Wednesday, June 6, 2018

#

ކުނިއުކާލަދޭ ކުއްޖެއްގެ ހިތުގެ އާދޭސް - އެއްވަނަ ބައި

އަހަންނަކީ ގއ. ލާބަދޫ، ރަތްލުބޯމާގެ ފާތުމާ މަނިކެ އާއި އަލަމާގެ ރެކިހުތާއާއި ދެމީހުންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަހަރެންގެ އުމުރުން އެންމެ 07 މަހުގައި ބައްޕަ ނިޔާވެއްޖެއެވެ. މަންމަވެސް ނުވަދިހަދޭއްގެ ބޮޑުވިއްސާރައިގައި ލައްވައިލި ހުމެއްގެ ސަބަބުން އެނދުމަތިވެއްޖެއެވެ. ކޮންމެ މައަކާއި ބަފަޔަކުވެސް އެމީހުންގެ ދަރީނަށް ފަހިމުސްތަޤުބަލެއް ހޯދައި ދިނުމަށް މަސައްކަތް ކުރާނެއެވެ. އަހަރެންގެ ބައްޕަ މިދުނިއޭގައި ހުރިނަމަ އަހަރެން އަށް ކިޔަވައިދީ މޮޅުކުއްޖަކަށް ހަދައިދިނުމަށްޓަކައި ނުހަނު ބޮޑު ގުރުބާނީތަކެއްވާނެކަން ކަމާއިމެދު ޝައްކެއްނުކުރަމެވެ. ހަމައެހެންމެ މަންމަވެސް ގަދަވެއުޅެވޭ ވަރުގެ ހާލެއްގައި ލެއްވިނަމަ އަހަރެންނަށް މޮޅުގޮތްތަށް ހޯދައިދިނުމަށް ޤުރުބާންތަކެއްވީހެވެ.

އަހަރެމެންގެ ގޯތިތެރޭގައި ބައްޕަ އިންދައި ފޯކޮށްފައިވާ ވިއްސަކަ ރުށްހުއްޓެވެ. އާއެކެވެ. ކުޑަވަރެއްގެ ރުއްގަނޑެކޭވެސް ވެދާނެއެވެ. އަހަރެންގެ ބައްޕަ އަހަރެން ކުޑަކުޑައިރު ނިޔާވުމާއި އަހަރެންގެ އުމުރުން އެގާރަ އަހަރުގައި މަންމަ އެނދުމަތިވުމުން މަންމަ ބެލުމުގެ ޒިންމާ އަހަރެންގެ ބޮލުގައި އެޅިއްޖެއެވެ. އިސްކޫލަށް ދިއުންވެސް ހުއްޓާލައިފައި އެންމެ ފުރަތަމަ އަހަރެން ދަސްކުރީ ޅާނބުލައިގެން ރުކަށް އެރުމަށެވެ. މިހާރު ފަރިތަވެގެންގޮސް ޅާނބުނުލައިވެސް ރުކަށް އެރުމަކީ އަހަރެންނަށް އެހައި އުދަނގޫ ކަމެއްނޫނެވެ. ދެންދަސްކުރީ ފަރުމަތިން ކުދިމަސް ބާނާށެވެ. އެއީ ސަލާން ނުޖަހައި މަންމައާއި އަހަރެންގެ ކެއުމުގެ ކަންތަށް ހަމަޖެއްސުމަށެވެ. ދުވާލަކު ކުޑަވަރެއްގެ ފާނައެއް ބޭނުނަސް އަހަރެމެން ދެމައިންނަށް އޭތިން ފުދެއެވެ. އަހަރެމެން ދެމައިންގެ އާންމު ކެއުމަކީ ފަރުމަހާއި ކާއްޓެވެ. ބަތާއި ރޮއްޓަކީ އަހަރެންމެނަށް އެހާ އާންމު އެއްޗެއްނޫނެވެ.

ދުވަސްތަށް މާޒިވެގޮސް އަހަރެން ކަނޑުމަހަށްދާވަރު ވުމުން ކަތީބު އަނީސް ނިމޯރީ ދޯނިން މަހަށް ދާންފަށައިފީމެވެ. މިޒަމާނުގައި ޒުވާނުން މަހަށް ދިޔަކަމުގައިވިޔަސް އޭރު އެޒަމާނުގައި މަހައްދިއުމަކީ ހަމައެކަނި ބައްޕައިންގެ ކަމެކެވެ. އަހަރެންގެ ހަޔާތުގައި އަހަރެން ޒުވާން އުމުރު ތަޖުރިބާ ނުކުރަމެވެ. މަޖާކުރުމާއި ލަވަކިއުމާއި މީހުންގެ ގޭގޭގެ ފައުރު ފައުރު މަތިން އަރައިގެން ދުވުންވެސް އަހަރެން ތަޖުރިބާއެއް ނުކުރަމެވެ. މަލާމާތް ކުރުމާއި ފުރައްސާރަކުރުމާއި ހަނގާކުރުމަކީ އަހަރެން ކޮންމެ ދުވަހަކުވެސް ކުރާ ތަޖުރިބާއެކެވެ. ކީއްވެގެން ކަމެއްނޭގެއެވެ. އެގޭހާވެސް އެއްޗަކީ އަހަރެން ވައްކަން ނުކުރާކަމާއި މީހުންގެ ހައްޤުaތަކަށް އަރައި ނުގަންނަކަމާއި އަހަރެންނާއި އަހަރެންގެ މަންމަކައި އުޅެނީ އަހަރެންގެ ހަލާލު މަސައްކަތުން ހޯދާ އެއްޗެހިކަމެވެ. 

އަހަރެންގެ އުމުރުން 22 އަހަރުގައި މަންމަ ނިޔައުވެއްޖެއެވެ. މަންމަނިޔާވުމާއި އެކު އަހަރެން ގަސްތުކުރީ ރިސޯޓަކުން ވަޒީފާއެއް ހޯދައިގެންގޮސް މުޅިދިރިއުޅުން ރިސޯޓަކަށް ބަދަލު ކޮއްލާށެވެ. ރަށުމީހުންގެ ފުރައްސާރައާއި މަލާމާތާއި ހަނގާކުރުމުން ސަލާމަތް ވުމަށެވެ. އެގޮތުން އަހަރެން މަހައްގޮސްގެން ހޯދާފައިހުރި ފައިސާއިން ޓިކެޓް ގަނެގެން ކޫއްޑޫމަގުން އަހަރެންއައީ މާލެއަށެވެ. އަހަރެންގެ އަތުގައި އޮތީ އޮނަވިހި ސަތޭކަ ހަތާވީސް ރުފިޔާއެވެ. ރިސޯޓަކުން ވަޒީފާއެއް ލިބެންދެން މާފަރު ގެސްޓް ހައުސްއިން އެއް ދުވަހު ކުއްޔަށް ކޮޓަރިއެއް ނަގައިގެން ދިރިއުޅެނީ އެތާގައެވެ. ދުވަސްތަށް ހަފްތާއަށް ހަފްތާތަށް މަހަކާއި އަރާ ހަމަކުރަނީއެވެ. އަތުގައި ހުރި ފައިސާގެ ތެރެއިން ދެބައިކުޅައެއްބައި ކެއުމަށާއި ކޮޓަރިކުއްޔަށް ގޮސްފިއެވެ. މިހެން އުޅެނިކޮށް ކޮންމެ ދުވަހަކު ވަޅުފެހި ކުލައިގެ ޔުނީފޯމް ލައިގެން ތިބޭބަޔަކު ގެސްހައުސްގެ ކުނިނަގާން އަންނާތީ، އެމީހުންނާއި ކުޑަކޮށް ކަތާކޮށް ހެދީމާ އެގުނީ އެއީ ދިވެހިސަރުކާރުގެ ކުނި މެނޭޖުކުރާ ކުންފުނި "ވެމްކޯ"ގެ މީހުންކަމެވެ. ގެތަކުން ކުނިނަގާ ކޮންމެ ކުއްޖަކަށް މަހަކު 12 ވަރަކަށް ހާސް ރުފިޔާ ލިބޭކަން އެކުދީންގެ ވާހަކަ ތަކުން އެގުނެވެ. އެހެން ކަމުން އެތަނުން ވަޒީފާއެއް ހޯދުމުގެ އެދުންވެރިކަން އަހަރެންގެ މެދުހައްޓާއި ހަމައިން ކޮށްފިއެވެ. 

(ނުނިމޭ) - އަނެއްބައި އަންނަ ހަފްތާގައި

No comments:

Post a Comment