Wednesday, March 21, 2012
ދުނިޔޭގައި ހިނގާ ކަންތައްތަކުގެ ތެރެއިން އެކަކަށްވެސް އެކަމަކާއިމެދު
އިންކާރުނުކުރެވޭނެ ކަމަކީ މަރުކަން ކަށަވަރެވެ. ކޮންމެ މީހަކީވެސް މަރުވެ،
މިދުނިޔެ ދޫކޮށްދާނެ މީހެއްކަމީ ހަޤީޤަތެކެވެ. ދުނިޔޭގައި ހިނގަމުންދާ
އެއްވެސް ކަމަކީ ބޭކާރު ތާކުންތާކު ނުޖެހޭ ގޮތަކަށް ހިނގާކަމެއް ނޫނެވެ.
އެގޮތުން މަރަކީވެސް އޭގެ ފަހަތުގައި ސިއްރުތަކަކާއި، ހިކުމަތްތަކެއް
ފޮރުވިފައިވާކަމެކެވެ. މަރުވުމުގެ ހިކުމަތަށް ބާލާއިރު ކީރިތި ޤުރުއާނުގައި
މާތްﷲ ވަޙީކުރައްވަނީ: الذي خلق الموت والحياة ليبلوكم أيكم أحسن عملاً
މާނައަކީ: "އެކަލާނގެ އެއީ ތިޔަބައި މީހުންގެތެރެއިން ރަނގަޅު
އަމަލުތައްކުރާ ބަޔަކީ ކޮބައިކަން އިމްތިހާން ކުރެއްވުމަށްޓަކައި، މަރާއި
ދިރިހުރުން އުފެއްދެވި ކަލާނގެއެވެ."
ބައެއްމީހުން ހީކުރާހެން، މަރަކީ ހަމައެކަނި ނެތި ދިއުމެއް ނުވަތަ
ފަނާވުމެއްނޫނެވެ. އިންސާނާ މިދުނިޔެއަށް އައުމުގެ ކުރިންވެސް ތަފާތު
މަރުހަލާތަކެއް ކަޑައްތުކުރާހެން މަރަކީ އެއް ހާލުން އަނެއް ހާލަށް، އެއް
މަރުހަލާއިން އަނެއް މަރުހަލާއަށް، އެއް ގޮވަތިން އަނެއް ގޮވައްޗަށް
ބަދަލުވުމެކެވެ. ޢުމަރު ބިން ޢަބްދުލް ޢަޒީޒް ވިދާޅުވެފައިވަނީ: ''ކަލޭމެން
ހެއްދެވުނީ އަބަދަށްޓަކައެވެ. އެކަމަކު އެއް ގޮވަތިން އަނެއް ގޮވައްޗަށް
ބަދަލުކުރެވެނީއެވެ.''
ވަރަށްވެސް ބޮޑުތެދުފުޅެކެވެ. މިދުނިޔެ ދޫކޮށްފައި ދިއުމުން އޮތް
އުޚްރަވީ ދުނިޔެއަކީ ދުވަހަކުވެސް ނިމުމެއްނެތް ތަނެކެވެ. ސުވަރުގެއަށް
ވަންނަ މީހުން ސުވަރުގޭގައެވެ. ނަރަކައަށް ވަންނަ މީހުން އެނޫން ގޮތެއް ﷲ
އިރާދަ ކުރައްވަންދެން އެތާނގައެވެ. މައްޔިތާ ކަށްވަޅުގައި އޮންނައިރުވެސް
އޭނާވާނީ، ރަނގަޅު މީހެއްނަމަ ޘަވާބު، ނުބައި މީހެއްނަމަ އަޒާބު
ލިބިލިބިއެވެ. ހަށިގަނޑު ބަލާބެލުމަށް ފަނާވެ ވެއްޔާއި މޮޑެވިދިޔައަސް
ކަންތައްވާގޮތަކީ މިއީކަން، ކީރިތި ޤުރުއާނާއި ރަސޫލާގެ ޙަދީޘްފުޅުތަކުން
ސާބިތުވެއެވެ.
ދުނިޔެއިން އެކަކުވެސް މަރުނުވާނަމަ ވާނީ ކިހިނެއްތޯއެވެ؟ އޭރަށް
ދުނިޔެއިން ދުވަސް ހިނގަމުންދާވަރަކަށް އިންސާނީ ނަސްލު ދާނީ
އިތުރުވަމުންނެވެ. އެންމެންވެސް ދުނިޔެއަށް އަންނާނީއެވެ. އެނބުރިދާނެ
އެކަކުވެސް ނެތުމުން، އާބާދީ ބޮޑުވެ، ދުނިޔޭގައިވާ ކާނާ ހުސްވެ،
ބިންހުސްވެ، މަގުތައްވެސް އޮންނާނީ، މިހާރު ދުއްވާތަކެތިން ތޮއްޖެހިފައި
އޮންނަހެން، މީހުންނާއިހެދި ތޮއްޖެހިފައެވެ. މިސާލަކަށް ކުރީޒަމާނެއްގައި
ހުރި ތަކުރު ކިޔާމީހެއް ނަގަމާތޯއެވެ؟ އޭނާ ދުނިޔޭގައި އުޅުނީ މީގެ އެއް
މިލިއަން އަހަރުކުރިންކަމަށް ބައްލަވާށެވެ. ތިބީ ދިހަ ދަރިންނެވެ. އެ ދިހަ
ދަރިންނަށް، ތަކުރުގެ ކާފަދަރިންގެ ގޮތުގައި ފަންސާސް ކުދިން ލިބިއްޖެއެވެ.
އެހެން ގޮސް ތަކުރުގެ ނަސްލު އިތުރުވަމުން ދިޔައެވެ. ދުވަހަކުވެސް
އެކަކުވެސް މަރެއް ނުވެއެވެ. ހައްތަހާވީ އިތުރެވެ. ދެން މިއަދާއި ހަމައަށް
ބަލާއިރު ތަކުރުގެ ނަސްލުން ކިތައް މިލިއަން އާދަމުގެދަރިން އައިސްފައި
ތިބޭނެހެއްޔެވެ؟ އޭރުވެސް ދުނިޔޭގައި އެކަހަލަ ކިތައް ތަކުރު
އުޅޭނެހެއްޔެވެ؟ މީ ހަމަ ވާނެގޮތުގެ ޚިޔާލީ މިސާލެކެވެ.
ބިމަކީ ކަނޑައެޅިގެން ވަކި ބޮޑު މިނަކަށް އޮންނަ ތަނެކެވެ. މީހުންގެ
އަދަދަށް ވަކި ހައްދެއްނެތެވެ. އޭރަށް ހަމަގައިމުންވެސް ބިންފުރޭނެއެވެ.
ދުނިޔޭގައި އަދި އެތަކެއް ޖަނަވާރަކާއި، ސޫފާސޫފިވެސް އުޅޭނެނޫންތޯއެވެ؟
އެއިން އެއްޗެއްވެސް މަރުނުވެއެވެ.
މީހުންނަށް ނުކުޅަދާނަވާވަރަށް ކަންތައް ދިއުމުން ދެން ޖެހޭނީ
އެޤައުމެއްގެ އިސްމީހުން އެއްވުމެއް ބާއްވައިގެން، ކޮންމެވެސް ބަޔަކު
ނައްތާލާށެވެ. ކޮންމެ އަހަރަކުވެސް ވަކިވަރަކަށެވެ. އެކަމަކު އޭރަށް
ދިމާވާނެ މައްސަލައަކީ މަރާލެވޭނެ މީހާ އިޚްތިޔާރު ކުރާނީ
ކިހިނެއްހެއްޔެވެ؟ ކޮންމެ އާއިލާއަކުންވެސް މީހަކު ނަގާނީހެއްޔެވެ؟
އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ތިބިނަމަ އެއިން ކޮން
ކުއްޖެއްހެއްޔެވެ؟ ބައިވަރު ކުދިންތިބިނަމަ ޤުރުބާން ކޮށްލާނެ ވަކި
ކުއްޖަކު ހޮވަން، މަންމައަކަށް ނުވަތަ ބައްޕައަކަށް އެނގޭނެހެއްޔެވެ؟
ނޫނީ ދެން އޮތީ ގުރުލައިގެން ހޮވުމެވެ. އެހެން ހޮވައިގެން ވެސް މަރަން
ބަލާއިރު، އިންސާނާއަކީ ތަބީއަތުގައި މަރުނުވާ އެއްޗެއްނަމަ ދެންހަދާނީ
ކިހިނެއްހެއްޔެވެ؟ ބަލިވީމައިވެސް އެވޭނުގައި ނިމުމެއްނެތް ގޮތުގައި
ދެމިއޮތުން، އެބަލީގައި މަރުވުމަށްވުރެ ރަނގަޅުވާނެހެއްޔެވެ؟ މަރުނުވާނަމަ
ބައްޕަ ނުވަތަ މަންމަގެ މުދާ ދަރިންނަށް ވާރުތަވާނީ ކިހިނެއްހެއްޔެވެ؟
އެހެންމީހަކަށް ދޭނެއެއްޗެއް އެއްވެސް މީހެއްގެ އަތުގައި އޭރަކު
ނުހުންނާނެއެވެ. އެންމެންވެސް އަމިއްލަ އަމިއްލައަށް ނިމުމެއްނެތް
މުސްތަޤުބަލަށް އެއްޗެހި ރައްކާކުރާނީއެވެ. ދުނިޔޭގައި އަނިޔާލިބޭ
މީހުންނަށް، ނިޔާ ހޯދޭނީ ކިހިނެއްހެއްޔެވެ؟ ފަޤީރުމީހާ އަބަދު އަބަދަށް
ފަޤީރުކަމުގައި، ބަލިމީހާ ބަލިކަމުގައި، ހިތާމަވެރިއާ އެ ހިތާމައިގައި
ދެމިހުރުން އެއީ ހަމަޖެހޭ ގޮތެއްހެއްޔެވެ؟
ތަބީޢީގޮތުން އިންސާނާ މަރުވުން މިހުރިހާ ކަމެއް ހައްލުކޮށްދެއެވެ.
މީހަކު ކުރާނެ ޝަކުވާއެއް ނޯންނަ ފަދައަކުންނެވެ. މުއުމިނެއްނަމަ
އޭނާއެމަރުވަނީ ﷲ ގެ ތަޤުދީރުންކަން ޤަބޫލުކުރާނެއެވެ. އަދި އޭނާ އެދަނީ
އެކަލާނގެ ހަޟުރަތަށްކަން އެނގުމުން އުފާވާނެއެވެ. އޭނާ ދުނިޔެއަށް އައީ
ކުޅޭކުޅޭ ގޮތަކަށް ނޫންކަން ޔަޤީންވާނެއެވެ. އަދި ދުނިޔޭގައި ހުންނައިރު
އޭނާއަކީ ކޮންމެ ވަގުތެއްގައިވެސް މަރުވެދާނެ މީހެއްކަމާއި ވީމާ މަރުދެކެ
ބިރުނުގަނެ، މަރަށް ތައްޔާރުވެހުރުން ބުއްދިވެރިވާނެކަން އެނގޭނެއެވެ.
މަރަކީ އެއްވެސް މީހަކަށް، އެއަންނާނެ ވަގުތު އެނގޭ އެއްޗެއް ނޫނެވެ. އަދި
މަރުވާނެ ތަނަކާއި މަރުވާނެ ގޮތެއްވެސް ނޭނގޭނެއެވެ. މަރަކީ އަހަރެމެންނާއި
އެންމެ ކައިރި އެއްޗެވެ. ކޮންމެ މީހަކުވެސް ކޮންމެ ވަގުތަކުވެސް
މަރުވެދާނެއެވެ. މަރަކީ އޭގެ ރަހަ ކޮންމެ މީހަކުވެސް ބަލާނެ އެއްޗެކެވެ.
މޮޅެތި މީހުންނާއި ދެރަމީހުން، މުއްސަދިންނާއި ފަޤީރުން، ކުޑަކުދިންނާއި
ބޮޑެތިމީހުންވެސް މަރުވާތަން އަހަރެމެން އެންމެންނަށްވެސް ފެނެއެވެ. ވީމައި
ބުއްދިވެރި ގޮތަކީ މަރަށް ބިރުނުގަނެ އެއަށް ތައްޔާރުވެ ހުރުމެވެ.
މަމީ ޝިހާދު
ތިހުއްޓު މަފޮޓޯއާ. ކަންނެ ބޮންނެ މަކެރެނެ މަސައްކަދާއްކޫ ރާވޭ ސިމެންތިޖެހުމާ. މާއްކޫ ޤާނޫނީ ވަކީލެކެ އަދި ލެޔެނާ މީހެކެ. މީގެ އިތިއްރެޓެ ކަމެކެ ސާފުކޮށްލެންނެ ބޭނުންފެހޭ ފޭސްބުކުން މެސެޖެކެ ކޮށްލަ، އެވޭލެ އައިކެ ޖަވާބެ ދެންނިން
އަޤީދާ
Labels:
އަޤީދާ
Subscribe to:
Post Comments (Atom)
No comments:
Post a Comment