Sunday, May 5, 2019

#

ތަރޯދާން ތައްޔާރެވޫ ކެހެނެކުން؟


މައިނީ ސޮލައިޓް ކެފޭގައި އެކަނިވެރި ކޮފީ އެއްގައެވެ. އެކަނިވެރި ކޮފީގެ ފޫހިކަން ފިލުވާލަ ދިނީ ޖެހި ގެން ހުރި މޭޒުގައި ތިބި މީހުން ދައްކަމުން ދިޔަ ވާހަކަ އެވެ. އެމީހުން ދެއްކީ ބޯމަތި ވަމުން އަންނަ ރޯދަ މަހަށް ވަމުންދާ ތައްޔާރީގެ ވާހަކަ އެވެ. މިމީހުންގެ ވާހަކަ އިން އަޑުއިވުނީ މުޅިންވެސް މާއްދިއްޔަތު ވާހަކަ އެކަންޏެވެ. ރޫހާނިއްޔަތުގެ ވާހަކަ އެއް ނުދައްކައެވެ. ރޯދައަށް ގޭގެ ބޮޑު ފެންޑާމުގެ އިތުރުން ކޮޓަރި ތަކަށްވެސް ކޭބަލް ޓީވީ ލާނެ ވާހަކަ އާއި ގޭގެ ޓެރަސްގައި އެކި ކަހަލަ ކުޅިވަރުތަށް ކުޅެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން ފުޓްސެލް ޓީމެއް "ރޯދަ ކަޕް" ގައި ބައިވެރި ކުރުވާ ވާހަކަ އެވެ.

މުޅިންވެސް ދުނިޔެވީ އުފަލާއި މަޖަލުގެ ވާހަކަ އެވެ. ވާނީ ވެސް އެހެންތާ އެވެ. މިކަލަކަށް އައިސް ދިވެހިން ރޯދަ މަސް ފަށަނީވެސް ވިޔާނުދާ ކަންކަމަށް މަގުފަހިވާ ފަދައަކުން ދެޖިންސުގެ މީހުން މަސްއުނި ވެގެން ބާއްވާ މާހެފުމަކުންނެވެ. ފަޅު ރަށް ތަކުގައްޔާއި ސަފާރީ ފަހަރުގައެވެ. އޮފީސް ނުވަތަ "އޯލްޑް ކްލާސްމޭޓްސް ވައިބަރ ގްރޫޕް" ފަރާތުން އިންތިޒާމް ކުރާ މާހެފުން ތަކުންނެވެ. 

ރަމަޟާން މަހަށް ތައްޔާރު ވާންޖެހޭނީ ރޫޙާނީ ތަރުބިއްޔަތުގެ ތެރެއިން ކަމުގައި ވީނަމަވެސް، މިކަލަކަށް އައިސް މާއްދީގޮތުން ރަމަޟާން މަހަށް ތައްޔާރު ވުމަކީ ދިވެހިންގެ އިތުރުން މުޅި އިސްލާމީ އުންމަތުގެ އުރުފުގެ ތެރެއަށް ވަދެނިމިފައިވާ ކަމެކެވެ. އެގޮތުން ރޯދައަށް ފަރުނީޗަރު އާކޮށްލުމާއި ގޭފާރު ތަކުގެ ކުލަ އާކޮށްލުމާއި ބަދިގޭ ސާމާނުތައް އާކޮށްލުމުގެ އިތުރުން ތަފާތު އެކިކަހަލަ މުނިފޫހި ފިލުވައިދޭ ވަސީލަތްތަށް ވެސް ގަނެއެވެ. މިއީ ގޯސް ކަމެކޭ ނުދަންނަވާނަމެވެ. އެކަމަކު މިކަންކަން ފުރިހަމަ ކުރުމަށް ޓަކައި ނަމާދު އަޅާފައި މަސައްކަތުގައި ތިބޭނަމަ އެވީ ގޯހެވެ.

މާތްﷲ ފަރުޞު ކުރެއްވި ކޮންމެ ކަމެއް ގައިވެސް މާއްދީ އަދި ރޫޙާނީ ފައިދާތަށް ލައްވާ ފައިވެއެވެ. އެގޮތުން ރޯދައި ގައިވެސް ވަނީ ގިނަ ގުނަ ފައިދާ ތަކެއް ލައްވަ ވާފައެވެ. ރޯދައިގެ އެންމެ ބޮޑު ޙިކުމަތަކީ "ތަޤުވާވެރިވުން" ކަން ބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުން އެގެން އޮވެއެވެ. މާތް ﷲ ނަޙީ ކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވެ ހުރެ އެކަލާނގެ އެންގެވި ކަންކަން ވީވަރަކުން ކުރުމަށް ޢަޒުމް ވަރުގަދަކޮށް އެގޮތުގައި ދެމިހުންނަން ޖެހެއެވެ. ފުރިހަމަ ގޮތުގައި ރޯދަ ހިފުމަށްޓަކައި ނަމާދު ކުރުމާއި ރޭއަޅުކަން ކުރަންޖެހެއެވެ. ތިމާ އާއި، ތިމާ ޚަރަދު ދޭންޖެހޭ މީހުންގެ މަތިން ފިޠުރު ޒަކާތް ނެރެންޖެހެއެވެ. ޤުރުއާން ކިޔެވުން އިތުރު ކުރުމާއި އެކު ގިނަ ގިނައިން އެކަލާނގެ ހަނދުމަ ކުރަން ޖެހެއެވެ. ޙުލްޤު ރަގަޅު ކުރުމާއި އެކު އެޔޮލަފާ ޢަމަލުތަކުގެ ވެރިޔަކަށް ވާން މަސައްކަތް ކުރަން ޖެހެއެވެ. ރޯދައިގެ ދަރުމަ އާއި ޘަވާބް ލިބި ގަތުމަށް ޓަކައި ނެތި މޮށުމާއި، ރުޅި އިސްކުރުމާއި، ހަޑި ހުތުރު ބަހުން މީސްތަކުންނާއި މުޙާތަބު ކުރުން ހުއްޓާލަން ޖެހެއެވެ. 

ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ. (مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ) رواه البخاري في صحيحه: 1804. މާނައީ: "ދޮގު ހެދުމާއި (ބުހުތާނާއި އަދި ނުބައި ބާޠިލު ބަސްތައް ބުނުމާއި) އަދި ފާޙިޝް ކަންކަން ކުރުން ދޫނުކުރާނަމަ، ﷲ އަށް އެމީހެއްގެ (ރޯދައިން) ނުކައި ނުބޮއެ ހުރުމުގެ އެއްވެސް ޙާޖަތެއް ނުވެއެވެ." ޙަދީޘްގެ ހުލާސާއަކީ ނުކައި ނުބޮއި ހުރުމުން ރޯދަ ހިފުން ޙާޞިލުނުވާ ކަމެވެ. އެހެނީ ޢަމަލު ޤަބޫލުނުވުން އެކަމުގެ މައްޗަށް ޙާޞިލު ވެދާނެ ވާހަކައެވެ. އެއީ ކެއުން ބުއިން ދޫކުރުމާއި އެކު ހުރިހާ ބާވަތެއްގެ ފާޙިޝް ޢަމަލެއް ދޫކޮށް ފުމަށް ދާންދެނެއެވެ. އެހެންކަމުން ރޯދަ ހިފުމަށް ރައްކާތެރިވާން ޖެހެއެވެ. ރޯދަ ފުރިހަމަ ގޮތުގައި ހިފިޔަ ނުދޭން މަސައްކަތް ކުރާ މީސްތަކުންގެ ކިބައިން ރައްކާތެރި ވާން ޖެހެއެވެ. އެހެންކަމުން ފާޙިޝްކަންކަން ދެނެގަތުމަކީ މުހިންމުކަމެކެވެ. ފުރިހަމަ ގޮތުގައި ރޯދަ ހިފޭނީ ފާޙިޝްކަންކަމަކީ ކޮބައިކަން ދެނެގަނެ ކެއިން ބުއިމުން ދުރުވާހެން އެކަންކަމުންވެސް ދުރުވެގެންނެވެ. (ދިސަލަފިއްޔާ)

ކީރިތި ރަސޫލާގެ ހަދީޘް ފުޅެއްގެ މާނާގައި ވެއެވެ. މާތްﷲ އަށް ފުރިހަމައަށް އީމާންވެ އެކަލާނގެ ޙަޟުރަތުން ޘަވާބާއި ދަރުމަ އެދިގެން ރޯދަ ހިފައިފި މީހާގެ އިސްވެ ދިޔަހާ ފާފައެއް ފުއްސަވާނެތެވެ. އެހެންކަމުން ރޯދައަކީ މިޒަމާނުގެ ބަހުންނަމަ "ފެކްޓްރީ ރީސެޓް" ޓޫލްއެކެވެ. ވުމާއި އެކު ރަމަޟާން މަހުގެ ހެޔޮކަން ފުރިހަމަ ގޮތުގައި ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރާންޖެހެއެވެ. އަޅުކަމުގައި ވަގުތު ހޭދަކުރުމަށް ރޭވުންތެރި ކަމާއިއެކު ވަގުތު ހޯދަންޖެހެއެވެ. ކެއްކުމާއި ވަޒީފާގައި އަވަދި ނެތި އުޅެމުންވެސް އަޅުކަމަށް ފަރުވާތެރިވުމަށް އިސްކަންދޭން ޖެހެއެވެ. މާއްދިއްޔަތާއި ރޫޙާނިއްޔަތު ހަމަހަމަކުރަން ޖެހެއެވެ. 

1 comment: