
މިހޯދުންތަކުގެނަތީޖާ ޢާއްމުވެގެން މިދިޔައީ ރަޝިޔާގެ ރަސްމީ ރޭޑިއޭޝަން ވޮޗްޑޯގް “ ރަޝިޔަން ނޭޝަނަލް ކޮމިޓީ ނޮން އައޮނައިޒިން ރޭޑިއޭޝަން ޕްރޮޓެކްޝަން” ގެ ފަރާތުން މިކަމާއިބެހޭގޮތުން ވަރަށްވަރުގަދަ އިންޒާރުތަކެއް ނެރެފައިވާ ދަނޑިވަޅެއްގައިކަން މިފުރުޞަތުގައިފާހަނގަ ކޮށްލަމެވެ. ރަޝިޔާގެ ރޭޑިއޭޝަން ވޮޗްޑޯގުން ނެރެފައިވާ އިންޒާރެއްގައިވާގޮތުން، މާބަނޑުމީހުން މޮބައިލްފޯނު ބޭނުންކުރުމުގެ ސަބަބުން އެބައިމީހުންނަށް ލިބޭ ކުދިންނަށްވާ ގެއްލުން، އެކުދިންގެ ޞިއްޙަތަށް ދުންފަތާއި ބަނގުރަލުންވާ ގެއްލުމަށްވުރެ ކުޑަނޫންކަމަށެވެ. މިއީ އަޅުގަނޑުމެން ވިސްނާލަން ޖެހޭކަމެއްކަން ޔަޤީނެވެ. އެއްވެސް މަޔަކު ނުވަތަ ބަފަޔަކު، އެމީހުންނަށް ލިބޭ ކުޑަދަރިފުޅަކީ އެއްވެސް އުނިކަމެއް ހުންނަ ކުއްޖަކަށްވާކަށް ނޭދޭނެކަމީ ދެމީހަކު ދެބަސްވާނެ ކަމެއްނޫނެވެ. ނަމަވެސް ސުވާލަކީ ކީއްވެތޯ އަޅުގަނޑުމެންގެ ތެރޭގައި މިފަދަގެއްލުންކުރުވަނިވި ކަންތައްތައް އިތުރުވެފައިވަނީ؟ ޖަވާބަކީ ލިބެންޖެހޭވަރަށް މަޢުލޫމާތު ލިބިފައިނުވުންކަން ޔަޤީނެވެ.
އެޕިޑެމިއޮލޮޖީ ޖާރނަލްގެ މިއަހަރުގެ ޖުލައި ޢަދަދުގައި ޝާއިޢު ކުރުމަށްނިންމާފައިވާ މިރިސާރޗުގައި، ޑެންމާކުގެ 13159 މައިންވަނީ ތަޙްލީލުކުރެވިފައެވެ. މިއީ 1990 ގެ ފަހުކޮޅު އުފަންވެފައިވާ ކުދިންގެ މައިންނެވެ. އަދި ކުދިންގެ ޢުމުރުން ހަތްއަހަރުވަންދެން މިކުދިންނާއި މިކުދިންގެ މައިން މާބަނޑު ދުވަސްވަރު މޮބައިލް ފޯނުބޭނުންކޮށް ފައިވާމިންވަރު މިރިސާރޗުގައި ވަނީދިރާސާކޮށްފައެވެ.
ދިރާސާގެ ނަތީޖާތައްދައްކާގޮތުން މޮބައިލްފޯނުބޭނުންކުރި މާބަނޑުމީހުންނަށްލިބުނު ކުދިންނަށް ކުރިންބުނެވުނުފަދަ މައްސަލަތައް ދިމާވުމުގެ ފުރުޞަތު 54 ޕާރސެންޓް އިތުރެވެ. މިސްޓަޑީގެ ނަތީޖާ އިނގިރޭސިވިލާތުގެ ދުވަހުނޫހެއްކަމަށްވާ “އިންޑިޕެންޑެންޓް ޑެއިލީ” ގައިވެސް ވަނީ ޝާއިޢު ކޮށްފައެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ޕްރައިމަރީ ސްކޫލްތަކަށް ދާ ގިނަ ކުދިންގެ އަޚްލާޤީ ފެންވަރާއިބެހޭ ގޮތުން ގިނަގުނަ ވާހަކަތަކެއް ދެކެވެމުންދާ ދުވަސްވަރެއްގައި މިއީ ވިސްނާލުން އެންމެ ރަނގަޅު ނުކުތާއެއްކަމަށް ދެކެމެވެ. ރާއްޖޭގައި މޮބައިލްފޯނު ބޭނުން ކުރެވޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަމީ ދެމީހަކު ދެބަސްވާނެ ކަމެއްނޫނެވެ. ޚާއްޞަކޮށް ޢާއިލާއާއި ވަކިން ދުރުރަށްރަށުގައި ވަޒީފާ އަދާކުރާ ފިރިހެނުންގެ އަނބިންނަށް މޮބައިލްފޯނު ގިނަފަހަރު ވެފައި އޮންނަނީ އެއާއި ނުލާ ދިރި ނުހުރެވޭނެފަދަ އެއްޗަކަށްވެފައެވެ. މިފަދަ ޙާލަތްތަކުގައި މާބަނޑުއަންހެނުން މޮބައިލްފޯނު ބޭނުންކުރުން އޮންނަނީ ވަރަށް ޢާއްމު އަދި ދުރުވެގަންނަން އުނދަގޫކަމަކަށް ވެފައެވެ. ނަމަވެސްމިކަމުން މުސްތަޤުބަލުގައި ލިބިދާނެ ގެއްލުންތައް ޢާއްމުންނަށް ހާމަކޮށްދެވިއްޖެނަމަ އޭގެ ސަބަބުން ކުރިއަށް އޮތްޖީލަށް ލިބޭ ޙައްލުކުރަން އުނދަގޫ މައްސަލަތަކުން ސަލާމަތްވެވިދާނެއެވެ.
ކުރިންވެސް ބަޔާންކުރެވުނު ފަދައިން މާބަނޑު މީހުން މޮބައިލްފޯނު ބޭނުން ކުރުމުން ލިބިގެންދާ ގެއްލުންތަކަކީ ވަގުތުން ވަގުތަށް ފެންނަ އެއްޗަކަށް ނުވުމުގެ ސަބަބުން މިކަމުގެ ހުރި ނުރައްކާތެރިކަން ޢާއްމުންނަށް ހާމަކޮށްދިނުމުގައި ނުހަނު ގިނގުނަ ދަތިތަކާ ކުރިމަތިލާން ޖެހޭކަން ފާހަނގަކޮށްލަމެވެ. ނަމަވެސް އަޅުގަނޑުމެން ވިސްނަންވީ ގެއްލުމެއްލިބިދާނެކަމެއްކަމަށް ތަޖުރިބާކާރުންބުނާ މިފަދަ ކަންކަމުން ދުރުހެލިވެ ތިބުން އެއީ އެންމެމޮޅު ގޮތްކަމަށެވެ.
No comments:
Post a Comment