Saturday, April 15, 2017

#

އަނބިންގެ ފަރާތުން ފިރިންނަށް ލިބޭ އަނިޔާތައް ހުއްޓުވަން ވެއްޖެ

އިންސާނުންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު ބައެކެވެ. އަޅުގަނޑު މިހެން މިދެންނެވީ ހަމަ ޤަސްތުގައެވެ. އެހެނީ ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުންދަނީ އޭނާގެ މުދާވެރިކަން އިތުރުކޮށް މަޝްހޫރުކަން އިތުކޮށް އަރާމުގައި ދިރިއުޅުމަށެވެ. މިއިންކަމަކަށް ހުރަސްއެޅި އުނިކަން ލިބޭނަމަ އެއީ ގެއްލިގެންދާ ޙައްޤެއްކަމުގައި ނުވަތަ އެއީ އޭނާއަށް ލިބޭ އަނިޔާއެއްކަން އިންސާނާ ދެކެއެވެ. އަދި އެ ޙައްޤު ހޯދުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅައި ދަޢުވާ ކުރެވެން އޮތް ހުރިހާ ތަނަކު އެކަމުގެ ދަޢުވާކޮށް އެކަމާ ދެކޮޅަށް އަޑުއުފުލައި ހަދައެވެ. މިކަމުގައި އަނެކާއާމެދު ކުޑަވެސް ޚިޔާލެއް ފިކުރެއް އެދަނޑިވަޅުގައި އޭނާ ނުކުރެއެވެ.

ދާދިފަހުންވެސް އިވިގެންދިޔަ އަޑަކީ އަންހެނުންގެ ޙައްޤުތައް ހޯދައި އެކަނބަލުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅި ވާހަކައެވެ. މިއީދެން ކިހާ ހެއްވާ ކަމެއް ހެއްޔެވެ. ހަމަޔަޤީނުންވެސް އެއްކަނޑިއަކަށް ދެއުރައަކު ނޯވެވޭނެއެވެ. އަންހެނުންގެ ޙައްޤުތައް ނިގުޅައިގަންނަން ފާޅުގައި މަސައްކަތްކުރަމުން އެބައިމީހުންނަށް ޙައްޤުހޯދައިދޭނީ ކިހިނަކުންތޯއެވެ؟

އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވަނީ ވަރަށް މަތިވެރި ޤަދަރަކާއި ޢިއްޒަތެކެވެ. އެކަނބަލުންނަށް އޮތީ އިސްލާމީ ޖިލްބާބުން ނިވާވެ ތިބުމެވެ. އަދި އެކަނބަލުންގެ ގެތަކުގައި ޤަރާރުވެ ތިބުމަށެވެ. މިއީ އިސްލާމްދީނުގައި އެކަނބަލުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ދީފައިވާ ޙައްޤެކެވެ. އަދި އެކަނބަލުންގެ މަސްއޫލިއްޔަތެކެވެ. މިއާ ޚިލާފަށް އަންހެނުންތައް ނިވާކަންކުޑަ ފޭރާމުގައި ބަރަހަނާ ޙާލަތުގައި މަގުމައްޗަށްނެރެ ފިރިހެނުންނާއި މަސްހުނި ކުރުމަށްފަހު ދެން ލިބޭގެއްލުމުގެ ބަދަލުގައި ޙައްޤު ހޯދާނީ ކިހިނަކުން ހެއްޔެވެ. މިކަހަލަ ތަނެއްދޮރެއް ނުދަންނަ ޖާހިލުން މަޖިލީހުގެ ތަޅުންމަތީގައާއި އެހެނިހެން ބައެއްއިސްމަޤާމުތަކުގައި ބޭތިއްބުމުގެ ކުރިން ފުރަތަމަވީ ދީނުގެ ޢިލްމާއި ދުނިޔަވީ ޢިލްމުވެސް އުނގަންނައިދޭށެވެ. އެހެނީ ދީނީގޮތުން ކީއްކުރަންތޯއެވެ؟ ދުނިޔަވީގޮތުންވެސް ޖާހިލުކަން އަށަގެންފައިވާތީއެވެ. އެހެނީ މިފަދައިން އެންމެ ބާރަށް ހަޅޭއްލަވާއުޅެނީވެސް އެންމެކުޑަމިނުން އަންހެނާގެ އައުރައަކީވެސް ކޮންއެއްޗެއްކަން ނޭނގޭވަރުގެ "ބތ" އިންނެވެ. މިމީހުންގެ ބޭނުމަކީ އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމެއްނޫނެވެ. ހަމަސީދާ ފިރިހެނުންނަށް ތުއިދެއްކުމެވެ. އޮރިޔާމުންހުރެ ޓީވީތަކަށްއަރައިގެން ތިމާމެންވަރުގެ ތަހުޒީބުބައެއްނެތްކަމަށް ހެދިގެންއުޅޭއިރު ތިމާމެން ހެއްދެވި ފަރާތަކީ ކޮބާކަމެއްވެސް ނުދަނެއެވެ. ތިމާމެން ޢާއްމުންގެ ތެރޭގައި އޮރިޔާން ނިވާނުކޮށް ތިޔައުޅެނީ ތިމާމެންގެ ހަށިގަނޑުގައި އެހެން އަންހެނުންގެ ގައިގަނެތް އިތުރު އެއްޗެހިތަކެއް ހުންނަނީ ހެއްޔެވެ. އެެހެންވެއްޖެކަމަށްވަންޏާ އަދި މާ އައިބުވާނެއެވެ.


 
ކޮންމެއަކަސް އަންހެނުންނަށް ކުރާއަނިޔާ ހުއްޓުވަން އަންހެނުން ނުކުންނަނަމަ ފިރިހެނުންވެސް ފިރިހެނުންނަށް އަންހެނުން ކުރާ އަނިޔާ ހުއްޓުވަން މަޖިލީހަށް ބިލެއް ހުށަހަޅަންޖެހެއެވެ. އަނބިންގެ ފަރާތުން ފިރިންނަށްލިބޭ އަނިޔާއަކީ މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގައި ވަރަށް ޢާއްމު ކަމެކެވެ. ތަންކޮޅެއް ލާރިލިބޭ އަންބެއްނަމަ ފިރިމީހާޖެހޭނީ އަނބިމީހާއަށް ޣުލާމުކުރާށެވެ. މިކަން އާއްމުގޮތެއްގައި އޮންނަނީ ދެމަފިރިންގެ ތެރޭގައި އުޅޭ މާލޭއަންހެނުންނާއި ރާއްޖެތެރޭ ފިރިހެނުންގެ ތެރޭގައެވެ. މިފަދަބައެއްއަނބިން އެހެން ފިރިހެނުންނާއެކު އެކިގޮތްގޮތަށްއުޅެނީ ފިރިމީހާގެ ކުރިމަތީގައެވެ. ނުވަތަ ފިރިމީހާއަށް އެނގޭ ޙާލުގައެވެ. މިއީ ފިރިއަކަށް ލިބޭ ކިހާބޮޑު އަނިޔާހެއްހެއްޔެވެ. އަނިޔާކިޔަނީ ހަމައެކަނި ގާތްގަ ތެޅުމަށްހެއްޔެވެ. ތިހެންވެއްޖެކަމަށްވަންޏާ ތިކަން ތިޔަމާނަ ކުރަނީ ވަރަށް ނާތަހުޒީބުކޮށެވެ. މިއީ އަންހެނުން ފިރިހެނުންނަށް ކުރާ އަނިޔާއަކަށް ނުވާންވީ ކިހިނަކުން ހެއްޔެވެ؟ އެހެންކަމުން ފިރިހެނުންނަށް ކުރާ އަނިޔާ ހުއްޓުވަން ވެސް މަޖިލީހަށް ބިލެއްލުމަށް އަޅުގަނޑު ގޮވާލަމެވެ!

ކޮންމެއަކަސް މިފަދަކަންކަމުން އެނގެނީ މުސްލިމުންގެ ނަމުގައި އަޅުގަނޑުމެންގެ ތެރޭގައި ދިރިއުޅޭ މީސްތަކުން ދީނާއި ދުރުވެފައިވާ މިންވަރެވެ. އެހެނީ މިބައިމީހުން ޙައްޤުތަކޭ ކިޔައި އަނގަފުޅާކުރާއިރު މިބައިމީހުންގެ މަސްއޫލިއްޔަތަކީ ކޮބައިކަމެއް ހަނދާނެއްނެތެވެ. މަސްއޫލިއްޔަތާއި ޙައްޤާއި މިދެކަމަކީ ދުވަހަކުވެސް ވަކިނުވާނެ ދެއެއްޗެކެވެ. މިކަން އަޅުގަނޑުމެންނަށް ހަމަރަނގަޅަށް އެނގެއެވެ. ދޭތެރެއަކުން ޙައްޤުތައް ހޯދަން ކަމަށްބުނެ އޮފީސްތަކުގެ މުވައްޒަފުން މަސައްކަތް ހުއްޓާލައިފާނެއެވެ. އެކަމުގެ ސަބަބުން ނިކަމެތި ދިވެހި ރައްޔިތުންނަށް ލިބެންވާ ޚިދުމަތް ނުލިބި، އެންމެމީހެއްގެ ސަބަބުން އެތައް ސަތޭކަ ބައެއްގެ ޙައްޤު ގެއްލި ދެއެވެ. މަސްއޫލިއްޔަތު ނުއުފުލުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އަދި އެއްވާހަކަ ދަންނަވާލާނަމެވެ. ޙައްޤުތައްހޯދުމަށް ނުކުމެ އުޅޭ ގިނައަންހެނުންކުރެ ނިކަން އަހާލަބަލާށެވެ. ތިމާމެންގެ ފިރިންނާއި ދަރިންނާއެކު ދުވާލަކު ހޭދަކުރަނީ ކިތައް މިނިޓްތޯއެވެ. އެމީހުންގެ ޙައްޤުތައް ނިގުޅައިގަނެ ދެންހޯދަން ތިޔައުޅޭނީ ކޮން ޙައްޤެއްތޯއެވެ. އޭ މޮޔަޔާއެވެ! ނިކަން ލޯގަނޑެއްގެ ކުރިމައްޗަށް ހުއްޓިހުރެ އަމިއްލަ ނަފްސާ ސުވާލު ކޮށްލަބަލާށެވެ.

ޙައްޤުތައް ހޯދާން ނުކުމެ ތަންމިނަށް އަނގަފުޅާކޮށް ހަޅޭލަވާ މީހުން ދަންނާށެވެ! ތިޔަބައިމީހުން ތިޔަތިބީ ހުޅަނގުގެ ޖާހިލުކަމުން މަގުފުރެދިފައެވެ! ފުރަތަމަ ތިމާމެންގެ މަސްއޫލިއްޔަތު އަދާކުރާާށެވެ! ދެން ޙައްޤު ނުލިބި ހުރޭތޯ ބަލާށެވެ! ފުރަތަމަ ﷲ އަށް އަދާކުރަންޖެހޭ ޙައްޤު އަދާ ކުރާާށެވެ! އެކަލާނގެ އެންގެވި އެންމެހާ ކަންކަމަށް ބޯލަނބައި ކިޔަމަންގަންނާށެވެ! އޭރުން ދުނިޔޭގައި ރިވެތިވެގެންވާ ލުއިފަސޭހަ ދިރިއުޅުމެއް ލިބޭ ހުއްޓެވެ! ﷲ ގެ ޤާނޫނުގައި އެވަނީ މީސްތަކުންގެ އެންމެހައި ޙައްޤުތައް ލިބިދީފައެވެ. މިޙައްޤުތައް ލިބިގަންނަން ބޭނުންވާ މީހާ އެންމެފުރަތަމަ އޭގައިވާ ގޮތަށް ޢަމަލު ކުރުމުގެ މަސްއޫލިއްޔަތު އުފުލާށެވެ! އޭރުން ދުނިޔެއާއި އާޚިރަތުގައި ޙައްޤުގެ މައްޗަށް ޙައްޤު ލިބޭނެކަން ކަށަވަރެވެ!

1 comment:

  1. anhenun ge haqqu ge vaahaka noon vaahaka eh dhakkaakah neyge

    ReplyDelete