Saturday, May 18, 2019

#

ޙަޔާތުގެ ލައްޛަތު އަޅުކަމުންވެސް ހޯދޭނެ


އަޅުކަމޭ ބުނުމުން ބޮލަށް އަންނަނީ ޢުބޫދިއްޔަތަށް އިޢުތިރާފު ވުމާއި ނަމާދު ކުރުމާއި ޒަކާތް ދިނުމާއި ރަމަޟާންމަހު ރޯދަހިފުމާއި ކުޅަދާނަކަން ލިބިގެންވާ މީހާ ޙައްޖުވުމެވެ. ނޫނެކެވެ. ތިޔަހީވެފައި އޮތީ ނުބައިކޮށެވެ. އަޅުކަމުގެ ދާއިރާއަކީ، ވަރަށްތަނަވަސް ފުޅާ ދާއިރާއެކެވެ. ހިނިތުންވުމާއި ވަޒީފާ އަދާކުރުމާއި އަނބި ދަރިންނަށް ޚަރަދު ދިނުމާއި ދެމަފިރިން ޖިމާޢުވުމަކީވެސް އަޅުކަމުގެ ތެރޭގައި ހިމެނޭ ކަންތަށްތަކެވެ. އަދި ބިރަކާއި ނުލައި ޚުދޫދުގެ ތެރޭގައި މަޖާކުމާއި ދުޅަހެޔޮ ސިއްޙަކަށް އެދިގެން ދުވަން ދިއުމަކީވެސް އަޅުކަމެކެވެ.


އަރަބި ބަހުގައި "العبادات" (އަޅުކަން) މާނަކުރެވެނީ ކިޔަމަން ތެރިކަން އަދާކުރުމަށެވެ. އިސްލާމްދީނުގެ ތަޢުބީރުގައި އަޅުކަމަކީ، މާތްﷲ ވޮޑިގެންވާކަން ޤަބޫލުކޮށް އެކަލާނގެއީ އެންމެހާ ޢާލަމްތައް އުފެއްދެވި، އެތަކެތީގެ ވެރިފަރާތް ކަމަށާއި އެންމެހާ މަޙްލޫޤުންގެ އިލާހަކީ ﷲ ކަން އެއްވެސް ޝައްކަކާއިނުލައި ހިތުގެ އަޑިން ޤަބޫލުކޮށް އެކަލާނގެ ކުރެއްވި އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި ކަންތަކުން ދުރުހެލިވެ އެކަލާނގެ ދެއްވާ ދަރުމައާއި ޘަވާބަށް އެދިގެން، އެކަލާނގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ކީރިރަސޫލާ ދެއްކެވިމަގުން ދުނިޔޭގައި ދިރިއުޅުމެވެ.

މާތް ﷲ ކީރިތި ޤުރުއާންގައި ވަޙީކުރައްވާފައިވެއެވެ. ﴿ وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴾ (سورة الذاريات: 56) މާނައީ: "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ."

ރުހުނަސް ނުރުހުނަސް ދުނިޔޭގައިވާ ހުރިހާ އެއްޗަކީ ﷲ އަށް އަޅުކަންކުރަންޖެހޭ، އެކަލާނގެ އުފައްދަވާފައިވާ، އެކަލަނގެ މަޚުލޫޤުންނެވެ. ނަމަވެސް މިކަން ޤަބޫލުކުރާ ބަޔަކީ ހަމައެކަނި ބުއްދީގެ އަޙުލުވެރިންނެވެ. ނުވަތަ ﷲ އަށް އީމާންވާ މުސްލިމުންނެވެ. މާތްﷲ އަށް އީމާންނުވާ މީހުންނާއި ބެހޭގޮތުން އެކަލާނގެ ވަހީކުރައްވާފައިވެއެވެ. ﴿ وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ الْجِنِّ وَالْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ آذَانٌ لَّا يَسْمَعُونَ بِهَا ۚ أُولَـٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ ۚ أُولَـٰئِكَ هُمُ الْغَافِلُونَ ﴾ (سورة الأعراف: 179) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (حق ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (حق މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (حق އަޑު) ނާހާ ކަންފަތްތަކެއްވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރެދުންބޮޑެވެ. އެއުރެންނަކީ ހަމަ غافل ވެގެންވާ ބަޔެކެވެ."

މާތްﷲ އިންސާނުންނަށް ހިތާއި ސިކުޑި ދެއްވިއެވެ. އަދި ކަންފަތާއި ލޯވެސް ދެއްވިއެވެ. ނަމަވެސް އެތަކެތީގެ ބޭނުން ހެޔޮގިތުގައި ނުހިފައިފިނަމަ ވަލުޖަނަވާރު ތަކަށްވުރެ އަދި ނަޢުމްސޫފި ތަކަށްވުރެވެސް އެބައިމީހުންގެ މަގުފުރެއްދުން މާބޮޑުވާނެއެވެ. ސަބަބަކީ ގެރިބަކަރި ޖަމަލުފަދަ ނަޢުމްސޫފިވެސް އެސޮރުމެނަށް ފައިދާހުރި ތަކެއްޗާއި ގޮތްތަށް އަމިއްލައަށް ދެނެގަނެއެވެ. އަދި ގެއްލުހުރި ކަންތައްތަކުން އެއްކިބާވެގަނެއެވެ. ﷲ އަށް އަޅުކަންކުރާ މީހުން އަޅުކަންކުރަނީ އެބައިމީހުންގެ އަމިއްލަ ފައިދާއަކަށްޓަކައެވެ.

މާތްﷲ ވަނީ އެކަލާނގެ އަށް ޚާލިޞްކޮށް އަޅުކަންކުރާ މީހުންނަށް، އެކަމުގެ ހެޔޮދަރުމަ ދެއްވާނެކަން އަންގަވާފައެވެ. އޭގެ އެންމެ ފަހުގެ ނަތީޖާއަކީ، ދުނިޔެއާއި އާޙިރަތުގެ ބާއްޖަވެރިކަމެވެ. މަތިވެރި ދަރަޖަތަކާއިއެކު ދާއިމީ ދިރިއުޅުމަކަށް ވާޞިލުވުމެވެ. ސުވަރުގޭގެ މަތިވެރި ނިޢުމަތުގެ ޙައްޤުވެރިއަކަށް ވެގެންދިއުމެވެ.

ޢަޞްރު ނަމާދަށްފަހު މަންމަ ނުވަތަ އަނބިމީހާ އެކަނި ބަދިގެއަށް ދޫކޮށްނުލައި ބަދިގޭގެ ކަންކަމުގައި އެހީތެރިވެ އުޅުމަކީ އޭގެ ސަބަބުން ލޯތްބާއި އޯޤާތެރިކަން އިތުރުވެގެންދާނެ ކަމެކެވެ. އަންހެނުން ނަމާދުކުރުން މޮޅުއިތުރީ ގޭގައި އެކަހެރީންނެވެ. ނަމަވެސް އެބައިމީހުންނަށް ވެސް މިސްކިތުގައި ޤާއިމުކުރެވޭ ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވިދާނެއެވެ. އެހެންކަމުން ދެމަފިރީން އެކުގައި ތަރާވީޙް ނަމާދާއި ދަމުނަމާދަށް ދިއުމަކީވެސް ލޯބި އިތުރުވާނެކަމެކެވެ. ޙަޔާތުގެ ލައްޛަތު އަޅުކަމުން ހޯދުމަކީ މިއީއެވެ.

1 comment:

  1. އަދި ބައެއް ބައިތަށް އެޑްކުރަން ފެނޭ

    ReplyDelete