Saturday, March 24, 2012

#

ކީރިތި ރަސޫލާގެ ހިޖުރައިގެ ކުރިން މަދީނާ

ޔަހޫދީންނާއި އައުސް ވަންހައާއި ޚަޒުރަޖުވަންހަ އަމާން ކަމާއެކު ދުވަސް ކޮޅަކު މަދީނާގައި ދިރި އުޅުނެވެ. އަދި އެއްބަޔަކު އަނެއްބަޔަކު ދިފާޢު ކުރާނެ ކަމަށް އެއްބަސްވިއެވެ. ދެން ޔަހޫދީންނަށް އައުސް ވަންހައާއި ޚަޒުރަޖުވަންހައިގެ ބާރު އެމީހުންނަށް ވުރެ މާގަދަވާހެން ހީވާން ފެށުމުން އެޤަބީލާ ތަކާއި ދެކޮޅުވެ އެމީހުންނާއި އެކު ކޮށްފައިވާ އެއްބަސް ވުން އުވާލިއެވެ. ދެން މަދީނާގައި އޭރު ތިބި ޔަހޫދީންނޫން އެންމެން ޔަހޫދީންނާއި ދެކޮޅަށް ނިކުމެ ޔަހޫދީންގެ ބާރު ދަށް ކޮށްލިއެވެ.
އެއަށް ފަހު އައުސްވަންހައާއި ޚަޒުރަޖުވަންހަ ވަރަށް އަމާންކަމާއި އެކުވެރިކަމާއި އެކު ދުވަސްކޮޅެއްވަންދެން އުޅުނެވެ. ނަމަވެސް މާގިނަ ދުވަސްތަކެއްނުވަނީސް މިދެޤަބީލާ ދެކޮޅުވެރިވެ ވަރުގަދަ ހަނގުރާމައެއްފެށުނެވެ. އަދި މިހަނގުރާމަ ވަރަށް ގިނަދުވަސް ތަކެއްވަންދެން ކުރެވުނެވެ. މިހަނގުރާމަ ތަކުގައި ގިނަފަހަރު ކާމިޔާބު ހޯދަނީ ޚަޒުރަޖުވަންހައެވެ. މީގެ ސަބަބުން އައުސްވަންހަ މަދީނާގައި ތިބި ޔަހޫދީންނާއި އެއްބައިވިއެވެ. އަދި'' ބުޢާސް'' އޭ ކިޔުނު ވަރުގަދަ ހަނގުރާމައިގައި ވަރަށް ގިނަބަޔަކު ޤަތުލުވުމަށް ފަހު އައުސްވަންހަޔަށް ކާމިޔާބުލިބުނެވެ.
އެއަށް ފަހު މިދެޤަބީލާ ސުލްޙަ ވެ ދެޤަބީލާ ބައިވެރިވާ ވަކި ސަރުކާރެއް ޤާއިމުކުރުމަށް އެއްބަސްވެވުނެވެ. އަދި މަދީނާ ގެ ވެރިކަމަށް ޚަޒުރަޖުވަންހައިގެ ބޮޑެއްކަމުގައިވާ ޢަބްދުއްﷲ ބިން އުބައްޔު ބިން ސަލޫލް އިސްކުރެވުނެވެ.
ކީރިތި ރަސޫލާ ރަސޫލު ކަމައިގެން ފޮނުއްވުމަށްފަހު މަދީނާގެ ބައެއްމީހުން އިސްލާމްވެ ރަސޫލާއަށް ނަޞްރުދީ ހިމާޔަތް ދިނުމަށް ބައިޢަތު ހިފިއެވެ. އަދި އިސްލާމްދީނުގެ މަތިވެރިކަމާއި މާތްކަން އެނގުމުން އައުސްވަންހައާއި ޚަޒުރަޖުވަންހައިގެ ވަރަށް ގިނަ ބަޔަކު އިސްލާމްދީން ޚިޔާރު ކުރިއެވެ.
ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު މަދީނާގައި އިސްލާމުންގެ ބާރުގަދަވެ އިސްލާމްދީން އަށް މީހުން ވަނުން އިތުރުވިއެވެ. އަދި އޭރު މަދީނާގެ ވެރިކަމުގައި ހުރި ޢަބްދުއްﷲ ބިން އުބައްޔު ބިން ސަލޫލް އިސްލާމްދީން އިޚުތިޔާރު ކުރިއެވެ. ނަމަވެސް އައުސް ވަންހައިގެ ވެރިޔާ އަބޫ ޢާމިރު ބުނު ސައިފީ ބުނުއްނުޢުމާން އޭނާ ހުރި ކާފިރުކަންމަތީގައި ހުރީއެވެ. އެއަށް މަދީނާއިން ނިކުމެ މައްކާއަށް ، ދެން ޠާއިފަށް އެއަށް ފަހު ޝާމްކަރަޔަށް ގޮސް އެތާގައި ތިބި ރޫމީންނާއި އެއްބައިވިއެވެ. ކީރިތި ރަސޫލާގެ ވެރިކަމުގެ ދަށުގައި މަދީނާގައި އިސްލާމީ ފުރަތަމަ ދައުލަތް ބިނާ ކުރެވުނެވެ. އަދި އިސްލާމީ ދައުލަތުގެ ބާރު މަޑުމަޑުން ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރެންފެށިއެވެ.

No comments:

Post a Comment