Thursday, March 21, 2019

#

އުއްމުލް ޤުރާ - މައްކާ

މާތްﷲ ވަޙިކުރައްވަނީ " وَهَـٰذَا كِتَابٌ أَنزَلْنَاهُ مُبَارَ‌كٌ مُّصَدِّقُ الَّذِي بَيْنَ يَدَيْهِ وَلِتُنذِرَ‌ أُمَّ الْقُرَ‌ىٰ وَمَنْ حَوْلَهَا[1] - މި قرآن އަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ކުރީގެ ފޮތްތައް ތެދުކުރާ ފޮތެކެވެ. (އެފޮތް ބާވައިލެއްވީ) މައިރަށުގެ (އެބަހީ: މައްކާގެ) أهل ވެރިންނާއި، އެތާނގެ ވަށައިގެންވާ މީހުންނަށް ކަލޭގެފާނު إنذار ކުރެއްވުމަށްޓަކައެވެ. " އިބްނު ކަޘީރު ވިދާޅުވާގޮތުގައި ، ފޮތުގެ މުރާދަކީ ޤުރްއާނެވެ. މައިރަށުގެ މާނައަކީ މައްކާއެވެ. އެތާނގެ ވަށައިގެންވާ ތަންތަނުގެ މުރާދަކީ އެންމެހާ ޢަރަބީންނާއި ޢަޖަމީން ( ޢަރަބީން ނޫން އެހެން ނަސްލުތަކުގެ މީހުން ) ނެވެ. ތަފްސީރުއްޖަލާލައިނި ބުނާގޮތުގައި މި އާޔަތުގެ މާނައަކީ މި ޤުރްއާނަކީ ތިމްންރަސްކަލާނގެ ބާވައިލެއްވި ފޮތެކެވެ. މި ފޮތް ބާވައިލެއްވީ އެ ފޮތުން ބަރަކާތް ޙާޞިލުކޮށް އެ ފޮތް ޤަބޫލުކުރުމަށްޓަކައެވެ. މިއީ މައްކާގެ އަހްލުވެރީންނަށާއި އެންމެހާމީސްތަކުންނަށް އިންޒާރުދެއްވުމަށްޓަކައި ބަވައިލެއްވި ފޮތެކެވެ.
"އައްޡިލާލު " ބުނާގޮތުގައި މި އާޔަތުގެ މުރާދަކީ ، ބާވައިލެއްވުނު ފޮތެއްކަމާމެދު އެބައިމީހުން އިންކާރު ކުރާ މި އައުފޮތަކީ ބަރަކާތްތެރި ފޮތެކެވެ. ﷲގެ ބަސްފުޅު ތެދުކުރާފޮތެކެވެ. މި ފޮތް ބާވައިލެއްވުމުގެ ޙިކްމަތަކީ މައްކާގެ އަހްލުވެރިންނަށާއި އެ ރަށުގެ ވަށައިގެން ވާ ބަޔަކަށް އިންޒާރުދެއްވުމެވެ. މައްކާ އަށް މައިރަށޭ ކިޔުނީ ﷲގެ ގެފުޅު އެރަށުގައި ހުންނާތީއެވެ. އެއީ ﷲއަށް އަޅުކަންކުރުމަށްތަކައި ބިނާކުރެވުނު ފުރަތަމަ ގެއެވެ. 
އެހެންވެސް މުފައްސިރުން ވާހަކަފުޅުދައްކަވައިފައި ވަނީ ހަމަ މިމޭރުމުންނެވެ. މި އާޔަތުން ރަސޫލާގެ ފޮނުއްވުނީ މުޅި ދުނިޔެއަށް ކަން އެނގެއެވެ. މިކަން ކަށަވަރުކޮށްދެއްވައި މާތްﷲ ވަޙީކުރައްވަނީ " وَمَا أَرْ‌سَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرً‌ا وَنَذِيرً‌ا وَلَـٰكِنَّ أَكْثَرَ‌ النَّاسِ لَا يَعْلَمُونَ [2]- އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. "
ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ " أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أَحَدٌ قَبْلِى[3]- ތިމަންކަލޭގެފާނުގެ ކުރީގެ އެއްވެސް ބޭކަލަކަށް ނުދެއްވާ ފަސްކަމެއް ތިމަންކަލޭގެފާނަށް ދެއްވިއެވެ." އޭގެ ތެރޭގައި ހިމެނޭ މި ތަނަށް ބޭނުންވާ ނުކުތާ އަކީ " وَكَانَ النَّبِىُّ يُبْعَثُ إِلَى قَوْمِهِ خَاصَّةً وَبُعِثْتُ إِلَى النَّاسِ عَامَّةً "އެވެ. މާނައަކީ ތިމަންކަލޭގެފާނުގެ ކުރިން ނަބީބޭކަލުން ފޮނުއްވިފައިވަނީ އެބޭކަލެއްގެ ޤައުމަށް ޚާއްޞަކޮށްނެވެ. އެކަމަކު ތިމަންކަލޭގެފާނު ފޮނުއްވުނީ މީސްތަކުންގެ ގާތަށް ޢާއްމުކޮށްނެވެ. "

މައްކާ ބިމުގެ ހިކިފަސް ސަރަހައްދުގެ މަރްކަޒުމާތްﷲ ވަޙީކުރައްވަނީ " أُمَّ الْقُرَ‌ىٰ وَمَنْ حَوْلَهَا – މައިރަށާއި އެ ރަށުގެ ވަށައިގެންވަ ތަންތަން " އެވެ. މުސްތަޝްރިޤުން ،އސްލާމީ ޤައުމުތަކަށް ގޮސް މި އާޔަތުގެ މާނަ އޮޅުވައިލުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިބައިމީހުން ބުނިގޮތުގައި މި އާޔަތުގެ މާނައަކީ މައްކާއާއި މައްކަގެ ކައިރީގައިވާ ބައެއް ރަށްރަށެވެ. ނަމވެސް ކީރިތިޤުރްއާނުގެ އިސްވެ ބަޔާންކުރި އާޔަތުންނާއި އަދި އެފަދަ އެހެން އާޔަތްތަކުން މިމީހުންގެ މާނަކުރުން ނުބައިކަން އެނގެއެވެ. އަދި ކީރިރަސޫލާގެ އިސްވެ ބަޔާންކުރި ޙަދީޘުން ވެސް އެކަލޭގެފާނު ފޮނުއްވުނީ ހަމަ އެކަނި މައްކާ އާއި މައްކާގެ ކައިރީގައިވާ ބައެއް ރަށްތަކަށް ނޫންކަން އެނގެއެވެ.
ޤިބްލަ ހޯދުމާބެހޭގޮތުން ދިރާސާކުރެއްވި ޢާލިމެއްކަމުގައިވާ ޑރ. ޙުސައިން ކަމާލުއްދީނު ވިދާޅުވާގޮތުގައި ދުނިޔޭގެ ހުރިހާ ހިކިފަސް ސަރަޙައްދުތަކަކަށް ބަލައި އިރު މައްކާ ވަނީ މި ހުރިހާ ބައްރުތަކެއް ގެ ވަށައިގެންވާ ވައްބުރެއްގެ މެދުގައެވެ. އެހެންކަމުން މާތްﷲ މާތްކުރައްވައިފައިވަ މި ރަށް ( މައްކާ ) އަކީ މި ބިމުގެ ހިކިފަސް ހުރިހާ ތަނެއްގެ މަރްކަޒެވެ.
ޢިލްމީގޮތުން އެނގޭގޮތުގައި ހަތްބައްރު އުފެދުމުގެ ކުރިން މި ބިން އޮތީ އެއްބައްރަކަށެވެ. އެއަށްފަހު ބިމުގައި އެޅެމުންދާ ރެނދުތަކާއި ބިމަށް އަންނަ ލޮޅުންތަކާއި ފަރުބަދަތައް ގޮވުން ފަދަ ކަންތައްތަކުގެ ސަބަބުން އެ ބައްރު ފަޅިފަޅިވެ ބައިބައިވީއެވެ. މި ބައްރުތައް އެކަތި އަނެކައްޗާ ދުރުވަމުންދެއެވެ. މިހާރުވެސް މި ދުރުވުމަށް ހުއްޓުމެއް ނާދެއެވެ. މި ގޮތަށް ދުރުވެ ކައިރިވި ކަމުގައި ވިޔަސް މި ހިކިފަސް ތަންތަނުގެ މަރްކަޒަކީ މައްކާއެވެ. ސައެންސް ކަށަވަރުކޮށްދޭގޮތުގައި މި ބިން ފުރަތަމަ އޮތީ ފެނުގެ ތެރެއަށް ގެބިފައެވެ. މި ފެންގަޑުގެ އަޑީގައި ބާރުގަދަ ގޮވުމެއް ގޮވުމުގެ ސަބަބުން އެރި ކިސަދުތަކާއި މަށިތަކާއި ހިލަތަކުގެ ސަބަބުން ފަރުބަދަތައް އުފެދުނީއެވެ. މި ފަރުބަދަތަކުގެ ކުރިވެފައިވަނީ ޖަޒީރާއަކަށެވެ. މިއަދުވެސް މި ފެންނަ ޖަޕާން ، ނުވަތަ ފިލިޕީން ، ނުވަތަ އިންޑޮނީޝިޔާ ފަދަ ރަށްތަކަކީ އަލިފާން ފަރުބަދަތަކެއްގެ މަތީގައި އޮތް ރަށްތަކެކެވެ. ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ " (كَانَتْ الكَعْبَةُ خُشْعَةً عَلَى الْمَاءِ ثُمَّ دُحِيَتْ مِنْها الأَرْضُ [4]- ކަޢުބާ އޮތީ ފެންމަތީގައި ހިކިފައިވާ ކުޑަ ފިނޮޅެއް ގޮތަށެވެ. އެއަށްފަހު އެ ތަނުން ބިން ފެތުރުއްވިއެވެ. "އެހެންވީމާ ކަޢުބާ މިވަނީ މި ބިމުގެ ފުރތަމަ ހިކިފަސްކޮޅު މަތީގައި ނޫން ހެއްޔެވެ؟ ކީރިތިޤުރްއާނުގައި މާތްﷲ ވަޙީކުރައްވާގޮތުގައި މާތްﷲ ޖިންނީންނައި އިންސީން ހެއްދެވީ އެކަލާނގެއަށް އަޅުކަން ކުރާށެވެ. އަދި އެކަލާނގެ އަށް އަޅުކަންކުރުމަށްޓަކައި ބިނާކުރެވުނު ގެއަކީ ގެފުޅެވެ. އެހެންކަމުން ޢިލްމީގޮތުން ސާބިތު ނުވިޔަސް ނައްޞުން ސާބިތުވާކަމަށް ބުނެވިދާނެއެވެ. މިއީ ޢިލްމީ އިތުރު ދިރާސާތަކަށް ބޭނުންވާ ކަމެކެވެ.

މާތްވެގެންވާ މައްކާގެ އޮންނަ ޚައްޠު ޠޫލު ގައި ދަގަތްފާނައަށް ނުލެބުން ޑރ. ޙުސައިން ކަމާލުއްދީން ، " މަޖައްލަތުއް ބުޙޫޘިލް އިސްލާމިއްޔަތި " ގެ ފުރަތަމަ ވޮލިޔުމްގެ ދަވަނަ ޢަދަދުގައި ( 1975 މ އަހަރު ) ޝާއިޢުކުރައްވައިފައިވާ މި އަގުހުރި ދިރާސާ ގައި ވިދާޅުވެފައިވެއެވެ. މައްކާ އޮންނަ ޚައްޠު ޠޫލު ( 39.817 ދަރަޖަ އިރު ) ގައި އޮންނަ ހުރިހާ ރަށެއް ގެ ޤިބްލަ އޮންނާނީ ޖޯގްރަފީ ގޮތުން ސީދާ އުތުރުގައެވެ. ނުވަތަ ޖޯގްރަފީ ގޮތުން ސީދާދެކުނުގައެވެ. އޭނާ ޝަރަޙަކޮށްދެއްވައި ގޮތުގައި ދެކުނަށް ތިބޭނީ އުތުރު ތަނޑިން ފެށިގެން ގޮސް މައްކާ އޮންނަ ޚައްޠު ޢަރްޟާ ( 21.437 ދަރަޖަ އުތުރު) ހަމައަށެވެ. އުތުރަށް ތިބޭނީ ދެކުނު ތަނޑިން ފެށިގެންގޮސް މައްކާ އޮންނަ ޚައްޠު ޢަރްޟާ ހަމައަށެވެ.
ހަމަ އެފަދައިން މައްކާ އޮންނަ ޚައްޠު ޠޫލާ އަނެއްފަރާތުން ދިމާވާ ރޮގުމަތީގައި ( 140.183 ދަރަޖަ ހުޅަގު ) އޮންނަ ރަށްތަކުގެ މީހުންނަށް ވެސް ތިބެން ޖެހޭނީ މަތީގައި މި ބުނިގޮތަށެވެ. އޭގެ މާނައަކީ މައްކާ އޮންނަ ޚައްޠު ޢަރްޟުގެ ދެކުނުގައިވާ ރަށްރަށުގެމީހުން ތިބޭނީ ޖޯގްރަފީ ގޮތުން ސީދާ ދެކުނަށެވެ. މި ޚައްޠު ޢަރްޟުގެ އުތުރުގައިވާ ރަށްރަށުގެ މީހުން ތިބޭނީ ޖޯގްރަފީ ގޮތުން ސީދާ އުތުރަށެވެ.
މައްކާ އޮންން ޚައްޠު ޠޫލާއި ޚައްޠު ޢަރްޟުގައި އޮންނަރަށްތަކަށް ޖޯގްރަފީގޮތުން ސީދާ އުތުރަށް ވެސް އަދު ދެކުނަށް ވެސް ހުރެވިދާނެއެވެ. އަދި އެ ފަދަ ރަށެއްގައި އިރަށް ވެސް ހުޅަނގަށް ވެސް ހުރެވިދާނެއެވެ.
އޭނާ ވިދާޅުވާގޮތުގައި މީގެ މާނައަކީ މައްކާގެ ޚައްޠު ޠޫލުގައި ނުވަތަ އެ ރޮގާ އަނެއް ފަރާތުން ދިމަވަ ރޮގުގައި ދަގަތްފާނައަށް ލެބޭ ލެބުމެއް ( ނުވަތަ ކަތިވާ ކަތިވުމެއް ) ނެތެވެ. މިކަމުގެ ސަބަބަކީ ބިމުގެ މަރްކަޒުގައި ބޮޑު ދަގަތްފާނަގަނޑެއް ވާ ކަމެވެ. ބިމުގެ ޖޯގްރަފީ ނަރެހަށް ނިސްބަތްކުރާ އިރު މި ދަގަތްފާނަ ނާރެސް 11.5 ދަރަޖައަށް ލެބިފައިވެއެވެ. މި ބާރުގަދަ ދަގަތްފާނަ ދާއިރާ އުފެދިފައިވަނީ ބިން އޭގެ ނާރެހުގެ ވަށައިގެން އެނބުރޭ އިރު ބިމުގެ ދިޔާ މަދު ޙަރަކާތްތެރިވާ ޙަރަކާތްތެރިވުމުގެ ސަބަބުންނެވެ.ސަމުގާ ބޭނުންކޮށްގެން ފަރާތްތައް ހޯދޭ އިރު އެ ހޯދެނީ ޙަޤީޤީ ފަރާތެއް ނޫނެވެ. އެހެންކަމުން ޙަޤީޤީ ގަހާ ( ނުވަތަ އުތުރު ) އާ ދަގަތްފާނަ އުތުރު ތަފާތުވާނެއެވެ.
ތާރީޚީގޮތުން އެނގޭގޮތުގައި އިނގިރޭސިވިލާތުގެ ގްރީންވިޗަށް ބަލައިގެން ގަޑި ކަނޑައެޅުމަކީ އިގިރޭސީން އެމީހުންގެ ބާރުވެރިކަމުގެ ދަށުގައި ދުނިޔެ އޮތް އިރު ގަދަކަމުން ޖޮށްފައިވާ ކަމެކެވެ. 1972 ވަނައަހަރު ބެލި އިރު އިނގިރޭސިވިލާތުގެ މި ރަށުގެ ދަގަތްފާނަ އޭންގަލް 8.5 ދަރަޖައަށް ލެބިފައިވާކަން ސާބިތުވިއެވެ.
މައްކާ އަށް ބަލައި އިރު ޙަޤީޤީ އުތުރު ( ގަހާ ) އާ ދަގަތްފާނަ އުތުރު އެއް އުތުރަކަށް ވާތީ ، ޑރ. ޙުސައިން ކަމާލުއްދީން މައްކާ ބިމުގެ މަރްކަޒުކަމުގައި ބަލައިގެން މި ބިމުގެ ޚައްޠުތައް އަލުން ކުރަހަން ވަނީ ގޮވައިލައްވައިފައެވެ. މި ޒަމާނުގެ ޢިލްމީ ދިރާސާތައް ބުނާގޮތުގައި ދަގަތްފާނަ އެންގަލްގެ ކަތިވުން ގާތްގަނޑަކަށް ސުމަކަށްދާ ރޮގެއް[5]ވެއެވެ. މި ރޮގަށް Agonic line ) ) އޭ ކިޔެއެވެ.

މައްކާ ، ކައުނުގެ މަރްކަޒު ކީރިތިޤުރްއާނުގެ އާޔަތްތަކައި ކީރިތިރަސޫލާގެ ބައެއް ޙަދީޘްފުޅުތަކުން ދޭހަކޮށް ގަނެވޭގޮތުގައި މައްކާ އޮތީ ހަތްއުޑާއި ހަތްބިމުގެ މެދުގައެވެ. މިއީ ދީނީ ޙަޤީޤަތެކެވެ. އިންސާނުން ހޯދަމުންދާ ޢިލްމުތަކަށް އަދި ވަނީ މިހިސާބަށް ނުދެވިއެވެ.އަދި ކުރިމަގުގައި ދެވިދާނެކަމަކަށް ވެސް ނުފެނެއެވެ. މިކަމުގެ ސަބަބަކީ މި ބިމުގައި ދިރިއުޅޭ އިންސާނާއަށް ދުނިޔެގެ އުޑުން ވެސް މި ފެންނަނީ ކުޑަކުޑަ ފޮއްޗެކެވެ. އެކަމަށްޓަކައި އިންސާނާ އަށް ލިބިފައިވާ ވަސީލަތަކީ މި އުޑު ޒީނަތްތެރިކޮށްދޭ ތަރިތަކެވެ. މާތްﷲ ވަޙީކުރައްވަނީ " وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ [6]- ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބައްތިތަކަކުން އެންމެކައިރި އުޑު زينة ތެރިކުރެއްވީމެވެ. "

1- ބިމުގެ ސައިޒުގެ ކުޑަކަމާއެކުގައިވެސް އުޑުގެ ވާހަކަޔާ އެކު ބިމުގެ ވަހަކަ ޤުރްއާނުގައި ވަރިދުވުމުން ދޭހަވަނީ ބިމަށް ވަރަށް ޚާއްޞަމަޤާމެއް ލިބިފައިވާ ކަމެވެ.
2- އުޑުތަކާ ބިމާ ދެމެދުގައި ހުރަހެއް ވާ ކަމަށް ސާފު ބަހުން ކީރިތިޤުރްއާނުގެ ވިހިއާޔަތެއްގައި ބަޔާންވެގެންވެއެވެ. ބިމުގެ ކުޑަކަމާއި އުޑުގެ ބިޔަކަމަށް ބަލައި އިރު މި ފަދަ ހުރަހެއް އޮންނާނީ ހަތް އުޑާއި ހަތް ބިމާ ދެމެދުގައިވާ ތަނަކަށް މި ބިން ވާނަމައެވެ.
3- އައްރަޙްމާނު ސޫރަތުގެ 15 ވަނަ އާޔަތު ގައި، އުޑުތަކާއި ބިމުގެ ދިގުހުރަސްތަކުގެ ވާހަކަ އައިސްފައިވެއެވެ.މާތްﷲ ވަޙީކުރައްވަނީ " يَا مَعْشَرَ‌ الْجِنِّ وَالْإِنسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ‌ السَّمَاوَاتِ وَالْأَرْ‌ضِ فَانفُذُوا ۚ لَا تَنفُذُونَ إِلَّا بِسُلْطَانٍ - އޭ ޖިންނީންނާއި، އިންސީންގެ جماعة ގެ މީހުންނޭވެ! އުޑުތަކާއި، ބިމުގެ އެންމެހާ ދިގުހުރަސްތަކުން ނުކުމެގެން ދިޔުމަށް، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނަމަ، ފަހެ، ތިޔަބައިމީހުން ނުކުމެގެން ގޮސްބަލާށެވެ! ވަރުގަދަ ބާރަކުން މެނުވީ، ތިޔަބައިމީހުންނަކަށް ނުނުކުމެވޭނެތެވެ. " ޖިއޮމެޓްރީ ބުނާގޮތުގައި ދިގުހުރަހަކީ ( ޑަޔަމީޓަރ އަކީ ) ވައްއެއްޗެއްގެ މެދުން ލައިފައި އެއްކޮޅުން އަނެއްކޮޅަށް ދަމައިލެވޭ ރޮނގެވެ. އުޑުތަކާއި ބިމުގެ ދިގުހުރަސް އެކައްޗެއް ކަމުގައިވާ ނަމަ ހަތް އުޑުގެ މަރްކަޒަށް ވާންޖެހޭނީ ބިމެވެ.
4- ކީރިތިރަސޫލާ ހަދީޘްކުރައްވަނީ " إن الحرم حرم مناء من السماوات السبع والأرضين السبع[7] – ހަމަކަށަވަރުން މައްކާގެ ޙަރަމަކީ ހަތްއުޑާއި ހަތްބިމުގެ ތެރެއިން ގަސްތުކުރެވޭ ޙަރަމެކެވެ. " މީގެ އިތުރަށް " مناء " ގެ މާނަތަކުގެ ތެރޭގައި " އެއްތެދަށް ވުން " ހިމެނެއެވެ. އޭރުން މި ޙަދީޘްފުޅުގެ މާނައަކަށް ވާނީ : ހަމަކަށަވަރުން މައްކާގެ ޙަރަމުފުޅަކީ ހަތްއުޑާއި ހަތްބިމާ އެކު އެއްތެދަކަށްވާ ޙަރަމެކެވެ. މިހެންވާނީ އެ އުޑުތަކާއި ބިންތަކާ ދެމެދުގައި އެތަން ވާނަމައެވެ. މިއިން އެނގެނީ މައްކާގެ ގެފުޅަކީ މި ބިމުގެ ހިކިފަސް ސަރަޙައްދުތަކުގެ މެދުކަމެވެ.
5- ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ " البيت المعمور منا مكة [8]- އަލްބައިތުލް މަޢުމޫރަކީ މައްކާގެ މިނާ އެވެ. " އެހެންބަސްފުޅެއްގައި އަލްބައިތުލް މަޢުމޫރު ސިފަކުރައްވަނީ އެއީ " بيت في السماء السابعة علي حيال الكعبة تماما حتي لو خر لخر فوقها[9] – ކަޢުބަތުﷲ ގެފުޅާ ދިމާ މަތީގައި ހަތްވަނަ އުޑުގައިވާ ގެފުޅެކެވެ. އެ ގެފުޅު ވެއްޓިއްޖެ ނަމަ އެ ގެފުޅު ވެއްޓޭނީ މި ގެފުޅު މައްޗަށެވެ. "
މި ވާހަކަތަކުން މައިރަށް ( މައްކާ ) އަކީ މިބިމުގެ ހިކިބިމުގެ މެދުކަން ސާފުކޮސް އެނގެއެވެ. ކަޢުބަތުﷲ ގެފުޅު ލައްވައިފައިވަނީ މި ހިކި ބިމުގެ މެދުގައެވެ. އަލްބައިތުލް މަޢޫމޫރު ލައްވައިފައިވަނީ ގެފުޅާ ސީދާ ދިމާ މަތީގައެވެ.

އަޅުކަންކުރުމަށްޓަކައި އެންމެ ފުރަތަމަ ބިނާކުރެވުނު ގެ އަކީ ގެފުޅުމާތްﷲ ވަޙީކުރައްވަނީ " إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَ‌كًا وَهُدًى لِّلْعَالَمِينَ [10]- ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި، (އަޅުކަމުގެ) ގެޔަކީ، مكة ގައިވާ ގެފުޅުކަން ކަށަވަރެވެ. بركات ލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި، عالم ތަކަށް ތެދުމަގެއް ކަމުގައެވެ."

ބައްކާގެ މާނަ1- އިބްނު ކަޘީރު ވިދާޅުވާގޮތުގައި : بكة ގެ މާނައަކީ އިބްރާހީމުގެފާނައި އެކަލޭގެފާނުންގެ ދަރިކަލުން އިސްމާޢީލުގެފާނު ބިނަކުރެއްވި ގެފުޅެވެ.
2- އެކަމަކު ޖުމްހޫރުޢިލްމުވެރިން ވިދާޅުވާގޮތުގައި " بكة " އަކީ މައްކާގެ ނަމެކެވެ. އެ ނަން ދެވުނީ އަނިޔާވެރިންނާއި ޖައްބާރުންގެ ކަނދުރާތައް " تبك " ކުރާ ރަށަކަށް ( އެބަހީ ނިކަމެތިކޮށް ބަލިކޮށްލައި ތަނަކަށް ) އެ ރަށް ވާތީއެވެ.
3- މައްކާ އަށް بكة އޭ ކިޔުނީ އެ ރަށަށް މީހުން އެއްވެ ކާރޫބާރޫ ބޮޑުވާތީއެވެ. ޤަތާދާ ވިދާޅުވާގޮތުގައި ޙަރަމްފުޅުގައި މީހުން ގިނަކަމުން ނަމާދުކުރާ އިރުގައި މަސްހުނި ނަމާދުކުރުން ހުއްދަވެގެންވާ ހަމަ އެކަނި މިސްކިތަކީ މައްކާގެ ޙަރަމްފުޅެވެ. މައްކާގެ ޙަރަމްފުޅު ތެރޭގައި ފިރިހެނުންގެ ކުރިމަތީގައި އަންހެނުން އަދި ފިރިހެނުންގެ ދެފަރާތުގައިވެސް އަންހެނުން ތިބެގެން ނަމާދުކުރުން ހުއްދަވެގެންވެއެވެ.
4- ޝުޢުބާ ވިދާޅުވާ ގޮތުގައި ބައްކާ އަކީ ގެފުޅާއި ގެފުޅުގެ ޙަރަމްފުޅެވެ. ޢިކްރިމާ ވިދާޅުވާގޮތުގައި ގެފުޅާއި ގެފުޅުގެ ވަށައިގެންވާ ސަރަޙައްދަކީ ބައްކާ އެވެ. މައްކާ އަކީ އެ ސަރަޙައްދުގެ ފަހަތުގައިވާ ސަރަޙައްދެވެ.
5- މައްކާގެ ނަންފުޅުތަކުގެ ތެރޭގައި : ބައްކާ ، އަލްބައިތުލް ޢަތީޤު ، އަލްބައިތުލް ޙަރާމް ، އަލްބަލަދުލްއަމީން ، އުއްމުލް ޤުރާ ، އަލްޤާދިސް ( އެއީ ފާފަތައް ފުހެދޭ ތަނަކަށް ވާތީ ) ، އަލްމުޤައްދަސާ ، އަލްޙާޠިމާ . އައްރައުސް ، އަލްކަޢުބާ ، އަލްބަލްދާ އަލްބުންޔާ ، ހިމެނެއެވެ.
6- ތަފްސީރުލް ޖަލާލައިނި ބުނާގޮތުގައި ގެފުޅު ބިނާކުރެއްވީ މަލާއިކަތުންނެވެ. އެއީ އާދަމުގެފާނު ޚަލްޤުކުރެއްވުމުގެ ކުރީންނެވެ. އެއަށްފަހު އަޤްޞާ މިސްކިތެވެ. އެއީ ގެފުޅު ބިނާކުރުމުގެ ސާޅީސްއަހަރު ފަހުންނެވެ.

މި އާޔަތުގައި އައިސްފައިވާ ޢިލްމީ އިޝާރަތްތައް ޢިލްމީގޮތުން އެނގޭގޮތުގައި ހަތްބައްރު އުފެދުމުގެ ކުރިން މި ބިން އޮތީ އެއްބައްރަކަށެވެ. އެއަށްފަހު ބިމުގައި އެޅެމުންދާ ރެނދުތަކާއި ބިމަށް އަންނަ ލޮޅުންތަކާއި ފަރުބަދަތައް ގޮވުން ފަދަ ކަންތައްތަކުގެ ސަބަބުން އެ ބައްރު ފަޅިފަޅިވެ ބައިބައިވީއެވެ. މި ބައްރުތައް އެކަތި އަނެކައްޗާ ދުރުވަމުންދެއެވެ. މިހާރުވެސް މި ދުރުވުމަށް ހުއްޓުމެއް ނާދެއެވެ. މި ގޮތަށް ދުރުވެ ކައިރިވި ކަމުގައި ވިޔަސް މި ހިކިފަސް ތަންތަނުގެ މަރްކަޒަކީ މައްކާއެވެ. ސައެންސް ކަށަވަރުކޮށްދޭގޮތުގައި މި ބިން ފުރަތަމަ އޮތީ ފެނުގެ ތެރެއަށް ގެބިފައެވެ. މި ފެންގަޑުގެ އަޑީގައި ބާރުގަދަ ގޮވުމެއް ގޮވުމުގެ ސަބަބުން އެރި ކިސަޑުތަކާއި މަށިތަކާއި ހިލަތަކުގެ ސަބަބުން ފަރުބަދަތައް އުފެދުނީއެވެ. މި ފަރުބަދަތަކުގެ ކުރިވެފައިވަނީ ޖަޒީރާއަކަށެވެ. މިއަދުވެސް މި ފެންނަ ޖަޕާން ، ނުވަތަ ފިލިޕީން ، ނުވަތަ އިންޑޮނީޝިޔާ ފަދަ ރަށްތަކަކީ އަލިފާން ފަރުބަދަތަކެއްގެ މަތީގައި އޮތް ރަށްތަކެކެވެ. މި ގޮތަށް ފަރުބަދަތައް ގޮވަމުން ދިޔުމުގެ ސަބަބުން ހިކބިންތައް އިތުރުވެ ވޮޑުމުގެ ސަބަބުން ބޮޑު އެއް ބައްރު ( މައި ބައްރު ) އުފެދުނެވެ. މި ބައްރަށް ޕެންޖިޔާ ( Pangaea [11] ) އޭ ކިޔެއެވެ. އޭރު އޮތީ ބިޔަ އެންމެ ކަނޑެކެވެ. މި ކަނޑަށް ކިޔަނީ ޕެންތަލާސާ (Panthalassa ) އެވެ. ހިކި ބިމުން ބައެއް ކަނޑަށްވުމާއި ، ކަނޑުން ބައެއް ހިކިބިމަށް ވުމުގެ ފިނޯމިނާ ( ނުވަތަ ގިރުމާއި ވޮޑުމުގެ ފިނޯމިނާ ) އަށް ކަނޑާއި ހިކިބިމުގެ ދައުރުވުމޭ ކިޔެއެވެ.

ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ " (كَانَتْ الكَعْبَةُ خُشْعَةً عَلَى الْمَاءِ ثُمَّ دُحِيَتْ مِنْها الأَرْضُ [12]- ކަޢުބާ އޮތީ ފެންމަތީގައި ހިކިފައިވާ ކުޑަ ފިނޮޅެއް ގޮތަށެވެ. އެއަށްފަހު އެ ތަނުން ބިން ފެތުރުއްވިއެވެ. މި ޙަދީޘަށް ބާރުދޭ އެހެން ޙަދީޘްފުޅެއްވެއެވެ. މިއީ، އިބްނު އުމަރުގެ އަރިހުން ޠަބަރާނީއާއި ބައިހަޤީ ރިވާކުރައްވައިފައިވާ ޙަދީޘެކެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ " މާތްﷲ އުޑުތަކާއި ބިން ހެއްދެވި އިރު ފެނުގެ ތެރެއިން ފުރަތަމަ ފާޅުވީ ، ހުދުކުލައިގެ ފޮނުގަނޑެއް ފަދަ އެއްޗެއްގެ ގޮތުގައި، ގެފުޅެވެ.ބިން ނެރުއްވައި ފެތުރުއްވީ އޭގެ ދަށުންނެވެ. " މުސްލިމު ޢިލްމުވެރިންގެ މައްޗަށް ވާޖިބުވެގެންވަނީ މައްކާގެ ބިމުގެ ހިލަތައް ދިރާސާކޮށް މިއީ މިބިމުގައިވާ އެން ޤަދީމީ ހިލަތައް ސާބިތުކޮށްދިނުމެވެ. މިކަމުގެ ސަބަބުން ކީރިތިރަސޫލާގެ ނުބުއްވަތްތެރިކަން ޣައިރުމުސްލިމުންނަށް ކަށަވަރުވެގެންދާނެއެވެ.

ފާޅުވެގެންވާ ހެކިތައްމާތްﷲ ވަޙީކުރައްވަނީ " فِيهِ آيَاتٌ بَيِّنَاتٌ مَّقَامُ إِبْرَ‌اهِيمَ ۖ وَمَن دَخَلَهُ كَانَ آمِنًا [13]- ފާޅުވެގެންވާ ހެކިތަކެއް އެތާނގައި ވެއެވެ. إبراهيم ގެފާނު ހުންނެވިތަން (އޭގެތެރެއިން) ވެއެވެ. އެތަނަށް (އެބަހީ: ގެފުޅުގެ حرم ފުޅަށް) ވަދެއްޖެ މީހާއީ، أمان ކަން ލިބިގެންވާ މީހަކު ކަމުގައިވިއެވެ."
މަޤާމު އިބްރާހީމު ( ނުވަތަ އިބްރާހީމުގެފާނުގެ މަޤާމު ) އަކީ ކޮބައިހެއްޔެވެ؟ އިބްނު ކަޘީރު ވިދާޅުވާގޮތުގައި އެއީ ، އިބްރާހީމުގެފާނު ގެފުޅު ބިނާކުރެއްވި އިރު އޭގެ މައްޗަށް އަރައިވަޑައިގެން ހުންނެވި ހިލަގަޑެވެ.މިއީ އަތްޕުޅު ނުފޯރާ ހިސާބަށް ދިޔުމުން މައްޗަށް ހިލަ އުފުއްލެވުމަށްޓަކައި އަރައިވަޑައިގެންނެވި ހިލަގަނޑެވެ. މުޖާހިދު ވިދާޅުވާގޮތުގައި މާތްﷲ ލެއްވި ފާޅުވެގެންވާ ހެކިތަކަކީ މި ހިލަގަނޑު މަޑުކުރައްވައި އޭގެ މަތީގައި އިބްރާހީމުގެފާނުގެ ދެފައިންޕުޅުގެ އަސަރު ކެނޑިބިންވަޅުނެގިގެންދިޔުމެވެ.
އިބްނު ޢައްބާސް ވިދާޅުވާގޮތުގައި މަޤާމު އިބްރާހީމުގެ މަރާދަކީ މައްކާގެ މުޅި ޙަރަމްފުޅެވެ.އެތާނގައި ލައްވާފައިވާ ފާޅުވެގެންވަ ހެކިތަކުގެ ތެރޭގައި މަޤާމު އިބްރާހީމައި މަޝާޢިރުތައް ހިމެނެއެވެ.
ޙަރަމްފުޅުގެ އޭރިއާ އަކީ ގާތްގަނޑަކަށް 600 އަކަކީލޯމީޓަރެވެ. ހުޅަނގުފަރާތުން މައްކާއިން ފެށިގެން އިރުމަތީ ފަރާތުން ޢަރަފާތުގެ މައިދާނެވެ. އޭގެ ތެރޭގައި މިނާގެ ވާދީއާއި މުޒްދަލިފާގެ ވާދީ ހިމެނޭގޮތަށެވެ. މި ޙަރަމްފުޅަށް މާތްﷲ ކަނޑައަޅުއްވައިފައިވާ އިންތަކެއްވެއެވެ. މި އިން މާތްﷲ އާދަމުގެފާނަށް އަންގަވައިދެއްވިއެވެ. އެއަށްފަހު ޖިބްރރީލުގެފާނު މި އިންތައް އިބްރާހީމުގެފާނަށް ދަސްކޮށްދެއްވިއެވެ. ފަސްފަރާތަކުން މި އިންތައް ވަކިކޮށްދެއްވައިފައިވެއެވެ. އެއީ މިކިޔާ މީޤާތުތަކެވެ.

މައްކީ ޙަރަމްފުޅުގައިވާ ފާޅުވެގެންވާ ހެކިތައް1- ބިމުގެ ހިކފަސް އިމުގެ މެދުކަމުގައި މައްކާ ލެއްވުން : މި ވާހަކަތައް މިހާރުވާނީ އިސްވެ ބަޔާންކޮށްފައެވެ.
2- މައްކާގެ ޚައްޠު ޠޫލު ގައި ގަދަތްފާނައަށް ނުލެބުން : މި ވާހަކަޔާ ތަފްޞީލުތައް މަތީގައި ވާނީ ބަޔާންކޮސްފައެވެ.
3- ގެފުޅުގެ ކަންކޮޅުތައް މިސްރާބުވާ ދިމާ ބަރާބަރަށް ކަނޑައަޅުއްވައިދެއްވުން : ގެފުޅުގެ ހަތަރު ކަންކޮޅަށް ބަލައި އިރު ކޮންމެ ކަންކޮޅެއްހުރީ މި ބިމުގެ ހަތަރު ބިތުގެ ތެރެއިން ބިތަކަށް ސީދާ ވާ ގޮތަށެވެ. ޝާމީ ކަންކޮޅު ހުރީ ސީދާ ޙަޤީޤީ އުތުރަށެވެ. އަލްޙަޖަރުލްއަސްވަދު ހުރީ ސީދާ ޙަޤީޤީ އަރާމުރިގަށެވެ. ޔަމާނީ ކަންކޮޅު ހުރީ ސީދާ ޙަޤީޤީ ދެކުނަށެވެ.މިޞްރީ ކަންކޮޅު ހުރީ ސީދާ ޙަޤީޤީ އޮއްސޭ މުރިގަށެވެ. އާދަމުގެފާނުގެ ޒަމާނުގައި ނުވަތަ އެކަލޭގެފާނުގެ ކުރިން އެ ތަން އެ ގޮތަށް ބިނާކުރެވުނީ ކިހިނަކުންބާވައެވެ! އޭގެފަހުން އިބްރާހީމުގެފާނައި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނު ގެފުޅު އަލުން ބިނާކުރެއްވި ޒަމާނުގައި މި ބިމުގެ ބިތްތައް މިހާރު ކަނޑައަޅަން އެނގޭގޮތަށް ކަނޑައަޅަން އެނގޭނެ ބަޔަކު ދުނިޔޭގައި ތިބޭނެހެއްޔެވެ؟ އެހެންކަމުން މިއީ އިންސާނީ ޢަމަލެއް ނޫންކަން ކަށަވަރެވެ.
4- އަލްޙަޖަރުލް އަސްވަދު : ކީރިތިރަސޫލާގެ އަރިހުން އުބައްޔު ބުނު ކަޢުބު ރިވަކުރައްވާ ގޮތުގައި " الحجر الاسود نزل به ملك من السماء[14] - އަލްޙަޖަރުލްއަސްވަދަކީ އުޑުން މަލާއިކަތަކު އެ ހިއްޕަވައިގެން ވަޑައިގެންނެވި ހިލައެކެވެ. " މި ތާނގައި އުޑުގެ މަނައަކީ ސުވަރުގެ ކަމަށް ބައެއް ބޭކަލުން ވިދާޅުވެއެވެ. އިބްނު ޢައްބާސުގެފާނު އަރިހުން އިމާމު އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި ރިވާކުރައްވައިފައިވެއެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. " الْحَجَرُ الْأَسْوَدُ مِنْ الْجَنَّةِ [15]– އަލްޙަޖަރުލްއަސްވަދަކީ ސުވަރުގޭގެ އެއްޗެކެވެ. " ކީރިތިރަސޫލާ ޢާއިޝަތުގެފާނަށް ވިދާޅުވިއެވެ. " އަލްޙަޖަރުލްއަސްވަދަކީ ސުވަރުގޭގެ ހުދު ޔާޤޫތުތަކުގެ ތެރެއިން ޔާޤޫތެކެވެ. މާތްﷲ އޭގެ ކުލަ ބަދަލުކުރެއްވީ އުރެދޭމީހުންގެ އުރެދުންތަކުގެ ސަބަބުންނެވެ. އެކަލާނގެ ވަނީ އަނިޔާވެރިންނައި ކުށްފާފަވެރިންނަށް އޭގެ ޒީނަތްތެރިކަން ވަންހަނަކުރައްވައިފައެވެ. " [16] އަދިވެސް ޙަދީޘްކުރައްވަނީ " إِنَّ الرُّكْنَ وَالْمَقَامَ يَاقُوتَتَانِ مِنْ يَاقُوتِ الْجَنَّةِ وَلَوْلا مَا مَسَّهُمَا مِنْ خَطَايَا بَنِي آدَمَ لأَضَاءَ مَا بَيْنَ الْمَشْرِقِ وَالْمَغْرِبِ وَمَا مَسَّهُمَا مِنْ ذِي عَاهَةٍ وَلا سَقِيمٌ إِلاَّ شُفِيَ[17] - ހަމަކަށަވަރުން ކަންކޮޅާއި ( އެބަހީ އަލްޙަޖަރުލްއަސްވަރުގެ ކަންކޮޅު ) މަޤާމަކީ ސުވަރުގޭގެ ޔާޤޫތުތަކުގެ ތެރޭގައި ހިމެނޭ ދެ ޔާޤޫތެވެ. އާދަމުދަރީންގެ ކުށްފާފަތައް އެ ދޭތީގައި ބީހިފައި ނުވާ ނަމަ އިރުމައްޗާއި ހުޅަނގާ ދެމެދު އެ ދޭތީގެ އަލިން އަލިވާނެތެވެ.އަދި އުނިކަމެއް ހުރިމީހަކު ނުވަތަ ބަލިމީހަކު އެ ދޭތީގައި ބީހުނު ނަމަ، އެމީހުންނަށް ޝިފާ ނުލިބި ނުދާނެތެވެ." އޮރިއަންޓަލިސްޓުން މި ޙަދީޘްފުޅުތައް ކިޔާފައި އެމީހުން ހީކުރީ އަލްޙަޖަރުލްއަސްވަދަކީ ސައިލުތަކާއެކު ގެނެސް މައްކާގެ ވާދީތެރެއަށް އެއްލައިލި ބާޒިލްޓް ހިލަގަޑެއްކަމަށެވެ. މިކަން ސާބިތުކޮށްދިނުމަށްޓަކައި އިގިރޭސިވިލާތުގެ ރޯޔަލް ޖިއޮގްރެފިކް ސޮސައިޓީން ، ރިޗަރޑް ފްރޭންސިސް ބަރޓްން ނަމަކަށް ކިޔާ އިނގިރޭސިއަކު ،އަފްޣާނިސްތާނުގެ މުސްލިމެއް ކަމަށް ހެދިގެން ( 1853 މ. ގައި ) މައްކާ އަށް ގޮސް އަލްޙަޖަރުލްއަސްވަދުން އެތިކޮޅެއް ވަގަށް ނަގައިގެން އިގިރޭސިވިލާތަށް ފިލައިގެން ދިޔައެވެ. ވަގަށް ނެގި މި ހިލަކޮޅު ދިރާސާކުރުމުން އޭނާ އަށް އެއީ އުޑުގެ އެއްޗެއްކަން ކަށަވަރުވިއެވެ. އެއީ އޭތި ކޮޅު ގިނަހިލައަކާ ވައްތަރުވީތީއެވެ. އެކަމަކު ވެސް އޭގެ ކެމިކަލް އަދި މަޢުދަނީ ކަމްޕައުންޑް ތައް ގިނިހިލައާ ތަފާތުކަން އޭނާ އަށް އެނގުނެވެ. މިކަމުގެ ސަބަބުން އޭނާ އިސްލާމްވިއެވެ. އޭނާގެ މި ވަހަކަތައް ( A Journey to Mecca )[18] ނަމަކަށް ކިޔާ ފޮތުގައި، އޭނާ ލިޔެފައިވެއެވެ.
5- މަޤާމު އިބްރާހީމުގައި ބިނަވަޅުނެގިފައިވާ ފައިންޕުޅުގެ އަސަރު : މަޤާމުއިބްރާހީމުގެ މާނަތަކުގެ ތެރޭގައި ﷲގެ އަމުރުފުޅަށް ގެފުޅު ބިނާކުރައްވަން އިބްރާހީމުގެފާނަށް އެންގެވުމުން ގެފުޅު ބިނާކުރެއްވުމަށްޓަކައި އަރައިވަޑައިގެން ހުންނެވި ހިލަގަނޑުމަތީގައި އެކަލޭގެފާނުގެ ދެފައިންޕުޅުގެ އަސަރު ހުރި ތަން ވެއެވެ. އެހެނީ މަޤާމަކީ ކޮއްޅަށް ހުރި ތަނެވެ. ނުވަތަ ތެދުވެ ހުރި ތަނެވެ. މި ހަރުހިލަގަނޑު މަޑުކުރައްވައި އެކަލޭގެފާނުގެ ފައިންޕުޅުގެ އަސަރު އެ ހިލަގަނޑުގައި ލެއްވުމަކީ ފާޅުވެގެންވާ ހެކިތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ " الركن والمقام من الجنة [19]–އަލްޙަޖަރުލްއަސްވަދާއި މަޤާމަކީ ސުވަރުގޭގެ ބަޔެކެވެ." 
6- ޒަމްޒަމް ވަޅުކޮޅު : އަލިފާންހިލަތަކެއްގެ ތެރެއިން އަރަމުންދާ މި ފެން ޒަމްޒަމްފެނަށް ތިންހާހަށް ވުރެ ގިނަދުވަސްވެއްޖެއެވެ. މި ވަޅު ނުހިނދި ، ނުވަތަ ފެން ހުސްނުވެ ހުރުމަކީ ފާޅުވެގެންވާ ހެއްކެއްކަން ކަށަވަރެވެ. ވމި ފެން އަންނަ ހިސާބެއް އެނގޭތޯ ކުރެވުނު މަސައްކަތްތަކުން އެނގުނީ މި ވަޅުކޮޅުގެ ފެން ހިއްކާ ހުސްކޮށް ނުލެވޭކަމެވެ. ބޮޑެތި މޯޓަރުތައް ބޭނުންކޮށްގެންވެސް މިކަންތައް ވަނީ ނުކުރެވިފައެވެ. މި ވަޅުކޮޅަށް ފެންއަރަނީ އެންމެ ދިމައަކުންނޫނެވެ. އެކަމަކު ހުރިހާ ދިއަކުންނެވެ. މައްކާ ސަރަޙައްދުން ބޭރުން ހުރިހާ ފަރާތަކުން މި ވަޅުކޮޅަށް ފެން އާދެއެވެ. މި ވަޅުކޮޅާ ބެހޭގޮތުން ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ " زمزم لما شربت له إن شربته تريد الشفاء شفاك الله وإن شربته تريد أن يقطع ظماك قطعه وإن شربته تريد أن تشبعك أشبعتك هي هزمة جبريل وسقيا الله إسماعيل [20] - ޒަމްޒަމްފެން، ތިބާ އެކަމަކަށްޓަކައި އެ ބުއިކަމަކަށް ފުދިގެންވެއވެ. ތިބާ އެ ބުއީ ޝިފާ އަކަށްޓަކައި ނަމަ ﷲ ތިބާއަށް ޝިފާދެއްވާނެއެވެ. ތިބާ އެ ބުއީ ކަރުހިއްކުން ކަނޑުވަންކަމަށްޓަކައި ﷲ ކަރުހިއްކުން ކަނޑައިލަދެއްވާނެއެވެ. ތިބާ އެ ބުއީ ހައިހޫނުކަންފިލުވުމަށްޓަކައި ނަމަ ﷲ ތިބާގެ ކިބައިން ހައިހޫނުކަން ފިއްލަވާނެތެވެ. އެއީ ޖިބްރީލުގެފާނު ބިންމަތީގައި ބާރަށްޖެއްސެވުމުން އެރި ފެނެކެވެ. އެއީ އިސްމާޢީލުގެފާނަށް ﷲ ދެއްވި ފެނެކެވެ. "އަދިވެސް ޙަދީޘްކުރައްވަނީ " خَيْرُ مَاءٍ عَلَى وَجْهِ الأَرْضِ مَاءُ زَمْزَمَ فِيهِ طَعَامٌ مِنَ الطُّعْمِ وَشِفَاءٌ مِنَ السُّقْمِ[21] - މި ބިންމަތީގައިވާ އެންމެ ރަނގަޅު ފެނަކީ ޒަމްޒަމްފެނެވެ. އޭގައި ކެއުމެއް ބޭނުންވާމީހަކަށް ކެއުމެކެވެ. އަދި އެއީ ޝިފާއަކަށް ބޭނުންވާ މީހަކަށް ޝިފާއެކެވެ. "
7- ވަރަށްގިނަޢަދަދެއްގެ ނަބީބޭކަލުންނާއި ޞާލިޙުން މައްކާގެ ޙަރަމްފުޅާއި މަސްޖިދުލއްޚައިފުގައި ފަސްދާނުލެވިފައިވުން: މިސާލަކަށް އިސްމާޢީލުގެފާނާއި އެކަލޭގެފާނުގެ މައިކަމަނާ ހާޖަރު ފަސްދާނުލެވިފައިވަނީ ޙިޖްރު އިސްމާޢީލު ތެރޭގައެވެ. ކީރިތިރަސޫލާގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި މަސްޖިދުލްޚައިފު ގައި ނަބީބޭކަލުންގެ 70 ވަރަކަށް ބޭކަލުން ފަސްދާނުލެވިފައިވެއެވެ. މުޖާހިދު ވިދާޅުވާގޮތުގައި ފަންސަހައްތަރިއަށް ވުރެ ގިނަ ނަބީބޭކަލުން ގެފުޅުގެ އަރިހަށް ވަޑައިގެން ޙައްޖުވެވަޑައިގެންފައިވެއެވެ. [22]
8- މައްކާގެ ޙަރަމްފުޅު އަމާންތަނެއްކަމުގައިލެއްވުން : މާތްﷲ ވަޙީކުރައްވަނީ " فِيهِ آيَاتٌ بَيِّنَاتٌ مَّقَامُ إِبْرَ‌اهِيمَ ۖ وَمَن دَخَلَهُ كَانَ آمِنًا ۗ [23]- ފާޅުވެގެންވާ ހެކިތަކެއް އެތާނގައި ވެއެވެ. إبراهيم ގެފާނު ހުންނެވިތަން (އޭގެތެރެއިން) ވެއެވެ. އެތަނަށް (އެބަހީ: ގެފުޅުގެ حرم ފުޅަށް) ވަދެއްޖެ މީހާއީ، أمان ކަން ލިބިގެންވާ މީހަކު ކަމުގައިވިއެވެ. " މި ރަށުގެ އަމާންކަމަކީ މާތްﷲ ދެއްވައިފައިވާ އަމާންކަމެކެވެ.ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ " إِنَّ مَكَّةَ حَرَّمَهَا اللَّهُ وَلَمْ يُحَرِّمْهَا النَّاسُ فَلاَ يَحِلُّ لاِمْرِئٍ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ أَنْ يَسْفِكَ بِهَا دَمًا وَلاَ يَعْضِدَ بِهَا شَجَرَةً فَإِنْ أَحَدٌ تَرَخَّصَ لِقِتَالِ رَسُولِ اللَّهِ -صلى الله عليه وسلم- فِيهَا فَقُولُوا لَهُ إِنَّ اللَّهَ أَذِنَ لِرَسُولِهِ وَلَمْ يَأْذَنْ لَكُمْ وَإِنَّمَا أَذِنَ لِى سَاعَةً مِنْ نَهَارٍ وَعَادَتْ حُرْمَتُهَا الْيَوْمَ كَحُرْمَتِهَا بِالأَمْسِ [24]- ހަމަކަށަވަރުން ﷲވަނީ މައްކާ ޙުރްމަތްތެރިކުރައްވައިފައެވެ. އިންސާނަކު އެރަށް ޙުރްމަތްތެރިއެއް ނުކުރެއެވެ. ﷲއަށާއި އާޚިރަތްދުވަހަށް އީމާންވާ މީހާ އަށް އެ ރަށުގައި ލޭއޮހޮރުވުމާއި ގަސްގަހާގެހި ކަނޑައި އުފުރާ ހެނދުން ހުއްދަވެގެން ނުވެއެވެ. ފަހެ، މީހަކު ރަސޫލުﷲގެފާނަށް އެ ރަށުގައި ހަނގުރާމަކުރެއްވުން ހުއްދަކުރެއްވުނުކަމަށް ބުނެފިނަމަ، ތިޔަބައިމީހުން އެމީހަކާ ދިމައަށް ބުނާށެވެ. ހަމަކަށަވަރުން، މާތްﷲ އެކަމަށް ހުއްދަދެއްވީ އެކަލާނގެ ރަސޫލާއަށެވެ. ތިޔަބައިމީހުންނަކަށް ނޫނެވެ. ތިމަންކަލޭގެފާނަށް ހުއްދަދެއްވީ ދުވާލުގެ ގަޑިއެއްހާ އިރުގެ ވަގުތުކޮޅަކަށެވެ. އެ ޙުރްމަތްތެރިކަން އިއްޔެ ފަދައިން މިއަދު އިޢާދަވެއްޖެއެވެ. " އަދިވެސް ޙަދީޘްކުރެއްވިއެވެ. " لا يحل لأحد أن يحمل السلاح بمكة[25] – މައްކާގައި އެއްވެސްމީހަކަށް ހަތިޔާރު އުފުލުން ހުއްދަވެގެންނުވެއެވެ. "
މައްކާގައި އަމާންކަން ލިބިފައިވަނީ ހަމައެކަނި އިންސާނުންނަކަށް ނޫނެވެ. ޙައިވާނުންނަށާއި ގަސްގަހާގެއްސަށް މި އަމާންކަން ލިބިފައިވެއެވެ. ދިރާސާކުރައްވާބޭކަލުން ވިދާޅުވާގޮތުގައި މައްކަގެ ޙަރަމްފުޅުގެ ސަރަޙައްދުތެރޭގައި ޖަނަވާރުތައް ކޯޅޭތަނެއް ނުފެނެއެވެ. އެކަތި އަނެކައްޗަށް ގޯނާކުރާ ތަނެއް ނުފެނެއެވެ. ހުރިހާ ޖަނަވާރުތަކެއް ވެސް އުޅެނީ އެކުގައި ގުޅިގެންނެވެ.
9- ޢިލްމުވެރިން ވިދާޅުވާގޮތުގައި މާތްﷲ ވަނީ މައްކާ ޤުދްރަތީ ކާރިސާތަކުންނާއި ބިންހެލުންތަކުން ވެސް އެ ރަށް އަމާންކޮށްދެއްވައިފައެވެ. ދިރާސާތައް ބުނާގޮތުގައި ރަތްކަނޑުގެ ތަޅުން ހުޅުވި ފުޅައުވަމުން ދާ އިރުގައިވެސް ، އަދި ޢަރަބި ކަރަ އެފްރިކާއާ ދުރަށް އިރުއުތުރަށް ޖެހެމުންދާ އިރުގައިވެސް ،އަދި 627 މ ން ފެށިގެން 1989މ އާ ދެމެދުގައި ، ރެޚްޓަރ މިންގަނޑުން 3.1 ދަރަޖައާއި 6.7 ދަރަޖައިގެ 2586 ބިންހެލުން އައިސްފައިވާ އިރުގައިވެސް ،އަދި އެއަށްފަހު 1996މ ވަނައަހަރާ ދެމެދުގައި ބިންހެލުމުގެ ސިލްސިލާތަކެއް އައިސްފައިވާ އިރުގައިވެސް މައްކާގެ ޙަރަމްފުޅުގެ ސަރަޙައްދަށް އެއްވެސް ބިންހެލުމެއް އައިސްފައެއް ނުވެއެވެ.1256މ. ވަނައަހަރު މަދީނާ އަށް ވަރަށް ބިރުވެރި ބާރުގަދަ ބިންހެލުމެއް އައިސްފައިވެއެވެ. މި ބިންހެލުމާ ވިދިގެން ބާރުގަދަ އަލިފާން ފަރުބަދަތަކެއް ފަޅައިގެންގޮސްފައިވެއެވެ. ޙިޖާޒުކަރައިގެ ބިމުގައި 90ހާސް އަކަކީލޯމީޓަރަށް ފެތުރިފައިވާ އަލިފާން ފަރުބަދަތައް ހުރި އިރުގައިވެސް މައްކާގެ ޙަރަމްފުޅު ( ގާތްގަނޑަކަށް 600އަކަކީލޯމީޓަރު) ސަރަޙައްދު ތެރޭގައި މި ފަދަ އެއްވެސްބިރުވެރިކަމެއްގެ އަސަރު ފެންނާކަށް ނެތެވެ. މިއީ މާތްﷲ ދެއްވައިފައިވާ މާއްދީ އަމްނުގެ ހެއްކެއް ނޫންހެއްޔެވެ؟[1] - الأنعام :92
[2] - سبأ : 28
[3] - رواه البخارى ومسلم والبيهقى والطبرانى والدارمى وأحمد والنسائى وابن أبى شيبة والبزار
[4] - تفسير القرطبى : 1 / 374 ، تفسير البحر المحيط : 1 / 153
[5] - އެމެރިކާގެ އޮހާޔޯ ސްޓޭޓްގެ ރަށެއްކަމުގައިވާ ސިންސިނާޓީ ( ( Cincinnatiއޮންނަނީ މި ރޮގު މަތީގައި ކަމަށް ބުނެވެއެވެ.
[6] - الملك :5
[7] - جامع لطائف التفسير : 2 / 196
[8] - نفس المصدر السابق
[9] - نفس المرجع السابق
[10] - آل عمران :96
[11] - މިއީ ގްރީކް ދެ ލަފްޡުން ހަދައިފައިވާ ބަހެކެވެ. މާނައަކީ މުޅި ބިމެވެ.
[12] - تفسير القرطبى : 1 / 374 ، تفسير البحر المحيط : 1 / 153
[13] - آل عمران :97
[14] -ة التيسيير بشرح الجامع الصغير للمناوى : 1 / 1025 ، ذكره الهندى في كنز العمال ، الحديث رقم : 34371
[15] - شرح سنن النسائى للسيوطى ، 5 / 249 رواه الترمذى والنسائى وابن خزيمة أيضا
[16] - رواه الأزرقى عن وهب بن منبه ، كما أخرجه الفاكهى في أخبار مكة الحديث رقم : 29
[17] - رواه أحمد والترمذى والبيهقى وابن حبان
[18] - މި ފޮތް ލިޔެ ޝާއިޢުކޮށްފައިވަނީ 1890 ވަނައަހަރުއެވެ.
[19] -مصنف عبد الرزاق ، انظر أخبار مكة للأزرقى : 1 / 255
[20] - المقاصد الحسنة للسخاوى : 1 / 567 ، رواه الحاكم ووالدار قطنى
[21] -رواه الطبرانى 9 / 308
[22] - الأرض في القرآن الكريم للدكتور زغلول النجار ، ص : 594
[23] - آل عمران :97
[24] - رواه البخارى ومسلم والبيهقى والطبرانى والنسائى وأحمد والترمذى وابن خزيمة
[25] - رواه مسلم وابن حبان عن جابر بن عبد الله