Saturday, August 24, 2019

#

ޢުމަރުގެފާނުގެ ޤަޟާއީ ނިޒާމާބެހޭ އިޖުރާއީ އެންގެވުން

بسم الله الرحمن الرحيم، من عبد الله عمر أمير المؤمنين إلى عبد الله بن قيس. سلام عليك، أما بعد.  ފަހެ ހަމަކަށަވަރުން، ނިޔާކަޑައެޅުމަކީ، ފަރުޟުކުރައްވާފައިވާ މުޙުކަމުކަމެކެވެ. އަދި ތަބަޢުވާންޖެހޭ ސުންނަތެކެވެ. 
ތިބާއަށް ހުށަހެޅޭ މައްސަލައެއް ރަގަޅަށް ދެނެގަންނާށެވެ! ފަހެ ހަމަކަށަވަރުން، ތަންފީޛު ނުކުރެވޭނެ ޙައްޤަކާބެހޭގޮތުން ވާހަކައެއް ދެއްކުމަކުން ފައިދާއެއްނެތެވެ. ތިބާގެ ނިޔާކަޑައަޅާ މަޖިލިހުގައި، އަދި ތިބާގެލޮލުންބަލާގޮތުގައި، ނިޔާކަޑައެޅުމުގައި އެންމެންނާމެދު އެއްގޮތަކަށް ކަންކުރާށެވެ! ތިބާ އަނިޔާވެރިވުމަށް މާތް މީހަކު ދަހިވެތި ނުވެ، ތިބާގެ އިންސާފާމެދު ނިކަމެތި މީހަކު މާޔޫސް ނުވާނީ އޭރުންނެވެ. 

ހެކިދެއްކުން އޮތީ ދަޢުވާކުރާމީހާއަށެވެ. ހުވާއަރާނީ ދަޢުވާއަށް އިންކާރުކުރާ މީހާގެ މައްޗަށެވެ. މުސްލިމުންގެ މެދުގައި ޞުލްޙަކޮށްދިނުން ހުއްދައެވެ. ޙަރާމުކަމެއް ހަލާލުކުރުމަށާއި، ޙަރާމުކަމެއް ޙަލާލުކުރުމަށް މެނުވީއެވެ. ދުރުގައި އޮތް ޙައްޤަކާމެދު މީހަކު ދަޢުވާ އުފުލައިފިނަމަ، ނުވަތަ ދުރުގައި އޮތް ހެއްކެއް ހުށަހަޅާން އެދެފިނަމަ، އެކަމަކާހަމައަށް ދޭވެނެ މުއްދަތެއް ކަޑައަޅާންވާނެއެވެ. ފަހެ އޭނާ އެކަން ސާބިތުކޮށްދީފިނަމަ، އޭނާގެ ޙައްޤު އޭނާއަށް ދޭށެވެ. އެކަން ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާގެ ދަޢުވާ އެހިސާބުން ނިމުމަކަށް އައީއެވެ. ފަހެ ހަމަކަށަވަރުން އެގޮތް އަދުލުވެރިވުމުގައި ފުރިހަމަކަންބޮޑެވެ. އަދި ފޮރުވިފައިވާ ކަމެއް ފާޅުވުން ބޮޑެވެ. 

ޙައްޤުގޮތް ފަހުން އެގިގެން އެގޮތަށް ނިޔާ ކަޑައެޅުމަށްޓަކައި، މިއަދު ތިބާ ކުރި ޙުކުމަކަށް ބަދަލެއް ގެނައުމުގައި ފަސްޖެހޭވަރުގެ ހުރަހެއް މެދުވެރިވިއަ ނުދޭށެވެ! ފަހެ ޙައްޤަކީ އަބަދުވެސް ދާއިމީ އެއްޗެކެވެ. އެއަށް ބަދަލެއް ގެންނާނޭ އެއްވެސް އެއްޗެއްނުވެއެވެ. ބާޠިލުގޮތުގައި ދެމިހުރުމަށްވުރެ، ޙައްޤަށް ރުޖޫޢަވުމުގައި ހެޔޮކަންބޮޑެވެ. މުސްލިމުންނަކީ، އެއްބަޔަކު އަނެއްބަޔެއްގެ ހެކިބަސް ޤަބޫލުކުރުމުގައި ތެދުވެރީންކަމުގައި ބެލެވޭނެ ބަޔެކެވެ. އެމީހެއްގެ ފުށުން ދޮގުހެކި ދިންކަން ސާބިތުވެއްޖެ މީހަކު މެނުވީއެވެ. ނުވަތަ ދީނުގައި ޙައްދެއް ޤާއިމުކޮށްފައިވާ މީހަކުމެނުވީއެވެ. ނުވަތަ، ތިމާގެކަމުގެގޮތުން ރަޙުމަތްތެރިކަމުގެ ގޮތުން ހެކި ދިނުމުގައި ޝައްކުކުރެވިދާނެ މީހަކު މެނުވީއެވެ. ފަހެ، މާތްﷲ، އަޅުތަކުންގެ ސިއްރުތައް ބައްލަވާ ވޮޑިގެންވެއެވެ. ހެކިބަހާއި އިޢުތިރާފާއި ހުވަޔާއި ސާބިތު ދަލީލުތަކުގެ މައްޗަށް ބިނާކޮށްމެނުވީ ފާޅުވާ ޙައްދުތައްފިޔަވައި އެހެނިހެން ޙައްދުތައް މާތްﷲ ވަންހަނާކޮށްދެއްވަތެވެ. 

ދެން އެއަށްފަހު މުޅި މައްސަލަ ރަގަޅަށް ފަހުމުކުރާށެވެ. ޤުރުއާނުގައި ނުވާކަމެއް އަދި ސުންނަތުންވެސް ސާބިތުނުވާ ކަންކަމުގައި ގޮތެއް ނިންމުމުގައި ތިބާއަށް ހުށަހެޅޭ ދަލީލުތަކާއި، ފަހުން ހާމަވާ ކަންކަން ރަގަޅަށް ދެނެގަންނާށެވެ. މައްސަލަތަކުގައި ޤިޔާސްކުރުމަށް އޮންނަ މަގު އިޚުތިޔާރުކުރާށެވެ! އަދި ދިރިއުޅުމުގެ އާދަކާދަތަކާއި ޢަމަލީ މިސާލުތައް ދެނެގަންނާށެވެ! އެއަށްފަހު، މާތްﷲގެ ޙަޞްރަތުގައި އެންމެ ލޮބުވެތިވެގެންވާ ގޮތެއްގައި ހިފާށެވެ! އަދި ޙައްޤާ އެންމެ ވައްތަރު ގޮތުގެ މައްޗަށް ބުރަވާށެވެ! 

ތިބާ ރުޅި އިސްނުކުރާށެވެ! ހިތްނުތަނަވަސްކަމާއި އަވަސްއަރައިގަތުމާ ދުރުވާށެވެ! އަދި މީސްތަކުންނަށް އުދާގޫވާޛާތުގެކަމެއް ނުކުރާށެވެ! ދެ ޚަޞްމުންގެ ވާހަކައަށް ނަފުރަތުނުކުރާށެވެ! 

ފަހެ ނިޔާކަޑައެޅުމުގެ މަޤާމަކީ، އެކަމަށް ﷲ އަޖުރު ކަޑައަޅުއްވާފައިވާ، ޙައްޤުގެ ބަސް އިއްވަންޖެހޭ މަޤާމެކެވެ. އަދި އިންސާފުވެރިވުމުން ހެޔޮބަސްތައް ރައްދުވާނެ ކަމެކެވެ. ތިމާގެ އަމިއްލަ ނަފުސުގައިނެތްކަމެއް ބޭރުފުށުން ދައްކައިގެން އުޅުމަކީ މާތްﷲގެ ކޯފާއަށް ހުށަހެޅިގެން ހިގައިދާނެކަމެކެވެ. އިޚުލާޞްތެރިކަމެއް މެނުވީ ﷲ، އެއްވެސް އަޅެއްގެ ކިބައިން ޤަބޫލެއް ނުކުރައްވާނެތެވެ. ﷲގެ ތަނަވަސް ރިޒުޤާއި ރައްކާކުރައްވާފައިވާ އެކަލާނގެ ރަޙުމަތްފުޅާއެކު ﷲގެ ޙަޟްރަތުން ލިބެން އޮތް ޘަވާބަށް އުންމީދުކުރާށެވެ!

1 comment:

  1. Umar RA ge nasyhai adu ahaa nama sharuee nizaam ah meehun ithubaaru kuraane

    ReplyDelete