދުގައި ހުރެވެ އެވެ. މިކަމުގެ ސަބަބުން ޤިޔާމަތްދުވަހުގެ ހުއްޓި ހުންނަ ހުރުމަށް އަމާންކަން ލިބިގެން ދާނެ އެވެ. އެ ބިރުވެތިކަން ތިމާގެ ހިތަށް ވެރިވެގެން އަންނަނީ ފުރިހަމަގޮތުގައި ﷲ އަށް އީމާންވެފައިވާނަމަ އެވެ. އެއްވެސް ބިރުވެތިކަމެއް ނެތި، ދެއްކުމަށް ނަމާދު ކުރާމީހުންނަށް އެ ބިރުވެތިކަމާއެކު ނަމާދެއް ނުކުރެވޭނެ އެވެ. އަދި އެފަދަ މީހުން ނަމާދަށް ހުއްޓި ހުންނަ ހުރުން ޤިޔާމަތްދުވަހު ﷲ ގެ ޙަޟުރަތުގައި ހުއްޓި ހުންނަންޖެހޭ ޖެހުމަށް އެއްވެސް ސަލާމަތްތެރިކަމެއް ރައްކާތެރިކަމެއް ލިއްބައެއް ނުދޭނެ އެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވި އެވެ. وَمِنَ اللَّيْلِ فَاسْجُدْ لَهُ وَسَبِّحْهُ لَيْلًا طَوِيلًا، إِنَّ هَؤُلَاء يُحِبُّونَ الْعَاجِلَةَ وَيَذَرُونَ وَرَاءهُمْ يَوْمًا ثَقِيلًا [8] މާނައީ: [އަދި ރޭގަނޑުން ބައެއްގައި، އެކަލާނގެއަށް ކަލޭގެފާނު سجدة ކުރައްވާށެވެ! އަދި ރޭގަނޑުގެ ދިގު ވަގުތުތަކުގައި، ކަލޭގެފާނު އެކަލާނގެއަށް تسبيح ވިދާޅުވާށެވެ! ހަމަކަށަވަރުން، މިބައިމީހުން ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރެތެވެ. އަދި ބަރުދަންހުރި ދުވަހެއް އެއުރެންގެ ފަހަތަށް ދޫކޮށްލަތެވެ.] ﷲ ގެ ޙަޟުރަތުގައި ކޮޅަށް ހުންނައިރު އަމާންކަން ގެއްލިގެންދާ މީހުންގެ ވާހަކަ ބަޔާންކުރައްވަމުން އެހެން އާޔަތެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވި އެވެ. يَوْمَ تُبَدَّلُ الأَرْضُ غَيْرَ الأَرْضِ وَالسَّمَاوَاتُ وَبَرَزُواْ للّهِ الْوَاحِدِ الْقَهَّارِ ، وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الأَصْفَادِ ، سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَى وُجُوهَهُمْ النَّارُ [9] މާނައީ: [އެދުވަހުން، ބިން އެހެން ބިމަކަށް، އަދި އުޑުތައް (އެހެން އުޑުތަކަކަށް) ބަދަލުކުރައްވާނެތެވެ. އަދި އެއްކައުވަންތަ، ބާރުވެރިވަންތަ اللَّهގެ حضرةއަށް އެންމެން ނުކުންނާނެތެވެ. އަދި އެދުވަހުން، ކުށްވެރިންތައް އެކުއެކުގައި ކަސްތަޅު އެޅިފައިވާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫ އެވެ. އެއުރެންގެ ފޭރާން ވަނީ ކަތުރާނުންނެވެ. އަދި އަލިފާން، އެއުރެންގެ މޫނުތައް ފޮރުވައިލާނެތެވެ.] މިފަދަ ކަންކަމުން ސަލާތްތެރިކަމާއި އައަމާންކަން ލިބިގެން ދިޔުން އެއީ ކިހާބޮޑު ހިތްހަމަޖެހުމެއްތޯ އެވެ؟ އަދި އެހާމެ ބޮޑު ފައިދާއެއްވެސް މެ އެވެ.


މަރާއި ކަށްވަޅުގެ ޢަޛާބަށް ބިރުވެތިވެވޭ
މަރު އަންނާނޭކަމީ އެއްމެން ޤަބޫލުކުރާ އަދި އެއްވެސް މީހަކަށް އިންކާރު ކުރެވެން ނެތް ޙަޤީޤަތެކެވެ. އެހެން ނަމަވެސް މި ޙަޤީޤަތުގެ މައްޗަށް ބިރުވެތިވަނީ ވަރަށް މަދު ބައެކެވެ. އެއީ ފުރިހަމަގޮތުގައި ﷲ އަށް އީމާންވުމުގެ އުފާ ޙާޞިލުކޮށްގެން ތިބި މީހުންނެވެ. ކާމިޔާބު ލިބޭނޭ މީހުންނަކީ އެބައި މީހުންނެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވި އެވެ. كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَما الْحَيَاةُ الدُّنْيَا إِلاَّ مَتَاعُ الْغُرُورِ [10] މާނައީ: [ކޮންމެ نفسއަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ عملތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، قيامةދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު نصيبލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެ އެވެ.]
ﷲ އަށް ކިޔަމަންގަތް އަޅުންގެ ފުރާނަ ނުކުމެގެން ދާއިރު އެ އިލާހުގެ އޯގާވަންތަކަން އެބައި މީހުންގެ މައްޗަށް ލައްވާނެ އެވެ. އެފަދަ ޞާލިޙު އަޅުތަކުންގެ ފުރާނަތައް ހިތްޕަވާއިރު މަލަކުލް މައުތު ގެފާނު ހުންނަވާނީ ވަރަށް ރިވެތިވެގެންވާ ސިފައެއްގަ އެވެ. މި ހުރިހާ ރަނގަޅު ގޮތްތަކެއް އޭނާއަށް ދެއްވޭނީ އޭނާ ﷲ އަށް ކިޔަމަންގަތުމުގެ ސަބަބުން އެ އިލާހުގެ ރުހިވޮޑިގަތުން އޭނާއާ އެކުގައި ވާތީ އެވެ. އެ އިލާހުގެ ވަޙީ ބަސްފުޅުގައި ވަނީ މިފަދައިންނެވެ. يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ، ارْجِعِي إِلَى رَبِّكِ رَاضِيَةً مَّرْضِيَّةً ، فَادْخُلِي فِي عِبَادِي ، وَادْخُلِي جَنَّتِي [11] މާނައީ: [އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ! ރުހިގެންހުރެ، ރުހުން ލިބިގެންވާ حال، ތިބާގެ ވެރިރަސްކަލާނގެ حضرةއަށް އެނބުރިދާށެވެ! ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެޔަށް ވަންނާށެވެ! އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ!]

ﷲ ގެ ޢަޛާބަށާއި އެކަލާނގެ ކޯފާއަށް ބިރުވެތިވޭ
ﷲ އަށް ފުރިހަމައަށް އީމާންވުމުގެ ސަބަބުން ﷲ ޙަރާމް ކުރެއްވި ބޮޑެތި ފާފަތަކަށް އަރައިގަންނަންޖެހިލުންވެ ބިރުވެތިކަން އުފެދި އެފަދަކަންކަމުން މީހާގެ ނަފުސު ރައްކާތެރިކުރެ އެވެ. ނަތީޖާއަކަށްވަނީ ހަނދާންނެތިގެން ނުވަތަ މީހާގެ ހިތަށް ޖެހިފައިވާ ބަލިމަޑުކަމެއްގެ ސަބަބުން ވިޔަސް އެކަލާނގެ ޙަރާމް ކުރެއްވި ބޮޑުފާފައަކަށް އަރައިގަނެވި މީހާގެ ނަފުސު ﷲ ގެ ކޯފާއަށް ހުށަހެޅިއްޖެ ނަމަ އެކަމާ ހިތާމަކޮށް އަވަސްއަވަހަށް ތައުބާގެ މަގު ޚިޔާރު ކުރެ އެވެ. އިންސާނާގެ ކިބައިގައިވާ ރޫޙާނީބައި މިފަދަ ދަނޑިވަޅުތަކުގައި ވަގުތުން ހޭވެރިކަންވެ ކުރެވުނު ކުށުގެ މަތިން ހަނދާންކޮށްދެ އެވެ. އަދި އެކަލާނގެ އޯގާވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ މަތިން ހަނދުމަކޮށްދެ އެވެ. އަދި އެކަލާނގެ ދީލަތި ދަރުބާރަށް މީހާގެ ނަފުސު ގެންގޮސް ކުށް ފިލުވާލަ އެވެ. އެއީ ނުކުރާ ފާފައަކަށް ހަދާލަ އެވެ. ފަހުން ތައުބާ ވުމަކަށް ލަހެއް ނުކުރާނެ އެވެ.[12] އައްޞަޙީޙައިނިގައި ނަބިއްޔާ ޞައްﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވެ އެވެ. "إن عبداً أصاب ذنباً فقال : يارب إني أذنبت ذنباً فاغفره لي . فقال ربه: علم عبدي أن له رباً يغفر الذنب ويأخذ به فغفر له , ثم مكث ماشاء الله , ثم أصاب ذنباً آخر ..." [13] [އަޅަކު ފާފަކުރުމަށްފަހު ދަންނަވާނެ އެވެ. އަޅުގެ ވެރިރަސްކަލަކޮ! މިއަޅާއަށް ފާފައެއް ކުރެވިއްޖެ އެވެ. މިއަޅާގެ ފާފަ ފުއްސަވާ ދެއްވާނދޭވެ! މާތްﷲ ވަޙީ ކުރައްވާނެ އެވެ. ތިމަންރަސްކަލާނގެ އަޅާ އޭނާގެ ފާފަ ފުއްސަވާދެއްވާ އަދި އެފާފަތަކުގައި ހިއްޕަވާ ކަލަކު ވޮޑިގެންވާން ދެނެގެންފި އެވެ. ތިމަންރަސްކަލާނގެ އަޅާގެ ފާފަ ފުއްސަވައިދެއްވައިފީމެވެ. އެއަށްފަހު އޭނާ މާތް ﷲ މިންވަރުކުރައްވާފައިވާ މުއްދަތެއް ހޭދަކުރުމަށްފަހު ފާފަ ކުރާނެ އެވެ." އަދި ފުރަތަމަ ބުނިހެން ދެ ފަހަރު ބުނާނެ އެވެ.[14] މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވި އެވެ. وَالَّذِينَ إِذَا فَعَلُواْ فَاحِشَةً أَوْ ظَلَمُواْ أَنْفُسَهُمْ ذَكَرُواْ اللّهَ فَاسْتَغْفَرُواْ لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلاَّ اللّهُ وَلَمْ يُصِرُّواْ عَلَى مَا فَعَلُواْ وَهُمْ يَعْلَمُونَ [15] މާނައީ: [އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ، އެއުރެންގެ نفسތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) اللَّه ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި دعاءކޮށް އުޅޭމީހުންނެވެ. اللَّه ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި حال އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެ އެވެ.]


އީމާނުގެ އަހުލުވެރިން ބިމުގައި ތަމްކީނު ކުރައްވާ ބާރުގަދަ ކުރައްވާ
ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރެއްވި އެވެ. وَعَدَ اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُم فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَى لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا يَعْبُدُونَنِي لَا يُشْرِكُونَ بِي شَيْئًا وَمَن كَفَرَ بَعْدَ ذَلِكَ فَأُوْلَئِكَ هُمُ الْفَاسِقُونَ [16] މާނައީ: [ތިޔަބައިމީހުންގެ ތެރެއިން إيمانވެ، صالح عملތައްކޮށް އުޅުނުމީހުންނަށް، އެއުރެންގެ ކުރިން އުޅުނު މީހުން خليفة ވެރިކުރެއްވިފަދައިން، ހަމަކަށަވަރުން، އެއުރެން ބިމުގައި خليفة ވެރިކުރައްވާނެ ކަމަށާއި، އެއުރެންނަށްޓަކައި އެކަލާނގެ ރުއްސެވި އެއުރެންގެ دين، ހަމަކަށަވަރުން، އެބައިމީހުންނަށްޓަކައި تمكين ކުރައްވާނެ ކަމަށާއި، އެއުރެންގެ ބިރުވެރިކަމަށްފަހު، ހަމަކަށަވަރުން، أمان ކަމަކަށް އެއުރެން ބަދަލުކުރައްވާނެކަމަށް، اللَّه وعدކުރައްވާފައިވެ އެވެ. އެއުރެން ތިމަންރަސްކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކޮށް، ތިމަންރަސްކަލާނގެއަށް އަޅުކަން ކުރެތެވެ. އެއަށްފަހު كافرވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ فاسقންނެވެ.]


އީމާނުގެ އަހުލުވެރިންނަށް ބިމުގައި އަމާންކަން ލިބޭ
މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެ އެވެ. الَّذِينَ آمَنُواْ وَلَمْ يَلْبِسُواْ إِيمَانَهُم بِظُلْمٍ أُوْلَـئِكَ لَهُمُ الأَمْنُ وَهُم مُّهْتَدُونَ [17] މާނައީ: [އެއުރެންނަކީ، إيمانވެތިބެ، އެއުރެންގެ إيمانކަމުގެ ތެރެއަށް (شركގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ، އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ.]


އީމާންކަމުގެ ސަބަބުން ޙައްޤުތައް ފުރިހަމައަށް ލިބޭ
އެކި ޒަމާންތަކުގައި އިންސާނާ އަބަދުވެސް ދަޢުވާ ކުރަމުންދަނީ އަނިޔާއާއި ބޭއިންސާފުން ކަންތައްތައް ކުރާކަމުގެ ދަޢުވާ އެވެ. މީސްތަކުން ﷲ އަށް ފުރިހަމައަށް އީމާންވެއްޖެކަމުގައިވާނަމަ މާތްﷲ އެތަނެއްގައި ޢަދުލުވެރިކަން ޤާއިމު ކުރައްވަ އެވެ. މާތްﷲ ވަޙީކުރެއްވި އެވެ. وَمَن يَعْمَلْ مِنَ الصَّالِحَاتِ وَهُوَ مُؤْمِنٌ فَلَا يَخَافُ ظُلْمًا وَلَا هَضْمًا[18] މާނައީ: [އަދި مؤمنއަކު ކަމުގައިވާ حال، صالح عملތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، އަނިޔާއެއް ލިބިދާނެކަމަކަށް އަދި حقއެއް އުނިވެދާނެކަމަކަށްވެސް އޭނާ ބިރެއް ނުގަންނާނެތެވެ.]


އިންސާނާގެ ޢަމަލުތައް ޤަބޫލުވެވިގެން ވޭ
ﷲ އަށް އީމާން ނުވާ ކާފިރުންނާއި ޝިރުކު ކުރާ މީހުންގެ ޢަމަލުތަކަކީ ޤިޔާމަތްދުވަހުން އެއްވެސް އަގެއްނެތް އެއްޗެއްކަމުގައި އެކަލާނގެ ލަ އްވަވާ އެކަންވަނީ އަންގަވާފަ އެވެ.[19] އެކަލާނގެ ވަޙީކުރެއްވި އެވެ. وَالَّذِينَ كَفَرُوا أَعْمَالُهُمْ كَسَرَابٍ بِقِيعَةٍ يَحْسَبُهُ الظَّمْآنُ مَاء حَتَّى إِذَا جَاءهُ لَمْ يَجِدْهُ شَيْئًا وَوَجَدَ اللَّهَ عِندَهُ فَوَفَّاهُ حِسَابَهُ وَاللَّهُ سَرِيعُ الْحِسَابِ [20] މާނައީ: [كافرވި މީހުން (ދަންނާށެވެ!) އެއުރެންގެ عملތައްވަނީ، ތަނަވަސް ހުސްބިމެއްގައިވާ އަވާމެންދުރެއް ފަދައިންނެވެ. އަނގަހިއްކައިގެންފައިވާ މީހާ، އެއީ ފެންކަމަށް ހީކުރެތެވެ. އޭނާ އޭގެކައިރިޔަށް އަތުވެއްޖެ ހިނދު، އޭނާޔަށް (އޭނާ ހީކުރި) އެއްޗެއް ނުފެނުނެވެ. އަދި އޭނާޔަށް އެތަނުން ފެނުނީ، اللَّهގެ ނިޔާފުޅެވެ. ފަހެ، އެމީހާގެ حساب، އެކަލާނގެ އެމީހާޔަށް ހަމަޔަށް ދެއްވަ އެވެ. اللَّه އީ، حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެ އެވެ.] މާތް ﷲ އަށް އީމާން ނުވާ މީހަކު މުޖުތަމަޢަށް ފައިދާހުރިގޮތުގައި ޢަމަލުތައް ބެހެއްޓިނަމަވެސް އެފަދަ މީހަކު ކުރާ އެއްވެސް ޢމަލެއް އަޅުކަމެއްކަމުގައި ނުބެލެވޭނެ އެވެ. އަދި އެފަދަ ޢަމަލަކަށް ޘަވާބު ލިބިގެން ނުދާނެކަންވެސް އިސްވެ ދިޔަ އާޔަތުން ވަރަށް ރަނގަޅަށް އެނގިއްޖެ އެވެ. ސަބަކީ އެމީހުން ﷲ އަށް އީމާން ނުވުމެވެ.


އީމާނުގެ އަހުލުވެރިއާއަށް ފިތުނައިގެ ކުރިމަތީގައިވެސް ޘާބިތުކަން ލިބޭ
މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވި އެވެ. يُثَبِّتُ اللّهُ الَّذِينَ آمَنُواْ بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الآخِرَةِ وَيُضِلُّ اللّهُ الظَّالِمِينَ وَيَفْعَلُ اللّهُ مَا يَشَاء[21] މާނައީ: [ދުނިޔޭގެ حياةގައްޔާއި، آخرةގައި ސާބިތުވެގެންވާ (حق) ބަހުން إيمانވި މީހުންނަށް، اللَّه ސާބިތުކަން ދެއްވަތެވެ. އަދި اللَّه، އަނިޔާވެރިން މަގުފުރައްދަވަތެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވަތެވެ. އަދިވެސް ﷲ ވަޙީކުރެއްވި އެވެ. وَلَمَّا رَأَى الْمُؤْمِنُونَ الْأَحْزَابَ قَالُوا هَذَا مَا وَعَدَنَا اللَّهُ وَرَسُولُهُ وَصَدَقَ اللَّهُ وَرَسُولُهُ وَمَا زَادَهُمْ إِلَّا إِيمَانًا وَتَسْلِيمًا [22] މާނައީ: [އަދި (كافرންގެ) جماعةތައް مؤمنންނަށް ފެނުނުހިނދު، އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް اللَّه އާއި، އެކަލާނގެ رسول އާ وعد ކުރެއްވި ކަންތަކެވެ. އަދި اللَّه އާއި، އެކަލާނގެ رسول އާ އިއްވެވީ ތެދުބަހެވެ. އަދި އެއުރެންނަކަށް އެކަމުގެ ސަބަބުން إيمانކަމާއި، ކިޔަމަންތެރިކަން މެނުވީ އިތުރެއް ނުވެތެވެ.]


އީމާނުގެ ސަބަބުން މީހާ ޠާހިރު މީހަކަށް ވެދޭ
މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެ އެވެ. يَا أَيُّهَا الَّذِينَ آمَنُواْ إِنَّمَا الْمُشْرِكُونَ نَجَسٌ [23] މާނައީ: [އޭ إيمانވެއްޖެ މީސްތަކުންނޭވެ! مشركންނަކީ، ނަޖިސް ބަޔެއްކަން ކަށަވަރެވެ.] މި އާޔަތުން ވަރަށް ސާފުކޮށް އެނގޭގޮތުގައި އީމާން ވުމަކީ ނަޖިހުންނާއި ކުށްފާފައިންވެސް މީހާ ޠާހިރު ކޮށްދޭ ކަމެކެވެ. އަދި އީމާން ނުވާ މީހާ އެއީ ހުރިހާ ގޮތަކުންވެސް ނަޖިސް މީހެއްކަމެވެ.


އީމާނުގެ ސަބަބުން އިންސާނާ ﷲ ގެ ވަލީވެރިއަކަށް ވެދޭ
ﷲ ގެ ވަލީވެރިންނަކީ އެބައިމީހުންގެ މުޅި ޙަޔާތުގައިވެސް ﷲ ގެ ޝަރީޢަތުގައިވާ ގޮތަކީ ކޮބައިތޯ ބަލާ އެއާ އެއްގޮތަށް ޢަމަލުކުރާ މީހުންނެވެ. އެފަދަ މީހުންނަށް ދުނިޔެއާއި އާޚިރަތުގައިވެސް ހުރި ނިޢުމަތެއްގެ ބޮޑުކަމާ އެވެ.[24] މާތްﷲ ޤުރުއާނުގައި ވަޙީކުރެއްވި އެވެ. اللّهُ وَلِيُّ الَّذِينَ آمَنُواْ يُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّوُرِ وَالَّذِينَ كَفَرُواْ أَوْلِيَآؤُهُمُ الطَّاغُوتُ يُخْرِجُونَهُم مِّنَ النُّورِ إِلَى الظُّلُمَاتِ أُوْلَـئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ [25] މާނައީ: [اللَّه އީ، إيمان ވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެ އެވެ. އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެއުރެން ނެރުއްވަ އެވެ. އަދި، كافرވި މީހުންގެ އެކުވެރި ވާގިވެރިންނަކީ، شيطانންނެވެ. އަލިކަމުގެ ތެރެއިން އަނދިރިކަމަށް، އެ شيطانން އެއުރެން ނެރެތެވެ. އެއުރެންނީ، ނަރަކައިގެ أهلވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެތެވެ.]


އީމާނުގެ ސަބަބުން މީހާ ﷲ ގެ މިންވަރުފުޅަށް ރުހި ކެތްތެރި މީހެއްކަމުގައިވޭ
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ. " إِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلاءِ ، وَإِنَّ اللهَ إِذَا أَحَبَّ قَوْمًا ابْتَلاهُمْ ، فَمَنْ رَضِيَ فَلَهُ الرِّضَا ، وَمَنْ سَخِطَ فَلَهُ السُّخْطُ"[26] މާނައީ: [ހަމަކަށަވަރުން ޖަޒާގެ ބޮޑުކަންވަނީ މުޞީބާތުގެ ބޮޑުކަމާއެކުގަ އެވެ. (އެބަހީ މުސީބާތް ބޮޑުވިވަރަކަށް އަޖުރުވެސް ބޮޑުވާނެ އެވެ.) އަދި ﷲ ބަޔަކު ދެކެ ލޯބިވެ ވޮޑިގަންނަވާހިނދު އެބަޔަކު އިމްތިޙާންކުރައްވަ އެވެ. ފަހެ (އެކަލާނގެ އިމްތިޙާނަށް) ރުހިއްޖެ މީހާ ދަންނާށެވެ. އޭނާއަށް (ﷲ ގެ) ރުހިވޮޑިގަތުންވެ އެވެ. އަދި (އެކަލާނގެ އިމްތިޙާނަށް) ނުރުހިއްޖެ މީހާ ދަންނަ އެވެ. އޭނާއަށް (ﷲ ގެ) ރުއްސެވުން ވެ އެވެ.] ހަމަކަށަވަރުން ﷲ ތަޢާލާގެ މިންވަރުފުޅަށް ރުހި ކެތްތެރިވުން ވަނީ ﷲ ތަޢާލާއަށް އީމާންވުމުގެ ތެރެއިންނެވެ.

ﷲ އަށް އީމާން ވުމުގެ ސަބަބުން މީހާގެ މުދަލާއި ލެއާއި އަބުރު ރައްކާތެރިކޮށްދޭ
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި އެވެ. "أمرت أن أقاتل الناس حتى يـشـهــدوا أن لا إلــه إلا الله وأن محمد رسول الله ، ويـقـيـمـوا الصلاة ، ويؤتوا الزكاة ؛ فإذا فعلوا ذلك عصموا مني دماءهم وأموالهم إلا بحق الإسلام ، وحسابهم على الله تعالى"[27] މާނައީ: [لا إلــه إلا الله މިކަލިމަ ކިޔައި މި ކަލިމައަށް އީމާންވެއްޖައުމަށްދާންދެން މީސްތަކުންނާ ހަނގުރާމަ ކުރެއްވުމަށް ތިމަންކަލޭގެފާނަށް އަމުރުވެވިގެންވެ އެވެ. އެބައިމީހުން އެ ކަލިމަ ކިޔައި އީމާންވެއްޖެނަމަ އެމީހުންގެ ލެޔާއި މުދާ ތިމަންކަލޭގެފާނުގެ ކިބައިން ރައްކާތެރިވެގެންވެ އެވެ. އަދި އެބައި މީހުންގެ ޢަމަލުތަކުގެ ޙިސާބު ބެއްލެވުން ވަނީ ﷲ އަށެވެ.]


ފުރިހަމަ ގޮތުގައި ﷲ އަށް އީމާންވާ މީހާ ﷲ ގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންވޭ
އެފަދަ މީހާ ވާޖިބުތައް ބަރާބަރަށް އަދާކުރެ އެވެ. މީހާގެ ނަފުސު ހެޔޮކަމުން ފުރާލަ އެވެ. ނަމާދު ކުރެ އެވެ. ރަމަޟާންމަހު ރޯދަ ހިފަ އެވެ. ޒަކާތްދެ އެވެ. އަދި ކުޅަދާނަކަން ލިބިގެންވާ މީހާ ގެފުޅަށް ގޮސް ޙައްޖުވެ އެވެ. އަދި އެހެނިހެން ހެޔޮކަންތައްކޮށް ދީނުގައި ވަރުގަދައަށް ސާބިތުވެ އެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވި އެވެ. وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاء وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ[28] މާނައީ: [باطل މަގުން އެއްކިބާވެތިބެ، اللَّهއަށް އަޅުކަން خالصކުރާ حال، اللَّهއަށް އަޅުކަންކުރުމަށާއި، ނަމާދު قائمކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ دينއަކީ އެއީ އެވެ.] އަދި ފާފަތަކުން ދުރުވެ ރައްކާތެރިވެ އެވެ. އެއީ ދީނުގައި ވަރުގަދައަށް ސާބިތު ވުމަށްޓަކަ އެވެ. އަދި އެއީ އީމާންވި ފަރާތުގެ މަތިވެރިކަމަށްޓަކައި އެފަރާތުގެ އަމުރުތަކަށް ފުރިހަމައަށް ބޯލަނބާ ކިޔަމަން ވުމަށްޓަކަ އެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި އެވެ." اتقوا السبع الموبقات الشرك بالله والسحر وقتل النفس التي حرم الله إلا بالحق وأكل الربا وأكل مال اليتيم والتولي يوم الزحف وقذف المحصنات الغافلات "[29] މާނައީ: [އެއްމެ ބޮޑުވެގެންވާ ހަތް ފާފައިން ތިޔަބައިމީހުން ދުރުވެ ރައްކާތެރިވާށެވެ! އެއީ ﷲ އާއި އެހެން އެއްވެސް އެއްޗެއް ޝަރީކުކުރުމާއި ސިހުރު ހެދުމާއި ﷲ ޙުރުމަތް ކުރައްވާފައިވާ ފުރާނައެއް ޙައްޤު ނޫން ގޮތުގައި މެރުމާއި ރިބާކެއުމާއި ޔަތީމު ކުއްޖާގެ މުދާ ހުއްދަނޫންގޮތުގައި ކެއުމާއި ޖިހާދުގެ މައިދާނުން ފިލަން ދުވުމާއި އަދި ޢިއްފަތްތެރި އަންހެނުންގެ މައްޗަށް ޒިނޭގެ ޤަޒްފު ކުރުމެވެ.][30]


ﷲ އަށް އީމާން ވުމުގެ ސަބަބުން ހިތްހަމަ ޖެހުން ލިބިގެންދޭ
މިއަދު ދުނިޔޭގެ އެއްމެ ގިނަބަޔަކު އެއްމެ ބޮޑު ޚަރަދެއް ކުރަމުން އަންނަނީ އެބައި މީހުންގެ ހިތްހަމަ ޖެއްސުމަށް އެކިއެކި ކަންކަން ކުރުމަށެވެ. ދުނިޔޭގެ އެތައްމިތަނަށް ޓޫރިސްޓުންގެ ގޮތުގައި ޒިޔާރަތްކުރަމުން ދަނީ ހިތްހަމަ ޖެހޭނެގޮތެއްވޭތޯ އެވެ. ޝިރުކުގެ އަހުލުވެރިންނަށް ދުނިޔޭގެ ހުރިހާ އުފަލެއް ޖަމާކުރިއަސް ހިތްހަމަ ޖެހޭގޮތެއް ނުވެ އެވެ. ތެދުމަގުލިބި ހިތްހަމަޖެހުން ލިބެނީ މާތްﷲ އަށް އީމާންވެ އެކަލާނގެ ހަނދުމަކުރުމުންނެވެ. އެބައިމީހުންނަށް އެކަން ނޭނގެނީ އެވެ. މާތްﷲ ވަޙީކުރެއްވި އެވެ. الَّذِينَ آمَنُواْ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللّهِ أَلاَ بِذِكْرِ اللّهِ تَطْمَئِنُّ الْقُلُوبُ [31] މާނައީ: [އެއުރެންނީ، إيمانވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟]


ސުވަރުގެ އާއި ނަރަކައަކީ ޙާޤީޤަތެއްކަމަށް ޤަބޫލުކޮށް ކަށަވަރު ކުރެވޭ
ﷲ އަށް ފުރިހަމަގޮތުގައި އީމާންވެފައިވާ މީހުން ސުވަރުގެއާއި ނަރަކަ އެއީ ޙަޤީޤަތުގައިވެސް ވާ ދެތަންކަމަށް ޤަބޫލުކުރެ އެވެ. އަދި ހިތުން ރުހުމުން ނަރަކައިން ސަލާމަތްވެ ސުވަރުގެ ޙާޞިލު ކުރުމަށް ގދައަޅާ މަސައްކަތް ކުރެ އެވެ. މާތް ﷲ ވަޙީކުރެއްވި އެވެ. وَالَّذِينَ آمَنُواْ وَعَمِلُواْ الصَّالِحَاتِ أُولَـئِكَ أَصْحَابُ الْجَنَّةِ هُمْ فِيهَا خَالِدُونَ [32] މަނައީ: [އަދި إيمانވެ صالح عملތައް ކުޅަމީހުން، އެއީ ސުވަރުގޭގެ أهلވެރިންނެވެ. އެއުރެންނީ، އެތާނގައި ދެމިތިބޭނޭ މީހުންނެވެ.] ކަންމިހެން ހުރިކަމުގައިވިއަސް ކުފުރުގެ އަހުލުވެރިންނަށް އެބައިމީހުންގެ ނުބައި ނުލަފާކަމާއި ބޮޑާކަމުގެ ސަބަބުން ނަރަކަ އެއީ ޔަޤީނުންވެސް ވާ ތަނެއްކަމެއް ޤަބޫލެއް ނުކުރެވެ އެވެ. މާތް ﷲ ވަޙީކުރެއްވި އެވެ. وَيَوْمَ يُعْرَضُ الَّذِينَ كَفَرُوا عَلَى النَّارِ أَلَيْسَ هَذَا بِالْحَقِّ قَالُوا بَلَى وَرَبِّنَا قَالَ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْفُرُونَ [33] މާނައީ: [كافرވިމީހުން ނަރަކަޔަށް ހުށަހަޅުއްވާދުވަހު (އެއުރެންނަށް އަންގަވާނެތެވެ.) މިއީ حقތެދުކަމުގައި ނުވޭހެއްޔެވެ؟ އެއުރެން ބުނާނެތެވެ. އެހެންނަކުންނޫނެވެ! އަހަރެމެންގެ ވެރިރަސްކަލާނގެ ގަންދީބުނަމެވެ. (މިއީ حقތެދެވެ.) އެކަލާނގެ وحىކުރައްވާނެތެވެ. ފަހެ، ތިޔަބައިމީހުން كافرވެ އުޅުނުކަމަށްޓަކައި ވޭންދެނިވި عذابގެރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!]


މަލާއިކަތުން މުއުމިނު އަޅުތަކުންނަށް ފާފަ ފުއްސަވައިދެއްވުމަށާއި ރަޙުމަތްލެއްވުން އެދި ދުޢާކުރޭ
ޝައްކެއްވެސް ނެތް ގޮތުގައި މަލާއިކަތުންގެ ދުޢާ ﷲ ސުބުޙާނަހޫ ވަތަޢާލާ އިޖާބަކުރައްވަ އެވެ. މަލާއިކަތުންގެ ދުޢާގެ ސަބަބުން ﷲ އަށް އީމާންވި މުއުމިނުންނަށް ޢިއްޒަތްތެރިކަން ލިބިގެން ދެ އެވެ. މިއީ ހަމަ ޔަޤީނުންވެސް ﷲ އަށް އީމާންވެގެންތިބި މުއުމިނުންނަށް ލިބިގެންދާނެ ބޮޑެތި ފައިދާތަކުން ފައިދާއެއްކަން ކަށަވަރެވެ.[34] މުއުމިނުތަކުންގެ ފާފަ ފުއްސަވައިދެއްވުންއެދި މަލާއިކަތުން ދުޢާ ކުރައްވާކަން އަންގަވައި އެ އުފާވެރި ޚަބަރު އަންގަވަމުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެ އެވެ. "الَّذِينَ يَحْمِلُونَ الْعَرْشَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُونَ لِلَّذِينَ آمَنُوا ..."[35] މާނައަކީ: ޢަރްޝި އުފުއްލަވާ މަލާއިކަތުންނާއި އޭގެ ވަށައިގެންވާ މަލާއިކަތުން އެއުރެންގެ ވެރިރަސްކަލާނގެއަށް ޙަމްދާއިއެކު ތަޞްބީޙަ ދަންނަވަ އެވެ. އަދި އެކަލާނގެއަށް އީމާންވެތެވެ. އަދި އީމާންވި މީސްތަކުންނަށް ފާފަފުއްސެވުން އެދި ދުޢާކުރައްވަތެވެ."

ﷲގެ އެހީތެރިވެ ވޮޑިގަތުމާއި ވާގިވެރިވެވޮޑިގަތުން މުއުމިނުތަކުންގެ މައްޗަށްވޭ
އަހަރެމެން އިންސާނުންނަކީ އަބަދުވެސް އަނެކާގެ އެހީތެރިކަމާއި މަދަދަށް ނުހަނުބޭނުންތެރި ވެފައިވާ ބައެކެވެ. ތަފާތު އެކި ކަންތައްތަކުގަ އެވެ. އެއްވެސް އިންސާނަކީ ހުރިހައިކަމަކަށް ކުޅަދާނަކަމާއި ބާރުވެރިކަމާއި ހިތުހުރިހައިގޮތަކަށް އުޅުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެއްނޫނެވެ. ކަންއޮތީ އެހެންކަމުގައި ވިޔަސް ހަށިފާރަވެރިންނާއި ބޮޑީގާޑުން އަދިވެސް އެހެނިހެން ތަފާތު ވަޞީލަތްތަކުގެ ބޭނުންކޮށްގެންވެސް، މީހާއަށް ކުރިމަތިވެދާނެ ފަދަ އެންމެހައި ނުރައްކާތަކުން ދުރުހެލިވުމަށް މީސްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް ޙަޤީޤަތަކީ އެ އެންމެހައި ތަކެއްޗަކީވެސް ޙަޤީޤީ ބާރެއް ލިބިގެން ނުވާތަކެއްޗަށް ވުމުން ނުރައްކާތެރި ޙާދިސާތަކުގައި އެ ތަކެތިން ވާ އެއްވެސް ފައިދާއެއް ނެތި މީހާ ނުރައްކަލަށް ހުށަހޮޅިގެންދިއުމެވެ.

އެންމެހައި އާރަކާއި ބާރެއް އަދި ކުޅަދުންވަންތަކަން މިލްކުވެ ވޮޑިގެންވަނީ ޖައްބާރުވަންތަ ޤައްހާރުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. އެއީ ދުނިޔެއާއި ދުނިޔޭގައި ލެއްވިހައި ތަކެއްޗެއްގެ ވެރި އިލާހެވެ. ކަންތައްތައް ހިނގަމުންދަނީ އެކަލާނގެ ރާއްވަވައި ހިންގަވާ ގޮތަށެވެ. އެ އިލާހުގެ އެހީތެރިކަމާއި ވާގިވެރިވެ ވޮޑިގަތުން މީހެއްގެ މައްޗަށް އޮތުމަކީ ޝައްކެއްވެސް ނެތްގޮތުގައި އެމީހަކަށް އެންމެހައި ނުރައްކާތަކުންނާއި ޢާފާތްތަކުން މިންޖުވާނެކަމެއްކަން ޔަޤީނެވެ. އެ އުފާވެރި ޚަބަރު މީސްތަކުންނަށް އަންގަވައި ވަޙީކުރައްވަމުން ﷲ ވަޙީކުރައްވާފައި ވެއެވެ. "إِنَّ أَوْلَى النَّاسِ بِإِبْرَاهِيمَ لَلَّذِينَ اتَّبَعُوهُ وَهَـذَا النَّبِيُّ وَالَّذِينَ آمَنُواْ وَاللّهُ وَلِيُّ الْمُؤْمِنِينَ "[36] މާނައަކީ: ހަމަކަށަވަރުން މީސްތަކުންކުރެ އިބުރާހީމްގެފާނަށް (ނިސްބަތް ވުމުގައި) އެންމެ އައުލާކަންބޮޑީ އެކަލޭގެފާނަށް ތަބަޢަވީ މީހުންނާއި މި ނަބިއްޔާއާއި (އެބަހީ މުޙައްމަދު ގެފާނާއި) އީމާންވި މީހުންނެވެ. ﷲ އީ އީމާންވި މީހުންނަށް އެހީތެރިވެ ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ."


ނިއްމުން

ﷲ ގެ މިންވަރުފުޅާއި ވާގިފުޅާއެކު އަޅުގަނޑުގެ އެސައިންމަންޓު ލިޔަން ޤަޞްދުކުރި ހިސާބަށް ލިޔެނިމުނު ކަމަށްޓަކައި އެކަލާނގެއަށް ޙަމްދުކޮށް ޝުކުރު އަދާކުރަމެވެ. މި މަސައްކަތް ނިންމާލުމުގެ ގޮތުން އަދިވެސް އެއްފަހަރު އެސައިންމަންޓުގައި ހިމަނާލެވުނު މައިގަނޑު ނުކުތާތަކަށް އަލި އަޅުވައިލާނަމެވެ.
  • މާތްﷲ އަށް އީމާންވުމަކީ އެކަލާނގެ ރުބޫބިއްޔަތަށާއި، އުލޫހިއްޔަތަށާއި އަދި އެންމެހައި ޞީފަފުޅުތަކައް ޤަބޫލުކޮށް އީމާންވުމެވެ.
  • މާތް ﷲ އަށް އީމާންވުމަކީ ގިނަގުނަ ފައިދާތަކެއް އޭގައި އެކުލެވޭކަމެކެވެ.
  • ﷲ އަށް އީމާންވުމަކީ އެކަލާނގެއަށާއި، މަރާއި ކަށްވަޅުގެ ޢަޛާބަށާއި، ޤިޔާމަތުގެ އެންމެހައި ކަންތައްތަކަށް ބިރުވެތިވެ އެކަންކަމަށް ތައްޔާރުވެ ދިރިއުޅުން ބާއްޖަވެރި ކުރެވޭކަމެކެވެ.
  • އީމާނުގެ ސަބަބުން ޢަމަލުތައް ޤަބޫލުވެވިގެންދެއެވެ.
  • އީމާނުގެ ސަބަބުން މީހާގެ ޢިއްޒަތާއި އަބުރު ރައްކާތެރި ކޮށްދެއެވެ.
  • އީމާނުގެ އަހުލުވެރިންނަށް ﷲ އާއި މަލާއިކަތުންގެ މަދަދުވެރިކަން ލިބިގެން ދެއެވެ. އަދި މަލާއިކަތުން ހެޔޮ ރަޙުމަތްލެއްވުން އެދި ދުޢާ ކުރެއެވެ.
  • ﷲ އަށް އީމާންވުމުން އިންސާނާއަށް ހިތްހަމަޖެހުން ލިބިގެން ދެއެވެ.
  • އީމާނުގެ ސަބަބުން މީހާ ޠާހިރު މީހަކަށްވެ އަދި އެންމެހައި ބަލާއާއި މުޞީބާތްތަކަށް ކެތްތެރިވެވެއެވެ.
  • އީމާނުގެ ސަބަބުން ބިމުގައި އަމާންކަންލިބި ޙައްޤުތައް ފުރިހަމައަށް ލިބިގެން ދެއެވެ.
  • އީމާނުގެ އަހުލުވެރިން، ﷲ ބިމުގައި ތަމްކީނު ކުރައްވައި ބާރުގަދަ ކުރައްވައެވެ.
  • ސުވަރުގެޔާއި ނަރަކައަކީ ޙަޤީގަތެއް ކަން ކަށަވަރުކުރެވި ނަރަކައިން މިންޖުވެ ސުވަރުގެ ޙާޞިލްކުރުމަށް ގަދައަޅައި މަސައްކަތް ކުރެވެއެވެ.

ރިފަރެންސް ލިސްޓް
  1. القرآن الكريم
  2. القرآن الكريم ގެ ދިވެހި ތަރުޖަމާ 2008މ.
  3. الإمام البخاري، ޞަޙީޙުލް ބުޚާރީ
  4. الإمام مسلم، ޞަޙީޙު މުސްލިމް
  5. ޞާލިޙު ބިން އިބުރާހީމް އަލްބަލީހީ. (1988). عقيدة المسلمين و الرد على الملحدين المبتدعين. (ވޮލިއުމް 1). ތިންވަނަ ޗާޕް.
  6. އައްޝައިޚު މުޙައްމަދު އިބުރާހީމް. (2002). ކިތާބުއްތައުޙީދު. މާލެ: އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް.
  7. ޢަބުދުއްރަޙީމް ޢަބުދުލް މަޖީދު. (1999). އިސްލާމްދީނުގެ މައިގަނޑު ޢަޤީދާތަކާއި އުޞޫލުތައް. މާލެ: އަސްރަފީ ޕަބްލިކޭޝަން.
  8. އައްޝައިޚު ޢަލީނަޖީބު. (2012). ﷲ އަށް ބިރުވެތިވުން. މާލެ: ދަގަތަ ޕަބްލިޝާރސް.
  9. މުޙައްމަދު މުޖުތަބާ އާދަމް. (2012). ބޮޑެތި ފާފަތައް (ވޮލިއުމް 1). މާލެ: ދަގަތަ ޕަބްލިޝާރސް.
  10. އައްޝައިޚު ޢަލީ ނަޖީބު. (2012). ސުވަރުގެއަށް ދެވޭނެ މަގު. މާލެ: ދަގަތަ ޕަބްލިޝާރސް.
  11. އައްޝައިޚު މޫސާ އަންވަރު ޙަސަން. (2013). ފާފަ ފުއްސެވުމުގެ ސަބަބުތައް. މާލެ: ކޮރޯނާ ޕްރެސް.
  12. އައްޝައިޚު އަބޫ ބަކުރު އިބުރާހީމް. (2009). އަހަރެން ތައުބާވާނީ ކިހިނެއް؟. މާލެ: ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕވޓ (ލޓޑ).


[1] ޔޫނުސް ސޫރަތުގެ 3 ވަނަ އާޔަތް
[3] . މާތްﷲ އަށް ބިރުވެތިވުން، ޞ: 7
[4] . ބަޤަރާ ސޫރަތުގެ 197 ވަނަ އާޔަތް
[5] . ޒުމަރު ސޫރަތުގެ 16 ވަނަ އާޔަތް
[6] . ފާޠިރު ސޫރަތުގެ 28 ވަނަ އާޔަތް
[7] . ﷲ އަށް ބިރުވެތިވުން، ޞ: 34
[8] . އަލް އިންސާނު ސޫރަތުގެ 26 އަދި 27 ވަނަ އާޔަތް
[9] . އިބުރާހީމް ސޫރަތުގެ 48-50 ވަނަ އާޔަތައް
[10] . އާލް ޢިމްރާން ސޫރަތުގެ 185 ވަނަ އާޔަތް
[11] . ފަޖުރު ސޫރަތުގެ 27-30 ވަނަ އާޔަތުގެ ނިޔަލަށް
[12] . އަހަރެން ތައުބާ ވާނީ ކިހިނެތް ޞ: 17
[13] . އަލް ބުޚާރީ، ފީ ކިތާބުއް ތައުޙީދު (7705) އަދި މުސްލިމު، ފިއްތައުބާ (2758)
[14] . ފާފަފުއްސެވުމުގެ ސަބަބުތައް، ޞ: 27
[15]. އާލަޢިމްރާނުގެ 135 ވަނަ އާޔަތް
[16] . ނޫރު ސޫރަތުގެ 55 ވަނަ އާޔަތް
[17] . އަލް އަންޢާމް ސޫރަތުގެ 82 ވަނަ އާޔަތް
[18] . ޠާހާ ސޫރަތުގެ 112 ވަނަ އާޔަތް
[19] ކިތާބުއްތައުޙީދު
[20] . ނޫރު ސޫރަތުގެ 39 ވަނަ އާޔަތް
[21] . އިބުރާހީމް ސޫރަތުގެ 27 ވަނަ އާޔަތް
[22] . އަޙުޒާބު ސޫރަތުގެ 28 ވަނަ އާޔަތް
[23] . ތައުބާ ސޫރަތުގެ 28 ވަނަ އާޔަތް
[24] . ސުވަރުގެއަށް ދެވޭނެ މަގު، ޞ: 203
[25] . ބަޤަރާ ސޫރަތުގެ 257 ވަނަ އާޔަތް
[26] سنن الترمذي (كتاب الزهد عن رسول الله صلى الله عليه وسلم) باب ما جاء في الصبر على البلاء ޙަދީޘް ނަމްބަރު.2396
[27] رواه مسلم.
[28] . ބައްޔިނާ ސޫރަތުގެ 5 ވަނަ އާޔަތް
[29] . متفق عليه. ބުޚާރީ ޙަދީޘް ނަންބަރު 2615. މުސްލިމް ޙަދީޘް ނަންބަރު 145.
[30] . ބޮޑެތި ފާފަތައް 1 ވަނަބައި ޞ:9،10
[31] . ރައުދު ސޫރަތުގެ 28 ވަނަ އާޔަތް
[32] . ބަޤަރާ ސޫރަތުގެ 82 ވަނަ އާޔަތް
[33] . އަޙުޤާފު ސޫރަތުގެ 34 ވަނަ އާޔަތް
[34] عقيدة المسلمين و الرد على الملحدين المبتدعين. ޞ 67
[35] ސޫރަތު ޣާފިރުގެ 7 ވަނަ އާޔަތް
[36] ސޫރަތު އާލުޢިމްރާނުގެ 68 ވަނަ އާޔަތް

No comments:

Post a Comment