Thursday, November 7, 2019

#

ﷲ ބާވާލެއްވި ޙުކުމާ ޚިލާފަށް ޙުކުމް ކުރުން

ﷲ ބާވާލެއްވި ޙުކުމާ ޚިލާފަށް ޙުކުމް ކުރުމަކީ މުޅި އިސްލާމީ ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މީސްތަކުންގެ މެދުގައި ޙުކުމްކުރަންވީގޮތް ﷲ އަންގަވާފައިވާއިރުވެސް ކަންތައްތައް ކުރެވެމުންދަނީ އެއާ އެއްގޮތަކަށް ނޫންކަމީ އެންމެންނަށްވެސް އެނގޭކަމެކެވެ. ﷲ ގެޙުކުމާ ޚިލާފަށް ޙުކުމް ކުރާ މީހުންނާމެދު ވަޢީދުގެ ބަސްފުޅުތައް ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގައި އައިސްފައިވެއެވެ. ބައެއް ދަލީލުތަކުގައި އެފަދަ މީހާއަކީ ކާފިރެއްކަމުގައި އައިސްފައިވެއެވެ. އެހެންވެ މިދަލީލުތަކުގެ އަލީގައި ﷲ ގެ ޙުކުމަށް ޢަމަލު ނުކުރާ ކޮންމެ މީހަކީ ކާފިރެއްކަމަށް ބައެއް މީހުން ދެކެއެވެ. ކޮންމެއަކަސް މިމައްސަލައާމެދު ވަކި ކޮޅަކަށް އެއްޗެއް ބުނުމުގެ ކުރިން ޢިލްމުވެރިން މިކަމާމެދު ވިދާޅުވެފައިވާ އެއްޗެއް ބަލައިލުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެކެވެ. 

ޢަޤީދާގެ މައްސަލަތަކާމެދު ބަޙުސު ކުރައްވާ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކުފުރުވުން ދެބައަކަށް ބެހިގެންވެއެވެ. އެއީ ޢަމަލީ ކުފުރާއި، އިޢްތިޤާދުގައި ކުފުރުވުމެވެ. ﷲ ބާވާލެއްވި ޙުކުމާ ޚިލާފަށް ޙުކުމް ކުރާމީހާ އެއަށް އިންކާރު ނުކުރާކަމުގައިވަނީނަމަ ވަންނާނީ މީގެ ތެރެއިން ޢަމަލީ ކުފުރުގެ ތެރެއަށެވެ. ނަމަވެސް އެޙުކްތައް ޤަބޫލުނުކޮށް އެއާ ދެކޮޅުހަދައި އެއަށް އިންކާރު ކޮށްފިކަމުގައިވާނަމަ ކާފިރުވީއެވެ. ﷲ ބާވާލެއްވި ޙުކުމްތަކުގެ ތެރެއިން ބައެއް ޙުކުމްތަކަށް އީމާންވެފައި އަނެއްބައި ޙުކުމްތަކަށް ކާފިރުވާ މީހުންވެސް އެކަލާނގެ ސިފަކުރައްވާފައިވަނީ، އެބައިމީހުން އީމާންވީ މައްސަލަތަކުގައި، އީމާންވީ ކަމަށެވެ. އަދި ކާފިރުވީ ކަންކަމުގައި ކާފިރިވީ ކަމަށެވެ. أَفَتُؤْمِنُونَ بِبَعْضِ الْكِتَابِ وَتَكْفُرُونَ بِبَعْضٍ [البقرة 85] މާނައީ : "ފަހެ ތިޔަބައިމީހުން ފޮތުގެ (ތައުރާތުން) ބަޔަކަށް އީމާންވެ އަނެއް ބަޔަށް އިންކާރުކޮށް ކާފިރުވަނީ ހެއްޔެވެ؟ އެހެންކަމުން މިއާޔަތުންވެސް އެނގެނީ ޢަމަލުން އީމާން ވުމުގެ އިދިކޮޅަކީ ޢަމަލުން ކާފިރުވުން ކަމެވެ. ހަމައެފަދައިން އިޢްތިޤާދުގައި (ޤަބޫލުމުން) އީމާންވުމުގެ އިދިކޮޅަކީ އިޢްތިޤާދުގައި ކާފިރުވުމެވެ. އެއަށްފަހު އިބުނު ތައިމިޔާ ވިދާޅުވަނީ، "މިމައްސަލައިގާ މިދެބަޔަށް ބެހިގެންވާކަމަށް ވިދާޅުވެފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޞްޙާބު ބޭކަލުންނެވެ. އެބޭކަލުންނީ ﷲ ގެ ކަލާމުފުޅުގެ މާނައާއި ދޭހަ އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާނޭ ބޭކަލުންނެވެ. އަދި އިސްލާމް ކަމާއި ކުފުރާއި މިދެކަމާއި ގުޅުން ހުރި ކަންތައްތައްވެސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވީ އެބޭކަލުންނަށެވެ. އެހެންކަމުން އެބޭކަލުންގެ ފަރާތުން ނޫންގޮތަކަށް މިކަންކަމެއް ނޭގޭނެއެވެ. ފަހެ އޭގެ ފަހުން އައި ބައެއް މީހުންނަށް އެބޭކަލުންގެ މިމައްސަލައިގާ ވިދާޅުވެފައިވާ އެއްޗެއްގެ ދޭހަ ނުވިސްނުމުގެ ސަބަބުން ދެބަޔަކަށް ބެހުނެވެ. 

އެއްބަޔަކު ދެކޭގޮތުގައި ބޮޑު ފާފައެއް ކޮށްފި ކޮންމެ މީހަކީ ދީނުން ބޭރުވެފައިވާ މީހެކެވެ. އެފަދަ މީހާއީ ނަރަކައިގާ އަބަދަށް ދެމިގެންވަ ކާފިރެކެވެ. އަނެއްބަޔަކު ދެކޭގޮތުގައި އެބައިމީހުންނީވެސް ހަމަ ފުރިހަމަ މުއުމިނުންނެވެ. ފަހެ މިދެބައިމީހުންވެސް ވަނީ ރަގަޅު މަގު ގެއްލިފައެވެ. ތަފާތު ދީންތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ދީނަކީ އިސްލާމް ދީންކަމުގައި ލެއްވިފަދައިން، ކީރިތިﷲ މިކަމުގައިވެސް ސުއްނަތް ޖަމާޢަތުގެ އަހްލުވެރިންނަށް ޞައްޙަގޮތަށް މަގު ދެއްކެވިއެވެ. މިތާގައިމިވަނީ ކުފުރުނޫން ކުފުރެއްގެ ވާހަކައެވެ. ނިފާޤުނޫން ނިފާޤެއްގެ ވާހަކައެވެ. ޝަރުކުނޫން ޝިރުކެއްގެ ވާހަކައެވެ. ފިސްޤު ނޫން ފިސްޤެއްގެ ވާހަކައެވެ. ޡުލްމު ނޫން ޡުލްމެއްގެ ވާހަކައެވެ. އެއަށްފަހު މިއާޔަތުގެ ތަފްސީރުގައި ސަލަފުންގެ ކިބައިން ވާރިދުވެފައިވާ ރިވާޔަތްތައް ގެންނެވިއެވެ. އޭގެ ތެރެއިން އެއް ރިވާޔަތަކީ އިބުނު ޢައްބާސުގެ އަރިއަހުން ވާރިދުވެފައިވާ ރިވާޔަތެކެވެ. އެރިވާޔަތުގައިވަނީ وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ [1] "މިއާޔަތުގައިއެވާ ޙުކުމަކީ ދީނުންބޭރުނުވާ ކުފުރެއެއްގެ ވާހަކައެވެ.

وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ [2] މިއާޔަތުގައި އެވާ ކުފުރާބެހޭގޮތުން اَلْإِمَامُ أَحْمَدُ بْنُ حَنْبَل އާ މީހަކު ސުވާލު ކުރުމުން ޖަވާބުގައި ވިދާޅުވިއެވެ. އެއީ މިއްލަތުން ބޭރުކޮށްލާ ކުފުރެއްނޫނެވެ. އީމާން ކަމުގެވެސް ދަރަޖަތެކެއްވާ ފަދައިން ކުފުރުގެވެސް ދަރަޖަތަކެއް ވެއެވެ. އެހެން ތަނެއްގައި ވިދާޅުވެފައިވެއެވެ. މާތް ﷲ އާ އެހެން ފަރާތަކާ ޝަރީކު ކުރުމުން މެނުވީ މުސްލިމަކު ދީނުން ބޭރު ނުވާނެއެވެ. [3] މިމައްސަލައިގާ ޝައިޚުލްއިސްލާމި އިބްނު ތައިމިޔާ ވިދާޅުވެފައިވެއެވެ. ހުރިހާ ފިޤުހުވެރިންގެ އިއްތިފާޤުވެ ވަޑައިގަންނަވާގޮތުގައި، އިސްލާމް ދީނުގައި ޙަރާމް ކަމެއްކަމުގައި ދަންނަބޭކަލުން އިޖްމާޢުވެވަޑައިގެންފައިވާ ޙުކުމަމެއް ހުއްދަ ކަމަށް ބުނާ މީހާއާއި، ޙަލާލު ކަމެއް ކަމުގައި އިޖްމާޢުވެފައިވާ ކަމެއް ޙަރާމް ކަމުގައި ބުނާމީހާ ދީނުން ބޭރުވެއްޖެއެވެ. އަދިވެސް ވިދާޅުވެފައިވެއެވެ. ވަރަށް ގިނަމީހުން އިސްލާމް ދީން ޤަބޫލު ކުރިކަމުގައިވިއަސް، އެބައިމީހުން ޢަމަލު ކުރަނީ އެބައިމީހުންގެ ތެރޭގައި ޒަމާނުއްސުރެ ހަރުލާފައިވާ އާދަކާދައާ އެއްގޮތަށެވެ. މިފަދަ މީހުންނަށް ﷲ ގެ ޙުކުމާ ޚިލާފުވުން ހުއްދަނޫންކަން އެނގުމަށްފަހުވެސް، އެނޫން ގޮތްތަކަށްވެސް ޢަމަލުކުރުން ހުއްދަވާނޭ ކަމުގައި ދެކެގެން އެގޮތްގޮތަށް ޢަމަލު ކުރާކަމުގައިވާނަމަ އެބައިމީހުން ދީނުން ބޭރުވާނެއެވެ. އެހެންނޫންނަމަ އެބައިމީހުން ވާނީ ޖާހިލުން ކަމުގައިވެ. [4] 

رسول ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވަނީ : "إذا سمى الرجلُ الآخرَ كافرا ، فقد كفرَ أحدُهما" މިޙަދީޘުގެ މާނާގައި الإمام ابن عبد البر ވިދާޅުވެފައިވަނީ: މީގެ މާނައީ ކުރާ ފާފައެއްގެ ސަބަބުން ނުވަތަ ދަލީލުން އޭނާއަށް ވިސްނޭ ގޮތަކަށް ކުރާ ޢަމަލެއްގެ ސަބަބުން ، އެއް މުސްލިމަކު އަނެއް މުސްލިމަކު ކާފިރު ކޮށްގެން ނުވާނޭ ވާހަކައެވެ. އަދި ހުރިހާ ޢިލްމުވެރިންގެ ގާތުގައިވެސް އެއީ ދީނުން ބޭރުވާ ކަމެއްނޫނެވެ.

މިމައްސަލާގައި الإمام الطحاوي ވިދާޅުވެފައިވަނީ : މީހަކު މުސްލިމަކަށްވީގޮތަށް މެނުވީ އޭނާ ކާފިރެއް ނުވާނެއެވެ. އޭނާ މުސްލިމަކަށްވީ، އިސްލާމްދީން ޤަބޫލު ކުރާކަމަށް އެއްބަސްވެ އިޤްރާރުވުމުންނެވެ. އެހެންކަމުގައިވާނަމަ އޭނާ ދީނުން ބޭރުވާނީ މިދީނަށް އިންކާރު ކުރުމުން ނެވެ. ހަމައެފަދައިން العلامة الشيخ محمد الأمين الشنطيقي (أضواء البيان 2/104) ވިދާޅުވަނީ : ރަސޫލު ބޭކަލުންނާ އިދިކޮޅު ހަދައި، ﷲ ބާވާލެއްވި ޙުކުމަކީ ބާޠިލު އެއްޗަކަށް ހަދައި، އެއާ އެއްގޮތަށް ޙުކުމް ނުކުރާމީހަކީ ދީނުން ބޭރުވެފައިވާ މީހެކެވެ. އެކަމަކު ﷲ ބާވާލައްވާފައިވާ ޙުކުމާއެއްގޮތަށް ޙުކުމްނުކުރާ މީހާ، އެގޮތަށް ޢަމަލުކުރާއިރު ތިމާ މިއަރައިގަންނަނީ ، އެކަލާނގެ ޙަރާމްކުރައްވާފައިވާ ކަމަކަށްކަން ޤަބޫލުކުރާނަމަ ދީނުން ބޭރެއްނުވާނެވެ. އެފަދަމީހާވާނީ ފާސިޤަކަށެވެ. އެބަހީ އޭނާއަކީ ފާފަވެރިއެކެވެ. 

މިއުއްމަތުގެ ސަލަފުންގެ ބަސްފުޅުތަކުންނާއި މިމައްސަލައާމެދު ބަޙުޘުކުރައްވާފައިވާ އިސްލާމީ ދުނިޔޭގެ އިތުބާރުހުރި ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭންއޮތީ ފާފައެއް ކުރުމީ ދީނުން ބޭރުވާ ކަމެއްނޫންކަމެވެ. ނަމަވެސް ދީނުގައި ކަނޑައެޅިގެން އައިސްފައިވާ ކަމަކާ ދެކޮޅުހަދައިފިނަމަ ނުވަތަ ﷲ ބާވާލެއްވި ޙުކުމަކަށް އިންކާރުކޮށް އެއައް ފުރައްސާރަކޮށް ހަދައިފިނަމަ ނުވަތަ އެއަށް ޢަމަލުކުރަން ނުޖެހޭނޭ ކަމުގައި ބުނާނަމަ އެމީހަކު ދީނުން ބޭރުވާނޭ ކަމުގައެވެ. އެއާ ޚިލާފަށް މުސްލިމުން ޢަމަލުކުރަންޖެހޭނީ ﷲ ބާވާލެއްވި ޙުކުމަށްކަން ޤަބޫލުކުރާމީހަކު، ކޮންމެވެސް ސަބަބަކާހުރެ އިއިން ޙުކުމަކަށް ނުވަތަ ޙުކުމްތަކަކަށް ޢަމަލު ނުކުރިއަސް އެމީހަކު ދީނުން ބޭރުވާނުވާނެއެވެ. 

އަޅުގަނޑު މިހެން މިބުނަނީ ﷲ ބާވާލެއްވި ޙުކުމްގެ ޤަދަރު ކުޑަކޮށްލުމުގެ ގޮތުކުންނޫނެވެ. ނޫންނަމަ ވިކި ފަރާތެއް ރުއްސުމުގެ ބޭނުމެއްގައެއްވެސް ނޫނެވެ. ނަމަވެސް ދީނުގައި އައިސްފައިވާ މިފަދަ މައްސަލަތަކުގައި ބަލަންޖެހޭނީ ސަލަފުންގެ ދަންނަބޭކަލުންނާއި އިތުބާރުހުރު ޢިލްމުވެރިންގެ ބަހަށްކަމުން އެބޭކަލުން މިމައްސަލައިގާ ދެކެވަޑައިގަންނަވާގޮތް ހާމަކުރުމުގެ ބޭނުމުގައެވެ. 


[1] المائدة 44 
[2] المائدة 44 
[3] ابن تيمية ، مجموع الفتاوى (3/267) ، ابن القيم ، الصلاة وحكم تاركها (ص 59-60) ، الألباني ، التحذير من فتنة التكفير(ص 16) 
[4] مجموع الفتاوى (7/254)

މަސްދަރު : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، 12 ޖޫން 2010

No comments:

Post a Comment