Sunday, May 26, 2013

#

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން

ޚިޔާލު ފާޅުކުރުމުގެ ހަމަތައް
މަޝްވަރާއާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މާތްވެގެންވާ އިސްލާމްދީނުގައި ވަނީ އަޚްލާޤީ މިންގަނޑަށް ފައްތާފައެވެ.

ފާޅުކުރެވޭ ޚިޔާލަކީ ﷲ އާއި އެކަލާނގެ ރަސޫލާއާއި، އުއްމަތުގެ ދަންނަބޭކަލުން ކަމެއްގައި ނިންމަވާފައިވާ ގޮތަކާއި، ޚިލާފަށް ފާޅުކުރެވޭ ޚިޔާލަކަށް ނުވުން
އަލްޙުޖްރާތު ސޫރަތުގެ 1 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ [ އޭ އީމާންވީ މީސްތަކުންނޭވެ! ﷲ އާއި އެކަލާނގެ ރަސޫލާ ކަމެއްގައި އަންގަވާފައިވާގޮތަށް ތިޔަބައިމީހުން އިސްވެ ގޮތް ނުކިޔާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން ﷲ އީ ތިޔަބައިމީހުން ދައްކާ ވާހަކަ ރަނގަޅަށް އައްސަވާ ވޮޑިގެންވާ އިލާހެވެ. ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ] މިހެން ކަމުން ﷲ އާއި އެކަލާނގެ ރަސޫލާ ކަމެއްގައި ނިންމަވާފައިވާ ގޮތަކަށް ނުވަތަ އެއާ ތަޢާރުޟްވާގޮތަކަށް ޚިޔާލެއް ހުށަހެޅިއްޖެނަމަ އެޚިޔާލުވާނީ ޝަރުޢީ ހަމަތަކުން ބޭރުގައިވާ ޚިޔާލަކަށެވެ. ޝަރުޢީ ހަމަތަކުން ބޭރުވެއްޖެނަމަ އެއަށް ޢަމަލުކުރެވިގެން ނުވާނެއެވެ. އެއާ އެއްގޮތަށް މުޖުތަމަޢުގެ ކަމެއްވެސް އަދި އިސްލާމީ ދައުލަތެއްގެ ކަމެއްވެސް ނިންމިގެންވެސް ނުވާނެއެވެ.

ހުށަހެޅޭ ޚިޔާލަކީ ޖަމާޢަތުގެ މަޞްލަޙަތަށްޓަކައި ހުށަހެޅޭ ޚިޔާލަކަށް ވުން.
ވަކި އުޞޫލުތަކެއްގެ ދަށުން އެކަން ކުރުމަށް ބާރު އަޅާފައެވެ. މިގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ. ވަކި ބައެއްގެފައިދާއަށްޓަކައި ހުށަހެޅޭ ޚިޔާލުތަކަކީ މަޞްލަޙަތު އޭގައި ވާ އެއްޗެއްނޫނެވެ. ޚިޔާލު ފާޅުކުރަންޖެހޭނީ މުޖުތަމަޢާއި، ތިމާގެ ޤައުމުގެ ޢާއްމު މަޞްލަޙަތަށްޓައި ކަންތައްތައް އިޞްލާޙު ކުރުމަށެވެ. ފަހަރެއްގައިވެސް ޖަމާޢަތުގެ ތެރޭގައި ފަސާދަ އުފެދި، ޢާއްމު މަޞްލަޙަތަށް ބުރޫ އަރާފަދަ ގޮތަކަށް ޚިޔާލު ފާޅުކުރެވިގެން ނުވާނެއެވެ. އޭރުން ޚިޔާލު ފާޅުކުރުމުގެ މަޤްޞަދު ގެއްލި ހިނގައިދާނެއެވެ. މީގެ މާނައަކީ ވަކި ބަޔަކު އަމިއްލަ ފައިދާއަށްޓަކައި ކުރާ ކަންކަމަށް ފާޑު ނުކިޔާ ވާހަކައެއްނޫނެވެ. އެފަދަ ބަޔަކަށާއި ، އެފަދަ ކަންކަމަށް ފާޑު ކިޔަން ވާނެއެވެ . އެއީ އެބައިމީހުންނާއި އެބައިމީހުން ކުރާ އެކަންތައްތައް އިޞްލާޙު ކުރުމަށްޓަކައެވެ. މިއީ ފަސާދައެއްނޫނެވެ. މިއަށް ކިޔަނީ އިޞްލާޙު ކުރުމެވެ. ނަމަވެސް މިފަދައިން ޚިޔާލު ފާޅުކުރަންވާނީ ވެސް ޢަދާވާތްތެރިކަން މުޖުތަމަޢުގައި ނުފެތުރޭ ގޮތެއްގެ މަތިންނެވެ. އާލު ޢިމްރާން ސޫރަތުގެ 104 ވަނަ އާޔަތުގައި ﷲ ވަޙީކުކަރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. [ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައްނަހީކޮށް ، ހެޔޮމަގަށް ގޮވާލާ ޖަމާޢަތެއް ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ. ކާމިޔާބު ލިބޭނެ ބަޔަކީ ހަމަ އެއީއެވެ. ] މިހެންކަމުން ޚިޔާލު ފާޅުކުރުން ބިނާވާންޖެހޭނެ އަޞްލަކީ އިޞްލާޙެވެ. ފަސާދައެއްނޫނެވެ. ޢަދާވާތްތެރި ކަމެއްވެސް ނޫނެވެ. ޒާތީ ކަންތައްތަކެއްވެސް ނޫނެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ، ޙަޤީޤަތް ފޮރުވި ، ހަވާނަފްސާއެއްގޮތަށް ގޮސްފިކަމުގައި ވަނީ ނަމަ ނަތީޖާ ރަނގަޅެއްނުވާނެއެވެ. ކުރިންވެސް ދެންނެވި ފަދައިން މަޤްޞަދު އޮންނާނީ ގެއްލިފައެވެ.

 އެއްވެސް ސަބަބަކާ ނުލައި ހުތުރު ބަސްތައް ނުބުނުން
 ހުތުރު ބަސްތައް ބުނުމަކީ ﷲ ރުހި ވޮޑިގެންވާ ކަމެއްނޫނެވެ. ކޮންމެ ކަމަކާ ބެހޭގޮތުން ޚިޔާލު ފާޅުކުރިޔަސް މުސްލިމުންގެ ސިފަޔަކަށް ވާންވާނީ އަޚްލާޤީ މިންގަނޑުން އެޚިޔާލެއް ފާޅުކުރުމެވެ. ހުތުރު ބަހުން ބަސްބުނުމަކީ އިސްލާމްދީން ތަރުޙީބުދޭކަމެއްނޫނެވެ. ނަމަވެސް އެމީހެއްގެ ފުށުން ތިމާއަށް އަނިޔާވެރިކަމެއް ލިބިއްޖެނަމަ އެވާހަކަ ދެއްކިދާނެއެވެ. އެމީހާކަންކުރިގޮތުގެ ވާހަކަ ހާމަކުރުމުގެ ގޮތުންނެވެ. މިއީ ﷲ ގެ ފޮތުން އެނގެން އޮތް ޙަޤީޤަތެކެވެ. އައްނިސާ ސޫރަތުގެ 148 ވަނަ އާޔަތުގައި ﷲ ބާވާލެއްވި ބަސްފުޅުގެ މާނައިގައިވެއެވެ: [ އަނިޔާވެރިވެވި، އަނިޔާއެއް ލިބިގެންވާ މީހާ މެނުވީ، ބުނާ ބުނުމުން ނުބައިކަން ފާޅުކުރުމަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ. އައްސަވާ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވެއެވެ.]

ދީނީ ކަންކަމުގައި ޚިޔާލު ފާޅުކޮށް ވާހަކަ ދައްކާ އުޅޭ އުޅުމުގައި ޙިކުމަތުގެ ބޭނުން ކުރުން:
 ދީނުގައި ﷲ އާއި އެކަލާނގެ ނަބިއްޔާ ނިންމަވާފައިވާ ގޮތާއި ޚިލާފަށް ބަޔަކު މީހުން ޢަމަލު ކުރަމުންދާނަމަ، ނުވަތަ، ދީނުގެ ކަމެއް އޮޅުވާލެވޭނަމަ އެކަމެއްގައި ޙައްޤުގޮތް ބަޔާންކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބުކަމެކެވެ. ވަކިން ޚާއްޞަކޮށް ދީނުގެ ޢިލްމުވެރިން މިކަމުގައި އިސްވާންޖެހޭނެއެވެ. އެކަމަކު ދީނީ ކަންކަމުގައި ވާހަކަދައްކާ އުޅޭ އުޅުމުގައިވެސް ޙިކުމަތުގެ ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ. މީސްތަކުންގެ ތެރޭގައި ފިތުނަ އުފެދެން މެދުވެރިވާ ފަދަ ވާހަކަ ތައް ދެއްކުމަކީ ކުރެވިގެންވާނެ ކަމެއްނޫނެވެ. އަދި މީސްތަކުންގެ މެދުގައި މަޒްހަބީ ބައިބައިވުމާއި، ޖަދަލު އުފެދޭ ފަދަ ގޮތަކަށް ވެސް ވާހަކަ ދެއްކިގެން ނުވާނެއެވެ. ދީނީ ކަންކަމުގައި ޚިޔާލު ފާޅުކޮށް ވާހަކަ ދައްކަންވާނީ އެކަމަށް ޤާބިލު، އެކަށީގެންވާ ވަރަށް ތަޢުލީމު ލިބިފައިވާ މީހުންނެވެ. ނޫންނަމަ އެމީހަކަށް އެކުރެވެނީ އޭނާގެ މުޖުތަމަޢުގެ ޙައްޤުގައި ކުށެކެވެ. އަދި ﷲ ގެ ޙައްޤުގައިވެސް ކުށެކެވެ. ކަންކަމާމެދު ޚިޔާލު ފާޅުކުރާއިރު ތިމާ ޚިޔާލު ފާޅުކޮށް ވާހަކަ ދައްކަންވާނީ ތިމާއަށް ޤާބިލުކަން ލިބިގެންވާ ދާއިރާގައެވެ. ތިމާ އަކީ ދީނީ ކަންކަމުގައި ވާހަކަ ދެއްކޭ ހައިޘިއްޔަތު ލިބިގެންނުވާ މީހެއްނަމަ ރީތި ގޮތަކީ ދީނީ ކަންކަމުގައި ވާހަކަ ނުދެއްކުމެވެ. ވަކިން ޚައްޞަކޮށް ޙަރާމް ޙަލާލު ކަންކަމުގައި ވާހަކަދެކެވިގެންނުވާނެއެވެ.

ޚިޔާލު ފާޅުކުރުމުގައި މީހުންގެ އަބުރާ ނުބެހުން
 ފާޑުކިޔަން ވާނީ މީހުން ކުރާ ކަންކަމަށެވެ. ކަންތައްތައް އިޞްލާޙު ވާނީ އޭރުންނެވެ. މީހުންގެ އަމިއްލަ ޒާތީ ކަންކަމަށް ފާޑުކިއުމުން މުޖުތަމަޢުގައި ޢަދާވާތްތެރިކަން އުފެދިދާނެއެވެ. ޒާތީ ކަންކަމަށް ފާޑު ކިޔަންވާނީ އެފަދަ ޙާލަތްތަކެއް އައުމުންނެވެ. ކޮންމެ ހެން އެކަންނުކޮށް ނުވުމުންނެވެ. އަޅުގަނޑުމެންނަކީ މުސްލިމުންކަމުން އަޅުގަނޑުމެން ތަބާވާންވާ އަޚްލާޤީ ސިފަތަކެއްވެއެވެ. މަކަރާއި ޙީލަތް ހަދައި މީހުންގެ ޢިއްޒަތް ނައްތާލުމަކީ މުސްލިމުންގެ ސިފައެއްނޫނެވެ. ޢިއްޒަތަކީ ވަކި މީހަކަށް، ނުވަތަ ވަކި ބަޔަކަށް ދެއްވާފައިވާ އެއްޗެއްނޫނެވެ. އެންމެ މޮޅުމީހާއިން ފެށިގެން އެންމެ ނިކަމެތި މީހާއާ ހަމައަށް ކޮންމެ މީހަކަށް ވެސް އަބުރާއި ޢިއްޒަތް ލިބިގެން ވެއެވެ. ޢިއްޒަތްތެރިޔާ އޭނާގެ އަބުރާ ޢިއްޒަތް ޙިމާޔަތްވުމަށް އެދޭފަދައިން އަނެކާގެ އަބުރާ ޢިއްޒަތް ޙިމާޔަތްކުރުމަށްވެސް އެދެންވާނެއެވެ. މިހެންކަމުން ޚިޔާލު ފާޅުކުރުމުގައި ތެދުވެރި ވާންވާނެއެވެ. ދުލާއި ޤަލަމުން ޚިޔާލު ފާޅުކުރިއަސް އޭގައި މީހުންގެ ޙުރްމަތް ނުކެނޑޭފަދަ ގޮތަކަށް މީހުންނާއި މުޚާޠަބުކުރަންވާނެއެވެ. މީހުންގެ ސިފަ ބަދަލުކޮށް ކާޓޫނު ކުރަހައި، ﷲ ހެއްދެވި ގޮތް ބަދަލުކޮށް، ހުތުރު ގޮތްގޮތައް މީހުންގެ ސޫރަ ބަދަލު ކުރުމަކީ އިސްލާމީ އުޞޫލެއްނޫނެވެ. މިއީ ވަރަށް ގިނަ ބަޔަކު މިފަހަކަށް އައިސް ކުރާކަމެކެވެ. މިއީ ހުޅަނގުގެ ބައެއް ފަރާތްތަކުން އަޅުގަނޑުމެންނަށް ލިބިފައިވާ ނުބައި އާދައެކެވެ. މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޙުދޫދުން ބޭރުވެގެން ދިއުމެވެ. އިސްލާމީ ރިވެތި އުޞޫލެއްވެސް ނޫނެވެ.

މީހުން ކުރާ ކަންކަމާބެހޭ ގޮތުން ފާޑު ކިޔާނަމަ އެކަމެއްގައި ޔަޤީކަން އޮތުން.
 ކޮންމެ ވާހަކައެއް ދެއްކިޔަސް، އެވާހަކައަކީ ހިގާފައިވާ ކަމަކާ ބެހޭގޮތުން ދެއްކި ވާހަކައެއްނަމަ، އެކަމަކާ މެދު ޔަޤީންކަން އޮންނަން ވާނެއެވެ. އެވާހަކަ އަކީ ދޮގުވާހަކައަކަށް ވެގެންނުވާނެއެވެ. އަދި ވަކިން ޚައްޞަކޮށް މީހަކަށް ނިސްބަތްކޮށް ކަމެއް ގެ ވާހަކަ ބުނާނަމަ، އެމީހަކު އެކަމެއްކުރިކަމަށް ހެކި ސާބިތުވެފައިވާން ވާނެއެވެ. ތުހުމަތުގެ ސަބަބުން މީހަކު އަދި ކުށްވެރިއަކަށް ނުވާނެއެވެ. އެމީހެއްގެ މައްޗައް ކަމެއް ސާބިތު ނުވާހާ ހިނދަކު ޝަރުޢީ، އަދި ޤާނޫނީ ހަމަތަކުން އެމީހާ އަކީ ކުށްވެރިއެއްނޫނެވެ. މީހުން ނުކުރާ ކަންކަން މީހުންގެ ބޮލުގައި އަޅުވާ ވާހަކަ ދެއްކުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި އެއީ އިސްލާމީ އުޞޫލެއްވެސް ނޫނެވެ.

އިވޭ ކޮންމެ އަޑެއްގެ ތެދު ދޮގު ބަލައި ވާހަކަ ދެއްކުން
އިވޭ ކޮންމެ އަޑެއްގެ ތެދު ދޮގު ބެލުމަކީ އެވާހަކައަކަށް ޙަވާލާދީ އެވާހަކަ ދައްކާމީހާ ކޮންމެހެން ބަލަންޖެހޭކަމެކެވެ. ވަކިން ޚައްޞަކޮށް ނޫސްވެރިން މިކަމުގައި ތެދުވެރި ވާން ވާނެއެވެ. ޚަބަރެއް ލިބިއްޖެނަމަ، އެކަމެއްގެ ހަޤީޤަތް ބަލަންވާނެއެވެ. އިވޭ ކޮންމެ ވާހަކައެއް އެއީ ތެދުކަމަށް ބަލައި އެވާހަކަ ފެތުރުމަކީ ކުރެވިގެންވާނެ ކަމެއްނޫނެވެ. ނޫންނަމަ ފަހުން އެކަމާ ހިތާމަ ކުރަންޖެހިދާނެއެވެ.

ޚިޔާލު ހުށަހެޅޭ ފަރާތުން ޚިޔާލަށް އިޙުތިރާމު ކުރުން 
ތިމާކުރާކަމަކަށް އެހެން މީހަކު ފާޑުކިޔާ ކަމުގައި ވަނީ ނަމަ އެކަމަކަށް މަރުޙަބާ ކިޔަންވާނެއެވެ. ތިމާކުރާކަމަކާ އިދިކޮޅަށް، ނުވަތަ ދެކޭ ގޮތާއި ތަޢާރުޟްވާގޮތަށް މީހަކު ޚިޔާލެއްދީފިނަމަ، އެ ޚިޔާލު ދިން ފަރާތަކީ ތިމާގެ ޢަދާވާތްތެރިއެއްކަމުގައި ދެކިގެން ނުވާނެއެވެ. މިހެން ދެކެން ވެއްޖެނަމަ އެހިސާބުން މުޖުތަމަޢުގެ މިޞްރާބު ބަދަލުވާނެއެވެ. ވީމާ އެހެން މީހުންގެ ޝުޢޫރުތަކާއި އިޙުސާސްތައް ދަތުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. ވަކިން ޚައްޞަކޮށް ޤައުމެއްގެ ވެރިއަކަށް ހުންނަމީހާއަށް، އޭނާގެ ރައްޔިތުންގެ ފަރާތުން އަންނަ ޚިޔާލުތަކަށް އިޙުތިރާމު ކުރަންވާނެއެވެ. ޤައުމު ހިންގުމުގައި އޭގެ ބޭނުންވެސް ކުރަންވާނެއެވެ. އޭރުން އެންމެނަށް ފައިދާކުރަނިވި ގޮތަކަށް މަޞްލަޙަތު އޮންނާނެއެވެ. އަދި އެންމެންވެސް އުޅޭނީ އުފަލުގައެވެ. އިސްވެ ބަޔާންވެ ދިޔައީ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކުގެ އަލީގައި ޚިޔާލު ފާޅުކުރުމާއި ބެހޭގޮތުން އަޅުގަނޑު ބަޔާންކުރި ވާހަކަ ކޮޅެކެވެ. މިއީ ދީނުގެ އަލީގައި ޙައްޤުގޮތް ބަޔާންކުރުމުގެ ގޮތުންނާއި ލޮބުވެތި އަޚުންނާއި އުޚުތުންނާއެކު ޚިޔާލު ފާޅުކުރުމުގައި ޙިއްސާވުމުގެ ގޮތުން ބަޔާންކުރި ވާހަކަތަކެކެވެ. މިއިން އެންމެހައި ބޭފުޅުންނަށް މަންފަޢާކުރާނޭ ކަމަށް ޔަޤީން ކުރަމެވެ.

 މީހެއްގެ ނަން ހާމަކޮށް އޭނާއާމެދު ޚިޔާލު ފާޅުކުރުން 
މީހެއްގެ ނަން ހާމަކޮށް ޚިޔާލު ފާޅު ކުރެވޭނީ، އެމީހަކު އަނިޔާވެރިވާނަމައެވެ. ނުވަތަ، އެމީހަކީ ބެހޭގޮތުން މަޝްވަރާއަކަށް އެދެވޭ ޙާލުގައެވެ. ނުވަތަ އެމީހަކާމެދު ދީނީ ފަތުވާއެއް އެހުމުގައެވެ. ނުވަތަ އެމީހަކު ފާޅުގައި މުންކަރާތެއް ކުރާނަމައެވެ. ނުވަތަ އެމީހަކު ފާޅުގައި ދީން އޮޅުވާލާނަމައެވެ. ނުވަތަ ބިދުޢަ ހަދާނަމައެވެ. ނުވަތަ އެމީހެއްގެ ނުރައްކަލުން މުސްލިމުން ސަލާމަތްކުރަންޖެހޭވަރުގެ ނުބައި އަނިޔާވެރި މީހެއްނަމައެވެ.

މަސްދަރު: މުހައްމަދު ޝަހީމް އަލީ ސައީދު، 28 އޮކްޓޫބަރ 2007

No comments:

Post a Comment