Thursday, April 23, 2015

#

މިކެލެރޯ ފަޅޮވާސް ޖިހެންނު ބޭރުން އެތެރެކެރެންނެ

ހުޅުމާލޭގެ ހިތްގައިމު މާހައުލުގައި ދުއްވާލުމަށްފަހު މާލެ ދާން ފެރީ އަށް އެރީމެވެ.މީހުންތަކުގެ ތެރެއިންލާފާ ގޮސް އިށީންދެވުނީ ފެރީގެ މެދެއްހާ ހިސާބުގައެވެ.މެންދުރުގެ މި ހޫނުގަދަ ވަގުތުގައި އިރުގެ ދޯދި ތައް ކަނޑަށް އެޅިފައި ހުންނައިރު އަޑި ނޭނގޭ ފުން ކަނޑަށް ދިރުމެއް ގެނެސްދެނީ މަތީގައި އުދުހެމުންދާ ވިލާތަކާއި ވައިރޯޅިތަކުގެ އިޝާރާތައް ނަށަމުންދާ ރާޅުތަކެވެ.ކޮންފަދަ ހިތްގައިމު ކަމެއްހެއްޔެވެ؟ ހޭވެރިކަންވީ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. އިންބޮކްސްގައިވާ މެސެޖް ކިޔާ ނިންމާލާފައި ކައިރީގައި އިން މީހާ އަށް ލުއި ހިނިތުންވުމަކާއި އެކީ ނަޒަރު ހިންގާލީމެވެ.އަތްތިލަ އަށް ވުރެ ބޮޑު ފޯނަށް ގެއްލިފައި އެމީހާ އިނެވެ.އެޔާ އެކު ފެރީ އަށް ވެސް ނަޒަރު ހިންގާ ލެވުނެވެ. ސިއްސައިގެން ދިޔައީ އެއްމެންވެސް ސައިޒުން ބޮޑެތި ފޯނު ތަކެއް އަތަށް ލައިގެން ފޯނަށް ގެއްލި ހުސްވެފައި ތިބީމައެވެ. ހީވަނީ މިއީ ފެރީގައި ހެދިފައިވާ ގަވައިދެއް ހެންނެވެ.ކުޑަކުދިން ފިޔަވާ ހުރިހާ އުމުރު ފުރާ އެއްގެ މީހުންވެސް ތިބީ ހަމަ އެއްގޮތަކަށެވެ.އަޅުގަނޑުގެ ކުރިމަތިން ފެންނަން ހުރި ލިޔުން ކޮޅުގައިވާ ގަވާއިދުތައް ކިޔާލިއިރު އޭގައިވެސް އެކަހަލަ ނުކުތާ އެއް ފާހަގަ ކޮއްފަ އެއްނެތެވެ.ކައިރީގައި އިން މީހާ ކުރެން ކަމެއް ގޯސް ވީތޯ ، ސޯސަލް މީޑިއާގައި ހޫނު ހަބަރެއް ފެތުރެނީތޯ އަހާލީމެވެ.އެހެން ނަމަވެސް އެމީހާ އިނީ އެއަށް ވުރެ ބޮޑަށް ފޯނަށް ގެއްލިފައި ކަމުން އަޅުގަނޑު ދެއްކި ވާހަކަ އެއް އެމީހާ އަކަށް އަޑެއް ނީވެއެވެ.އަޅުގަނޑު އަތުގައި މިކަހަލަ އާދައިގެ ފޯނެއް އޮތީމާ އެކަމާ ކުޑަކޮށް ލަދުވެސް ގަތެވެ.

ވެރިކަން ކުރާ ރަށަށް އެރުމާ އެކީ ބައިބޯ ގިނަ ކަމުންނާއި، ތޮއްޖެހި މަތިމައްޗަށް ނަގާފައިވާ އިމާރާތްތަކާއި، ދުއްވާ އެއްޗެހީގެ އަޑުފަށްގަނޑާއި، މަގުމަތީގައި ސާފުތާހިރުކަން ކުޑަކަމުން އަޅުގަނޑު ބޮލުގައި ރިއްސައިގަތެވެ. އެހެންނަމަވެސް މިއަދަކީ އަލަށް ވަޒީފާއަށް ނިކުންނަން ޖެހޭ ދުވަސް ކަމުން މިސްރާބު ޖެހީ ވަޒީފާ އަދާ ކުރަންޖެހޭ އަމީނިއްޔާ ސުކޫލާއި ދިމާލަށެވެ.އަޅުގަނޑަކީ އިނގިރޭސި ބަހުން މާސްޓަރސް ހާސިލް ކޮށްފައި ހުރި ޓީޗަރަކަށް ވިޔަސް ، ދިވެހި ބަހާއި ، ސަގާފަތާއި، ގައުމިއްޔަތަށް ލޯބިކުރާ ދިވެއްސެކެވެ.ވަޒީފާގައި އެއްމަސް ހޭދަ ކުރެވުނު އިރު ފެންނަމުންދާ މަންޒަރުތަކާއި،ވަށައިގެންވާ މާހައުލާ ،ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް ބަލާފާއި އަޅުގަނޑު ހިތަށް އަރަނީ ދިވެހިން ބޭރުތަކެއްޗާއި މާބޮޑަށް ރޭރުވަނީ ކީއްވެބާ އެވެ؟

ދުނިޔޭގެ އެހެން ގައުމުތަކަށް ނަޒަރު ހިންގާލުމުން އަމިއްލަ ސަގާފަތަކާއި އާދަކާދަތަކެއް ފާހަގަވެއެވެ.ގެދޮރު އިމާރާތް ކުރުމަށް ބަދަލު ތަކެއް އަޔަސް އެބައެއްގެ އަމިއްލަ އުފެންދުންތެރި ކަމާއި ،،ހެދުން އެޅުމުގެ ވައްޓަފާޅިން އެބައެއްގެ ގައުމިއްޔަތު ރަމްޒުކޮށްދެއެވެ.އެހެންނަމަވެސް ލިޔެފައިވާ އެއްޗެއް ފޮހޭރަބަރަކުން ފޮހެލެވޭ ފަދައިން ދިވެހިންގެ ކިބައިން ސަގާފަތް ފޮހެވި ބޭރުތަކެއްޗާ މާބޮޑަށް ރޭރު ވެއްޖެއެވެ. ކާބަފައިންގެ އުފެއްދުންތެރިކަމާއި، ދިވެހިވަންތަކަމާއި ،އޭރުގައި ދިވެހިން ބޭނުންކޮށް އުޅުނު އާލާތް ތަކުގެ މަތިންވެސް ހަނދާން ނެތިއްޖެއެވެ. ދަރިވަރުންނާއި އަޅުގަނޑު ސުވާލު ކޮށްލުމުން ބުނީ ރާއްޖެ ތަރައްގީ ވާތީ ވާގޮތް ކަމަށެވެ. ބެލެނިވެރިން ބުނީ ބިން ކުޑަވެފައި ކަނޑު ބޮޑުކަމުން ބޭރުތަންތަނުގައި ހުންނަ ކަހަލަ ފެކްޓްރީތައް ރާއްޖޭގައި ނެތީމާ ދިވެހިންނަށް ބޭރުތަކެއްޗާއި މާބޮޑަށް ރޭރުވެވެނީ ކަމަށެވެ. އޮފު ބޫޓާއި، އަތްދިގު ގަމީހާއި ،ބޮޑުޓައީ އަޅުއްވައިގެން އުޅުއްވާ ބޭބޭފުޅުން މިކަމާ ނުވިސްނެވިއަސް ދިވެއްސަކަށް ވެހުރެ ، ދިވެހިން ބޭރުތަކެއްޗާއި ރޭރުވާވަރުން އަޅުގަނޑު ގަންނަނީ ފާޑެއްގެ ލަދެކެވެ.

އާދެ ބޭރުތަކެއްޗަށް ބަރޯސާ ވުމުގެ ބަދަލުގައި އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އިތުރުކޮށް އެކަންކަމުން ނަފާ ހޯދޭނަމަ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރެވި އިގްތިސާދީ ގޮތުން ގައުމު ދާނީ ކުރި އަށެވެ.ހުރިހާ ތަކެއްޗަކީ ބޭރުން ގެނެވޭ މުދަލަށް ހެދުމަށްވުރެ ލިބިފައިވާ ވަސީލަތްތަކުން ބައެއްކަހަލަ އުފެންދުންތރިކަން އިތުރުކުރެވިދާނެއެވެ. މަސްވެރި ކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް އެތަކެތި އެކްސްޕޯޓް ކުރެވޭ މިންވަރު އިތުރު ކުރެވި ދާނެއެވެ.ބޭރުފައިސާ ގައުމަށް ވަދެ އިގްތިސާދީ ކުރި އެރުންތައް ނެރެވި ރައްޔިތުންނަށް އެމުއްސަނދިކަން ލިބޭނެއެވެ.ބިމުގައި ގޮވާން ހެއްދޭ ގޮތަށް ކަނޑުގައިވެސް ގޮވާން ހެއްދޭނެއެވެ. ކަނޑުގެ ދިރުންތައް އާލާ ކުރުމަކީ ކުރވިދާނެ ކަމެކެވެ.މިކަނޑަކީ އަޅުގަނޑުމެންނަށް ދެއްވާފައި އޮތް ބޮޑު ނިއުމަތެކެވެ.ދަނޑުވެރިކަން ފުޅާކޮށް އިތުރު ބާވަތްތައް އުފައްދާ ބޭރުން ގެންނަ މުދަލުން ދަނޑުވެރިންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެއެވެ.ދިވެހިންނަކީ ކަނޑު ދޯނި ފަހަރު ހެދުމުގައި ކުޅަދާނެ ބައެއްކަން ހުރިހާ ދިވެހިންވެސް ދަންނާނެއެވެ.އަޅުގަނޑުމެންނަކީ ވިޔަފާރި ދަތުރުތައް ފިޔަވާ ކަނޑުމަގުން ބޭރު ގައުމުތަކަށް ދަތުރުކުރާ ބަޔަކަށް ނުވާއިރު ބޭރުން އުޅަނދު ފަހަރު ގެނައުމުގެ ބޭނުމަކީ ކޮބައިތޯއެވެ.ހަމަ އެފަދައިން މަސްވެރިކަމަށްބޭނުންކުރާ އާލާތްތައް އުފެއްދުމުގެ ގާބިލްކަން ދިވެހި މަސްވެރިންގެ ކިބައިގައި އެބަހުއްޓެވެ.މިކަން ކަމަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގައި ލިބެން އެބަހުއްޓެވެ.

ދަނޑުވެރިކަން ކުރާ ބިންބޮޑެތި ރަށްތަކާއި ، ފަޅުރަށްތަކުގައި ލަކުޑި ލިބޭ ގަސް ގަސް ހެއްދިދާނެއެވެ. ވަޑާން ކުރުމަކީވެސްއަޅުގަނޑުމެންގެ ކާބައިން ކޮށް އުޅުނު ކަމެކެވެ. ހަމަ އެގޮތަށް ދިވެހިންނަކީ ފޭރާން ވިޔެ އުޅުނު ބައެކެވެ.އަނެއްކާ އަޅުގަނޑު މިދަންނަވަނީ ދިވެހި އަންހެންވެރިން ކަމާ ކަން ފަށާފައި ފޭލިވިޔެގެން ދިވެހިން ފޭލި އަންނާށެކޭ ނޫނެވެ. މިވާހަކަ އަޅުގަނޑު ބެލެނިވެރި އެއް ގާތުގައި ދެއްކުމުން ބުންޏެވެ." ތިޔަ ކިޔަނީ ހަމަ ހެޔޮ އެއްޗެހި.އަހަރުމެން މަންމަ މެން ކުނާ ވެސް ވިޔުނު .އަދި ފޭލވިޔެ އުޅޭ އިރުގޭ މޭޒު މަތީ އަޅާނެ ފޮތިވެސް ވިޔުނު.އެކަމަކު މާލޭގަ އުޅޭއިރު ތިކަހަލަ ކަމެއް ކުރާނެ ޖާގަ އެއް ނޯވޭ ،ރަށުގަ ނަމަ ކިތަންމެހާވެސް ރަނގަޅު، އަހަރެމެންވެސް ދަސްކުރިން ތިޔަކަންކަން "

އެހެން ކަމަކަށް ބަލާލާނަމަ ކެއިންބުއިމުގައިވެސް އިހުގެ ދިވެހިން ބޭނުން ކުރަމުން އައީ ހަށިގަނޑަށް ފައިދާ ހުރި ރަނގަޅު ކާބޯތަކެއްޗެވެ. އަޅުގަނޑު މިބުނަނީ މިހާރު ކާން ގެންގުޅޭ އެއްޗެހި ދޫކޮށްލާފައި އެތަކެތި ކާ ވާހަކަ އެއްނޫނެވެ.ހިތާމަޔަކީ އެއްވެސް މިންވަރަކަށް ބޮޑެތިވަމުން އަންނަކުދިން އެތަކެއްޗަށް ލޯބިނުކުރާކަމެވެ.ގިނަ ކުދިންނަށް އެތަކެއްޗަށް ކިޔާ ނަންވެސް ނޭނގެއެވެ.އަޅުގަނޑު ދަންނަވާނީ މިއަދު ދިވެހިންނަށް ބޭރުތަކެއްޗާ މާބޮޑަށް ރޭރު ވެވިފައި މިތިބީ ދިވެހިންގެ މަސައްކަތް ތެރިކަން ފަހަތަށްލާ ފަސޭހަގޮތް ފަސޭހަ ކޮށްގެން ތިބީމައެވެ.އެހެންނަމަވެސް އަޅުގަނޑުމެންގެ ސަގާފަތާއި ހުނަރުވެރިކަން ދޫކޮށްނުލާ ، ދުނިޔެ އާއި އެއްވަރަށް އަޅުގަނޑުމެންގެ މަސައްކަތްތެރިކަން އިތުރު ކުރަމާ ހިނގާށެވެ. ތަރައްގީ އަކީ އެގައުމެއްގެ މީހުންގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރި ކަމުން ގައުމަށް ގެނެވޭ އެއްޗެކެވެ. ފަހަރެއްގައިވެސް ތަރައްގީ އަކީ ހުޅަނގުގެ އާދަކާދަ އެއްނޫނެވެ. މިއަދު ދިވެހިންނޭ ބުނަން އިނގެނީ ދިވެހިން ވާހަކަ ދައްކާނަމައެވެ.މިހާރުގެކުދިންނަށްދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގުމަކީ ވެސް ވަރަށް ދެރަކަމެކެވެ.ބޭރުތަކެއްޗެކޭ އެއްގޮތަށް ބޭރު ބަހަށްވެސް ރޭރުވެފައެވެ. ދިވެހީން ދިވެހިންގެ ގޮތުގައި ތިބުން މާ ރަނގަޅުނޫންތޯއެވެ. މީހަމަ ގައުމާ ދޭތެރޭ ވިސްނޭތީ ދެއްކޭ ވާހަކަ އެވެ. ހިތަށް ފިނިކަމެއް ލިބުނީ އެނބުރި ހުޅުމާލެ އަށް ދާން ފެރީ އަށް އެރުމުންނެވެ.ނޫކަނޑުގައި ނަށަމުންދާ ރާޅުތަކާއި ހިންދުކަނޑު ބަލަހައްޓަމުންދާ ވައިރޯޅިތަކުގެ ބީހުންތަކުންނެވެ. އަތްތިލަ އަށް ބޮޑު ފޯނަކަށްވުރެ ގުދުރަތުގެ ހިތްހަމަޖެހުން މާ ބޮޑު ނޫންތޯ އެވެ.


ނޯޓް: މިލިޔުމަކީ މިބްލޮގްގެ ކިޔުންތެރިއެއްކަމަށްވާ އައިޝަތު ޝޫޒަންގެ ވިސްނުމުގެ މައްޗަށް ލިޔެފައިވާ ލިޔުމެއް. 

No comments:

Post a Comment