Tuesday, January 6, 2015

#

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާއި އެނިޒާމުގައި ހުރި މައްސަލަތައް - އެއްވަނަ ބައި

ތަޢާރަފު
ދިވެހިރާއްޖޭގެ ލިޔެވިފައިވާ ތާރީޚަށް ބަލާނަމަ، ވަރަށް އެވޭލާ ޒަމާނުގައިވެސް ދިވެހި ދައުލަތުގައި ކަނޑައެޅިފައިވާ އުޞޫލުތަކެއްގެ މައްޗަށް ހިނގާ ޝަރުޢީ ނިޒާމެއް އޮވެއެވެ. ޙުސްނުއްސުޢޫދު (2014)[1] ލިޔުއްވާގޮތުގައި، މީލާދީ ސަނަތުން 12 ވަނަ ޤަރުނުގައި ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަސްރަސްކަލުން ނެރުއްވާފައިވާ އެންގުންތަކެއް ކަމަށްވާ "ލޯމާފާނު" ތަކުގައ އެޒަމާނުގައި އޮތް ޝަރުޢީ ނިޒާމުގައި ހިމެނުނު މަޤާމްތަކުގެ ވާހަކަ އައިސްފައިވެއެވެ. އިސްދޫ ލޯމާފާނުގައި "އުތު ޕަނޑިޔާރު" (މިހާރުގެ ގޮތުންނަމަ، އުއްތަމަ ފަނޑިޔާރު) އަދި "ޕަނޑިޔާރު" (އާދައިގެ ފަނޑިޔާރެއް) ގެ ވާހަކަ އައިސްފައިވެއެވެ. އަދި އެގޮތުން ދަނބިދޫ ލޯމާފާނުގައިވެސް އުތު ޕަނޑިޔާރެއްގެ ވާހަކައިގެ އިތުރުން "ސަތިސިރު ޕަނޑިޔާރެއް" ގެ ނަން އައިސްފައިވެއެވެ. އެކަމުގެ ސަބަބުން ހާމަވާ އެއް ޙަޤީޤަތަކީ، މީލާދީން 12 ވަނަ ޤަރުނުގައިވެސް ދިވެހިރާއްޖޭގައި ޝަރުޢީ ނިޒާމެއް އޮތްކަމާއި، އެނިޒާމު ހިނގަމުން ގޮސްފައިވަނީ ކަނޑައެޅިފައިވާ ގިއުގަނޑެއްގެ ތެރެއިން ކަމަށާއި އަދި އެފަދައިން އެކުލަވާލެވިފައިވާ އޮނިގަނޑެއްގައި ޚާއްޞަ މަޤާމްތަކެއް ހުންނަ ކަމެވެ.

ތާރީޚު ލިޔުއްވާފައިވާ އެކި ބޭފުޅުން ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ސިފަކޮށްފައިވެއެވެ. އެގޮތުން މީލާދީން 14 ވަނަ ޤަރުނުގައި ދިވެހިރާއްޖޭގައި ހޭދަކުރެއްވި ދުވަސްތަކުގައި ޤާޟީކަން ކުރައްވާފައިވާ ޢަރަބި ކަރައިގެ ދަތުރުވެރިއެއްކަމަށްވާ އިބްނި ބަތޫތާ ލިޔުއްވާފައިވާ ގޮތުގައި؛

"އެންމެހާ ކަންކަމުގައިވެސް އަދަބުކަނޑައަޅުއްވައި ޙުކުމްކުރައްވާނީ ޤާޟީއެވެ. އޭނާ (އެބަހީ، ޤާޟީ) އަކީ އެބައިމީހުންގެ ތެރެއިން އެންމެ ނުފޫޒުގަދަ މީހާއެވެ. އަދި އޭނާގެ ޙުކުމްތައް ތަންފީޒުކުރެވިގެންދާނީ ސުލްޠާންގެ ޙުކުމްތަކާ އެއްފަދައިން ނުވަތަ އެއަށްވުރެވެސް ކިޔަމަންތެރިކަމާއި ފަރުވާތެރިކަމާ އެކުގައެވެ. ޤާޟީ އިށީނދެވަޑައިގެން އިންނަވާނީ ގަނޑުވަރު ތެރޭގައި އަޅާފައިވާ ދޫލައެއްގެ މަތީގައެވެ. އަދި އޭނާއަށްޓަކައި ތިން ރަށެއް ވާނެއެވެ. މުސްކުޅި އާދަކާދަތަކުގެ މަތިން އެތިން ރަށުން ލިބޭ އާމްދަނީއަކީ އޭނާގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭ އެއްޗެކެވެ."[2]

އިބްނި ބަތޫތާ ސިފަކުރައްވާފައިވާ ސިފަކުރެއްވުމުންވެސް އެނގިގެންދާ ގޮތުގައި، ޤާޟީގެ މަޤާމަކީ 14 ވަނަ ޤަރުނުގެ ދިވެހި މުޖުތަމަޢުގައި ޤަދަރުކުރެވޭ އަދި ބާރުގަދަ މަޤާމެއްކަމާއި އެމަޤާމުގެ ނުފޫޒު ދިވެހި ވަރުކަމުގެ ނިޒާމުގެ މައްޗަށް ހިނގާ ކަމެވެ.

ދިވެހި ތާރީޚުގެ ތެރެއިން މީލާދީން 1153 ވަނަ އަހަރަށްފަހު ލިޔެވިފައިވާ ލިޔުންތަކުން ހާމަވާ ގޮތުގައި އިސްލާމް ދީނަކީ އެޒަމާނުއްސުރެ އަދާ ހަމައަށް ދިވެހި ޝަރުޢީ ނިޒާމް އޭގެ މައްޗަށް ބިނާވެފައިވާ މައިގަނޑު މަޞްދަރެވެ. އިބްނު ބަތޫތާ ރާއްޖޭގައި އުޅުއްވި ދުވަސްވަރު ޤާނޫނީ ތަޢުލީމު އުނގެނޭ ބަހަކީ ޢަރަބި ބަހެވެ. އަދި ޢަރަބި ބަސް ދަތުމަކީ އެމީހެއްގެ ދަރަޖަ އުފުލިގެންދާ ކަމަކެވެ. އޭގެ އިތުރުން 16 ވަނަ ޤަރުނުގައި ދިވެހިރާއްޖެއަށް އިންޑިޔާ ބައްރުން ޝާފިޢީ މަޛްހަބުގެ ފިޤްހު ތަޢާރަފުވުމުގެ ކުރީގައިވެސް ދިވެހި ޝަރުޢީ ނިޒާމުގައި އޮތީ މާލިކީ މަޛްހަބުގެ ޙުކުމްތަކެވެ.[3]

ކުރީ ޒަމާނުގައި އޮތް ޝަރުޢީ ނިޒާމާއި އެއްގޮތަށް 2008 ވަނަ އަހަރު ފާސްކޮށްފައިވާ ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ ގޮތުގައި މިހާރުވެސް ރާއްޖޭގައި އޮންނަނީ އިސްލާމީ ޝަރީޢަތުގެ މައްޗަށް ބިނާވެފައިވާ އަދި ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތްކުރާ ޝަރުޢީ ނިޒާމެކެވެ. ހަމައެކަނި ތަފާތަކީ ތަހުޒީބާއެކު އައިސްފައިވާ ބަދަލުތަކާއި، ބަވަނަވަމުން އަންނަ ދުނިޔެއަށް ލޯހުޅުވެމުން އަންނަ ދިވެހި މުޖުތަމަޢުގެ ބޭނުންތަކަށް ފެއްތުމަށްޓަކައި ޝަރުޢީ ދާއިރާއަށް ތަފާތު އެކި ދުވަސްތަކުގެ މަތިން އައިސްފައިވާ ބަދަލުތަކެވެ.

ޤާނޫނު އަސާސީގެ 7 ވަނަ މާއްދާއިން ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެހާ ބާރުތައް މަތިކުރައްވާފައިވަނީ ކޯޓުތަކަށެވެ. އަދި ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ހ) ބުނާ ގޮތުން ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު ލިބިގެންވާ ކޯޓުތަކަކީ ސުޕްރީމް ކޯޓާއި، ހައި ކޯޓާއި އަދި ޤާނޫނަކުން ކަނޑައަޅާފައިވާ ދަށުކޯޓުތަކެވެ. އެކޯޓުތަކުގެ ތެރެއިން އެންމެ އިސް ކޯޓަކީ ސުޕްރީމް ކޯޓެވެ. އަދި ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރެވެ. އެއަށް ފަހު އެންމެ އިސް ކޯޓަކަށް ވާނީ ހައި ކޯޓެވެ. އަދި ހައި ކޯޓުގެ ދަށުގައިވާ އެހެނިހެން ކޯޓުތަކަކީ އެއް ދަރަޖައެއްގެ ކޯޓުތަކެކެވެ.

ޤާނޫނު އަސާސީ ބުނާ ގޮތުން ކޯޓުތަކުގެ މައްޗަށް އެކުލެވޭ ޝަރުޢީ ނިޒާމަކީ މިނިވަން މުސްތަޤިއްލު ނިޒާމެކެވެ. އެއީ ތަހުޒީބު މުޖުތަމަޢުތަކުގައި ޢަމަލުކުރާ ދީމިޤްރާތީ އުޞޫލުތަކުގެ ތެރެއިން ބާރުތައް ވަކިކުރުމުގެ ވިސްނުމުގެ ދަށުން ޝަރީޢަތް ކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި ވެރިކަންކުރުމުގެ ބާރު ވަކިކުރެވިފައިވާ އުޞޫލުންނެވެ. އަދި އެގޮތުން ޝަރުޢީ ދާއިރާގެ މިނިވަންކަން ޔަޤީންކުރުމަށްޓަކައި ޤާޟީން ޢައްޔަންކުރުމަށްފަހު މަޤާމުން ދުރުކުރެވޭނީ ފަނޑިޔާރުންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ޤާނޫނު އަސާސީ އިން އުފައްދާފައިވާ ޖުޑީޝަލް ސަރވިސަސް ކޮމިޝަނުން ފަނޑިޔާރެއްގެ މައްސަލައެއް ތަޙްޤީޤުކުރުމަށްފަހު އެކަމެއް ރައްޔިތުންގެ މަޖިލީހުން އެންގުމުން ރައްޔިތުންގެ މަޖިލީހުގައި ނެގޭ ވޯޓެއްގައި ބައިވެރިވާ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޤުލަބިއްޔަތުންނެވެ.

އިސްވެދެންނެވުނު ގޮތުގެ މަތިން ޝަރުޢީ ދާއިރާގެ ކަންކަން ތަރުތީބުކުރެވިފައިވާ ހިނދު، އެދާއިރާގައިވެސް ވަރަށް ބޮޑެތި މައްސަލަތައް ފާހަގަވެފައިވެއެވެ. އޭގެ ތެރޭގައި؛

- ފަނޑިޔާރުންނަށް ޤާނޫނާއި އިސްލާމީ ޝަރީޢަތް އަދި ޝަރީޢަތްކުރުމާ ބެހޭގޮތުން އިތުރު ތަޢުލީމާއި ތަމްރީނު ބޭނުންވެފައިވާކަން.

- އިސްލާމީ ޝަރީޢަތުގެ މުހިއްމު ޙުކުމްތަކުގައި ޤާޟީންނަށް އިރުޝާދު ދިނުމަށްޓަކައި ފަޠުވާ ދެވޭފަދަ ޙައިޡިއްޔަތެއް ފިޤުހު އެކެޑަމީ ބޭނުންވެފައިވާކަން.

- ފަނޑިޔާރުން ކުރާ ޙުކުމްތައް ތަންފީޒުނުވުމުގެ ސަބަބުން އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަށް އެޅިފައިވާ ހުރަސްތައް ނައްތާލަން މަސައްކަތްކުރަންޖެހިފައިވާކަން.

އިސްވެދެންނެވުނުފަދަ މައްސަލަތައް ޙައްލުކުރުމަށްޓަކައި އެންމެ މުހިއްމު އެއް ކަމަކީ އެކަންކަމާ ބެހޭގޮތުން ޢިލްމީ ގޮތުން ދިރާސާކޮށް އެކަންކަން ހަމަމަގަށް އަޅުވާނެ ގޮތްތަކެއް ހޯދުމެވެ. ވީމާ، މި ދިރާސާގެ މައިގަނޑު މަޤްޞަދަކަށްވެސް ވާނީ މަތީގައި ފާހަގަކޮށްފައިވާ މައްސަލަތަކަށް ޙައްލު ހޯދުމެވެ. އެގޮތުން ހޯދާ ޙައްލެއް އަންނަންޖެހޭނީ އިސްލާމީ ގިއުގަނޑެއްގެ ތެރެއިންނެވެ. އެހެން ނޫންނަމަ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ ރޫޙާ ޚިލާފުވާނެއެވެ. ވީމާ، މިފަދަ މަސައްކަތްތަކުގައި ދީނީ ޢިލްމުވެރިންގެ ދައުރާއި ޒިއްމާވެސް ބޮޑެވެ.
H. A. Suood, The Maldivian Legal System, Maldives Law Institute (2014), p. 27 [1]
R. E. Dunn, The Adventure of Ibn Battuta: A Muslim Traveler of the 14th Century, UCLA Press (1986), p. 234 [2]
Ibid., p. 232 [3]

1 comment: