Friday, June 16, 2017

#

ހަތާވީސް ވިލޭރޭ އެކަނި އަޅުކަން ކުރީމަ، ޗީޓްކުރިކަމަށް ވެދާނެ


ތިރީސް ދުވަހުން މަސައްކަތް ނިންމާގޮތަށް ފަނަރަ މީހުންވެގެން ރަތަފަންދޫ އިސްކޫލު ރާނާ ސިމެންތި ޖަހަން ފަށައިފިއެވެ. ފުރަތަމަ ދުވަހު މަސައްކަތަށް ނުކުމެފައި އޭގެފަހުން އަހަންމާކަލޯދިޔައީ ދޮޅިންކަމުންނެވެ. އާއެކެވެ. މަސައްކަތަށް ފުރަތަމަ ދުވަހު އައިސްފައި ދެން ދައްކާލީ ހަތާވީސްވަނައަށްވީ ދުވަހެވެ. މަސައްކަތް ނިންމާލުމަށް ބާކީ އޮތީ އެންމެ ތިން ދުވަސްކަމުން މިއަދު އިރުއޮސޭއިރަށް މަސައްކަތްހަވާލުކުރި ފަރާތް ރަތަފަންދޫ ފާލަމަށް ފާބާނެކަން އަހަންމާކަލޯ ދަނެތެވެ. އެހެންކަމުން މުޅި އޮޑީގައި ހަސަނުގެ ދެފައިއޭ ބުނާ ބީދައިން މިއަދު މީހަކު މޮހޮރެއްޖިޔަސް، ފާރެއްގައި ކުލަކޮޅެއް ހާކާލިޔަސް އަހަންމާކަލޯ ބައިވެރިވެއެވެ. ބޭނުމަކީ އަހަންމާކަލޯ ކުރާމަސައްކަތް ބޮޑުމީހާއަށް ދެއްކުމެވެ. ކޮންމެއަކަށް އަހަންމާކަލޯގެ މަސައްކަތް އަހަންމާކަލޯ ބޭނުންވިގޮތަށް ބޮޑުމީހާއަށް ފެނުނެވެ. މަސައްކަތް ނިމިއްޖެއެވެ. މަސައްކަތު މީހުންނަށް ބަޔާނާ ބަހައިވެސް ނިމިއްޖެއެވެ. އަހަންމާކަލޯއަށް ލިބުނީ އެހެންމީހުންނާއި އަޅާބަލާއިރު ވަރަށް ކުޑަ ފައިސާކޮޅެކެވެ. މިކަމާއި ހިތްހަމަނުޖެހި އަހަންމާކަލޯ ޝަކުވާކުރުމުން ބޮޑުމީހާ ބުނީ "އަހަރެން އަންނަދުވަހު އަހަރެއްނަށް ދައްކަން އެކަނި މަސައްކަތް ކޮށްގެން ފައިދާއެއްނުލިބޭނެއެވެ. ފައިދާ ލިބޭނީ މަސައްކަތުގެ ފުރަތަމަ ދުވަހުން ފެށިގެން ފައިދާއަށް އެދިގެން އިހްލާސްތެރި ކަމާއިއެކު މަސައްކަތް ކުރުމުން" އެވެ.

މާފުކުރައްވާށެވެ. މަޢުޞޫއަށް ވަނުމަށްޓަކައި މާދިގުކޮށް ސެހެރީދެމެވުނީތާއެވެ. އަސްލުމަޢުޞޫއަށް ވަންނަމާތޯއެވެ. އުބާދަތު ބިން ޘާމިތު (ރ.އ) ގެ އަރިހުން ވާރުތަވެގެންވާ ހަދީޘްއެއްގައިވެއެވެ. ކައުއިތުރު ރަސޫލާ ހަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެ ފާނަށް ލައިލަތުލް ޤަދުރި ވިލޭރޭ އެނގިވަޑައިގަންނަވައިގެން އެރޭގެ ވާހަކަ އެއީ މިވެނިރެއެއްކަން ތިޔަބައިމީހުން ގާތުގައި ވިދާޅުވާން ނުކުމެ ވަޑައިގެންނެވީމޭ، އެހެން ނަމަވެސް ވީގޮތަކީ ނިކުންނެވިތަނާ އެވެނިމީހާއާއި މިވެނި މީހާއާއި ދެމީހުން ކުރި ޒުވާބެއްގެ ސަބަބުން (ޒުވާބުކޮށް ދެކޮޅުވެރިވެހެދުމުގެ ސަބަބުން) އެކަން އުފުއްލެވިއްޖެއޭ އަދި ތިމަންކަލޭގެފާނަށް އެކަން ހަނދުމަފުޅު ނެތިއްޖެއެވެ. ތިމަންކަލޭގެ ފާނަށް އެންގެވި އެންގެވުމުގެ މަތިން ހަނދުމަފުޅު ނެތިއްޖެއެވެ. އަދި އެހެން އެކަންވީ ތިޔަބައި މީހުންނަށް، އެބަހީ އިސްލާމީ އުންމަތަށް ހެވެއްގެ ގޮތުގައި ކަމަށްވުން އެކަށީގެންވެއެވެ".

27 ވިލޭރެއަކީ ލައިލަތުލް ޤަދުރި ވިލޭރެއޭ ބުނެވެނީކީއްވެ؟
އަސްލުގައިވެސް އެރެޔަކީ ކޮންރެޔެއްކަން އެގޭނަމަ އަހަރެމެންގެ ކަންތަށް ހުންނަގޮތުން އަހަރެމެން ހަދާނެގޮތަކީ އެރޭ އެކަނި މިސްކިތަށް އަރާލާފައި ތަރާވީސްނަމާދުކޮށް ދަމުނަމާދުކޮށް ޤުރުއާން ކިޔަވައި ހަދާފައި އެހެންރޭރޭ ދެވޭނީ އެހެން ދިމަދިމާއަށެވެ. ކޮންމެއަކަސް އެރޭ ލިބިގަތުމަށްޓަކައި ރަމަޞާންމަހުގެ ހުރިހައި ރެއެއްގައިވެސް މަސައްކަތް ކުރުމަކީ އެންމެ ރަގަޅުގޮތެވެ. ޙާއްސަކޮށް ރަމަޞާންމަހުގެ 21 ، 23 ، 25، 27 އަދި 29 މަސައްކަތް ކުރަންވާނެއެވެ. މީގެ ތެރެއިން 27 ވިލޭރޭ ބައެއް އިލްމުވެރިން އިސްކުރެއެވެ. 27 ވިލޭރޭ އިސްކުރައްވާ އިލްމުވެރިންގެ ދަލީލަކީ.. "لَيْلَةِ الْقَدْرِ" މިބަސްފުޅު ކީރިތި ޤުރުއާނުގައި 03 ފަހަރު ތަކުރާރު ވެފައި އަދި މިބަސްފުޅު ގައި އެކުލެވިގެންވަނީ 09 އަކުރުކަމުން (3x9=27) ނުވައަކާއި ތިނެއް ގުނަކުރުމުން 27 އަންނާތީ، ޤުރުއާނުގައިވާ ކޮންމެ ކަމަކީވެސް ޙިކުމަތެއްކަމަށް ބަލަންޖެހޭތީ، 27 ވިލޭރެއަކީ ލައިލަތުލް ޤަދުރު ވިލޭރޭ ކަމަށް އެއިލްމުވެރިން ބުރަވެއެވެ.

ބައެއްމީހުން ލައިލަތުލް ޤަދުރި ވިލޭރޭގެ އަޅުކަމުގެ ޘަވާބު ހޯދުމުގެ ގޮތުން ހަމައެކަނި ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ، ރޭއަޅުކަން ކުރާތަންފެނެއެވެ. މިއީ ވަރަށްވެސް ވިޔާނުދާ ކަމެއްކަމުގައި ފެނެއެވެ. އެހެނީ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅެއްގައިވަނީ: "ލައިލަތުލް ޤަދުރި ވިލޭރޭވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުން ރެއެއްގައެވެ. އެރޭގެ ޘަވާބު ހޯދުމަށް މަސައްކަތްކުރާށެވެ."

ހައިޞުވެރީންނަށް ލައިލަތުލްޤަދުރިވިލޭރޭގެ ފައިދާލިބޭނެތަ؟
ރަމަޞާންމަހުގެ ފަހު 10 ގައި މައްސަރުކަންތަށް ދިމާވާ އަންހެންވެރީން އެމީހުންނަށް ލައިލަތުލްޤަދުރުވިލޭރޭގެ މާތްކަން ނުލިބިދާނެތީ އެކަމާއި ހިތާމަ ކުރެއެވެ. އެއީ ޒަމާނުންސުރެފެށިގެން އަޅުކަމަކީ ނަމާދުކުރުމާއި ރޯދަހިފުމާއި ޒަކާތްދިނުން އަދި ހައްޖުވުން ކަމަށް ހީވެފައި އޮންނާތީއެވެ. އަޅުކަމަކީ ﷲ ކުރުމަށް އެންގެވި ކަންތަށް ކޮށްފައި ނުކުރުމަށް އެންގެވި ކަންތަކުން ދުރުހެލިވުމެވެ. އެހެންކަމުން ޙައިޞުވެރީންނަށް ﷲ އެންގެވީ ނަމާދު ކުރުމާއި ރޯދަހިފުމުން ތިޔަބައި މީހުން ޙައިޞުގެ ދުވަސްވަރު ދުރުހެލިވާށެވެ. ﷲ ގެ މިއެންގެވި އެންގެވުމާއި އެއްގޮތަށް ނަމާދު ކުރުމާއި ރޯދަހިފުމުން ދުރުހެލިވެ ހުރުމަކީ އެމީހުން ކުރާ އަޅުކަމެކެވެ. ކީރިތި ރަސޫލާގެ އަނބިކަބަލުން އާއިޝާ (ރ.އ) ލައިލަތުލް ޤަދުރު ވިލޭރޭ ކިޔާނެ ދުޢާއެއް ދަސްކޮށްދެއްވުމަށް ރަސޫލާގެ އަރިހުގައި އެދުނުހިނދު، "اَللَّهُمَّ إِنَّكَ عَفُوُّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ". މާނައީ "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ހަމަކަށަވަރުން އިބައިލާހީ ޢަފޫކުރެއްވުމަށް ލޯބިކުރައްވާ ޢަފޫވަންތަ އިލާހެވެ. މިއަޅާގެ ކުށްފާފަތައް މާފްކޮށްދެއްވާފާންދޭވެ". މިދުޢާ އެރޭކިޔުމަށް އެންގެވިއެވެ. 

އެހެންކަމުން މިދުޢާ ހަޢިޞުވެރީންކުރުމުން، ލައިލަތުލް ޤަދުރު ވިލޭރޭގެ ބަރަކާތާއި ޘަވާބާއި ދަރުމަ އެކަބަލުންނަށް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ފަޤީރުންނާއި މިސްކީނުންނަށް އެހީވުމާއި މައިން ބަފައިންނަށް ހެޔޮކޮށް ހިތުމާއި، ހިނުތުންވުމަކީވެސް އަޅުކަމެވެ. އެރޭގެ ޘަވާބާއި ދަރުމައަށް އެދިގެން ކުރާ ކޮންމެ ހެޔޮކަމަކަށްވެސް ދަރުމައާއި ޘަވާބުދެއްވާނެއެވެ.

މާތްﷲ ކީރިތިޤުރުއާނުގައި ވަޙީކުރައްވާފައިވަނީ
إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّـهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّـهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴿سورة الأحزاب ٣٥﴾ މާނައީ:  ހަމަކަށަވަރުން، مسلم ފިރިހެނުންނާއި، مسلم އަންހެނުންނާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، صدقات ދޭ ފިރިހެނުންނާއި، صدقات ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ فرج ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ. (އަހުޞާބު 35)

ލައިލަތުލް ޤަދުރިވިލޭރޭގެ މާތްކަން ބަޔާންކުރައްވައި ޤުރުޢާނުގައި ޙާއްސަ ސޫރަތެއް ބާވާއިލައްވާފައިވެއެވެ. އެސޫރަތަކީ

إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ﴿١﴾ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ﴿٢﴾ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ﴿٣﴾ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ﴿٤﴾ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ﴿٥﴾
މާނައީ: ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ ޤުރުއާން ބާވައިލެއްވީ ލައިލަތުލް ޤަދުރި ވިލޭރޭގައެވެ. އަދި ލައިލަތުލް ޤަދުރި ވިލޭރެއަކީ، ކޮން ރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ ލައިލަތުލް ޤަދުރިވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. މަލާއިކަތުންނާއި، ޖިބުރީލުގެފާނު އެބޭކަލުންގެ ވެރި ރަސްކަލާނގެ އިޒުނަފުޅާއެކު، ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބައި ވަޑައިގަންނަވާނެތެވެ. އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.

ލައިލަތުލް ޤަދުރި ވިލޭރެއަކީ ކޮންރެއެއްކަން އެނގޭ އިންސިޔަކުވެސް އަދި ޖިންނިއަކުވެސް ނުވެއެވެ. އެހެންކަމުން ރަމަޟާންމަހުގެ ކޮންމެރެއެއްގައިވެސް ވަކިން ޚާއްސަކޮށް ފަހުދިހައިގެ އޮނަހިރި ރޭތަކުގައި އަޅުކަންކޮށް ދުޢާ ކޮށްގެން މެނުއީ އެރޭގެ މާތްކަން ލިބެނެ ފަދައެއްނެތެވެ. އެހެންކަމުން އެގޮތުގެ މަތީން އަޅުކުމުގައި ދެމިތިބުމާ.

1 comment: