Friday, October 19, 2012

#

އިސްލާމީޝަރީޢަތުގައި ވެރިކަމުގެދައުރު

އިސްލާމީ ޝަރީޢަތުގައި ދައުލަތެއް ހިނގުމުގެ ނިޒާމުލައްވައި، އެދައުލަތުގެ ވެރިޔާއަށް ޢިއްޒަތާއި، ޤަދަރާއި، މަތިވެރިކަން ދެއްވާފައިވަނީ ބިންމަތީގައި ﷲ ގެ ޝަރީޢަތް ޤާއިމު ކުރުމަށެވެ. އަނިޔާވެރިކަން ނައްތާލުމަށެވެ. މިހެންކަމުން ވެރިކަމުގެ ދައުރު ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރެއްވިއެވެ: الَّذِينَ أُخْرِ‌جُوا مِن دِيَارِ‌هِم بِغَيْرِ‌ حَقٍّ إِلَّا أَن يَقُولُوا رَ‌بُّنَا اللَّـهُ ۗ وَلَوْلَا دَفْعُ اللَّـهِ النَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَامِعُ وَبِيَعٌ وَصَلَوَاتٌ وَمَسَاجِدُ يُذْكَرُ‌ فِيهَا اسْمُ اللَّـهِ كَثِيرً‌ا ۗ وَلَيَنصُرَ‌نَّ اللَّـهُ مَن يَنصُرُ‌هُ ۗ إِنَّ اللَّـهَ لَقَوِيٌّ عَزِيزٌ ﴿٤٠﴾ الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْ‌ضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُ‌وا بِالْمَعْرُ‌وفِ وَنَهَوْا عَنِ الْمُنكَرِ‌ ۗ وَلِلَّـهِ عَاقِبَةُ الْأُمُورِ‌ ﴿٤١﴾ (الحج:40-41 ) މާނައީ : [ އަދި ހަމަކަށަވަރުން ﷲ އަށް ނަޞްރުދޭ މީހަކަށް އެކަލާނގެ ނަޞްރު ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން ﷲ އީ ބާރުވެރިވަންތަ ގަދަފަދަވަންތަ ރަސްކަލާނގެކަންކަށަވަރެވެ. އެބައިމީހުންނީ، ތިމަން ﷲ އެބައިމީހުން ބިމުގައި ބާރުވެރިކުރައްވައިފި ހިނދު ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށް އުޅޭމީހުންނެވެ. ކަންކަމުގެ ނިމުންވަނީ ﷲ ގެ ޙަޟްރަތަށެވެ.]

މުޙައްމަދުގެފާނު ނަބީކަމާއިގެންވަޑައިގެން، ތޭރަވަރަކަށް އަހަރު މައްކާގައި އުޅުއްވިއެވެ. އަދި، އެދުވަސްވަރު މަސައްކަތްޕުޅު ކުރައްވާފައިވަނީ، މީސްތަކުންގެ ޢަޤީދާ ހަރުދަނާ ކުރެއްވުމަށެވެ.

ނަމަވެސް ހިޖުރައަށް ވަޑައިގަތުމަށްފަހު، މަދީނާގައި އިސްލާމީ ދައުލަތް އިޢުލާންކުރެއްވިއެވެ. އަދި ދީން ޤާއިމު ކުރެއްވިއެވެ. ﷲގެ ޝަރީޢަތް ތަންފީޒު ކުރެއްވިއެވެ. ޢަދަލުވެރިކަން ފެތުރުއްވިއެވެ. ބިންމަތި ޝިރުކުގެ ނުބައިކަމާއި، އަނިޔާވެރިކަމުން ޠާހިރުކުރެއްވުމަށް ހަނގުރާމަތައް ކުރެއްވިއެވެ.

ޙަޤީޤަތަށް އެނބުރިދާއިރު ވެރިކަމުގެ ނުވަތަ ( ޚިލާފަތުގެ) މާނައަކީ ނިޔާބަތު ކަމުގައި ނޫނީ ނުވާނެއެވެ. އެއީ ނައިބުކަމެވެ. ޚަލީފާ އަކީ ނައިބެވެ. އަރަހުށި ﷲ ގެ މަތިވެރި ޙުކުމްތައް ބިންމަތީގައި ތަންފީޒުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ނާއިބެވެ. ޚަލީފާ އެވެ. އިސްލާމީ ޝަރުޢުގައި ވެރިކަމަކީ، ދީން ޙިމާޔަތްކުރުމަށާއި، ދުނިޔޭގެ ކަންތައްތައް އިޞްލާޙުގެ މަގުން ހިންގުމަށްޓަކައި ޝަރުޢުކުރެވިފައިވާ އެންމެ ބާރުގަދަ ވަސީލަތެވެ.

ދާވޫދުގެފާނަށް މާތް ﷲ ވަޙީ ކުރަށްވާފައިވާ ބަސްފުޅުގައި މިފަދައިން އައިސްފައިވެއެވެ. يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الْأَرْ‌ضِ فَاحْكُم بَيْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعِ الْهَوَىٰ فَيُضِلَّكَ عَن سَبِيلِ اللَّـهِ ۚ إِنَّ الَّذِينَ يَضِلُّونَ عَن سَبِيلِ اللَّـهِ لَهُمْ عَذَابٌ شَدِيدٌ بِمَا نَسُوا يَوْمَ الْحِسَابِ ﴿٢٦﴾ (ص: 26 ) މާނައީ:[ އޭދާވޫދެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބިމުގައި ޚަލީފާއެއް ކަމުގައި، ކަލޭގެފާނު ލެއްވީމެވެ. ފަހެ ކަލޭގެފާނު މީސްތަކުންގެ މެދުގައި ޙައްޤު ގޮތުގައި ޙުކުމް ކުރައްވާށެވެ! އަމިއްލަ އެދުމަށް ކަލޭގެފާނު ތަބަޢަވެވަޑައިނުގަންނަވާށެވެ! ފަހެ އޭރުން ކަލޭގެފާނު މާތް ﷲގެ މަގުން އެއްކިބާކޮށްފާނެއެވެ. ހަމަކަށަވަރުން ﷲގެ މަގުން އެއްކިބާވާ މީހުން ދަންނާށެވެ! ޙިސާބު ބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެމީހުންނަށް ގަދަވެގެންވާ އަޛާބު ހުއްޓެވެ.]

މި ގޮތުން އިސްލާމީ ދައުލަތުގެ ޙާކިމަކީ ނައިބެވެ. އަސްލުވެރިފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަން ކަށަވަރެވެ. އެކަލާނގެ މުޙައްމަދުގެފާނަށް ވަޙީކުރައްވާފައިވެއެވެ: إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَ‌اكَ اللَّـهُ ۚ وَلَا تَكُن لِّلْخَائِنِينَ خَصِيمًا ﴿١٠٥
á ( النساء: 105 ) މާނައީ:[ ހަމަކަށަވަރުން ޙައްޤުގޮތުގައި ތިމަންﷲ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ ކަލޭގެފާނަށް ﷲ ދައްކަވާފައިވާގޮތުގެމަތީން މީސްތަކުންގެ މެދުގައި ޙުކުމްކުރެއްވުމަށެވެ. ޚިޔާނާތްތެރިންގެ ދިފާޢުގައި ވަކާލާތުކުރައްވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ!]

އިސްލާމީ ދައުލަތުގެ ޙާކިމުގެ ވާޖިބުތަކަށް ނަޒަރު ހިންގާލާ އިރު އޭނާ އަކީ، ދީނާއި، ދުނިޔޭގެ ކަންތައް އިސްލާޙު ގެ މަގުން ހިންގުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ ފަރާތެވެ. މި މިނިވަން ކަން ބިނާވެގެންވަނީ، އިންސާނީ ކަރާމާތާ، އަދުލުވެރިކަމާއި، މުޖުތަމަޢުގެ ޞުލްޙަމަޞްލަޙަތުގެ މައްޗަށެވެ.

އިސްލާމީ ދައުލަތުގެ މަޞްލަޙަތު ހުރި ކޮންމެ ކަމެއްގައި ޝަރުޢުގެ ހަމަތަކާއި ޚިލާފުނުވާ ގޮތަށް ޤާރާރު ފާސްކުރުމުގެ ފުރިހަމަ މިނިވަންކަމާ، އާރާ ބާރު ޙާކިމަށްލިބިގެންވެއެވެ.

އަދި މިއާ އެކު މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ ﷲ ގެ ރުހި ވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރުމަށް ވެސް އޭނާ އަށް ބާރު އަޅުއްވާފައިވެއެވެ.

މިގޮތުން ޤިޔާމަތްދުވަހު، ﷲ ގެ ޢަރްޝީގެ ހިޔާވަހިކަންނޫން އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާ އެ ބިރުވެރި ދުވަހުގައި އަރުޝީގެ ހިޔާވަހިކަން ލިބޭ ހަތްބައިގެ ތެރޭގައި އެންމެ އިސްބަޔަކީ ޢަދުލުވެރި ވެރިން ކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

އަދި ﷲ ގެ އަމުރުފުޅާއެއްގޮތަށް އަމަލުކުރާވެރީންގެ ޤަދަރު އުފުއްލަވައި، އެފަދަވެރީންނަށް ކިޔަމަންގަތުން އެއީ އީމާންކަމުގެތެރެއިން ވާކަމެއްކަމުގައި ލައްވައި، އެބައިމީހުންނަށް ކިޔަމަންގަތުން ﷲ އާއި ރަސޫލާއަށް ކިޔަމަންގަތުމާއެކު ޝާމިލްކުރެއްވިއެވެ.

މިހެންކަމުން ﷲ ގެ ރުހިވޮޑިގަތުންވާ ކޮންމެ ކަމެއްގައި ވެރިމީހާ އަށް ތަބަޢަވުމަކީ ދީނުގައި އަމުރު ކުރެވިގެންވާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ: يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّ‌سُولَ وَأُولِي الْأَمْرِ‌ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُ‌دُّوهُ إِلَى اللَّـهِ وَالرَّ‌سُولِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ‌ ۚ ذَٰلِكَ خَيْرٌ‌ وَأَحْسَنُ تَأْوِيلًا ﴿٥٩﴾ ( النساء: 59 ) މާނައީ : [ އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ޙައްޤަށް ތަބާވުމަށް އަމުރުކުރާ ދަންނަބޭކަލުންނަށާއި، ﷲ އަށް ކިޔަމަންވުމަށާއި، ދުނިޔަވީ ކަންކަމުގައި ޢާއްމު މަޞްލަޙަތު ރިޢާޔަތްކޮށް ތިޔަބައިމީހުންގެ ވެރިންކުރާ އަމުރަށް ކިޔަމަންވާށެވެ! ފަހެ ދީނާއި ދުނިޔޭގެ ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުގައި އެކަމަކާމެދު ޙުކުމް އޮތް ގޮތް ބަލައި އެއާ އެއްގޮތަށް ޢަމަލުކުރާށެވެ! ތިޔަބައިމީހުން ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާކަމުގައިވަނީ ނަމަ އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ. ]

އެކަމެއްގެ ސަބަބުން ﷲ އަށް އުރެދުމެއްވާ އެއްވެސް ކަމަކަށް އަމުރު ކުރެވިއްޖެނަމަ އެ ކަމަކަށް ތަބަޢަވުމުގައި ވެރިމީހާ އާ، ތިމާމެންގެ ފާފަތައް ބޮޑުނުކުޅައުންހުއްޓެވެ.

ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ބަސްފުޅެއްގެ މާނައިގައިވެއެވެ. [ ޚާލިޤުވަންތަ ﷲ އަށް އުރެދުންވާ ކަމެއްގައި އެއްވެސް މަޚްލޫޤަކަށް ކިޔަމަންތެރިވުމެއްނުވެއެވެ.] އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ ( إِنَّماَ الطَّاعَةُ فِيْ الْمَعْرُوْفِ) - رواه البخاري و مسلم – މާނައީ:[ކިޔަމަންގަތުން ވާކަންކަށަވަރީ ހެޔޮ ކަންތަކުގައެވެ.]

އިސްވެބަޔާންވެދިޔައީ އިސްލާމީ ޝަރީޢަތުގައި ވެރިކަމުގެ ދައުރާއި، ވެރިކަން ލެއްވިގެންވާ މަޤްޞަދެވެ. އެއިން އެނގި ފާޅުވެގެންދަނީ ފަސާދަ ނައްތާލުމަށް ބާރު އަޅައި އެކަން ކުރުމަކީ އެންމެ ފުރަތަމަ އެމުޖުތަމަޢެއްގެ ވެރިކަމުގެ ޒިންމާއެއްކަމެވެ. މުންކަރާތްތައް ނަހީކުރުމަކީ އެއްމެފުރަތަމަ ވެރިކަމުގެ ވާޖިބެއްކަމެވެ. ޢަދުލުވެރިކަން ޤާއިމުކުރުމަކީ އެއްމެ ފުރަތަމަ ވެރިކަމުގެ ޒިންމާއެއްކަމެވެ.

ﷲ އެކަލާނގެ އިރާދަކުރެއްވި ބަޔަކަށް ވެރިކަން ދެއްވައި ޢިއްޒަތްތެރި ކުރައްވައެވެ. އެއީ އިސްވެދިޔަފަދައިން އެކަލާނގެ ދީނުގެ ޙުކުމްތަކާއި ޝިޢާރުތައް ބިންމަތީގައި ޤާއިމްކުރުމަށެވެ. ނަމާދު އޭގެވަގުތުގައި އަދާކުރުމަށާއި، އެހެންމީހުންނަށް އެނަމާދު އަދާކުރުމަށް ގޮވާލުމަށެވެ. އަދި ޙައްޤުގޮތުގައި ޒަކާތްދިނުމަށާއި، މީހުންގެ އަތުން ޒަކާތްނަގައި އޭގެ ޙައްޤުވެރިންނަށް ޙަވާލުކޮށް ދިނުމަށެވެ. ހެޔޮކަންތައްތަކައް އަމުރުކުރުމަށާއި، ނުބައިވެގެންވާ ކަންތައްތައް ނަހީކުރުމަށެވެ. މިފަދަ މީހުންނަށް ﷲ ނަޞްރު ދެއްވާނެ ކަމަށް ވަޢުދުވެ ވޮޑިގެންފައިވެއެވެ.

ހަމަ މިއާއެކު އެކަލާނގެ އިރާދަކުރެއްވި ބައެއްގެ އަތުން ވެރިކަން ހިއްޕަވައި ނިކަމެތި ކުރައްވައެވެ. އެއީ އެކަލާނގެ އެނގެވިމަގުން އެއްކިބާވެގަތުމުންނެވެ. އެފަދަ މީހުންނަށް ދެދުނިޔޭގައިވަނީ ވޭނާއި ހިތިކަމެވެ.

މަސްދަރު: "ދީނާއި ދުނިޔެ" އައްޝައިޙް މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ، 28 އޮކްޓޫބަރ 2007

No comments:

Post a Comment