ދިވެހި ރައްޔިތުންނޭވެ! މި ދުވަސްކޮޅަކީ މާގިނައިން ދީނީ މިނިވަންކަމުގެ ވާހަކަތަކެއް ދެކެވޭ ދުވަސްވަރެކެވެ. މީހަކު އައިސް ހަމަ އެހެން ދައްކާ ވާހަކައަކުން އަޅުގަނޑުމެންގެ ޢަޤީދާ އަށް ބަދަލު އައިސްގެން ނުވާނެއެވެ. އެގޮތަށް ތަންތަނަށް މީހުން އަންނާނެއެވެ. އެއީ ވެސް ދުނިޔޭގައި އުޅޭ ބަޔެކެވެ. އެމީހުންގެ މަސައްކަތަކީ އެއީއެވެ. އެމީހުންގެ ވާހަކަތަކަށް އަޅުގަނޑުމެން ހެއްލެން ވެއްޖެނަމަ، އެމީހުންނަށް ވުރެން އަޅުގަނޑުމެން ނުބައިވީއެވެ. އަޅުގަނޑުމެންނަކީ އެހާދެރަ ނިކަމެތި އަޤީދާއެއްގެ ވެރިބައެއްނޫނެވެ. އިރާދަކުރެއްވިއްޔާ އެހެން އަދި ދައްކާ ވާހަކައަކުން ދިވެހިންގެ އިސްލާމީ ޢަޤީދާ އަށް ލޮޅުމެއް ނާރާނެއެވެ.
ދިވެހިރައްޔިތުންނޭވެ! މިދިޔަމަހުގައި ނިމިގެން އެދިޔައީ މިނިވަން ދުވަހެކެވެ. ޙަޤީޤީ މިނިވަންކަމަކީ ފަހެ ކޮބައިތޯއެވެ؟ އެއީ ހަމަ އެކަނި ޖޯގްރަފީގޮތުން ޤައުމުގެ އިން ވަކިކޮށް ،އިންފާރުލައި ކުލަކުލައިގެ ދިދައެއް ނެގުމުގެ ޙައްޤުލިބިގަތުންހެއްޔެވެ؟
އާދެ! ޝައްކެއް ނެތްގޮތުގައި އެއީ ހަޤީޤީ މިނިވަންކަމެއް ކަމުގައި އަޅުގަނޑު ނުދަންނަވާނަމެވެ. އަޅުގަނޑުގެ ނަޒަރުގައި ޙަޤީޤީ މިނިވަންކަމަކީ އަޅުގަނޑުމެންގެ ދިވެހި ޤައުމުގެ ދީނާއި، ފިކުރާއި، ޘާޤާފަތާއި، އަޚްލާޤު އިސްތިޢުމާރުގެ އޮއިވަރުން ސަލާމަތްކޮށް، މުސްތަޤިއްލު އުންމަތެއްގެ ގޮތުގައި އޮތުމެވެ. ޖޯގްރަފީގޮތުން މިނިވަންވެ . ތިމާމެންގެ ދީނާއި ޘަޤާފަތާއި އަޚްލާޤު އެހެންބައެއްގެ އިސްތިޢުމާރުގެ ދަށަށް ދޫކޮށްފައިވާ ބަޔަކީ ޙަޤީޤީ މިނިވަނުންކަމުގައި އަޅުގަނޑުމެން ނުދެކެވެ.
މިއަދު އަޅުގަނޑުމެންގެ ޤައުމަށް ކުރިމަތިވެފައިވާ އެއް ގޮންޖެހުމަކީ މިޤައުމުގައި އިންސާނީ ޙައްޤުގެ ނަމުގައި އެހެނިހެން ދީންތަކަށް މިނިވަކަންދިނުމަށް ހުޅަނގުން މަސައްކަތްކުރެވުމެވެ.
ދީނީ ގޮތުން މިނިވަންކަންލިއްބައިދޭ ޤަރާރެއްގެ ވާހަކައެވެ. އެއީ ، 10 ޑިސެމްބަރ 1948 ގައި އދ . އިން ކަނޑައަޅާފައިވާ އިންސާނީ ޙައްޤުތަކުގެ ޢާންމު ޤަރާރުތަކުގެ ތެރެއިން ޤަރާރެކެވެ. ރާއްޖޭގައި ވަރަށް ފަހުންވަނީ އދ. ގެ އިންސާނީ ޙައްޤުތަކުގެ ޢާންމު ޤަރާރުތައް ދިވެހިބަހުން ތަރުޖަމާކޮށްބަހާފައެވެ. މިޤަރާރުތަކުގެ 16 – އަދި 18 ވަނަ މާއްދާގައި މާތްވެގެންވާ އިސްލާމްދީނުގެ އަޞްލު އުޞޫލުތަކާ ޚިލާފުވާފަދަ ވާހަކަތަކެެއްވެއެވެ.
މިޤައުމު އެހެނިހެން ދީންތަކުގެ ޝިކާރައަކަށް ވެގެންދާކަށް މިޤައުމުގެ ރައްޔިތުން ބޭނުމެއްނުވެއެވެ. މާތް ވެގެންވާ އިސްލާމްދީނަކީ ޙައްްޤުދީނެވެ. އިސްލާމީ މުޖުތަމަޢެއްގައި އެހެނިހެން ދީންތަކަށް ފުރްޞަތު ދިނުމަަށް ގޮވާލުމަކީ ބާޠިލު ނަޒަރިއްޔާއެކެވެ.
ދިވެހިރައްޔިތުން ﷲ އިރާދަކުރެއްވިއްޔާ އެއަށް ދޭނީ ބީރު ކަންފަތެކެވެ. ދިވެހިންގެ ޢަޤީދާއަށް ގުޑުން އަރުވާލުމަކީ ﷲ އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ނުވާނެކަމަކެކެވެ. ނަމަވެސް ޢަަޤީދާއަށް ކިލަނބުކަމެއް ނާންނާނެކަމަށް ބަލައި ޢަޤީދާއާ ފުށޫއަރާފަދަ ވާހަކަތައް ލިޔެ ބަހައި ހެދުމަކީ ތާކުންތާކުޖެހޭކަމެއްނޫނެވެ. އެއީ ޢަޤީދާ ކިލަނބުކޮށްލުމުގެ ވަސީލަތެކެވެ.
މުސްލިމުން ކަމުގައި ވިޔަސް މިހާރުގެ ޖީލު ތަރުއްބިޔަތުވެފައިވަނީ އިސްލާމީ ތަރުބިޔަތާ ވަރަށް ދުރުގައިކަމީ ޤަބޫލު ކުރަންޖެހޭނެ ޙަޤީޤަތެކެވެ. ވީމާ އެފަދަ ބާޠިލު ލިއުންތަކުގެ ސަބަބުން މިޖީލަށް އަސަރުކޮށްފާނެކަމުގެ ބިރު އެބައޮތެވެ. މިފަދަ ޤަރާރުތަކުގައި ސޮއި ކުރާއިރު އިސްލާމްދީނާއި ތަޢާރުޟްވާފަދަ ޤަރާރުތައް ބަލައިގަތުމަކީ ނުރައްކާކަމެކެވެ. އަދި މިފަދަ ޤަރާރުތައް ތަރުޖަމާކުރާއިރު ރާއްޖޭގެ ދީނާ އުސޫލުތަކާ ތަޢާރުޟްވާފަދަ މާއްދާތައް ތަރުޖަމާނުކޮށް އެމާއްދާއެއްގެ ނަމްބަރ ޖެހުމަށްފަހު ކައިރީގައި " ޤައުމީ ސަލާމަތައްޓަކައި ތަރުޖަމާނުކުރެވި " މިހެން ލިއުން ރަނގަޅުކަމުގައި ދެކެމެވެ. މިހެން މިދަންނަވަނީ އިސްލާމްދީނުގެ ޙައްޤުގައެވެ. އެއީ ޙައްޤުދީނެވެ. މިވާހަކަ ތަކުރާރުކޮށް އަޅުގަނޑުމެން ބުނަމެވެ. އެއީ އަންނަނިވި ކަންތައްތަކަށްޓަކައެވެ.
- އިސްލާމްދީނަކީ ބިންމަތީގައިވާ ޙައްޤުދީނެވެ. މިދީން ނޫން ދީނަކީ ޙައްޤު ދީން ކަމުގައި ބެލެވޭނެ އެއްވެސް ގޮތެއްނެތެވެ. އިސްލާމްދީންވަނީ އެހެނިހެން ޢަޤީދާތަކާ، ސަމާވީ އެހެނިހެން ޝަރީޢަތްތައް ނަސްޚުކޮށްފައެވެ. ﷲ އަށް އަޅުކަންކުރުމުގައި ތަބަޢަވެވޭނީ ހަމަ އެކަނި އިސްލާމް ދީނަށެވެ. ﷲ ގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ.
- ކިރިތި ޤުރްއާނަކީ ﷲ ގެ ކަލާމްފުޅެވެ. އެއީ ﷲ ބާވާލެއްވި އެންމެ ފަހުގެ ފޮތެވެ. އެފޮތް ބާވާލެއްވުމުން ތައުރާތާއި އިންޖީލު ވަނީ ނަސްޚުވެފައެވެ. ކީރިތި ޤުރްއާނަށް ތަބާވުމަކީ އެންމެހައި މީސްތަކުންނަށް ވާޖިބުވެގެންވާ ކަމެކެވެ.
- މުޙައްމަދުގެފާނަކީ ﷲ ފޮނުއްވި އެންމެ ފަހުގެ ނަބިއްޔާއެވެ. ޤިޔާމަތާ ޖެހެންދެން ދެމިގެންވަނީ އެކަލޭގެފާނުގެ ޝަރީއަތެވެ. އަދި މުޙައްމަދުގެފާނަކީ އެންމެހައި މީސްތަކުންނަށް ފޮނުވުނު ނަބިއްޔާއެވެ. އެންމެހައި އަޅުތަކުންނަށް ލާޒިމުވެގެންވަނީ އެކަލޭގެފާނުގެ މިއްލަތައް ތަބާވުމަށެވެ.
- އިސްލާމްދީން ނޫން ދީން ޤަބޫލުކޮށްގެންހުރި މީހަކީ ކާފިރެކެވެ. އެއީ ޔަހޫދީއަކަށް ވިޔަސް ނަޞްރާނީ އަކަށް ވިޔަސް އިސްލާމްދީނުގެ ނަޒަރުގައި އޭނާއަކީ ކާފިރެކެވެ. އޭނާއާ މުޢާމަލާތުކުރެވޭނީ ވަކި ހަމަތަކެއްގެ މަތިންނެވެ. ދީނާހުރެ ހަނގުރާނުކުރާ ކޮން މީހަކަށް ޢަދުލުވެރިވުމަކީ ޝަރުޢީ ހަމައެކެވެ.
- އިސްލާމީ ޢަޤީދާގެ އިސްވެދިޔަ އުޞޫލުތަކަށް ނަޒަރުހިނގާލުމުން އެނގިކަށަވަރު ވެގެންދަނީ ، އިސްލާމީ މުޖުތަމަޢެއްގައި އެހެނިހެން ދީންތަކަށް ފުރުޞަތުދިނުމަށް ހުޅަނގުން ގޮވާލާ ގޮވާލުމަކީ ބާޠިލު ދަޢްވާއެއްކަމެވެ. އެބައިމީހުން ބޭނުންވަނީ އެބައިމީހުން ކާފިރުވެފައިވާ ފަދައިން މުސްލިމުންވެސް ކާފިރުވެގަތުމަށެވެ. މިހެންކަމުން މުސްލިމުން އެބައިމީހުންގެ ދީނުން ނެރުމަށް މާއްދީގޮތުން ހުޅަނގުން ހެއްލުންތެރިކުރުވަމުންދެއެވެ.
- ދީންތައް އެއްކޮށް ދީނީގޮތުން އިސްލާމީ މުޖްތަޢުގެ ދަރީންނަށް އެބައިމީހުން ބޭނުންދީނަށް އުޅެވިދާނެކަމުގެ ޙައްޤުލިބިގެންވާނެ ކަމަށް ބުނެވޭ ބަހަކީ މުސްލިމެއްގެ ދުލުން ބުނެވޭ ބަހެއްނަމަ އެއީ އެމީހަކު މުރުތައްދުވެ ދީނުންބޭރުވާފަދަ ވާހަކައެކެވެ. އެއީ މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާއާ ތަޢާރުޟްވާ ވާހަކައެކެވެ.
- ﷲ އާ، އެކަލާނގެ ރަސޫލާއާ، އާޚިރަތަށް އީމާންވެގެންވާ މީހަކު ނަމަ، އެމީހަކު މިފަދަ ނަޒަރިއްޔާތަކުން އެއްކިބާވާންޖެހޭނެއެވެ.
- ބަދަލުކުރެވިފައިވާ ތައުރާތާއި، އިންޖީލާއި، އިސްލާމްދީނުގެ އަޞްލު އުޞޫލުތަކާ ތަޢާރުޟްވާފަދަ ފޮތްތައް ތަރުޖަމާކޮށް ، މުސްލިމުން ދިރިއުޅޭތަނެއްގައި ބަހައި ހެދުމަކީ ހުއްދަކަމެއްނޫނެވެ. ފައްޅިއާއި މިސްކިތާއި ބުދުކޯލަ ކައިރި ކައިރީގައި ބިނާކުރުމަށް ގޮވާލެވޭ ގޮވާލުމަކީ ބާޠިލު ގޮވާލުމެކެވެ.
- ފައްޅިތަކާއި ބުދު ކޯލުތަކަކީ ﷲގެ ގޮކޮޅުތަކެއްކަމުގައި ބުނުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއްނޫނެވެ.
- ޔަހޫދީންނާއި ނަޞާރާއިންނާއި އެހެނިހެންދީންތަކުގެ މީހުން އިސްލާމްދީނަށް ވެއްދުމަށް ގޮވާލުމަކީ މުސްލިމުންނަށް ވާޖިބުވެގެންވާ ކަމެކެވެ. ދީނަށް ވެއްދުމުގައި މަޖްބޫރުކަމެއްނެތެވެ. އެހެންނަމަވެސް ފުރިހަމަ އިޚްތިޔާރުގައި އިސްލާމްދީނަށް ވަނުމަށްފަހު އެދީނުން ބޭރުވެގަތުމުގެ އިޚްތިޔާރު އެއްވެސް މުސްލިމަކަށް ލިބިގެން ނުވެއެވެ. ﷲ ގެ ދީން ނޫން އެހެން ދީނަކަށް ދިވެހި ދީބުން ޖާގަ ނުދެމާ ހިނގާށެވެ! ޔަހޫދީންނާއި ނަޞާރާއިންގެ މަކަރުވެރި ރޭވުންތަކުން ޤައުމު ސަލާމަތްކުރުމަށް އަތުގުޅާލަމާ ހިނގާށެވެ! އޭރުން ﷲގެ ވާގިފުޅާލައިގެން އަބަދުގެ އަބަދަށް މިދީބުގައި ދިރިއުޅޭނީ މުސްލިމުންނެވެ. މިދީބު އޮންނާނީ ފުރިހަމަ މިނިވަންކަމާއި ސިޔާދަތު ލިބިގެންވާ ޝަޚުޞެއްގެ ގޮތުގައެވެ. މާތް ﷲ އަޅަމެންނަށް ހިދާޔަތް ދެއްވައި އެކަލާނގެ ދީނުގައި ފައިތިލަ ސާބިތު ކުރުމުގެ ތައުފީޤު ދެއްވާށި- އާމީން .
No comments:
Post a Comment