Saturday, January 3, 2015

#

ދިވެހިރާއްޖޭގައި ބިން މިލްކުކުރެވޭ ގޮތްތަށް

ފެށުން
މި ދިރާސާގައި ބަލައިލާފައިވާނީ ދިވެހިރާއްޖޭގައި ބިން މިލްކުކުރެވިދާނެ ގޮތްތަކަށެވެ. މިމައުލޫޢުގެ ދަށުން އިންޞާފުކޮށްފައިވާނީ، (1) ޤާނޫނީ ގޮތުން މިލްކުކުރުމަކީ ކޮބައިކަމށާއި، (2) ދިވެހިރާއްޖޭގެ ބިމާމެދު ތާރީޚުގެ ތެރެއިން މުޢާމަލާތްކުރެވެމުން އައިގޮތާށާއި، (3) މިވަޤުތު ބިމާބެހޭގޮތުން ޢަމަލުކުރާ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2002/1) ވުޖޫދަށް އައުމަށް މެދުވެރިވި ސަބަބުތަކަށާއި، (4) ބިމާބެހޭ ޤާނޫނުގެ ދަށުން ބިން މިލްކުކުރެވޭނެ ގޮތްތަކަށެވެ. މި ދިރާސާ ކުރުމުގައި ވީހާވެސް ވަރަކަށް އެހެނިހެން ތަޢުލީމީ ދިރާސާ ތަކަށާއި، އަސާސީ މަޞްދަރުތަކަށް ރިޢާޔަތްކޮށްފައިވާނެއެވެ. އަދި ކަމެއްގައި އަމިއްލަ ޚިޔާލު ފާޅުކޮށްފައިވާނީ، އެކަމަކާ މެދު ދިރާސާ ތަކުން ދައްކާ ގޮތް ބަޔާންކޮށް، އެދިރާސާތަކުގެ އަލީގައެވެ. އަދި ޢާއްމު ދިރިއުޅުމުގައި ދިމާވާ ކަންކަމަށް އިޝާރާތްކުރުމުގައިވެސް ބަރޯސާކޮށްފައިވާނީ ޤާނޫނީ ނައްޞުތަކަށާއި، ކޯޓުތަކުގެ ނިންމުންތަކަށާއި ޢާއްމުންގެ މެދުގައި ބަލައިގަންނަ ޢިލްމީ ލިޔުންތަކަށެވެ.

މައިގަނޑު
1. ބިން މިލްކުކުރުމަކީ ކޮބައި؟
މިދިރާސާއަކީ ޤާނޫނީ ދިރާސާއަކަށްވާތީ، ކޮންމެ ކަމަކަށްމެ ނަޡަރުކޮށްފައިވާނީ ޤާނޫނީ ވިސްނުމެއްގައެވެ. ދިވެހިބަހުގެ ރަދީފުގައި "މިލްކުކުރުން" މިބަސް މާނަކޮށްފައިވަނީ "އަމިއްލަ" ކުރުމުގެ ގޮތުގައެވެ. އެ ތަޢުރީފުން ދޭހަވާ ގޮތުގައި "މިލްކުކުރުމަކީ" އަމިއްލަ ބާރުގެ ދަށަށް އެއްޗެއް ގަނައުމެވެ. އެގޮތުން މިލްކުކުރާ އެއްޗަކީ ބިން ކަމުގައިވާނަމަ، އެ ބިން "މިލްކުކުރެވުނީ" ކަމަށް ބެލެވޭނީ އެއިގެ މައްޗަށް ކިހާ މިންވަރަކަށް އަމިއްލަ ބާރު ހިންގޭނަމަތޯ ބަލަންޖެހޭނެއެވެ.

އިނގިރޭސިވިލާތާއި އެމެރިކާގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ބޭނުންކުރާ ޤާނޫނީ ބަސްތަކުގެ މާނަ ބަޔާންކުރާ އެންމެ ނުފޫޒުގަދަ އެއް މަޞްދަރުކަމަށްވާ ބްލެކްސް ލޯ ޑިކްޝަނަރީ (Black’s Law Dictionary) ގައި "މިލްކުވެރިކަން" ނުވަތަ ownership މާނަކޮށްފައިވަނީ އަންނަނިވި ގޮތަށެވެ.

"މިލްކުވެރިކަމަކީ، އެފަރާތެއްގެ މިލްކުވެރިކަމުގެ ދަށުގައިވާ އެއްޗެއް ބޭނުންކުރުމަށާއި، ބެލެހެއްޓުމަށާއި އެއިގެން ފައިދާ ލިބިގަތުމަށް ބާރުދޭ ޙައްޤުތަކެއްގެ ބަންޑެއްޔެކެވެ. އަދި އެޙައްޤުތަކުގެ ތެރޭގައި އެފަދަ އެއްޗެއް އެހެން ފަރާތަކަށް ނަޤުލުކުރުމުގެ ބާރުވެސް ހިމެނޭނެއެވެ...އަދި މިލްކުވެރިކަމާއި ގުޅިފައިވާ ޙައްޤުތަކަކީ، ޢާއްމު، ދާޢިމީ އަދި ވިރާޘީ ޙައްޤުތަކެކެވެ."

އިސްވެދެންނެވުނު ތަޢުރީފުގައި ބަޔާންވެފައިވާ ގޮތުން އެއްޗެއްގެ މައްޗަށް މިލްކުވެރިކަން ޘާބިތުވާނީ އެއެއްޗެއް "އެހެން ފަރާތަކަށް ނަޤުލުކުރުމުގެ ބާރު" ވެސް އޮވެގެންނެވެ. އަދި ނަޤުލުކުރުމުގެ މާނައިގެ ތެރޭގައި ވިއްކާލުންވެސް ހިމެނިގެންދާނެ ކަމީ އެބަހުގެ ޢާއްމު މާނައަށް ބަލާނަމަ ޔަޤީންކަމެކެވެ.

ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރާ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 1/2002) އަށް ބަލާނަމަ، އެޤާނޫނުން ދެމައިގަނޑު ވައްތަރެއްގެ ބިމެއް ކަނޑައަޅާފައިވެއެވެ. އެއީ "ބަންޑާރަ ބިން" އަދި "އަމިއްލަ ބިމެވެ". އެޤާނޫނުގައިވާ ގޮތުގައި، ހަމައެކަނި ވިއްކާލެވޭނީ އަމިއްލަ ބިމެވެ. ބަންޑާރަ ބިން ވިއްކާނަމަ، އެ ބިން އަމިއްލަ ކުރަންޖެހޭނެއެވެ. ވީމާ، ބަންޑާރަ ބިމެއްގެ ރަޖިސްޓްރީވެރި ފަރާތަކީ ޙަޤީޤަތުގައި އެބިމުގެ މިލްކުވެރި ފަރާތްކަމުގައި ނުބެލެވޭނެއެވެ. އެފަދަ ބިމެއް މިލްކުވާނީ ޤާނޫނުގައިވާ ގޮތުގެ މަތިން އެ ބިން އަމިއްލަކުރުމުނެވެ. ވީމާ، މިއެސައިންމަންޓުގައި ބިން "މިލްކުކުރުން" މާނަކޮށްފައިވާނީ، ބިން އަމިއްލަ ކުރުމުގެ ގޮތުގައެވެ.

މިހާރުގެ ޤާނޫނީ ނިޒާމުގެ ދަށުން ބިން މިލްކުކުރާ ގޮތްތަކަށް ބަލައިލުމުގެ ކުރިން، އެވޭލާ ޒަމާންތަކުން ފެށިގެން ބިމާމެދު ޢަމަލުކުރަމުން އައިގޮތް ބަލައިލުމަކީ މުހިއްމު ކަމެކެވެ.

2. އެކިއެކި ޒަމާންތަކުގައި ދިވެހިރާއްޖޭގައި ބިމާމެދު ޢަމަލުކުރެވެމުން އައިގޮތް
ދިވެހިރާއްޖެއާބެހޭ ގޮތުން ކުރެވިފައިވާ ތާރީޚީ ދިރާސާތައް މަދުކަމުގައިވިޔަސް، ލިޔެވިފައިވާ ބައެއް ލިޔުންތަކާއި ތާރީޚީ ބައެއް ރެކޯޑުތަކުން މުހިއްމު ކަންތައްތަކެއް ފާހަގަވެއެވެ. މީލާދީން 1100 ވަނަ އަހަރުން ފެށިގެން އަދާ ހަމައަށް ފެންނަން ހުރި ލިޔުންތަކަށް ބެލުމަށްފަހު ދިވެހިރާއްޖޭގައި ބިމާމެދު ޢަމަލުކުރެވެމުން އައިސްފައިވާގޮތަށް ބަލާ އެކަމުގެ ތާރީޚު މައިގަނޑު 3 ޒަމާނަކަށް ބަހާލެވިދާނެއެވެ. އެއީ 1100މ. އިން ފެށިގެން 1700މ. އަށް، 1700މ. ފެށިގެން 1900މ. އަށް އަދި 1900މ. ފެށިގެން 2002 ވަނަ އަހަރުގައި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2002/1) ފާސްވުމާއި ހަމައަށެވެ. މިލިޔުމުގައި ތާރީޚު މިގޮތަށް ބަހާލެވިފައިވަނީ އެ 3 ޒަމާނުގައި ބިމާމެދު ޢަމަލުކުރެވެމުން އައިގޮތްތަކުގައި ބޮޑެތި ތަފާތުތަކެއް ހުރުމުންނެވެ.

2.1 1100މ. – 1700މ. އަށް
ހ) ބިމުގެ މިލްކުވެރިކަން
ރަސްކަމުގެ ޒަމާންތަކުގައި ދިވެހިރާއްޖޭގައި ބިމުގެ މިލްކުވެރިފަރާތަކީ އެވަޤުތަކު ހުންނަވާ ރަސްކަލެކެވެ. ނަމަވެސް އެހެން ޙަޟާރާތްތަކާއި ޚިލާފަށް ދިވެހިރާއްޖޭގެ ރަސްރަސްކަލުން ބިމާމެދު ޢަމަލުކުރައްވާފައިވާ ގޮތް ވަރަށްވެސް ތަފާތެވެ. ޢާއްމު ގޮތެއްގައި ދިވެހިރާއްޖޭގެ ބިމަކީ އެއްވެސް ރަސްކަލެއްގެ ޒާތީ މިލްކެއް ކަމުގައި ބަލާފައެއްނުވެއެވެ. އެއާއި ޚިލާފައަށް ދިވެހިރާއްޖޭގެ ބިމުގެ ޙަޤީޤީ މިލްކުވެރިފަރާތެއް ކަމަށް ފެންނަނީ ދިވެހި ސަރުކާރެވެ. އެދުވަސްވަރުގައި ކީރިތި މަހާރަދުންނަކީ ސަރުކާރުގެ ވެރިފަރާތްކަމުގައިވިޔަސް، އަދި އެކިފަރާތްފަރާތަށް ބިން ދެއްވަނީ ރަދުންކަމުގައިވިޔަސް، ރަދުންނަށްވެސް ބިމާމެދު ޢަމަލުކުރެވެނީ އެދުވަސްވަރު ޢަމަލުކުރެވެމުން އައި ޤާނޫނީ އޮނިގަނޑުގެ ތެރެއިންނެވެ.

ށ) ބިމުގެ މައްޗަށް ހިނގާ ޤާނޫނީ އޮނިގަނޑު
ދިވެހިރާއްޖޭގެ ރަސްރަސްކަލުންނަށް ބިމުގެ މައްޗަށް މިލްކުވެރިކަމުގެ ޙައްޤު ލބިފައިއޮތްކަމުގައިވިޔަށް ޢާއްމުގޮތެއްގައި އެޙައްޤު ތަންފީޒު ކުރައްވާފައިވަނީ އެޒަމާނުގައި އެންމެހާ ފަރާތްތަކުންވެސް ބޯލަނބަމުން އައި ނުލިޔެވި ހުރި ޤާނޫނުތަކެއްގެ މައްޗަށެވެ. އެންމެ އެވޭލާ ޒަމާނުގައި މިދެންނެވި ޤާނޫނީ އޮނިގަނޑު ބިނާވެފައިވަނީ އިސްލާމީ ޝާރީޢަތާއި "ޕޫރުބެ ރޫޑީން" ކިޔާ ރާއްޖޭއަށް ޚާއްޞަ ޤަދީމީ އާދަކާދަތަކެއްގެ މައްޗަށެވެ. ކީރިތި މަހާރަދުންވެސް ބިމާމެދު ޢަމަލުކުރަނީ އެވަޤުތަކު ޢައްޔަންކުރައްވާފައިވާ ފަނޑިޔާރެއްގެ ނިންމުމާ އެއްގޮތަށް މިދެންނެވި ޤާނޫނީ އޮނިގަނޑުގެތެރެއިންނެވެ. އަދި މިދެންނެވި އުޞޫލުން ޢައްޔަންކުރެވޭ ފަނޑިޔާރުންނަށް މިނިވަންކަމާއެކު ޙުކުމްކުރެއްވޭ ކަމަށް ތާރީޚުން ދަލީލު ލިބެއެވެ. އައްސުލްޠާން މުޙައްމަދު މުޙިއްޔުއްދީންގެ ރަސްކަމުގެ ދުވަސްވަރު ކަމުގައި 1692މ. ވަނަ އަހަރު އުއްތަމަ ފަނޑިޔާރުކަމަށް މަޝްޙޫރު ތާރީޚީ ލިޔުންތެރިޔާ ޙަސަން ތާޖުއްދީނު އައްޔަންކުރެވުނު އިރު ތާޖުއްދީނު ގެނިންމެވުންތަކަށް ރަދުންނަށް ބަދަލުނުގެނެވޭނެ ކަމަށް ތާޖުއްދީނު ޝަރުޠުކުރެއްވިކަމަށްވެއެވެ.

ނ) ބިމުގެ ބައެއް މުޢާމަލާތްތައް
ފެންނަންހުރި އެންމެ އެވޭލާ ލިޔުންތަކުން އެނގޭ ގޮތުގައި އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ވަރަށް ކުރީޒަމާނުއްސުރެވެސް ދިވެހިރާއްޖޭގައި މިސްކިތްތަށް ބެލެހެއްޓުމަށްޓަކައި ބިން ވަޤުފު ކޮށް ދީފައިވެއެވެ. މިގޮތުން އިސްދޫ ލޯމާފާނުގައިވާގޮތުގައި 1195މ. ވަނަ އަހަރު އިސްދޫގައި ހުރި ބުދުކޯލެއް ތަޅާލުމަށްފަހު އެތަނުގައި މިސްކިތެއް ޤާއިމުކޮށް އެމިސްކިތް ބެލެހެއްޓުމަށް ބައެއް ބިން ވަޤުފުކޮށްދީފައިވެއެވެ. މީގެ އިތުރުން ޙަސަން ތާޖުއްދީންގެ ތާރީޚުންނާއި އިބްނު ބަޠޫޠާގެ ލިޔުންތަކުގައިވެސް ވަޤުފު ގެ ވާހަކަ ވަރަށް ގިނައިން އައިސްފައިވެއެވެ. މިގޮތަށް ވަޤުފުކޮށް ދީފައިވާ ބިންތަކަކީ ދިނުމަށްފަހު އިސްލާމީ ޝަރީޢަތާ އެއްގޮތްވާގޮތުގެ މަތިން މާތް ﷲ ގެ މަގުގައި މިސްކިތްތަކަށް ހޭދަކުރުމަށް ޚާއްޞަކޮށްފައިވާ ތަންތަންކަމުގައި ދިވެހިރާއްޖޭގައިވެސް ބެލިފައިވެއެވެ.

އެޗް. ސީ. ޕީ. ބެލް ލިޔުއްވާ ގޮތުގައި ކުރީ ޒަމާނުގައި ދިވެހިރާއްޖޭގައި ރައްޔިތުންނަށް ބިމުގެ ބޭނުން ހިފޭނެ ގޮތްތައް ކަނޑައެޅިފައިވާ ގޮތުން ބިން ބެހިފައިވަނީ މައިގަނޑު 3 ބަޔަކަށެވެ. އެއީ މާ ރަށްރަށާއި ގޮއި ރަށްރަށް ނުވަތަ ޒަމާނުއްސުރެ މީހުން ދިރިއުޅޭ ރަށްރަށާއި، މީހުން ދިރިއުޅޭ ބަންޑާރަ ނުވަތަ ސަރުކާރުގެ ރަށްރަށާއި އަދި މީހުން ދިރިނުއުޅޭ ބަންޑާރަ ރަށްރަށެވެ.

ޒަމާނުއްސުރެ މީހުން ދިރިއުޅޭ ރަށްރަށާއި ގޮއިރަށްރަށުގައިވެސް ހައްދާ މޭވާ ގަސްތަކުގެ ތެރެއިން ހަތަރު ބާވަތަކުން ސަރުކާރަށް ބަޔެއް ނެގެއެވެ. މިގޮތުން ނެގޭ ބަޔަށްކިޔަނީ ފާލައްބައެވެ. ނަމަވެސް މިފަދަ ރަށްރަށުގައި މިގޮތުން ހެދޭތަކެތިން ރައްޔިތުންނަށްވެސް ބަޔެއްވާނެއެވެ.

ނަމަވެސް މީހުން ދިރިއުޅޭ ބަންޑާރަ ފަޅުރަށްރަށުގައި ހެދޭ ފާލައްބަގެ ތެރޭ ހިމެނޭ އެންމެހާ ބާވަތްތަކުން ލިބޭ ފައިދާ ޙައްޤުވަނީ ސަރުކާރަށެވެ. އަދި އާބާދު ނުކޮށް ހުންނަ ހިސާބުތަކުގައި ހެދޭ އެންމެހާ ފަލަމަޑީގެ ބާވަތްތަކަކީ ވެސް ސަރުކާރުގެ މިލްކެކެވެ. އަދި އެތަނުގައި ކުރެވޭ ގޮވާމުން ރައްޔިތުންނަށް ލިބެނީ 4 ބައި ކުޅާ 3 ބައެވެ. މިފަދަ ރަށްރަށުން ފާހަގަވާ ވަރަށް މުޙިއްމު ކަމެއް އޮވެއެވެ. އެއީ އެތަންތަނުގައި ހެދޭ ދަނޑުތައް ސަރުކާރުން ރައްޔިތުންނަށް ކުއްޔަށް ދީފައިވާކަމެވެ. މިކަމުން ފެންނަނީ އެހާ ކުރީޒަމާނުގައިވެސް އިޤްތިޞާދީ ބޭނުންތަކަށް ބިން ކުއްޔަށްދީފައިވާކަމެވެ.

ބައެއް ރަށްރަށުގައި ހުންނަ ރުއްފާތަކަށް "ހިންނަ" ގެ ނަންދެވިފައިވެއެވެ. މިފަދަ ހިންނަތައް ގައު ބަހައްޓައިގެން ވަކިކުރެވިފައިހުރެއެވެ. މިހިންނަތަކުގައި ހުންނަ ރުއްގަހަކީ ސަރުކާރުގެ މިލްކެއްކަމުގައިވެދާނެއެވެ. އަދި މިސްކިތްތައް ބެލެހެއްޓުމަށް ވަޤުފު ކުރެވިފައިވެސް ހުރެދާނެއެވެ.

މަތީގައިވާ ގޮތްތަކުގެ އިތުރުން ސީދާ ރަސްކަމުގެ ފަރާތުން ޤަޢުމުގެ އެކިއެކި ބޮޑުންނަށާއި ރަސްމަތިފުޅު ބޭފުޅުންނަށް ރަށްރަށްދީފައިހުރެއެވެ. މިފަދަ ރަށްރަށް ދެވިފައިވަނީ ބަނޑޭރިގެއިން ދޭ ސިޓީއަކުންނެވެ. އަދި އެކިއެކި ބޮޑުންނަށް ދީފައިހުންނަ ރަށްރަށަކީ އެފަރާތްތައް މަރުވުމާ ހަމަޔަށް އެފަރާތްތަކުގެ މިލްކެކެވެ. މީގެ އިތުރުން ރަށްރަށުންގެ ނާއިބުންފަދަ ބޮޑުންނަށް ރަށްރަށް ލިބިފައިހުންނަނީ އެފަރާތްތަކުގެ މަޤާމުގެ ސަބަބުންނެވެ. މަޤާމު ގެއްލުމުން ރަށްވެސް ގެއްލޭނެއެވެ.

ނަމަވެސް ރަސްމަތިފުޅު ބޭފުޅުންނަށް ދެވޭ ރަށްރަށުގެ ތެރެއިން ފިރިހެން ބޭފުޅުންނަށް ލިބޭ ރަށްރަށް އެބޭފުޅުންގެ ބޭފުޅުންނަށް ވާރުތަވެއެވެ. ނަމަވެސް އަންހެން ބޭފުޅުން އަވަހާރަވުމުން އެރަށްރަށް އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް އާދެއެވެ.

މަތީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ތަކުން އެނގެނީ އިހުޒަމާނުގައިވެސް ދިވެހިރާއްޖޭގައި ކަނޑައެޅިފައިވާ އާދަކާދަތަކަކާއި އިސްލާމީ ޝަރީޢަތުގެ މައްޗަށް ބިނާވެފައިވާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ބިމުގެ މުޢާމަލާތްތައް ކުރެވިފައވާކަމެވެ. އަދި އެހެން ރަސްކަންތަކާއި ޚިލާފަށް ދިވެހިރަސްރަސްކަލުންގެ މައްޗަށްވެސް މިޤާނޫނު ޢާއްމުކޮށް ބަލާނަމަ ހިނގާކަމެވެ. އަދި ރަސްރަސްކަލުންނަށް ބިންތަކުގެ މައްޗަށް އޮންނަ މިލްކުވެރިކަމަކީ ވަކި ޙުދޫދެއްގެ ތެރޭގައި ވާއެއްޗެކެވެ.

2.2 1700މ. – 1900މ. އަށް
މިދުވަސްވަރުވެސް 1700މ. ގެ ކުރިން ޢަމަލުކުރަމުން އައިސްފައިވާ މައިގަނޑު އުޞޫލުތަކަށް މާ ބޮޑު ބަދަލެއް އައިސްފައެއްނުވެއެވެ. ނަމަވެސް މާލޭގައިހުރި ބިންތަކާ މެދު ޢަމަލުކުރެވޭ ގޮތަށް ވަރަށްވެސް މުހިއްމު ތަފާތުތަކެއް އައިސްފައިވެއެވެ. އެހެންކަމުން ވަކި އަރިމަތީ ޞުރުޙީއެއްގެ ދަށުން މިކަން ފާހަގަކޮށްލީއެވެ. އެޗް. ސީ. ޕީ. ބެލް ލިޔުއްވާގޮތުގައި 1793މ. އިން 1794މ. އަށް ރަސްކަންކުރެއްވި އައްސުލްޠާން ޙަސަން ނޫރުއްދީންގެ ރަސްކަމުގައި މާލޭގެ ހުރި ބިންތަކުގައި ދިރިއުޅެމުން އައިސްފައިވާ ފަރާތްތަކުގެ ތެރެއިން ދިގުމުއްދަތަކަށް އެބިންތަކުގައި ދިރިއުޅެފައިވާ ފަރާތްތައް ހޯއްދެވިއެވެ. އަދި މިގޮތުން ގިނަ ދުވަހު ދިރިއުޅުމުގެ ސަބަބުން އެފަދަ ފަރާތްތަކުގެ ޙައްޤުތަކެއް ބިމުގެ މައްޗަށް ވާކަމަށް ބައްލަވާ އެޞުލްތާން ނިންމެވީ ޚާއްޞަ ފަތްކޮޅެއްގެ ދަށުން އެފަދަ ފަރާތްތަކަށް އެ ބިންތަކުގެ މައްޗަށް މިލްކުވެރިކަން ދިނުމަށެވެ. އަދި މާލޭގައި ހުރި އެނޫން ބިންތަކަކީ ބަންޑާރަ ބިންކަމަށް ނިންމެވިއެވެ.

2.3 1900މ. – 2000މ. އަށް
މިދުވަސްތަކަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ޚަޔާތް ފެށިގެން ތަރައްޤީވަމުން އައިދުވަސްތަކެވެ. އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީން ތިންވަނައިގެ ދައުރުގައި ފުރަތަމަ ޤާނޫނު އަސާސީ ފާސްކުރުމަށްޓަކައި 1932 ވަނަ އަހަރު ޤާނޫނު ހަދާ ކައުންސިލެއް އުފެދިގެން އައެވެ. އަދި ފަހުން އެކައުންސިލް ޤާނޫނު ހަދާ މަޖިލީހަކަށް ބަދަލުވެ ދިވެހިރަސްކަން ޖުމްޙޫރިއްޔާ އަކަށް ބަދަލުވުމުން އެކިއެކި ޤާނޫނުތައް އުފެދިގެން އައިސް ސަރުކާރާ ރައްޔިތުންނާއި ދޭތެރޭ ކަންކަން ހިނގަންޖެހޭ ގޮތްތައް ލިޔެވި ޝާޢިޢުކުރެވެމުން އައެވެ.

ތިންވަނަ ޝަމްސުއްދީނުގެ ދައުރުގައި 16 ޖުލައި 1934މ. ވަނަ އަހަރު ޢާއްމުކުރެވުނު އަޙްކާމު ޢާއްމާ އިން ބާރުލިބިގެން ބިމާބެހޭގޮތުން ކުރެވޭ މުޢާމަލާތްތަކާ ބެހޭ ޤާނޫނީ މުޢައްޞަޞާތަކެއް އުފެދުނެވެ. މިގޮތުން އެންމެ ފުރަތަމަ އުފެދިގެން އައީ ވަޤުފު ގެ ކަންތައްތައް ބަލަހައްޓާ މަޙްކަމާ އަލްއައުޤާފު އެވެ. މި މަޙްކަމާ ގެ މަސައްކަތަކަށްވީ އެއިރު ހުރި ހުރިހާ ވަޤުފު ބިންތަކެއް ލިޔެ އެބިންތައް ރެޖިސްޓްރީ ކޮށް އަލަށް ވަޤުފުކޮށް ދެވޭ ބިންތައް ދޫކުރުމެވެ. މީގެ އިތުރުން އަތޮޅުތަކުގެ ވެރީން ކަނޑައެޅުމަށްފަހު ކޮންމެ ވެރިއަކު އެއަތޮޅެއްގައި ވާރަށް ދެވިފައި ހުރި ރަށްރަށުން ވާރު ނެންގެވުމަށް އަންގާފައިވެއެވެ.

ތިންވަނަ ޝަމްސުއްދީނަށްފަހު ރަސްކަން ކުރެއްވި އައްޞުލްޠާން ޙަސަން ނޫރުއްދީން ދެވަނައިގެ ދައުރުގައި 3 ސެޕްޓެމްބަރ 1951މ. ވަނަ އަހަރު އެރަދުންގެ ވަލީ ކޮމިޓީއިން އައު އަޙްކާމު ޢާއްމާ އެއް ޢާއްމުކުރެއްވިއެވެ. އެއިގެ ދަށުން އައު ވުޒާރާތަކެއް އުފެދިގެން އައެވެ. މަޙްކަމާ އަލްއައުޤާފު ގެ ނަން ވުޒާރަތުލް އައުޤާފުގެ ނަމަށް ބަދަލުވެގެން ދިޔައެވެ. ނަމަވެސް މަސައްކަތްތަކަށް މާ ބޮޑު ބަދަލެއް އައިސްފައެއްނުވެއެވެ. މީގެ އިތުރުން ވުޒާރަތުލް އަޝްޣާލޭ ކިޔުނު ވުޒާރާ އެއް އުފެދިގެން އައެވެ. އެ ވުޒާރާ ގެ މަސެއްކަތަކީ ދައުލަތުގެ ބިންތަކާއި ކާރުޚާނާތައް ބެލެހެއްޓުންކަމަށް ކަނޑައެޅުނެވެ. އަދި ބިމާބެހޭ އެހެނިހެން މުޢާމަލާތްތައް ބެލެހެއްޓުމަށްޓަކައި ވުޒާރަތުލް ދާޚިލިއްޔާ އުފެދިގެންއައެވެ. މި ވުޒާރާގެ މަސްޢޫލިޔަތުތަކުގެ ތެރޭގައި ދައުލަތުގެ ބޭނުންތަކަށް އަމިއްލަ ފަރާތްތަކުގެ ގޯތިގެދޮރާއި ދަނޑުބިން ނެގުމުގެ އިޚްތިޔާރު ލިބިދީފައިވެއެވެ. ނަމަވެސް އެއީ ޢާއްމުވެގެންވާ ފައިދާއަކަށްޓަކައި ޝަރީޢަތުން ކަނޑައަޅާ ބަދަލެއް ދިނުމަށްފަހުގައެވެ. މިކަމުން ވެސް އެނގެނީ އެޒަމާނުގައިވެސް އަމިއްލަ ފަރާތްތަކުގެ ޙައްޤުތަކެއް ބިމުގެ މައްޗަށް ވާކަމަށް ބެލެވިފައިވާކަމެވެ.

1954 ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްޙޫރިއްޔާ އިޢުލާނުކުރުމަށްފަހު އުފެދިގެން އައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އެކި އެކި ޤާނޫނުތައް ފާސްކޮށް އަނެއްބައި ޤާނޫނުތަކަށް ބަދަލު ގެނެސް ނުވަތަ އުވާލާފައިވެއެވެ. 1954 ވަނަ އަހަރުން ފެށިގެން އަދާއި ހަމައަށްވެސް ހަމައަށް ބިމާބެހޭ މުޢާމަލާތްތަ ހިނގަމުން އައިސްފައިވަނީ މިގޮތުން ފާސްކުރެވިފައިވާ ޤާނޫނުތަކާ އެއްގޮތަށެވެ. މިފަދަ ޤާނޫނުތަކަށް ކުރުގޮތަކަށް މިލިޔުމުގައި ނަޒަރު ހިންގާލާނަމެވެ.

އެންމެ ފުރަތަމަ ކަމަކަށް ފާހަގަވަނީ 1970 ވަނަ އަހަރު ފާސްކުރެވުނު މާލޭގައިވާ ވަޤުފު ބިންތައް އެހެން ރަށަކަށް ބަދަލުކުރުމާއި މާލެއިން ބިން ވަޤުފުކުރުން މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 70/2) ގެ ދަށުން ޒަމާނުއްސުރެ ރާއްޖޭގައި ޢަމަލުކުރަމުން އައި ވަޤުފުގެ ނިޒާމުގެ ދަށުން މާލޭގެ ބިން ވަޤުފު ކޮށް ނުދެވޭނެ ކަމަށް ކަނޑައެޅިކަމެވެ.

1968 ގައި ބިން ހިއްކާ މީހުންށް ގޯތިދިނުމާއި، ހިއްކިތަނުގެ 2/1 އަމިއްލަކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 68/3) ފާސްވެގެން އައެވެ. އަދި ހަމައެހަރުގައި އިސްވެދެންނެވުނު ޤާނޫނު އުވާލެވޭ ގޮތަށް ބިން ހިއްކާ މީހުންނަށް ބިން އަމިއްލަ ކޮށްދިނުމުގެ ޤާނޫނެއް (ޤާނޫނު ނަންބަރު: 68/7) ފާސްކޮށްފައިވެއެވެ. މިޤާނޫނުގެ ދަށުން މާލޭގެ ފަޅުތެރެއިން ހިއްކާ ބިމުން އެހިއްކިފަރާތަށް 2 ބައި ކުޅަ 1 ބައި އަމިއްލަކުރެވޭ ގޮތަށް ކަނޑައެޅިގެންދިޔައެވެ.

1968 ވަނަ އަހަރު ފާސްވެފައިވާ މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 68/9) ގެ ދަށުން އެއް ފަރާތުގެ އަތުން އަނެއް ފަރާތުގެ އަތަށް ޝަރީޢަތް މެދުވެރިކޮށް ބިން ބަދަލުކުރެވޭނެ އުޞޫލުތަކެއް ކަނޑައެޅިފައިވެއެވެ. މީގެ އިތުރުން 1971 ވަނަ އަހަރު ފާސްވެފައިވާ އެއްފަރާތަކަށް މިލްކުވެފައިވާ ބިމެއްގައި އެހެންފަރާތެއްގެ ތަކެތި ހުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 71/28) ގައިވާ ގޮތުގެ މަތިން އެއް ފަރާތުން އަނެއް ފަރާތަކަށް ބިމެއްގެ މިލްކުވެރިކަން ބަދަލުކުރާއިރު ދެވޭ އަގުގައި ތެރޭގައި އެބިމުގައި ހުރި ރެއްގަހުގެ ތެރެއިން އެހެން ފަރާތެއްގެ ރުއްގަސްތަކަށް އަގެއް ކަނޑައެޅޭނީ ލިޔުމަކުން ޝަރީޢަތަށް އެކަން ސާބިތުކުރުމުން އެކަންޏެވެ. ނޫނީ އެފަދަ ރުއްގަހަށް ވަކިއަގެއް ކަނޑައެއްނޭޅޭނެއެވެ. އަދި ހަމައެއާއެކު މީސްމީހުންގެ އަމިއްލަ ބިންތަކުގެ ތެރެއިން އެކަށީގެންވާ ޢިމާރާތެއް ނުހަދައި އަދި މީހުން ނޫޅޭ ބިން ސަރުކާރަށް ހިފުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 72/15) ގައިވާ ގޮތުގައި އަމިއްލަ މީހުންގެ ބިންތަކުގައި އެކަށީގެންވާ ޢިމާރާތެއް ނުކޮށް މީހުން ދިރިނޫޅޭނަމަ އެފަދަ ބިންތައް ސަރުކާރަށް ނެގޭނެއެވެ.

1979 ވަނަ އަހަރު ފާސްވެފައިވާ ދިވެހިރާއްޖޭގެ ރަށްރަށުގައި ރުއްގަސް އިންދުމާއި، ރުއްގަސް ކެޑުމާއި، ފަޅުރަށްރަށާއި، ގޮއިފާލައްބަ ފަދަ ތަންތަނުގެ ޤާނޫނު (ޤާނޫނު ނަންބަރު: 79/29) ގެ ދަށުން އިހުޒަމާނުއްސުރެ ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުން އައި އާދަކާދަތަކާ އެއްގޮތްވާ ގޮތުގެ މަތިން ގޮއިފާލައްބަ އާއި، ސަރުކާރުގެ ރަށްރަށާއި، ހިންނަފަދަ ތަންތަން އެކިއެކި ފަރާތްތަކަށް ދޫކުރުމުގެ މަޞްޢޫލިއްޔަތު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އާ ޙަވާލުކުރެވުނެވެ. މީގެ އިތުރުން ސަރުކާރުގެ ފަޅުރަށްރަށާއި ގޮއިފާލައްބަ ހިންނަ ފަދަ ބިންބިމާއި އަދި ސަރުކާރުގެ ލަކުޑިއާއި ބެހޭގޮތުން މަނާކަންތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު: 78/30) ގައި މިފަދަ ބިންބިމާ މެދު ޢަމަލުކުރެވޭނެ އުޞޫލުތަކެއް ކަނޑައެޅުނެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޤާނޫނު ނަންބަރު: 78/30 ފާސްވުމާއެކު އެޤާނޫނުގެ ދަށަށް އަންނަ ބިންތައް 3 ވަނަ ފަރާތަކަށް ލިޔުން ނުވަތަ "ސަބްލީސް" ކުރުން ވަނީ މަނާކުރެވިފައެވެ.

1978 ވަނަ އަހަރު ފާސްވެފައިވާ ރާއްޖޭގެ ބިންކޮންނަނިކޮށް ފެންނަ ތަކެއްޗާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 78/59) ގެ ދަށުން ރާއްޖޭގެ ބިންކޮނެގެން ފެންނަ ރަން، ރިހި، ގަހަނާ، ފައިސާ އަދި ގެވެހި ކަންވާރުތަކަކީ ސަރުކާރުގެ އެއްޗެހި ކަމުގައި ކަނޑައެޅުނެވެ.

1979 ވަނަ އަހަރު ފާސްވެފައިވާ ދިވެހިރާއްޖޭގެ ޓުއަރިޒަމްއާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 79/15) ގެ ދަށުން އަމިއްލަ ފަރާތްތަކަށް ޓުއަރިޒަމް ގެ ވިޔަފާރި ކުރުމަށްޓަކައި ރަށްރަށް ދޫކުރެވެން ފެށިއެވެ. އަދި މިކަން ކުރެވެމުން ދިޔައީ މިނިސްޓްރީ އޮފް ޓުއަރިޒަމް ގެ ބެލުމުގެ ދަށުންކަމަށް އެނގެއެވެ. މީގެ އިތުރުން މިގޮތަށް ކުރެވޭ ވިޔަފާރިއިން ޤާނޫނު ނަންބަރު 79/15 ގެ 2 ވަނަ މާއްދާގެ ދަށުން ޓުއަރިސްޓަކު ރިޒޯޓެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ބޮލަކަށް 3 ޔޫ.އެސް. ޑޮލަރުގެ މަގުން ޓެކްސް ކުރެވެމުން ދިޔައެވެ.

1978 ވަނަ އަހަރުން ފެށިގެން މާލޭގައި ހުންނަ ގޯއްޗާއި ބިން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓްރީ ކުރެވެމުން އައެވެ. އެއީ އެހަރު ފާސްވި މާލޭގެ ގޯތިގޯއްޗާއި ބިންބިމާއި ޢިމާރާތް ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 78/52) ފާސްވުމާ ގުޅިގެންނެވެ. މީގެ އިތުރުން މާލޭގެ ގޯތިތަކުގައި ޢިމާރާތްކޮށް އިންވަކިކޮށް ހަދާނެ އުޞޫލުތަކެއްވެއްވެސް 1978 ވަނަ އަހަރު ކަނޑައެޅިގެން އައެވެ. އެއީ އަހަރު ފާސްވެގެންއައި މާލޭގެ ގޯތިގޯއްޗާއި ބިންބިމުގެ އިންވަކިކުރުމާއި އިމުގައި ނުވަތަ އިމާކައިރީގައި ޢިމާރާތްކޮށް ތަންތަން ހެދުމާއި މަގަށް ދޮރުކެނޑުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 78/54) ފާސްވުމުންނެވެ. އަދި ހަމަ އެހަރު ފާސްވި މާލޭގެ ބަންޑާރަގޯތިގޯއްޗާއި ބިންބިމުން ވެލި، ގައު ނަގާ، ދީ، ވިއްކާހެދުން މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 78/55) ގެ ދަށުން އެފަދަ މުޢާމަލާތްތައް ވަނީ މަނާކުރެވިފައެވެ. މިފަދަ އިތުރު ދެ ޤާނޫނުތަކެއް ކަމުގައިވާ މާލޭގެ އުތުރުފަރާތު ފަޅުތެރެއަށް ކުނިއެޅުން މަނާކުރުމާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 78/33) އާއި މާލޭގެ ގޮޑުދޮށުން އަކިރިނެގުމާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 78/34) ގެ ދަށުން މާލޭގެ ތިމާވެއްޓަށް ރައްކާތެރިކަމެއް ލިބިގެންދިޔައެވެ.

އިސްވެބަޔާންވެފައިވާ ޤާނޫނުތަކުގެ މައްޗަށް އެތައް އަހަރަކަށް ޢަމަލުކުރަމުން އައުމަށްފަހު އެކިއެކި ސަބަބުތަކާހުރެ ދިވެހިރާއްޖެއަށް އިޖްތިމާޢި، އިޤްތިޞާދީ އަދި ސިޔާސީ އެތައް ބަދަލެއް އައުމުގެ ސަބަބުން އިތުރު ޤާނޫނީ ބަދަލުތަކެއް އައިސްފައިވެއެވެ. މީގެ ތެރޭގައި ޓުއަރިޒަމް ގެ ދާއިރާއަށް އައިސްފައިވާ ބަދަލުތައް ފާހަގަކޮށްލެވެއެވެ. 1978 ން ފެށިގެން ޓުއަރިޒަމް ފުޅާވެގެން ދިޔުމާއެކު 1999 ވަނަ އަހަރު ޓުއަރިޒަމްއާ ބެހޭ އައު ޤާނޫނެއް (ޤާނޫނު ނަންބަރު: 99/2) ފާސްކުރެވެނުވެ. މިޤާނޫނުގެ ދަށުން ޓުއަރިޒަމް ފަޅުރަށްރަށް ދޫކުރެވޭ އުޞޫލުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. އަދާ ހަމައަށްވެސް ޢަމަލުކުރަމުން މިދަނީ މިދެންނެވިޤާނޫނާއި މިޤާނޫނުގެ އިޞްލާޙުތަކުގެ މައްޗަށެވެ. އަދި ޤާނޫނު ނަންބަރު 99/2 ފާސްވުމާއެކު ކުރީގައި އޮތް ޓުއަރިޒަމް އާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 79/15) އާއި ޓުއަރިޒަމް ތަރައްޤިކުރުމަށްޓަކައި ފަޅުރަށްރަށް ދޫކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 94/3) އުވިގެންދިޔައެވެ.

މީގެ އިތުރުން އެވޭލާ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އޮތް ގޮއި ރަށް ދޫކުރުމާއި ހިންނަ ފަދަ ސަރުކާރުގެ ބިންތައް ގެންގުޅުމުގެ އާދަކާދަތަކަށް 1998 ވަނަ އަހަރު ވަރަށް ބޮޑު ބަދަލެއް އައިސްގެން ދިޔައެވެ. އެއީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 98/20) ފާސްވުމާ ގުޅިގެން އައި ބަދަލުތަކަކެވެ. މިދެންނެވި ޤާނޫނު ފާސްވުމާއެކު 1100 ގެ އަހަރުތަކުން ފެށިގެން އެކި ޒަމާންތަކުގައި ރާއްޖޭގައި އޮތް ގޮއި ރަށްރަށާއި ވާރަށް ދޫކޮށްފައިވާ ރަށްތައް ޒަމާނީ އުޞޫލުތަކެއް ދަށުން ބަދަލުވެގެން ދިޔައީ ސަރުކާރަށް ކުލި ލިބޭގޮތަށް ކުއްޔަށް ދޫކުރެވޭ ބިންތަކަކަށެވެ.

މިގޮތަށް އިޤްތިޞާދީ މަސައްކަތްތައް ދޫކުރެވޭ ފަޅުރަށްރަށުގެ މައްޗަށް ހިނގާ ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް އައުމަށް ފަހުގައިވެސް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަންޑާރ ބިން ދޫކޮށް ގެންގުޅެ ހެދުން އޮތީ 1970 ގެ ފަހު އަހަރުތަކުގައި ފާސްވި ޤާނޫނު ތަކުގެ ދަށުގައެވެ. ނަމަވެސް 2002 ވަނަ އަހަރު މި ބިންތަކާމެދު ޢަމަލުކުރެވޭ ގޮތްވެސް ބަދަލުވެގެން ދިޔައެވެ. އެއީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2002/1) ފާސްވުމާގުޅިގެންނެވެ. މިލިޔުމުގެ ދެން އޮތް ބައިގައި ބަލައިލާނީ މިދެންނެވި ޤާނޫނު ހަދަންޖެހުނު ސަބަބުތަކާއި ޤާނޫނުން ގެނައި ބަދަލުތަކަށެވެ.

3. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2002/1) ފާސްވެގެން އައި ސަބަބު
މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2002/1) ފާސްވެގެން އައިސްފައިވާ ސަބަބުތައް ބަޔާންކޮށް ބޭރުގެ މަޝްޙޫރު އަރބަން ޕްލޭނިންގ ދާޢިރާގެ އެކްސްޕަރޓް އެއް ކަމަށްވާ އެލައެން ބަރޓައުޑެ ކިޔާ ބޭފުޅަކަށް ވަނީ ވަރަށް ފުރިހަމަ ރިޕޯޓެއް ލިޔުއްވާފައެވެ. ބަރޓައުޑް ވިދާޅުވާ ގޮތުގައި ޤާނޫނު ނަންބަރު: 2002/1 ފާސްކުރަންޖެހިފައިވަނީ ދިވެހިރާއްޖެއަށް 2002 އާއި ހަމައަށް އަންނަމުން ދިޔާ ބަދަލުތަކުގެ ސަބަބުންނެވެ. އެއީ ދިވެހިރާއްޖެގެ އާބާދީ ބޮޑުވަމުން އައިސް ގިނަވަމުން އައި އާބާދީ މާލެފަދަ ވާޞީލަތްތައް ގިނަ އަރބަން ޞަރަޙައްދުތަކަށް ޖަމާވަމުން އައުމުގެ ސަބަބުންނެވެ. އަދި މިގޮތުން އާބާދީ އެއްފަސްވެގެން ދިޔުމުން ބިން ދޫކުރުމާއި ބޭނުންކުރުމަށް ކުރިމަތިވަމުން އައި ގޮންޖެހުންތަކަށް އެވަޤުތު ޢަމަލުކުރަމުން އައި ޤާނޫނުތަކަށް އެދެވޭ ޙައްލެއް ލިބެން ނެތީމައެވެ. މިގޮތުން ދިވެހިރާއްޖެއަށް އެދުވަސްވަރު އަނަންމުން ދިޔަ ބަދަލުތަކުގެ ތެރެއިން ބަރޓައުޑް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން މައިގަނޑު ކަންތައްތަކަށް އަލިއަޅުވާލާފައި ކުރު ޚުލާޞާއެއް މިބައިގައި ބަޔާންކޮށްދީފައިވާނެއެވެ. އަދި ދެވަނައަށް މިކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއި ކޮންމެހެންވެސް ތަޢާރުފުކުރަންޖެހުނު ޤާނޫނީ ބަދަލުތައް ފާހަގަކުރާނަމެވެ. އެއަށް ފަހު ޤާނޫނު ނަންބަރު 2002/1 ގައި މިކަންތައްތަކަށް ގެނެސްދީފައވާ ޙައްލުތަކަށްވެސް ބަލާލާނަމެވެ.

3.1 ޤާނޫނު ނަންބަރު: 2002/1 ފާސްކުރުމަށް މެދުވެރިވި ސަބަބުތައް
ބަރޓައުޑް ފާހަގަކުރާ ގޮތުގައި ދިވެހިރާއްޖޭގެ އާބާދީ އާއި ބިންބެހިފައިވާ ގޮތަކީ ޤާނޫނު ނަންބަރު: 2002/1 ފާސްކުރުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބެވެ. އޭނާ ފާހަގަކުރާގޮތުގައި 2002 ވަނަ އަހަރު ދިވެހިރާއްޖޭގެ އާބާދިއަކީ 270،000 މީހުންނެވެ. މި އާބާދީ ބެހިފައިވީ 200 ރަށުގެ މައްޗަށް އެކުލެވިގެންވާ 800 އަކަކިލޯމީޓަރުގެ ޞަރަޙައްދަކަށެވެ. އަދި މީގެ ތެރެއިން %27 ނުވަތަ 74،000 މީހުން ޖަމާވެފައިވަނީ 2 އަކަކިލޯމީޓަރުގެ މާލެއަށެވެ. އަދި ދިރާސާތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުގައި މާލޭގެ އާބާދި 240،000 އަށް އަރައިގެންދާނެއެވެ. އެއީ ޤަޢުމުގެ އާބާދީގެ ގާތްގަނޑަކަށް %65 އެވެ. އެހެންކަމުން ބަރޓައުޑް ފާހަގަކުރައްވާ ގޮތުގައި ޤަޢުމުގެ ސިޔާސަތުތަކާއި ޤާނޫނީ އޮނިގަނޑު ބައްޓަންކުރަންޖެހޭނީ މިޙަޤީޤަތުގެ މައްޗަށެވެ. އެއީ މާލެއަށް މީހުން ޖަމާވަމުންދާ ސަބަބުތަކަކީ އަވަސް މުއްދަތެއްގައި ބަދަލުގެނެވި އަނބުރާލެވޭނެ ފަދަ ކަންކަމެއް ނޫނެވެ. އެއީ ރާއްޖެގެ އިޤްތިޞާދު ބިނާވެގެންވާ ގޮތާއި ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރީގެ ފުރުޞަތުތައް ކުރިއަށް އޮތްތަނުގައިވެސް އެންމެ ފުޅާ ގޮތެއްގައި ލިބެން އޮންނާނެކަމަށް ފެންނަނީ މާލޭގައި ކަމަށް ވާތީއެވެ. މިޙަޤީޤަތުގެ މައްޗަށް ބިނާކޮށް ބަރޓައުޑް ވިދާޅުވާގޮތުގައި އެވަޤުތު މާލެއާއި އަދި ހުޅުމާލެ ފަދަ ކުރިއަރަމުން އަންނަ އަރބަން ޞަރަޙައްދުތައް އެންމެ އެދެވޭ ގޮތަކަށް ބޭނުންކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެންނަންޖެހުނެވެ. އެއީ އަންނަނި މައިގަނޑު ލަނޑުދަނޑިތައް ޙާޞިލްކުރުމަށްޓަކައެވެ.

*  ތަދުވަމުން އަނަން ބިން އެކިފަރާތްތަކަށް ދޫކުރެވޭ ގޮތް ހަރުދަނާ ކުރުން.
*  ބިން މިލްކުކަށް ގަނެވިއްކުމުގެ ބާޒާރެއް ނުވަތަ ރިއަލް އެސްޓޭޓް ގެ ދުޅަ ހެޔޮ ވިޔަފާރިއެއް ކުރިއެރުވުން.
*  ޢާއްމުންނަށް ލިބޭ ކުދިކުދި ބިންކޮޅުކޮޅުގެ ވީހާވެސް ގިނަ ބޭނުންތަކެއް ކުރެވިދާނެ ގޮތް ހަދައިދިނުން.

3.2 ތަޢާރުފު ކުރަން މުޙިއްމުވީ ބައެއް އައު ޤާނޫނީ މަފްޙޫމުތައް
ޤާނޫނު ނަންބަރު: 2002/1 ގައި އެ ޤާނޫނު ފާސްވުމުން އުވިގެންދިޔަ ޤާނޫނުތަކުގައި ހުރި ގިނަ ކަންތައްތައް އެކުލެވިފައިވުމުގެ އިތުރުން ބައެއް އައު ކަންތައްތައް ވެސް ތަޢާރުފުވެގެން ދިޔައެވެ. އެއީ ބަރޓައުޑް ފާހަގަކުރާ ގޮތުގައި އިސްވެބަޔާންވެފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށްތަކައި ކޮންމެހެންވެސް ތަޢާރުފު ކުރަންޖެހޭ ކަންތައްތަކެކެވެ. މީގެ ތެރޭގައި ހިމެނެނީ:

* އެއްމެދު ޢިމާރާތް ތަޢާރުފުކުރުން.
* ބިން ލިބުމާއެކު ވަޤުތީ ގޮތުން ރަޖިސްޓަރ ކުރެވޭނެ ގޮތެއް ޤާނޫނުގައި ބަޔާންކުރުން.
* ބިން ރަހުނުކުރެވޭނެ ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅުން
* އަރބަން ޞަރަޙައްދުތަކުގެ ބިންތައް ކުއްޔަށްދެވޭ އުޞޫލުތަކެއް ކަނޑައެޅުން
* ބިން ގަނެވިއްކޭގޮތް ޤާނޫނުން ކަނޑައެޅުން.

މިދެންނެވި ކަންކަމަކީ ޤާނޫނު ނަންބަރު: 2002/1 ފާސްވުމުގެ ކުރިން އެއްވެސް ގޮތަކަށް ނުވަތަ ހަރުދަނާ ގޮތަކަށް ދިވެހިރާއްޖޭގެ ޤާނޫނުތަކުން ކަނޑައެޅިފައިވާ ކަންކަމެއް ނޫނުއެވެ. އެހެންކަމުން ދެން އޮތް ބައިގައި މިކަންކަމަށް ޤާނޫނު ނަންބަރު: 2002/1 ގައި ރިޢާޔަތްކުރެވިފައިވާ މިންވަރު ބަލާލާނަމެވެ.

3.3 ޤާނޫނު ނަންބަރު: 2002/1 ގައި 2.2. ގައި ބަޔާންވެފައިވާ ކަންކަމަށް ރިޢާޔަތްކުރެވިފައިވާ މިންވަރު

* ޤާނޫނުގެ 30 ވަނަ މާއްދާއިން ފެށިގެން 35 ވަނަ މާއްދާއަށް ބަޔާންވެގެންވަނީ އެއްމެދު ޢިމާރާތަކީ ކޮބައިކަމާއި އެފަދަ ޢިމާރާތްތަކާމެދު ޢަމަލުކުރެވޭނެ ގޮތްތަކެވެ.
* ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ޤާވާޢިދުތަކާއެއް ގޮތަށް މިހާރު ލިބޭ ބަނޑާރަ ގޯތީގެ ފުރިހަމަ ރަޖިސްޓްރީ ހެދުމުގެ ކުރިން ވަޤުތީ ރަޖިސްޓްރީ އެއް ހެދެއެވެ.
* ޤާނުނުގެ 36 ވަނަ މާއްދާ އަދި އެ މާއްދާގެ ދަށުން ހެދިފައިވާ ޤާވާޢދުން ވަރަށް ތަފްޞީލުކޮށް ބިން ރަހުނުކުރެވޭނެ ގޮތް ވަނީ ކަނޑައެޅި ބަޔާންވެފައެވެ.
* ޤާނޫނުގެ 27 ވަނަ މާއްދާ އަދި 28 ވަނަ މާއްދާއާއި އެ 2 މާއްދާގެ ދަށުން ހެދިފައިވާ ޤާވާޢިދުތަކުން އެކިއެކި ބޭނުންތަކަށް ބިން ކުއްޔަށް ދެވޭނެ އުޞޫލުތައްވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ.
* ޤާނޫނުގެ 16 ވަނަ މާއްދާއިން ފެށިގެން 21 ވަނަ މާއްދާއާއި ހަމައަށް ބަނޑާރަ ގޯތި އަމިއްލަކޮށް ބިން ގަނެވިއްކޭނެ އުޞޫލުތަކެއް ވަނީ ކަނޑައެޅިފައެވެ. އަދި މިމާއްދާތަކުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކުގައި މިކަންތައްތައް ވަނީ އިތުރަށް ތަފުޞީލުކުރެވިފައެވެ.

ޤާނޫނު ނަންބަރު: 2002/1 އާއި އެއަށް ގެނެވުނު އިޞްލާޙުތަކުން ދިވެހިރާއްޖޭގެ އާބާދީ ބޮޑެތި ޞަރަޙައްދުތަކާއި މީހުން ދިރިއުޅޭ އެހެނިހެން ޞަރަޙައްދުތަކުގައި ބިމާމެދު ޢަމަލުކުރެވޭނެ ގޮތްތައް ވަނީ ބަދަލުވަމުން އަންނަ ޙާލަތްތަކަށް ރިޢާޔަތްކޮށް އެއާ ގުޅޭގޮތަށް ބަޔާންކުރެވިފައެވެ. އަދި މިޤާނޫނަކީ ވަކިން ޚާއްޞަކޮށް ދިވެހިރާއްޖޭގެ އާބާދީ ބޮޑު މާލެފަދަ ޞަރަޙައްދުތަކަށް ޚައްޞްވެގެން އައިސްފައިވާ ޤާނޫނެއްކަން ޤާނޫނު ކިޔާލުމުން ދޭހަވެއެވެ. ނަމަވެސް ހިތާމައަކީ ޤާނޫނުން ތަޢާރުފުކުރި އަރބަން ބިން ކުއަޔަށް ދިނުމުގެ އުޞޫލުތައް ތަނފީޒުވގެން ނުދިޔުމެވެ. މިކަމުގެ ސަބަބުން އަދިވެސް ދިވެހިރާއްޖޭގައި ދިރިއުޅުމަށާއި އެކިއެކި ކަންކަމަށް އަރބަން ބިން ކުއްޔަށް ދެވެނީ ކަމާބެހޭ ފަރާތްތަކުގައި ރަޖިސްޓްރީ ނުކޮށެވެ. އެހެންކަމުން މިދާޢިރާއާ ބެހޭ ޞައްޙާ މަޢުލޫމާތު ސަރުކާރުގެ އަތަކު ނުއޮންނާނެއެވެ.

3. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުތަކުގެ ދަށުން ބިން މިލްކުކުރެވޭ ގޮތްތައް
ދިވެހިރާއްޖޭގެ ބިމާމެދު ޢަމަލުކުރެވޭ ޤާނުނުތަކަށް ބަލާލުމުން މައިގަނޑު 3 ވައްތަރެއްގެ ބިމެއް ފާހަގަވެގެންދެއެވެ. އެއީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރޫ: 2002/1) ގެ ގިނަ މާއްދާތަކުގެ ދަށަށް އަންނަ މީހުން ދިރިއުޅޭ ރަށްރަށުން ދޫކުރެވޭ ބިންތަކާއި، ދިވެހިރާއްޖޭގެ ޓުއަރިޒަމް އާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 99/2) ގެ ދަށުން ޓުއަރިޒަމް ތަރައްޤީކުރުމަށް ދޫކުރެވޭ ފަޅުރަށްރަށާއި ބިންތައް އަދި ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 98/2) ގެ ދަށުން އެކިއެކި މަސައްކަތްތައް ކުރުމަށް ދޫކުރެވޭ ފަޅުރަށްރަށެއެވެ. މިބައިގެ ތެރޭގައި މިދެންނެވި ޤާނޫނުގެ ތަކުގެ އަލީގައި ދިވެހިރާއްޖޭގެ އެކިއެކި ބިންތައް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތާއި އެބިންތައް ކުއްޔަށް ދެވޭނެ އުޞޫލުތަކަށް ބަލާލާނަމެވެ.

3.1 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2002/1) ގެ ދަށަށް އަންނަ ބިންތައް
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2002/1) ފާސްވުމަށްފަހު، އެޤާނޫނުގެ ދެވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުމުގެ މަތިން ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ ބިމާއި ގޯއްޗާއި ބެހޭ އެންމެހައި މުޢާމަލާތެއް ކުރެވޭނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

މިޤާނޫނުގެ ދަށުން ބިމުގެ އެކި މުޢާމަލާތްތައް ކުރެވޭ ގޮތްތަކަށް ބަލައިލުމުގެ ކުރިން މިޤާނޫނުގެ ދަށުން ބިމާބެހޭ ސިޔާސަތުތަށް ކަނޑައަޅައި ފަރާތްތަކާއި އެފަރާތްތަކުން ބިން އެކަށައަޅައި ބައިތަކަށް ކުރުކޮށް ބަޔާންކުރާނަމެވެ.

ހ) ބިން އެކިއެކި ބޭނުންތަކަށް އެކަށައެޅާ ފަރާތާއި ބިން ދޫކުރާ މައިގަނޑު ފަރާތް
ޤާނޫނު ނަންބަރު: 2002/1 ގެ 3 ވަނަ މާއްދާގެ ދަށުން ބިމާ ބެހޭ އެންމެހައި ސިޔާސަތުތަށް ކަނޑައަޅައި ބިން އެކަށައަޅައި ފަރާތަކީ ވަޒީރުންގެ މަޖްލީހުގެ ލަފާފުޅުގެ މަތިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެވެ. ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 2ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2008/4) ގެ 1 ވަނަ މާއްދާގައި އިސްވެ ދެންނެވުނު ގޮތުގެ މަތިން އެކިއެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންތައް، ކަމާބެހޭ މިނިސްޓްރީ ތަކާއި ހަވާލުކުރެވޭނީ އެކަމާބެހޭ މިނިސްޓްރީން ކަމަށް ބަޔާންވެފައިވެއެވެ. ނަމަވެސް އެމިނިސްޓްރީ ތަކުން ބިމާބެހޭ މުޢާމަލާތް ތައް ކުރެވޭނީ، މިޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާފަދައިން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، އެޤާނުނުގެ ދަށުން ހެދޭ ޤަވާޢިދުތަކާއި، އެކިބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ގޮތުން ހަދާ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

ށ) ބިމުން ކުރެވޭ ބޭނުމަށް ބަލާ ބިން ބެހިގެންވާ ބައިތައް
ޤާނޫނު ނަންބަރު: 2002/1 ގެ 4 ވަނަ މާއްދާގައި ވާ ގޮތުނެ އިސްވެދިޔަ ބައިގައި ބަޔާނަވެފައިވާގޮތުގެ މަތިން ރަޢީސުލްޖުމްޙޫރިއްޔާ އަށް ބިން ބިން އެކަށައަޅޭނީ އެބިމުން ކުރެވޭ ބޭމަށް ބަލައިފައި މައިގަނޑު 5 ކަމަކަށެވެ. އެއީ:
(ހ) ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމާއި އިމާރާތްކުރުމަށް އެކަށައެޅޭ ބިންތައް،
(ށ) އިޤްތިޞާދީ ބޭނުންތަކަށް.
(ނ) އިޖުތިމާޢީ ބޭނުންތަކަށް.
(ރ) ތިމާވެށި ރައްކާތެރިކުރުމަށް.
(ބ) ދަޢުލަތުގެ އެކިއެކި ބޭނުންތަކަށް.
ނ) ސަރުކާރުން ބިން ދޫކުރާ ބޭނުމަށް ބަލާފައި ޤާނޫނު ނަންބަރު: 2002/1 ގެ މާއްދާތައް ބިމުގެ މައްޗަށް ހިނގާ ގޮތް

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 3 ވަނަ އަދި 4 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ކަންކަމަށް އެކަށައެޅޭ ބިންތައް ޤާނޫނުގެ ފަސްވަނަ މާއްދާގައި ވާގޮތަށް ކަމާބެހޭ މިނިސްޓްރީތަކާއި ހަވާލުކުރެވުމަށްފަހު ކަމާބެހޭ މިނިސްޓްރީތަކުން ބިން ދޫކުރާ ބޭނުމަށް ބަލާފައި ޤާނޫނު ނަންބަރު: 2002/1 ގެ މާއްދާތައް އެބިމުގެ މައްޗަށް ހިނގާނީ ތަފާތުކޮށެވެ. މިގޮތުން ޤާނޫނުގެ ބޭނުންތަކަށްޓަކައި ސަރުކާރުން ދޫކުރާ ބިން 2 ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ:
(ހ) ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ތަކާއި އަމިއްލަ ގޯތިތައް
(ށ) ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށާއި ކަންކަމަށް ދޫކުރާ ބިމެވެ.
ރ) ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ތައް ވަނީ މައިގަނޑު ދެބަޔަކަށް ބައްސަވާލައްވާފައެވެ. އެއީ:
(ހ) ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗާއި
(ށ)އަމިއްލަ ގޯތި

3.1 ބިމާބެހޭ ޤާނޫނުގެ ދަށުން ބިން މިލްކުކުރާ ގޮތް
(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަނޑާރަ ބިން އަމިއްލަކުރުން

ދިއިރުޅުމަށް ދޫކުރާ ބަނޑާރަ ބިން އަމިއްލަ ކުރާ ގޮތް ބަޔާންކޮށްފައިވަނީ ބިމާ ބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި އަދި އެމާއްދާއިން ބާރުލިބިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރ އިން ފާސްކޮށްފައިވާ "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާ ބެހޭ ޤަވާޢިދު" ގައެވެ. އޭގައިވާ ގޮތުގައި ބަނޑާރަ ގޯއްޗެއް އަމިއްލަ ކުރުމަށްޓަކައި ޢަމަލުކުރަންޖެހޭނީ އަންނަނިވި ތަރުތީބުންނެވެ.

* ބަނޑާރަ ބިމުގެ ރަޖިސްޓްރީވެރިފަރާތުން، އެ ބިން އަމިއްލަ ކުރުމަށްޓަކައި އެކަމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ފޯމެއް ލޯކަލް ކައުންސިލް އަށް ހުށަހެޅުން.
* ބިން އަމިއްލަ ކުރުމަށްޓަކައި ދައްކަންޖެހޭ އަގު އަދާކުރާނީ އެއްފަހަރާތޯ ނުވަތަ ދިގުމުއްދަތަށް ބަހާލައިގެންތޯ ކަނޑައެޅުން.
* އެއްފަހަރާ ދައްކާނަމަ، ހައުސިން މިނިސްޓްރީގެ ތެރޭގައި ހަދާފައިވާ ޚާއްޞާ ކޮމިޓީއިން ކަނޑައަޅާ އަގު ލޯކަލް ކައުންސިލަށް އަދާކޮށް ބިން އަމިއްލަކުރުމަށްފަހު އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނީއެވެ.
* ދިގުމުއްދަތަށް ބަހާލައިގެން އަގު އަދާކުރާޏަމަ، އިސްވެދެންނެވުނު އަގު ކަނޑައެޅޭ ރޭޓަށް ބަދަލު އަންނާނެއެވެ. އެފަދައިން ކަނޑައެޅޭ އަގެއް އަދާކުރެވޭނީ އެންމެ ދިގުވެގެންވެސް 20 (ވިހި) އަހަރުދުވަހަށް ބަހާލައިގެންނެވެ. އަދި އަގު އަދާކުރަން ފެށޭނީ އެކަމަށްޓަކައި ބަންޑާރަ ބިމުގެ ރަޖިސްޓްރީވެރިފަރާތާއި ލޯކަލް ކައުންސިލްއާދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ބިން އަމިއްލަވާނީ ފުރިހަމަ އަގު އަދާކޮށް ނިންމުމުންނެވެ. އެއަށްފަހު އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.

(ށ) ދެވަނަ ފަރާތަކަށް ދޫކޮށްފައިވާ ބަނޑާރަ ބިމެއް ގަތުން
ބަންޑާރަ ބިން ގަނެ ވިއްކޭނީ ބިމާ ބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާއި، "ބަންޑާރަ ބިން އަމިއްލަކުރުމާއި، ގަނެ ވިއްކުމާ ބެހޭ ޤަވާޢިދު" ގައިވާ ގޮތުގެ މަތިންނެވެ. އަދި ބިމެއް ގަނެވޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށާއި، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެކުންފުންޏޭއްގެ %100 ޙިއްޞާދާރުންނަކީ ދިވެހިން ކަމަށްވާ ކުންފުނިތަކާއި ކޯޕަރެޓިވް ސޮސައިޓީތަކަށާ އަދި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ %100 ދިވެހިންގެ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތްތަކަށެވެ. އެފަރާތްތަކުން ބިން ގަންނަނަމަ، އެކަންކުރާނީ އަންނަނިވި ތަރުތީބުންނެވެ.

* މަތީގައިވާ ގޮތުގެ މަތިން ބިން އަމިއްލަކުރުމަށް އަދާކުރަންޖެހޭ އަގު އަދާކުރުން.
* ގޯތި ވިއްކަން އެދޭ މީހާއާއި، އެމީހަކު ޝަރުޢީ ގޮތުން ބަލަންޖެހޭ އެންމެހާ ފަރާތްތައް ދިރިއުޅޭން އެހެން ތަނެއް ހަމަޖެހިފައިވާކަން ޔަޤީންކުރުން.
* ވިއްކުމުގެ މުޢާމަލާތް ޝަރީޢަތް މެދުވެރިކޮށް ހިންގުން.
* ބިން ވިއްކާލި އަގުގެ %15 ނުވަތަ ހައުސިންގ މިނިސްޓްރީގައި ހެދިފައިވާ އަގު ކަނޑައަޅާ ކޮމިޓީއިން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް އަގު، މާލޭ ސިޓީ ކައުންސިލުން ކަނޑައަޅާ ފަރާތަކަށް ދެއްކުން.

(ނ) އަމިއްލަކޮށްފައިވާ ބިން ހިބައިން ނުވަތަ ވަޞިއްޔަތުން ލިބިގަތުން
ބިމާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާ ބުނާ ގޮތުން، އަމިއްލަ ބިމެއްވެސް ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭނީ ބިމާ ބެހޭ ޤާނޫނުގެ 17 ވަނަ މާއްދާއާއި އެއްގޮތަށެވެ. އެގޮތުން އެފަދަ ބިމެއް ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭނީ؛

* ފުރަތަމަ ކެޓަގަރީ: އެދޭ މީހެއްގެ އަނިބިމީހާ/ފިރިމީހާ، މަންމަ/ބައްޕަ، ދަރިއެއް ނުވަތަ މަރުވެފައިވާ އުފަންދަރިއެއްގެ ދަރިއަކަށެވެ.

o ޝަރުޠުތައް
* މަތީގައިވާ ފަރާތްތަކުގެ ތެރެއިން އެއްފަރާތަކަށް ދޭނަމަ، އަނެއް ފަރާތްތަކަށް ބިމުގެ ތަނަވަސްކަން ލިބިފައިވުން ނުވަތަ އެފަރާތްތްކުން އިޢުތިރާޟުނުކުރުން. (ދަރި ނުވަތަ މަރުވެފައިވާ ދަރިންގެ އުފަންދަރިއަށް ދޭ ޙާލުގައި ބާކީ ތިބި މީހުން އިޢުތިރާޟުކުރި ކަމުގައިވިޔަސް ދެވިދާނެއެވެ).
* ދޭ މީހާއާއި އޭނާ ޝަރުޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނޭ އެހެން ތަނެއް ހަމަޖެހިފައިވުން.
* ލިބޭ މީހުނަކީ ދިވެހިރައްޔިތުން ކަމަގައިވުން.

* ދެވަނަ ކެޓަގަރީ: ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ ފަރާތުގެ ބަފައިފުށުން ނުވަތަ މައިފަށުން ތިމާގެކަމުގެ ގުޅުން ހުރި ފަރާތްތަކަށެވެ.

o ޝަރުޠުތައް
* ހިބައިން ނުވަތަ ވަޞިއްޔަތުން ލިބޭ ބިން ހުރި ރަށުގައި އެގޮތުން ލިބޭ ފަރާތުގެ 600 (ހަސަތޭކަ) އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ބަންޑާރ ގޯއްޗެއް ލިބިފައިނެތުން.
* ފުރަތަމަ ކެޓަގަރީގައިވާ ފަރާތްތަކުން އިޢުތިރާޟުނުކުރުން ނޫނީ އޭގެ ތެރެއިން އެކަކުވެސް ދުނިޔޭގައި ނެތުން.

ނިންމުން
އިސްވެ ބަޔާންވެފައިވާ ކަންތައްތަކަށް ބަލާނަމަ، ޢާއްމު ގޮތެއްގައި ދިވެހިރާއްޖޭގެ އެންމެހާ ބިންތަކަކީ ދައުލަތުގެ ބިންތަކެވެ. އަދި އެބިންތައް ދިރިއުޅުމަށް ދޫކުރަނީ އެކަމަށް ޚާއްޞަ ހުއްދައެއްގެ ދަށުންނެވެ. އެފަދައިން ދޫކުރެވޭ ބިންތަކަށް ރާއްޖޭގައި ދެވެނީ "ބަންޑާރ" ކިޔާ ވަކި ޙައިޘިއްޔަތެކެވެ. ނަމަވެސް، އެފަދަ ބަންޑާރަ ބިމަކީ "މިލްކުކުރެވިފައިވާ" ބިމެއް ނޫނެވެ. އެހެނީ، އެބިންތަކުގެ ރަޖިސްޓްރީވެރި ފަރާތްތަކަށް އެބިންތައް އަމިއްލަ ނުކޮށް ދެވަނަ ފަރާތަކަށް ވިއްކައެއްނުލެވޭނެއެވެ. ބިން މިލްކުކުރުމުން އެބިން ބަދަލުވެގެން ދަނީ "އަމިއްލަ" ބިމަށެވެ. އެފަދަ ބިންތަކަކީ ވިއްކޭނެ ބިންތަކެކެވެ. ނަމަވެސް އެއީވެސް ސަރުކާރަށް ޓެކްސެއް ދެއްކުމަށްފަހުގައެވެ. އެފަދަ ޓެކްސް އެއް ދައްކަން ނުޖެހެނީ ހަމައެކަނި ދައުލަތުގެ ބިންތަކުން ކުރާ މުޢާމަލާތްކުގައެވެ. އެހެންކަމުން ބިމުގެ މައްޗަށް އެންމެ ފުރިހަމަ މިލްކުވެރިކަމަށް ރާއްޖޭގައި އޮންނަނީ ދައުލަތަށެވެ.

ބިން މިލްކު ކުރުމަށް ރާއްޖޭގައި ޚާއްޞާ ނިޒާމެއް ރޭވިފައިވެއެވެ. އެ ނިޒާމަކީ 2002 ވަނަ އަހަރު ބިމާބެހޭ ޤާނޫނުން ތަޢާރަފުކޮށްފައިވާ ޤާނޫނީ އޮނިގަނޑެކެވެ. ތަނާއި ޙާލަތަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެޤާނޫނަށްވެސް އިޞްލާޙުތައް އަންނަމުން އެބަދެއެވެ. އެގޮތުން ބިމާ ވަކިން ޢިމާރާތުގެ މުޢާމަލާތްކުރެވޭނެ ގޮތަށް އެޤާނޫނު އިޞްލާޙުވެފައި ވެއެވެ. އަދި 2014 ވަނަ އަހަރު 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި ފާސްކޮށްފައިވާ އިޞްލާޙެއް ރަޢީސް ތަޞްދީޤުކުރައްވައިފިނަމަ، އެއިޞްލާޙާ އެއްގޮތަށް ބިންހިއްކާ ފަރާތްތަކަށް އެފަރާތްތަކުން ހިއްކާ ބިމުގެ %50 މިލްކުވާނެއެވެ. ނަމަވެސް އަދި އެޤާނޫނު ތަޞްދީޤުވެ ގެޒެޓުގައި ޝާއިޢުވެފައެއް ނުވެއެވެ.

ކުރުކޮށް ދަންނަވާނަމަ، ރާއްޖޭގައި ބިން މިލްކުރުން އޮތީ ޒަމާނުއްސުރެ ވަކި ޙައްދެއްގެ ތެރޭގައި ހިފެހެއްޓިފައެވެ. އެއީ މިޤައުމަކީ ބިމުގެ ގޮތުން ތަނަވަސް ޤައުމަކަށް ނުވާތީ ކަމުގައިވެދާނެއެވެ. ނަމަވެސް އާބާދީ ބޮޑުވުމުގެ ސަބަބުން މީހުން ދިރިއުޅޭނެ ފްލެޓް ޢިމާރާތްކުރުމަށްޓަކައި ވަރަށް ބޮޑެތި ޚަރަދުތައް ކުރަންޖެހިފައިވާތީ، އަމިއްލަ ފަރާތްތަކުން އެފަދަ ކަންކަމަށް ފައިސާ ޚަރަދު ކުރެވޭ ގޮތަށް ބިން އަމިއްލަކޮށް އޭގެ ބާޒާރެއް އުފެއްދުމުގެ ނިޔަތުގައި ސަރުކާރުގެ ސިޔާސަތު ވަނީ ބިން އަމިއްލަ ކުރެވޭނެ ގޮތްތައް ފަހިކޮށްދެއްވުމަށް ޤަޞްދުކުރައްވާފައެވެ. އެގޮތުން ޤާނޫނުތަކަށްވެސް އެފަދަ ބަދަލުތައް ވަނީ އަންނަން ފަށާފައެވެ.

ރިފަރެންސް
ލިޔުންތައް

1. އެލައެން، އަ ރެއަރ ކޭސް އޮފް ލޭންޑު ސުކެއަރސިޓީ: ދަ އިޝޫ އޮފް އަރބަން ލޭންޑު އިން ދަ މޯލްޑިވްސް ، ޑިސެމްބަރ 2002 ބަރޓައުޑ
2. ދިވެހި ތާރީޚު، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤަޢުމީ މަރުކަޒު، (1981)
3. ބެލް.، އ. ސ. ޕ.، ދަ މޯލްޑިވް އައިލަންޑްސް، މޮނޮގްރާފް އޮން ދަ ހިސްޓަރީ، އާކިއޯލޮޖީ، އެންޑް އެޕިގްރަފީ، ސިލޯން ގަވަރމަންޓް ޕްރެސް (1940)، އެޕެންޑިކްސް އީ
4. ޙުސްނުއްސުޢޫދު، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް، ލޯމާފާނު ޕްރިންޓް (2007)
5. އިސްދޫ ލޯމާފާނު، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤަޢުމީ މަރުކަޒު
6. ދިވެހިރާއްޖޭގެ އަޙްކާމު ޢާއްމާ، 16 ޖުލައި 1934، އެޓާރނީ ޖެނެރަލްގެ އޮފީސް (2008)
7. ދިވެހިރާއްޖޭގެ އަޙްކާމު ޢާއްމާ، 3 ސެޕްޓެމްބަރ 1951، ޤަޢުމީ ކުތުބުޚާނާ
8. ލުޠުފީ، މ. އ.، ދަނޑުވެރިކަންކުރުމާއި އެކަމުގެ އާދަކާދަ، ފަތްތޫރަ (މާޗް 1992)

ޤާނޫނުތައް
1. *ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ޤާނޫނު ނަންބަރު 2002/1
2. ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު، ޤާނޫނު ނަންބަރު 2008/4
3. ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނު ޤާނޫނު ނަންބަރ 1999/2
4. ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނު ޤާނޫނު ނަންބަރު 1999/2 އަކަށް 2ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު
5. ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނު ޤާނޫނު ނަންބަރު 98/20

3 comments:

  1. ވަރަށް ބޭނުންތެރި މައުލޫމާތްއެއް މިއީ. މިބްލޮގް ގައި ހުންނަ އެއްޗެހި އެސައިންމަންޓް ތަކުގައި ހިމަނާއިރު ރެފަރެންސް ދޭނީ ކިހިނެތް؟

    ReplyDelete
  2. މި ބްލޮގުން ވަރަށް ބޭބުން ތެރި ލިޔުން ލިބޭ . އެހެން ވުމާއި އެކު ޝަހާދުއަށް ވަރަހ އިޚްލާޞް ތެރިކަމާއި އެކު ށުރު ދަންނަވަން

    ReplyDelete
  3. މިއީވަރަށް ރަގަޅު ލިޔުމެއް އެހެންނަމަވެސް އެގައި ހަވާލާ ދެއްވާފައިވާ ޤާނޫނުތަކާއި ޤަވާއިދުތަށް މިހާރު ލިބުން ދަތި އެޤަވާއިދުތަކާއި ޤާނޫނުތަށް ފެންނަގޮތަށް ނުވަތަ ލިބޭގޮތަށް ހުންނަނަމަ ޝާހިދުގެ މިއާޓިކަލް ރިފަރެންސެއްގެ ގޮތުގައި ބޭނުން ކުރަން ރަގަޅު އެއިން ބެއްލެވުމުން އެއިގެ ހުރިމަޢުލޫމާތު އިތުރަށް މުއްސަދިވާނީވެސް

    ReplyDelete