މުސްލިމުން:
މުސްލިމްގެ މާނައަކީ މީހެއްގެ އަމިއްލަ އިޚްތިޔާރުގައި އެއްކައުވަންތަ މާތްކަލާނގެއަށް ބޯލަނބައި ކިޔަމަންވުމެވެ.
އިންސާނުން އުފައްދަވާފައިވަނީ މާތްކަލާނގެ ޝަޚުސިއްޔަތާ އެއް ސިފައެއްގައި ކަމަށް މުސްލިމުން އުސޫލެއްގެ ގޮތުން ގަބޫލު ކުރެއެވެ. އޭގެ މާނައަކީ އިންސާނުންގެ ސިފައަކީ މާތްކަލާނގެ ސިފަފުޅެކޭ އެއް ނޫނެވެ. މާތްކަލާނގެއަކީ ވަކި ސޫރައެއްގައި ވޮޑިގެންވާ ކަލެއް ނޫނެވެ. އެކަލާނގެ ނެތުމުގެ ތެރޭން އާލަމްތައް އުފެއްދަވާފައި އަހަރުމެން އިންސާނުން މި ސޫރައިގައި އުފެއްދެވީ އެކަލާނގެ އުފާފުޅަށްޓަކައެވެ. އަހަރުމެން ކުރި އެއްވެސް ކަމަކުންނެއް ނޫނެވެ. ހަގީގީ މުސްލިމުންނަކީ މާތްކަލާނގެ ހަޒްރަތަށް ސުވަރުގެއަށް ދާން އެދޭ މީހުންނެވެ.
ޣައިރު މުސްލިމުން ނުވަތަ ކާފިރުން:
މިއީ 'ކަފަރަ' އިން ނެގިފައިވާ ބަހެކެވެ. 'ކުފްރު' ގެ ލަފްޒީ މާނައަކީ ނިޢްމަތް ފޮރުވުމެވެ. 'ކަފްރު' ގެ މާނައަކީ ކޮންމެ އެއްޗެއް ވިޔަސް ނިވާކޮށް ފޮރުވުމެވެ. ހައްދަވާ ބޮޑުކުރައްވާ ނިޢްމަތްތައް ދެއްވި ޚާލިޤު ވޮޑިގެންވާކަން އިންކާރުކުރުމާއި، ނުވަތަ އެކަލާނގެ އެއްކައުވަންތަ ކަމާއި ސިފަފުޅުތަކާއި، ނުވަތަ އެކަލާނގެ ފޮނުއްވެވި ރަސޫލުބޭކަލުން ދޮގުކޮށް އިންކާރުކުރުމާއި، ބާވައިލެއްވި ޝަރީޢަތަށް އިންކާރު ކުރުމާއި، ﷲ އަށް ނުކިޔަމަންތެރިވުމަކީ، އެއީ ނިޢްމަތް ދެއްވި ފަރާތުގެ ނިޢްމަތް ފޮރުވުމެވެ. މިގޮތުން މިފަދަ މީހުންނަށް 'ކާފިރު' ކިޔެނީއެވެ.
ޝަރްޢީ މާނައިގައި ކާފިރަކީ: ﷲ ގެ އެއްކައުވަންތަކަމަށާއި، ރަސޫލު ބޭކަލެއްގެ ނަބީކަމަށާއި، ބާވައިލެއްވި ޝަރީޢަތަށް އީމާން ނުވާ މީހާ/ ނުވަތަ މިއިން އެކައްޗަށް އީމާން ނުވާ މީހާ/ ﷲ އަށް އީމާން ނުވާ މީހުން/ އީމާންކަމުގެ ރުކުންތަކަށް އީމާން ނުވާ މީހުން/ ކީރިތި ރަސޫލާ މުޙައްމަދުގެފާނުގެ ރިސާލަތު ޤަބޫލު ނުކުރާ މީހުން/ ޣައިރު މުސްލިމުން/ ދީނުން ކޮންމެހެން އެނގޭ ކަންތައް އިންކާރު ކުރާ މީހާ/ ނިޢްމަތަށް ކުފުރުވާ މީހާ/ ދީނަށް އެއްޗެހި ކިއުމާއި ދީނުގެ އަސްލުތައް މުގުރާލަން މަސައްކަތްކުރާ މީހާ/ ކަނޑައެޅިގެން ދީނުގައި އެނގޭ ޝިޢާރުތަކަށް ފުރައްސާރަކޮށް މަލާމާތްކުރާ މީހާ
މުސްލިމުންނާއި ޣައިރު މުސްލިމުންގެ ގުޅުން
މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކާ ދެމެދު އޮންނަ ގުޅުމާއި، މުސްލިމުންނާއި ޣައިރު މުސްލިމުންނާ ދެމެދު އޮންނަ ގުޅުންތައް ރަނގަޅު ވެގެން ދިއުމަކީ ދުނިޔޭގައި އަދި ޚާއްސަކޮށް އާންމުކޮށް ހުޅަނގުގެ ގައުމުތަކުގައި މިހާރު ވަރަށް މުހިންމު ވެފައިވާ ކަމެކެވެ. ސަބަބަކީ ޣައިރު މުސްލިމުން އިސްލާމް ދީނާއި މުސްލިމުން ސިފަކުރާ ގޮތާއި މިކަމުގައި މިހާރު އޮންނަ އާންމު މަފްހޫމް ބަދަލު ކުރުމެވެ. އިސްލާމް ދީނުގެ އަދުއްވުންގެ ބޭނުމަކީ ޣައިރު މުސްލިމް އެންމެންގެ ހިތްތަކުގައި އިސްލާމް ދީނާއި އަދި މުސްލިމުންނާ މެދު ބިރުވެރިކަން އުފެއްދުމެވެ. މިކަމާ ދެކޮޅަށް މަސައްކަތްކޮށް އިސްލާމް ދީން އޭގެ ހަގީގަތުގައި އަދި މުސްލިމުން އެމީހުންގެ ހަގީގީ ސޫރާގައި ޣައިރު މުސްލިމުންނަށް ސިފަކޮށްދިނުމަށް އެއްބާރުލާ އިސްލާމީ ޖަމާއަތްތަކާއި ފަރުދުން އުޅެ އެވެ.
[1]ޣައިރު މުސްލިމުންގެ ކިބައިން އެހީތެރިކަން ހޯދުމާއިބެހޭ ގޮތުން ޝެއިޙް ފައްޔާޒް އަލިމަކި 31 ޑިސެންބަރ 2011 ގައި ރާއްޖެޓީވީގެ "ދީނީ ސުވާާލާއި ޖަވާބު" ޕްރޮގްރާުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ" ކާފަރުންގެ ކިބައިން އެހީތެރިކަން ހޯދުމުގެ މައްސަލައަކީ ވަރަށްބޮޑު މައްސަލައެއް. ކާފަރުންގެ ކިބައިން އެހީތެރިކަން ހޯދުމަކީ ދީނުން ބޭރުވާނެކަމެއް ނޫން! މުސްލިމުންނާއި ކާފަރުންނާއި ދޭތެރޭގައި ކަމެއް ހިނގާއިރު، އެ ކާފަރުންގެ އެހީތެރިކަން މުސްލިމުންނާއި އިދިކޮޅަށް ހޯދުން މީގައި މައްސަލަ ނުކުންނާނީ. ކާފަރުންނާއި ގުޅުން ބެހެއްޓުމުގައި މިއޮންނަނީ ވަކިކަހަލަ މިންގަނޑުތަކެއް. "تولي" އާއި"وليا" މިއީ ތަފާތު ދެކަމެއް. އެއްކަމަކީ ކާފަރުންގެ ކިބައިން ދުނިޔަވީ ކަންތައްތަކުގައާއި އަދި އެހެން ކަންތައްތަކުގަ އެހީތެރިކަން ހޯދުން، އަނެއް ކަމަކީ މުސްލިމުންނާއި އިދިކޮޅަށް ކާފަރުންގެ އެހީތެރިކަން ހޯދުން. މުސްލިމުންނާއި ކާފަރުންނާއި ހަނގުރާމަ ކުރެވޭއިރު، އެހަނގުރާމައިގާ ކާފަރުންނަށް އެހީތެރިކަން ފޯރުކޮށްދީފިއްޔާ ނުވަތަ ކާފަރުންނާއި ގުޅުންބާއްވައިފިއްޔާ އެމައްސަލަ ނުކުންނާނީ"
ރާއްޖެޓީވީގެ ހަމަ މިޕްރޮގްރާމްގައިި "ކާފަރުންނާއި ދެތެރޭގައި އޯގާތެރި ވުމަކީ ކޮންކަހަލަ ކަމެއްތޯ؟" ކުރެވުނު ސުވާލުގެ ޖަވާބުގައި ޝެއިޚް ފައްޔާޟު ޢަލީ ވިދާޅުވީ މާތްﷲ އޯގާތެރިވުމަށް ޖަނަވާރުތަކަށްވެސް އަންގަވާފައިވާ ކަމަށެވެ. ވީމާ މުސްލިމުންނާއި ކާފަރުންނާއި ދޭތެރޭގައި ހަނގުރާމަ ނުކުރާ ކަމުގައިވާނަމަ ކާފަރުންނަށް އޯގާތެރިވުމަކީވެސް އޭގެ ޒާތުގައި މައްސަލައެއް ނޫންކަމަށެވެ.
މިޕްރޮޤްރާމްގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ކާފަރުންނާއި ދޭތެރޭގައި އޯގާތެރި ވުމާއި ބެހޭގޮތުން ޑރ. ބާރީ ވިދާޅުވީ، ޤުރްއާނުގައި ﷲ ވަޙީކުރައްވަނީ، "لَّا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ..."[سورة الممتحنة﴿٨﴾] އެއްގޮތަކަށްވެސް ﷲ މަނާ ނުކުރައްވާ ތިޔަބައިމީހުންނާ ހަނގުރާމަ ނުކޮށް ތިޔަބައިމީހުން ގެދޮރުން ބޭރުކޮށްނުލާ ތިޔަބައިމީހުންނާއި ދޭތެރޭގައި ޢަދާވާތްތެރިކަން ފާޅުކޮށްގެން ނޫޅޭ ބަޔަކާއި ދޭތެރޭގައި އޯގާތެރިވުމަކަށް، އެބައިމީހުންނާއި ގުޅުން ބޭއްވުމަކީ ﷲ މަނާކުރައްވާ ކަމެއް ނޫން. ކާފަރުންގެ ތެރޭގައި މިތިބެނީ ކަނޑައެޅިގެން ޢަދާވާތްތެރިކަން އޮންނަ ހަރުބީ ކާފަރުން. އެފަދަ މީހުންނާއި ތިޔަބައިމީހުންގެ ތެރޭގައި ގުޅުން ބަދަހި ކުރާމީހުންނާއި ތަފާތުކުރަންޖެހޭ ކަމަށެވެ.
ޣައިރު މުސްލިމުންނާއި މައްކާ
[2] ޣައިރު މުސްލިމުންނަކަށް މައްކާއަކަށް ނުވަދެވޭނެއެވެ. އެހެން ނަމަވެސް ނޫސްވެރިން ނާއި ރަޙިމުގެ ގުޅުމުން މުސްލިމުންނާ ގުޅިފައިވާ ޣައިރު މުސްލިމުންނަށް ހުއްދައެއް ދެވިފައިވެއެވެ. ޝަހަރަށް ދެވޭ މަގުތަކުގައި ފާސްކޮށް ހަދާ އޮފިޝަލުން ތިއްބަވައެވެ. އެހެން ކަމުން ހުއްދަކުރެވިފައިވާ ޙައްޖާޖީން ނޫން ބަޔަކަށް ޝަހަރަށް އެތެރެ ނުވެވޭނެއެވެ.
ޚުލަފާއުއްރާޝިދޫން ގެ ޒަމާނުން ފެށިގެން ވެސް މައްކާ އަށް ޣައިރު މުސްލިމުން ވަނީ މަނާ ކުރެވިފައެވެ. މިއަދުވެސް މިކަން އޮތީ މިގޮތަށެވެ. ސަޢޫދީ ސަރުކާރުން ވަރަށް ޚާއްޞަ އަހައްމިއްޔަތެއް ދީގެން މައްކާއަށް ވަންނަ މީހުން ދެނެގަތުމުގެ ކަންތައް ކުރެވޭނެ އިންތިޒާމު ހަމަ ޖައްސާފައިވެއެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގެ ވެރިން ވެސް މައްކާއަށް ދިއުމަށް މަސައްކަތް ކޮށްފައިވެއެވެ. އެހެން ނަމަވެސް އެބޭފުޅުންނަކީ ޣައިރު މުސްލިމުން ކަމުގައިވާތީ ސަޢޫދީ ސަރުކާރުން މިކަމަށް އިންކާރު ކޮށްފައިވެއެވެ.
އެހެން ނަމަވެސް މުސްލިމުން ކަމުގައި ހެދިގެން ބައެއް މީހުން މައްކާއަށް ވަދެފައިވާ ކަން ފާހަގަ ކުރެވެއެވެ. މި ގޮތުން މައްކާއަށް ދަތުރުކޮށް ސައްޔާޙެއްގެ ޔައުމިއްޔާ ލިޔެފައިވާ މަޝްހޫރު އެކަކީ ސަރ ރިޗަރޑް ފްރާންސިސް ބަރޓަން އެވެ. ބަރޓަން މައްކާއަށް ދަތުރު ކުރީ އަފްޣާނިސްތާނު މަގުން ޤާދިރީ ޞޫފީ އެއްގެ ގޮތުގައެވެ.
ހުދައިބިއްޔާގެ އަޙުދުނާމާ
ހުދައިބިއްޔާގެ ސުލްހައަކީ އިސްލާމްދީން އަމަންއަމާންކަމަށް ދެއްވާ އަހައްމިއްޔަތު ވަރަށް ރަނގަޅަށް އެނގިގެންދާ މުއާހަދާއެކެވެ. ހުރިހާ ބާރެއް މުސްލިމުންގެ އަތްމަތީގައި އޮތުމާއެކު ވެސް ކާފިރުންގެ ހުރިހާ ޝަރުޠުތަކަށް ރުހި ޤަބޫލުވެ ސުލްހަ ނާމާއެއްގައި ސޮއިކުރުމަކީ ސުލްހަވެރިކަމުގެ ރީތި ނަމޫނާއެކެވެ. މިފަދަ ގޮތަކަށް އަމަލުތައް ބަހައްޓަނީ މިހާރު އަޅުގަނޑުމެންގެ ތެރެއިން ކޮން ބަޔެއްތޯއެވެ. ކުޑަވެސް ކުޅަދާނަ ކަމެއް ހުރި މީހަކު ވިއްޔާ އެމީހަކަށް ވުރެ ބާރުދެރަ ބައެއްގެ ބަސް ޤަބޫލުކުރުމަކަށް ނޭދެއެވެ. އެއްވެސް ބަޔެއްގެ ދަށުގައިވާކަށް އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. އެމީހުން ދެކެނީ އެއީ އެމީހުންނަށް ލިބޭ ހުތުރު ނަމެއް ކަމުގައެވެ.
އިސްލާމްދީން ސުލްހައަށް ބާރު އަޅަނީ ވެސް ވަރަށް ބޮޑެތި ހިކްމަތްތަކެއް އޭގައިވާތީކަން ހުދައިބިއްޔާގެ އެއްބަސްވުމުން ރަނގަޅަށް އެނގިދެއެވެ. އޭގެ ތެރޭގައި މުޝްރިކުންނަށް މުސްލިމުންނާއެކު އުޅުމުގެ ފުރުސަތު ލިބި އިސްލާމްދީނުގެ މާތްކަން އެމީހުންނަށް ވިސްނި އެމީހުންގެ ތެރެއިން މާތްމީހުން އިސްލާމްދީނަށް ވަނުން ފަދަ ފައިދާތައް ހިމެނެއެވެ. އޭގެ ތެރޭގައި ފަހުން އިސްލާމްދީނަށް އެތައް ޤުރުބާނީއެއްވެ، އެތައް ރަށްތަކެއް ފަތަޙަކުރެއްވި މަޝްހޫރު ޚާލިދް ބިން ވަލީދާއި އަމްރް ބުނުލް ޢާސް ފަދަ އެތައް އަސްޙާބުންނެއް ހިމެނެއެވެ. އަދި އެހާ ލުއިގޮތެއްގައި މައްކާ ފަތަޙަވެގެންދިޔުމާއި ލޭއޮހޮރުން އެހާކުޑަ ވެގެން ދިޔައީ ވެސް މިސުލްހައިގެ ސަބަބުންނެވެ. އެހެން ނުވާނީ ކީއްވެތޯއެވެ. ސުލްހައިގެ ކުރިއަކުން ދެބައިމީހުންނަށް އެހާ މިނިވަންކަމާއެކު އެކުގައި އުޅެ ދީނުގެ ފުރިހަމަކަން މުޝްރިކުންނަކަށް ފެނިފައެއް ނެތެވެ. ނަމަވެސް ސުލްހައިގެ ފަހުން މުސްލިމުންނާއެކު އުޅުމުގެ ފުރުސަތު ހާމަގޮތެއްގައި ލިބި އެމީހުންގެ ހިތްތަކަށް އިސްލާމްދީނުގެ ނޫރު މައްކާ ހިއްޕެވިއިރު ވަނީ ވަދެފައެވެ. އެހެންކަމުން ކީރިތި ރަސޫލާ މައްކާއަށް ވަޑައިގަންނަވާއިރަށް ޝަހާދަތުގެ ދެކަލި ކިޔުމަކަށް އެމީހުންނަކަށް އުދަނގޫކަމަކަށް ނުވިއެވެ. މިއާ ޚިލާފަށް ކުރީގެ ދެކޮޅުވެރިކަމުގައި މައްކާ ފަތަޙަކުރައްވަން ޖެހުނުނަމަ މުޅި މައްކާ ވާނީ ލޭގެ ކޯރުތަކުން ފުރިފައެވެ.
ނަފްރަތާއި ރުޅިވެރިކަމަކީ ކީރިތި ރަސޫލާ އެކަމަކަށް އެންމެ ނުރުއްސަވާ ކަންކަމެވެ. އެކަލޭގެފާނަށް އެންމެ ބޮޑެތި އުދަނގޫތައް ކުރި މުޝްރިކުންނަށް ހިތްޕުޅުގައި އެއްވެސް ހަސަދަވެރިކަމެއް ބާއްވާފައެއްނުވެއެވެ. އެމީހުންނަށް ހެޔޮދުއާފުޅެއް ނޫނީ ކުރައްވާފައިނުވެއެވެ. އެކަލޭފާނު ޠާއިފަށް ކުރެއްވި ދަތުރުފުޅުގައި ގައިކޮޅަށް ހިލަ އުކައި ޒަޚަމްކޮށްލި މީހުންގެ ބޯމައްޗަށް ފަރުބަދަތައް ވައްޓާލެއްވުމަށް އެކަލޭގެފާނު އަރިހުން އެދިވަޑައިގަތުމުން ހަދީޘްކުރެއްވީ “އެމީހުންނަށް ޢަފޫކުކުރައްވައި މަޢާފުކޮށްދެއްވާށެވެ. އެމީހުންނަށް ނުވިސްނެނީއެވެ.”. އަދި އެއްވެސް މުސްލިމަކު 3 ދުވަހަށްވުރެ ގިނައިން އަނެއް މުސްލިމަކަށް ރުޅިއައިސްގެން ހުރުމަކީ ވެސް ބޮޑުވެގެންވާ ފާފައެއްކަމަށް އެކަލޭގެފާނު ވަނީ އަންގަވާފައެވެ. މަޢާފުކުރެއްވުމަށް ބަލާއިރު އިސްލާމްދީނުގެ ބޮޑެތި ޢަދާވާތްތެރިންނަށް މައްކާ ހިއްޕެވި ދުވަހު އެކަލޭގެފާނު އެދެއްވި ދީލަތި މަޢާފަކީ އުއްމަތުގެ އެންމެން ވެސް އެކަމުން އިބްރަތް ހާސިލުކޮށް ފިލާވަޅު ލިބިގަންނަންޖެހޭނެ ކަންކަމެވެ.
އަޅުގަނޑުމެންގެ މާތް ނަބިއްޔާ މިފަދަ ރީތި ނަމޫނާ ދައްކާފައިވާއިރު މިއާ ޚިލާފަށް ދެބަސްވުން އިސްކޮށް ހަމަނުޖެހުމަށްދާން ވިސްނުން ގެންގުޅެންޖެހޭ ސަބަބެއް ނެތެވެ. އިސްލާމްދީން އިސްކަންދެނީ މުޖުތަމައުގެ ހަމަޖެހުމަށެވެ. ހަމަނުޖެހުން ހިންގައި މަގުމައްޗަށް ނިކުމެ އިމާރާތްތައް ހަލާކުކޮށް މީސްތަކުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަކީ އިސްލާމީ އެއްވެސް ފަލްސަފާއެއްގައިވާ ކަމެއްނޫނެވެ. ނަމަވެސް އިސްލާމްދީނުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދޭ ފަދަ ދަނޑިވަޅެއް އައިސްފިނަމަ ދީން ޙިމާޔަތްކުރުމަށް ފުރިހަމައަށް މަސައްކަތްކުރުމަކީ ކޮންމެ މުސްލިމެއްގެ ވެސް ވާޖިބެކެވެ. އަދި މިކަމުގައި ހުރިހާ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވެ އެހީތެރިވާންޖެހޭކަމާމެދު އެއްވެސް ޝައްކެތް ނެތެވެ. [3] إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ (*) وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا (ﷲގެ ނަޞްރާއި ފަތަޙަ އައި ހިނދު, އަދި މީސްތަކުން ފައުޖު ފައުޖަށް އިސްލާމްދީނަށް ވަންނަތަން ކަލޭގެފާނަށް ފެނިވަޑައިގަންނެވިއެވެ )
މަސްދަރުތަށް
1. ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ – 2007 ، ރައީސުލްޖުމުހޫރިއްޔާގެ އޮފީސް
2. ޞަޙީޙު މުސްލިމް ދިވެހިތަރުޖަމާއާއި ތަފްސީރު – ޝެއިޙް ހުސެން ރަޝީދު އަހުމަދު - 2012
3. ދީނާއި ދުނިޔެ – މުހައްމަދު ޝަހީމް އަލީ ސައީދު 2007
4. މިނިސްޓްރީ އޮފް އިސްލާމިކް އެފެޔާސް – ދީނީހޭލުންތެރިކަމާބެހޭ ބައިންނެރެފައިވާ މަޒުމޫންތަށް
5. ދިސަލަފިއްޔާ ޑޮޓް ނެޓް، 01/09/12
[1] ރާއްޖެޓީވީ
[2] ވިކިޕީޑިއާ
[3] ސޫރަތުއް ނަޞްރު:1-2
ވަރަށް ރަގަޅު، ކިޔަވާ ދަރިވަރުންނަށް މިބްލޮގުގެ ބޭނުންވަރަށް ހިފާކަން ފާހަގަވޭ
ReplyDelete