Saturday, May 2, 2015

#

ބާއްޖަވެރި ކައިވެންޏަކަށްއެދި ދެމަފިރިން އެކަމަށް މަސައްކަތްކުރުން


ކައިވެނީގެ މުޤައްދަސް ގުޅުމުން ދެމަފިރިއަކު ގުޅޭގުޅުމަކީ އޭގެ އަސަރު އެދެމީހުން ފިޔަވައި އެތަށް ބައެއްގެ މައްޗަށް ފޯރާކަމެކެވެ. ވަކިދެއާއިލާގެ ގުޅުމުގެ އިތުރަށް ދަރިންނާއި ޙުދު ދެމަފިރިންނާއި އެނޫން އެތައްބަޔަކަށް ސީދާކޮށާއި ނުސީދާކޮށް އޭގެ އަސަރު ފޯރައެވެ. އެހެންކަމާއިއެކު ކައިވެނީގެ ހަޔާތް ބާއްޖަވެރިވުމަކީ ދުނިޔޭގައި ލިބޭނެ ވަރަށްވެސް މަތިވެރި ނިޢުމަތެކެވެ. އަދި އެކަމަށްޓަކއި ކޮންމެ ދެމަފިރިޔަކުމެ ގަދައަޅައި މަސައްކަތްކުރުމަކީ ލާޒިމު ކަމެއްމެއެވެ. 

ދެމަފިރިންގެ މެދުގައި އިލްމީގޮތުންނާއި ޘަޤާފީގޮތުން ވިސްނުމާއި ޙިޔާލުގެ އެއްގޮތްކަމެއް އޮތްނަމަ ކައިވެނީގެ ސަބަބުން ލާޒިމުވާ ގުޅުން އިތުރު ކުރުމަށް މާބޮޑު މަސައްކަތެއްކުރަން ނުޖެހި ހިނގައިދާނެއެވެ. ނަމަވެސް ކޮންމެ ދެމަފިރިއެއްގެ ދެމެދުގައި މިފަދަ ހުރިހާ އެއްގޮތްކަމެއް ހުރުމަކީ ގިނަ ފަހަރަށް ވުމަށްވުރެ ދުރުގައިވާ ކަމެކެވެ. އެފަދަ ހާލަތްތަކުގައި ކޮންމެ ދެމަފިރިއަކުވެސް އެބައިމީހުންގެ އަމިއްލަ ދިރިއުޅުން ބާއްޖަވެރިކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ. މިކަމަށްޓަކައި ތިމާގެ އަމިއްލަ ޠަބީއަތާއި އަމިއްލަ މިޒާޖު ބަދަލުކުރުމުގައި ކާމިޔާބު ހޯދަންޖެހޭނެއެވެ. އެއާނުލައި ކައިވެންޏެއް ބާއްޖަވެރި ނުވާނެކަން ކަށަވަރެވެ. 

ޝަރީއަތުން ދެމަފިރިންނަށް ހުއްދަކުރައްވާފައިވާ ގައިގޯޅިކަމާއި ފޮނިކަން ހާސިލުކުރުމުގައި ދެމީހުން ބައިވެރިވާ ފަދައިން އެއަށްވުރެވެސް ބޮޑަށް އެކަކު އަނެކެއްގެ ބޭނުންތަކާއި އިހުސާސްތަކާއި މިޒާޖާއި ޠަބީއަތު ދެނެގަތުމާއި އެކު އަނެކާގެ ބޭނުންތަކަށް އިހްތިރާމްކޮށް ހެޔޮގޮތުގައި އަނެކާއާ ބައިވެރިވެގެން މެނުވީ ޙަޔާތުގެ މިދިގު ދަތުރު އޮމާންކަމާއި އެކު ނިންމައެއްނުލެވޭނެއެވެ. އެހެންނޫންނަމަ ކޮންމެވެސް ހިސާބަކުން ދަތުރުއޮޅި ދީލާލަންޖެހުން އޮންނާނީ ވަރަށް ގާތުގައެވެ.

ގިނަ ކައިވެނިތަށް ނާކާމިޔާބުވުމުގެ ސަބަބު ހޯދައި ރަނގަޅަށް ތަޙުލީލު ކުރެވިއްޖެނަމަ، އެފަދަ ކައިވެނިތަށް ރޫޅިގެންދިއުމުގެ ސަބަބަކީ ދެމަފިރިންގެ ނުގުޅުންތެރިކަމާއި އެކަކު އަނެކަކަށް ދޫނުކުރުންކަން އެނގޭނެއެވެ. އަދި ގިނަކައިވެނިތަށް ރޫޅިގެންދިއުމުގެ ސަބަބަކީ އޭގެ ޒާތުގައި މާބޮޑުނޫން، އެހެންނަމަވެސް މިޒާޖާއި ޠަބީއަތުގެ ތަފާތުގެ ސަބަބުން އުފެދޭ މައްސަލަތަށްކަން ޔަޤީން ވާނެއެވެ. 
ޝައްކެއްނެތެވެ. ކޮންމެ ދެމަފިރިއަކުވެސް ކައިވެނިކުރަނީ އަބަދަށް އެކުގައި އުޅުމުގެ އަޒުމުގައެވެ. ދިރިއުޅުމުގެ ވަކި ހިސާބަކުން ވަކިވުމަކީ ދަރިން ލިބިފައިވާނަމަ އަމުދުން އޭގެ ގެއްލުން ބޮޑުކަމެކެވެ. ވުމާއިއެކު ދެމަފިރިންގެ ގުޅުން އާކޮށް ހަރުދަނާ ކުރުމުގައި އެކަކީ އަނެކަކަށްވުރެ ވަކިން ފަހަތުގައިވާ މީހެއްނޫނެވެ. ދަތުރުގެ މާލިމީއަކީ ފިރިމީހާ ކަމުގައިވާނަމަ ދަތުރުގެ އާރުކާޓީއަކީ އަނބިމީހާއެވެ. ކާމިޔާބު ޙަޔާތެއް ވޭތުކުރަން އެދޭނަމަ އެންމެ ފުރަތަމަ ދުވަހުގެ ގުޅުން ހީނަރުވިޔަނުދީ އަބަދުމެ ދަމަހައްޓަން ޖެހޭނެއެވެ. 

1 comment:

  1. massakai eba kurevey. ekam ves baeh faharu faalun nattaa

    ReplyDelete