މިއަދު އަޅުގަނޑުމެންގެ ޤައުމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދޮރު މިވަނީ އިންތިހާއަށް ތަނަވަސް ވެފައެވެ. ބައެއް ފަރާތްތަކުން މިފުރްޞަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާކަމީ ހިތާމަކުރަންޖެހޭކަމެކެވެ. ޚިޔާލު ފާޅުކުރުމުގެ ނަމުގައި މީސްމީހުންގެ ކާޓޫނުތައް ކުރަހައި، ނުބައި ލަޤަބުތަކުން ގޮވައި، ދުލުން އިސްލާމްދީން ހުއްދަނުކުރާ ހުތުރު ބަސްތައް ބުނެވޭތަން އެބައާދެއެވެ. މިއީ އިޞްލާޙަށްޓަކައި ކުރެވޭ ކަމަށްވުމުގެ ބަދަލުގައި ފަސާދައަށް ދޮރު ހުޅުވިގެންދާ ކަމަކަށް ވުން ކައިރިއެވެ.
އެއްވެސް ޝައްކެއްނެތް ގޮތުގައި މާތްވެގެންވާ އިސްލާމްދީނަކީ އެންމެ ފުރިހަމަ ނިޒާމެވެ. އިންސާނީ ޖަމާޢަތަށް އެންމެ މަޞްލަހަތު ހުރި ގޮތް ކަނޑައަޅުއްވާފައިވާ މަތިވެރި ނިޒާމެވެ. މިއީ އިންސާނިއްޔަތުގެ ތާރީޚުގައި އިންސާނުން ތަޖުރިބާކޮށްފައިވާ ޙަޤީޤަތެކެވެ.
އިސްލާމް ދީނުގައި ވަކިކަމެއް ކުރުމަށް އަމުރު ކުރައްވާފައިވާ ގޮތަކަށް އެކަމެއްކުރުމުން އިންސާނީ ޖަމާޢަތަށް ފައިދާކުރާކަމީ އިންސާނުން ދެކިފައިވާ ޙަޤީޤަތެކެވެ. މިއީ ހަމަ އެކަނި އިސްލާމީ ތާރީޚް ދެކިފައިވާ ކަމެއްނޫނެވެ. އެހެނިހެން ދީންތަކާއި ފަލްސަފީ ނިޒާމުތައްވެސް މިކަމުގެ މައްޗައް ހެކިވެއެވެ.
ޚިޔާލު ފާޅުކުރުމާއި، ފާޑު ކިއުމަކީ ޤައުމުގެ ކުރިމަގު އުޖާލާކުރާނޭ އަސާސެކެވެ. އިންސާނާއަށް ﷲ ތަޢާލާ ވަނީ ވިސްނުމާއި ބުއްދި ދެއްވާފައެވެ. އޭނާގެ މުޖުތަމަޢުގެ ކަންހިނގުމުގައި ޚިޔާލުފާޅުކުރުމުގެ ޙައްޤުވެސް ވަނީ ހޯދާދެއްވާފައެވެ. ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައިވެސް އަޞްޙާބު ބޭކަލުންގެ ތެރޭގައި، ކީރިތި ރަސޫލާއަށް ކަންކަމުގައި ޚިޔާލުދެއްވާ، ލަފާ ދެއްވާ ހައްދަވާ ބޭކަލުން ތިއްބެވިއެވެ.
އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބައެއް ކަންކަމުގައި ދެކެވަޑައިގަންނަވާގޮތާއި ޚިލާފަށް އަޞްޙާބު ބޭކަލުން ޚިޔާލު ހުޅަހަޅުއްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބޭކަލުންގެ ޚިޔާލުފުޅުތަކަށް އިޙްތިރާމް ކުރައްވާފައިވެއެވެ. އަދި އެބޭކަލުންގެ ބައެއް ޚިޔާލުފުޅުތަކާ އެއްގޮތައް ޢަމަލުފުޅު ކުރައްވާފައިވެސް ވެއެވެ.
މިގޮތުން އެކަލޭގެ ފާނުގެ ޚިޔާލުފުޅާ އިދިކޮޅަށް އެކަލޭގެފާނަށް މަޝްވަރާ އެރުވުނު ކަންކަމުގެ ތެރޭގައި، ޙުދައިބިއްޔާގައި ޢުމަރުގެފާނު ދެއްވި ޚިޔާލާއި، ބަދުރު ހަނގުރާމަކުރެއްވުމަށް ވަޑައިގެން މަޑުކުރެއްވި ތަނަށްވުރެން ރަނގަޅު އެހެން ތަނެއްގެ ވާހަކަ ބަޔާންކުރެއްވަމުން ބޭކަލަކު ދެއްވި ޚިޔާލުފުޅަކާއި، އަދި އުޙުދު ހަނގުރާމައިގައި މަދީނާއިން ބޭރުގައި ހަނގުރާމަ ކުރެއްވުމަށް ޒުވާން އަޞްޙާބު ބޭކަލުން ދެއްވި ޚިޔާލު ފުޅުތަކާއި، މިނޫންވެސް ކިތައްމެ ޙާދިޘާތަކެއް ހިމެނިފައިވާވާހަކަ ކުރީގައިވެސް ބަޔާންކުރެވިފައިވެއެވެ.
ޢުމަރުގެ ފާނާއި އަދި ޢަޞްޙާބު ބޭކަލުންގެ ތެރެއިން ވަރަށް ގިނަބޭކަލުން ޙުދައިބިއްޔާގެ ޞުލްޙައާއި އިދިކޮޅު ހެއްދެވިއެވެ. ކާފިރުންނާއެކު ޞުލްޙަ ޤާއިމު ނުކުރެއްވުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޚިޔާލުފުޅު އެރުއްވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އަބޫބަކުރުގެ ފާނާއި ދެބޭކަލުން ބުރަވެވަޑައިގަތީ އެބައިމީހުންނާއެކު ޞުލްޙަ ޤާއިމު ކުރެއްވުމަށެވެ. މިކަމުގެ ސަބަބުން މައްކާފަތަޙަވުމަށް މަގުފަހިވެގެން ދިޔައެވެ.
ބަދުރު ހަނގުރާމައިގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޝްކަރާއިގެން މަޑުކުރެއްވީ ހަނަފަސްތަނެއްގައެވެ. އެތަނަކީ ހަނގުރާމައިގައި މަޑުކުރެއްވުމަށް ޙިކުމަތްތެރި ތަނެއްނޫންކަމަށް ދެކެވަޑައިގެން ބޭކަލަކު މަޝްވަރާ ދެއްވުމުން އެތަން ދޫކުރައްވައި، ފެނާއި ގާތަތަށް ވަޑައިގަތެވެ. މިކަމުގެ ސަބަބުން މުސްލިމުންނަށް ހަނގުރާމައިގެ މައިދާނުގައި ފަސޭހަތަކެއް ލިބިގެން ދިޔައެވެ.
އުޙުދު ހަނގުރާމަ ކުރެއްވުމަށް ކީރިތި ރަސޫލާ ޚިޔާލު ކުރެއްވީ މަދީނާގެ ރަށުގެ ތެރޭގައެވެ. ނަމަވެސް އަޞްހާބު ބޭކަލުންގެ ތެރޭގައި ތިއްބެވި ޒުވާން ބޭކަލުން ބުރަވެ ވަޑައިގަތީ މަދީނާއިން ބޭރުގައި ހަނގުރާމަ ކުރުމަށެވެ. ކީރިތި ރަސޫލާ އެގޮތަށް ކަންތައްކުރެއްވިއެވެ. މިކަމުގެ ސަބަބުން ހިތި ނަތީޖާއާއި ކުރިމަތި ލާންޖެހުނެވެ.
އަދި ޚިޔާލު ފާޅުކުރުމަށް މިނިވަންކަންދެވިފައިވާ މިންވަރު އަންގައިދޭ އެންމެ ވަރުގަދަ ހެއްކަކީ ވަޙީ ބާވާލެއްވޭ މާތް ނަބިއްޔަކަށް އަޞްޙާބު ބޭކަލުން ޚިޔާލު ދެއްވާކަމެވެ. މިގޮތުން ޚަންދަޤު ނުވަތަ އަޙްޒާބު ހަނގުރާމައިގައި މަދީނާ ވަށައިގެން ޚަނދަޤު ކޮންނެވުމަށް މާތް ޞަޙާބީ ސަލްމާނުލްފާރިސީ ދެއްވި ޚިޔާލު ފުޅު ހިމެނެއެވެ. އެމާތް ޞަޙާބީގެ ޚިޔާލުފުޅުގެ މަތިން ކީރިތި ރަސޫލާ ދުޝްމަނުންގެ ކިބައިން މަދީނާ ޙިމާޔަތްކުރެއްވުމަށްޓަކައި ޚަންދަޤު ކޮންނެވިއެވެ.
އަދި ބައެއް ބޭކަލުން ކަންތައް ކުރައްވާ ގޮތާމެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާ، ކީރިތި ރަސޫލާ ޚުދު މީސްތަކުން އެއްކުރައްވާ ވާހަކަފުޅު ދައްކަވާ ހައްދަވައެވެ. ނަމަވެސް ގިނަ ފަހަރު އެއިން ބޭކަލެއްގެ ނަންފުޅު ވިދާޅެއް ނުވެއެވެ. އެއީ މީސްތަކުންގެ މެދުގައި އެބޭކަލުން ފަޟީޙަތް ނުކުރެއްވުމަށެވެ. ވިދާޅުވަނީ [މިވެނި އެވެނި ބަޔަކު މިފަދައިން ކަންތައް އެބަކުރެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ]
ޝައްކެއްނެތް ގޮތުގައި މިއީ މިކަމުގައި އޮތް އެންމެ ރީތި އުސްލޫބެވެ. އިޞްލާޙު ކުރަން ބޭނުންނަމަ މިފަދައިން ޢަމަލު ކުރުމަކީ ކާމިޔާބު އުސްލޫބެކެވެ. މިކަމުގެ ނަތީޖާ އަފްރާދުންނަށާއި، މުޖުތަމައަށް ކުރާނެ ކަން ކަށަވަރެވެ.
އިސްވެދިޔަ ވާހަކަތަކުން އެންގޭ އެއްޗަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމެވެ. އަދި ވެރިއަކަށް ހުންނަ މީހާއަށް ވެސް ރައްޔިތުންގެ ފަރާތުން ޚިޔާލު ހުށަހެޅިދާނެކަމެވެ. އަދި އެޚިޔާލަކީ ޤައުމުގެ މަޞްލަޙަތު އޭގައިވާ ޚިޔާލެއް ނަމަ އެއަށް ޢަމަލު ކުރުން ލާޒިމު ކަމެވެ. އޭގައި މަޞްލަޙަތެއް ނުވާކަމަށް ފެނިއްޖެނަމަ އެޚިޔާލަށް ޢަމަލު ކުރުމަކީ އޭނާއަށް ލާޒިމުކަމެއް ނޫންކަމެވެ. އަދި ވެރިއެއްނަމަ އޭނާގެ އަމިއްލަ ޚިޔާލާ އެއްގޮތް ނޫން ޚިޔާލެއް އޭނާއަށް ހުށަހެޅިއްޖެ ނަމަ، އެއަށް މަރުޙަބާ ކިއުމަކީވެސް މާތް ސިފައެއްކަމެވެ.
އަޞްޙާބު ބޭކަލުންގެ ތެރެއިން ބޭކަލަކު ވިދާޅުވެފައިވެއެވެ. [ މުޙައްމަދުގެފާނަށް ވުރެން ބޮޑަށް އަޞްޙާބުންނާއި ޚިޔާލުބަދަލުކޮށް މަޝްވަރާ ހޯއްދަވާ ބޭކަލަކު ދުވަހަކުވެސް ތިމަންމެން ނުދެކެމެވެ. ]
މުޖުތަމަޢުގެ ކަންތައްތަކުގެ އިތުރުން ދައުލަތް ހިންގުމުގައި މާތްވެގެންވާ އިސްލާމް ދީނުގެ އުޞޫލަކީވެސް މަޝްވަރާގެ ނިޒާމެވެ. މަޝްވަރާއަކީ މުހިއްމު އެއްޗެކެވެ. މަޝްވަރާއެއްނެތި ކަންތައްކުރުމަކީ އޭގޭ ނަތީޖާއާމެދު ސުވާލު އުފެދޭކަންކަމެވެ. އަދި ކަންކަމަށް ފާޑު ކިއުމަކީ ވެސް ކުރިއަރައި ތަހުޒީބުގެ ތެރެއަށް ވަނުމުގެ ތަޅުދަނޑިއެވެ. މިތަޅުދަނޑިން ހުރަސް ދޮރުފަތްތައް ހުޅުވިގެންދާނީ ފާޑުކިއުންތައް ބަލައިގަތުމުންނެވެ.
އިސްލާމީ ޝަރީޢަތުގައި ދައުލަތް ހިނގުމުގެ ނިޒާމު ބިނާވެގެންވަނީ މަޝްވަރާގެ މަތިވެރި އުޞޫލުތަކުގެ މައްޗަށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. فَبِمَا رَحْمَةٍ مِّنَ اللَّـهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّـهِ ۚ إِنَّ اللَّـهَ يُحِبُّ الْمُتَوَكِّلِينَ ﴿١٥٩﴾ ( آل عمران: 159)މާނައީ:[ އެބައިމީހުންނަށް ކަލޭގެފާނު އޯގާތެރިވެވަޑައިގަތީ މާތް ﷲ ގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލްޤުފުޅު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވީނަމަ، ކަލޭގެފާނުގެ އަރިހުން އެބައިމީހުން ދުރުހެލިވެގެން ހިގައްޖައީހެވެ. ފަހެއެބައިމީހުންނަށް މަޢާފު ކުރައްވާށެވެ. އަދި އެބައިމީހުންގެ ފާފަ ފުއްސެވުމަށް އެދި ﷲ އަށް ދުޢާކުރައްވާށެވެ! އަދި މަޝްވަރާކުރެއްވުމަށް ބޭނުންފުޅުވާ ކަންކަމާމެދު އެބައިމީހުންނާ ކަލޭގެފާނު މަޝްވަރާ ކުރައްވާށެވެ. މަޝްވަރާކުރެއްވުމަށްފަހު ކަމެއްކުރެއްވުމަށް ކަލޭގެފާނު ޢަޒުމު ކަނޑަ އަޅުއްވައިފިނަމަ، މާތް ﷲ އަށް ވަކީލު ކުރައްވައި އެކަމެއްކުރެއްވުމުގައި ކުރިއަށް ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެ އަށް ވަކީލު ކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެން ވެއެވެ. ]
އަދި މުއުމިނުންގެ ސިފަތައް ބަޔާންކުރައްވަމުން ވަޙީކުރައްވާފައިވެއެވެ. وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣٨﴾( الشورى:38 ) މާނައީ: [ އަދި، އެބައިމީހުންނަކީ، އެބައިމީހުން ހައްދަވާބޮޑުކުރެއްވި ރަސްކަލާނގެ ޙަޟުރަތަށް ކިޔަމަންތެރިވެ އިޖާބަދީ، ނަމާދުގެ ވަގުތުގައި ނަމާދު ޤާއިމުކުރާ މީހުންނެވެ. އަދި އެބައިމީހުންގެ މެދުގައި، ކަންތައްތައް ކުރުން އޮތީ މަޝްވަރާގެ މަތިންނެވެ. އަދި ތިމަން ﷲ އެބައިމީހުންނަށް ދެއްވި ރިޒުޤުން ﷲ ގެ މަގުގައި އެބައިމީހުން ހޭދަކޮށް އިންފާޤު ކުރަތެވެ. ] ކުރީ އާޔަތުގައި އެވަނީ މާތް ނަބިއްޔާއަށް އައިސްފައިވާ އަމުރެކެވެ. ދެވަނަ އާޔަތުގައިވަނީ އެބަޔާންކުރައްވަނީ މުއުމިނުންގެ ސިފައެވެ.
ކީރިތި ރަސޫލާގެ ސުއްނަތައް ނަޒަރު ހިނގާލުމުން މަޝްވަރާގެ ނިޒާމު ވަރަށް ފުރިހަމައަށް ބަޔާންކުރައްވާފައިވެއެވެ. ބަދުރު ހަނގުރާމަ ކުރެއްވުމަށާއި، ބަދުރުގެ އަސީރުންގެ މައްސަލައިގައްޔާއި، އުޙުދު ހަނގުރާމައަށް ނިކުމެވަޑައިގަތުމުގައި އަޞްޙާބުންގެ މަޝްވަރާ ހޯއްދަވާފައިވެއެވެ.
އަދި ހަމަ އެހެންމެ އަޙްޒާބު ހަނގުރާމައިގައިވެސް މަޝްވަރާ ހޯއްދަވާފައިވެއެވެ. އަދި ދައުލަތް ހިނގުމުގެ ކަންކަމުގައި އަބޫބަކުރުއްޞިއްދީޤާއި، ޢުމަރުލްފާރޫޤުގެ މަޝްވަރާ ވަރަށް ގިނަ ގިނައިން ހޯއްދަވާކަމުގައި ވިއެވެ. އަދި ސަރަޙައްދުތަކަށް ސަފީރުން ފޮނުއްވުމުގައިވެސް ފޮނުއްވާ ބޭކަލުންނާމެދު، މިދެބޭކަލުންގެ މަޝްވަރާ ހޯއްދަވަތެވެ.
ކީރިތި ރަސޫލާއަށް ފަހުގައި މަޝްވަރާގެ މަޖްލިސްތައް ފުޅާވެގެންދިޔައެވެ. އެއީ ނަބަވީ ޙަޔާތައް ފަހު ދެން ވަޙީއެއް ނާންނާނެތީއެވެ. މިހެންކަމުން ހުރިހާ ޚަލީފާއިންވެސް އަޞްޙާބު ބޭކަލުންގެ ތެރެއިން އިސް ބޭކަލުންނާއި، ޤަބީލާތަކުގެ ވެރިންނާއި، ޢިއްޒަތްތެރިންގެ މަޝްވަރާހޯއްދަވަތެވެ. އަދި ވަކިން ޚާއްޞަކޮށް ކީރިތި ޤުރްއާނާއި ނަބިއްޔާގެ ސުއްނަތުން އެބައިމީހުންނަށް ނައްޞެއް ފެންނަން ނުވާ ކަންކަމުގައި މަޝްވަރާތައް ގިނަ ކުރައްވައެވެ.
މިގޮތުން އަބޫބަކުރުގެފާނުގެ ޒަމާނުގައި ޤުރްއާން އެއްފޮތަކަށް ޖަމަޢަކުރެއްވުމުގައްޔާއި، މުރުތައްދުވީ މީހުންނާ ކުރެއްވި ހަނގުރާމަތަކުގެ މައްސަލައިގައްޔާއި، ޢިރާޤުން ފަތަޙަވި ބިންތައް ހަނގުރާމަވެރިންގެނަށް ބެއްސެވުމުގެ މައްސަލައިގައި އަޞްޙާބު ބޭކަލުންގެ މަޝްވަރާ ހޯއްދެވިއެވެ.
No comments:
Post a Comment