Tuesday, June 5, 2018

#

ނ. މަނަދޫއިން ދުށްމަންޒަރުތަކާއި އިވުނު އަޑުތަށް


1999 ވަނަ އަހަރު ނ. އަތޮޅު ވެރިކަންކުރާ ރަށް މަނަދޫގައި ބޭއްވުނު ކެޔޮޅު އަބުދު ސަމަދު އަލީގެ ހަނދާނީ ފުރަތަމަ ފުޓުބޯޅަ މުބާރާތުގެ ރެފްރީކަން ކުރުމުގެ ފުރުސަތު އެފްއޭއެމް އިން އަހުރެން އަށް ދިނުމުން އެމްޓީސީސީގެ "ކޭލާ" ލޯންޗުގައި ހަގަޑި އިރުގެ ދަތުރަކަށްފަހު މަނަދޫއަށް ފޭބީމެވެ. އަހުރެން މަނަދޫއަށް ފޭބި އިރު މަނަދޫ އެކުވެރީންގެ ގުޅުމުގެ ފަރާތުންނާއި ރަށުގެ ވެރީންގެ ފަރާތުން އަހުރެމެން އަށް ވަރަށް ފުރިހަމަ އިސްތިގުބާލެއްކުޅައެވެ. ނިދުމާއި ގިފިލި ކުރުން ހަމަޖެހިފައިހުރީ މަނަދޫ ސިއްޙީ މަރުކަޒުގެ ޑޮކްޓަރުންގެ އެކޮމަޑޭޝަން ބޮލްކްގައެވެ. ކެއުމުގެ ކަންތަކާއި ޓީވީ ބެލުމުގެ ކަންތަށް ހަމަޖެފައި ހުރީ އަތޮޅުގޭ ގައެވެ. އޭރު އެޒަމާނަކީ މޯބައިލް ފޯނު ގެންގުޅު ޒަމާނެއްނޫން ކަމުން އެކަނިވެރިކަން ފިލުވާލާ ހަދަންޖެހެނީ މުޅީންވެސް މެނުއަލްކޮށެވެ. މުނިފޫހިފިލުވާލާ މަޖާކޮއްލާ ހަދާލުމުގެ ހުރިހާ ކަމެއް އޭރު އެޒަމާނުގައި އަތޮޅުގެ ތަކުގައި ހުންނަނީ ވަރަށްވެސް ފުރިހަމަކޮށެވެ. ނަމަވެސް އޭރު އަހުރެންއަކީ ސްކޫލް ކުއްޖަކަށް ވެފައި ވެރީންނާއި އެކު ސަމާސާކޮށް ހީހެދުމަކީ އަހުރެންއަށް ވަރަށް ދަތި އުދަގޫ ކަމެއް ކަމުން އަހުރެން ދަނީ އަތިރި މަތީގައި ހުންނަ ޖޯލިފައްޗަކަށެވެ. އޭރު މަނަދޫ ބޮޑު މަގުގައި ވަރަށް ހިތްގައިމު "ޖުމުޙޫރީ ތިރީސް" ޖަހާފައި އިންނަ ގިޑިގެއް ހުރެއެވެ. މިގިޑިގެ ކައިރީގައި ބައެއް ރޭރޭ ބޮޑު ބެރު އޮވެއެވެ. އަހުރެންވެސް ބައެއް ރޭރޭ އެރަށު މުސްކުޅީންނާއިއެކު ބޮޑު ބެރަށް ނަށައި އަޑުދަށުން ލަވަ ކިޔައި އުޅުނީމެވެ. 

އަހުރެން ހީކުޅައީ މަނަދޫއަކީ އަތޮޅުގެ ވެރިކަން ކުރާރަށް ކަމުން އެރަށު މީހުން ބީރައްޓެހިންނަށް ވަރަށް އިހާނެތި ގޮތް ހަދާނެކަމަށެވެ. މިކަހަލަ ހީޔެއް އަހުރެންއަށް ކުރެވުނީ އަހުރެން މީގެކުރީން ދެކިފައިވާ އަތުޅު ވެރިކަން ކުރާ ރަށްތަކުން އަހުރެން އަށް ދިމާވެފައިހުރި ދެރަވަރު ކަންތައްތައް ހިތަށް އަރާފައެވެ. ނ. މަނަދޫ އާއި ހުވަދު އަތޮޅު އުތުރުބުރީ ވެރިކަންކުރާ ގއ. ވިލިނގިޔާއި އަޅާ ބަލާއިރު ހުވަފެނަކާއި ހަޤީޤަތަކާއި ހުންނަ ވަރުގެ ތަފާތު ނ. މަނަދޫ އިން ފެނުނެވެ. އަހުރެން ޖޯލިފައްޗަށް ދިއުމުން އެތަނުން އެންމެ މޮޅު، އެންމެ ރަގަޅަށް ހުންނަ ޖޯލި އިށީންނާން ދައްކައެވެ. ކުރުބާ ގެނެސް ދެއެވެ. އިބުރަތްތެރި ވާހަކަތަށް ކިޔާދެއެވެ. އެހެންކަމުން މަނަދޫއިން ފެނުނީ މެހެމާންދާރީ އަދާކުރުމުގެ އިންތިހާއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އަހުރެމެން އުޅެމުން ދިޔަ ތަނުގައި ދުވަހަކުވެސް ތަޅުނުލަމެވެ. ދުވަހަކުވެސް ސިއްރުން މީހަކު ނުވަދެއެވެ. ވައްކަމެއް ނުކުރެއެވެ. އަހުރެންގެ ހަޔާތުގައި އެކުވެރި ކަމާއިއެކު ރެފްރީގެ ނިންމުން ތަކަށް ފުރިހަމައަށް ތަބާވެގެން މުބާރާތެއް ނިންމާލެވުނީ މަނަދޫގައެވެ. އަހުރެންގެ އަމިއްލަ ރަށުގައި އަހުރެން ރެފްކަން ކުރާ ކޮންމެ މެޗެއްގައި މައްސަލަޖެހެއެވެ. މިމައްސަލަތަށް ބޮޑުވެގެން ބައެއް ފަހަރު އަހުރެން ކަޓެމަންތެން (ސަހަރާތެރެއިން) ދުވާންޖެހިފައިވެސް އެބަހުއްޓެވެ. 

ޖުމްލަ ގޮތެއްގައި އޭރުގެ ނަމަދޫ މީހުންނަކީ ނަމޫނާ ލާމަސީލު މެހެމާންދާރީ އަދާކުރާ ބައެކެވެ. ނަމަވެސް މިކަލަކަށް އައިސް ކުރީގެ ހިތް ގާމުކަމެއް މަނަދޫއިން ނުފެނެއެވެ. ސިޔާސީ ވީވީނުންގޮސް ވަރަށް ސިޔާސައެވެ. ކޮންމެ އަކަސް އަހުރެން އެދެނީ އަބަދުވެސް މަނަދޫއަކީ ނަމޫނާ ރަށަކަށް ވުމެވެ.


No comments:

Post a Comment