އަދި އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައިވެސް ޢަދުލުވެރިކަން ގެންގުޅެންވާނެއެވެ. މިސާލަކަށް ބުނާ ބަހުގައި ވެސް ޢަދުލުވެރި ވާންޖެހޭ ފަދައިންނެވެ. ތިމާމެންގެ އަމިއްލަ ނަފުސާ މެދު ވެސް ޙައްޤު ބަސް ބުނަންޖެހޭނެއެވެ. ދީނަށް އުޅުމަކީ އެއީއެވެ.
މީހުންނަށް ލޯބިކުރުމާއި އިޙުތިރާމް ކުރުމާއި ރުޅިއައުމާއި މިކަން ކަން ވެސް ބިނާ ވަނީ މި ހަމަތަކުގެ މައްޗަށެވެ. މީހަކީ ތެދުވެރި މީީހެއްނަމަ އަދި ﷲ އަންގަވާފައިވާ ގޮތައް ކަންތައް ކުރާ މީހެއްނަމަ އެމީހަކު ދެކެ ލޯބިވާން ޖެހޭނެއެވެ. އެއީ ކިތައްމެ ބޮޑު މުއްސަންޖަކަސް އަދި ނިކަމެއްޗަކަށް ވިޔަސް ތަފާތު ކުރުމެއް ނެތިއެވެ.
އިންސާނުން ގޯސްވުމުން އެމީހުން ދެކެ އަންނަ ރުޅިން އެމީހުން ނަށް ނިސްބަތްކޮށް ބުނަން ނުވާ ޒާތުގެ ބަސްތައް ބުނެ އެމީހުންނަށް ވުރެ ދަށުދަރަޖައަށް އަޅުގަނޑުމެން ވެއްޓިގެންނުވާނެއެވެ. އަދި އެބައެއްގެ ގައިގައި ނެތް ސިފައެއްގެ ވާހަކަ ބުނެވިގެންވެސް ނުވާނެއެވެ. ހާމަ ކުރަންޖެހޭނީ ޙަޤީޤަތެވެ. މަޤުޞަދަކަށް ވާންވާނީ އިޞްލާޙު ކުރުމެވެ.
އަޅުގަނޑުމެން ނަށް ﷲ އަންގަވަނީ ހެޔޮކަންކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަށެވެ. ނުބައި ކަންކަމުގައި އެހީތެރި ނުވުމަށެވެ. ޚިލާފުވެ ދެކޮޅުވެރި ވުމަކަށް ނޫނެވެ. މިގޮތައް އަޅުގަނޑުމެން ޢަމަލު ކޮށްފި ނަމަ މުޖުތަމަޢުގައި ހަމަ ޖެހުން ޤާއިމު ވެގެންދާނެއެވެ.
No comments:
Post a Comment