ޙަސަދަ ވެރިކަމަކީ އެހެން މީހަކަށް ލިބިފައިވާ ނިޢުމަތެއް އެމީހެއްގެ ކިބައިން ފިލައި ދިއުމަށް ތިމާގެ ހިތް އެދުމެވެ. އަދި އޭގެ ބަދަލުގައި ތިމާއަށް އެނިޢުމަތް ލިބުމަށް އެދުންވެސްމެއެވެ. އެހެންކަމުން ޙަސަދަ ވެރިޔާއަށް ދުވަހަކުވެސް ހިތް ހަމަޖެހުމެއް ނުލިބޭނެއެވެ. އެހެނީ އަނެކެއްގެ ފަރާތުން ނިޢުމަތެއް ފެންނައިރަށް އެކަމާ ޙަސަދަ ވެރިވާން ފަށައި އަދި އޭނާގެ ކިބައިން އެ ނިޢުމަތް ނެތިގެން ދިއުމަށް ބޭނުންވާނެއެވެ. މިހެން ނުވާހާ ހިނދަކު އޭނާގެ ހިތަކަށް ހަމަޖެހުމެއް އަރާމެއް ނުލިބޭނެއެވެ.
ޙަސަދަ ވެރިކަމަކީ ބޮޑުވެގެންވާ ފާފައެކެވެ. މާތްﷲ ލައުނަތް ލެއްވި އިބްލީސް ސުވަރުގޭގެ މަތިވެރި ނިޢުމަތުން ބޭރުކުރެވުނީވެސް ޙަސަދަވެރިކަމުގެ ސަބަބުންއެވެ. ޢާދަމް ޢަލައިހިތް ސަލާމް މަށިން އުފައްދަވާ އެކަލޭގެފާނަށް ސަޖިދަ ކުރުމަށް މާތްﷲ ހުރިހާ މަލާއިކަތް ބޭކަލުންނަށް ޢަމުރު ކުރެއްވިހިނދު އެބޭކަލުން ސަޖިދަ ކުރެއްވިއެވެ. ނަމަވެސް މާތްﷲ އެބޭކަލުންގެ ދަރަޖަ ދެއްވާފައިވާ އަލިފާނުން ހެއްދެވިގެންވި އިބްލީސް ސަޖިދަކުރުމަށް އިންކާރުކުޅައެވެ. އެއީ އޭނާގެ ކިބައިގާވާ ބޮޑާ ކަމުގެ ސަބަބުން އާދަމުގެފާނާމެދު ޙަސަދަވެރިވީއެވެ. އެހެންވެ ބުނެވެނީ ޙަސަދަ ވެރިކަމުގެ އަސްލަކީ ބޮޑާ ކަމެވެ.
ހަމައެހެންމެ މާތްﷲ އެބައެއްގެ މައްޗައް ލައުނަތްލެއްވި ޔަހޫދީން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ޢީމާން ނުވީވެސް ހަމަ މި ސަބަބާހުރެއެވެ. އެމީހުންގެ ދަރިންނަކީ ކޮބާކަން ވަކިކުރަން އެގޭފަދައިން އެކަލޭގެފާނީ ﷲ ފޮނުއްވި ރަސޫލާކަން އެމީހުންނަށް އެގޭ އިރުވެސް އެކަލޭގެފާނީ އެބައިމީހުންގެ ތެރެއިން ވަޑައިގަތް ބޭކަލަކަށް ނުވީތީވެ އެބައިމީހުން އެކަލޭގެފާނަށް އީމާނެއްނުވިއެވެ.
މާތްﷲ އޭނާގެމައްޗަށް ލަޢްނަތްލެއްވި އަބޫ ޖަހުލު ވެސް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އީމާން ނުވީ ހަމަ މި ސަބަބާ ހުރެއެވެ. އެކަލޭގެފާނަކީ ﷲ ފޮނުއްވި ރަސޫލަކުކަމަށް އޭނާއަށް އެގޭކަމަށް ދުލުން އިޢުތިރާފުވިއެވެ. ނަމަވެސް އޭނާގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ބޭކަލަކަށް ނުވާތީވެ އީމާންވުމަށް އިންކާރު ކުޅައެވެ. އެމަތިވެރި ޝަރަފު އެހެން މީހަކަށް ލިބުނީތީވެ އެކަމާ ޙަސަދަވެރިވިއެވެ.
މިހިރީ ހައްތަހާވެސް ޙަސަދަވެރިކަމުގެ ނުބައި ކަމެވެ. ރަގަޅުގޮތް ކިތަންމެ ރީއްޗައް ފެންނަން އޮތަސް ޙަސަދަވެރިޔާ އެކަމަށް އިޢުތިރާފުވުމަށް އިންކާރުކުރެއެވެ. އެހެންކަމުން މިނުބައި ސިފައިން ސަލާމަތްވެ ތިބުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެނަށް އިރުޝާދު ދެއްވާފައިވެއެވެ. އެކަލޭގެފާނު ޚަދީޘް ކުރައްވަނީ: ތިޔަބައިމީހުން އެކަކު އަނެކަކު ދެކެ ރުޅި ނާންނާށެވެ. އެކަކު އަނެކަކާ ޙަސަދަވެރި ނުވާށެވެ. އެކަކު އަނެކަކަށް ފުރަގަސް ނުދޭށެވެ. އަދި ތިޔަބައިމީހުން އަޚުންތަކެއް ކަމުގައިވާ ޙާލު ﷲ ގެ އަޅުންތަކެއްކަމުގައި ވާށެވެ.
މަސްދަރު : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، 26 އެޕްރީލް 2010
No comments:
Post a Comment