Friday, December 14, 2018

#

ކުޑަކުދިންނަށް ޖިންސީގޯނާކުރުން މުސީބާތަކަށް ވެއްޖެ

އިތުބާރު ހިފޭ މަޤާމު ތަކުގައި ތިބޭ ފަރާތްތަކުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަށް ވަރަށް ބޮޑުތަނުން އަދު ިމިވަނީ ގިނަވެފައެވެ. މީގެ ތެރޭގައި އުފަން ބައްޕަ ނުވަތަ މަންމަވެސް ހިމެނޭކަމީ ނުހަނު ހިތާމަ ކުރަންޖެހޭ ކަމެކެވެ. އިންސާނުން ޙައިވާނުންނާއި އަދި އެހެނިހެން މަޚްލޫޤުންނާދެމެދު ތަފާތުތަކެއް ލައްވާފައިވެއެވެ. އެއީ އިންސާނުންނަށް ދެއްވާފއިވާ ބުއްދީގެ ސަބަބުންނެވެ. ބުއްދިއަކީ އިންސާނާ ހަމައިގާ ހިފަހައްޓައިދޭ ބާރެވެ. މިބާރު އިންސާނުންގެ ކިބައިގައި ނުވާނަމަ އިންސާނުންނާއި، ޙައިވާނުން ވަކިތަފާތެއް ނުވާނެއެވެ. ކަންމިހެން އޮތްކަމުގައި ވީނަމަވެސް އިންސާނާގެ ނަފްސުގައި ހެވާއި ނުބައި ލެއްވިގެންވާކަން، ހަނދާންކޮށްލަންޖެހެއެވެ. ކީރިތި ﷲ ވަޙީކުރައްވައެވެ. فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا ﴿سورة الشمس 8﴾ މާނައީ: "ފަހެ އެކަނލާނގެ އިންސާނާއަށް ގެއްލުންހުރި ނުބައިގޮތާއި، ފައިދާހުރި ހެޔޮގޮތް، އެނގުމުގެ ވިސްނުން ދެއްވިއެވެ." އިންސާނާގެ ޠަބީޢަތުގައި ލައްވާފައިމިވާ ދެބާރު ހަމަހަމަކޮށްދޭ އެއްޗަކީ ދީނެވެ. އެހެންކަމުން މާތްﷲ ވަހީކުރައްވަނީ قَدْ أَفْلَحَ مَن زَكَّاهَا ﴿*﴾ وَقَدْ خَابَ مَن دَسَّاهَا ﴿سورة الشمس 9 -10﴾ މާނައީ "ތިމާގެ ނަފްސު ޠާހިރުކޮށްފިމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އަދި އެނަފްސު ފާސިދުކޮށްފިމީހާ ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ." ދީނަކީ އިންސާނާ ހަމައިގައި ހިފަހައްޓައިދޭ އެއްޗަކަށް ވީހިނދު ދީނުގެ ޙުކުމްތަކަށް ބޯނުލަނބާމީހުން، ދީނުގެ ޙުކުމްތަކަށް ކިޔަމަންކުރެވޭނޭ  އިންތިޒާމެއްވެސް ހަމަޖައްސަން ޖެހެއެވެ. ޤާނޫނުތަކާއި ޤަވާއިދުތައް ހެދެނީ މިކަމަށްޓަކައެވެ. 

އިސްލާމްދީނުގައި މައިންބަފައިންނަށް ކަމޭހިތުމަށް ދަރިންނަށް ވަޞިއްޔަތް ކުރައްވާފައިވެއެވެ. ނަމަވެސް ދަރިންނަށް އޯގާތެރިވުމަކަށް މައިންބަފައިންނަށް އަންގަވާފައެއް ނުވެއެވެ. މިކަމުގެ ޙިކުމަތަކީ ދަރިންނާމެދު އޯގާތެރިވުމަކީ، ކޮންމެ މައަކާއި ބަފައެއްގެ ހިތުގައި ފިޠުރީގޮތުން ލައްވާފައިވާ ކަމަކަށްވުމެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، މައިން ދަރިން މެރުން މިއީ އިންސާނީ ފިޠުރަތާވެސް ޚިލާފުކަމެކެވެ. އެހެނަސް މިފަދަ ޢަމަލުތަށް މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުންވެސް މިދަނީ ފެންނަމުންނެވެ. އެހެންކަމުން މިފަދަ ޢަމަލުތަށް ހިންގާ މީހުންނާއި އަދި މިފަދަ އަމަލުތަށް ހިންގާކަން އެގިހުރެ އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއްނުކޮށް، ކަމާއިބެހޭ ދައުލަތުގެ އިދާރަށް ރިޕޯޓްނުކުރާ މީހުންނާއި މެދު ހަރުދަނާ ފިޔަވަޅުތަކެއް އެޅޭނޭ ޤާނޫނުތަކެއް މިއަދު ހަދަން އެބަޖެހެއެވެ. މި ވިޔާނުދާ ހައިވާނީ ދަރަޖައިގެ އަމަލުތަށް އާއިލާގެ އަގު ހިފެހެއްޓުމުގެ ނަމުގައި ގޭތެރެއިން ސިއްރު ކުރަމުންދާއިރު މަދުރަސާގެ އަގު ހިފެހެއްޓުމުގެ ނަމުގައި މަދުރަސާތަކުންވެސް ދަނީ މިފަދަ އަމަލުތަށް ސިއްރުކުރަމުންނެވެ.

އެއްވެސް ޙާލެއްގައި މިފަދަ މީހުން މުޖްތަމައަށް ދޫކޮށްލެވިފައި ތިބެވިގެން ނުވާނެއެވެ. ބިންމަތީގައި ފަސާދަކުރާމީހުންނާމެދު ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّـهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَن يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَافٍ أَوْ يُنفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ ﴿سورة المائدة 33﴾ މާނައީ: "اللَّه އާއި، އެކަލާނގެ رسول އާއި ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި فساد ކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ صليب އަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި آخرة ގައި، އެއުރެންނަށް ބޮޑުވެގެންވާ عذاب ހުއްޓެވެ." 

އެހެންކަމުން ކުޑަކުދިންނަށް ޖިންސީގޯނާކުރާމީހުން، ހޯދާބަލައި، އެބައިމީހުންނަށް ދެވެންއޮތް އެންމެ ހަރުކަށި އަދަބެއް ދިނުމީ މިފަދަ ކަންތައްތައް ހުއްޓުވުމަށް އެޅޭ ވަރަށްވެސް ބޮޑު ބާރެކެވެ. މިފަދަ އަދަބު ދޭންޖެހޭނީ، އިންސާނުންގެ ކިބައިގައި ލައްވާފައިވާ މިފިޠުރަޠު ނެތިގެންގޮސް، ޙައިވާނުންގެ ދަރަޖައަށް ވެއްޓެމުންދާތަން މިހާރަކަށްއައިސް އަޅުގަނޑުމެންނަށް ފެންނަމުން ދާތީއެވެ. ތިމާގެ ބަނޑުއަޅައި ވިހޭ ދަރި ތިމާގެއަމިއްލަ އަތުން މަރާލުމަކީ އެއްވެސް ކަމަކަށްނުވާ ހިސާބަށް މިއަދު މިވަނީ ގޮސްފައެވެ. މަންމަގެ ކުރިމަތީގައި ބައްޕަ ދަރީންނަށް ޖިންސީ ގޯނާ ކުރަމުންދާއިރު، ކުއްޖާގެ މަންމަ އެކަން ސިއްރު މިވަނީ އިންތިހާއަށް ގިނަވެފައެވެ. އެފަދަ މައިންގެ ނަޒަރުގައި އެއީ އާއިލީ ޤަދަރު ރައްކާތެރި ކުރުމެވެ.

ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނާއި ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. މިއަމާނާތަށް ރައްކާތެރިވުމަކީ ވާޖިބެކެވެ. މިވާޖިބު އަދާކުރުމަށްޓަކައި ވަރަށް ބުރަ މަސްއޫލިއްޔަތު އުފުލަންޖެހެއެވެ. މައިން ބަފައިންގެ އިތުރަށް މަދުރަސާ އަކީވެސް އެކުދީންގެ ދެވަނަ ގެއެވެ. މުދައްރިސުންނާއި ދަރިވަރުންގެ ހަޤީޤީ ގުޅުމަކީ މައިން ބަފައިންނާއި އޮންނަގުޅުމެވެ. މިގޮތުގައި މަސައްކަތް ކޮށްފިނަމަ، މިވަބާއިން ސަލާމަތް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. 

ލިޔުމަށްޓަކައި ބެލި:

  • ޟަޙީހު މުސްލިމް 
  • އިސްލާމް ޓްޑޭ
  •  ޑރ. އަބްދުލްމަޖީދު ޢަބްދުލްބާރީ (ރޭޑިއޯ ތަޤުރީރު)

1 comment: