Saturday, May 25, 2019

#

ލޯބިވުމަކީ ތަބައީ ކަމެއް އަދި ސިއްރު ހިފެހެއްޓުމަކީ އަމާނާތެއް

ހުޅުދެލީ ޙަސީނާ މުޙައްމަދާއި ފުވައްމުލައް ޝަރީފާ އަޙުމަދާއި މިލަންދޫ މަރިޔަމް ނަޖީބާއަކީ 2009 ވަނަ އަހަރު ސިވިލް ސާރވިސް ކޮމިޝަންގައި މަސައްކަތްކުރި ވަރަށް ގާތް ރަހުމަތްތެރި ތިން މިތުރުންނެވެ. އެކުގައި އޮފީހުގެ ބަދިގޭގައި ހުންނަ ކިރު ދަޅުން ކިރު ނަގައިގެން ގެއަށްވެސް ގެންދެއެވެ. އެއީ ޢާންމުކަމެކެވެ. ދުވަސްތަށް މިގޮތުގައި ވޭތުވެގެން ދެއެވެ. އެއްދުވަހަކު މިތިންމީހުންގެ ތެރޭގައި މައްސަލަޖެހި ޙަސީނާ މުޙައްމަދު ބާކީވެއްޖެއެވެ. އަދި  ޙަސީނާ ކުޑަދަރިފުޅަށް ދިނުމަށްޓަކައި ދެސަމްސާ ކިރު އޮފީހުގެ ބަދިގޭގައި ހުރި ކިރުދަޅުން ގެންދިޔަ ވާހަކަ ބޮޑުކޮށްލައިގެން ވެރިންނާއި ހަމައަށް ގެންގޮސްފިއެވެ. ވަގުތުން މައްސަލަ ބެލުމަށް ތަޙްޤީޤީ އިދާރާތަކާއި ހަވާލުކޮށް، މައްސަލަ ތަޙްޤީޤްކޮށް އޭނާގެ މައްޗަށް ޙިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ޖިނާއީ ކޯޓްގައި އުފުލުނެވެ. މިމައްސަލައިގައި އޭނާއާއި ދެކޮޅަށް އޭނާގެ ދެއެކުވެރިން ކަމުގައިވާ ޝަރީފާ އާއި ނަޖީބާ ހެކިބަސްދިނުމުގެ ސަބަބުން އޭނާގެ މައްޗަށް ކުށް ސާބިތުވެ 06 މަސްދުވަހަށް އަރުވާލަން ހުކުމްކުރިއެވެ. މިއީ ދެއެކުވެރިއެއްގެ ފަރާތުން ޙަސީނާއަށް ލިބުނު އަނިޔާއެކެވެ.

ލޯތްބަކީ ފިޠްރީގޮތުން އިންސާނާގެ ކިބައިގައި ލައްވާފައިވާ ޣަރީޒާއެކެވެ. ލޯބީގެ ތަފާތު ދަރަޖަތަކެއްވެއެވެ. މިގޮތުން ބަލާއިރު ދެމަފިރިންގެ ދެމެދުގައިވާ ލޯތްބާއި، ދަރިންނާއި މައިންބަފައިންގެ ދެމެދުގައިވާ ލޯތްބާއި، މުސްލިމުން އެއްބަޔަކު އަނެއްބަޔަކު ދެކެވާ ލޯތްބާއި، ﷲ އާއި އެކަލާނގެ ރަސޫލާ ދެކެވާ ލޯބި ހިމެނެއެވެ. މީގެ ތެރެއިން އެންމެ މަތިވެރި ލޯތްބަކީ މުއުމިނުން އެބައިމީހުންގެ ޚާލިޤުވަންތަ އިލާހަށްވާ ލޯތްބެވެ. ދެން އެކަލާނގެ ރަސޫލާ ދެކެވާ ލޯތްބެވެ. 

އިސްލާމްދީން އުނގަންނައިދެނީ މުއުމިނުން އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވުމަށެވެ. ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ އަނެކާގެ މަޞްލަޙަތު ކުރިޔަށްނެރުމަށެވެ. ހެޔޮކަންތައްތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ވާގިވެރިވެ އުޅުމަށެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ وَاتَّقُوا اللَّـهَ لَعَلَّكُمْ تُرْحَمُونَ﴾ (سورة الحجرات١٠)  މާނައީ: "މުއުމިނުން ވާކަން ކަށަވަރީ، އަޚުންތަކެއް ކަމުގައެވެ. ފަހެ ތިޔަބައިމީހުން ތިޔަބައިމީހުންގެ ދެއަޚްންގެ ދެމެދު ޞުލްޙަ ކުރާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރި ވާށެވެ. އެއީ ތިޔަބައި މީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ."

މުސްލިމުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު އިތުރުކޮށް ގުޅުން ބަދަހިކުރުމަށް އިސްލާމްދީނުގައި އިރުޝާދު ދެއްވާފައިވެއެވެ. ތެދުވެރިކަމާއި ރަޙްމަތްތެރިކަމުގެ ގުޅުން އާލާކޮށް ދެމެހެއްޓޭނީ އެކަކު އަނެކަކަށް ކަމޭހިތައި ޢިޚްތިރާމްކޮށް ގެންނެވެ. އެކަކު އަނެކަކުގެ ސިއްރުތަކަށް ރައްކާތެރިވެގެންނެވެ. އެކަކު އަނެކަކަށް ޒިޔާރަތްކޮށް، ޙާލު އަޙްވާލުބަލައި، ހަދައިގެންނެވެ. ހަދިޔާ ބަދަލުކޮށް ހަދައިގެންނެވެ. މާތް ނަބިއްޔާ މުޙައްމަދު ހަދީޘް ކުރައްވާފައިވެއެވެ. "تهادوا تحابوا" މާނައީ: "ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ހަދިޔާދީ އުޅޭށެވެ! ފަހެ އެއީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ދެކެވާ ލޯބި އިތުރުވާނެކަމެކެވެ."

ދެމީހެއްގެ ދެމެދުގައި އޮންނަ އެކުވެރިކަމާއި ރަޚްމަތްތެރިކަން އާލާވުމުގެ އެންމެ މުހިންމު ބިންގަލަކީ ދެމީހުންގެ ދެމެދުގައިވާ އިތުބާރެވެ. އިތުބާރާއި ޔަޤީންކަން ދެމެހެއްޓޭނީ އެކަކު އަނެކެއްގެ ސިއްރުތައް ހިފަހައްޓައިގެންނެވެ. ސިއްރު ހިފެހެއްޓުމަކީވެސް އަމާނާތެކެވެ. އެކަކު އަނެކަކުގެ ސިއްރުތައް ފާޅުކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނެވެ. ރަޙްމަތްތެރިންނަކީ ލަފާދާރު ޞާލިޙް ބައެއްކަމުގައި ނުވާނަމަ، ތިމާގެ އުޅުމާއި ސުލޫކަށް އެމީހުންގެ ނުބައި އަޙްލާޤާއި އުޅުމުގެ އަސަރުކުރުމަކީ ދުރުކަމެއްނޫނެވެ. އެފަދަ ރަޙްމަތްތެރިންގެ ފަރާތުން ތިމާގެ ޢިއްޒަތާއި އަބުރުގެއްލި، ތިމާގެ އުޚުރަވީ ޙަޔާތްވެސް ބަރުބާދުވެގެން ހިގައިދާނެއެވެ. 

ހަސީނާއަށް ޖިނާއީ ކޯޓުން ކުރިހުކުމް އޭނާ ހައިކޯޓުގައި އިސްތިޢުނާފް ކުރުމުން ދަށުކޯޓުގެ ހުކުމް ހައިކޯޓުން ދަމަހައްޓާފައިވެއެވެ. މިހުކުމަކީ ވަރަށް ބޭއިންސާފުން ކުރި ހުކުމެއްކަމުގައި އަޅުގަނޑަށް ފެނެއެވެ. ސަބަބަކީ އޭނާ ދެސަމްސާ ކިރު ގެންދިޔަކީ ކުޑަ ދަރިފުޅަަށް ދިނުމަށް ކަމަށްވާތީ، އެއީ ޟަރޫރަތަކަށް އޭނާ ކުރި ކަމެއްކަމުގައި ބަލަން ޖެހޭނެތީއާއި އޭނާގެ ދެއެކުވެރިން އޭނާގެ ދުވަސް ދުއްވާލާނެކަމަށް ބުނެ އޭނާއަށް އިންޒާރު ދީފައިވާ ހާލަތުގައި އެދެމީހުންގެ ހެކިބަހަށް ބަލައިގެން މައްސަލަ ނިންމާފައިވާތީއެވެ. 

4 comments:

  1. ފަރީދާ ހަސަންMay 25, 2019 at 5:30 PM

    ހާދަ ހެއްވައޭ. ކީއްކުރަންތަ އޭނައަށް ލިބޭ މުސާރައިން ދަރިފުޅަށްދޭނެ ކިރުދަޅު ނުގަންނަނީ؟ ގަތީމަވީއެއްނުން

    ReplyDelete
  2. ލިބޭ މުސާރައިން ދެކޮޅު ނުޖެއްސެނީ ކަމަށްވުން އެކަށީގެންވޭ. ވައްކަން ކުރާނަމަ އެހާ ކުޑަ އެތިކޮޅެއް ނުގެންދާނެ

    ReplyDelete
  3. Sirru hifahahtanshey kiyaafa vahkan koh koh dho mithibeny. Ehbayaku anehbayakah faafakurumah eheevaan. Ehvaruge meehun. Boa halaaku

    ReplyDelete
  4. Rahumaiytheri vagun? Thi nuvaane hilaa rangalhu bayakah. Thikahala rahumaiytgerinnaa dhuruvey.

    ReplyDelete